އަލީ ޝިހާމް: ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު މިހާރު އޭނާ މަސައްކަތްކުރަނީ ފޯ ސީޒަން ކުޑަހުރާގެ ހައުސްކީޕިން ސުޕްވައިޒަރެއްގެ މަގާމުގައި

އަލީ ޝިހާމްގެ އެ ރީތި ނެއްޓުން، ދުވުން، ގޯލްތައް: ރަން ހަނދާނެއް

ގައުމީ ޓީމަށް ހެދި ފުރަތަމަ ތާރީހީ ހެޓްރިކުން ފެށިގެން، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓަކީ ކާމިޔާބު ފުޓްބޯޅަ ހަޔާތެއްގެ ރަމްޒުތައް
28 ޖެނުއަރީ 2022
2

ކުޅުނު އިރު ރީތިކޮށް ހުރި ހަށިގަނޑަށް އެވަރުގެ ސަމާލުކަމެއް ނުދެވުމުން، މީހާ ފަލަވި އެވެ. އެ ބަދަލާ އެކު އެއީ، އޭރުގެ 'ހުރާ އައްޔަ'ހޭ އަހާލާނެ މީހުން ވެސް އުޅެފާނެ އެވެ. އުމުރު މައްޗަށް ދާ ވަރަކަށް ހަށިގަނޑު ބަރުވުމަކީ، ކުރިން ކިތައްމެ މޮޅު ކުޅުންތެރިއެއް ނަމަވެސް، ގުދުރަތީ ނިޒާމުގެ ބުރެކެވެ. އެކަމަކު ހުރާއިން ފެނުނު، އޭގެ ފަހުން މުޅި ރާއްޖެއަށް މަޝްހޫރުވި އަދި އެތައް ހާސް ބަޔަކު ފޫހިވުމެއް ނެތި އެ ކުޅުން ބަލަން ދާވަރުގެ ހުނަރު ދެއްކި އަލީ ޝިހާމް ކޮންމެ ތަނަކުން ފެނުނަސް ނޯޅޭނެ އެވެ. އޭރުގެ ކުޑަކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނަށް އޭނާ ދޫކޮށްލީ އެއަށް ވުރެ ބޮޑެތި ހަނދާންތަކެކެވެ.

ވާތު ފައިގެ ކަކުލަށް ލިބުނު އަނިޔާ ރަނގަޅު ނުވެ، ހުއްޓާލަން ޖެހޭ އުމުރަށް ވުރެ އަވަހަށް ފުޓްބޯޅައިން ވަކިވާން ޖެހުނުތާ މިހާރު 20 އަހަރު ވަނީ އެވެ. އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ އެއް ދުވަސްވަރު އެރި މި ތަރި މާޒީގައި ލިއެލީ ބޮޑެތި ކާމިޔާބީތަކެކެވެ. އޭނާގެ އަޒުމާއި އުއްމީދު ހާސިލްކުރަން، އޭރަށް ބަލާއިރު، ވަރަށް ބޮޑެތި، އުނދަގޫ ނިންމުންތައް ނިންމި އެވެ. ނަމަވެސް ނަތީޖާ ފެނުނީ ފޮނިކޮށެވެ. ކުޅިވަރުގެ ރަން ލިސްޓުގެ ތެރެއަށް ފަހަރަކު ކާމިިޔާބީއެއް ވެއްދި އެވެ. ތައްޓާއި މެޑެލް ހަރުގަނޑުގައި، މުޅި އާއިލާ ފަހުރުވެރިވާނެ ދުވަސްތައް ރަމްޒުކޮށްދޭނެ އެއްޗެހި އެބަ ހުއްޓެވެ.

ކުޅިވަރުގެ ހަޔާތުގައި އަލީ ޝިހާމް ދެރަވާން ޖެހޭ ކަމެއް، ހަގީގަތުގައި، ނެތެވެ.

ކުޑަ މޫސަގެ އުފެއްދުމެއް

ހުރާއަކީ އެއް ދުވަސްވަރެއްގައި ރާއްޖޭގެ ބްރެޒިލެވެ. ރާއްޖޭގެ ނިސްބަތުން އެހާ މޮޅެތި ކުޅުންތެރިން އުފެއްދި އެވެ. ހުއްރިއްޔާ ސްޕޯޓްސް ކްލަބް، އޭރު ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ބަދަލުކޮށްލީ، މައިގަނޑު ގޮތެއްގައި އެ ރަށުން އުފެދުނު ކުޅުންތެރިންގެ މައްޗަށް ބިނާވިި ޓީމުންނެވެ. އެ ކާމިޔާބީތަކުގައި އެ ޓީމުގެ ކުޅުންތެރިޔާ/ކޯޗު، މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ބެލުމުގެ ދަށުން މާލެއިން ގެންދިޔަ ބައެއް ކުޅުންތެރިންގެ މުހިންމު ބައިވެރިވުމެއް އޮތެވެ.

މޫސައަކީ އަލީ ޝިހާމްގެ ހުނަރު ތަރައްގީވުމުގެ މައިގަނޑު އެއް ސަބަބު ކަމަށް، އޭނާ ބުންޏެވެ. މާލޭގެ އޭރުގެ މަޝްހޫރު ސްކޫލް، އަދި ފުޓްބޯޅައިން ވެސް އެހާމެ ކާމިޔާބު، އެމްއީއެސްގައި، ޒުވާން ކުޅުންތެރިންގެ ފެންވަރު ނެރެދިން ލިރުގާމް ސައީދު (ލަރޭ)ގެ އެހީތެރިކަން ވެސް ލިބުނެވެ. އެކަމަކު އޭނާ ދެކޭ ގޮތުގައި ހުރާގެ އޭރުގެ ސީނިއަ ކުޅުންތެރިންނާ އެކު ކުޅެން ފަށައި، ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އަރާވަރުގެ ހުނަރު ނެރެވުނީ ކުޑަމޫސަގެ މަސައްކަތުންނެވެ.

އަސްލު ލާރިއަށް ވެސް ބެލިން. ކެރިއާއަށް ވެސް ބެލިން. ރަން ބޫޓު ހޯދަން ވެސް ބެލިން. ހިތަށްއެރީ ހަމަ ޗޭންޖެއް އެބަ ބޭނުންވޭ ރަނގަޅުކުރަން

އަލީ ޝިހާމް، ހުރާ ދޫކޮށް ވެލެންސިއާއަށް ބަދަލުވި ބަދަލުވުމާ ބެހޭ ގޮތުން

"މޫސަގެ ހިތްވަރާއި ކޮށްދިން މަސައްކަތުން، އަނެއްހެން އޭނާގެ ސަބަބުން އެ ހިސާބަށް ދެވުނީ،" އައްޔަ ބުންޏެވެ.

ވެލެންސިއާއަށް 2001 ގައި ބަދަލުވުމަށް ފަހު ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗެއްގައި އަލީ ޝިހާމް (ކ) ބޯޅަ ހޯދަން މަސައްކަތްކުރަނީ

"އޭނާ މިކޮޅަށް އައިސް ޓީމު ސެކަންޑް ޑިވިޒަންގައި އޮއްވާ ފަސްޓަށް އެރުވީ."

ހުރާގެ ޓީމަކީ އޭރު އައްޔަގެ ވެސް ކުޅިވަރުގެ ފުރާނަ އެވެ. މޫސަ އެރަށުގައި ގާއިމްވެ ހުރެ، ދުވާލު ދެ އިރު ކުރި ޕްރެކްޓިސްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭ އެއް ނަތީޖާއަކީ އަލީ ޝިހާމާއި އޭރު ރާއްޖެއަށް މަޝްހޫރުވި މައުސޫމް އަބްދުލްގަފޫރާއި އަބްދުﷲ އިބްރާހިމް ފަދަ އެތައް ކުޅުންތެރިންނެއް، ގައުމީ ޓީމާ ހިސާބަށް ގެންގޮސްދިނުމެވެ.

"މޫސަ ބުނާނެ މި ޓީމުގައި އެބަ ތިއްބޭ އެ ފެންވަރުގެ ކުޅުންތެރިން،" ހުރާގައި ހުރެ މޫސަ ދިން ހިތްވަރުގެ މަތިން ހަނދާންކުރަމުން، އޭގެ އެއް ވާހަކަ، އައްޔަ ހިއްސާކުރި އެވެ.

ރާއްޖޭގެ ބައިނަލްއަގުވާމީ ފުރަތަމަ ހެޓްރިކް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގްބަންދު ސްޓޭޑިއަމެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނު ގްރޫޕްގެ ފުރަތަމަ މެޗެވެ. އެ ދުވަހު، 11 ޖެނުއަރީ 2003 ގައި، ބޫޓާނުގެ ދިފާއީ ކުޅުންތެރިން އެންމެ ބޮޑަށް އަތުލަން އުޅެން ޖެހުނީ އަލީ ޝިހާމެވެ. އެކަމަކު މެޗުގައި ޖަހާލި ތިން ލަނޑާ އެކު، ރާއްޖޭގެ ބައިނަލްއަގުވާމީ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާއަށް ވުން، ބޫޓާނަކަށް ނުހުއްޓުވުނެވެ. މެޗުން 6-0 އިން ރާއްޖެ މޮޅުވި އިރު އޭގައި ހިމެނޭ އޭނާގެ ތިން ލަނޑުގެ މަތިން އަލީ ޝިހާމް ވެސް، އަދި ދިވެހި ފުޓްބޯޅައިގެ ތާރީހު ވެސް ހަނދާނެއް ނުނެތޭނެ އެވެ.

"މަގޭ ފުޓްބޯޅަ ހަޔާތުގެ ވަރަށް، ވަރަށް މުހިންމު ދުވަހެއް އެއީ،" އޭނާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި 11 ޖެނުއަރީ 2003 ގައި ބޫޓާން ކޮޅަށް ހެޓްރިކް ހެދުމަށް ފަހު އަލީ ޝިހާމް އުފާފާޅުކުރަނީ: މިއީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކް

އެ ފަހަރު ފައިނަލަށް ރާއްޖެ ގޮސް، ޕެނެލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވީ އެވެ. މިއީ އަލީ ޝިހާމް ހިމެނިގެން ރާއްޖެ ކުޅުނު ދެ ވަނަ ފައިނަލެވެ. ހުރިހާ ދިވެހިން ސިއްސުވާލައި 1997ގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔަ ޓީމުގައި ވެސް އޭނާ ހިމެނުނެވެ. އެއީ ސީނިއަ ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެ ފުރުސަތު އޭރު ލިބުނީ، ވޯލްޑް ކަޕް ކޮލިފައިންގައި އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހުމުން އޭރުގެ ސީނިއަ އެތައް ކުޅުންތެރިންނެއް ގައުމީ ޓީމާ ވަކިވުމުންނެވެ. ރާއްޖެ ބައިވެރިވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕަށް ދާން ޖެހުނީ އާ ކުޅުންތެރިންކޮޅެއް ހިމަނައިގެންނެވެ. އޭގެ ތެރެއިން އެކަކީ އަލި ޝިހާމެވެ.

ހުރާ ދޫކޮށް ވެލެންސިއާއަށް، ބޮޑު ނިންމުމެއް

އޭރުގެ ފުޓްބޯޅަ ފޯރި އޮތީ މުޅިން އެހެން ލެވެލްއެއްގަ އެވެ. ހުރާ ޓީމުގެ ކޮންމެ މެޗަކީ މުޅި ރަށް ތަމްސީލުކުރުމެވެ. މެޗު ކުޅޭ ދުވަސްދުވަހު ސަޕޯޓްކުރަން ދޯނިފަހަރުގައި މީހުން އާދެ އެވެ. ކުޅުންތެރިނަކީ އެ ރަށުގައި ބަތަލުންނެވެ. މަސްވެރި ރަށުގެ މަސްވެރިން މަހަށް ގޮސް ޓީމަށް މާލީ ގޮތުން އެހީތެރިވެ އެވެ. ކުޅުންތެރިން ތިބެނީ ހަމައެކަނި ކުޅޭށެވެ.

އެކަމަކު އޭރު އަލީ ޝިހާމަށް މާލޭގެ ބޮޑެތި ކްލަބްތަކުގެ ނަޒަރު ހުރީ ހުއްޓިފަ އެވެ. ބޮޑު މުސާރަ ދީގެން އޭނާ ހޯދަން ބޭނުންވި އެވެ. އެ ހުށައެޅުންތަކަށް އަބަދު ފުރަގަހެއް ވެސް ނުދެވޭނެ އެވެ. އެކަމަކު އެ ނިންމުން ވާނީ އަމިއްލަ ރަށުގެ ރައްޔިތުންގެ ހިތުގައި ޖެއްސުމަށެވެ. ދުވަސްކޮޅަކަށް ނަމަވެސް އެ ހިތާމަ އޮންނާނެ އެވެ. އަދި ބައެއް މީހުންގެ ހިތުގައި ރުޅިވެރިކަން ވެސް އުފެދޭނެ އެވެ.

އެކަމަކު އަލީ ޝިހާމް ބުނި ގޮތުގައި އޭރު 'ހަވީރު'ން ދެމުން ދިޔަ ރަން ބޫޓު ފަދަ ކާމިޔާބީތައް ހޯދުމުގައި ހުރާއަށް ވުރެ ވަރުގަދަ ޓީމެއްގައި ކުޅުން މުހިންމެވެ. 'ހަވީރު'ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހުރާގައި ހުރެ 1999 ގައި އޭނާ ހޯދި އެވެ. އެކަމަކު އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދެމުން އައި ރަން ބޫޓު އޭނާއަށް ލިބުނީ، އެ ނިންމުން ނިންމި ހިސާބުންނެވެ.

  • 'ހަވީރު' ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓާ އެކު 2001 ގައި އަލީ ޝިހާމް، އެ އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ނިޒާރު އިބްރާމްއާ އެކު
  • ނިއު ރޭޑިއަންޓަށް ކުޅުނު އިރު ލިބުނު ތައްޓަކާ އެކު އަލީ ޝިހާމް އޭނާގެ ބައެއް ސަޕޯޓަރުންނާއި ދަރިންނާ އެކު
  • އަލީ ޝިހާމް ދެކޭ ގޮތުގައި އަމިއްލަ ރަށް ހުރާ ޓީމު ދޫކޮށް 2001 ގައި ވެލެންސިއާއަށް ބަދަލުވުމަކީ އޭރަށް ބަލާއިރު ރަނގަޅު ނިންމުމެއް

އެއީ 2001 އެވެ. ވެލެންސިއާއަށް ސޮއިކުރުމާ އެކު، ކުރިން ވެސް ހީކުރި ގޮތަށް، ރަށު ރައްޔިތުންގެ މެދުގައި އޭނާއާ މެދު ހިތްހަމަނުޖެހުން އުފެދުނެވެ. އެކަމަކު އޭނާގެ ފަހަތުން އެހެން ދެ ކުޅުންތެރިޔަކު އައިއެފްސީއަށް ބަދަލުވުމުން، ހަމައެކަނި އޭނާއަށް ނަޒަރު ހުއްޓޭ ގޮތެއް ނުވި އެވެ.

"އަސްލު ލާރިއަށް ވެސް ބެލިން. ކެރިއާއަށް ވެސް ބެލިން. ރަން ބޫޓު ހޯދަން ވެސް ބެލިން. ހިތަށްއެރީ ހަމަ ޗޭންޖެއް އެބަ ބޭނުންވޭ ރަނގަޅުކުރަން،" އަލީ ޝިހާމް ބުންޏެވެ.

"އެންމެ ރަނގަޅު އޮފާއެއް ލިބުނީ ވެލެންސިއާއިން. ދެން ބެލިން އެކުގައި ގައުމީ ޓީމަށް ކުޅުނު އަލީ އުމަރު، ތޮއްޑޫ ނިޒާމް ވެލެންސިއާގައި ތިބީމާ އެ މީހުންނަށް ވެސް."

އޭނާގެ އެ ނިންމުގެ ނަތީޖާ ބަރާބަރެވެ. އެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ވެސް ލިބުނެވެ. އަދި ޖެހިގެން އައި 2002 ގައި ވެސް ރަން ބޫޓު ހޯދި އެވެ.

ހުރާ ދޫކޮށްލުމުން ރަށު މީހުން އައި ރުޅީގައި އޭނާ ރަށުގެ ދޯނިފަހަރަށް ވެސް ނާރުވާކަމުގެ އަޑުތަކެއް އެދުވަސްވަރު އެރި އެވެ. އެކަމަކު އަލީ ޝިހާމް ބުނީ އެއީ ދޮގެއް ކަމަށެވެ.

"އެކަނިވެރިކަން އިހުސާސްކުރެވުނު. ހިތްހަމަނުޖެހޭ ބަޔަކު ތިބި. ފުރަތަމަ ކޮޅު އުނދަގޫވި. އެކަމަކު ދެ ވަނަ ދަތުރު ރަށަށް ދިޔަ އިރު ވަރަށް ރަނގަޅު ވެއްޖެ،" އޭނާ ބުންޏެވެ.

"ރަށަށް ދާ ދޯނިފަހަރަށް ނާރުވައޭ ކިޔައިގެން އެ ދެއްކި ވާހަކަ އެއީ ދޮގެއް."

ޓްބޯޅާގައި ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން އަލީ ޝިހާމް ހިފީ، އޭނާ ބޭނުންވާ ކާމިޔާބީ އާއި އަމާޒަށް ވާސިލްވުމުގައި ވެސް، އެ ނިންމުންތައް މުހިންމުވުމުންނެވެ.

އުފަލުން، އަދި އެހާމެ ފަހަރުވެރިވޭ

ރަށާ ޖެހިގެން އޮންނަ ފޯ ސީޒަން ރިސޯޓްގެ ހައުސްކީޕިން ސްޕަވައިޒަރުގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ 45 އަަހަރުގެ އަލީ ޝިހާމްއަށް ގައުމީ ޓީމަށް ކުޅުމަކީ "ވަރަށް ފަހުރުވެރި، ވަރަށް ބޮޑު އުފަލެކެ"ވެ. ގައުމީ ޓީމުގެ އެ ދުވަސްވަރުގެ ހަނދާންތައް އޭނާއާ ވަތްކެއް ނުވެ އެވެ. އެންމެ ފަހުން ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝޕްގެ ހުރިހާ މެޗެއް އޭނާ ބެލީ، އެ ފަހުރުވެރިކަން އިހުސާސްކުރަމުންނެވެ.

"ނުކުމެ ކުޅޭ ހިތްވަނީ. ދަނޑު މަތީގައި ހުންނަ ކަހަލަ. ވަރަށް އިހުސާސްކުރެވޭ. ވަރަށް އުފާވެރި،" މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުން އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

މާލޭގައި އޮތް ގައުމީ ޓީމުގެ ރަސްމީ މެޗަކަށް ނުކުތުމުގެ ކުރިން އަލީ ޝިހާމް (19) އާއި އޭރުގެ ފުރަތަމަ 11

އެހާ ބޮޑު އުފަލެއް ލިބުމުގައި ސަބަބުތަކެއް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ، އެ ފެންވަރުގެ ކުޅުންތެރިޔަކަށް ވެދާނެކަމަށް ފުރަތަމަ އުއްމީދު ވެސް ކުރެވިފައި ނެތުމެވެ. އެކަމަކު ހުރާގައި އެ ދުވަސްވަރު އެ ކުރި ހިތްވަރާއި ޝައުގުވެރިކަން، އޭނާ ބަދަލުކޮށްލީ ގައުމީ ތަރިއަކަށެވެ.

"އެ ލެވެލްއަށް ދެވިދާނެ ކަމަށް ހިއެއް ވެސް ނުކުރަން،" އަލީ ޝިހާމް ބުންޏެވެ.

"މަސައްކަތް ފެށީމާ އިހުސާސްކުރެވުނީ ވެދާނެއޭ. ޑިސިޕްލިން އާއި އެޓިޓިއުޑް ރަނގަޅުވީ. އެ ހިސާބުން ފީލްވެއްޖެ ގައުމީ ލެވެލްގައި ކުޅެވިދާނެ ކަމަށް."

އަނިޔާވެގެން ކުޅުމާ ދުރަށް ދާން ޖެހުމާ ހަމައަށް، އޭނާ ދެއްކީ ހުނަރެވެ. ކުޅިބަލާ މީހުންގެ ފޫހިފިލުވައިދިނެވެ. ގައުމީ ޓީމުގެ މެޗުތަކުގައި އުއްމީދުތައް ގެނެސްދިނެވެ. އެ ބާރު ދުވުމާއި އެ ނެއްޓުންތަކާއި، އެ ގޯލްތައް، އޭރުގެ އެތައް ބައެއްގެ ހަނދާނުގައި އަދިވެސް ހުންނާނެ އެވެ. ބައެއް މީހުން އޭނާ ފެންނަ އިރަށް، "އައްޔާ އަދިވެސް ހަމަ ހީވަނީ ކަލޭ ކުޅޭހެންނޭ" ބުނެލެވެނީ، އެ ރަން ހަނދާންތަކުގެ ސަބަބުންނެވެ.

ރާއްޖޭގެ ކުރީގެ އެއް ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ޝިހާމް އޭނާގެ ދެވަނަ ފިރިހެން ދަރިފުޅު އަހުމަދު އަޔާމްއަށް ފުޓްބޯޅައިން ލިބުނު ކާމިޔާބީއެއް ފާހަގަކުރަން ނެގި އާއިލީ ފޮޓޯއެއްގައި

ތިން ކުދިންގެ ބައްޕަ މިއަދު ފެންނަނީ އޭރު އެ ހުރި ކަސްރަތީ ހަށިގަނޑާ ތަންކޮޅެއް ދުރުވެފައި ހުއްޓަ އެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތުގައި ރިސޯޓްގައި އުޅެން ޖެހުނު ގޮތާއި ހަށިގަނޑަށް އަޅާނުލެވުމުން ބަރުދަން 85 ކިލޯއަށް އެރި އެވެ. އެކަން ވިސްނި މިހާރު 75 ކިލޯއަށް ތިރިކޮށްލައިފި އެވެ.

"މިހާރު މި އުޅެނީ މެއިންޓެއިންކުރުމުގައި. އެކަން ވާނެ،" އޭނާ ބުންޏެވެ.

ކުޅިވަރުގެ ކާމިޔާބު ހަޔާތެއް ނިންމާލިތާ 20 އަހަރު ވާ އިރު އޭނާގެ ހިތުގައި އޮތީ އެ ދުވަސްވަރުގެ ހަނދާންތަކެވެ. އޭރުގެ ދިވެހިންގެ ލޯބި ލިބުނު މީހަކަށް ވެވުނުކަމުގެ އުފަލެވެ. ބުރަ މަސައްކަތުން ގައުމުގެ އެންމެ މަތީ ފެންވަރަށް ދެވުނުކަމުގެ ފަހުރެވެ. ރަށަށާއި އޭނާ ކުޅުނު ޓީމުތަކަށް ކާމިޔާބީތައް ހޯދައިދެވުނުކަމުގެ ހިތްހަމަޖެހުމެވެ.

އަލީ ޝިހާމް  ކުޅެފައިވާ ލަވައެއް. މިއީ އޭރު ވަރަށް ބޮޑު އަގެއް ދީގެން ކުޅުވި ލަވައެއް

ކޮމެންޓް (2)

މުހައްމަދު

29 ޖެނުއަރީ 2022
ކުޑަ މޫސަ ހުރަހަށް ފޮނުވާ ، މޫސަ އަށާއި ހުރާގެ ޓީމަށް ޙަރަދު ކުރެއްވި ޑީން ގެ ވާހަކަ ވެސް ހިމަނާލި ނަމަ އިތުރަށް ފުރިހަމަވީސް
0 1

އަނިލް

28 ޖެނުއަރީ 2022
އައްޔަ ވަރެއްނެތް
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް