އެއްބަސްވެ ދެބަސްވަމާ: ޗާގޯސް ހޯދާކަށް އަސްލު ނޫޅޭ؛ ހުސް ޗަރުކޭސް

ކުރީގެ ސިޓީ އަނބުރާ ގެންދިއުމާއި، ދެކުނު ކަނޑު ބަލަހައްޓަން މަނަވަރު ފޮނުވީ ސަރުކާރު ހިނގަމުންދާތާ ދެ އަހަރު ފަހުން؛ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރަށް ޗާގޯސްގެ މައްސަލަ ކިތަންމެ ސީރިއަސްކޮށް ފެނުނަސް އެ ކަމަށް ވައުދުވި ސަރުކާރަށް ފެންނަނީ ކެމްޕެއިން އުކުޅެއް ގޮތަށޭ ބުނެވިދާނެ
13 ފެބްރުއަރީ 2026
7

ޗާގޯސް ނުވަތަ ދިވެހިން ކިޔައި އުޅޭ ގޮތުން ނަމަ، ފޯޅަވަހީގެ ރަށްތަކާ އެންމެ ކައިރީގައި ދައުލަތެއް ހިނގާ ތަނަކަށް އޮތީ މި ރާއްޖެ އެވެ. ނަމަވެސް ދިވެހި ސަރުކާރުތަކުން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ދައުވާކޮށްފައެއް ނެތެވެ. ކިރިޔާވެސް ފެންނަނީ ކުރީ ރަސްކަލެއްގ ލިޔުމެކެވެ. ޖިއޮގްރަފީ ގޮތުން ގާތް ނަމަވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނެތް ތަނެއް ގޮތުގަ އެވެ.

އެ ހިމޭންކަމަށް ބަދަލެއް އައީ، ޗާގޯސްގެ މައްޗަށް ދައުވާކުރަމުންދާ މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޓީއެއް ފޮނުއްވުމާ އެކުގަ އެވެ. އެއީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ދިވެހި ސަރުކާރުން ބަލައިގަތް ކަމުގެ ޔަގީންކަން ދިން ލިޔުމެކެވެ. މޮރިޝަސްގެ އުތުރު ކަނޑާއި، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބަހާލުމަށް މޮރިޝަސްއިން އިޓްލޮސްއަށް މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ވެސް ހިނގަމުން ދަނިކޮށެވެ.

އެއްބަސްވެ ދެބަސްވަމާ ޕޮޑްކާސްޓްގައި މުނައްވަރު ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބުގައި އެންމެ ބަހުސް ބޮޑުވި އެއް މައުލޫއަކަށްވީ ވެސް މި މައްސަލަ އެވެ. ރާއްޖެއަށް 'ހައްގު' ކަނޑުގެ ބޯޑަރު ހޯދައިދިނުމަކީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ޗާގޯސް ހޯދުމަށް އުފެދިގެން ދިޔަ ހަރަކާތުގައި އޭރު އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރަކީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުގެ މާހިރެއް ވެސް މެ އެވެ.

ސަރުކާރުގެ ކުރީކޮޅު މުނައްވަރުގެ ލަފައާއި އެހީއަށް އެދުނު ނަމަވެސް، އިޓްލޮސްގެ ނިންމުން މުރާޖައާކުރުމަށް ހުށަހެޅުމާއި ޗާގޯސްއަށް ދައުވާކުރަން މަސައްކަތްކުރުމުގައި ސަރުކާރުން ފަހުން މުނައްވަރު ބައިވެރިއެއް ނުކުރެ އެވެ. މުނައްވަރަށް އެ ކަމުގެ ރަސްމީ އެއްވެް ދައުރެއް ނުދެ އެވެ. ސަރުކާރުގެ މިދިޔަ ދެ އަހަރު މާ ބޮޑު ކަމެއް ކުރާ ތަނެއް ވެސް ނުފެނެ އެވެ.

ސޯލިހުގެ ސިޓީ އަނބުރާ ގެންދިއުމާއި، ދެކުނު ކަނޑު ބަލަހައްޓަން މަނަވަރު ފޮނުވީ ސަރުކާރު ހިނގަމުންދާތާ ދެ އަހަރު ފަހުންނެވެ. ރައީސް މުއިއްޒާއި ޕީއެންސީން ޗާގޯސްގެ މައްސަލަ ބޭނުން ކުރަމުން މި ދަނީ، ކެމްޕެއިން އުކުޅެއް ގޮތަށޭ ބުނެވިދާނެ އެވެ. ރިޔާސީ އިންތިހާބަށް ފަހުގައި އަނެއްކާ ވެސް ޗާގޯސްގެ ވާހަކަ މި ތިލަކުރީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށިގެން އުޅޭ ދުވަސްވަރެވެ.

'ދައުރު'އިން ކޮންމެ ހުކުރު ދުވަހު މެންދުރުފަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މި ފަހަރުގެ މެހެމާނަކީ މުނައްވަރެވެ. އަދި މައުލޫއަކީ ޗާގޯސްގެ މައްޗަށް ރާއްޖެއަށް ދައުވާކުރެވިދާނެތޯ އާއި ދެކުނު ކަނޑުގެ ބޯޑަރުގެ މައްސަލަ އެވެ.

ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް އަދިި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ސަލާން ކުރައްވަނީ. (ފޮޓޯ/ ޕީޕީއެމް)

ޗާގޯސް ހޯދަން މުނައްވަރު ދައްކަވާ މަގުޗާޓު

ތާރީހީ އެކި ލިއުންތައް ވެސް ދިރާސާކުރައްވަމުން ގެންދަވާ މުނައްވަރު ގަބޫލުކުރައްވާ ގޮތުގައި ރާއްޖެއަށް ނޫން ދައުލަތަކަށް ޗާގޯސް ހައްގެއް ނޫނެވެ. ޗާގޯސް ކޮލޮނައިޒްކުރުމުގެ ކުރިން ޗާގޯސް ބަލަހައްޓަމުން ގޮސްފައިވަނީ ދިވެހި ދައުލަތުން ކަމަށް ބާރުދޭ ކިތަންމެ ތާރީހީ ހެއްކެއް ހޯދޭނެ ކަމަށް މުނައްވަރު ގަބޫލުކުރައްވަ އެވެ.

ނަމަވެސް މިދިޔަ އެއްވެސް ސަރުކާރަކުން އެ ކަމަށް މަސައްކަތްކޮށްފައި ނެތުމުން، ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ވެސް މުނައްވަރު އެއްބަހެވެ. އަދި އެ ކަމަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. ގޮންޖެހުން ބޮޑު ނަމަވެސް މުނައްވަރަށް މިއީ ސީރިއަސް ކަމެކެވެ. އެއީ ދިވެހިންނަށް ލިބެން ޖެހޭ ހައްގެއް ހޯދުމުގެ މަސައްކަތެވެ.

"އެކަމާ ކުރިން އަޅުގަނޑުމެންނަށް ނޫޅެވި އޮތުމަކީ، އެ ކަމަށް އަޅުގަނޑުމެންގެ ކެޕެބިލިޓީ ނެތުމަކީ، ނޫނީ އަޅުގަނޑުމެން ނުކޮށް އޮތް ކަމަކުން އެއީ އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހައްގެއް ދޫކޮށްލަން ޖެހޭ ކަމެއް ހެއްޔެވެ؟ ނޫން، ގެއްލިގެން ނުވާނެ،" މުނައްވަރު ވިދާޅުވި އެވެ.

އެއްބަސްވެ ދެބަސްވަމާ ޕޮޑްކާސްޓް

އެހެން ނަމަވެސް އެ ކަމަށް ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ސީރިއަސްކަން، މި ކަމަށް ވައުދުވި ސަރުކާރުގައި ނުފެންނަ ކަމަށް މުނައްވަރު ގަބޫލުކުރައްވަ އެވެ. ޗާގޯސްގެ ބާރު މިވީހާ ދުވަހު އޮތް އިނގިރޭސި ސަރުކާރަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީތަކުން ވެސް އެ ސީރިއަސްކަން ނުފެންނަ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ލިބެން އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށޭ. އެންމެ ރަނގަޅުވާނީ ރާއްޖެއަށް ދިނިއްޔާއޭ. އެއީކީ ދައުވާއެއް ނޫން. މި އުޅެނީ އިނގިރޭސިންނަށް އެ ތަނަށް ހަދަންވީ ގޮތް ނޭނގިގެންތަ؟ އަޅުގަނޑުމެންގެ ދައުވާއެއް އޮތީވިއްޔާ ސާފު ބަހުން ދައުވާކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަންވީ،" ވަރަށް ހަރުކަށިކަމާއެކު މުނައްވަރު ވިދާޅުވި އެވެ.

ސީރިއަސްނަމަ، މުނައްވަރު ވިދާޅުވި ގޮތުގައި، ކުރަން ޖެހޭނެ ކަންކަމަކީ:

  • ރާއްޖޭގެ ރަސްމީ ކްލެއިމެއް އޮންނަން ޖެހޭ؛ ރަސްމީ ދައުވާއެއް ކުރަން ފާސްކުރަން ޖެހޭނީ ރާއްޖޭގެ ރައްޔިތުން ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުން

  • މަޖިލީހަށް މައްސަލައެއް ހުށަހަޅައި، މެންބަރުން ފުޅާދާއިރާއެއްގައި ބަހުސްކޮށްގެން ފާސްކުރުން

  • މަޖިލީހުން ފާސްކުރުމަށް ފަހު، އދ. އާންމު މަޖިލީހަށް ރަސްމީ ދައުވާއެއް އޮތް ކަމުގެ މައްސަލައެއް ހުށަހެޅުން

  • އދ. ގައި އޮންނަ ޑީކޮލަނައިޒޭޝަން ކޮމިޓީއަށް ގެންގޮސް، ރާއްޖޭން އެ ތަނުން ބަލަހައްޓަމުންދާކަމަށް ބާރުދޭ ހެކިތައް ހުށަހެޅުން

  • ހެކިތައް ހޯދުމަށް ޓަކައި ފްރާންސް، އާއި އިނގިރޭސީންގެ ކޮލޮނައިޒޭޝަން ތާރީހުގެ ލިއުންތައް ރައްކާ ކޮށްފައިވާ ތަންތަނުން ލިއުންތައް ހޯދައިގެން އެއްކުރުން

"މި ކަމަށް ބޮޑެތި ހަރަދުތަކެއް ވެސް ހިނގާނެ. ބަޖެޓެއް ވެސް ބޭނުންވާނެ. ސްޓެރެޓީތަކެއް ރާވައިގެން މި ކަމާ އުޅެންޏާ އުޅެން ވާނީ. މިއީކީ ކޮންމެހެން ސަމާސާ ވާހަކަތަކެއް ނޫން،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ކަމާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމާ ގުޅިގެން ކުރީގެ ބަންޑާރަނައިބުންނާއި މިނިސްޓަރުން 3 މޭ 2023ގައި މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސައިން ސުނައިން

ދެކުނުގެ ކަނޑު ބައްސަން ޖެހޭ އެއްވެސް ހަމައެއް ނެތް؟

އިޓްލޮސްގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ނަމަވެސް މުނައްވަރު ގަބޫލުކުރައްވާ ގޮތުގައި ކަނޑުގެ ބޯޑަރު ބައްސަން ޖެހެނީ ދެ އިގުތިސޯދީ ސަރަހައްދުގެ ދެމެދުގަ އެވެ. އިގުތިސޯދީ ހާއްސަ ސަރަހައްދުގެ ގޮތުގައި ކިޔައި އުޅެނީ ވެސް އެހެންވެގެން ކަމަށް މުނައްވަރު ވިދާޅުވި އެވެ. މީހުން ދިރިނޫޅޭ ފަޅު ރަށްތަކަކީ އިގުތިސޯދީ ސަަރަހައްދެއް ގޮތުގައި ނުބެލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަހަމަކޮށް ބެހުމުގެ ބަދަލުގައި ތާރީހީ ކަންކަމަށް ބަލައިގެން ކަނޑުގެ ބޯޑަރު ބެހުމުގެ ނުކުތާތަކެއް ކަނޑުތަކުގެ ގާނޫނުގައި ހިމަނާފައިވަނީ ސަބަބެއް ވެގެން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"ކަނޑުގެ ގާނޫނުގެ ދާއިރާ މި ނަގަނީ އިގުތިސޯދީ ހާއްސަ ސަރަހައްދުތަކާ ދެމެދު. އެކްސްކްލިއުޒިވް އިކޮނޮމިކް ޒޯން ކިޔާއިރު ވެސް އެނގޭނެ އިގުތިސޯދާ ގުޅޭ ކަމެއްކަން. މީހުން ނޫޅޭ ތަނެއްގައި ކޮން އިގުތިސޯދީ ހައްގުތަކެއް ނޯންނާނެ،" މުނައްވަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވެސް މުނައްވަރު ދެއްކެވީ އެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގައި ވެސް ވަކާލާތުކުރެވޭނެ މަގެއް އޮއްވައި، އޭރުގެ ސަރުކާރުންނާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަކާލާތުނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟ އެ ވާހަކައޭ އަބަދުވެސް އަޅުގަނޑުމެން މި ދައްކަނީ،" މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް (7)

ގާސިމް

14 ފެބްރުއަރީ 2026
ޗާގޮސް ވާހަކަ ދައްކާފަ ހުރިހައި ެރިއާސީ ބަޔާނެއް އިނގިރޭސިން ރައިސް އޮފިސް ސައިޓަށް ލި އިރު މި ރިއާސީ ބަޔާން ލާފައެއް ނެތް. ކިހިނެއްބާ މިވީ
0 0

ޢަލì

14 ފެބްރުއަރީ 2026
ސްޕޮޓިފައިން އަޑުއަހާލެވޭނަމަ ވަރަށް ސަޅި
0 0

ޙަސަނފުތާ

14 ފެބްރުއަރީ 2026
މުނައްވަރަކީ ބައިނަލް އަގްވާމީ ކަނޑުތަކުގެ ގާނޫނީ މާހިރެއް. ދެން މަނިކުފާނު ބަންޑާރަ ނައިބުކަށް ހުރި އިރު އެކަމާ ނޫޅުނީ ކީއްްވެ ބާ؟؟ ޢޭރުވެސް މޮރިޝަސް އިން އެކި ކޯޓް ތަކުގައި ޗާގޯސް ހޯދަން މަސައްކަތް ކުރަމުން ދިޔައީ. ސޯލިހާއި މުއިއްޒަށް ވުރެ ގޯސް ހަދާފައި އޮތީ މުނައްވަރު. ޗާގޯސް އޭ ކިޔާ ވާހަކަދައްކަން މުނައްވަރު ލަދު ގަންނަން ޖެހޭނެ.
3 1

ވަލިކުދު ރަހާ

14 ފެބްރުއަރީ 2026
@ޙަސަނފުތާ އޭރު ރައީސަކައް ހުރީ މައުމޫނު އޭރަކު ފޯޅަވަހި މައްސަލައެއް އޮވެގެންނޫޅޭ މިހާރު އެމައްސަލަ ބޮޑުކަމަކައް ވެގެންއުޅެނީ އިންޑިޔާ މީގެއަޑީގަ އޮވެގެން އެރައްތައް ބޭނުންވެގެން މޮރިޟަސްގެ އާބާދީގަ ގިނަވާނީ އިންޑިޔާ ދަރިކޮޅުމީހުން ހަސަނާ ތާރީހު ދިރާސާކުރޭ ތިހެން ހުރެބޮލުރޮދި ކެނޑުނީމަ ކަމަކު ނުދާނެ
1 0

ތެފައާސާ.

13 ފެބްރުއަރީ 2026
މިނިސްޓްރީ އޮފް ޗާގޮސް އެންޑް ވިއްކާލި ކަނޑުގެ ނަމުގައި އާ މިނިސްޓްރީއެއް އުފައްދަވައި، އޮނަރަބަލް މުނައްވަރު މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށް ރައީސަށް ގޮވާލަން!! އަދި މި މިނިސްޓްރީއިން ހޯދަން ވާނީ ޗާގޮސްއާއި އަދި ދެކުނުން މޮރިޝަސްއާއި ފުށޫއަރާތީ ބަހައިގެން ގެއްލުނު ކަނޑު އެކަންޏެއްނޫން، އުތުރުން އިންޑިއާ އަދި ލަންކާގެ ސަރަހައްދާއި ފުށޫއަރާތީ ބަހައިގެން ގެއްލުނު ކަނޑާއި، މަލިކުވެސް ހޯދަންވާނެ.
6 0

ކޮސް

13 ފެބްރުއަރީ 2026
ރައީސް މުއިއްޒު ގަދަބާރާއި ހަރުކަށިކަން މިދައްކަވަނީ ދިވެހި ރައްޔިތުންނާއި މުޚާތަބުކޮށް. ބޭރުތަންތަނަށް ފޮނުވާ ސިޓީތައް މިހުންނަނީ ހިތާވެގެން އުޅޭ މީހަކަށް ސިޓީ ފޮނުވާގޮތަށް.ބިރުން ނުކެރޭ އެވެރިންނަށް ވަރުގަދަ ސިޓީތައް ފޮނުވާކަށްވެސް.....
9 1

ބަލާށޭ

13 ފެބްރުއަރީ 2026
ރާއްޖޭގެ ހުރިހާ ރައްޔިތުން ހޮވާފައިވާ ވެރިއަކު ހުއްޓާ ދެން އިތުރަށް ވަކި ވަކި ގަބީލާ ތަކެއް ހަދައިގެން އުޅޭ ހަކެނައިން އެއީ ކައުންސިލް ތަކެއް ކަމަށް ކަނޑައަޅަން ރައްޔިތުންގެ ވޯޓަކާއި ހަމައަށް ވެސް ދާން ނުޖެހޭނެއޭ ސަބަބަކީ ކައުންސިލް އިންތިޚާބަކީ އެންމެ މަދު ރައްޔިތުން ވޯޓްލާން ދާ އިންތިޚާބު ކަމަށް ވުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީ ކައުންސިލަރުން ރާއްޖޭގައި ތިބުން އެއީ ރައްޔިތުންނަށް ފެންނަ ގޮތްތޯ ބަލަން އެއިރުން އިނގޭނީދޯ
1 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް