'ތުއްތުތުއްތު ދިވެއްސެއް' މި ފޮތް ލިއެ ތައްޔާރުކުރި އައިމިނަތު ސުނީތާ

މުސައްނިފުން

'ތުއްތުތުއްތު ދިވެއްސެއް': ދަސްކޮށްދެނީ ދިވެހިވަންތަކަން

މިއީ އައިމިނަތު ސުނީތާ ލިޔެ އަދި އޭނާ ކުރަހާފައިވާ ފޮތެއް. އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށް މި ފޮތް އުފެއްދީ އަމިއްލަ ވިޔަފާރިއެއް ފެށުމުގެ އުއްމީދުގައި
24 ނޮވެމްބަރު 2025

އެކައުންޓެންޓަކަށް މަސައްކަތް ކުރަމުން އައި އައިމިނަތު ސުނީތާ، 35، އެ ވަޒީފާ ދޫކޮށްލާ އަމިއްލަ ވިޔަފާރިއެއް ކުރަން އަބަދުވެސް އުއްމީދުކުރި އެވެ.

އަމިއްލަ މަސައްކަތެއް ކުރުމުގެ މަގުސަދުގައި އޭނާ ފެށީ ފޮތް ލިޔުމުގެ މަސައްކަތެވެ.

ދެ ކުދިންގެ މަންމަ ސުނީތާ ފުރަތަމަ ލިޔެ ޝާއިއުކުރި ފޮތަކީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ފޮތެކެވެ. 'ތުއްތުތުއްތު ދިވެއްސެއް' ނަމުގައި ނެރުނު މި ފޮތް ހެދީ ހައި ކޮންޓްރާސްޓް ބޯ ކަރުދާހުންނެވެ.

މާ ގިނަ ކުލަތަކެއް ފޮތުގައި ނެތެވެ. ލިޔުންގަނޑު މާ ގިނައެއް ނޫނެވެ. މި ފޮތް އޭނާ އަމާޒުކުރަނީ އެންމެ ތުއްތު ކުދިންނަށެވެ.

މީގެ ހަތަރު އަހަރު ކުރިން ފުރަތަމަ ފޮތެއް ލިޔުމާ އެކު ފޮތް ލިިޔުމުގެ ޝައުގުވެރިކަން ބޮޑުވި އެވެ. އެކަމަކު 'ތުއްތުތުއްތު ދިވެެއްސެއް' މިއީ އޭނާ ލިޔެ ފުރަތަމަ ޝާއިއުކުރި ފޮތެވެ. ފޮތް ނެރުނީ މި އަހަރުގެ މާޗުގަ އެވެ.

ފޮތް ލިޔުމުގެ ހިޔާލާއި ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ސުނީތާ ބުނީ އަމިއްލަ ހިޔާލަށް ވާހަކަ ކިޔައިދިނުމަކީ ދޮށީ ދަރިފުޅު ނިންދުވުމުގެ ތެރޭގައި ކުރަން ފެށި ކަމެއް ކަމަށެވެ.

އެގޮތުން އަމިއްލަ ހިޔާލަށް ވާހަކަ ކިޔައިދިނުމަށް އުފެދުނު ޝައުގުވެރިކަމާ އެކު ފޮތް ލިޔަން ފެށީ އެވެ.

'ތުއްތުތުއްތު ދިވެއސެއް': މިއީ ހައި ކޮންޓްރާސްޓް ފޮތެއް

'ތުއްތުތުއްތު ދިވެއްސެއް' ހާއްސަވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. މި ފޮތުގެ ކުރެހުންތައް ވެސް ހެދީ އޭނާ އަމިއްލައަށެވެ.

ފޮތް ލިޔެ ޕަބްލިޝްކުރުމުގައި އޭނާ ބެލީ އެންމެ ތުއްތު ކުދިންގެ ލޮލުގައި އަޅައިގަންނާނެ ގޮތަށް އުފައްދާށެވެ. އެކުދިންގެ ސަމާލުކަން ދަމައިގަތުމަށެވެ. އެއް ކަމަކަށް ސަމާލުކަން ދިނުމަށް ދަސްކޮށްދީ ކުދިން ޝައުގުވެރިކަން އުފެއްދުމެވެ. މި ހުރިހާ ކަމަކަށް އޭނާ ނެރުނު 'ތުއްތުތުއްތު ދިވެއްސެއް' އެހީތެރިވެދޭނެ އެވެ.

ތުއްތު ކުދިންނަށް އަމާޒުކޮށްގެން ނެރޭ ދިވެހި ފޮތްތައް މަޑުމަޑުން ގިނަވަމުން އައި ނަމަވެސް، ހައި ކޮންޓްރާސްޓް ފޮތްތައް ނެތޭ ވެސް ބުނެވިދާނެ އެވެ. އެހެންކަމުން މި ފޮތް ހާއްސަ އެވެ. މައުލޫއުގެ ގޮތުން ވެސް ވަކިން ހާއްސަ އެވެ.

ފޮތުގެ އެންމެ ހާއްސަ އެއް ކަމަކީ މިއީ އެންމެ ތުއްތުއިރުން ފެށިގެން ކުދިންގެ ކިބައިގައި އިސްލާމް ދީނާއި ދިވެހިރާއްޖެއަށް އޮންނަ ލޯބި ބޮޑުކޮށްދޭން ބޭނުން ކުރެވިދާނެ ވަސީލަތަކަށް ވާތީ އެވެ.

'ތުއްތުތުއްތު ދިވެއްސެއް' ފޮތް ބިނާކުރީ ތުއްތު ކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށް

"އެންމެ ތުއްތު އިރުން ފެށިގެން ވެސް ކުދިންނަށް އެކުދިންނަކީ ދިވެހިންކަމާއި ދިވެހިރާއްޖެއަށް ނިސްބަތްވާ ބައެއް ކަން އަންގައި ދިނުން. އަދި ފޮތުގެ މަގުސަދަކަށް ވީ ދިވެެއްސަކަށް ވީތީ އޮންނަ ފަހުރުވެރިކަން އެންމެ ތުއްތު އިރުން ފެށިގެން ކުދިން ކިބައިގައި އަށަގެންނެވުން،" ސުނީތާ ބުންޏެވެ.

ފޮތް މިހާތަނަށް ގަނެފައިވާ ކަސްޓަމަރުންގެ ފަރާތުން ސުނީތާއަށް ލިބެނީ ތައުރީފުގެ ބަހެވެ. މި ސަޕޯޓާ އެކު އޭނާ މިހާރު އެ އަންނަނީ ދެވަނަ އުފެއްދުމެއް އަންނަ އަހަރު ކުރީކޮޅު ނެރެން މަސައްކަތް ކުރަމުންނެވެ.

ލިޔުންތެރިއެއް ކަމުން މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ސުނީތާ ބުނާ ގޮތުގައި، ރަނގަޅު އޯޑިއަންސަށް ފޮތް މާކެޓް ކުރުމުގައި ހުރި ދަތިތަކެވެ. 

މުހިންމީ އުފައްދާ އެއްޗެއް ފެއިލްވެދާނެތީ ފަސްނުޖެހި އެ ބާޒާރަށް ނެރުން.

ސުނީތާ

ނަމަވެސް އޭނާ ހުރީ ސާބިތުކަމާ އެކު އެވެ. އާ ހިޔާލާއި އާ ވިސްނުމަކާ އެކު އަލަށް އުފައްދާ މާކެޓަށް ނެރޭ އެއްޗެއް ފެއިލްވެދާނެ ކަމުގެ ބިރު ވަރަށް ގިނަ މީހުންނަށް އޮވެ އެވެ. އެެކަމަކު އެ މަސައްކަތެއް ފުރިހަމަކޮށްގެން ނެރުން ވަރަށް މުހިއްމު ކަމަށް ސުނީތާ ދެކެ އެވެ.

ސުނީތާގެ ފޮތް ކުޑަކުއްޖަކު ބަލަނީ

"ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެއް އެއީ ފެއިލްވެދާނެ ކަމުގެ ބިރު އޮތުން. އަދި އޯޑިއަންސާ ހިއްސާކުރުމަށް ފަސްޖެހޭ. އެކަމަކު އެއްޗެއް އުފައްދައިފިއްޔާ ފަސް ނުޖެހުން މުހިއްމު. އެ އެއްޗެއް އެހެން މީހުންނަށް ހިއްސާކުރަން ކެރެންވާނެ. ސަބަބަކީ އަމިއްލައަށް އުފައްދާ އެއްޗެއްގެ ސަބަބުން ގިނަ ބަޔަކަށް ފައިދާވެ، އިންސްޕިރޭޝަން ލިބުމަކީ އެކަށީގެންވާ ކަމެއް،" ސުނީތާ ބުންޏެވެ.

ސުނީތާ ދެކޭ ގޮތުގައި މުހިއްމީ އަމިއްލަ  އުފެއްދުމެއް ފެއިލްވެދާނެތީ ޖެހިލުންނުވުން

އޭނާއަށް މި އަހަރު ހާސިލް ކުރެވުނު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރަނީ މި ފޮތެވެ. ސުނީތާ ބުނާ ގޮތުގައި އޭނާގެ އުއްމީދަކީ، މި މަސައްކަތުގައި ކުރިއަށް ދިޔުމެެވެ. މީހުން ގަޔާވާނެ ކަހަލަ، މާނަ ހުރި  އުފެއްދުންތަކެއް އުފައްދައިގެން ކުރިއަށް ދިޔުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް