ޝަޒްނާ މުހައްމަދު ބޭރުގައި އޮތް ރޭހެއް ނިންމަނީ: މިހާރު އޭނާ އެ ދުވަނީ އެންމެ ޒުވާން އިރު ވެސް ނުދުވާހާ ބާރަށް

މެރެތަން

ޝަޒްނާ ކިޔައިދެނީ ހިތްވަރާއި އުފަލުގެ ތަޖުރިބާތަކެއް

އުމުރުން 50 އަހަރުގައި މެރެތަންއެއް 4 ގަޑިއިރަށް ވުރެ އަވަހަށް ނިންމުމަކީ އާދައިގެ ކަމެއް ނޫން. ފިޓްނަސް ދާއިރާގައި މަޝްހޫރު ނަމުން ނަމަ ޝަންނަ އެ ހިސާބަށް ދިޔައީ އޭނާގެ އާދަޔާ ހިލާފު ހިތްވަރުން
22 ފެބްރުއަރީ 2026
1

"މިއީ އުފަލެއް."

އެހެން ބުނިއިރު ޝަޒްނާ މުހައްމަދު، މަޝްހޫރު ނަމުން ނަމަ ޝަންނަ، ވަނީ ދިވެހި ވަރަށް މަދު އަންހެނަކަށް ނޫނީ ނުކުރެވޭ ކަމެއް، ދެ ފަހަރަށް، އުމުރުން 50 އަހަރުގައި، ކޮށްފަ އެވެ. ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމުމެވެ.

'ދުވުމަކީ އުފަލެއް' ގެ ގޮތުގައި ސިފަކުރީ ކޮންމެހެން މެރެތަން ދުވުންތެރިޔަކަށް ވާތީއެއް ނޫނެވެ. ސީރިއަސްކޮށް މެރެތަން ދުވަން ފެށުމުގެ މާ ކުރިން ވެސް އޭނާއަކީ އާންމު ދިވެހި އަންހެނަކަށް ވުރެ ހާއްސަ ދުވުންތެރިއެކެވެ. އެކަމަކު އެއަށް ވުރެ ޝަޒްނާ މަޝްހޫރުވެފައި އޮންނާނީ ފިޓްނަސް އިންސްޓްރެކްޓަރެއްގެ ގޮތުގަ އެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ އެ ދާއިރާގަ އެވެ. އެތައް ބައެއްގެ ދުޅަހެޔޮކަމަށް ލިބުނު ހިތްވަރެއްގެ ގޮތުގަ އެވެ.

ޝަޒްނާ ފިޓްނަސް ކްލާހެއް ނަގައިދެނީ: އޭނާއަކީ ކުރިން ފުލްޓައިމް އިންސްޓްރަކްޓަރެއް

ފިޓްނަސް ދާއިރާއަށް ޝަޒްނާގެ ޝައުގުވެރިކަން އެނބުރުނީ މަންމަ ނިޔާވުމާ އެކު ދިރާގުގެ ވަޒީފާއިން ވަކިވެ ދަރިފުޅު ބަލަން ގޭގައި ހުންނަން ނިންމި ހިސާބުންނެވެ. އެއްވެސް ކަމެއް ނުކޮށް ނުހުންނަން އޭނާގެ ހިތް ގޮވިގޮވުމުގައި މިސްރާބު ޖެހީ ފިޓްނަސްގެ ހަރަކާތްތަކަށެވެ.

"ހަމަ ހިތަށްއެރީ ފިޓްނެސްގައި ޓްރެއިނިން ހަދަން. ދެން މެލޭޝިއާ އާއި ސިންގަޕޫރަށް ގޮސް ފުރަތަމަ ޓްރެއިނިންވީ،" ޝަޒްނާ ބުންޏެވެ.

އެ ޓްރެއިނިންއަށް ފަހު އޭރު ފިޓްނަސް ކްލާސްތައް ހިންގާ އެންމެ މަޝްހޫރު އެއް ސެންޓަރު ކަމަށްވާ 'ޝެރީ'އާ ގުޅުނީ 2002ގަ އެވެ. އެހާ ހިސާބުން ގިނަ ބަޔަކަށް ޝަޒްނާ ތައާރަފުވި އެވެ. އޭނާގެ ބެލުމުގެ ދަށުން އެތައް ބަޔަކު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، ކަސްރަތުގެ އުފާ ހޯދި އެވެ.

ރެޑިކަލް ފިޓްނަސް ޕްރޮގްރާމްތައް ނަގައިދިނުމުގައި ޝަޒްނާއަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް އިންސްޓްރަކްޓަރު

ޓީއެފްޖީ އުފެއްދުމާ އެކު 2009ގައި ޝަޒްނާ ބަދަލުވީ އެތަނަށެވެ. ގާތްގަނޑަކަށް 14 އަހަރަށް ފަހު ދާދި ފަހުން ޓީއެފްޖީއާ ވަކިވުމުގެ ކުރިން ދުވާލު ދެއިރު ކަހަލަ ގޮތަކަށް ތަފާތު ކްލާސްތައް ނަގައިދިނެވެ. ޕާސަނަލް ޓްރެއިނާއެއް ވެސް މެ އެވެ. މިހާރު އޭނާ އަންނަނީ 'ރެޑިކަލް ފިޓްނެސް'ގެ ރާއްޖޭގައި ހުންނަ ހެޑް ޓްރެއިނާގެ ގޮތުން މަސައްކަތްކުރަމުންނެވެ.

ކުރުކޮށް ބުނާ ނަމަ ޝަޒްނާއަކީ ރެޑިކަލް ފިޓްނަސްގެ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ތަޖުރިބާކާރެވެ. ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި 2014ގައި އޮތް ރެޑިކަލް ވޯލްޑް ސަމިޓްގައި ރާއްޖެ ތަމްސީލްކުރުމަކީ އޭގެ ހެއްކެކެވެ.

ހަމައެކަނި އޭނާއަށް ދަސްވި އެއްޗެއް އޭނާ ބޭނުންކުރަނީއެއް ނޫނެވެ. އޭގެ ބަދަލުގައި ފިޓްނެސް ދާއިރާއަށް އާ މީހުން ނެރެން ކޯސްތަކުގައި ކިޔަވައިދެ އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޯސްތައް ވެސް ހިމެނެ އެވެ. ފިޓްނަސް ލެކްޗަރާއެއްގެ ގޮތުން އޭނާ ނަގައިދޭ ފިލާވަޅުތަކުން އެތައް ބައެއްގެ ލޯ ހުޅުވައިދީ، އެ ދާއިރާއަށް ޝައުގުވެރިކަން ބޮޑުކޮށްދެ އެވެ.

ހުރިހާ ވެސް އަމާޒަކީ ދުޅަހެޔޮކަން

މިހާރު ޝަޒްނާއަކީ ވަޒީފާއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ކަސްރަތުގެ ކްލާސްތައް ނަގައިދޭ މީހެއް ނޫނެވެ. މިހާރު އޭނާގެ ދިރިއުޅުން ކުރިއަށް ވުރެ ހިމޭނެވެ. އެކަމަކު ކަސްރަތަކީ އޭނާގެ ހަޔާތުގެ އެއް ބަ އެވެ. އޭގެ ތެރެއިން ދިގު ދުވުން އޭނާއަށް މިހާރު ވަރަށް ހާއްސަ އެވެ. ދުވުމުގެ ތަމްރީންތައް ގަވާއިދުން އަންނަނީ ހަދަމުންނެވެ. އެހެންވެ އުމުރުން 50 އަހަރުގައި އޭނާ މިދިއަ އަހަރު، ފުރަތަމަ ނިއު ދިއްލީގައި، އޭގެ ފަހުން މި މަހު ދުބައީގައި، ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަން ނިންމި އެވެ. 

ޝަޒްނާ ވަނީ ވަރަށް ގިނަ ބައެއްގެ ދުޅަހެޔޮކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި 

ކުޑަ ކަމެއް ނޫނެވެ. އެ އުމުރުގައި އަންހެނަކު ހަތަރު ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ޖެހުމަކީ، އެ އުމުރުގެ ފިރިހެނުންގެ އެވްރެޖް ވަގުތަށް ވުރެ 20 މިނިޓް އަވަސް، އަދި އެ އުމުރުގެ އަންހެނުންގެ އެވްރެޖް ވަގުތަށް ބަލާ ނަމަ 44 މިނިޓް އަވަސް މިންވަރެކެވެ.

ޝަޒްނާ ތަފާތެވެ.

  • 19: މިހާތަނަށް ދުވި މެރެތަންގެ އަދަދު

  • 3:51:06، ނިއު ދިއްލީ މެރެތަން

  • 3:58:28، ދުބާއީ މެރެތަން

ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ކޮންމެ ދުވަހަކު އެތައް ވަގުތެއް ޖިމްގައި ހޭދަކުރިއިރު ވެސް އޭނާގެ ކިބާގައި، ދިވެހި ގިނަ އަންހެނުންގެ ނެތް ސިފައެއް ހުއްޓެވެ: ގިނަ އިރު ރަނގަޅު ސްޕީޑެއްގައި ދުވުމެވެ. އޭގެ ހެއްކަކީ 2013ގައި ދިރާގު ރޯޑް ރޭހުގެ 10 ކިލޯމީޓަރުގެ ދުވުމުން، އަންހެނުންގެ ބައިން ދެވަނަ ހޯދުމެވެ. އެއީ ދުވުމުގެ އެއްވެސް ތަމްރީނެއް ނެތި "ހަމަ ހުރެލާފައި ދުވަމުން' އޭނާ ހޯދި ކާމިޔާބީއެކެވެ.

އޭގެ ފަހުން އޭނާ ހާފް މެރެތަން އާއި ފުލް މެރެތަން ރޭސްތަކުގައި ބައިވެރިވާން ފެށީ ވެސް، އެކަމަށް ހާއްސަ ތަމްރީންތަކެއް ނުހަދަ އެވެ. މެލޭޝިއާގައި އޮތް 50 ކިލޯމީޓަރުގެ އަލްޓްރާ މެރެތަން 7 ގަޑިިއިރާއި 22 މިނިޓުން ނިންމީ ވެސް، އެއަށް ބޭނުންވާ ވަކިވަކި ތަމްރީންތައް ނެތި އެވެ. އެކަމަކު ރޭހުގައި ދުވުމާއި ރޭހުގެ ކުރިން ހާއްސަ ތަމްރީންތަކެއް ހެދުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. ޝަޒްނާއަށް ވެސް އެކަން އެނގެ އެވެ. ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރެވޭނީ އޭގެ އަސާސީ ކަންކަން ފުރިހަމަކޮށްގެންނެވެ. އޭގެ ނަތީޖާ ވެސް ފެންނާނެ އެވެ.

ޓީއެފްޖީގައި 14 އަހަރު އުޅުނު އިރު އެތަނުގެ އިވެންޓްތަކުގައި ޝަޒްނާ އިސްކޮށް ހަރަކާތްތެރިވި 

މިދިއަ އަހަރުގެ ފެބްރުއަރީ މަހު އޮތް ނިއު ދިއްލީ މެރެތަންއަށް ތައްޔާރުވާން ޝަޒްނާ ދިޔައީ ރާއްޖޭގައި މިހާރު ހުރި މެރެތަންގެ އެންމެ މޮޅު އެއް ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ކައިރިއަށެވެ. ޝަޒްނާ ދުވާތަން ފެނިފައި ތަމްރީން ދޭން ނަސްރު ވެސް ބޭނުންވި އެވެ. 

"ކޯޗު ބުނާނެ ދުވަން އަންނާށޭ، ޝަންނަގެ ޓައިމިން އަވަސްކުރެވޭނޭ، ފޯ އަވާސް ބްރޭކްކުރެވޭނޭ. ދެން ޓީއެފްޖީން ވަކިވެފައި ކޯޗާ ޖޮއިންކުރީ،" ޝަޒްނާ ބުންޏެވެ.

މެރެތަންއަށް ހާއްސަ ތަމްރީންތަކަށް ފަހު މިދިއަ އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގައި ދުވެ އޭނާ ފުރަތަމަ ފަހަރަށް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް، 3 ގަޑި 51:06 މިނިޓުން، ރޭސް ނިންމި އެވެ. 

'އަސްލު ވަރަށް އުފާވި، ދެ މަހެއްހާ ދުވަހުގެ ތަމްރީންތަކަށް ފަހު ހަތަރެއް ބްރޭކްކުރެވުނީމާ،" ޝަޒްނާ ބުންޏެވެ.

ދިއްލީ މެރެތަންގައި ފުރަތަމަ ފަހަރަށް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ދުވެފައި ޝަޒްނާ އޭނާގެ ކޯޗު ނަސްރުﷲއާ އެކު

މެރެތަންގެ ހާއްސަ ތަމްރީންތަކުން އެކަންޏެއް ނުފުދެ އެވެ. އެ ފެންވަރުގައި ދުވަން ބޭނުން ނަމަ ރަނގަޅަށް ކެއުން ބެހެއްޓުމާއި ހަމަ ނިދި ހޯދުން ފަދަ  މުހިންމު ސިފަތަކެއް ބޭނުންވެ އެވެ. އެހެންވެ ޝަޒްނާއަށް އެނގުނީ، އެ ފެންވަރުގައި ދުވަން، އާންމުކޮށް މީހުންނަށް ވިސްނިފައި އޮންނަ ވަރަށް ވުރެ، ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެވެ.

"ބައެއް ދުވަސް ދުވަހު އަންނާނެ ކޯޗު އެ ދޭ އެއްޗެއް ރަނގަޅަށް ނުހެދޭ ފަހަރު ވެސް. އެކަމަކު ހިތްވަރު ދޫކޮށްގެން ނުވާނެ،" އޭނާ ބުންޏެވެ.

ބޭނުންވަނީ އަމާޒެއް ދެން މަޑުމަޑުން ކުރިއަށް ދިއުން

ފިޓްނަސް އިންސްޓްރަކްޓަރަކަށް އުޅުނު އިރު ޝަޒްނާ ވަނީ އެތައް ބަޔަކަށް އުއްމީދުތަކެއް ގެނެސްދީފަ އެވެ. އޭނާއަކީ ރިހެބިލިޓޭޝަން ކޯޗެއް ވެސް މެ އެވެ. އެހެންވެ ބައެއް ކަހަލަ އޮޕަރޭޝަންތަކަށް ފަހު ހަށިގަނޑު ހަމަޔަކަށް އަޅުވަން ވެސް އެތައް ބަޔަކަށް އޭނާގެ އެހީތެރިކަން ލިބުނެވެ. އެއީ ކެތްތެރިކަމާއި އަޅާލުން ނެތި ނެރެވޭނެ ނަތީޖާއެއް ނޫނެވެ.

ޝަޒްނާގެ ފިޓްނަސް ތަޖުރިބާއިން އާންމުންނަށް ދޭ މުހިންމު މެސެޖެއް އެބަ އޮތެވެ: ކުއްލި ނަތީޖާއަކަށް ވުރެ މުހިންމީ ފަށައިގެން މަޑުމަޑުން އަމާޒަށް ދިއުމެވެ.

އޭނާ އެބުނަނީ ވަރަށް އަވަހަށް ހިކި، ވަރަށް އަވަހަށް ފިޓްވާން ބައެއް މީހުން ގެންގުޅޭ ވިސްނުން ގޯސް ކަމެވެ. އޭގެ ބަދަލުގައި ބަލަންވީ ވަކި އަމާޒެއް ބާއްވައިގެން އެ އަމާޒަށް ދަތުރުކުރަން ފަހަރަކު ކަމެއް، ތަރުތީބުން ފުރިހަމަކުރާށެވެ.

މަންމަގެ ކާމިޔާބީތަކުގައި ދަރިފުޅު ބައިވެރިވަނީ: ޝަޒްނާ ދިރާގުން ކެނޑުނީ ދަރިފުޅު ބަލަން ގޭގައި ހުންނަންވެގެން

"ގޯލެއް އޮންނަން ޖެހޭނެ އެޗީވްކުރަން. ކޮންމެ ދުވަހަކު އެކަން ކުރަންވާނެ، އެ ވަރިހަމަ މިސާލަކަށް 10 މިނިޓް ހިނގާލުން ކަމަށް ވިޔަސް. ދެން އޭގެ ފަހުން 20 މިނިޓަށް އިތުރުކޮށްލާނީ. ދެން ދުވަން ފަށާނީ. އެހެން ގޮސް އަމާޒަށް ދަންދެން އެ ޑިސިޕްލިންގައި ހިފަހައްޓާނީ،" ޝަޒްނާ ބުންޏެވެ.

"އަސްލު ބަލަންވީ ވަރަށް އަވަހަށް ހިކޭކަށް ނޫން. ފިޓްނަސްއަކީ އެއް މަސް ދެ މަހެއް ނޫން. އެއީ އަބަދުވެސް ކުރިއަށް ގެންދަން ޖެހޭ ކަމެއް."

ދުޅަހެޔޮކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅަކާ ޝަޒްނާއާ ދިމާވި އެވެ: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެކަމަނާއަކީ ދިގު ދުވުމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ޓީއެފްޖީން ލ. އަތޮޅުގައި ބޭއްވި މެރެތަންގައި ފަޒްނާ ދުވެވަޑައިގަތް އިރު ޕޭސާއެއްގެ ގޮތުން އަރިހުގައި ދުވީ ޝަޒްނާ އެވެ. އެއީ ފަޒްނާގެ ފުރަތަމަ މެރެތަން އެވެ.

އާ އަހަރު ފެށުމާ އެކު އެތައް ބަޔަކު އާ އަހަރުގެ އަޒުމުގައި ކަސްރަތަށް ނުކުމެ އެވެ. ހިކިލާށެވެ. ފިޓްވާށެވެ. އެހެންވެ މި ދުވަސްވަރު ދުވާ މީހުން ފެންނަލެއް ގިނަ އެވެ. ޝަޒްނާގެ މެސެޖަކީ ދުވަސްކޮޅެއް ކޮށްލާފައި އެ މުހިންމު އާދައިން ދުރަށް ނުދާށޭ އެވެ. 

އުމުރަކީ އަދަދެއް، މުހިންމީ މަސައްކަތް

އުމުރުން 50 އަހަރު ވީމާ ގިނަ މީހުންގެ ހިތަށްއަރަ އެވެ. 'އަހަރެން ދެން މި މުސްކުޅިވީ' އެވެ. 'ދެން އަހަންނަކަށް އެކަމެއް ނުކުރެވޭނެ އެވެ."

ތެދެކެވެ. ފިރިހެނުންނަށް ވުރެ މާ ބޮޑެތި ގޮންޖެހުންތައް، އެ އުމުރުގައި އަންހެނުންނަށް ދިމާވެ އެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މެ އެވެ. އެ ހުންނަނީ ފިރިހެނުންނަށް އިހުސާސް ވެސް ކޮށްނުލެވޭ ފަދަ ބަދަލުތަކެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި ޝަޒްނާ އެ އަންނަނީ މާޔޫސް ނުވެ ހަށިގަނޑު ބަލަހައްޓަމުންނެވެ. އޭގެ ކުރިން އެއްވެސް އުމުރެއްގައި އޭނާ ނުދުވާހާ ބާރަށް ދުވަމުންނެވެ. އެހެންކަމުން މިވީ ކިހިނެއް ހެއްޔެވެ؟ އާއެނކެވެ. އުމުރަކީ ހަމައެކަނި ނަންބަރެކެވެ.

ބާލިން މެރެތަން ފުރިހަމަކޮށްފައި ޝަޒްނާ މެޑެލް ހިފައިގެން

"އުމުރަކީ އެއްވެސް އެއްޗެއް ނޫން. ކޮންމެ އުމުރެއްގައި ވެސް ކުރެވޭނެ، އެ މީހަކު އެ ގޯލަކަށް ދާން ބޭނުން ނަމަ،" ޝަޒްނާ ބުންޏެވެ.

އޭނާއަކީ އޭގެ ހެއްކެކެވެ. މިސާލަކަށް އޭނާ ފުރަތަމަ މެރެތަންއެއް ޖެހީ އުމުރުން 40 އަހަރުގައި 5 ގަޑި 08 މިނިޓުންނެވެ. އޭގެ 10 އަހަރު ފަހުން ޝަޒްނާ އެ ދުވީ 4 ގަޑިއިރަށް ވުރެ ބާރަށެވެ. އެއީ މިހާތަނަށް ދިވެހި އެންމެ ފަސް ވަރަކަށް އަންހެނުންނަށް ލިބުނު ޝަރަފެކެވެ.

އެމީހެއްގެ ހަށިގަނޑު އޭގެ އަސްލުން ނެއްޓޭނީ، ގިނަ ފަހަރަށް، އެމީހަކު ފަރުވާކުޑަވެގެންނެވެ. ޝަޒްނާއަށް ދަސްވީ ދުޅަހެޔޮކަމުގައި ހުންނަން މަސައްކަތްކުރާށެވެ. އެ މަސައްކަތުން އެހެން މީހުންގެ ދުޅަހެޔޮކަމަށް ވެސް އެހީތެރިވެދޭށެވެ. އެކަމަކު އެ ދަތުރުގައި ފޮރުވިފައި އޮތް އެއް ސިއްރަކީ އޭނާގެ ހިތްވަރެވެ. ދުވުމުގައި އެ ހޯދާ ކުރިއެރުންތައް ގުޅިފައި އޮތީ ވެސް އެ ހިތްވަރާ އެވެ.

"މިއީ އުފަލެއް،" ދުވުމާ ބެހޭ ގޮތުން ކުރުކޮށް ޝަޒްނާ ބުނެލަނީ އެހެންނެވެ.

ރަނގަޅު ވާހަކައެކެވެ. އެ ފެންވަރަށް ދުވެވޭ ނަމަ ކޮންމެ ދުވަހަކީ ވެސް ދުވުމުގެ އުފަލެކެވެ.

ކޮމެންޓް (1)

ވަހީދާ

22 ފެބްރުއަރީ 2026
ޝަންނަ އަކީ ވަރަށް ވެސް ރަގަޅު ކޯޗެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް