ސަތޭކަ

ޓީޗަރެއްގެ ހުނަރުން މިސްކިތްތަކަށް ރީތި މަންޒަރެއް

ފަރުހާދު އިބްރާހިމް ވަނީ 17 ވަރަކަށް އަހަރު ވަންދެން ޓީޗަރަކަށް އުޅެފައި. އެކަމަކު އަރަބި ލިއުމުގައި އޭނާ ހޯދި ހުނަރާ އެކު އެ މަސައްކަތް ދޫކޮށް މުޅި ރާއްޖެއަށް ފަތުރާލަދިނީ ލިއުމުގެ ރީތި ޑިޒައިންތަކެއް
3 އޭޕްރީލު 2025
4

މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިން، އަމިއްލަ ރަށް، ހދ. ނޭކުރެންދޫގެ ކޮންމެ ގެއަކަށް ރޯދަމަހުގެ ހަދިޔާއެއް ބަހަން އޭނާ އާއި އޭނާގެ ބޭބެ ބޭނުންވި އެވެ. އެގޮތުން ނިންމުނީ ކޮންމެ ގެއަކަށް ޤުރުއާންގެ ސީޑީއެއް ދިނުމަށެވެ. އެއީ ހުރިހާ ކަމެއްހެން މޮބައިލް ފޯނުން ކުރުމުގެ ތަރައްގީ ނެތް ޒަމާނެކެވެ. ސީޑީގެ ފަސޭހަކަމުގައި އުޅުނު ދުވަސްވަރެވެ.

ޤުރުއާން ސީޑީ ތައްޔާރުކުރި އެވެ. އެކަމަކު އެ ސީޑީގެ ބޭރު ކަވަރުގައި 'ޤުރުއާން ކަރީމް' ޖަހާނެ ގޮތެއް ނިންމާފައެއް ނުވެ އެވެ. އެއީ އޭނާއަށް ވެސް އާ ކަމެކެވެ.

ނަމަވެސް ފަަރުހާދު އިބްރާހިމަކީ ހުނަރުވެރިއެކެވެ. ފަންނީ ޒުވާނެއް ވެސް މެ އެވެ. އެހެންކަމުން އޭނާ ބޭނުންވީ އަރަބިން ރީތިކޮށް ލިއެވޭތޯ ވެސް ބަލާށެވެ.

"އެ މަސައްކަތްކުރީމާ މި އެނގުނީ އަދި އަހަރެން ނުވަންނަ ފީލްޑެކޭ މިއީ. މިކަން ކުރެވިދާނޭ. އެހާ ހިސާބުން އަރަބި ލިއުމުގެ ޝައުގުވެރިކަން ފެށުނީ،" ފަރުހާދު ބުންޏެވެ.

އޭރު އޭނާ އުޅެނީ ނޭކުރެންދޫ ސްކޫލްގެ ޕްރައިމަރީ ޓީރަކަށެވެ. ކުރެހުމަކީ އޭނާގެ ފަންނެއް ކަމުން ސްކޫލްގައި އާޓް މާއްދާ ވެސް ކިޔަވައިދިނީ އޭނާ އެވެ. ސްކޫލްގެ އިވެންޓްތަކަށް ސްޓޭޖް އާއި ރަށުގައި ބާއްވާ ހަރަކާތްތަކަށް ވެސް ފަންނީ ބައި ފުރިހަމަކޮށްދިނުމުގައި އޭނާ ހުންނަނީ ކުރީގަ އެވެ.

މާލެ ބަދަލުވުމާ އެކު ހުޅުވުނީ އެތައް ފުރުސަތެއް

ރަށުގައި ޕްރައިމަރީ ޓީޗަކަށް އުޅެފައި އިތުރު ފުރުސަތު ހޯދުމުގެ ގޮތުން ފަރުހާދު ބަދަލުވީ މާލެއަށެވެ. އިސްލާމް މާއްދާއަށް ހާއްސަވެ އޭނާ މަސައްކަތް ފެށީ މާލޭ ސްކޫލްތަކުގަ އެވެ. އެއާ އެކު އޭނާގެ ފަންނީ ހުނަރުގެ ތަރައްގީއަށް ވެސް މާލެއިން ފުރުސަތުތައް ހުޅުވުނެވެ. ޖަމާލުއްދީން ސްކޫލްގެ އިވެންޓްތަކަށް އޭނާ ހަދަން ފެށި ސެޓްތައް އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ. ދެން ލިބުނީ ޓީވީއެމްގެ ސެޓްތައް ހެދުމުގެ ފުރުސަތެވެ. އޭރު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކުޅިވަރު އެވޯޑް 'ހަވީރު ސްޕޯޓްސް އެވޯޑްސް'ގެ ސްޓޭޖް ހެދުމެވެ. އެހެން ވެސް އެތައް ފުރުސަތެކެވެ.

އުލިގަމުގައި މާލޭގެ މުންނާރު ނަކަލުކޮށްގެން ހަދާފައި ހުރި މުންނާރު: މީގެ ލިއުންތައް ސިމެންތިން ހަދައިދިނީ ފަރުހާދު

ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ފަރުހާދުގެ ދިރިއުޅުން އަމިއްލަ ފައިމައްޗަށް ކޮޅަށް ޖަހާލަން އޭނާއަށް މަގު ކޮށައިދިނީ އަރަބި ލިއުމުގައި އޭނާ ހޯދި ހުނަރެވެ. ބައެއް ރައްޓެހިން، ހާއްސަކޮށް އަބްދުލް މުއީދު ހަސަންގެ އަތުން ލިބުނު އަކުރު ސެޓްތަކުގެ ބޭނުން ހިފައި، ކޮމްޕިއުޓަރުގެ އެހީތެރިކަމާ އެކު އެ ދާއިރާއިން ފަރުހާދުގެ ކާމިޔާބީ ދުވަސްތައް ފެށުނީ އެހާ އަވަހަށެވެ.

"އިންފޮމޭޝަން [މިނިސްޓްރީން] ކަލަންޑަރު ހަދަން ހުޅުވާލި ބިޑަށް ލައިގެން ގޮސް ހުއްޓާ އުސްތާޒު މުއީދުއާ ދިމާވަނީ. މުއީދު އަހައިފި ކީއްހޭ ކުރަނީ؟ ކީއްވެގެންހޭ މިކަމަށް [އަރަބި ލިއުމަށް] ޝައުގުވެރިވަނީ. ތިޔަ ކަމަށް އެހީވެވިދާނެއޭ،" ފަރުހާދު ކިޔައިދިނެވެ.

ޓީޗަރުކަން ދޫކޮށްލުމަށް ފަހު ފަރުހާދު ފަހުން ހުސްވީ އަރަބި ލިއުމުގެ މަސައްކަތަށް (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

މުއީދަކީ މައުހަދުގައި ކިޔަވާވިދާޅުވި އިރު ވެސް ރީތިކޮށް އަރަބި ލިއުއްވަމުން ގެންދެވި ބޭފުޅެކެވެ. ފަރުހާދާ ބައްދަލުވި އިރު ބައެއް މިސްކިތްތަކުގައި ވެސް އޭނާގެ ލިއުންތައް ހުއްޓެވެ. އެ ބައްދަލުވުމަށް ފަހު ގެއަށް ގެންދަވައި، އޭނާގެ އަކުރު ސެޓެއް ފަރުހާދަށް ދެއްވި އެވެ.

ފަރުހާދު ބުނީ އެއީ އޭނާގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އެ އަކުރު ސެޓާއި ކުރިން އަތުގައި ހުރި ޑިޒައިންތައް ބޭނުންކޮށްގެން މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަނެެވެ. 

މުޅި ރާއްޖޭގައި އޭނާގެ ލިއުންތައް

މިއަދު ހއ. އިން ފެށިގެން އައްޑު އަތޮޅާ ހަމައަށް ފަރުހާދުގެ އެ ހުނަރު ފަތުރާލައިފި އެވެ. ބޮޑެތި އެތައް މިސްކިތެއްގެ އެތެރޭގެ ފާރުތަކާއި މިހުރާބުގެއަށް ޒީނަތްތެރިކަން ގެނެސްދީފި އެވެ. މިސްކިތްތަކުގެ ނަން ބޯޑު އެކި ޑިޒައިންތަކަށް ހަދައިދީފި އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ލިއުން ނެތް އަތޮޅެއް ރާއްޖޭގައި މިހާރު ނެތެވެ.

އއ. ތޮއްޑޫގައި 'އައިޝާ'ގެ ނަމުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އިމާރާތްކޮށްދެއްވި ރީތި މިސްކިތަކީ ފަރުހާދުގެ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތެވެ. އެއީ ރާއްޖޭގައި ޤުރުއާންގެ އެންމެ ގިނަ ލިއުންތައް ހަރުކުރި މިސްކިތް ވެސް މެ އެވެ. އަމިއްލަ ސާމާނު ނެތިއްޖެ ނަމަ އެ މަޝްރޫއުއަށް ބުރޫއަރާފާނެތީ ލޭޒާ މެޝިން ވެސް ގަންނަން ޖެހުނެވެ.

މިއީ ތޮއްޑޫގައި ގާސިމް އިބްރާހިމް އިމާރާތްކުރެއްވި ސަޖިދު އައިޝާ. މިއީ ރާއްޖޭގައި އެންމެ ގިނަ ލިއުން ހިމެނޭ މިސްކިތް

"އޭރު އެކި މީހުންނަށް ދީގެން ބޯޑުތައް ކަފާ އުޅުނީ. އެކަމަކު [އައިޝާ މިސްކިތުގެ] އެހާ ބޮޑު ޕްރޮޖެކްޓެއް ނަގާއިރު އެގޮތަކަށް މިކަން ނުކުރެވޭނެ. އެހެންވީމާ އެކަމަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަ ވެސް ލޭޒާ މެޝިނެއް ގަތީ،" ފަރުހާދު ބުންޏެވެ.

އައިޝާ މިސްކިތުގެ ކުރިން ރާއްޖޭގައި އެންމެ ގިނައިން ޤުރުއާންގެ އާޔަތްތައް ލިއެފައި ހުރީ އިސްލާމީ މަރުކަޒުގަ އެވެ. އެއީ، ފަރުހާދު ލަފާކުރާ ގޮތުގައި، ގާތްގަނޑަކަށް 25-30 ބޯޑެވެ.

މިކަހަލަ ލިއުންތަކެއް ހަދާ ނިންމާލުމުން ފަރުހާދަށް ލިބެނީ ވަރަށް ބޮޑު އުފަލެއް

"އޭގެ ބަދަލުގައި މި ތަނުގައި [އައިޝާ މިސްކިތުގައި] ހުންނާނެ 100 އެތައް ބޯޑެއް. މުޅި ރާއްޖޭގައި އެންމެ ގިނަ ލިއުން ހުންނާނީ އައިޝާ މިސްކިތުގައި. އެއީ މިހާތަނަށް މީހަކު ނުކުރާ ވަރަށް ގާސިމް ހައްދަވާފައި ހުރި ފުރިހަމަ މަސައްކަތެއް،" ފަރުހާދު ބުންޏެވެ.

ތޮއްޑޫ މިސްކިތުގެ މަސައްކަތް ލިބުމާ އެކު ލޭޒާ މެޝިން ގެނެސް ވަރަށް ބޮޑަށް ތައްޔާރުވި

އަރަބި ލިއުމުގެ ތެރެއިން ވަރަށް ތަފާތު ތަޖުރިބާތައް އޭނާ ވަނީ ކޮށްފަ އެވެ. އެގޮތުން ހއ. އުލިގަމުގައި މާލޭގެ ހުކުރު މިސްކިތް ނަކަލުކޮށްގެން ހެދި މިސްކިތާ އެކު މާލޭގެ މުންނާރު ވެސް ހަމަ އެގޮތަށް ބިނާކުރި އެވެ. އޭނާއަށް ޖެހުނީ މުންނާރުގައި ހުރި ލިއުންތައް ހަދާށެވެ.

"ވަރަށް ތަފާތު އެހެން ކަހަލަ މަސައްކަތެއް އެއީ. ސިމެންތިން އެ އަކުރުތައް ހަދަން ޖެހުނީ،" ފަރުހާދު ބުންޏެވެ.

މުޅި ހަޔާތް ބަދަލުކޮށްލި ހުނަރު

އުމުރުން 48 އަހަރުގެ ފަރުހާދަކީ މިއަދު ލޭޒާ ބޮޑު ދެ މެޝިން ބަހައްޓައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އަރަބި ކެލިގްރަފީ އާއި ޑިޒައިންގެ އެހެން މަސައްކަތްތައް ވެސް ކުރަމުން އަންނަ ފަންނުވެރިއެކެވެ. ޓީޗަރުކަން ދޫކޮށްލާފައި ހަމައެކަނި އެ މަސައްކަތަށް ހުސްވާން އުޅުމުން އާއިލާ އާއި ރައްޓެހިން ކުރި ސުވާލު، "ތިޔަ ކަން ކޮށްގެން ދިރިއުޅެވޭނެހޭ'އަށް އޭނާ ޖަވާބު ވެސް ދީފި އެވެ. މިއަދު މިސްކިތެއްގައި ޤުރުއާންގެ އާޔަތެއް ރީތިކޮށް ލިއަން ބޭނުން ނަމަ ގިނަ މީހުންނަށް އެނގޭނީ އޭނާގެ ނަމެވެ.

އައްޑޫ ހިތަދޫގައި ހުންނަ މަސްޖިދުލް އިބްރާހިމް

މި މަސައްކަތުގައި ފަރުހާދަށް ކުރެވުނީ ވަރަށް ބޮޑު ތަޖުރިބާއެކެވެ. ޤުރުއާނަކީ ބޮޑު މުއުޖިޒާތަކަށް ވާ ގޮތެވެ. ދީނީ އިލްމުވެރިން އެ ފޮތުން ނަސޭހަތާއި ދަރުސްތައް ދީ، މާތް ﷲގެ އަމުރުފުޅުން އާންމުންގެ ހިތްތައް ފުރާލަ އެވެ. އޭގައި ހިމެނޭ ބައެއް އެންގެވުންތަކަށް ބިނާކޮށް ޑޮކްޓަރުން ބައެއް ފަރުވާތައް ހޯދަ އެވެ. ސައިންސްވެރިންނަށް ބައެއް ސިއްރުތައް ގެނެސްދެ އެވެ. ފަރުހާދު ކަހަލަ ފަންނުވެރިންނަށް އޮތީ ތަފާތު ރީތި ޑިޒައިންތަކުން ސިފަ އަޅުވައިގެން ޤުރުއާންގެ އާޔަތްތައް ދައްކާލުމެވެ.

"އަޅުގަނޑުގެ ހަޔާތް މުޅިން ބަލުކޮށްލި އެއްޗަކީ ކެލިގްރަފީ،" ފަރުހާދު ބުންޏެވެ.

އަރަބީގެ ތަފާތު އަކުރުތަކަށް ހިތް ދޫކޮށްލުމުގެ އިތުރުން އޭނާ އަންނަނީ ރާއްޖޭގެ ތާރީހީ މިސްކިތްތަކުގައި ދިވެހިން ބޭނުންކޮށްފައި ހުރި އަމިއްލަ ހުނަރު ދިރާސާކުރަމުންނެވެ. އެއީ ވަރަށް ރީތި ހަމަތަކަކާއި ގޮތްތަކެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މަސްޖިދު އަމީލް ޖަލީލްގެ އެތެރޭގައި އޭނާ ކުރި މަސައްކަތްތަކަށް ބަލަހައްޓައިގެން ފަރުހާދު (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

ފަރުހާދު ބުނީ މިސްކިތެއް ބިނާކުރާ ބަޔަކު އޭނާ ބޭނުންވާ ގޮތަކަށް ލިއުންތަކާއި ޑިޒައިންތައް ހަދަން ފުރުުސަތު ދީފި ނަމަ އޭނާ ހިޔާރުކުރާނީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގައި ހުރި ފަރުމާކުރުންތައް ކަމަށެވެ. އެއީ ވެސް ހުނަރުވެރިކަމުގެ ވަރަށް ތަފާތު ވާހަކައެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އަޅުގަނޑު ބޭނުންވޭ "އާސާރީ މިސްކިތްތަކުގައި އެހެރަ ރީތި ކުރެހުންތައް، އޭގެ އެލެެމެންޓްތައް ވަކިކޮށްދޭން. އެ ކުރެހުންތަކުން ދައްކައިދެނީ ކޮން އެއްޗެއްތޯ. އޭގައި ފޮރިވިފައި ހުންނާނެ މާނަތަކެއް،" ފަރުހާދު ބުންޏެވެ.

"އަޅުގަނޑު އަމިއްލައަށް ހަދަން ދޫކޮށްލައިފިއްޔާ ހަދާނީ ސީދާ އަމިއްލަ ދިވެހި ޑިޒައިންތަކެއް."

ޤުރުއާން އާޔަތްތައް އެކި ޑިޒައިންތަކަށް ލިއެފައި ހުރުމުން މިސްކިތްތަކަށް ރީތިކަން ލިބޭ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

މިހާތަނަށް ފަރުހާދުގެ ލިއުންތަކުން ސިފަ ޖެއްސި ކޮންމެ މިސްކިތަކުން ވެސް ފެންނަނީ ރީތިކަމެވެ. މިސާލަކަށް ތޮއްޑޫގެ ސަޖިދު އައިޝާ އެވެ. ހުޅުމާލޭ ދެވަނަ ފޭސް ފެށޭ ހިސާބުގައި ހުރި މަސްޖިދު އަމީލް ޖަލީލެވެ. ހުޅުމާލޭ ފުރަތަމަ ފޭސް ނިމޭ ކޮޅުގައި ހުރި މަސްޖިދު އުމަރު ބިން ހައްތާބެވެ. އައްޑޫގައި ނަމަ މަސްޖިދުލް އިބްރާހިމެވެ. ޝީޝާއިން ގެމަނަފުށީގައި އިމާރާތްކުރި ރީތި މިސްކިތެވެ.

މިސްކިތެއްގެ ލިއުމުގެ މަސައްކަތް ނިންމާލެވުމާ އެކު އޭނާގެ ހިތަށް ލިބެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ އެ މިސްކިތަށް އަރާ މީހުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެވެ. ޤުރުއާންގެ އާޔަތްތައް ރީތި އަކުރުތަކުން ލިއެފައި ހުންނަ ތަން ފެނުމުން، މިސްކިތުގެ މުޅި މާހައުލު ބަދަލުކޮށްލެވުމުގެ ހިތްހަމަޖެހުމެވެ.

ކޮމެންޓް (4)

އިބްރާހީމް

3 އޭޕްރީލު 2025
މި ބޭފުޅާއާއި ގުޅުއްވޭނެ ގޮތެއް ލިޔުމުގައި ހިއްސާކޮށްލެއްވިނަމަ އިތުރު ބަޔަކަށް މި ބޭފުޅާއާއި ހަމައަށް ވާސިލުވުމަށް ފަހި ވީސް ކަމުގައި ދެކެން.
10 0

ޙަސަަން

4 އޭޕްރީލު 2025
@އިބްރާހީމް މިނަންބަރުން ގުޅޭނެ 7741401
1 0

ސާޖިދު

3 އޭޕްރީލު 2025
މަސްޖިދު އިބްރާހީމުގައި ލިޔެފައިވާ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން ބައެއް އާޔަތްތަކުގައި ނުކުތާ ނެތްކަން ފާހަގަކުރެވިފައި. ނަމަވެސް 3 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެއީ މާބޮޑުކަމަކަށް ނުހަދައި އެތިބެނީ ނޭނގޭކަމަށް ހެދިގެން. ފަރުހާދު މިކަންތައް ރަނގަޅު ކުރުވާނެ ކަމަށް އުއްމީދު ކުރަން!
8 0

އަޙްމަދު ދާއޫދު

3 އޭޕްރީލު 2025
މާޝާﷲ ވަރަށް ފުރިހަމަ ، މަސައްކަތްތަކެއް، މޮޅު ހުނަރުވެރިއެއް، ތިޔަމަސައްކަތުގައި އިތުރު ކުރިއެރުންތައް މިންވަރު ކުރައްވާށި. އާމީން
10 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް