މ. ނާލާފުށީ ގަމަރިއްޔަތު އަލީ: އޭނާއަކީ ރޯނު ވެށުމުގައި ދުވަސްވީ ތަޖުރިބާކާރެއް

އަންހެނުން

އުމުރަކީ 78، މުގުރު އުފުލެން ފެށީއްސުރެ ރޯނުވެށުމުގައި

މ. ނާލަފުށީ ގަމަރިއްޔަތު އަލީ ދޮށީ އުމުރުގައި ވެސް އުޅެނީ ހަރަކާތްތެރިކަމާ އެކު މަސައްކަތުގައި. އޭނާގެ ފަންނިއްޔާތާއި ހުނަރު ފެނިފައި އަޖައިބުވާނެ
8 ނޮވެމްބަރު 2025
3

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ތަފާތު މަސައްކަތް ކުރާ އަންހެނުން ރާއްޖޭގައި ގިނަ އެވެ. އެކަމަކު މި ފަދަ މަސައްކަތުގައި އަވަދިނެތި އުޅޭ އަންހެނުން އަހަރުމެން މި ދިރިއުޅޭ މާލެ ސިޓީއާ ވަކިން ތަފާތު ގޮތަކަށް އަތޮޅުތަކުގައި ހަރަކާތްތެރިވެ އެވެ.

ދޮށީ އުމުރުގައި ގަދަރުވެރި ދިރިއުޅުމެއް ހޯދުމަށް މަސައްކަތް ކުރާ އަންހެނުން ރަށްރަށުގައި ގިނަ އެވެ. އެ މީހުން އުޅެނީ ހަރަކާތްތެރި ދިރިއުޅުމެކެވެ.

މ. ކޮޅުފުށީ އަންހެނުންތަކެއް އެ ރަށުގެ ހުސޭނުބެ ރުއްގަނޑު ސަރަހައްދުގައި ފަތިހު މޫދު ކަސްރަތު ކުރަނީ

އަހަރެން ވ. އަތޮޅާއި މ. އަތޮޅަށް ކުރި ދަތުރުތަކެއްގައި މިކަމަށް ހެކިދޭ އެތައް މަންޒަރެއް ފެނުނެވެ.

ވ. ފުލިދޫ ބަނދަަރުމަތީ އައްޓެއްގައި ފޮނިތޮށި ކޮށަށް އިން އަންހެންމީހާ އާއި ވ. ކެޔޮދޫ ކެފޭއެއް ދޮށުގައި ފޯއް ކޮށަން އިން މެދު އުމުރުގެ އަންހެންމީހާ އަދި ވ. ކެޔޮދޫ މަގެއްމަތީގައި އަލުވި ސަމްބޯލް ހަދަން ހުރި އަންހެންމީހާ މިއީ ލޮލުގައި އަޅައިގަތް ބައެއް މީހުންނެވެ.

ވ. ފުލިދޫ ބަނދަރުމަތީގައި އައްޓެއްގައި ފޮނިތޮށި ކޮށަން އިން އަންހެނެއް
ވ. ކެޔޮދޫ މަގުމަތީގައި އަލުވި ސަމްބޯލް ހެދުމަށް މަސައްކަތް ކުރަމުން އައި ދޮށީ އުމުރުގެ އަންހެނެއް

ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ މަސައްކަތްތައް ކުރާ މީހުން ރަށްރަށުގައި ގިނަ އެވެ. ވެށިން ހޯދާ ތަކެތިން ހުނަރާއި އުފެއްދުންތެރިކަމާ އެކު އާމްދަނީ ހޯދައިގެން އުޅޭ އަންހެނުން ވަކިން ގިނަ އެވެ.

މ. ނާލާފުއްޓަކީ މެދު ރާއްޖޭތެރޭގައި، މާ ބޮޑަށް މީހުންގެ ސަމާލުކަމަށް ނައިސް އޮންނަ ރަަށަކަށް ވެދާނެ އެވެ. ހިމަ ދިގު މި ރަށުގެ ބަނދަރަށް ލަފާއިރު ދެތިން މަގެއް ދޫކޮށްފައި އަނެއް ފަރާތުން މޫދު ފެންނާނެ އެވެ.

މ. ނާލާފުށި: މެދު ރާއްޖެތެރޭގައި، މާ ބޮޑަށް މީހުންގެ ސަމާލުކަން ނުލިބި އޮންނަ ރަށަކަށް ވިޔަސް މިއީ ފަންގިވިނުމާއި ރޯނުވެށުމުގައި އަންހެނުންގެ ހަރަކާތްތެރިކަން ބޮޑު ރަށެއް

މިއީ ފަންގިވިނުމުގައި އަރާހުރި ރަށެކެވެ. މި މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން ބޮޑެވެ. ބައެއް އަންހެނުން މި މަސައްކަތް ކުރަނީ ރަސްމީކޮށް އަދާ ކުރާ ވަޒީފާގެ ބޭރުން، އިތުރު އާމްދަނީއެއް ހޯދުމަށް ކުރާ ކަމެއްގެ ގޮތުގަ އެވެ. ނާލާފުށީގައި އަހަރެން ހުރި ގޭގެ އަންހެން މީހާއަކީ ވެސް މި ގޮތަަށް މަސައްކަތް ކުރާ މީހެއްކަމުން ދުވާލު ވަގުތު އޭނާއާ ދިމައެއްނުވި އެވެ.

މ. ނާލާފުށީ މަގެއްގެ އެއްފަރާތުގައި، ވިޔެފައި ހުރި ފަންތަކެއް އަވީލާފައި

ފަންގިވިނުމުގެ އިތުރުުން، ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސައްކަތެއް ކަމުގައިވާ ރޯނުވެށުމަށް، މެންދުރު ކުރީކޮޅު ގޭތެރޭގައި ހަމަޖެހިލައިގެން އިން އަންހެނަކާ ނާލާފުށިން ބައްދަލުވި އެވެ. 

ގަމަރިއްޔަތު އަލީ ބޮނބިން ރޯނު ވަށާލަވަށާލާ އިނީ އޭނާގެ އަމިއްލަ ދުނިޔެއަކަށް ގޮސް ގެއްލި ހުސްވެފަ އެވެ. މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެފަ އެވެ. މޫނުމަތިން ފެންނަނީ އަމާންކަމެވެ. ބޮޑު ހިނިތުންވުމެކެވެ. ބަލާބެލުމަށް އޭނާގެ އުމުރުން 65 އިން މައްޗަށް ގޮސްފައިވާހެނެއް ހިއެއް ނުވެ އެވެ. ޔަގީންކޮށްލަން ޖެހުނީ އުމުރު އަހާށެވެ.

ގަމަރިއްޔަތު ބުނި ގޮތުގައި އޭނާއަށް 78 އަހަރު ފުރިއްޖެ އެވެ. ތަޅާ މުގުރުގަނޑު އަތުން ހިފެން ފެށީއްސުރެ އޭނާ އަންނަނީ މި މަސައްކަތް ކުރަމުންނެވެ. ދަސްކުރި ސީދާ އުމުރެއް ހަނދާނުގައި ނެތަސް މަސައްކަތަށް އޭނާ ފަރިތަ އެވެ. މިހާރު ވެސް މުޅި ދުވަހު ގޯތިތެރޭ އިނދެ މަސައްކަތް ކޮށްފި ނަމަ ރޯނު ބޮނޑިއެއް އޭނާއަށް ވަށާލެވެ އެވެ. އެކަމަކު ބޮނޑިއަކަށް ޖެހެނީ 150 ރުފިޔާ އެވެ. 

ފަންގިވިނުމުގައި މިހާރު ދިވެހި ރޯނު ބޭނުމެއް ނުކުރެ އެވެ. އެހެންވެ، ގަމަރިއްޔަތު ބުނި ގޮތުގައި، އޭނާގެ މަސައްކަތަށް އޮންނަ ޑިމާންޑް އިހަށްވުރެ މާ ބޮޑަށް ވެސް ދަށެވެ.

"މިހާރު މި ވިއްކަނީ 150 ރުފިޔާއަށް ރޯނު ބޮނޑިއެއް. ރަށު މީހެއް، ކައިރި ރަށްރަށުން ބުނެގެން، ގަންނަން އާދޭ. ކުރިން 170 އަށް ވެސް ވިއްކާ އުޅުނިން،" ގަމަރިއްޔަތު މިހެން ބުނެފައި ގޭތެރެއަށް ވަދެ އަވަސްވެގަތީ އޭނާ ވަަށާފައި އޮތް  ރޯނު ބޮނޑިއެއް އަހަރެންނަށް ދައްކާލާށެވެ.

މ. ނާލާފުށީ ގަމަރިއްޔަތު އަލީ 'ދައުރު' އަށް އިންޓަވިއު ދެނީ
ރޯނު ބޮނޑިއެއްގެ ބޮޑުމިނަށް ވެސް ބޮޑު ބަދަލެއް ވަނީ އައިސްފައި

ބޮނބިތައް ތައްޓަކަށް އަޅައިގެން މަސައްކަތުގައި ގަމަރިއްޔަތު އިން އިރު ކައިރީގައި ފަންގިވިނުމަށް ތައްޔާރުކޮށްފައިވާ ތަންކޮޅެއް ހުއްޓެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާގެ ޅީދަރިފުޅުގެ މަސައްކަތުގެ ޖާގަ އެވެ.

މ. ނާލާފުށީ ގަމަރިއްޔަތު އަލީގެ ގޭގައި ފަންގިވިނުމަށް ހާއްސަކޮށްފައިވާ ޖާގަ

އަމިއްލަ ބަނޑުން ވިހޭ ހަތް ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ނޫން އެހެން އެންމެން ރަށުން ބޭރުގައި ދިރިއުޅުނަސް، ގަމަރިއްޔަތު ބުނި ގޮތުގައި، އަމިއްލަ ގޭގައި އޭނާ ދިރިއުޅެނީ ފުދިގެންނެވެ.

ދުވަސް ތާވަލްކޮށްފައި އޮންނަނީ ހެނދުނު އަވަހަށް ހޭލައިގެން މަސައްކަތުގައި އިށީނުމަށެވެ. އެކަމަކު މިހާރު ބަލިކަމުން މާ ގިނަ ވަގުތެއް އޭނާއަށް މަސައްކަތަކަށް ނުދެވެ އެވެ. ކުރިއަށް ވުރެ އޭނާ އުޅެނީ ލުއިކޮށެވެ. ހަވީރު ފިނިކޮށްލަން ޖޯލިފައްޗަށް ޖައްސާލުމަކީ ވެސް އޭނާގެ ދުވަހުގެ ބަޔެކެވެ. 

ދުވަސްވީ އުމުރުގައި ވެސް ހަރަކާތްތެރިވެ މަސައްކަތުގައި އުޅޭތީ އަހަރެން ވަރަށް އަޖައިބުވި އެވެ. ސަބަބަކީ ވެރިރަށް މާލޭގައި ގޭގައި 'ކަސްތޮޅު އެޅުވިގެން' ނުވަތަ ހިޔާ ޓަވަރުތަކުގައި މިފަދަ މަސައްކަތެއް ކުރަން ބޭނުންވިޔަސް ކުރާނެ ގޮތެއް، ޖާގައެއް ނުވަތަ ވަސީލަތެއް ނުލިބި "ކުލީގެ އަޅުން"ނަށް ވެގެން ތިބި އަންހެނުންނާ އަޅާބަލާއިރު ގަމަރިއްޔަތުގެ ހިތްގައިމު ސާދާ ދިރިއުޅުމާ މެދު ވިސްނާލެވުުމުންނެެވެ. އޭނާގެ މި ދިރިއުޅުން މާ ކަމުދިޔަ އެވެ.

ދޮށީ އުމުރުގައި ގައިގެ ކަށި ފީވާތީ އިންޖެކްޝަންތަކެއް ޖަހައިގެން ވެސް އޭނާ މި މަސައްކަތުގައި ދެމިހުރީ ގަދަރުވެރި ދިރިއުޅުމެއްގަ އެވެ.

ގަމަރިއްޔަތާ އެކު ހޭދަ ކޮށްލެވުނު މި ކުޑަ ވަގުތުކޮޅުގައި ވެސް އޭނާގެ އުފާވެރިކަން އަހަންނަށް އިހްސާސް ކުރެވުނެވެ. އަމިއްލަ މަސައްކަތުން އާމްދަނީއެއް ލިބޭތީ އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. އޭނާއަށް ހެލިފެލިވެ އުޅެވެ އެވެ.

150 ރުފިޔާ މިއީ ރޯނު ބޮނޑިއެއްގެ ހައްގު އަގު ބާ؟

އެކަމަކު ދެން އަހަރެންގެ ހިތަށް ވަން ސުވާލަކީ މިއީ އެވެ. ދިވެހި ރޯނު ބޮނޑިއެއްގެ އަަގަކީ ހަމަ އެންމެ 150 ރުފިޔާ ހެއްޔެވެ؟

ގަމަރިއްޔަތު އޭނާ ވަށާފައި ހުރި ރޯނު ބޮނޑިތަކެއް ދައްކާލި އިރު ސައިޒަށް ބަދަލު އައިސްފައިވާކަން ފެނެ އެވެ. 

ފަންގިވިނުމުގެ ރަށެއް ކަމުގައިވީ އިރު ވެސް ނާލާފުށީގައި ވެސް ރޯނަށް ޑިމާންޑް މިހާ ދަށީ ކީއްވެގެން ހެއްޔެވެ؟

ސަަބަބަކީ ދިވެހި މި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ހިމާޔަތްކޮށްދީ މި މަސައްކަތުގެ އަގު ހިފަހައްޓަން ރަނގަޅު ސިޔާސަތުތަކެއް ނެތުމެވެ.

މ. ނާލާފުށީ ގަމަރިއްޔަތު އަލީ: އުމުރުން 78 އަހަރުގައި ވެސް އުޅެނީ މަސައްކަތްތެރި ދިރިއުޅުމެއް

ތަރައްގީވެފައިވާ ގައުމުތަކުގައި އެ ގައުމުތަކުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުުކުރުމަށް، ހާއްސަކޮށް ސަގާފީ މަސައްކަތްތެރިކަމާ ގުޅިފައިވާ ބާވަތްތައް ގައުމަށް އެތެރެ ކުރާއިރު ދައްކަން ޖެހޭ ޓެކްސްތައް ބޮޑެެވެ. ރާއްޖޭގައި މިފަދަ ސިޔާސަތުތައް ނުގެންގުޅެނީ ކީއްވެގެން ހެއްޔެވެ؟ 

އަމިއްލަ އުފެއްދުންތެރިކަމާއި ފަންނިއްޔާތާއި ތާރީހާއި ސަގާފަތާ ގުޅިފައިވާ މިފަދަ މަސައްކަތްތައް ކުރާ މީހުންގެ އުފެއްދުންތެރިކަމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަން ބަދަލުކުރުމަކީ އެންމެ އިސް ވާޖިބެވެ.


ކޮމެންޓް (3)

މީމަ

8 ނޮވެމްބަރު 2025
އީމާންއަކީ ހަމަ އެންމެ ބެސްޓް.
3 0

ހަމްކޮ

8 ނޮވެމްބަރު 2025
އީމާން، ތީގެން ރޯނުބޮނޑިއެއް ދީބަލަ.
2 0

ހަމްދު

8 ނޮވެމްބަރު 2025
ހާދަހާ ނަލައޭ އިނގޭ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް