މިލްނާ އިބްރާހިމް: ރާއްޖޭގެ މަދު އަންހެން ފަޔާފައިޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަންހެނުން

މިލްނާ: ފަޔާފައިޓަރެއްގެ ގޮތުން ހިތްވަރާ އެކު ޖޯޝުގައި

މަސައްކަތުގައި ފުރައްސާރަ ކުރިމަތިވަނީ ކުންފުނީގެ ފަރާތުންނެއް ނޫން، އާއްމުންގެ ފަރާތުން
8 މާރިޗު 2022

މިލްނާ އިބްރާހިމް ހަނދާންވެ އެވެ. ގޯތި ތެރޭގައި ދެ ބޭބެ ބޯޅަ ކުޅޭ އިރު އޭނާ ވެސް ބައިވެރިވެ އެވެ. ބޭބެމެންނަށް ވަކި ދޫކުރާކަށް ބޭނުމެއް ނުވެ އެވެ.

މިލްނާ ހަނދާންވެ އެވެ. ފާރެއްގައި ބައްޕަ ސިމެންތި  ޖަހާއިރު އެތަން ބަލަން އޭނާ ގޮނޑިއެއްގައި އިނދެ އެވެ.  އެކަމަކު ދެން އޭނާ ދުއްވައިގަންނަނީ ބައްޕަ ކައިރިއަށެވެ. އަންހެން ކުއްޖަކަށް ވީތީ، އެއީ އޭނާއަށް ނުކުރެވޭނެ މަސައްކަތެކޭ ހިތަށް ވެސް ނާރަ އެވެ. ސިމެންތި ޖަހާލަން އޭނާގެ އަތަށް ބައްޕަ ދެ އެވެ.

އުމުރުން މިހާރު 24 އަހަރުގެ މިލްނާ ބޮޑުވީ، އަންހެން ކުއްޖަކަށް ވިޔަސް ފިރިހެނުންނެކޭ އެއްގޮތަށް ކަންކަމުގައި ބައިވެރިވެވޭނެކަމުގެ ވިސްނުން އޮތް އާއިލާއެއްގެ ތެރޭގަ އެވެ. ހދ. ކުޅުދުއްފުށީ އިބްރާހިމް މުހައްމަދު އާއި ސަމީރާ އިބްރާހިމްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، އެ މީހުންގެ ލޯތްބާ އެކު ރަށުގައި ބޮޑުވަމުން އައީ، ވަކި ޖިންސެއްގެ ކުއްޖަކަށް ވެގެން ތަފާތުކުރުމެއް ނެތް، މާހައުލެއްގަ އެވެ.

އެކަން މިހާރު އޭނާގެ މަސައްކަތުގެ ދާއިރާއިން ވެސް އެނގެ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޖޫނިއަ ފަޔާފައިޓާއެއްގެ މަގާމުގައި އުޅެމުން އެ އަންނަނީ، އަލިފާން ނިންވުމުގެ ދާއިރާއަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ވާން ޖެހޭ މަސައްކަތެއް ނޫންކަން ސާބިތުކޮށްދެމުންނެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން މިލްނާ ބޮޑުވެގެން އައީ އަންހެން ކުދިންނަށް ވީތީ ވަކި ކަމެއް ނުކުރެވޭނެ ފަދަ ބޯދާ ވިސްނުންތަކާ ދުރުކޮށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެކަމަކު ފުރަތަމަ އޭނާ ވިސްނީ ބިޒްނަސް މެނޭޖްމަންޓްގެ ދައިރާއިން ކިޔވައިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅޭށެވެ. އޭރު ކަސްޓަމްސްއަކީ އޭނާ ވަޒީފާ އަދާކުރަން އޭނާ އެންމެ ގަޔާވި ތަނެވެ. އޭނާ ދުށް ގޮތުގައި އެ ޔުނިފޯމާ އެކު ހުންނަ އިރު މީހާ ފެންނަލެއް ރީއްޗެވެ.

އުމުރުން 16 އަހަރުގައި ސްކޫލް ނިންމި ގޮތަށް މިލްނާ އައީ މޭޒު ކައިރީގައި އިންނަ ވަޒީފާތައް އަދާކުރަމުންނެވެ. އެކަމަކު ކަސްޓަމްސްއަށް ވަނުމުގެ އުއްމީދުގައި ރަށުގައި އެ ވަޒީފާއަކަށް ދަމުން ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ އިން ކިޔެވި އެވެ. އަދި ކަސްޓަމްސް ވަޒީފާއަށް އެދި ފޯމު ލި އެވެ. އެކަމަކު އެ ވަޒީފާ އޭނާއަކަށް ނުލިބުނެވެ.

ރެޑް ކްރެސެންޓްގެ ވަޒީފާއިން ޖެހުނު ލޯބި

ކުޅުދުއްފުށީގައި ރެޑް ކްރެސެންޓްގެ ބްރާންޗް އެސިސްޓަންޓެއްގެ ގޮތުން އުޅުމުން ފީލްޑް މަސައްކަތަށް ލޯބި ޖެހުނު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބިމާއި އާބާދީގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ކުޅުދުއްފުއްޓަކީ، ތިމާވެށީގެ މައްސަލަތަކުން ހިމާޔަތް ލިބިފައި އޮތް ރަށެއް ނޫނެވެ. ބޯކޮށް ގިނަ އިރު ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެ ބައެއް މީހުން ހާލުގައި ޖެހެ އެވެ. އެ ކަހަލަ ދަނޑިވަޅުތަކުގައި މިލްނާއަށް ރަށުން ދެ ވައްތަރެއްގެ ބަޔަކު ފެނެ އެވެ: ފޯނުން ފޮޓޯ ނަގައި ވީޑިއޯ ކުރާ މީހުންނާއި އެހީތެރިވާ މީހުންނެވެ. މިލްނާ ބޭނުންވީ ކުޅިބަލާ މީހުންގެ ތެރޭގައި ހިމެނުމުގެ ބަދަލުގައި، އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާ ޒުވާނަކަށް ވާށެވެ.

"މޯލްޑިވްސް ރެެޑް ކްރްސެންޓްގެ ވަޒީފާގައި ބްރާންޗް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރަން ފެށީ އެ ސަބަބާއި ހެދި،" މިލްނާ ބުންޏެވެ.

އެމަޖެންސީގައި މަސައްކަތްކުރުމުގެ ހިތް ޖެހުނީ ރެޑް ކްރެސެންޓްގައި އުޅުނު ދުވަސްވަރު އެވެ. ރެޑް ކްރެސެންޓް އިން ދިން ތަމްރީން ޕްރޮގްރާތްތަކުގެ ބޭނުން ހިފި އެވެ. ބޭސިކް ފަސްޓް އެއިޑް ކޯސް، އެމަޖެންސީ ރެސްޕޮންސް ކޯސް ފަދަ ޕްރޮގްރާމްތަކެވެ. 

 މިލްނާ އެއާޕޯޓްގައި: ރަށުން މާލެ ބަދަލުވީ އެމްއޭސީއެލް އިން ވަޒިފާ ލިބުމުން(ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިލްނާއަކީ ކޮން ކަހަލަ ޒުވާނެއްކަން މަންމަ ސަމީރާއަށް އެނގެ އެވެ. އެމްއޭސީއެލުން 2018 ގައި އިއުލާންކުރި ޖޫނިއަ ފަޔާފައިޓާއެއްގެ ވަޒީފާ ރަނގަޅުވާނެ ކަމަށް އޭނާ ކައިރީގައި ބުނީ ސަމީރާ އެވެ.

"ޖޮބް ޑިސްކްރިޕްޝަން ކިޔާލުމުން އުފާވި. މިއީ ބޭނުންވާ ކަހަލަ ވަޒީފާއެއް ކަން އިނގުނު،" މިލްނާ ބުންޏެވެ.

"މަންމަ ބުނީ ލާށޭ. ކުރަން ބޭނުން ކަމެއް ވިއްޔާ ކުރާށޭ. ފަހަރެއްގައި އަޅައިގަނެފާނެއޭ [ލިބިދާނެއޭ]."

ރެޑް ކްރެސެންޓްގެ ޓްރެއިނިން އާއި ތަޖުރިބާއަކީ އެ ވަޒީފާ ހޯދަން އޮތް އެޑްވާންޓޭޖަކަށް ވި އެވެ. އިންޓަވިއު އާއި ފިޒިކަލް ބައިން ފާސްވެ، ވަޒީފާ ލިބުނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރަން އޭނާ މާލެއަށް ބަދަލުވި އެވެ.

ކޮންމެ ދުވަހަކު ވެސް އޮފީހަށް ނުކުންނަނީ އަލަށް އޮފީހަށް ވަތް ދުވަހުގެ އެންތުސިއަޒަމްއާ އެކު

މިލްނާ، މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ ޖޫނިއާ ފަޔާ ފައިޓާއެއް

 އޭގެ ފަހުން އޭނާ ވަނީ އިންޑޮނީޝިއާ ދެ މަސްދުވަހުގެ ތަމްރީން ފުރިހަމަކޮށްފަ އެވެ. ފަޔާފައިޓާއެއްގެ ގޮތުގައި އުޅޭއިރު އެއާޕޯޓުގައި ދިމާވާ އެމަޖެންސީ މެޑިކަލް ކަންކަމުގައި ވެސް ހަރަކާތްތެރިވާން ޖެހެ އެވެ.

ޖޫނިއާ ފަޔާފައިޓާއެއްގެ ވަޒީފާގައި އޭނާ އުޅޭތާ މިހާރު ހަތަރު ވެއްޖެ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވެސް އެއާޕޯޓަށް ދަނީ އަލަށް ވަޒީފާއަށް ނުކުތް ޖޯޝާއި ރޫހުގަ އެވެ. އޭނާ ބުނާ ގޮތުން ކޮންމެ ދުވަހަކު ވެސް ޝިފްޓް ޑިއުޓީއަށް ނުކުންނަ އިރު އެއީ ތަފާތު ތަޖުރިބާއެކެވެ.

"އެއް ދުވަހު ދާ ގޮތަކަށް ނޫން އަނެއް ދުވަސް ދަނީ. ކޮންމެ ދުވަހަކު ވެސް އޮފީހަށް ނުކުންނަނީ އަލަށް އޮފީހަށް ވަތް ދުވަހުގެ އެންތުސިއަޒަމްއާ އެކު" މިލްނާ ބުންޏެވެ.

ފަޔާފައިޓާއެއްގެ ގޮތުން މިހާތަނަށް ގާތްގަނޑަކަށް އަލިފާނުގެ ހައެއްކަ ހާދިސާއަށް އޭނާ ވަނީ ގޮސްފަ އެވެ. އެ ތަޖުރިބާތައް އޭނާ ހިއްސާކުރި އެވެ.

2019 ގައި ހެންވޭރުގަައި ހިނގައިދިޔަ ބިޔަ އަލިފާނުގެ ބޮޑު ހާދިސާއަކީ މިހާތަނަށް މިލްނާ އެޓެންޑްވި އެންމެ ބޮޑު ހާދިސާ

"އެ ގަޑީގެ ބިރެއް ނުގަނޭ. ބައެއް ފަހަރު އޯވާވެލްމް ވޭ ވަށައިގެން ހުންނަ ކަންކަން ފެންނާތީ. އެކަމަކު ބޮޑަށް ކުރަން ހުންނަ ކަން ކަމަށް ފޯކަސްވެފައި ހުންނަނީ. ވަރުބައްޔެއްވެ ސް ނުވޭ އެ ގަޑީގައި،" މިލްނާ ބުންޏެވެ.

ސެޕްޓެމްބަރު 2019 ގައި ހެންވޭރު އަބަދަށްފެހި ހިނގުމުގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މިލްނާ ތަޖުރިބާކުރި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. ޑިއުޓީ ނިންމާލާފައި އެޑީކޭ ކައިރީ ބޭސް ފިހާރައަކަށް އޭނާ ދިޔަ ވަގުތު ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވިގެން ބޭރަށް ނުކުތް އިރު ފެނުނީ ބޮޑު ހުޅުގަނޑެކެވެ.

އާންމުން މަލާމާތެއްގެ ނަޒަރުން ބެލުން އެއީ ފާހަގަވާ ކަމެއް. އެކަހަލަ ބަސް ބުނެ ކޮމެންޓް ކުރާ މީހުންނަށް އަހަރެން ރައްދެއް ނުދެން. އަހަރެންގެ މަސައްކަތުން އެކަން ދައްކާނީ

މިލްނާ

"އެއީ އިންޑޮނޭޝިއާ އިން ޓްރެއިނިން ހަދައިގެން މާލެ އައިތާ ވަރަށް ކައިރި. ބޭސް ފިހާރާގައި ހުއްޓާ އަޑުއިވުމާ އެކު ދުއްވައިގަނެވުނީ އެތަނަށް. އެވަގުތު ވެސް ބެލީ މީހުން ދުރުކޮށް، ގޭގެއިން ރޮމުން ނުކުތް މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވޭތޯ،" މިލްނާ ބުންޏެވެ.

އެ ތަޖުރިބާގެ ހަނދާން އާކުރަމުން ކުރަމުން އޭނާ ބުނީ "ރޯވެފައި ހުރި  ގޭގެއިން ނުކުމެގެން އައި މީހުން އައިސް ގައިގައި ހިފައިގެން އަހާ، ތިމަންނަ މަރުވަނީ ހެއްޔޭ؟ ނޭވާނުލެވިގެން. ވަަރަށް ބޮޑަށް ސްމޯކް އިންހޭލްވެފައި ހުރީ އަދި ފިހިފައި ވެސް. ކުޑަކުދިން ބުނަނީ ހޯމްވޯކް ރޯވެއްޖެއޭ. އެ ގަޑީގައި ވެސް ކުޅިބަލާ މީހުންނާއި ބިދޭސީން ތިބެނީ ފޯނު ނަގައިގެން. މީހުން ގައިގައި އަޅާ ކޮއްޕަމުން އޭޑީކޭ ސްޓްރެޗަރުތަކަށް މީހުން ލަމުން ދިޔައިން. އަޅުގަނޑާއި އިތުރު ކޮލީގެއް އުޅުނު އެގަޑީގައި."

އެ ދުވަހު އިއްތިފާގުން އޭނާއަށް ހުރެވުނީ ރަނގަޅު ވަގުތު ރަނގަޅު ތަނުގައި ކަން ފާހަގަކުރި އެވެ.

މިލްނާ އެއާޕޯޓުގައި ހަރަކާތްތެރިވަނީ: އޭނާ ގެންދަނީ ތަމްރީންތައް ހދަމުން

އެ އަލިފާންގަނޑު ނިއްވާލަންދެން ސީންގައި އެކްޓިވްކޮށް އެހެން ފަޔާފައިޓަރުންނާ އެކު މިލްނާ އުޅުނެވެ. 

އަލިފާނުގެ ހާދިސާއެއް ހިނގައިފާނެތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިލްނާގެ ޑިޕާޓްމަންޓްގެ ފަރާތުން އެއާޕޯޓުގައި އަޅަ އެވެ.

އެއާޕޯޓުގައި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ ގޮތުން މިލްނާގެ ޒިންމާތަކެއް ހުރެ އެވެ. އެގޮތުން ޗާޓަރު ފްލައިޓްތަކުގަ އާއި އެހެން ވެސް ފްލައިޓަކުން ގެންނަ ހާލު ދެރަ، ނާޒުކު ހާލަތެއްގައި ތިބޭ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދޭން ޖެހެ އެވެ. ވީއައިއޭގައި ފްލައިޓް ޖައްސާ ހިސާބުން އެކަމާ އުޅެން ލާޒިމް އެވެ.

އަންހެނަކަށް ވީތީ މަލާމާތުގެ ނަޒަރެއް

"އަަންހެނަކަށް ވީތީ އަދާކުރާ ވަޒީފާގެ ސަބަބުން ގޮންޖެހުން ގިނަ؛ ފުރައްސާރަ ކުރިމަތިވަނީ އާއްމުންގެ ފަރާތުން" މިލްނާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މިލްނާ ބުނާގޮތުގައި އޭނާ އަދާކުރަނީ އަންހެނުން ނުކުރެވޭނެ މަސައްކަތެއް ނޫނެވެ. އެމްއޭސީއެލްއަކީ ވަޒީފާގައި ހަމަހަމަ ފުރުސަތު ދޭ އަދި އަންހެނުންނަށް ކުރިއެރުމާއި ތަމްރީނު ދިނުމުގައި ވެސް ތަފާތު ކުރާ ކުންފުންޏެއް ނޫނެވެ. 

ޖޫނިއަ ފަޔާފައިޓާއެއްގެ މަސައްކަތަށް އޭނާ ނުކުތް އިރު އެއާޕޯޓްގެ ފަޔާ ސްޓޭޝަންގައި ތިބީ އެންމެ ހަތަރު އަންހެން ފަޔާ ފައިޓަރުންނެވެ. މިއަދު އެ އަދަދު މައްޗަށް ގޮސް އަންހެން 15 ފަޔާފައިޓަރުން އެބަ ތިއްބެވެ. އެ އެންމެންނަށް ވެސް އަލިފާނުގެ ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ގޮސް، އަލިފާން ނިންވުމާއި މީހުން ސަލާމަތްކުރުމުގެ ތަމްރީން ވަނީ ލިބިފަ އެވެ.

މިލްނާ އާއި އޭނާއާ އެކު މަސައްކަތް ކުރާ ބައެއް ފަޔާފައިޓަރުން ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެކަމަކު އެ ވަޒީފާގެ ގޮތުން އަންހެނަކަށް ވީތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް މިލްނާ ބުންޏެވެ. އެކަމަކު އެއީ އެކުގައި މަސައްކަތްކުރާ މީހުންގެ ފަރާތަކުންނެއް ނޫނެވެ. އާންމުންގެ ފަރާތުންނެވެ.

"އޮފީހަށް ވަން އިރު ހީކުރީ މުވައްޒަފުންގެ ފަރާތުން ވެސް ތަފާތު ކުރުން އޮންނާނެ ކަމަށް. އެކަމަކު މުޅިން ހިލާފު،" އޭނާ ބުންޏެވެ.

އެމްއޭސީއެލްގައި އޮތީ އަންހެން މުވައްޒަފުންނަށް ވެސް އެހީތެރިވުމުގެ ސަގާފަތެއް ކަމަށް އޭނާ ބުންޏެވެ.

"އާންމުން މަލާމާތެއްގެ ނަޒަރުން ބެލުން އެއީ ފާހަގަވާ ކަމެއް. އެކަހަލަ ބަސް ބުނެ ކޮމެންޓް ކުރާ މީހުންނަށް އަހަރެން ރައްދެއް ނުދެން. އަހަރެންގެ މަސައްކަތުން އެކަން ދައްކާނީ،" މިލްނާ ބުންޏެވެ.

މިލްނާ 'ދައުރު'އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އޮފީސް ތެރޭގައި ނީންނާނެ އަންހެނެއް ފިރިހެނެއް، ވަކި ތަފާތު ކުރުމެއް. އެންމެން ވެސް ފުރިހަމަކުރަނީ އެއް ޓްރެއިނިންތަކެއް. އަންހެނަކަށް ވީތީ ވަކި އެއްޗެއް ނޫން ހަދަނީ."

އާއްމުންގެ ފަރާތުން ތަފާތު ކުރުން އަދި މަލާމާތް ރައްދުވާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެއީ "ކުޑަކުޑަ މަންޖެއެކޭ، އޭނާއަކަށް ސްޓްރެޗާއެއް ނުހިއްލޭނޭ" ކަހަލަ ބަސްތައް ބުނާ އަޑު އޭނާއަށް އިވުނެވެ.

"އަބަދުވެސް ސާބިތުކޮށްދޭން މި ޖެހެނޯ ކަންކަން ކުރެވޭނެ ކަމަށް. އެއީ ހިތާމަވެރި ކަމެއް،" މިލްނާ ބުންޏެވެ. 

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަކީ ފަޔާ ފައިޓަރަކަށް ވުމުން އެހެން އަންހެނުންނަށް ވެސް އެކަން ވާނެކަމުގެ މެސެޖް ލިބެން ވާނެ އެވެ.

މިލްނާ ފަޔާ ލޮރީއެއް ކައިރީގައި: ފިޓުވާން މަސައްކަތް ކުރަނީ މީހުން ބުނާ ބަސްތަކެއްގެ ސަބަބުންނެއް ނޫން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީހުން ކިޔާ އެއްޗިއްސަކަށް އޭނާ އަޅައެއް ނުލަ އެވެ. އަދި ހިތްވަރެއް ވެސް ނޭލެ އެވެ. ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމުގެ ބޭނުމުގައި ބަރާބަރަށް ޖިމަށް ވެސް ދެ އެވެ.

"އަހަރެން ފިޓުވާން ބޭނުންވަނީ މީހުން ވަކި އެއްޗެއް ބުނާތީއެއް ނޫން. އަަހަރެންގެ އަމިއްލަ ނަފްސަށް އަހަންނަކީ މި ވަޒީފާއަށް ފިޓު މީހެއް ކަން އިހްސާސްވާން ބޭނުންވާތީ،" އޭނާ ބުންޏެވެ.

އަމާޒު ހުރީ ދާއިރާއިން އެންމެ އުހަށް

ޖޫނިއާ ފަޔާފައިޓާއެއްގެ ގޮތުން އޭނާގެ ކޮނޑުގައި އަދި ހުރީ އެންމެ ފަށެކެވެ. އެކަމަކު މިހާރު ވެސް އޭނާގެ މައިންބަފައިންނާއި ބޭބެމެން އޭނާއާ މެދު ފަހުރުވެރިވެ އެވެ. 

މާލޭގައި 20 ސެޕްޓެމްބަރު 2019 ގައި ހިނގި އަލިފާނުގެ ހާދިސާގައި ކުރި މަސައްކަތާއި ދެއްކި އާދަޔާ ހިލާފު ހިތްވަރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަތްޕުޅުން އޭނާއަށް ވަނީ 'ޝީލްޑް އޮފް ކަރޭޖް' ދީފަ އެވެ.

މިލްނާ އަށް ލިބުނު ޝީލްޑް އޮފް ކަރޭޖްއަށް އޭނާގެ މަންމަ ފަހުރުވެރިކަމާ އެކު ބަލާލަނީ

މިލްނާގެ އުއްމީދަކީ މި ދާއިރާ އިން ވީހާ ވެސް މައްޗަކަށް ދިއުމެވެ. އޭނާ އަންނަނީ ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީއަކަށް ކިޔަވަމުންނެވެ.  މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގައި އެ ކޯހާ ގުޅޭ 120 ގަޑިއިރު އިންޓާންޝިޕެއް ވެސް ހަދަމުންނެވެ.

"ޖޮބާ ދޭތެރޭ ވިސްނާފައި ވަރަށް ކުރާ ހިތުން އެ މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.

އަންހެނަކަށް ވެ، މިދާއިރާ އިން އަންނަން އޮތް ޖީލަށް ވެސް މިލްނާ އާއި އޭނާއާ އެކު މަސައްކަތް ކުރާ އެހެން އަންހެން ފަޔާފައިޓަރުން ވާނީ ނަމޫނާއަކަށް ކަން ޔަގީނެވެ. މިހާރު ވެސް އެކަން އޭނާ ތަޖުރިބާކޮށްފި އެވެ. އެކުވެރިއެއްގެ ކުޑަ ކޮއްކޮއަކު އޭނާއާ ދިމާލަށް ބުނި ވާހަކައިން ރޮވުނެވެ.

"އޭނާ ބުނީ ތިމަންނަގެ ހީރޯއޭ މިލްނާ ދައްތަ އަކީ. އެއީ އުފަލުން ރޮވުނު ދުވަހެއް. ވަރަށް ބައިވަރު ކުދިން ބުނޭ ބޭނުންވަނީ ފަޔާފައިޓާއަކަށޭ ވާން. ދެޓްސް ސަމްތިން،" މިލްނާ ބުންޏެވެ.

މިލްނާ، ވީއައިއޭގައި: އަމާޒަކީ  ލީޑިން ފަޔާފައިޓާއަކަށް ވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާގެ އަމާޒަކީ އެންމެ މައްޗަށް ދިއުމެވެ. އަބަދުވެސް އަންނަނީ ޑްރިލްތައް ހަދަމުންނެވެ. 

"ވަރަށް ބޭނުންވޭ ލީޑިން ފަޔާފައިޓާއަކަށް ވާން. އެމްބިއުލާންސް ވެސް އޮޕަރޭޓް ކުރަން ބޭނުންވޭ،"  މިލްނާ ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް