ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އޮފީހުގައި: ނަމޫނާ ހިދުމަތްތެރިއެއް

ތިރީހުން ތިރީސް

ތިރީހުން ތިރީސް: އަޒުމެއް ކަނޑައަޅަން އުމަރު ޒާހިރުގެ ހަނދާންތައް

ކުރީގެ މިނިސްޓަރު އުމަރު ޒާހިރަށް ދެވަނަ ޕެންޝަން 1996ގައި ލިބިވަަޑައިގެންނެވި އިރު އެންމެ ސަލާމެއް ވެސް ވިދާޅުވެފައެއް ނެތް. އަދި ކޮބައި، 40 އަހަރުގެ ތެރޭގައި ދުވަހަކު ގަޑިއެއް ވެސް ނުޖެހޭ
18 ފެބްރުއަރީ 2026
11

'އަޒުމާ އެއްގޮތަށް'

'ހަވީރު'ގެ މީހުން ކޮލަމުން

26 ފެބްރުއަރީ 1996

މިއީ މީގެ 30 އަހަރު ކުރިން އޭރުގެ ކޮންސްޓްރަކްޝަން އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުއާ ބެހޭ ގޮތުން އަޅުގަނޑު ލިއުނު 'މީހުން' ކޮލަމްގެ ސުރުހީ އެވެ. މީގެ ފަސް އަހަރު ކުރިން އެމަނިކުފާނު ވަނީ އަވަހާރަވެފަ އެވެ. އެކަމަކު ތާރީހުގެ ބައެއް ސަފުހާތައް އުކާލުމުން މިއަދު އަނެއްކާވެސް ހަނދާންތައް އަތުވެއްޖެ އެވެ.

"ފުރަތަަމަ ވެސް އަޅުގަނޑު އަޒުމް ކަނޑައެޅިން ސަރުކާރުގައި ގަޑި ނުޖެހި އުޅެން. ސަަރުކާރުގައި މިހާ ގިނަ ދުވަހު އުޅުނު އިރު އެންމެ ހިތްހަމަޖެހޭ ކަމަކީ ސަލާމެއް ނުބުނެ، ގަޑި ނުޖެހި އުޅެވުނީމާ،" އެ ދުވަހު އުމަރު ޒާހިރު ވިދާޅުވި އެވެ.

އެއީ ސަރުކާރަށް ހިދުމަތްކުރައްވާތާ 40 އަހަރު ވެ، ދެވަނަ ޕެންޝަން ލިބިވަޑައިގެންނެވުމުގެ އުފަލުގައި ދެއްވި ޖަވާބެކެވެ. އެ ޖަވާބުން މިއަދުގެ ޒުވާން ޖީލު ހައިރާންވާނެ ކަމާ މެދު ޝައްކެއް ނެތެވެ. މި ދައްކަނީ ރާއްޖެ މިހާތަނަށް ދުށް އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތުގެ ވާހަކަ އެވެ. އެންމެ ބާރުގަދަ އެއް މިނިސްޓަރުގެ ހަޔާތުން ކުޑަ ތަންކޮޅެެކެވެ.

އޮފީހަށް ގަޑި ނުޖެހި އަދި އެންމެ ސަލާމެއް ވެސް ވިދާޅުނުވެ 40 އަހަރުގެ ދިގު ހިދުމަތެކެވެ. ކިހިނެއް ހެއްޔެވެ؟ ޒަމާނުގެ ތަފާތެވެ. ވަޒީފާ އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި، އޭރާއި މިހާރާ ހުރި ތަފާތުގެ މަންޒަރެކެވެ. އޭރު އޮފީހަށް ގަޑިޖެހުމަކީ ހުތުރު ސިފައެކެވެ. އެކަމަކު ބަލިވެގެން ނުވަތަ އެހެން ވެސް ބޮޑު ކަމެއް ދިމާވެގެން ސަލާން ބުނެވެން އޮވެ އެވެ. އެއީ ހުތުރު ސިފައަކަށް ވެސް ނުވެ އެވެ. އެކަމަކު އުމަރު ޒާހިރު އެ ވިދާޅުވީ އޮފީހުގައި ސަލާމުގެ ދުވަހެއް ވެސް ލިއުއްވާފައި ނުވާނެ ކަމަށެވެ.

އުމަރު ޒާހިރު ސްކައުޓް ޔުނީފޯމްގައި: ޒުވާން ދުވަސްވަރު އިނގިރޭސިންނާ ދެކޮޅަށް ވެސް ނުކުންނެވި

ރޯދަމަސް ފެށުނީ އެވެ. ކުރިއެކޭ އެއްގޮތަށް މުލަރޯދައަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެކަމަކު ކުރިއާ ހިލާފަށް ރޯދަމަސް މިހާރު ބަދަލުވެފައި މި އޮތީ މަސައްކަތާ ދުރު މަހަކަށެވެ. އޭރު، 1956ގައި ސަރުކާރުގެ ހިދުމަތަށް އުމަރު ޒާހިރު ނުކުންނެވި އިރު، ހުރިހާ ކަމެއް ވެސް ހުރީ އުނދަގޫ ކޮށެވެ. ތަންތަނަށް ވަޑައިގަންނަވާނީ ބައިސްކަލްގަ އެވެ. ނުވަތަ ހިންގަވައިފަ އެވެ. ލިއުއްވާނީ އަތުންނެވެ. އެހެން ހުރިހާ މަސައްކަތެއް ވެސް، ގާތްގަނޑަކަށް މުޅިހެން، އަތުންނެވެ.

އުމަރު ޒާހިރަކީ އަޅުކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. ރޯދަމަހުގެ ތާވަލް ހުންނާނީ ތަރާވީހުގެ ފަހުން ރޭއަޅުކަން ވެސް ހިމަނުއްވައިގެންނެވެ. ޖަމާއަތުގައި ފަތިސް ނަމާދު ވެސް ކުރައްވާނެތާ އެވެ. އެކަމަކު ރޯދަމަހު ވަޒީފާއަށް ނުކުންނެވުމަކީ އަޅުކަމަށް ބުރޫއަރާ ކަމެއްގެ ގޮތަކަށް ނުބައްލަވަ އެވެ. އޭރުގެ އެއްވެސް މީހަކު އެ ނަޒަރުން ނުވެސް ވިސްނަ އެވެ. ބެލީ ރޯދަމަހަކީ ވެސް މަސައްކަތުގެ މަހެއް ކަމަށެވެ. 

ޒަމާނީ ތަރައްގީގެ ދުވަސްތައް ރާއްޖެއަށް އަލިވިލެން ފެށިއިރު އުމަރު ޒާހިރު ހުންނެވީ އެންމެ ބޮޑު ޒިންމާތަކާ ހަވާލުވެވަޑައިގެންނެވެ. ސިޑިބަރި ލައިގެން ގަލޮޅު ދަނޑު ހެދުމެވެ. މާލޭގެ މަގު ހެދުމެވެ. ކުނި އަޅަން ހާއްސަ ތަނެއްގެ ގޮތުގައި ތިލަފުށި ހިއްކުމެވެ. ފަހުން އެތަން ބަދަލުވީ އިންޑަސްޓްރިއަލް ރަށަކަށް ވެސް މެ އެވެ. ހުޅުމާލެ ހިއްކުމެވެ. ރާއްޖޭގެ ޒަމާނީ ސިޓީގެ ފުރަތަމަ ފަސްކޮޅު މޫދުގެ ލޮނުގަނޑުން މައްޗަށް އެރިއިރު އުމަރު ޒާހިރު އެތަނުގައި ހުންނެވި އެވެ. ކުޑަކުޑަ ކޮންނަ ބޯޓެއް ބޭނުންކޮށްގެން ރޯދަމަހު ވެސް އެ ހިއްކުން ހަމަ ކުރިއަށް ގެންދަވާނެތާ އެވެ. އެ ފަސްގަނޑުގައި ހިންގަވާފައި ވެސް އުޅުއްވާނެތާ އެވެ.

އެކަމަކު އެއިން އެއްވެސް ކަމެއް އެމަނިކުފާނަށް ބުރައެއް ނޫނެވެ. އޮފީހަށް ނުކުމެވަޑައިގެން މަސައްކަތުގެ ކޮންމެވެސް ސައިޓަކަށް ޒިޔާރަތްނުކުރައްވައި، އެންމެ ދުވަހެއް ވެސް ހޭދައެއް ނުވާނެ އެވެ. ވަޒީފާގެ މަސްއޫލިއްޔަތަކީ އާދައިގެ ޒިންމާއެއް ނޫންކަން އަބަދުމެ ހުންނެވީ ގަބޫލުފުޅުކުރައްވައިގެންނެވެ.

އުމަރު ޒާހިރު (ވާތުން ތިންވަނަ) އާއި އޭރުގެ އެހެން ބައެއް މިނިސްޓަރުން: މިއީ ރާއްޖޭގެ މުހިންމު ހިދުމަތްތެރިންތަކެއް

މީގެ 30 އަހަރު ކުރިން އުމަރު ޒާހިރު ވިދާޅުވި ވާހަކަ މިއަދު ހަނދާންކޮށްލަން މި ޖެހުނީ މަސައްކަތުގެ މާހައުލަށް އައިސް އޮތް ބޮޑު ބަދަލާ ވެސް އެކުގަ އެވެ. މިހާރު އޮފީހަށް ސަލާން ބުނަނީ ކޮންމެހެން ބަލިވެގެން، ނުވަތަ ހަޔާތުގައި ބޮޑު ކަމެއް ދިމާވެގެންނެއް ނޫނެވެ. ސަލާން ބުނުމަކީ ވަޒީފާ އަދާކުރާ މީހާއަށް ލިބޭ ހައްގަކަށް ވުމުން، އެއީ ކޮންމެހެން ވެސް ބޭނުންކުރަން ޖެހޭނެ ފުރުސަތަކަށް ބަދަލުވީ އެވެ. ގަޑިޖެހުމަކީ ގިނަ މީހުންގެ އާދަ އެވެ. މުސާރައިން ކެނޑުނަސް ވަރިހަމަ އެވެ.

ދެ ޒަމާން މުޅިން ތަފާތެވެ. އެކަމަކު އުމަރު ޒާހިރުގެ ހަޔާތްޕުޅުން ނެގެން އޮތް ނަމޫނާ ވަރަށް ސާފެވެ: ޒިންމާއަށް ތެދުވެރިވުމެވެ. ދައުލަތުން ދޭ މުސާރަ ހައްގު އެއްޗަކަށް ހެދުމެވެ. ގައުމަށް ހިދުމަތްކުރުމެވެ. އަޅުގަނޑު މި ދައްކަނީ އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންކުރުމުގެ ގައުމީ ރޫހު އުފެދުނު އިރު، ހުޅުލޭގައި އޮތް އިނގިރޭސިންގެ ރަންވޭ ހަލާކުކުރަން ރޭގަނޑު ދަންވަރު ވަގަށް އެ ރަށަށް އެރުއްވި އެއް ބޭފުޅެއްގެ ވާހަކަ އެވެ. އޭރު ރަންވޭ ހަދާފައި އޮންނަނީ ދަގަނޑު ފިލާ އަޅައިގެންނެވެ. މާލެއިން ދާ ޒުވާން ގްރޫޕްެގެ ކަމަކީ ބޯޓު ނުޖެއްސޭ ގޮތަށް ރަންވޭ މައްޗަށް ކުނި އެޅުމެވެ. ނޫނީ ކޮންމެވެސް ގެއްލުމެއް ދިނުމެވެ.

އުމަރު ޒާހިރު 2021ގައި، ކޮވިޑް-19ގެ އާލާސްކަންފުޅު ޖެހި، އުމުރުފުޅުން 85 އަހަރުގައި އަވަހާރަވީ އެތައް ނަމޫނާއެއް ދައްކަވައިފަ އެވެ. 

"އެމަނިކުފާނު ފެނުމުން ވެސް އެއީ އާދައިގެ ޝަހުސިއްޔަތެއް ނޫންކަން އެނގި ސާބިތުވެ އެވެ. ހިންގަވާފައި ވަޑައިގަންނަވާ ގޮތުން ވެސް، ބެލުމުގައި އެ ހުންނަ ތޫނުފިލިކަމުން ވެސް، ބަސް މަދުވެފައި އަމަލު ގިނަވުމުގެ ރީތި ސިފައިން ވެސް، އެއީ މި ގައުމުގައި ދެން ފެންނަން ތިބި 'އޭރުގެ ވަރުގަދަ، ހީވާގި، ކަމަށްކަމޭ ހިތުމާއި، ބުރަވިޔަސް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ގަބޫލުކުރި ދިވެހި ޖީލު'ގެ މަދު ބޭފުޅުންގެ ތެރެއިން އެކެއް ކަމާ މެދު ޝައްކެއް ނެތެވެ."

މިއީ 20 ޑިސެމްބަރު 2021ގައި އުމަރު ޒާހިރު އަވަހާރަވުމުން 'ދައުރު'ގައި އަޅުގަނޑު ލިއުނު ރިޕޯޓްގެ ތަންކޮޅެކެވެ. އެކަމަކު އެމަނިކުފާނުގެ ހަނދާންތައް އަނެއްކާ އާވީ މީގެ 30 އަހަރު ކުރިން، ދެވަނަ ޕެންޝަނާ އެކު، 'ހަވީރު'ގައި ޖެހި ލިއުން ފެނިފަ އެވެ.

އާއެނކެވެ: ވަޒީފާ އަދާކުރާ ގޮތް ބަދަލުވެއްޖެ އެވެ. ވަޒީފާއާ މެދު ދެކޭ ގޮތް ވެސް ބަދަލުވެއްޖެ އެވެ. އެކަމަކު ރީތި ސިފަތައް ގެއްލިގެން ދިޔަ ދީގެން ނުވާނެ އެވެ. ގަޑިނުޖެހުމަކީ އޭގެ ރީތި ސިފައެކެވެ. ދުނިޔޭގެ އެންމެ ތަރައްގީ ގައުމުތަކުގައި ވެސް އެ ސިފަ ހުރީ ދިރިދިރި އެވެ. 

އުމަރު ޒާހިރު ފަދަ މުވައްޒަފުންނަށް އެއީ ހަޔާތުގެ ވަރުގަދަ އަޒުމެއް ވެސް މެ އެވެ.

ކޮމެންޓް (11)

ާޔޔސ

24 ފެބްރުއަރީ 2026
އިނގިރޭސިންގެ އަތުން ރާއްޖެ މިނިވަންކުރުމުގެ ގައުމީ ރޫހު އުފެދުނު އިރު، ހުޅުލޭގައި އޮތް އިނގިރޭސިންގެ ރަންވޭ ހަލާކުކުރަން ރޭގަނޑު ދަންވަރު ވަގަށް އެ ރަށަށް އެރުއްވި އެއް ބޭފުޅެއްގެ ވާހަކަ އެވެ. އޭރު ރަންވޭ ހަދާފައި އޮންނަނީ ދަގަނޑު ފިލާ އަޅައިގެންނެވެ. މާލެއިން ދާ ޒުވާން ގްރޫޕްެގެ ކަމަކީ ބޯޓު ނުޖެއްސޭ ގޮތަށް ރަންވޭ މައްޗަށް ކުނި އެޅުމެވެ. ނޫނީ ކޮންމެވެސް ގެއްލުމެއް ދިނުމެވެ. މިވެސް ނަމޫނާ ނަގަންޖެހޭ ކަމެއްދޯ
0 0

ބޮޑުބެގެ ބެއްޔާ

22 ފެބްރުއަރީ 2026
މޫސަ ތިޔަ ވިދާޅުވީ ސޮއިކުރާފޮތް ކާތިބުން ބޮޑުންގެ ގެއަށް ގެނައި ދުވަސްވަރުގެ ވާހަކައެއް.
0 0

ޑައިވަރޭ

20 ފެބްރުއަރީ 2026
މިޒަމާނުގައި ނަމަ ތިކަން ތިހެންވުން ވާނީ ވަރަށްވެސް ނާދިރުކަމަކަށެވެ. ކިތަންމެ އަވަހަށް ނިކުތަސް މަގުބަންދުވުމާއި ޓުރެފިކް ބޮޑުވުމުން ގަޑިނުޖެހި ދިއުމުގެ ރެކޯޑަށް ބުރޫއަރައެވެ.
1 0

ސިކުނޑި

19 ފެބްރުއަރީ 2026
މަސައްކަތުގެ ނަތީޖާ ނެރެވޭނީ ޒިންމާދާރު ކަމާއެކު ކަމަށްކަމޭހިތައި މަސައްކަތަށް އިޚްލާސްތެރިވެގެން! ކަމެއް ދިމާވެގެން ގަޑިޖެހުމާއި، ފަރުވާ ކުޑަކަމުން ގަޑި ޖެހުމަކީ މުޅިން ތަފާތު ދެކަމެއް! މިހާރު އުޅެނީ ފަރުވާ ކުޑަކަމުން ނިދައި ނުހޭލެވިގެން ގަޑިޖެހޭ މީހުން! ވަޒީފާތަކަށް ދަނީވެސް ބުނީތީ ފަރަށްދާ ގޮތަށް! އުޖޫރަ ހޯދަން މަސައްކަތް ކުރުމާއި، މަސައްކަތް ކޮށްގެން އުޖޫރަ ހޯދުމަކީ މުޅިން ތަފާތު ދެކަމެއް!
5 0

ބަންބޫ

18 ފެބްރުއަރީ 2026
ގަޑި ނުޖެހި އޮފީހަށް ޙާޒިރުވެ ޙާޒިރީ ރިކޯޑު ހަދާފަ އެހެންނަމަވެސް އޮފީހުގައި އުޅޭ އިރަށް ވުރެ ނޫޅޭ އިރު ގިނަ ޕަރފޯމަންސް ޒީރޯގައި އުޅޭ މީހުން މަދެއް ނޫން.
8 0

އަސްލުވެސް

19 ފެބްރުއަރީ 2026
@ބަންބޫ ރަގަޅު. މީގަ މުހިންމީ ގަދަކަމުން ސަލާމެއްވެސް ނުބުނެ ހާޒިރުވެ ގަޑިނުޖެހި ހާޒިރުވެ ރިކޯޑު ރަނގަޅުކުރުމެއް ނޫން. ޕާރފޯމަންސް، ކުރީ ކޮންކަމެއްތޯ ބެލުން. އުމަރު ޒާހިރުގެވެސް ތިއޮށް ފޯކަސް ކުރަނީ ނުބައި ކަމަކަށް. އޭނާގެ ހާޒިރީ ރެކޯޑާއި ސަލާމުގެ ރެކޯޑަކަށް ނޫން ފޯކަސް ކުރަންވީ. އޭނާ ކޮށްފައިވާ ޚިދުމަތްތަކަށް. އެކަމަށް . މީހާގެ ކޮލިޓީ ބަލާނީ އެމީހާގެ ހާޒިރީ އަދި ސަލާމުގެ ރެކޯޑަކުންނެއް ނޫން. އެމީހާ ޙާޞިލުކޮށްފައިވާ ކަންކަމުން
5 1

ވެރީ އަންހެލްދީ ވޯކް ލައިފް ބެލެންސް

18 ފެބްރުއަރީ 2026
ދެން އަހަރުމެން ޤަބޫލުކުރަންވީ އޭނާ 40 އަހަރު ސަލާމެއް ބުނާ ވަރަށް ބަލިނުވާކަމަށް! ސުޕާ ހީރޯ އެއްތަ މީ؟ ނުވަތަ ގަދަކަމުން ބަލިވިޔަސް އޮފީހަށް ދަނީތަ؟ ގަޑި ނުޖެހުން މައްސަލައެއް ނެތް. ވަރަށް ތަފާތު. އެކަމަކު ސަލާމް އެނދުން ނުތެދުވެވޭ ޙާލު ސަލާމް ނުބުނުން އެއީ މިޖީލަށް ދައްކާ ނަމޫނާތަ؟
6 9

އަސްލުވެސް

18 ފެބްރުއަރީ 2026
@ވެރީ އަންހެލްދީ ވޯކް ލައިފް ބެލެންސް އެކަމަކު އުމަރު ޒާހިރު އެ ވިދާޅުވީ އޮފީހުގައި ސަލާމުގެ ދުވަހެއް ވެސް ލިއުއްވާފައި ނުވާނެ ކަމަށެވެ. ސަލާމް ފޮތުގައި ލިޔުއްވާފައި ނެތުމަކީ ސަލާމް ނުބުނުމެއް ނޫން. އެއީ ސަލާމް ރެކޯޑް ކޮށްފައި ނޯންނާނޭ އެބުނީ. މިއީ ބޮޑުން ބޭނުން ގޮތަކަށް ރެކޯޑު ބެލެހެއްޓި ޒަމާން
2 7

ކީކޭ ބުނާނީ

19 ފެބްރުއަރީ 2026
@ވެރީ އަންހެލްދީ ވޯކް ލައިފް ބެލެންސް ވަރަށް ރަނގަޅު ކޮމެންޓެކެވެ. މޫސަ މިލިޔުން ލިޔުނީ ކޮންކަހަލަ ބަޔަކު އުޅޭތީކަން ދައްކައިދިނީތީ ޝުކުރު ހައްގެވެ!
0 0

އަލީ ފާރޫގް

18 ފެބްރުއަރީ 2026
މި ފަދަހިދުމަތްތެރިން ގެ ހަދާން އަބަދުމެ އާކުރުން މުހިންމު..މިހާރުގެ ވަޒީރުންނާއި މިފަދަބޭފުޅުންނާ އަޅުވާކިޔާލީމާ ލޮލުން ކަރުނަ އާދޭ
14 0

ކޮސް

18 ފެބްރުއަރީ 2026
މޫސަގެ މިފަދަ ލިޔުއްވުންތަކަކީ ދިވެހިންްގެ މިޖީލަށް މުހިއްމު ފިލާވަޅުތަކެއް ލިބިދޭ މުޙިއްމު ލިޔުއްވުންތަކެއް.ޝުކުރިއްޔާ މޫސަ.
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް