ފުޑް

ސެންޓްރަލް ޕާކަށް ޖަމާކޮށްލީ 'ފުޑް ލަވާސް'

21 ޖެނުއަރީ 2024
މޯލްޑިވްސް ފުޑް އެންޑް ބެވަރޭޖް ޝޯގައި ބޭރުގެ ތަފާތު އުފެއްދުންތަކުގެ އިތުރުން ދިވެހިންގެ އަމިއްލަ އެތައް އުފެއްދުމެއް ވެސް ފެނި، ރަހަ ބަލަން ފުރުސަތު ލިބުނު

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް މޯލްޑިވްސް ފުޑް އެންޑް ބެވެރޭޖް ޝޯ ރޭ މިވަނީ ނިމިފަ އެވެ. ސެންޓްރަލް ޕާކުގައި ޖަހާފައި ހުރި ހުދު ކުލައިގެ ބޮޑު ޓެންޓް ތެރެއަށް، އިއްޔެ ހަވީރު އާންމުން ޖަމާވެ، ފުރެމުން ދިޔަ އެވެ. 

ބޭރުގެ އެތައް އުފެއްދުމެއް ވެސް ތަފާތު ކުންފުނިތަކުން ދައްކާލި (ދައުރު ފޮޓޯ/ މުހައްމަދު އަމާން) ފޮޓޯ

މުޅި އެގްޒިބިޝަނުގައި ހެން އޮތީ ކެއުމާއި ބުއިމުގެ އެތައް އެއްޗެއްގެ ރަހަ ދެއްކުމެވެ. ރާއްޖެ އެތެރެކުރާ ބޭރުގެ އުފެއްދުންތަކާއި ދިވެހިންގެ އަމިއްލަ އުފެއްދުންތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުނީ ޒުވާނުންނެވެ.

ހުރިހާ ސްޓޯލެއްގައިހެން ތިބީ ދެޖިންސްގެ ދިވެހި ޒުވާނުން (ދައުރު ފޮޓޯ/އަމާން މުހައްމަދު)

މިތަނުން ބައްދަލުވީ ކެރޭ ޒުވާނުންނާ އެވެ. އެމީހުންގެ އުފެއްދުންތައް ދައްކާ އޭގެ ފައިދާ ވެސް ކިޔައިދެ އެވެ. ރަހަ ކަމުދޭތޯ އަހަ އެވެ. އެ އުފެއްދުންތައް ގަންނަން ލިބެން ހުންނާނެ ތަންތަން ކިޔައިދިނެވެ.

ބައެއް ސްޓޯލްތައް ކައިރިއަށް ކުޑަކުދިން އެއްވަނީ ހިލޭ އިނާމް ހޯދުމަށެވެ. އެހެންކަމުން އެކުދިން މޫނުމަތިން ފެންނަނީ އުފާވެރި ކަމެކެވެ.

ކުޑަކުދިންގެ ސަމާލުކަން ހުއްޓުނީ ހިލޭ އިނާމު ލިބޭ ތަންތަނަށް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އިސާހިތަކު މީހުންތަކުން ފުރިބާރުވެއްޖެ އެވެ. ޓެންޓް ތެރޭގައި ސްޓޯލްތައް ހަދާފައި ހުރީ ދެ ފަރާތުގަ އާއި މެދުގަ އެވެ. ހަނިހަނި ދެ މަގު، ދެ ފަރާތުގައި ހިނގަން އޮތެވެ. އެކަމަކު ވަކި ކޮޅަކަށް ގުޑާލެވެނީ އުނދަގުލުންނެވެ.

ނޫޑްލްސްގެ އުފެއްދުމެއް ދައްކާލަނީ: ދިވެހި ޒުވާނުންގެ މެދުގައި ނޫޑުލްސްއަކީ މަގުބޫލު ކެއުމެއް (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

ބޭރުގެ އުފެއްދުންތައް އެތެރެކުރާ ރާއްޖޭގެ މައި އެތައް ކުންފުންޏަކުން މި އެގްޒެބިޝަންގައި ބައިވެރިވި އެވެ. ރާއްޖެ ގެންނަ ބައެއް ބްރޭންޑްތަކުގެ އާ އުފެއްދުންތައް ދެއްކި އެވެ. ކޮފީ އާއި ސައި ފަދަ ބަވަތްތަކުގެ ރަހަ ބަލަން އާންމުން ސަމާލުކަން ދިނެވެ.

ހަށިގަނޑަށް ފައިދާ ހުރި އެތައް އުފެއްދުމެއް ވެސް މި އެގްޒިބިޝަންގައި ފެނުނު (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

ކުރިއަށްް އޮތީ ރޯދަމަސް ކަމުން ގިނަ ބަޔަކަށް އެގްޒިބިޝަން ކަމުދާނެ އެވެ. ރޯދަމަހުގެ ސުފުރާމަތި ފަޅުފިލުވާލަން ތައްޔާރުކުރާނެ އެއްޗިއްސަށް ބޭނުންވާ އެތައް ރަހައެެއްގެ އަޖުމަބެލުނެވެ.

ބޭރުގެ އާ އެތައް އުފެއްދުމެއް ވެސް އާންމުންނަށް ފެނި ދަސްވާން ފުރުސަތު ލިބުނު (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

އާ އެތައް ބްރޭންޑެކެވެ. ދިވެހިންގެ އަމިއްލަ އުފެއްދުންތަކެވެ. މިސާލަކަށް 'ސޯސްޑް އަޕް ބައި ލޫސީސް' އެވެ. އޭގެ ދެ ޕާޓްނަރުން ވަގުތުން ކައްކާ ތަން ފެނުނެވެ.

ދިވެހި ކެފޭއެއް ހިންގަމުން އަންނަ ދެ ބައިވެރިޔަކު އެގްޒިބިޝަންގައި އެ މީހުންގެ އުފެއްދުންތައް ދައްކާލަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން) ފޮޓޯ

އޯކިޑު މަގުގައި ހިންގާ މި ކެފޭގެ ދެ ޕާޓްނަރުންނަކީ ދެ ދެމަފިރިންނެވެ. އަރުފާއު ޝަހީރު އާއި އައިމިނަތު ރަނާ އަދި އަލީ ރަޒާން އާއި އިފާޒާ ވަހީދު އެވެ. ކެފޭ ހިންގާތާ މިވީ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. 

ކެއުމުގެ އުފެއްދުންތަކަށް އަބަދުވެސް ގިނަ މީހުން ޝައުގުވެރިވޭ (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

އެމީހުން ދެކޭ ގޮތުގައި އާންމުންނާ ގުޅުން އުފައްދާށާއި ބްރޭންޑް ތައާރަފުކުރަން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެވެ. 

އިންސްޓަގްރާމްގައި ހިންގާ ކުޑަ ވިޔަފާރިއެއްގެ ބައިވެރިން ވެސް ތިބީ މޭޒެއް ނަގައިގެންނެވެ. ފޮނި ބާވަތްތައް ވިއްކާ ޑެސާޓްބުޓީކް.އެމްވީ ޕޭޖް މެދުވެރިކޮށް ގިނަ ބާވަތްތަކެއް އެ މީހުން ވިއްކަ އެވެ.

ކަނަމަދު ކޭކު، ބްރައުނީ، ސިނަމަން ރޯލް، ނަޓެއްލާ ރޯލް އަދި ކުކީސް ފަދަ ބާވަތްތަކެވެ. 

  •  ދިވެހި ޒުވާން ބައިވެރިންތަކެއް ދިވެހި އުފެއްދުންތަކެއްގެ މައުލޫމާތު ދެނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 
  • ބައެއް އެއްޗެހީގެ ރަހަ ބަލާލަން އެތައް ބަޔަކަށް ފުރުސަތު ލިބުނު  (ދައުރު ފޮޓޯ/މުހައްމަދު އަމާން)
  • މިއީ ސޯޝަލް މީޑިއާގައި ވިޔަފާރި ހިންގާ ދިވެހި ޒުވާނުންނަށް ވެސް ރަނގަޅު ފުރުސަތެއް (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޓެންޓްގެ އެއްކޮޅުން ވަދެ އަނެއް ކޮޅުން ނުކުތް އިރު ބޭރުގައި ވެސް ދެ ސްޓޯލެއް ހުއްޓެވެ. ކުދިކުދި ކެއުންތައް ވިއްކަމުން ދިޔަ އެވެ.

ޝޯގައި އޮތީ ހަމައެކަނި ކާ އެއްޗެހި ދެއްކުމެއް ނޫން: ކެއުމުގައި ބޭނުންކުރާ ތަށި ފަދަ ސާމާނު ވެސް ފެނުނު (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 
ރާއްޖޭގައި ދިވެހިން ތަފަތު އެއްޗެހި އުފައްދައި މާކެޓްކުރޭ (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

ބޭކް އެންޑް ޑެލިކެސީ ޝޯއެއް އެއް ޓެންޓްގައި ކުރިޔަށް ދިޔަ އެވެ. ކޭކު އެޅުމުގެ ހުނަރުވެރި ދިވެހިން އެ މީހުންގެ މަސައްކަތް ކިޔައިދެނީ އެވެ.

މުބާރާތެއްގެ ގޮތަށް ފަސް ބައިވެރިޔަކު އެތަނުގައި އެޅި ކޭކްތައް ފަރިތަަކަމާ އެކު ޒީނަތްތެރިކުރަމުން ދަނީ އެވެ.

ވަގުތުން ކޭކު ޒީނަތްތެރި ކުރަނީ: އާންމުންނަށް މިއީ ތަފާތު މަންޒަރެއް (ދައުރު ފޮޓޯ/ މުހައްމަދު އަމާން) ފޮޓޯ

ދިވެހި ކުޅަދާނަ ޝެފް މަހާ ނަސީރު ހުއްޓެވެ. މަހާގެ އިތުރުން، ވޯލްޑް ޝެފްގެ އިތުރު ތިން ފަނޑިޔާރަކު ވެސް ގެންދިޔައީ ކޭކް ޒީނަތްތެރިކުރާ ބައިވެރިންގެ މަސައްކަތްތަކަށް އިންސާފުކުރަމުންނެވެ. ފަނޑިޔާރުންނަށް ތިބީ މުޅިން ވެސް ދިވެހިންނެވެ. ދިވެހި ހުނަރެވެ. އެ އެންމެންގެ ތަފުސީލަކަށް ދާ ނަމަ އެއީ؛

  • 1-

    މަހާ ނަސީރު: ވޯލްޑް ޝެފްސް ކޮންޓިނެންޓަލް ޖަޖް

  • 2-

    މުހައްމަދު އަބްދުﷲ: ވޯލްޑް ޝެފްސް ކޮންޓިނެންޓަލް ޖަޖް

  • 3-

    ޖޫދީ ހާލިދު: ވޯލްޑް ޝެޕްސް ރޫކީ ޖަޖް

  • 4-

    ޝިހާމާ ޝަފީއު: ވޯލްޑް ޝެޕްސް ރޫކީ ޖަޖް

މަހާ ބުނިގޮތުގައި ފަސް ބައިވެރިންގެ ކޮންމެ މީހަކަށް ވެސް ކޭކު ޒީނަތްތެރިކުރަން ލިބޭނީ ދޮޅުގަޑިއިރެވެ.

މުބާރާތުގެ ބައިވެރިޔަކު ކޭކެއް ޒީނަތްތެރި ކުރަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ފުޑް އެންޑް ބެވަރޭޖް ޝޯގައި ބައިވެރިކޮށްފައިވާ ނޮވެލްޓީ ކޭކެއް: ފެންނަނީ ދިވެހި ހުނަރު (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

މި ބައިގައި ތައްޔާރުކޮށްފައި ހުރި އެތައް ބައިވަރު އެއްޗެހި ދައްކަން ބަހައްޓާފައި ހުއްޓެވެ. އެހެންކަމުން އާންމުންނަށް ދިވެހިންގެ ހުނަރު ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނެވެ.

 މޯލްޑިވްސް ފުޑް އެންޑް ބެވަރޭޖް ޝޯގައި ބައިވެރިޔަކު ތައްޔާރުކުރި ކޭކެއް (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 
 މި ކޭކްތައް ހެދީ ފަސް ބައިވެރިޔަކު ހިމެނޭ މުބާރާތެއްގެ ތެރޭގައި (ދައުރު ފޮޓޯ/ މުހައްމަދު އަމާން) 

މިކަހަލަ ޝޯތަކަކީ އަހަރެމެން 'ފުޑް ލަވާއިން' އެއް ތަނަކަށް އެއްކޮށްލާ ތަފާތު ރަހަތައް ޓެސްޓުކޮށްލަން އޮތް ވަރަށް ބޮޑު ފުރުސަތެކެވެ. އާ ބްރޭންޑްތައް ދަސްކޮށްލެވެ އެވެ. ދިވެހި ހުނަރުވެރިންނާ ބައްދަލުކޮށްލެވެ އެވެ.

ރޭ އެ ނިމުނީ އެފަދަ ބޮޑު ޝޯއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް