ނަދީމްގެ ކަޅު ރޭ: މުޅި ދަނޑަށް ފެތުރުނީ ކަށިގަނޑު ބިނދުނު އަޑު

6 ސެޕްޓެމްބަރު 2021
1

އެއީ 10 ސެޕްޓެމްބަރު 1989 ދުވަހުގެ ރެ އެވެ. ގަލޮޅު ދަނޑު އޮތީ ދިއްލައިފަ އެވެ. ކުޅިބަލާ މީހުންތަކުން ދަނޑު ފުރިފަ އެވެ.

ވިކްޓަރީގެ ދޮން ބިލެތް އަހުމަދު ހަލީމް، މެދު ރޮނގާ ހަމައިން ޖެހި ހިލޭ ޖެހުން، ނިއުގެ ޕެނެލްޓީ އޭރިޔާ ކުރިމަތިން ހޯދައި، މެދުތެރެއިން  ލިބުނު ބޯޅަ، އޭރު ބާރު ސްޕީޑްގައި ކުރިއަށް ދުވަމުން ދިޔަ ނަދީމަށް ޖައްސާލި އެވެ. ވިކްޓަރީގެ އެންމެ ފަހަތުގައި ހުރި ދިފާއީ ކުޅުންތެރިޔާ މުހައްމަދު ސިރާޖު، ސެންޓަ ސާކަލްގެ ތެރެއިން ނަދީމާ ދިމާއަށް ބާރަށް ދެ އެވެ. ނަދީމު އޭނާ ކައިރިން ބޯޅަ ނައްޓާލަ އެވެ. އެކަމަކު ސިރާޖު ޖެހި ޓެކްލް އިން ފައި ސަލާމަތެއް ނުކުރެވުނެވެ.

ކަށިގަނޑު ބިނދުނު އަޑު، މީހުންތަކުން ފުރިފައި އޮތް، ގަލޮޅު ދަނޑަށް ފެތުރުނެވެ. ވެއްޓިފައި އޮތް ނަދީމަށް ކަނާތު ފައިގެ އެ ހިސާބުގައި ދެ އަތުން ހިފަހައްޓާލެވުނެވެ.

"އޭރު ވެސް އެނގުނު ކަށިގަނޑު ބިނދިފައި އޮތްކަން،" މީގެ 32 އަހަރު ކުރިން ކުޅުނު އަދި ފޯރީގެ ގޮތުން ބަލާ ނަމަ ރާއްޖޭގެ ފުޓްބޯޅައިގެ ރަން ދުވަސްވަރު ފެނުނު އެ މެޗުގައި ދިމާވި ހާދިސާގެ މަތިން ހަނދާން އާކުރަމުން ނަދީމް ބުންޏެވެ.

ރާއްޖޭގެ ކުޅިވަރުގެ ތަރި މުހައްމަދު ނަދީމްގެ ފައި 10 ސެޕްޓެމްބަރު 1989 ގައި ބިނދިގެން ލިބުނު އަނިޔާއަށް ދިވެހި ބޭސްކުރަން ދ. މާ އެނބޫދޫގައި: އަނިޔާއިން ސަލާމަތްވީ ދެ އަހަރު ވާން އުޅެނިކޮށް.

އޭގެ ފަހުން ބޮޑު ދެ ކަމެއް ކުރިމަތިވި އެވެ: އެއް ކަމަކީ އޭރުގެ އެންމެ ފާހަގަކުރެވޭ އެއް ފޯވަޑް އަދި ވޮލީގައި ނަމަ ބާރު ޝޮޓް ޖެހުންތެރިޔާ ނަދީމުގެ ކުޅިވަރުގެ ހަޔާތް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހަށް މެދު ކެނޑުމެވެ. ދެ ވަނަ ކަމަކީ، ވިކްޓަރީގެ ފުޓްބޯޅަ ޓީމުގެ އެއް ތަނބު ސިރާޖު ކުޅިވަރުގެ ދަނޑުތަކުން ގެއްލުމެވެ.

އިރާދަކުރެއްވިއްޔާ މި ދަނޑުގައި ކުޅެލަން އެނބުރި އަންނާނަން

ދަނޑުން ބާލަމުން ދިޔަ އިރު ނަދީމް ބުނެލި ވާހަކައެއް

ދެ ޓީމުގެ ސަޕޯޓަރުންނަށް ލިބުނު މި ދެ ހިތާމައާ ގުޅުނު މެޗުގައި ނަދީމުގެ ފައި ބިނދުނު ވަގުތުގެ ކުރިންނާއި ފަހުން ވެސް، އަނިޔާވެރި އެތައް ކަމެއް ފެނުނެވެ. އޭގެ ކުރިން ސިރާޖުގެ ފައިން ޖެހި، ނަދީމުގެ ބޭބެ މޫސާ މަނިކު (ކުޑަމޫސަ)ގެ ކަތުރުކަށިގަނޑަށް އަނިޔާވި އެވެ. އަދި ނަދީމުގެ އަނިޔާއަށް ފަހު ދެ ވަނަ ހާފުގައި ކުޅުން ފެށުމާ އެކު، ވިކްޓަރީގެ ސްރީ ލަންކާ މިޑްފީލްޑަރު ނިހާލްގެ ކަކުލަށް މޫސަ ދިން ހަމަލާއެއްގައި، އޭނާ ދަނޑުން ބޭލި އެވެ.

ރެފްރީ ހީނާ އަހުމަދު ސަލީމް އެ މެޗުގައި ސިރާޖަށާއި މޫސައަށް ވެސް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު އޭރު ކުޅިވަރުގެ ހުރިހާ ކަމެއްގައި ސަރުކާރުގެ އިސް ވުޒާރާ، ހޯމް މިނިސްޓްރީން ވަނީ ފަހުން، ސިރާޖުގެ އަމަލްތައް ހުރި ގޮތް ކަމަށް ބުނެ، ތިން އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. ސަރުކާރުން ބާއްވާ ކުޅިވަރު މުބާރާތެއް ހިނގާ ތަނަކަށް ވެސް އޭނާއަށް ނުވަދެވޭނެ ކަމަށް، ހޯމް މިނިސްޓްރީން ބުންޏެވެ.

ފުޓްބޯޅާގައި ވިކްޓަރީ އޭރު ހޯދި ގިނަ ކާމިޔާބީތަކެއް ހިއްސާކުރި ސިރާޖުގެ ކުޅިވަރުގެ ހަޔާތް އެހާ ހިސާބުން ނިމުނީ އެވެ. ފުޓްބޯޅައިގެ އިތުރުން އޭރު ސިރާޖަކީ ކްރިކެޓާއި ހޮކީގައި ވެސް މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.

އަށް މަސް، ރަނގަޅެއް ނުވި

ނަދީމް އުފުލަމުން ދިޔައީ ވަރަށް ބޮޑު ވޭނެކެވެ. ގަލޮޅު ދަނޑުން އޭނާ ސްޓްރެޗާގައި ނެރެގެން އޭރުގެ ސެންޓްރަލް ހޮސްޕިޓަލް (މިހާރު އޭޑިީކޭގައި ހުންނަ ބިމުގައި ހިންގި ސަރުކާރުގެ މައި ހޮސްޕިޓަލް) އަށް ގެންދިޔައީ ސަޕޯޓަރުންގެ އަތްމަތީގަ އެވެ. އެކްސްރޭ ނަގަން ބޫޓު ނައްޓާލައި "އިސްޓާކީނު ކަފާލުމުން ފައިތިލަ އޮތީ އެއްކޮށްހެން ވަކިވެފައި" ކަމަށް، ނަދީމް ބުންޏެވެ.

އޭރު ބިނދިގެން ލިބޭ އަނިޔާތަކުގައި ޕްލޭޓް އަޅުވައި، އިސްކުރު ޖެހުން ފަދަ ފަރުވާތަކެއް ނުލިބެ އެވެ. ކަށިގަނޑު ސީދާކޮށް ޕްލާސްޓަރު އަޅާފައި، އެރޭ ނަދީމް ގެއަށް ފޮނުވާލި އެވެ. ހޮސްޕިޓަލްއާ ގާތްގަނޑަކަށް ހަތަރު ސަތޭކަ މީޓަރު ދުރުގައި ހުރި ގެއަށް އެމްބިއުލެންސްގައި ނަދީމް ގެންދަން އެތައް އިރެއް ނެގި އެވެ. ނިއުއަކީ ހެންވޭރަށް ނިސްބަތްވާ އަދި ސަޕޯޓަރުން ވެސް ގިނަ ކްލަބެކެވެ. މެޗު ނިމުމުން ހުރިހާ ސަޕޯޓަރުން ހެން އެއްވީ ނަދީމްގެ ގެ ފުސްވިލާގެ ހުންނަ ހިސާބަށެވެ.

"މީހުން ގިނަކަމުން އޮތީ ފުރިފައި،" ނަދީމް ބުންޏެވެ.

މުހައްމަދު ނަދީމް (ކޮޅަށް ކަނާތުން 4 ވަނައަށް) 1980ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ ވެލެންސިއާ ފުޓްބޯޅަ ޓީމުގައި: ނަދީމްގެ މުޅި އާއިލާ ނިއު ރޭޑިއަންޓަށް ސަޕޯޓްކުރި އިރު ވެލެންސިއާއަށް އޭނާ ދިއުމުން އެތައް ބަޔަކު ހައިރާންވި.

ސަރުކާރުން ނިންމީ އޭނާ ސިންގަޕޫރަށް ފޮނުވާށެވެ. އެހެންކަމުން އަނެއް ދުވަހުގެ ފްލައިޓުން ސިންގަޕޫރަށް ގެންދިޔަ އެވެ. މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ ޑޮކްޓަރުން ކަށިގަނޑު އިތުރަށް ސީދާކުރި އެވެ. އެނބުރި ރާއްޖެ އައީ ދެ ހަފުތާ ފަހުންނެވެ.

ނަދީމުގެ އުއްމީދަކަށް ވެފައި އޮތީ ވީހާވެސް އަވަހަކަށް އަލުން ކުޅިވަރަށް ނުކުތުމެވެ. އެކަމަކު އެ ފުރުސަތު ލިބޭނެ މިންވަރަށް ފައި ރަނގަޅުވަމުންނެއް ނުދިޔަ އެވެ. އެންމެ ފަހުން އެކި މީހުންގެ ލަފަޔާ އެއްގޮތަށް ދިވެހި ބޭސްކުރަން ދ. މާއެނބޫދުއަށް ދިޔައީ އެވެ. އެނބުރި މާލެ އައީ ރަށުގައި ތިން މަސް ހޭދަކޮށްފަ އެވެ. ހިނގާ އުޅުނީ އަސާގަނޑެއް ބޭނުންކޮށްގެންނެވެ.

ނަދީމް ބުނާ ގޮތުން، އެ ދަތުރަށް ފަހު، ފައިގެ ހާލަތު ބަލަން އެކްސްރޭ ނަގަން ގެއިން ސެންޓްރަލް ހޮސްޕިޓަލަށް ދިޔައީ ވެސް ހިނގާފަ އެވެ. އޭރު ވެސް ބިނދުނު ހިސާބު ހުންނަނީ ދުޅަކޮށެވެ. އެކްސްރޭ ނެގުމުން އެނގުނީ ދެ ކަށިގަނޑު ފުށުއަރާފައި ހުރި ކަމެވެ.

"އަހަންނަށް ރޮވުނު،" އަނިޔާގައި އަށް މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރިއިރު ވެސް، ފަރުވާ ނުނިމޭކަން އެނގުމުން ކުރެވުނު އިހުސާސްތައް ކިޔައިދެމުން ނަދީމް ބުންޏެވެ.

ރާއްޖޭގައ ޕްލޭޓް އަޅުވައި، އިސްކުރު ޖެހި ފުރަތަމަ އޮޕަރޭޝަން

ނަދީމުގެ ނަސީބު ރަނގަޅެވެ. ސެންޓްރަލް ހޮސްޕިޓަލަށް އޭނާ ދިޔައިރު، ދުނިޔޭގައި ވެސް އޭރު ކަށީގެ މަޝްހޫރު ޔޫރަޕްގެ ޑޮކްޓަރަކު ހުއްޓެވެ. ދޭތެރެ ދޭތެރެއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ އެ ޑޮކްޓަރު ސެންޓްރަލް ހޮސްޕިޓަލަށް ޒިޔާރަތްކުރި ފުރަތަމަ ދުވަހަކީ ވެސް އެވެ. ނަދީމުގެ އެކްސްރޭ ބެލުމަށް ފަހު އޭނާ ނިންމީ އޮޕަރޭޝަންކުރާށެވެ. އެއީ ބިނދުނު ކަށިގަނޑެއް ރަނގަޅުކުރަން ޕްލޭޓް އަޅުވައި އިސްކުރު ޖެހި ފުރަތަމަ އޮޕަރޭޝަން ކަމަށްވެ އެވެ.

އޮޕަރޭޝަނާ ކުރިމަތިލުމުގެ ކުރިން ނަދީމް ހާސްވި އެހެން ކަމެއް ވެސް ދިމާވި އެވެ. ޑޮކްޓަރު ބުނީ އެ ފައި އޭރު ތަންކޮޅެއް ކުރުވެފައި ހުރި ކަމަށެވެ. އެހެންކަމުން ކަށިގަނޑު އަލުން ދިގުކުރުމުގެ ގޮތުން ކުޑަކޮށް ބުރިކޮށްލަން ނިންމި އެވެ.

"(ކަށިކޮޅު ހެދެން) ގެޕެން ބާއްވަފައި، ޕްލޭޓް ޖަހާފައި އޮޕަރޭޝަންކުރީ،" ނަދީމް ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ކުޅިވަރުގެ އެއް ޝަހުސިއްޔަތު މުހައްމަދު ނަދީމްގެ ކުޑައިރުގެ ފޮޓޯއެއް: އޭނާއަކީ ވަރަށް ގިނަ ކުޅިވަރުތަކަކުން މަތީ ފެންވަރުގައި ވިދާލި ކުޅުންތެރިއެއް/އެތުލީޓެއް

"ގެޕް އަމިއްލައަށް ފޯމްވެގެން ރަނގަޅުވީ."

ޖުމްލަ 13 އިސްކުރު ޖެހި އޮޕަރޭޝަނަކީ، ހުރިހާ ގޮތަކުން ބެލި ނަމަވެސް، ނަދީމްގެ ނަސީބެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެ ވަރުގެ މޮޅު ޑޮކްޓަރަކާ އެ ވަގުތު ދިމާވުމަކީ އެ ނަސީބުގެ އަނެއް ބަ އެވެ. ކުޅެން ނުކުމެވޭ ވަރުވީ 1991 ގެ މެދުތެރޭގަ އެވެ. އޭރު ފައި ބިނދުމުގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަތާ ދެ އަހަރު ވާން ކައިރިވަނީ އެވެ.

ޕްލޭޓާއި އިސްކުރުތައް ނެގުމުގެ އޮޕަރޭޝަންކުރެއްވީ ރާއްޖޭގައި ސާޖަނެއްގެ ގޮތުން އޭރު މަޝްހޫރުވި އަދި ވަރަށް ދިގު މުއްދަތެއްގައި ދިވެހިންނަށް ހިދުމަތްކޮށްދެއްވި ޑރ. ފިރުދައުސް އެވެ.

"އިރާދަކުރެއްވިއްޔާ އެނބުރި އަންނާނަން"

ފައި ބިނދިގެން ސްޓްރެޗާގައި ގަލޮޅު ދަނޑުން ބޭލިއިރު، އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހުރީ އެއް ބަފާ ބޭބެ އަދި ފުޓްބޯޅަ އާއި ވޮލީގެ އޭރު އެންމެ އަލި ގަދަ އެއް ތަރި ކުޑަމޫސަ އެވެ. އެ ހާލަތުގައި އޮވެ ވެސް، މޫސަ ކައިރީގައި ނަދީމަށް ބުނެވުނު ވާހަކަ މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ.

  • ސާފް ގޭމްސްގައި މުހައްމަދު ނަދީމް ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ކުޅެނީ: ގިނަ ކުޅިވަރުތަކެއްގައި ނަދީމަކީ މޮޅު ކުޅުންތެރިއެއް
  • ގައުމީ އެތުލެޓިކްސް މުބާރާތުގެ އިވެންޓަކުން ރަން މެޑެލްއާ މުހައްމަދު ނަދީމް ހަވާލުވަނީ: ރާއްޖޭގެ އުސް ފުންމުމުގެ ގައުމީ ރެކޯޑް އެތައް އަހަރެއް ވަންދެން ނަދީމްގެ އަތުގައި އޮތް
  • މުހައްމަދު ނަދީމް އާއި އަންހެނުން ޝާއިރާ އާދަމް: ނަދީމްގެ ކުޅިވަރުގެ ހަޔާތުގައި އާއިލާގެ ދައުރު ވެސް ވަރަށް ބޮޑު

"އިރާދަކުރެއްވިއްޔާ މި ދަނޑުގައި ކުޅެލަން އެނބުރި އަންނާނަން،" ހަނދާންތައް އާކުރަމުން އޭނާ ކިޔައިދިނެވެ.

އެކަމަކު ނަދީމް އެގޮތަށް އުއްމީދުކުރިޔަސް އޭނާގެ އަނިޔާގެ ބޮޑުކަމުން އެތައް ބަޔަކު އުއްމީދު ކަނޑާލި އެވެ. ރާއްޖޭގައި އެހާ ބޮޑު އަނިޔާއެއް ލިބި، އަލުން ކުޅެން ނުކުތް މީހުން އޭރަކު ނޫޅެ އެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި 1985 ގައި އޮތް ދެ ވަނަ ސާފް ގޭމްސްގައި އޭރު ވެލެންސިއާގެ މަޝްހޫރު މިޑްފީލްޑަރު އަބްދުއްޝުކޫރުގެ ފައި ބިނދުނު އިރު، ގައުމީ ޓީމުގެ އެއް ޑިފެންޑަރަކީ ނަދީމެވެ. ޝުކޫރަށް އެ އަނިޔާ ލިބުނީ ރާއްޖޭގެ ގޯލަށް ދޭން އުޅުނު ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގަ އެވެ.

މުހައްމަދު ނަދީމް އޭނާގެ އަންހެނުން ޝާއިރާ އާދަމް އާއި އަންހެން ދަރިފުޅު އީމާ ނަދީމް އާއި ފިރިހެން ދަރިފުޅު އީލާފް ނަދީމް.

ޝުކޫރަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ޝަކުވާ، އޭނާ ދަންނަ މީހުން އޭރު ވެސް ކުރި އެވެ. އޭގެ ފަހުން ކުޅިވަރުގެ ހަޔާތާ ޝުކޫރު ވަކިވީ އެވެ.

އެކަމަކު ނަދީމުގެ ކުޅިވަރުގެ ތަރި އޮއްސިގެން ނުދިޔަ އެވެ. އެނބުރި ދަނޑަށް/ކޯޓަށް ނުކުންނަން ކުރި އުއްމީދުތައް ބޭނުންވިހާ އަވަހަށް ހަގީގަތަކަށް ނުވިޔަސް އޮޕަރޭޝަނަށް ފަހު ނަދީމު އަނެއްކާވެސް އާންމުންނަށް ފެންނަން ފެށި އެވެ. އަނިޔާވި އިރު އެ އަހަރުގެ ސާފް ގޭމްސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ނަދީމް ނަގާފައި އޮތްކަން، އޭނާއަށް އެނގެ އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ބާއްވާ ސާފް ގޭމްސްގައި ނަދީމް ހިޔާރުކުރީ ވޮލީގައި ނުކުންނާށެވެ. ފައި ރަނގަޅުވަމުން އައި އިރު ވޮލީ ކުޅުންތެރިން އޭނާގެ ކިބައިން އެކަމަށް އެދެމުން ވެސް  ދިޔަ އެވެ.

ނިއު ރޭޑިއަންޓްގެ ވޮލީ ޓީމާ އެކު ނަދީމް (ކޮޅަށް ކަނާތުން ތިންވަނައަށް) 1990އަހަރުތަކުގެ ކުރީކޮޅު: ނަދީމް ވަނީ ފުޓްބޯޅައިގެ އިތުރުން ވޮލީ ވެސް މަތީ ފެންވަރުގައި ކުޅެފައި

"އަހަރެން ހަނދާންވޭ ގައުމީ ޓީމުގެ ޕްރެކްޓިސް ފެށިއިރު އަދި އަހަރެން ކުޅޭކަށް ނުފަށަން. ހާޒިރީ މާކުކުރަން ކޮންމެ ދުވަހަކު ވެސް ކޯޓަށް ދަން،" ނަދީމް ބުންޏެވެ.

އެކަމަކު ޑިސެމްބަރު މަހު އޮތް ސާފް ގޭމްސް ފެށެންވާ އިރަށް ނަދީމު ފިޓްވެ، އޭނާގެ ކުޅުން ދެއްކި އެވެ.

އެ އެނބުރި އައުމަށް އިތުރު ހުއްޓުމެއް ނައިސް، އެކި ކުޅިވަރުތަކުގައި، ހާއްސަކޮށް ފުޓްބޯޅަ އާއި ވޮލީގައި، ނަދީމް ހޯދި ކާމިޔާބީތައް ގިނަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު ވޮލީ ކޯޗެއްގެ ގޮތުން ވެސް، ބޮޑެތި އެތައް ކާމިޔާބީއަކާ ހަމައަށް ދިޔަ އެވެ. އޭނާއަކީ ކުޅިވަރުގެ އާއިލާއަކުން ނުކުތް، ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެއްކަން ސާބިތުކޮށްދިނެވެ.

ހުނަރު ނެރެން ބުރަ މަސައްކަތް

މަޖީދިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރި އިރު ވަނަ ނުހޯދާ ކުޅިވަރެއް ނެތެވެ. ބައިސްކަލް ރޭސްތަކާއި ވޮލީ އާއި ފުޓްބޯޅަ އާއި އެތުލެޓިކްސް އެވެ. އުސް ފުންމުމުގައި ގައުމީ ރެކޯޑް، އެތައް އަހަރެއް ވަންދެން ދެމެހެއްޓި އެވެ.

ސްކޫލަށް ފަހު ގައުމީ ދަނޑަށް ނުކުންނަން ބެލިއިރު ނަދީމަކީ ނިއު ރޭޑިއަންޓާއި ހިތާއި ލެއިން ގުޅިފައި އޮތް އާއިލާއެއްގެ މެމްބަރެކެވެ. އެކަމަކު އޭނާ ހިޔާރުކުރީ، ނިއުއާ ވާދަވެރި ވެލެންސިއާ އެވެ. ހެންވޭރު މީހުންނާއި ނިއުގެ ސަޕޯޓަރުންގެ ރުޅި އާއި ހިތްހަމަނުޖެހުމާ ކުރިމަތިލި އެވެ. ވޮލީ އާއި ފުޓްބޯޅައިގައި ނިއު ރޭޑިއަންޓްގެ އެންމެ ވަރުގަދަ ކުޅުންތެރިޔާގެ ގޮތުގައި ހުރި ބޭބެއާ ދެކޮޅަށް، އެ ދެ ކުޅިވަރުގައި ނުކުންނާކަށް ފަހެއް ނުޖެހުނެވެ.

ހާއްސަކޮށް ސިރާޖާ މެދު މި އިންސިޑެންޓްގައި އެއްވެސް ހިތްބުރަކަމެއް، އެކަހަލަ އެއްވެސް ކަމެއް ނެތް، އަދިވެސް އޭރަކު ވެސް

އެކަމަކު ސުވާލަކީ އެ ދުވަސްވަރު އެފަދަ ނިންމުމެއް ނިންމަން ކެރުނީ ކީއްވެގެން ހެއްޔެވެ؟ ނަދީމުގެ ޖަވާބު ވަރަށް ސާދާ އެވެ: އެއާ މޯލްޑިވްސްއަށް ވަންނަން ބޭނުންވުމާއި އެ ކުންފުނީގައި ވެލެންސިއާގެ ގިނަ ބަޔަކު އުޅުމާއި ނަދީމަށް ލިބެން ފެށި ގާތްކަމެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި 1984 ގައި އޮތް ފުރަތަމަ ސާފު ގޭމްސްއަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑްގައި ނަދީމު ހިމެނުނެވެ. އޭރު އޭނާ އުޅެނީ ސްކޫލްގަ އެވެ. އެކަމަކު މުބާރާތަށް ގެންދިޔަ ޓީމުން ޖާގައެއް ނުލިބުނެވެ. ބޫޓާން 1-0 އިން ބަލިކޮށް ލޯ މެޑެލް ހޯދައިގެން ރާއްޖެ އައުމުގެ ކުރިން ސްރީ ލަންކާގެ ގައުމީ ޓީމާ އެކު ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން އޮތީ ހަމަޖައްސައިފަ އެވެ. ނަދީމަކީ މޮޅު ކުޅުންތެރިއެއްކަން އެނގުނީ، އެ މެޗުތަކަށް ހާއްސަކޮށްގެން އޭނާ ލަންކާއަށް ގެންދިއައިމަ އެވެ.

"އަހަރެން އެކަނި މި ކޮޅުން ގެންދިޔައީ. ކޮންމެވެސް މީހަކާ އެކު ލަންކާއަށް ފޮނުވީ،" ނަދީމް ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ކުޅިވަރުގެ އެއް ޝަހުސިއްޔަތު މުހައްމަދު ނަދީމް، ފުލުހުންގެ ވަޒީފާގައި އުޅުނު އިރު ރަސްމީ ޔުނީފޯމްގައި: އޭނާ ވަނީ 38 އަހަރު ސަރުކާރަށް ހިދުމަތްކޮށްފައި.

ރާއްޖޭގެ ގައުމީ ޓީމު ތިބި ހޮޓަލަށް އޭނާ ގެންދިޔަ އިރު ދޮރު މަތީގައި ވެލެންސިއާ އާއި ނިއުއަށް ނިސްބަތްވާ ކުޅުންތެރިން ވެސް އޭނާއަށް މަރުހަބާ ކިޔަން ތިއްބެވެ. އެކަމަކު އޭނާ ގޮވައިގެން ކޮޓަރިއަށް ގެންދިޔައީ ވެލެންސިއާ ކުޅުންތެރިންނެވެ. އެހާ ހިސާބުން، ނަދީމް ބުނި ގޮތުގައި، ވެލެންސިއާގެ ކުޅުންތެރިންނާ ވަރަށް ގާތް ގުޅުމެއް އުފެދުނެވެ.

އޭރުގެ ކުޅުންތެރިންގެ ހުނަރު ދަންނަ ބައެއް މީހުން މިހާރު ވެސް ބުނާ ގޮތުގައި ނަދީމަކީ އާދަޔާ ހިލާފު ހުނަރުވެރިއެކެވެ. އެކަމަކު ނަދީމް ބުނާ ގޮތުގައި ގުދުރަތީ ގޮތުން އޭނާއަށް ލިބުނު ހުނަރަށް ވުރެ މުހިންމީ އޭނާ ކުރި މަސައްކަތެވެ. އެހެން ގޮތަކަށް ބުނާ ނަމަ ކުޅިވަރުތަކުގެ މަތީ ވަނައާ ހިސާބަށް ދެވުނީ ވަރަށް މަސައްކަތްކޮށްގެން، ދިރިއުޅުމުގެ ވެސް ވަރަށް ގިނަ ކަންކަން ފުރިހަމައަށް ބަހައްޓައިގެންނެވެ.

އެ އަހުލާގު މިހާރު ވެސް ނަދީމްގެ ކިބައިން ފެނެ އެވެ. ގަޑިއަށް ފަރުވާ ބެހެއްޓުމާއި ކެއުމާއި ނިދުން ވެސް، ތަރުތީބެއްގަ އެވެ. ކާމިޔާބީތަކުން ފުރިފައި އޮތް އޭނާގެ ކުޅިވަރުގެ ހަޔާތާއި އެއާ މޯލްޑިވްސް އާއި މަޖީދިއްޔާ ސްކޫލް އަދި ފަހުން ފުލުހުންގެ ހިދުމަތް އެއްކޮށްލުމުން 38 އަހަރު ސަރުކާރުގައި ހޭދަކުރި އެވެ. މީހުންނާ މެދު އަބަދުވެސް ދެކެނީ ރަނގަޅަށެވެ. ހިތުގައި އޮންނަނީ އިހުތިރާމެވެ.

ސިރާޖުގެ ޓެކްލްއިން ބޮޑު އަނިޔާއެއް ތަހައްމަލްކުރަން ޖެހުނަސް، އެކަން ހިނގި ވަގުތުކޮޅު ފިޔަވައި، ދެން ނަދީމް ގަބޫލުކުރީ "ކުޅިވަރުގައި މިފަދަ ކޮންމެ ކަމެއް ވެސް ދިމާވެދާނެއޭ" އެވެ.

"ސިރާޖު އެކަންޏެއް ނޫން، ތަފާތު ގިނަ އަނިޔާތައް އެބަ ހުރި ލިބިފައި. ހާއްސަކޮށް ސިރާޖާ މެދު މި އިންސިޑެންޓްގައި އެއްވެސް ހިތްބުރަކަމެއް، އެކަހަލަ އެއްވެސް ކަމެއް ނެތް، އަދިވެސް އޭރަކު ވެސް،" ނަދީމް ބުންޏެވެ.

ކޮމެންޓް (1)

ޔޫސުފް

8 ސެޕްޓެމްބަރު 2021
ނަދީމް ސަރ އަކީ ވަރަށް ހިތްވަރު ގަދަ އެހާމެ ހިތްހެޔޮ ބޭކަލެއް. ޢަބަދުވެސް ހެޔޮރަޙްމަތް ލެއްވުން އެދެން.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް