މާފުއްޓަށް ރޯދަވީއްލަން ދިޔަ ބައެއް މީހުން ލޯންޗުތަކުން ފައިބައިގެން ބަނދަރުމަތީގައި މަޑުކޮށްލައިގެން (ފޮޓޯ/ދައުރު)

ކ. މާފުށި

ރޯދަވީއްލަން މާލެއިން މާފުއްޓަށް

12 މާރިޗު 2026
މޫސުން ރީތި ދުވަސްކޮޅަކަށް ވުމާ އެކު ކުރު ކަނޑު ދަތުރެއް ކޮށްލާފައި މާފުށީގައި ރޯދަވީއްލަން ލޯބިކުރާ މީހުން ގިނަ

މޫދު ކައިރީގައި ބަރިބަރިއަށް އަތުރާފައި ހުރި މޭޒުތައް ތައްޔާރުކޮށްފައި ވަނީ 'ބޮޑު ސުފުރާއަކަށް' ކަން، އެވަގުތު އެ ހިސާބުގެ މޫދަށް އެރި ތިބި ޓޫރިސްޓުންނަށާއި ހަވީރު ފިންޏަށް ނުކުމެ އުޅުނު ޓޫރިސްޓުންނަށް ވެސް އެނގެ އެވެ.

ބައެއް ޓޫރިސްޓުން އިށީދެގެން ބަލަން ތިއްބެވެ.

ގެސްޓްހައުސްތަކުން ފުރިފައި އޮތް ރަށަކަށް ވާތީ، ހަވީރުގެ އެ ގަޑީގައި، އެތައް ބަޔަކު ކޮޅުކޮޅަށް ހިނގަމުން، ބަގީތަކުގައި ދުއްވަމުން ދެ އެވެ.

މިދިއަ ހޮނިހިރުދުވަހު މާފުއްޓަށް ޒިޔާރަތްކުރި ދިވެހިންގެ ގިނަ ބަޔަކު ގެސްޓްހައުސްގެ 'ވެރިރަށަށް' ދަތުރުކުރީ ރޯދަވީއްލާށެވެ. މާލޭގެ ތޮއްޖެހުމުން ބޭރުވެލައި، ހިތްހަމަޖައްސާލަން ހުޅުވިފައި އޮތް ފުރުސަތުގެ ބޭނުންހިފީ އެވެ. މޫސުން ރީތި ދުވަސްކޮޅަކަށް ވާތީ ލޯންޗުގެ އެ ދަތުރަށް ނެގީ ގާތްގަނޑަކަށް 25 މިނިޓެވެ.

މާފުށީގެ ބަނދަރުމަތީ މަގަކީ ލޯކަލް ޓޫރިޒަމްގެ ކާމިޔާބީގެ ހެކިތަކެއް (ފޮޓޯ/ދައުރު)
ހަވީރު ވަގުތު ޓޫރިސްޓުން ހިނގާލަނީ (ފޮޓޯ/ދައުރު)

މި ރަށަށް ނައިސް އަހަރެއް ނުވަތަ ދެ އަހަރެއް ވެއްޖެ ނަމަ ދެން ފެންނާނީ ބޮޑެތި ބަދަލުތަކެވެ. އެހާވެސް އަވަހަށް މިރަށުގެ މަލަމައްޗާއި ރަށު ތެރޭގެ މަންޒަރުތައް ބަދަލުވެ އެވެ. އަލަށް މި ރަށަށް އަންނަ ދިވެއްސަކަށް ފެންނާނީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ގޮތުގެ މިސާލުތަކެވެ.

އުސް ސިޓީ ހޮޓާތަކާއި ބޮޑެތި ރެސްޓޯރެންޓްތަކުން ރަށް އަންނަނީ ފުރެމުން (ފޮޓޯ/ދައުރު)

މާފުށީގެ ގެސްޓްހައުސްތައް ފުރަތަމަ ހަދަމުން އައީ ބަނދަރު ވެސް އޮންނަ ހުޅަނގު ފަރާތުގަ އެވެ. ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކާއި ޓޫރިސްޓުންނަށް ބޭނުންވާ އެހެން ހިދުމަތްތަކުން މިހާރު މި އޮތީ ފުރިފަ އެވެ.

މިދިއަ 15 އަހަރުގެ ތެރޭގައި މި ރަށުގެ މުޅި މަލަމަތި، މުސްކުޅި ފުރާޅުތަކެއްގެ ތިރި ގެތަކެއްގެ ބަދަލުގައި ޒަމާނީ ފަރުމާކުރުންތަކާ އެކު އުސް އިމާރާތްތަކަށް ބަދަލުވެއްޖެ އެވެ.

ގެސްޓްހައުސްތައް އުސްވަމުން އަންނައިރު ކުރީގެ ބައެއް ގެސްޓްހައުސްތައް ހަމަ އެގޮތުގައި އެބަ ހުރި (ފޮޓޯ/ދައުރު)

އެކަމަކު އެންމެ ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ފެށި ދުވަސްވަރުގެ ބައެއް ގެސްޓްހައުސްތައް އަދިވެސް އެބަ ހުއްޓެވެ. ދެ ބުރި ތިން ބުރީގެ ތަންތަނެވެ. ނަމަވެސް އަވަސް ކުރިމަގެއްގައި އުސް ސިޓީ ހޮޓާތަކަށް ބަދަލުވުން ކައިރި އެވެ.

މާފުށީގެ ބަނދަރުމަތީ މަގު މިހާރު އޮންނަނީ ފުރިފައި

މިއީ ހަނގުރާމައިގެ ދުވަސްވަރެކެވެ. ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ  މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރު ވަނީ ހުއްޓިފަ އެވެ. އެހެންކަމުން ޓޫރިސްޓުންގެ އަދަދު މަދެވެ. އެކަމަކު މާފުށީގައި އަދިވެސް ފުދޭވަރަކަށް ޓޫރިސްޓުން އުޅޭކަން، މަގުމަތީގެ ހަރަކާތްތަކުން އެނގެ އެވެ.

މި ފޮޓޯއަށް ބަލާފައި މިއީ ރާއްޖޭގެ ރަށެއްގެ މަންޒަރެއްކަން ބައެއް މީހުންނަށް ނޭނގިދާނެ

މިދިއަ ހޮނިހިރުދުވަހު މިރަށަށް މާލެއިން ރޯދަވީއްލަން އައި ބައެއް މީހުން ބުނި ގޮތުގައި މިއީ އެމީހުންނަށް ވަރަށް ތަފާތު ދަތުރެކެވެ. ހަވީރު ފަހެއް ޖެހިއިރު މާލެއިން ފުރައިގެން އައިސް ރޭގަނޑު 9 ނުވަތަ 11ގެ ފެރީގައި އަނބުރާ މާލެ ދެވުމަކީ، ހިތްހަމަޖައްސާލަން ލިބުނު ވަގުތުކޮޅެއް ކަމަށް ބުންޏެވެ.

  • މާފުށީގެ ރަށުތެރެއަށް ޖެހިލާއިރު، ނަސީބަކުން، އަދިވެސް ރަށްފުށުގެ ސިފަތައް ފެނޭ
  • މާފުށީގެ ރަށުތެރޭގެ ބައެއް ގެތަކަށް މާ ބޮޑު ބަދަލެއް ނާދޭ. އެކަމަކު ސުވާލަކީ އެހެން ހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ (ފޮޓޯ/ދައުރު)
  • ރަށުތެރޭގައި ހުރި ގެއެއްގެ ބޭރު ފާރު ގަސްތަކުން ފުރިފައި

ބައެއް މީހުން ރަށުތެރޭގައި ވެސް ހިނގާލައި، ފޮޓޯ ނަގާ ހެދި އެވެ. މުޅި ރަށަށް އައިސްފައި އޮތް ބަދަލަކީ ކޮބައިތޯ ބަލައިލި އެވެ. މާފުށީގެ މަލަމަތިން ކަށަވަރުވާނީ ޓޫރިޒަމްގެ ތަަރައްގީގެ ކުލަވަރު ގަދަވެފައި ރަށުވަންތަކަން ނެތްކަމެވެ. ނަމަވެސް ރަށުތެރެއަށް ޖެހިލާއިރު އަދިވެސް  ރަށަކުން ފެންނާނެ ސާދާކަން ނެތިނުދެ އެވެ. ކުރީގެ ގެތައް ހަމަ އެގޮތަށެވެ. އެކި ވައްތަރުގެ ގަސްތަކުން ފާރު ފުރިފަ އެވެ.

ބޭރުގެ މަޝްހޫރު ރަހައެއް ބޭނުން ނަމަ އެ ފުރުސަތު ވެސް އޮތީ ފަހިވެފައި
ރާއްޖޭގައި ހެދޭ ގުދުރަތީ ބައެއް ތަކެތި ލިބޭ އައުޓްލެޓްތައް ވެސް އަންނަނީ ހިންގަމުން

ބަނދަރުމަތީ މަގުގައި އެއްކޮޅުން އަނެއްކޮޅަށް ދަމާލާފައި ހުރީ ޓޫރިސްޓުންގެ ހިދުމަތަށް ހާއްސަ ތަންތަނެވެ. އޭގެ ތެރޭގައި ރާއްޖެއިން ލިބެން ހުރި ގުދުރަތީ ބާވަތްތަކާއި ދުނިޔޭގެ މަޝްހޫރު އައިސްކްރިމްގެ އުފެއްދުންތަކަށް ހާއްސަ އައުޓްލެޓްތައް ހިމެނެ އެވެ.

ކުރުނބަލެވެ. އެކި ވައްތަރުގެ ދޮންކޭލެވެ. ކަށިކެޔޮ ވެސް މެ އެވެ. ދެން ބާސްކިން ރޮބިންސްގެ ރަހައަކަށް 'ކަރުހިއްކާ' ނަމަ އެކަން ވެސް ފުރިހަމަކޮށްލެވޭ ވަރަށް މި ރަށުގައި ފުރުސަތުތައް އެ ހުރީ ހުޅުވިފަ އެވެ.

ރޯދަ ވީއްލަން މާލެއިން މާފުއްޓަށް ދަތުރުކުރި ބައެއް މީހުން ހަވީރު ވަގުތު ރަށުގެ އެއްކޮޅު ތޮށިގަނޑު މަތީގައި
ރޯދަ ވީއްލުމުގެ ސުފުރާމަތި: މާލެއެކޭ ތަފާތެއް ނެތް

ރޯދަވީއްލުމުގެ ދަތުރުގެ ބައެއް ބަައިވެރިން ހަވީރުގެ އެންމެ ފަހު ވަގުތުކޮޅު ހޭދަކުރީ މި ތޮށިގަނޑު މަތީގަ އެވެ. އިރުވައި މޫސުމުގައި ރާއްޖޭގެ ޖައްވު ފޮރުވާލި ދުންގަނޑުގެ އަސަރުތައް ހުރި ދުވަހަކަށް ވާތީ އިރުއޮއްސޭ މަންޒަރު އެހާ ހިތްގައިމެއް ނޫނެވެ. އެކަމަކު މޫދު ކައިރީގައި، އެ ހިމޭން ވަގުތުކޮޅު މަޑުކޮށްލުމަކީ އުފަލެއްކަން ޔަގީނެވެ.

ބައެއް މީހުން ވިސްނީ ހަމައެކަނި ރޯދަވީއްލުުގެ ސުފުރާ މައްޗަކަށް ނޫނެވެ. ދަތުރުގައި ހޭދަކުރި ހަތަރު ފަސްގަޑިއިރުގެ ތަޖުރިބާ އެވެ. އާއެނކެވެ. މާލެއިން ބޭރުވެލަން ރަނގަޅު ގޮތެކެވެ. އުފާވެރި ވަގުތުކޮޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް