ސިއްހަތު

ޑރ. ނަދީމާ: ދިވެހިންނަށް ރީތި ހިނިތުންވުމެއް ގެނެސްދިނުމުގައި

ޑރ. ނަދީމާއަކީ މިވަގުތު ރާއްޖޭގައި ހުންނެވި ހަމައެކަނި ދިވެހި އޯތޮޑޮންޓިސްޓް؛ އޭނާގެ މަސައްކަތް ބުރަ ނަމަވެސް ހިދުމަތުގައި ހުންނެވީ ކުރާ ހިތުން

އޭލެވެލް ނިންމާލުމަށް ފަހު އޭނާ ވަޒީފާއަކަށް ދިޔައީ އައިޖީއެމްއެޗްގެ ކްލިނިކަލް އެސިސްޓެންޓަކަށް ނުވަތަ ޑޮކްޓަރުންގެ އެހީތެރިއަކަށެވެ. އެ ހޮސްޕިޓަލްގައި އާންމުކޮށް އޭނާއަށް މަސައްކަތް ކުރަން ޖެހުނީ ދަތުގެ ފަރުވާއާ ބެހޭ ޑެންޓަލް ޑިޕާޓްމަންޓުގައި ޑެންޓިސްޓުންގެ އެހީތެރިއެއްގެ ގޮތުންނެވެ.

އެއީ މީގެ 20 އަކަށް އަހަރު ކުރި އެވެ. 

މިހާރު އޭނާ އަކީ އައިޖީއެމްއެޗްގެ ޑެންޓަލް ޑިޕާޓްމަންޓުގެ އެންމެ އިސް ޑޮކްޓަރު އަދި ރާއްޖޭގައި ހުންނެވި ހަމައެކަނި ދިވެހި އޯތޮޑޮންޓިސްޓް، ޑރ. ނަދީމާ ރަޝީދެވެ. 

"ވަރަށް ބައިވަރު ޑެންޓިސްޓުންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބި އެ މީހުން ކުރާ މަސައްކަތް ފެނިގެން މި ދާއިރާއަށް ވަނުމަށް ޝައުގުވެރިކަން އުފެދުނީ،" ޑެންޓިސްޓަކަށްވެ އެ ދާއިރާއިން ހާއްސަވާން ދިމާވި ސަބަބާ ގުޅޭ ގޮތުން ޑރ. ނަދީމާ ވިދާޅުވި އެވެ. 

ކިޔަވާ ވިދާޅުވި ދުވަސްވަރު ޑރ. ނަދީމާ 

އެ ޝައުގުވެރިކަމުގައި އޭނާ ކިޔަވާ ވިދާޅުވާން 2006ގައި ފުރީ ބަންގުްލަދޭޝްއަށެވެ. ބަންގްލަދޭޝްގެ ރަންގްޕޫރު ޑެންޓަލް ކޮލެޖުން ޑެންޓަލް ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރެއްވި އެވެ.

ރާއްޖޭގައި އޯތޮޑޮންޓިސްޓަކަށް ދިވެހި ހަމައެކަނި އަޅުގަނޑު ހުރީ. އެހެންވީމާ، އެއީ އަސްލު ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް ބައިވަރު ކޭސަސް ބަލަންޖެހޭ. އަޅުގަނޑު ހިތްވަރު ދެން ގިނަ ކުދިން މި ދާއިރާއަށް ނުކުތުމަށް.

ޑރ. ނަދީމާ ރަޝީދު / އޯތޮޑޮންޓިސްޓް

އެއަށް ފަހު، 2011ގައި އެނބުރި ރާއްޖެ ވަޑައިގެން އައިޖީއެމްއެޗްގައި ޑެންޓަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. އަނެއްކާ ވެސް 2014ގައި ބަންގްލަދޭޝްއަށް ވަޑައިގެން އޯތޮޑޮންޓިކްސްގެ ދާއިރާއިން ހާއްސަވި އެވެ. އެއީ ދިވެހިން ތަމްރީންވެފައި ނެތް ދާއިރާއެކެވެ. 

"ރާއްޖޭގައި އޮތޯޑޮންޓިސްޓަކަށް ދިވެހި ހަމައެކަނި އަޅުގަނޑު ހުރީ. އެހެންވީމާ، އެއީ އަސްލު ވަރަށް ބޮޑު ޗެލެންޖެއް. ވަރަށް ބައިވަރު ކޭސަސް ބަލަންޖެހޭ،" ޑރ. ނަދީމާ ވިދާޅުވި އެވެ.

ކަވި، ބުރަ މަސައްކަތެއްގައި

އާއިލީ ޒިންމާތައް ނަންގަވަމުން އޭނާއަށް އެއީ ފަސޭހަ ކަމެއް ނޫނެވެ. ބުރަ މަސައްކަތެކެވެ. ގިނަ ވަގުތި ދޭން ޖެހެ އެވެ. އެކަމަކު މަސައްކަތް ކުރައްވަނީ ކުރާ ހިތުންނެވެ.

އޭނާ ކުޑައިރުއްސުރެ ވެސް ބޭނުންވީ ކޮންމެވެސް ދާއިރާއަކުން ގައުމަށް ރަނގަޅު ހިދުމަތެއް ކޮށްދޭށެވެ. އޭނާގެ ފައިދާ ދިވެހިންނަށް ކޮންމެވެސް ރޮގަކުން ފޯރުކޮށްދިނުމަށެވެ. އޭނާ އެ މަގުސަދު އެ ވަނީ ހާސިލްކޮށްފަ އެވެ. 

ރެގިއުލާ ޑެންޓަލް ޗެކަޕްސް ހެދުން އެންމެ ރަނގަޅީ. ތަދު ވީމަ އެކަނި ޑޮކްޓަރަށް ދައްކަން ނައިސް ހަމަ ރޫޓީންކޮށް އެހެން ދޭތެރެއަކުން ދައްކާލުން. އޭރުން ވަރަށް ބައިވަރު މައްސަލަތަކެއް ހައްލުވާނެ.

ޑރ. ނަދީމާ ރަޝީދު / އޯތޮޑޮންޓިސްޓް

އޯތޮޑޮންޓިކްސް އަކީ ދަތުގެ އައިބުތަކާއި ދަތްޕިލައިގެ ބައްޓަމާއި ދަތްތައް ފަޅާ ގޮތް ބަލައި އެކަމާ ގުޅޭ ފަރުވާތައް ދިނުމެވެ. އޭނާގެ މަސައްކަތުގެ ބޮޑު ބަޔަކީ ދަތްތައް ތެދުކޮށް، ދަތްތަކުގެ އެތުރުން ރަނގަޅުކުރުމެވެ.  އެކަމުން މަގުފަހި ވަނީ ރީތި ހިނިތުންވުމަކަށެވެ. 

ރާއްޖޭގެ ފުރަތަމަ އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ރަޝީދު ފަރުވާ ކުރެއްވުމުގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"ކޮންމެ ކޭސްއެއް ވެސް ތަފާތުވާނެ. ކޮންމެ ކޭސްއަކަށް ވަކިން ބަލައިގެން އަޅުގަނޑުމެން އިވެލުއޭޓްކޮށްފައި ވަކި ފަރުވާތަކެއް ކައިރިން މޮނީޓާކޮށް ދެނީ،" އައިޖީއެމްއެޗްގެ އިތުރުން ޕާލް މެޓިކަލް ސެންޓަރުގައި ވެސް ބަލިމީހުން ބައްލަވާ ޑރ. ނަދީމާ ވިދާޅުވި އެވެ. 

"ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ ނަރުގަނޑު އަޅުވަނީ ދަތްތައް ރީތިކުރަންށޭ. އޭގެ ބޭނުމަކީ ދަތްތައް ރީތިކުރުމެއް ނޫން. އެއީ ޕްރޮޕާ ބައިޓެއް، ރަނގަޅު ބައިޓެއް ގެނައުން."

މިއަދަށް ޑޮކްޓަރުގެ އިރުޝާދުތަކެއް

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަ ކުރާ އޯތޮޑޮންޓިކް ސިއްހަތުގެ ދުވަހު ޑރ. ނަދީމާ ދިވެހިންނަށް ދެއްވާ ނަސޭހަތަކީ އަގައިގެ ސިއްހަތަށް ސަމާލުވުމުގެ މުހިންމުކަމެވެ. އެކަމަށް ފަރުވާކުޑަނުކުރުމެވެ. ކުޑަކުދިން ފެށިގެން ގޮސް ބޮޑެތި އުމުރުގެ މީހުންނެވެ. 

އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ރަޝީދު ފަރުވާ ކުރެއްވުމުގައި
އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ރަޝީދު ފަރުވާ ކުރެއްވުމުގައި

"ގިނައިން ފެންނަނީ ހަމަ ދަތްފަނި ކައިގެން އަންނަތަން. މިއީ އަސްލު ނުރަނގަޅު އާދަތަކާ ހެދި ދިމާވާކަން. މިސާލަކަށް ފޮނި އެއްޗެހި ތަންކޮޅެއް ގިނައިން ކެއުން. ރަނގަޅަށް އަނގަތެރެ ސާފުކޮށް ބެލެހެއްޓުމަށް، ހާއްސަކޮށް ކުޑަކުދިންގެ އަނގަތެރެ ސާފުކޮށް ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއް،" ޑރ. ނަދީމާ ވިދާޅުވި އެވެ. 

"ރެގިއުލާ ޑެންޓަލް ޗެކަޕްސް ހެދުން އެންމެ ރަނގަޅީ. ތަދު ވީމަ އެކަނި ޑޮކްޓަރަށް ދައްކަން ނައިސް ހަމަ ރޫޓީންކޮށް އެހެން ދޭތެރެއަކުން ދައްކާލުން. އޭރުން ވަރަށް ބައިވަރު މައްސަލަތަކެއް ހައްލުވާނެ."

ރާއްޖޭގެ ފުރަތަމަ އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ރަޝީދު (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޑރ. ނަދީމާ ވިދާޅުވާ ގޮތުގައި އޯތޮޑޮންޓިސްޓަކަށް ދައްކަން އެންމެ ރަނގަޅު އުމުރަކީ 7 އަހަރެވެ.

"އެކަމަކު އޭގެ ކުރިން ވެސް ޑެންޓިސްޓަކަށް ދައްކާލުން ވަރަށް މުހިންމު. އެއީ ދަތްތައް ފަޅަމުން އަންނައިރު އެ ފަޅާ ގޮތް ރަނގަޅުތޯ ބެލުމާ ކަށިގަނޑުގެ އުފެދުން މޫނުމަތީގެ ކަށިތައް އުފެދެމުން އަންނަނީ ރަނގަޅަށްތޯ ބަލާލަން،" ޑރ. ނަދީމާ ވިދާޅުވި އެވެ.

އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ކޮންފަރެންސެއްގައި

ޑޮކްޓަރުގެ އިރުޝާދުތައް: 

  • ދަތްފަނި ކެއުމުގެ ނުރަނގަޅު އާދަތަކުން ދުރުވުން

  • ފޮނި ތަކެތި ގިނައިން ކެއުމުން ދުރުހެލިވުން

  • އަނގަތެރެ ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން، ހާއްސަކޮށް ކުޑަކުދިންގެ ލައްވާ ގަަވައިދުން ދަތް އުގުޅުވުން 

  • ކުޑަކުދިންނަށް ކިރު ތައްޓެއް ފަދަ ފޮނި އެއްޗެއް ދީފައި ދަތްނުއުގުޅާ ނުނިންދެވުން

  • އިނގިލި ބުއިން ފަދަ ނުރަނގަޅު އާދަތައް ހުއްޓުވުން

  • ގަވައިދުން ޑެންޓަލް ޗެކްއަޕް ހެދުން 

  • އޯތޮޑޮންޓިސްޓަކަށް ގަވައިދުން ދެއްކުން

އޯތޮޑޮންޓިސްޓް ޑރ. ނަދީމާ ރަޝީދު ފަރުވާ ކުރެއްވުމުގައި

އޭނާ ވަނީ ގިނަ ދިވެހި ޑެންޓިސްޓުން އޯތޮޑޮންޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ހިތްވަރު ދެއްވައިފަ އެވެ.

"ރިކޮމެންޓްކުރަން، ޑެންޓިސްޓްރީއާ ދާކުދިން ވެސް އޯތޮޑޮންޓިކްސްއިން ސްޕެޝަލައިޒްވާން. އެއީ އޯތޮޑޮންޓިކްސްއަކީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއެއް. އެކަމަކު، އެހާ ބޮޑަށް އިނގޭ ދާއިރާއެއް ނޫން،" ޑރ. ނަދީމާ ވިދާޅުވި އެވެ. 

ޑރ. ނަދީމާގެ މަސައްކަތާއި ތަޖުރިބާއަކީ ރާއްޖޭގެ ޑެންޓަލް ހެލްތް ދާއިރާއަށް ލިބިފައިވާ ވަރަށް މުހިންމު ހިއްސާއެކެވެ. އޭނާގެ ހިދުމަތުން ގިނަ ދިވެހިންނަށް އެ ދަނީ ފައިދާ ކުރަމުންނެވެ. ރީތި ހިނިތުންވުމެއްގެ ފަހަތުގައި އެ ހުރީ އޭނާ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް