ބ. ގޮއިދޫގައި ދިރިއުޅޭ އައިމަން ފައިސަލް: ހޮބީއަކަށް ގަސް ހައްދަން ފަށައި އެކަން އޭނާ ވަނީ ކުޑަ ވިޔަފާރިއަކަށް ބަދަލުކޮށްފައި

ބަގީޗާ ހެއްދުން

އަައިމަންގެ ދުނިޔޭގައި ލަނީ ފެހި ކުލަ

ބ. ގޮއިދޫގައި ދިރިއުޅޭ އައިމަން ފައިސަލް ގަސް ހެއްދުމާއި ލޭންޑްސްކޭޕިންއަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ. އޭނާއަށް ހިތްހަމަޖެހުން ގެނެސްދޭ އެ ހޮބީއަކީ މިހާރު ވިޔަފާރިއެއް ވެސް މެ.
2 އޯގަސްޓު 2025
1

އައިމަން ފައިސަލް އުފަން ރަށް ބ. ގޮއިދޫ ދޫކޮށް މާލެ އައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެ އެވެ. އޭނާ ބ. އަތޮޅު ތައުލީމީ މަރުކަޒުން ޖީސީއީ އޭލެވެލް ހަދައި މަތީ ތައުލީމު ހާސިލުކުރުމަށް ދިޔައީ އަވަށްޓެރި ކޮޅުނބަށެެވެ. ކިޔެވުން ނިންމާލުމަށް ފަހު މިހާރު އޭނާ މަސައްކަތް ކުރަނީ ގޮއިދޫ ފެނަކައިގައި ޓެކްނިކަލް ސްޓާފެއްގެ ގޮތުގަ އެވެ. އެ ވަޒީފާ އަދާކުރުމުގެ އިތުރުން އައިމަންއަކީ ހުނަރުވެރި އަދި މަސައްކަތްތެރި ޒުވާނެކެވެ.

ބ. އަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް ގޮއިދޫގައި ވެސް އަންނަނީ ޓުއަރިޒަމް ފުޅާވެ ފައްކާވަމުންނެވެ. އެ ރަށުގައި ހުންނަ ދަ ކޯބިން ގެސްޓްހައުސްގެ މެނޭޖިން ޑިރެކްޓަރަކީ 31 އަހަރުގެ އަައިމަން އެވެ.

ބ. ގޮއިދޫގައި އައިމަން ހިންގާ ދަ ކޯބިން ގެސްޓްހައުސް 

މި ގެސްޓްހައުސްގެ އެންމެ ތަފާތު އެއް ކަމަކީ އެތަނުގެ މާހައުލެވެ. ލޭންޑްސްކޭޕިން މަަސައްކަތުގެ ފަހަތުގައި ހުރީ އައިމަން އެވެ. މި ޓިިކްޓޮކް އިން މި ފެންނަނީ އެ ގެސްޓްހައުސްގެ ރިސެޕްޝަން ސަރަަހައްދެވެ.

ގުދުރަތީ މާހައުލާއި ފެހިކަމުން އައިމަން ބޮޑު ހިތްހަމަޖެހުމެއް ހޯދަ އެވެ. އެހެންކަމުން ގަސް ހެއްދުމަކީ އެއީ އޭނާ ވަރަށް ކުރާ ހިތްވާ މަސައްކަތެކެވެ.

"އަހަރެން ބޭނުންވަނީ ފެހިކަން ގަދަ ތަންތަން ޑިޒައިން ކުރަން،" އައިމަން ބުނެލި އެވެ.

އޭނާ ހައްދާ ގަސްތަކުގެ ފޮޓޯތަކާއި އިރުއަރާ އޮއްސޭ ހިތްގައިމު މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރެ އެވެ. އެތައް ހާސް ބަޔަކު އޭނާގެ މި މަސައްކަތް ބަލައިގަނެ ފޮލޯ ކުރެ އެވެ. އައިމަން އިންސްޓަގްރާމްގައި އެކަނި ވެސް 30.4 ހާސް ފޮލޮވަރުން ހޯދާފައިވެ އެވެ. ޓިކްޓޮކްގައި އޭނާ މަޝްހޫރީ މޯލްޑިވިއަން ޕްލާންޓް ގައިގެ ގޮތުގަ އެވެ.

ގަސް ހެއްދުމުގެ ތެރެއަށް އޭނާ ވަނީ މަންމަގެ ސަބަބުންނެވެ. ބޮޑުވެގެން އައި އިރު އޭނާގެ މަންމަ އަބަދުވެސް ގަސް އިންދުމުގައި ވަރަށް ހަމަޖެހިލައިގެން އުޅޭތަން އޭނާ އަށް ފެނެ އެވެ.

"މަންމައަށް ވަރަށް ބޮޑު އުފަލެއް ގަސް އިންދައި ބެލެހެއްޓުމުން ލިބޭ. އަހަރެންނަށް އެކަން ގާތުން ފެނުނު. މަންމަ ގޮތަށް އަހަރެން ވެސް މިވީ ގަސް ބަލަހައްޓާ ހިތްވާ މީހަަކަށް،" އައިމަން ބުންޏެވެ.

އައިމަން ފައިސަލް: ގަސް ހެއްދުމަށް ހިތްޖެހުނީ އޭނާގެ މަންމަގެ ކިބައިން

އެކަމަކު މިއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އައިމަަން ބުނާ ގޮތުގައި ގަސް ހެއްދުމާ ގުޅޭ އަސާސީ ކަންކަން ދެނެގަތުމަށް ހައެއްކަ މަސް އޭނާ ހޭދަ ކުރި އެވެ. ފެން ދޭންވާ މިންވަރާއި އަވި ބޭނުންވާ މިންވަރާއި ގަސްގަހަށް ދިމާވާ އެކި މައްސަލަތައް ފަސޭހައިން އަވަހަށް ދެނެގަންނާނެ ގޮތް ދަސްކުރުމުގަ އެވެ.

އައިމަން ފައިސަލް ހައްދާފައިވާ ގަސްތަކެއް

ކޮންމެ ގަހެއް ވެސް އެންމެ ފުރިހަމައަށް ހެދިގަންނަން ވަކި ކަމެއް ބޭނުންވެދާނެ އެވެ. އެހެންވެ، އެންމެ މުހިއްމީ ހުރިހާ ގަހެއް ވެސް ގަވާއިދުން އޮބްޒާވް ކުރުމެވެ.

"ގަސް އިންދަން ފެށި އިރު އެންމެ ގިނައިން ހެދޭ ގޯހަކީ މާ ގިނައިން ފެން ދިނުމާއި ފެން ނުހިނދޭ ކަހަލަ ވެލީގައި ގަސްތައް ޖެހުން،" އައިމަން ކިޔައިދިނެވެ.

މިހާރު އައިމަން 50-100 ގަސް ގެންގުޅެ އެވެ. ދިވެހި ގަސްގަހުގެ އިތުުރުން، ރާއްޖެއިން ބޭރުގެ ގަސްތައް ދިވެހި ފަސްގަނޑަށް ހާނައިގެން ރީތިކޮށް ހައްދަ އެވެ.

ރާއްޖެއިން ބޭރުން ގެންނަ ގަސްތައް ރާއްޖެއަށް ހާނަން ގިނަ މަސައްކަތްތަކެއް އައިމަން ކުރޭ

އައިމަންގެ އަތުގައި ހުރި އެންމެ އަގުބޮޑު ގަހަކީ 15،000 ރުފިޔާގެ 'ފިލޮޑެންޑްރޮން ކެރަމަލް މާބަލް' ގަހެކެވެ. ބޭރުގެ މިފަދަ ބައެއް ގަސްތައް އޭނާއަށް ކަމުދަނީ ކުލަ އާއި ފަތުގެ ބައްޓަން ތަފާތުވެފައި ރީތިވުމުންނެވެ. މިހެން ބުންޏަސް ދިވެހި ގަސްތަކާއި މާމެލާމެލި ވެސް އޭނާއަށް ކަމުދެ އެވެ. ރަށްފުށުގެ ހިތްގައިމުކަމާ ގުޅިފައިވާ ދިއްގާ މަލާއި ކުރެދިގަހަށް އައިމަން ލޯބިކުރެ އެވެ.

އައިމަންއަށް އެންމެ ކަމުދާ ޕިލޯޑެންޑްރޮން ކެރަމަލް މާބަލް: މިއީ އަގުބޮޑު ގަހެއް

"ދުވާލެއްގެ މައްޗަށް ދެ ގަޑި އިރު ވަރު ގަސްތަކާ އެކު ހޭދަކުރަން. ވީކެންޑް ވެއްޖެއްޔާ އޮންނަނީ ގަސްތައް ސާފުކުރުމާއި ރިޕޯޓް ކުރުމާއި ތަރުތީބުކުރުން،" އައިމަން ބުންޏެވެ.

މި ހުރިހާ ކަމަކުން އޭނާއަށް ދިރިއުޅުމުގެ މުހިއްމު ފިލާވަޅުތައް ވެސް ދަސްވެ އެވެ. ކެތްތެރިވުމަކީ މިގޮތުން އެއް ކަމެވެ. ގަހަކީ އެއް ދުވަހުން ހެދިގަންނަ އެއްޗެއް ނޫނެވެ. އެއަށް ބޭނުންވާ އަޅާލުން މުހިއްމެވެ. ވަގުތު ދޭންވެ އެވެ.

ގަސް ހެއްދުމަށް އޮތް ލޯބީގައި ގެސްޓްހައުސްގައި އޭނާ ހަދާ ލޭންޑްސްކޭޕް އެތަަނަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ހިތް އަތުލައިގަނެ އެވެ.

އައިމަން ހޮބީއަކަށް އިންދަން ފެށި ގަސްތައް މިހާރު ވަނީ ކުޑަ ވިޔަފާރިއަކަށް ބަދަލުވެފައި

ކުޑަ ވިޔަފާރިއަކަށް

ރައްޓެހިންނާއި ގާތް މީހުންނަށް އައިމަން ގަސް ގެންގުޅޭ ގޮތް ފެނިގެން އެކަން ކުރަން ހިތްޖެހި، އޭނާގެ އަތުން ގަސް ގަންނަން ފެށުމުން ލިބުނު ފުރުސަތެއްގައި އައިމަންގެ މި ހޮބީ ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުޑަ ވިޔަފާރިއަކަށް ބަދަލުވެފަ އެެވެ. 

"ބައެއް ގަސްތަކަކީ ރެއާ [މަދުން ފެންނަ] ގަސްތަކެއް. ފުރަތަމަ ވިޔަފާރި ފަށަން އިންވެސްޓް ކުރީ އެންމެ 3000 ރުފިޔާ،" އައިމަން ބުންޏެވެ.

ފުރަތަމަ ގަސް ގެންނަން ފެށީ ރާއްޖޭގެ ސަޕްލަޔަރެއްގެ އަތުންނެވެ. ނަމަވެސް ފަހުން ސްރީ ލަންކާ އާއި ތައިލެންޑުން ސީދާ އިމްޕޯޓްކޮށްގެން ވިއްކަން ފެށި އެވެ.

އައިމަން ދުވާލެއްގެ މައްޗަށް ދެ ގަޑިއެއްހާ އިރު ގަސް ބެލެހެއްޓުމުގައި ހޭދަކުރޭ

ގަސް އިންދުމާއި ބެެލެހެއްޓުން އަދި ގަހުން ގޭގެ އެތެރެ އާއި ބޭރު ޒީނަތްތެރިކުރުމަކީ މިހާރު ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ކަމެކެވެ.

"ވަރަށް ބޮޑު ޑިމާންޑެއް އެބަ އޮތް. ހަމައެކަނި ވިއްކުމެއް ވެސް ނޫން މިއީ. މީގައި އެބައޮތް އަޅާލާނެ ގޮތް ބުނެދިނުން، ޕްލާންޓް ސްޓައިލިން އަދި ޕްލާންޓް ވޯކްޝޮޕް ބޭއްވުމުގެ ފުރުސަތު ވެސް،" އައިމަން ބުންޏެވެ.

އައިމަން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގޮއިދޫގައި އަންނަ އޮކްޓޫބަރުގައި މިފަދަ ޕްލާންޓް ފެސްޓިވަލެއް ބާއްވާށެވެ.

ގަސް އިންދަން ޝައުގުވެރިވާ މީހަކަށް ޓިޕްސް

ގަސް އިންދަން ޝައުުގުވެރިވާ މީހަކަށް ނަސޭހަތެއް ދޭ ނަމަ އައިމަން ބުނާނީ ގަހަށް ބޭނުންވާ މިންވަރަށް ފޭން ދޭށޭ އެވެ. އަލަށް ފަށައިގަންނަ މީހަކަށް ހެދޭ އެންމެ ބޮޑު ގޯހަކީ މާގިނައިން ފެން ދިނުމެވެ.

އަދި ހުރިހާ ގަސްތަކަށް ބޭނުންވަނީ އެއް ގޮތެއް ކަމަށް ހީކުރުމަކީ ވެސް ހެދޭ ގޯހެކެވެ. ބައެއް ގަސްތަކަށް ސީދާ އަވި ބޭނުންވާ އިރު އަނެއް ބައި ގަސްތަކަށް ސީދާ އަވި ލިބުން ރަނގަޅެއް ނޫނެވެ. 

އައިމަން ގެންގުޅޭ ބައެއް ގަސްތައް

ދެން ހެދޭ އެންމެ ބޮޑު ގޯހަކީ އަސާސީ ކަންކަން ރަނގަޅަށް ނޭނެގެނީސް ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ ގަސްތަކާ ދިމާލަށް ދިއުމެވެ.

ރާއްޖެއިން ބޭރުން ގެންނަ ގަސްތަކަށް އާއްމުކޮށް ބޭނުންވާ ކަންކަން:

  • ސީދާ އަވިން ގަސްތައް ރައްކާތެރި ކުރުމަށް ހިޔާކުރުމަށް ނެޓް ބޭނުން ކުރުން

  • ވައި ދައުރުވާނެ ގޮތް ހެދުން

  •  ފަސްގަނޑު ޗަކަނުވާ ކަހަލަ ވެލި ބޭނުން ކުރުން

އައިމަންގެ އޭނާ ގުޅޭ ގަހެއް ދައްކާލަނީ

ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީއަކީ ވެސް އައިމަން ބަލާ ކަމެކެވެ. ވައިގައި ލޮނުކަން ހުރި ނަމަ އަދި އާދަޔާހިލާފަށް ހޫނު ނަމަ ގަސްތައް ރައްކާތެރިކުރުމަށް ފަރުވާ ބަހައްޓަންވެ އެވެ.

ގަސްތައް ރީތިކުރުމަށް އޭނާ ބޭނުން ކުރަނީ އޮސްމޮކޯޓް 13-13-13 ގަސްކާނާ އެވެ. 

އައިމަން ބުނިގޮތުގައި، ފަށައިގަންނަ މީހަކަށް ހެއްދިދާނެ ބައެއް ގަސްތަކަކީ: 

1. ސްނޭކް ޕްލާންޓް

2. ޕޯތޯސް

3. މަނީ ޕްލާންޓް

4. ޒީޒީ ޕްލާންޓް

5. ސްޕައިޑާ ޕްލާންޓް

6. ޕީސް ލިލީ

އައިމަންގެ މޮންސްޓެރާ ވެރިގޭޓަޑް ގަހެެއް 

ގަސް ހެއްދުމަކީ އަންހެންނުން ކޮށް އުޅޭ ކަމެއްގެ ގޮތުގައި ބައެއް މީހުން އަދިވެސް ދެކެ އެވެ. އެކަމަކު އައިމަން ދެކޭ ގޮތުގައި މިއީ ވަކި ޖިންސަކަށް އޮތް މަސައްކަތެއް ނޫނެވެ.

"މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފިރިހެނުން ވެސް އަންނަނީ މިކަމުގެ ތެރެއަށް ވަންނަމުން. އަހަރެން އުއްމީދު ކުރަން އަދި މިއަށް ވުރެ ގިނަ ފިރިހެނުން މިކަމަކުގެ ތެރެއަށް ވަންނާނެ ކަމަށް. މިކަން ގުޅިފައިވަނީ ކަނެކްޝަން، ކެއާ އަދި ޕޭޝަންސްއާ،" އައިމަން ބުންޏެވެ.

ކޮމެންޓް (1)

ހަމްކޮ

2 އޯގަސްޓު 2025
ސަޅިކަމެއް. އަހަރެންގެ ގަސްތަކެއްވެސް ވަކި ތިޔައްވުރެން މަދެއްނުވާނެ. މަސައްކަތްކުރީމަ ކާމިޔާބުވާނެ.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް