މޯލްޑިވްސް އެކްސްޕޯއިން ލިބުނު ވަނައާ އެކު މުނާލް ޝުޖާއު ފޮޓޯއަކަށް ހުއްޓިގެން
ބައްޕަގެ ހުނަރުން ތިލަވި ޝައުގުން މުނާލް ވެއްދީ އުފެއްދުންތެރިކަމުގެ ތެރެއަށް
މުނާލް ޝުޖާއު ބުނިގޮތުގައި އޭނާ އުޅެބޮޑުވީ، ބައްޕަގެ އާޓް ސްޓޫޑިއޯ ތެރޭގަ އެވެ. އެތަނުގައި ގެންގުޅޭ ކުލަތަކުގައި ހޭކެމުން، ކުރަހާފައި ހުންނަ ޓީޝާޓުތައް ބަލަމުން ތަޖުރިބާކުރަމުންނެވެ. އެހެންވެ، އެންމެ ކުޑައިރުއްސުރެ އެއްޗެހި ޑިޒައިން ކުރުމާއި ކުރެހުމާއި ކުލަ ޖެއްސުން ފަދަ ފަންނުވެރިކަން އޭނާގެ ސިކުނޑިއަށް ހުރީ ރަނގަޅަށް ނަގައިގަނެވިފަ އެވެ. ބޮޑުވެގެން ފެޝަން ޑިޒައިނަރަކަށް ވާން، އުމުރުން ހައެއްކަ އަހަރުގައި ކަނޑައެޅި އަޒުމްގައި ސާބިތުވެ ހުރެ، މުނާލް މިއަދު އެދަނީ އެ ދާއިރާއިން މައްޗަށް އަރަމުންނެވެ.
ހެދުމާއި ގަހަނާ އާއި އަތް ދަބަސް ހިމެނޭ އޭނާގެ އަމިއްލަ ބްރޭންޑް، 'ފަމުޝޫ'އަކީ އަސްލަށް ވެސް ބްރޭންޑަކަށް ވެއްޖެ އެވެ. އެކަމަކު އޭނާގެ ވާހަކަ ތަފާތެވެ. ހިތުގައި އުފެދުނު ޝައުގަކުން ފެށި ވިޔަފާރިއަކަށް ވުރެ ބޮޑަށް، މުނާލްގެ ވާހަކަ ހާއްސަ ވަނީ އޭނާގެ މި ބްރޭންޑުގައި އާއިލާ މެމްބަރުންގެ ލޯތްބާއި އެއްބާރުލުން އޮތް މިންވަރު ބޮޑުކަމުންނެވެ.
މުނާލް ބުނިގޮތުގައި ފެޝަނުގައި އޭނާގެ އެންމެ ފުރަތަމަ އެދުރަކީ ބައްޕަ އަހުމަދު ޝުޖާއު އެވެ. އޭނާ ބޮޑުވީ ތަޖުރިބާކާރު އާޓިސްޓެއްގެ އުނގު ތެރޭގަ އެވެ. ޓީޝާޓުގައި ކުރަހާ، ޓޫރިސްޓުންނަށް ބައްޕަ އެ ވިއްކާތަން އޭނާއަށް ފެނެ އެވެ. ލަވަ މުބާރާތް ފަދަ މުބާރާތްތަކަށް ބައްޕަ ސެޓު ޑިޒައިން ކޮށްދިނެވެ. ހުނަރު ދައްކާލުމުގެ އެކި ހަރަކާތްތަކުގައި ބައްޕަ ބައިވެރިވެ، މީހުން އާޝޯހުކޮށްލި އެވެ. އެއަށް ވުރެ ބޮޑަށް، ފެޝަނަކީ ކޮން އެއްޗެއްކަން ބައްޕަ ބުނެދިނެވެ.
"މުނާލް ބޮޑުވީ ހަމަ ސްޓޫޑިއޯ ތެރޭގައި. ބައްޕަ ދައްކާނެ ވޯގް ކަހަލަ އެކި ފެޝަން މެގަޒިންތައް،" ފެޝަން، ލައިފްސްޓައިލް ލިއުންތެރިއެއްގެ ގޮތުން 'ދައުރު'ގައި ލިއަމުން ވެސް އަންނަ މުނާލް ބުންޏެވެ.
"ފޮތުން ދައްކާފައި ބުނާނެ މިއީ ވެލެންޓީނޯއެކޭ. ގެލިއާނޯއެކޭ، ވަސާވޭއެކޭ. މިހިރީ ފެޝަންއޭ. މިހިރީ ފެޝަން ޑިޒައިނަރޭ. މިހިރީ ފެޝަން ޝޯއޭ."
ބައްޕަ ތައާރަފްކޮށްދިން އެ ފެޝަން ހަގީގަތްތަކުގެ އިތުރަށް އޭނާ ހިތްޖެހުނީ، ގޭތެރޭގައި މަންމަ ފަހާތަން ފެނުމުންނެވެ. އެހެންވެ، ފެޝަން ޑިޒައިނިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްގެން އައުމުން، ފިޔަފަޅާފައި އުދުހި ގަންނަން، މައިންބަފައިންގެ އިތުރުން ފިރިހެން ކޮއްކޮގެ އެހީތެރިކަން ވެސް ލިބުނެވެ.
ބައެއް ޑިޒައިންތައް، ބައްޕަގެ މަސައްކަތްތަކުން ހިޔާލު ހޯދައިގެން އޭނާ ފައްކާކުރެ އެވެ. އޮޕަރޭޝަނަލް ކަންކަމުގައި މަންމަ އާއި ކޮއްކޮގެ އެހީތެރިކަން އޭނާއަށް ލިބެ އެވެ. ފާޑުކިޔުންތަކާއި ކުރިއެރުންތައް އޭނާ ފުރަތަމަ ހޯދަނީ ގޭތެރެއިންނެވެ. މުނާލްގެ ބަހުން ނަމަ، އެ ވިޔަފާރި ކުރަނީ އެންމެން އެކުގަ އެވެ.
މުނާލްގެ ފަމުޝޫ ބޮޑަށް ހާއްސަވަނީ، ރާއްޖޭގެ ދިވެހިވަންތަކަން އިހުސާސްކޮށްލަން ބޭނުންވާ ޓޫރިސްޓުންނަށެވެ. އޭނާގެ ހެދުމާއި ގަހަނާ އާއި ދަބަސް ފަދަ ތަކެތި ޑިޒައިންކޮށްފައި ހުންނަނީ، އެއިން ދިވެހިވަންތަކަން ފެންނާނެ ގޮތަށް، އެކަމަކު ޒަމާނީކޮށެވެ. ނަތީޖާއަކަށް ވީ، 2017ގައި އޭނާ ތައާރަފްކުރި އަމިއްލަ ބްރޭންޑަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމެވެ. ފައްޓަރާއި ފޭއްޔާއި ލިޔެލާޖެހުމުގެ ޑިޒައިނާއި ދިވެހި އަކުރުތަކާއި ބޮއްޔާއި ގުދުރަތީ ރީތިކަން އޭނާގެ އުފެއްދުންތަކުން ފެނެ އެވެ.
އެ އެއްޗެހި ވިއްކަން އޭނާ ކުރިން މާލޭގައި ފިހާރައެއް ހުޅުވި ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާ އެކު އެތަން ވެސް ދިޔައީ އެވެ. މިހާރު އޭނާ ތަކެތި ވިއްކަނީ އޮންލައިންކޮށާއި ޑިއުޓީ ފްރީ އަދި ބައެއް ރިސޯޓުތަކުގަ އެވެ. މުނާލް ބުނިގޮތުގައި އެއީ ޑިމާންޑު ބޮޑު ވިޔަފާރިއެކެވެ.
'އަކުރު ޓޯޓް'އަށް ވަނައެއް
މިހާރު ކުރިއަށް ދާ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ 'މޯލްޑިވްސް އެކްސްޕޯ'ގައި މުނާލްގެ އުފެއްދުންތައް ބައިވެރިކުރި އެވެ. އޭގެ ތެރެއިން 'ކްލޯތިން އެންޑް އެކްސެސަރީޒް' ސަބް ކެޓަގަރީން، އޭނާގެ 'ޓޯޓް ބޭގް'އަށް ވަނީ ދެ ވަނަ ލިބިފަ އެވެ.
މި ދަބަހުން ފެންނަނީ، ދިވެހި އަކުރުތައް، ރީތި ގޮތަކަށް ދަބަހުގައި އަތުރާލާފައި ހުއްޓަ އެވެ. ފަސޭހަވެފައި ސާދާ އެވެ. މިއީ ދިވެހިންނާއި ޓޫރިސްޓުންގެ ތެރޭގައި ވެސް ގަދައަށް ވިކުނު ދަބަހެކެވެ.
"އަސްލު އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން ވަނައަކަށް. އެކްސްޕޯގައި ބައިވެރި މި ކުރީ ވެސް މިހާރު ވިއްކަމުން އަންނަ ބައެއް އެއްޗެހި. ވަނައަކަށް އަމާޒުކޮށްގެން ހެދި ނަމަ، ވަރަށް ތަފާތު، މާ ރަނގަޅު އެއްޗެހި ނެރެވުނީސް،" މުނާލް ބުންޏެވެ.
"އެކަމަކު ވަރަށް އުފާވެއްޖެ ވަނަ ލިބުނީމައި."
މޯލްޑިވްސް އެކްސްޕޯގައި ހުރި އޭނާގެ ސްޓޯލަށް ޒިޔާރަތްކޮށްފި ނަމަ މިހާރު ވެސް އޭނާގެ އެކި ޑިޒައިންތަކުގެ އުފެއްދުންތައް ފެންނާނެ އެވެ.
މުނާލް ބުނިގޮތުގައި، އުއްމީދުނުކޮށް ހުއްޓާ ލިބުނު ވަނައިން އޭނާގެ ހިތްވަރު އާވެއްޖެ އެވެ. އޭނާގެ ސިކުނޑީގައި މިހާރު ވެސް އަންނަނީ އާ ޑިޒައިންތަކުގެ ހިޔާލު އެނބުރެމުންނެވެ. މިހާރު އޭނާގެ އަމާޒަކީ، ގިނަ ބަޔަކު ބަލައިގަންނާނެ ފަދަ، ތަފާތު، ދިވެހިވަންތަ ޑިޒައިންތަކެއް ބާޒާރަށް ނެރުމެވެ. އޭނާގެ ހެދުންތަކާއި ގަހަނާ އަދި ދަބަހުން، ޓޫރިސްޓުން ރާއްޖެ ސިފަކުރުމެވެ.
އެކަމަކު ޔަގީނުން ވެސް މި އުފެއްދުންތައް އޭނާ ނެރޭނީ، އާއިލާގެ ހިޔާލާއި އެ މީހުންގެ ލޯތްބާ ވެސް އެކުގަ އެވެ.