ފުލިދޫގެ އީދު ހަރަކާތްތަކުގެ ތެރެއިން ކޯޑި ނެގުން
ފުލިދޫގެ އީދު ފޯރި އާއި މަޖާ
މިއަހަރުގެ ބޮޑު އީދަށް ވ. ފުލިދޫގައި ފޯރިގަދަ ހަރަކާތްތަކެއް އެބަ އޮތެވެ. ސަގާފީ ގިނަ ކުޅިވަރުތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ރަށުގައި އީދަށް މަރުހަބާކީ އީދު ވެދުމާ ދިޔުމާއި ބޮޑު ބެރު އަދި ދަފި ނެގުމުންނެވެ.
އީދު ވެދުމާ ދިޔުމަކީ އިހުގެ ކާބަފައިން އެއިރެއްގައި އެރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަކަށް ކިޔޭ ނަމެކެވެ. ސަގާފަތް ދިރުވުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށުގައި މިހާރު ވެސް އެކަން އެގޮތަށް ކުރެ އެވެ. އާންމުކޮށް އެ ހަރަކާތުގައި މިހާރު ހުއްދަ ދެއްވަނީ ކައުންސިލްގެ ރައީސް އެވެ.
ފެލިދުއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ރަށެއްކަމުން ގިނަ ބަޔަކު ކުޅިވަރުތައް ބަލައިލަން ޖަމާވި (އިނޯވް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އީދު ވެދުމާ ދިޔުމުގެ ހަރަކާތް ކުރިއަށް ދިޔައީ އިހު ޒަމާނާ އެއްގޮތް ކުރުމުގެ ގޮތުން ބޮޑުބެރުގެ އަޑުންގުގުމާލައި ބެރުގެހަމައަށް ފައިހަމަކުރަމުންދާ ދިގުދަނޑީގެ ހަރަކާތަކާއެކު އެވެ.
ބޮޑު ބެރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އަދި ވަރަށް ފޯރި ނެގި އެވެ.
އީދު ދުވަހުގެ ހަވީރު މި ރަށުގައި ވެސް އެހެން ރަށްރަށެކޭ އެއްގޮތަށް އޮތީ ކޯޑި ނެރުމެވެ. އީދު ނަމާދުން ފައިބައިގެން އައިސް މީހުން ކޯޑި ވިޔެ ތައްޔާރުކުރަން ފަށައިފި އެވެ.
ކޯޑި ނެރުމުގެ ހަރަކާތަކީ މިއީ ވަރަށް ފޯރި ގަދަ ހަރަކާތެކެވެ. ކޯޑިއާ އެކު ތަފާތު މާލިތައް ވެސް ނިކުތެވެ.
ކޯޑި ނެރުމުގެ ހަރަކާތް ވެސް ކުރިއަށް ދިޔައީ ސަގާފީ ކުޅިވަރުތަކާއި ނެށުންތަކާ އެކު އެވެ.