އިއްޔެ އޮތް ހުޅުމާލެ ރަންގެ ފެށުން: މިއީ ރާއްޖޭގައި ބާއްވާ ރޭސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ރޭހެއް (ފޮޓޯ/އެލީޓް ރަނާސް)

ހުޅުމާލެ ރަން

ހުޅުމާލެ ރަން: ހެނދުނެއްގެ ފުރިހަމަ ދުވެލުމެއް

އެލީޓް ރަނާސްއިން ބާއްވާ މި ރޭހުގެ ދެވަނަ ވާދަކުރުމަކީ ދުވުންތެރިންނަށް ހޯދައިދެވުނު ރަނގަޅު ފުރުސަތެއް

އިއްޔެއަކީ ރީތި ދުވަހެކެވެ. ފުރިހަމަ ހެނދުނެކެވެ. ގަޑިން ހައެއް ޖެހުމާ އެކު ހުޅުމާލެ ސެންޓްރަލް ޕާކްގެ މެދުން ކަހަލަ ގޮތަކަށް ރޭސް ފެށި އެވެ. 'ހުޅުމާލެ ރަން'ގެ ދެވަނަ ރޭހެވެ. އެލީޓް ރަނާސް މޯލްޑިވްސް އާއި އެޗުޑީސީ ގުޅިގެން ދުވުންތެރިންނަށް، ހުކުރުދުވަހެއްގެ ހެނދުނު، ހޯދައިދިން ރަނގަޅު ފުރުސަތެކެވެ.

މިއީ ހަމައެކަނި ރާއްޖޭގެ ދިގު ދުވުމުގެ ބާރު ދުވުންތެރިންނަށް ހާއްސަ ރޭހެއް ނޫނެވެ. ހުރިހާ އުމުރެއްގެ، ކޮންމެ ޖިންސަކަށް ވެސް ދުވުމުގެ ފެންވަރު ވަޒަންކޮށްލެވޭނެ ރޭހެކެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މޮޅު ގިނަ ދުވުންތެރިންނާ އެކު އެކި އުމުރު ފުރައިގެ އެކި ފެންވަރުގެ ދުވުންތެރިން މި ރޭހުން ވެސް ފެނުނެވެ.

އެލީޓް ރަނާސްއިން ބުނި ގޮތުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަކީ ރޭހުގެ އެންމެ ބޮޑު މަގުސަދެވެ. ދުވާ މީހުން ގިނަވަމުން އަންނަ އިރު އެ އެންމެންނަށް ވެސް މިކަހަލަ ރޭހެއްގައި ވާދަކޮށްލުމުގެ ހިތްހަމަޖެހުން ލިބޭނެ ކަމަށް ވެސް، އިންތިޒާމްކުރި ފަރާތުން ބުންޏެވެ.

  • ދުވުމަކީ އާއިލީ ބައިވެރިވުމެއް: ކުޑަކުދިންގެ ރޭހުގައި ކުއްޖަކު ގޮވައިގެން މީހަކު ދުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ކުޑައިރު ދުވުން ކަހަލަ ކުޅިވަރެއްގެ ތެރެއަށް ކުދިން ވެއްދުމަކީ ހުނަރު ފެންނާނެ ކަމެއް: 1 މެއިލް ދުވުމުގެ ބައިވެރިން ރޭހުގައި ދުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
  • ކުޑަކުދިންގެ 1 މެއިލް ރޭހަަށް ލިބުނު ތަަރުހީބު ވެސް ބޮޑު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރޭސް ބަހާލާފައި އޮތީ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރާއި 1 މެއިލްގެ ބައިތަކަށެވެ. އޭގެ އިތުރުން 10 ކިލޯމީޓަރުގައި 41 އަހަރުން މަތީގެ ވަކި ބައެއް މާސްޓާ ކެޓެގަރީއަށް ހާއްސަކޮށް، 5 ކިލޯމީޓަރުގައި 7-17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ވެސް ވަނަ ހޮވި އެވެ.

ރޭހުގެ މިއިން ކޮންމެ ބަޔަކުން ވެސް ދެ ޖިންސްގެ ދުވުންތެރިންނަށް ފައިސާގެ އިނާމު ދިނެވެ. ފައިސާގެ އެންމެ ބޮޑު އިނާމެއް ހުށައެޅީ 10ކިލޯމީޓަރުގެ އޯޕަން އަށެވެ.

ހުޅުމާލެ ރަންގެ 10 ކިލޯމީޓަރުން ފިރިހެނުންގެ ބައިން ވަނަ ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިން އިނާމާ އެކު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
5 ކިލޯމީޓަރުގެ އަންހެން ބައިން ވަނަ ހޯދި ދުވުންތެރިން ޕޯޑިއަމްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދުވުމުގެ ޝައުގުވެރިކަން ބޮޑުވުމުގެ މާނައަކީ ރަނގަޅު ފެންވަރުގެ ދުވުންތެރިން ވެސް އުފެދުމެވެ. އެކަން އެނގެނީ އެކި އުމުރުތަކުގެ ދުވުންތެރިން ކުރިއާ އަޅާބަލާއިރު ވަގުތު އަވަސްވުމެވެ. މިސާލަކަށް އުމުރުން ތަންކޮޅެއް ދުވަސް ވީ ދުވުންތެރިން ވެސް، ކުރިން ނުފެންނަހާ ބާރަށް ދުވެ، ވަގުތު އަވަސްކުރެ އެވެ. އެކަން ހުޅުމާލެ ރަންގެ 41 އަހަރުން މަތީގެ ބައިގެ ދެ ޖިންސުން ވެސް ފެނުނެވެ.

ރޭހުގެ 41 އަހަރުން މަތީގެ ފިރިހެނުންގެ ރޭސް ކާމިޔާބުކުރި ތިން ދުވުންތެރިން: މި ދުވުންތެރިންގެ ވަގުތު ވަރަށް އަވަސް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރޭހުގެ ކުރިން އެލީޓް ރަނާސްއިން ބުނި ގޮތުގައި 41 އަހަރުން މަތީގެ މާސްޓާ ބައެއް ހިމެނީ އުމުރުން ދޮށީ އެތައް ބަޔަކު ވެސް ދުވުމުގެ ތެރެއަށް ވަދެ ވާދަވެރި ރޭސްތަކުގައި ބައިވެރިވުން ގިނަވާތީ އެވެ. ސީރިއަސް ކަމެއްގެ ގޮތުގައި ދުވުން ނަގަމުން އަންނަނީ ވެސް ގިނައިން 35 އަހަރުން މަތީގެ މީހުންނެވެ.

ހުޅުމާލެ ރަންގެ 10 ކިލޯމީޓަރު ބައިން 41 އަހަރުން މަތިން އަންހެނުންގެ ތެރެއިން ވަނަ ހޯދި ދުވުންތެރިންނާ އެކު ރޭހުުގެ އިސް ހިންގުންތެރިޔާ އަހުމަދު ޝަރަފް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހުޅުމާލެ ރަންގެ 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ރޭސް ފެށީ ހެނދުނު 6:00ގަ އެވެ. ދެ ޖިންސްގެ އެތައް ސަތޭކަ ބަޔަކު، ހެނދުނުގެ އިރާ އެކު އެ މީހުންގެ ދުވުމުގެ ފެންވަރު، ހަށިގަނޑުގައި ބުންވަރު ހުރި މިންވަރު، ދުވުމުގެ ބާރުކަން ދައްކާލި އެވެ. އާއިލާތައް އެކުގައި ދުވި އެވެ. ތުއްތު ދަރިން އުރާލައިގެން ވެސް ބައެއް މީހުން ދުވެލި އެވެ.

ހުޅުމާލެ ރަންގައި ކުޑަކުދިންނަށް ހާއްސަކޮށްގެން 1 މެއިލްގެ ރޭހެއް ވެސް އޮތް. ކުޑަކުއްޖަކު ގޮވައިގެން ދެ މީހަކު ރޭސް ނިންމަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާއިލާގެ މެމްބަރުންނަށް ސަޕޯޓްކުރަނީ: ރޭސްތަކަކީ ގުޅުން ބަދަހިކުރުމުގެ ވެސް ވަސީލަތެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ތުއްތު ދަރިފުޅު ގޮވައިގެން ދުވެލަނީ: ރޭސްތަކަކީ އާއިލާތަކަށް ވެސް އަންނަ އުފާވެރި ދުވަހެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހުޅުމާލެ ސެންޓްރަލް ޕާކަކީ ދިގު ދުވުންތަކުގެ ފެށުމާއި ނިންމުން އޮންނަ ތަނެވެ. އަހަރަކު އެތައް ރޭހެއް، އެކި ފަރާތްތަކުން ގެންދަނީ ބާއްވަމުންނެވެ. އެލީޓް ރަނާސްގެ މި ރޭހުގެ އިންތިޒާމްތަކާ މެދު ބައެއް ދުވުންތެރިން ވަނީ ތައުރީފްކޮށްފަ އެވެ.

މިދިއަ އަހަރާއި މި އަހަރުގެ 10 ކިލޯމީޓަރުގެ ރޭހުން ވެސް އެއްވަނަ ހޯދި ހުސައިން ފަޒީލް ހާރޫނު: އޭނާއާ ވާދަކުރެވޭ ދުވުންތެރިޔަކު މިވަގުތަކު ނެތް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރޭސްތަކުގައި ރަހުމަތްތެރި ގްރޫޕްތައް ވެސް ބައިވެރިވެ އެވެ. އެ ގްރޫޕްތައް ދުވަނީ ވެސް އެކުއެކުގަ އެވެ. މެޑެލްއާ އެކު ފޮޓޯ ނެގުމަކީ މުހިންމު ހަނދާނެކެވެ. ސޯޝަލް މީޑިއާގެ ޒަމާނުގައި އެ ފޮޓޯތަކުން އެހެން ރަހުމަތްތެރިންނާ ގުޅުވާލަދެ އެވެ.

ރޭސް ނިންމާލުމަށް ފަހު ތިން ދުވުންތެރިން މެޑެލް ދައްކާލަނީ: އުފާވެރި ހަނދާނެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެލީޓް ރަނާސްގެ އެއް ބާނީ އަދި ދިގު ދުވުންތެރިޔާ އަހުމަދު ޝަރަފް، ހުޅުމާލެ ރަންއަށް ފަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ކާމިޔާބު ޓީމެއް އޮންނަ ކަމަށެވެ. އޭނާ އެގޮތަށް ލިއުނީ ހުޅުމާލެ ރަންގެ އިންތިޒާމްތަކާއި ހިންގުމުގައި ބައިވެރިވި ގިނަ ބަޔަކާ އެކު ނެގި ގްރޫޕް ފޮޓޯއެއް ހިއްސާކުރަމުންނެވެ.

މިރޭހަށް އެޗުޑީސީގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ހާއްސަ ގޮތެއްގައި ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް