އިމާމުން

ޕާކިސްތާނުގެ ޒުވާން މި އިމާމަށް ދިވެހި އެތައް ބައެއްގެ ލޯބި

އުމުރުން 30 އަހަރުގެ ސައީދުއް ރަހުމާންގެ ތަފާތަކީ ފުރުގާން މިސްކިތުގައި ތަރާވީސް ނަމާދު ވެސް އަދި ދަމުނަމާދުގައި ވެސް ހަތިމްކުރުން. އޭނާގެ ރީތި ކިޔެވުމާ އެކު މިސްކިތް އޮންނަނީ ފުރިފައި
28 މާރިޗު 2025
2

މުހިންމު ނުކުތާތައް

މިއީ ރޯދަމަހު ރާއްޖެ އައިސް އިމާމުކަން ކުރަމުން އަންނަތާ 10 ވަނަ އަހަރު

ސައީދު ބުނީ ދިވެހިންނަކީ ޤުރުއާން އަޑުއަހާށާއި ކިޔަވަން ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ބައެއް ކަމަށް

ރޯދަމަހު އޭނާއަށް އެހާ ވަރަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު ލިބުމަކީ ﷲގެ ރަހުމަތްފުޅު ކަމަށް ވެސް ގަބޫލުކުރި

ތަރާވީސް ނަމާދާއި ދަމުނަމާދަށް މާލޭގެ އިތުރުން ހުޅުމާލެއިން ވެސް އެތައް ބަޔަކު ގޮސް ފުރުގާން މިސްކިތް ފުރާލަ އެވެ. އަޅުކަމުގެ އިތުރުން އެ އެންމެންގެ ލޯބި އޮތީ އިމާމުވެ ނަމާދުކުރަމުން އަންނަ ޕާކިސްތާންގެ ޒުވާން ގާރީއަށެވެ: ސައީދުއް ރަހުމާންގެ ކިޔެވުމުގެ ރީތިކަމަށެވެ.

މިއީ ލާހޫރަށް ނިސްބަތްވާ ޒުވާނާ ރާއްޖެ އައިސް ފުރުގާން މިސްކިތުގައި ތަރާވީސް ނަމާދާއި ދަމުނަދާމު ކުރާތާ 10 ވަނަ އަހަރެވެ. 

"ސައީދުގެ ކިޔެވުން ހަމަ ރީތިވީމާ އެހާ ގިނަ މީހުން އެ އަންނަނީ،" މިދިއަ 10 އަހަރު ވެސް ފުރުގާން މިސްކިތުގައި، ސައީދުގެ ފަހަތުން ތަރާވީސް އާއި ދަމުނަމާދު ކުރަމުން އައި މީހަކު، އެ މިސްކިތުގައި ހުރެ، ބުންޏެވެ.

"ހަމަ ވަރަށް ތަފާތު އިމާމެއް މިއީ. އެކަނިމާއެކަނި ދެ ނަމާދުގައި ވެސް އެ ކިޔަވާލަނީ."

އެންމެ ފުރަތަމަ ރާއްޖެ އައިއިރު ސައީދުގެ އުމުރުން 20 އަހަރު ނުފުރެ އެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ ރޯދަމަހު ތަރާވީސްކުރަން ރާއްޖެއިން ބޭރުން އިމާމުން ގެނައުމުގެ ކަންކަން އިންތިޒާމްކޮށްދެއްވާ ދިވެހި ހާފިޒެއް ކަމަށްވާ މުހައްމަދު ރިިޔާޒުގެ ފަރާތުންނެވެ. ގައުމީ ޔުނިވަސިޓީގެ ސީނިއަ ލެކްޗަރާއެއްގެ މަގާމުގައި ހުންނެވި ރިޔާޒަކީ ލާހޫރުން ޤުރުއާންގެ އިލްމު އުނގެނިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ އުސްތާޒަކީ ސައީދަށް ކިޔަވައިދިން ގާރީ އަބޫބަކުރު އާސިމްގެ ބައްޕަ ގާރީ އިދުރީސް އާސިމް އެވެ. އޭނާ ވަނީ އަވަހާރަވެފަ އެވެ.

'ދައުރު'އަށް ދިން އިންޓަވިއުގައި އުރުދޫ ބަހުން ސައީދު ދެއްކި ވާހަކަ މުހައްމަދު ރިޔާޒު ތަރުޖަމާކޮށްދެއްވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރިޔާޒާއި އަބޫބަކުރާ ދެމެދު ވެސް ގާތް ގުޅުމެއް އޮވެ އެވެ. އެހެންކަމުން ރާއްޖޭގެ އެކި ރަށްރަށުން ރޯދަމަހު ގާރީން ގެންނަން ހުށައެޅުމުން އޭނާ އިސްކަންދެއްވަނީ އަބޫބަކުރު މެދުވެރިކޮށްގެން ރަނގަޅު ހާފިޒުން ހޯދާށެވެ.

ސައީދަކީ އެގޮތުން ލިބުނު އިމާމެކެވެ.

"އަޅުގަނޑު ޤުރުއާން ހިތުދަސްކޮށް، އޭގެ ފަހުން ތަޖުވީދުގެ ބައި ނިމުމާ އެކު އެއް ދުވަހަކު އަބޫބަކުރު ބުނެފި ރާއްޖެ ދާން ތައްޔާރުވާށޭ. އޭރު އަޅުގަނޑަށް މިސްކިތެއްގެ އިމާމެއްގެ ވަޒީފާ ވެސް ލިބިއްޖެ،" ސައީދު ކިޔައިދިނެވެ.

"އަޅުގަނޑު ބުނިން ޗުއްޓީއެއް ހޯދަން އުނދަގޫ ވެސް ވާނޭ. އެކަމަކު ތަކުރާރުކޮށް އަބޫބަކުރު އެކަމަށް ބާރުއަޅައި ކަންކަން ހަމަޖައްސައިދިނީމާ އަޅުގަނޑު ވެސް ރާއްޖެ އަންނަން ނިންމީ."

ޤުރުއާނަށް ހުސްވާން އާއިލާއާ ދުރަށް ދިޔައީ އެންމެ 10 އަހަރުގައި

ސައީދަކީ ޤުރުއާންގެ އިލްމަށް ބޮޑު ލޯތްބެއް އޮތް އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ބުނި ގޮތުގައި ޕާކިސްތާނުގެ ކޮންމެ އާއިލާއެއްގެ ވެސް އުއްމީދަކީ އާއިލާގައި މަދުވެގެން އެއް ހާފިޒު ހުރުމެވެ. ސައީދުގެ އާއިލާގައި ތިބި ހަތަރު ފިރިހެނުންނަކީ ވެސް، އޭނާ ބުނި ގޮތުގައި، މާތްﷲގެ ރަހުމަތްފުޅުން، ހާފިޒުންނެވެ.

ޕާކިސްތާނުގައި ޤުރުއާން ހިތުދަސްކުރުމުގެ ބައި އޮންނަނީ މަދަރުސާތަކުގަ އެވެ. ވަރަށް ކުޑައިރު އެ މަދަރުސާތަކަށް ކުދިން ފޮނުވަ އެވެ. އެ ކުދިންގެ ފުލްޓައިމް މަސައްކަތަކީ ޤުރުއާން ކިޔެވުމެވެ.

ސައީދު އެންމެ ފުރަތަމަ ރާއްޖެ އައިއިރު އުމުރުން 20 އަހަރު ނުވޭ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސައީދުގެ ބައްޕައަކީ ޤުރުއާންގެ އިލްމަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން އޭނާގެ އުމުރުން އެންމެ 10 އަހަރުގައި މަދަރުސާއަށް، އާއިލާއާ ދުރަށް، ފޮނުވި އެވެ. އެހާ ކުޑައިރު އެކަނި ހޮސްޓެލްގައި އުޅުމަކީ، އޭނާ ބުނި ގޮތުގައި، އުނދަގޫ ކަމެކެވެ. ނަމަވެސް ކޮންމެ އުނދަގުލަކާއި ހުރަހަކަށް ފަހު ވެސް ހަޔާތުގައި ނަތީޖާއަކާ ހަމައަށް ދެވެ އެވެ. އޭނާގެ އެ ނަތީޖާއަކީ ޤުރުއާންގެ އިލްމުން ކުރިއަރައިދިއުމެވެ.

"ބައެއް ފަހަރު ބަލި ވެސް ވޭ. މައިންބަފައިންގެ މަތިން ހަނދާން ވެސް ވޭ. އެކަމަކު އެއާ އެއްކޮށް އެކަންކަން ގިރާކޮށް މިއަދު މި ފެންވަރުގައި މިހުރީ އެ ދުވަހު އެކަން ހާސިލްކޮށް ހާފިޒަކަށްވެ ގާރީއަކަށް ވެފައި،" މިހާރު އުމުރުން 30 އަހަރުގެ ސައީދު ބުންޏެވެ. 

މިވަރުގެ އިމާމެއް އަދި ނުފެނޭ

ރާއްޖޭގެ ވަރަށް ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދުގައި ހަތިމްކުރެ އެވެ. ނަމަވެސް ސައީދާ އެކު ފުރުގާން މިސްކިތުގައި އެކަން އޮންނަ ގޮތް ތަފާތެވެ. ރޯދަމަހުގެ ފުރަތަމަ ރެއިން ފެށިގެން ދަމުނަދާމު ކުރެ އެވެ. އެހެން މިސްކިތްތަކުގައި ދަމުނަދާމުގެ ޖަމާއަތް ފަށަނީ ފަހު 10ގަ އެވެ.

ތަރާވީސް އާއި ދަމުނަމާދުގައި ވެސް ސައީދު ކުރަނީ އަށް ރަކުއަތެވެ. އެއިން ކޮންމެ ރަކުއަތެއްގައި ޤުރުއާންގެ ދެ ސަފުހާ ނުވަތަ ތިން ސަފުހާ ކިޔަވަ އެވެ. ރޯދަމަސް ނިމޭ އިރު އެއީ ދެ ހަތިމުކުރުމެވެ.

ސައީދު ބުނި ގޮތުގައި އޭނާ ނަގަމުން އެ އަންނަނީ ކުޑަކުޑަ ޒިންމާއެއް ނޫނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބުރައަކަށް ހަދައިގެންނެއް ވެސް ނޫޅެ އެވެ.

ސައީދު ބުނީ ދެ ނަމާދުގައި ހަތިމްކުރަން ލިބުމަކީ ޝަރަފެއް ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"މި ގޮތަށް އައިސް މިހެން ހުރުމަކީ ކުޑަ ކަމެއް ނޫން. އެހެންވެ މިކަން މި ކުރަނީ ކުރާ ހިތުން. މިކަން އުނދަގޫވެގެން، ނޫނީ ދަތިވެގެންނެއް ނޫޅެން،" ސައީދު ބުންޏެވެ.

މި ގޮތަށް ރޯދަމަހު ޖަމާއަތެއްގައި ދެ ހަތިމްކުރަން ލިބުމަކީ، އޭނާ ގަބޫލުކުރާ ގޮތުގައި، "މާތްﷲ އަޅުގަނޑަށް ދެއްވާ ޝަރަފަކާއި އިއްޒަތެކެ"ވެ.

"އެހެންވެ މިކަން މިގޮތަށް ކުރާކަށް އުނދަގުލެއް ނޫން،" އޭނާ ބުންޏެވެ.

ސައީދަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އެގޮތަށް ޤުރުއާން ކިޔަވަން ލިބޭ ފުރުސަތަކީ އޭނާއަށް ޤުރުއާން އެނގޭ މިންވަރު ވެސް ބޮޑުވުމެވެ. ހިތުތެރޭގައި ޤުރުއާން ހަރުލާފައި އޮންނަ އޮތުން ވަރުގަދަވުމެވެ.

ސައީދުގެ ނަސޭހަތް: ހިތްވަރާ އެކު މަސައްކަތްކުރުން

ރާއްޖެ ފުރަތަމަ އައިއިރު އޭނާއަކީ ހުސްހަށިބައި ޒުވާނެކެވެ. އެކަމަކު މިއަދު އެއީ ހަތަރު ކުދިންގެ ބައްޕައެކެވެ. ލާހޫރުގެ މިސްކިތެއްގެ އިމާމުކަން ކުރުމުގެ އިތުރުން އެއީ ޤުރުއާން ހިތުދަސްކޮށްދޭ މަދަރުސާއެއްގެ ޓީޗަރެއް ވެސް މެ އެވެ.

ރާއްޖެ އައުމުން އޭނާއަށް އެނގުނީ ދިވެހިންނަކީ ޤުރުއާން އަޑުއަހާށާއި ޤުރުއާން ކިޔަވަން ވެސް ވަރަށް ބޮޑަށް ޝައުގުވެރިވާ ބައެއް ކަމެވެ. 

"ދިވެހިންނަކީ ޤުރުއާނާ މެދު ވަރަށް ލޯބި ހުރި ބައެއްކަން ފާހަގަކުރެވޭ. މިތަނުގައި ހޭދަކުރާ އެއް މަސްދުވަހަށް ބަލާއިރު ފާހަގަކުރެވެނީ ޤުރުއާން ކިޔެވުމަށް ވެސް ދިވެހިން ޝައުގުވެރިވާކަން،" ސައީދު ބުންޏެވެ.

ޤުރުއާންގެ އިލްމުން އޭނާއަށް ހާސިލްކުރެވުނު މިންވަރާއި އެ ހިސާބަށް ދާން ކުރި ހިތްވަރަކީ އެހެން މީހުންނަށް އިރުޝާދާއި ނަސޭހަތް ދޭން އޮތް އަގުހުރި ތަޖުރިބާތަކެކެވެ. ޤުރުއާން ހިތުދަސްކުރަން ބޭނުން ދިވެހިންނަށް އޮތް ނަސޭހަތަކީ ކޮބައިތޯ ސުވާލުކުރުމުން ބުނީ 'އެކަަމަށް ވަގުތު ދިނުމާއި ހިތްވަރާއި މިންނެތް މަސައްކަތް" ކަމަށެވެ.

ސައީދު ޤުރުއާން ކިޔެވުމުގައި: އޭނާ ބުނީ ބޭނުންވަނީ ހިތްވަރާއި މިންނެތް މަސައްކަތް ކަމަށް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ޤުރުއާނުގެ އިލްމު ނޫނީ އެހެން އިލްމަކީ ވެސް ވަގުތު ދީގެން ހާސިލްކުރެވޭނެ އެއްޗެއް. އަަޅުގަނޑުގެ އުސްތާޒު ޝެއިހު އިދުރީސް ވިދާޅުވެފައިވޭ މުޅި އުމުރު އިލްމަށް ހޭދަކުރީމާ ދައްކައިދެނީ ކަނެކޭ. ތިމަންނަ މިހުރި ހިސާބަކީ މިއޭ،" ސައީދު ބުންޏެވެ.

"މާނަައަކީ ވަރަށް ކުޑަ މިންވަރެކޭ އިލްމުން މި ލިބެނީ. އެހެންވީމާ ޤުރުއާންގެ އިލްމު ހާސިލްކުރަން ބޭނުން ވިޔަސް ވަގުތު ހޭދަކޮށް ހިތްވަރާއި މިންނަތާ އެކު މަސައްކަތްކުރާށޭ އަޅުގަނޑަށް ބުނެވޭނީ."

ރޯދަމަހު ފުރުގާން މިސްކިތަށް ސައީދު ގެންނަނީ އެ މިސްކިތަށް ދާ ބައެއް މީހުންގެ އެހީގަ އެވެ. އެ އިންތިޒާމް ހަމަޖައްސައިދޭ މީހުންގެ މަގުސަދު ހާސިލްވެ އެވެ. ތަރާވީސް ނަމާދާއި ދަމުނަމާދުގައި ދަމާލާ ސަފުތަކަކީ އޭގެ ހެއްކެކެވެ. އެންމެންގެ ލޯތްބާއި އިހުތިރާމް ލިބޭ ވަރަށް އިމާމެއްގެ ޒިންމާ ސައީދު އެ އަންނަނީ ނަގަމުންނެވެ.

"ކުށެއް ނުޖެހި އޭނާ އެ ކިޔަވާލަނީ އެހާ ފަސޭހަކޮށް، އެހާމެ ރީއްޗަށް،" ފުރުގާން މިސްކިތުގައި މިދިއަ 10 އަހަރު ވެސް ތަރާވީސް އާއި ދަމުނަމާދުކުރި މީހާ ބުންޏެވެ.

ކޮމެންޓް (2)

ابوبکرعاصم

28 މާރިޗު 2025
ماشاءاللہ تبارک اللہ
4 0

އަހޫ

28 މާރިޗު 2025
ވަރަށް ފުރިހަމަ ލިޔުމެއް. ވަރަށް ކިޔާލާ ހިތުން ކިޔާލެއްވިއްޖެ މާޝާﷲ. ސައިދަށް ރަހުމަތް ލައްވާށި.
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް