ފިލްމީ ތަރި އަދި ޑައިރެކްޓަރު އަހުމަދު ނިމާލް: އޭނާގެ ވަކިވެ ދިއުމަކީ ލިބުނު ހުސްކަމެއް

ދިވެހި ފިލްމު

ނިމާލްގެ ހަނދާންތައް އެތައް ބައެއްގެ ހަޔާތާ ގުޅިފައި

ފިލްމީ ތަރި އަހުމަދު ނިމާލު މިދިއަ ބުރާސްފަތިދުވަހު ނިޔާވި އިރު އެއީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް އެކްޓަރު އަދި ޑައިރެކްޓަރު ވެސް މެ
1 މާރިޗު 2026

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މިދިއަ ހުކުރުދުވަހު އޭނާގެ ފޭސްބުކްގައި، އިނގިރޭސިން ލިއަމުން ބުންޏެވެ:

"މިކަަހަލަ މަދު ސްލައިޑްކޮޅަކުން އަހަރެމެންގެ 35 އަހަރުގެ ރަހުމަތްތެރިކަމާއި އުފެއްދުންތެރި ހިޔާލުތަކާއި މަޖާ ވަގުތުކޮޅުތަކުގެ ވާހަކަތައް ކިޔައެއް ނުދެވޭނެ އެވެ."

އެ ދައްކަނީ މިދިއަ ބުރާސްފަތިދުވަހު އަޅުގަނޑުމެންނާ ވަކިވި އަހުމަދު ނިމާލްއާ ގުޅިފައި ހުރި ހަނދާންތަކުގެ ވާހަކަ އެވެ. އާދައިގެ ފަންނާނެއް ނޫނެވެ. ހުނަރުން ފުރިފައި ހުރި އެކްޓަރެކެވެ. ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އެޑިޓަރެކެވެ. އޭގެ ތެރެއަށް އިތުރުކޮށްލާ ނަމަ، މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް މެ އެވެ.

ނިމާލު ޓީވީގެ އިންޓަވިއުއެއްގައި

އުމުރުން 62 އަހަރުގައި ނިމާލް ނިޔާވީ، ޑިސެމްބަރު މަހު ޖެހުނު ސްޓްރޯކްގައި އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިއަ ބުރާސްފަތިދުވަހު އެވެ.

ނިމާލުގެ ހަނދާންތައް އާކުރާ ނަމަ ނިޔާޒަކީ އޭގެ މުހިންމު ބައެކެވެ. ނިމާލަކީ 1990ގެ  އަހަރުތަކުގެ ކުރީކޮޅު ޓީވީއެމްގެ އެންމެ މަޝްހޫރު ސިލްސިލާ 'ސަޅިބައިސާ'ގެ މައިގަނޑު ޝަހުސިއްޔަތެވެ. ޑައިރެކްޓަރަކީ ނިޔާޒެވެ. ލޮނުޒިޔާތްކޮޅު ތޮށިގަނޑު މަތީގައި ބަހައްޓާފައި ހުންނަ އުނދޯންޏެއްގައި އިނދެ، ނިމާލް ކަނޑަމުން ދިޔަ 'ސަޅިބައިސާ' އަކީ ޑައިރެކްޓަރެއްގެ ގޮތުން ނިޔާޒް އާއި އެކްޓަރެއްގެ ގޮތުން ނިމާލްގެ އެންމެ މުހިންމު އެއް އުފެއްދުމެވެ. ބެލުންތެރިންގެ އެހާމެ ބޮޑު ހަނދާނެކެވެ.

"ނިމާލަކީ މަލްޓި-ޓެލެންޓެޑް [އެތައް ހުނަރެއްގެ] މީހެއް،" މިއީ އޭނާ ސިފަކުރަމުން ކުރުކޮށް ނިޔާޒު ބުނެލި ވާހަކަ އެވެ.

އެންމެ އަވަސް ލަނޑާއި ނުދެއްކުނު 'ސަޅިބައިސާ'ގެ ފުރަތަމަ އެޕިސޯޑް

ނިމާލްގެ އެނގޭ ވާހަކަތަކާއި ނޭނގޭ އެކަމަކު ތާރީހީ ގޮތުން ފާހަގަކޮށްލެވޭނެ ކަންކަން އެބަ ހުއްޓެވެ. ތާރީހީ ކަމަކީ އެންމެ ނުވަ ސިކުންތު ތެރޭގައި، ގައުމީ ފުޓްބޯޅަ މުބާރާތުގައި އޭނާ ޖެހި ލަނޑެވެ. އޭރުގެ ކްލަބެއް ކަމަށްވާ ރޭވަންސްއަށް ކުޅެމުން އެ ލަނޑު ޖެހިތަން ނިޔާޒަށް ވެސް ފެނުނެވެ.

"އަހަންނަށް އެނގިފައި އޮތީ އަދިވެސް އެއީ ރާއްޖޭގެ ރެކޯޑް ކަމަށް،" އޭނާ ބުންޏެވެ.

ޓީވީއެމްގެ 1990ގެ އަހަރީ ދުވަހު ނިމާލް، ކަކުލައި ހިފަހައްޓާލައިގެން، ޓީވީގެ ބައެއް ރަހުމަތްތެރިންނާ އެކު

ނިމާލަކީ ހުނަރުވެރި ފޯވަޑެކެވެ. އެކަމަކު ފުޓްބޯޅައަށް ހުސްވުމަށް ވުރެ އޭނާގެ ލޯތްބަކަށް ވީ ޓީވީއެމްގައި ވަޒީފާ އަދާކުރުމާއި އެކްޓްކުރަން ވަގުތު ދިނުމެވެ. ޓީވީއެމްގެ ޕްރޮޑިއުސަރުގެ ވަޒީފާއަށް އޭނާ ވަނީ 1989 ނިމެން އުޅެނިކޮށެވެ.

'ސަޅިބައިސާ'އަށް ނިމާލް ނެގީ ވެސް އޭނާގެ އެކްޓްކުރުމުގެ ހުނަރާ ހެދި އެވެ. ނިޔާޒު ބުނި ގޮތުގައި ނިމާލަކީ އަމީތާބް ބައްޗަންގެ ވަރަށް ބޮޑު ފޭނެކެވެ.

"ހިނގަން ބޭނުންވާނީ އަމީތާބު ހިނގާ ގޮތަށް. އެކްޓްކުރަން ބޭނުންވާނީ އެގޮތަށް. އަމީތާބުގެ އަޑުން ވާހަކަ ދައްކަން ވެސް ބޭނުންވާނީ،" ނިޔާޒު ބުންޏެވެ.

ނިމާލް (ފުރަތަމަ ބަރީގައި ވާތުން ތިން ވަނައަށް އިށީނދެގެން) ޓީވީއެމްގައި އުޅުނުއިރު އޭރުގެ ރެފްރީޒް ކަޕްގައި ކުޅުނު ޓީމާ އެކު

'ސަޅިބައިސާ'އަކީ އުމުރުން ދުވަސްވީ މީހަކު އޭނާގެ ޒުވާން އިރުގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ. އެހެންކަމުން އެ ޝަހުސިއްޔަތު އުފަންވުމުގައި ވެސް އަމީތާބާ މެދު އޮތް ޝައުގުވެރިކަމުގެ ނުފޫޒު ފޯރި އެވެ. އަމީތާބްގެ 'އަގުނީޕަތު'ގައި އުމުރުން ދުވަސްވީ މީހެއްގެ ގޮތަށް ދައްކަން ބޭނުންކުރި މޭކަޕާ މެދު ނިޔާޒާއި ނިމާލު ވިސްނަން ޖެހުމަކީ އޭގެ ހެއްކެކެވެ. ނިމާލުގެ މޭކަޕް ހުންނާނެ ގޮތް ކަނޑައަޅަން އެ ވިސްނުންތަކުގެ ބޭނުންހިފި އެވެ.

ނިމާލު އޭނާގެ އަންހެނުން ފާތުމަތު ރަމީޒާއާ އެކު 1980ގެ އަހަރުތަކުގައި ކުޅުނު ލަވައެއް

'ސަޅިބައިސާ'ގެ ފުރަތަމަ އެޕިސޯޑް ހެދީ 3 ނޮވެމްބަރު 1988ގެ ޓެރަރިސްޓް ހަމަލާގެ ދެވަނަ އަހަރީ ދުވަހަށް، 3 ނޮވެމްބަރު 1990އަށް، ހާއްސަކޮށްގެންނެވެ. ނިޔާޒު ބުނިގޮތުގައި އެ އެޕިސޯޑް ބިނާކުރީ، އާންމުކޮށް ދިވެހި ތާރީހީ ހާދިސާތައް ފަހުން އޮޅުވާލާފައި ހުންނާތީ އެ ހަމަލާގެ ވާހަކަ ވެސް އޭގެ 20 އަހަރު ފަހުން ބަޔަކު ކިޔައިދީފާނެ ގޮތަށެވެ. 'ފޮނިތޮށި ކާފޫރުތޮޅި ލައިގެން' ގެންނަ އަމިއްލަ ބަދަލުތަކެވެ. މިސާލަކަށް އެ އެޕިސޯޑްގައި ދައްކާ ގޮތުން ތަމަޅަ ހަނގުރާމަވެރިން މާލެ ދޫކޮށް ދަނީ ރަންނަމާރި އެރުމުން، އެކަމާ ބިރުންނެވެ.

"ދިވެހި ތާރީހު މި ހުންނަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައި. އެހެންވެ އަހަރެމެން އަސްލު ދެއްކީ މިސާލަކަށް 20 އަހަރު ފަހުން މީހުން ނޮވެމްބަރު 3 ވެސް ބަދަލުކޮށްލާނޭ، އެހެންވެ އެ އައިޑިއާއަށް،" ނިޔާޒް ބުންޏެވެ.

ނިމާލު އިސް ރޯލު ކުޅުނު އެ އެޕިސޯޑް އެފަހަރު ޓީވީއެމުން ނުފޮނުވަ އެވެ. އެއީ ދައްކަން ރަނގަޅު އެއްޗެއް ކަމަށް ނުފެނުނީ އެވެ.

ނަމަވެސް އޭގެ ފަހުން ނިޔާޒު ވަނީ ނިމާލް ބޭނުންކޮށްގެން 'ސަޅިބައިސާ'ގެ ވަރަށް ކާމިޔާބު އެޕިސޯޑްތައް ހަދައިފަ އެވެ. އެއީ އޭރަށް ބަލާއިރު ވެސް މުޅިން ތަފާތު ފެންވަރެއްގެ އުފެއްދުމެކެވެ.

ޓީވީއެމުން ވަކިވެ ނިމާލް ދެން ބޮޑަށް ހުސްވީ ފިލްމީ ދާއިރާއަށެވެ. ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކުރި އެވެ. މުހިންމު އެތައް ރޯލަކުން ފެނުނެވެ. އެތައް ލަވަތަކެއް ކުޅުނެވެ. ގައުމީ އިނާމު ހައްގުވާ ވަރަށް އޭނާގެ ހުނަރު، މުނިފޫހިފިލުވުމުގެ ދާއިރާގައި ދެއްކި އެވެ.

ނިމާލު ދަންނަ ބައެއް މީހުން، އޭނާ ނިޔާވުމުގެ ހިތާމަައިގައި ލިއުނު ގޮތުން ނަމަ، ގެއްލިގެން އެ ދިޔައީ ފޫނުބެއްދޭވަރުގެ ހުނަރުވެރިއެކެވެ. އެއީ ތެދެކެވެ. ނިމާލް ކަހަލަ އެކްޓަރުންނާއި ޑައިރެކްޓަރުން ރާއްޖޭގައި މަދުވާނެ އެވެ. 

'ޖަހާ، ޖަހާ'ގެ އަޑު ހިސާބުގަނޑަށް އިވުނު

ފުޓްބޯޅައަށް ހުރި ލޯތްބާ އޭނާއަށް ދުރެއްނުވެ އެވެ. އެއާ ހިލާފަށް އެ ލޯބި އައީ ބޮޑުވަމުންނެވެ. ހާއްސަކޮށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އުފެދުނު ހިސާބުންނެވެ. މެސީއާ ބެހޭ ގޮތުން ގޯސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނުވެ އެވެ. ނިމާލްގެ ކައިރި މީހުން ބުނާ ގޮތުގައި އެއީ މެސީއަށް 'މަރުދޭ ފޭނެކެ'ވެ. އޭގެ އެއް މިސާލު ދެއްކީ ވެސް ޑައިރެކްޓަރު ނިޔާޒެވެ.

ބާސެލޯނާގައި މެސީގެ ރަން ދުވަސްވަރު މެޗުތައް ބަލަން ވަރަށް ގިނައިން ނިޔާޒުގެ ގޭގެ ޓެރެސްއަށް ނިމާލު ވެސް ދެ އެވެ. ބާސެލޯނާ ނުވަތަ މެސީއަށް ލަނޑު ޖެހާނެ ފުރުސަތު ލިބޭ ބައެއް ފަހަރުތަކުގައި ފޯރިއަރައިގެން ނިމާލު ލަވާ ހަޅޭއްކުގެ އަޑު ކައިރި ހިސާބުގަނޑަށް ވެސް ފެތުރެ އެވެ.

"ޖަހާ، ޖަހާއޭ ގޮވާލަފާނެ ފުންމައިގެން އަރާ މޭޒު މަތީގައި ހުރެގެން ވެސް. ބައެއް އަވަށްޓެރިން އަނެއް ދުވަހު ދިމާވީމާ އަހާލާ ހާދަ ވަރަކަށް ޖަހާ ޖަހާއޭ ގޮވިއޭ ރޭ،" އޭގެ ހަނދާންތައް އާކުރަމުން ނިޔާޒު ބުންޏެވެ.

"ފުޓްބޯޅައަކީ ދެން ނިމާލުގެ ވަރަށް ބޮޑު ލޯތްބެއް."

ނިމާލްގެ ރަހުމަތްތެރިން އޭނާގެ ހަނދާންތައް އާކުރާނެ އެތައް ހާދިސާތަކެއް ހުންނާނެ އެވެ. އާންމުކޮށް އޭނާއަކީ މަޖާ މިޒާޖެއްގެ މީހެއް ވެސް މެ އެވެ. ވާހަކަ ދައްކާނީ ހިނިތުންވެ ހުރެ އެވެ.

ފިލްމީ ދާއިރާއަކީ މުނިފޫހިފިލުވުމެވެ. ފުޓްބޯޅައަކީ ވެސް މުނިފޫހިފިލުވުމެވެ. މި ދެ ދާއިރާއިން ވެސް ނިމާލް ވަނީ ދިވެހިންގެ އެތައް ބައެއްގެ ހަނދާނާ ގުޅިފަ އެވެ.

ފިލްމު 'ނުފޫޒު'ން 1984ގައި އޭނާ ފެށި އެކްޓްކުރުން އަޅުގަނޑުމެންނާ ވަކިވަންދެން ވެސް ކުރިއަށް ގެންދިޔަ އެވެ. އޭނާގެ މުހިންމު ފިލްމުތަކުގެ ތެރޭގައި 'ޒަލްޒަލާ'، 'ހިތް އެދެނީ'، 'ސަބަބު'، 'ރާނީ'، 'ނިއުމާ' އަދި އެންމެ ފަހުން ނުކުތް 'ކަނބުލޮ' ހިމެނެ އެވެ. އޭނާ 2008ގައި އުފެއްދި ކުރު ދެ ފިލްމު ކަމަށްވާ 'އޮއްސުނު އިރާ އެކު' އާއި 'ފަހު ސަފުހާ' ވެސް ބެލުންތެރިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވި އެވެ.

އަންހެނުން އަދި ފިލްމީ ތަރި ފާތުމަތު ރަމީޒާއާ އެކު 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު ކުޅުނު ލަވަތައް މިހާރު ވެސް ބައެއް މީހުންނަށް ޔޫޓިއުބުން ފެންނާނެ އެވެ. އެއީ އެކްޓްކުރުމުގެ ތެރެއިން އުފެދުނު އަދި ނިޔާވަންދެން ވެސް ދެމިގެންދިޔަ ލޯތްބެކެވެ.

ފޮހެވިގެން ދާވަރަށް ވުރެ ނިމާލުގެ ހަނދާންތައް މާ ގިނަ އެވެ. އޭނާ ވަކިވެ ދިއުމުގެ ހިތާމައިން ސަލާމަތްވާން ފަސޭހައެއް ވެސް ނުވާނެ އެވެ.

އަހުމަދު ނިމާލް 2008ގައި ޑައިރެކްޓްކުރި ކުރު ފިލްމު 'އޮއްސުނު އިރާ އެކު'
ޑައިރެކްޓަރު ނިޔާޒުގެ ފޭސްބުކްގައި ނިމާލުގެ ހަނދާން އާކުރަން ހިއްސާކުރި އުފެއްދުންތެރި ފޮޓޯއެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް