އިލްމީ ދަތުރު

ކުރީގެ ރައީސް މައުމޫން: 87 އަހަރުފުޅުގައި ވެސް އެ ހުންނެވީ ސްޓޭޖް މަތީގައި، ފޮހެލެވެން ނެތް މާޒީއަކާ އެކު

އެމަނިކުފާނުގެ ވެރިކަމުގެ ކުރީކޮޅު ފެއްޓެވި ދީނީ ހޭލުންތެރިކަމުގެ މުހިންމު އެއް ޕްރޮގްރާމް، ރޯދަމަހުގެ ރޭތައް އިހުޔާކުރުން 45 އަހަރަށް ދެމިގެންދިޔަ އިރު މައުމޫންގެ އިލްމީ ފޮތް އަދިވެސް އެ އޮތީ ހުޅުވާލައްވާފައި
27 މާރިޗު 2025
6

މުހިންމު ނުކުތާތައް

މައުމޫންގެ ވެރިކަމުގައި ދީނީ ގޮތުން ހޭލުންތެރިކުރުވަން ހިންގި ޕްރޮގްރާމްތައް ގިނަ

ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވާ ގޮތުގައި މައުމޫނަކީ ދިވެހިންނަށް ލިބުނު އިލްމީ ހަޒާނާއެއް

ކުޑައިރުއްސުރެ މައުމޫންގެ ދަރުސްތަކަށް ސަމާލުކަން ދެއްވި ހަސަން ޝާކިރު މުހައްމަދުގެ ނަޒަރުގައި މައުމޫނަކީ ވަރަށް ތަފާތު ވާހަކަދެއްކުންތެރިއެއް

މިދިއަ އަންގާރަދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގެ ސްޓޭޖްގައި މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވި އެވެ. އޭނާގެ ކުރިމަތީގައި އިންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. 

ޝަހީމްގެ ކުރު އެކަމަކު ފޮނި އިބާރާތްކޮޅުން ސިފަކުރެއްވީ މައުމޫންގެ ފަހަތްޕުޅުގައި އޮތް ހިދުމަތްތެރި މާޒީއެއްގެ ވާހަކަ އެވެ. އިސްލާމް ދީނާއި އެ ދީނާ ގުޅިފައި ހުރި އެތައް ކަމެއްގައި އެމަނިކުފާނުގެ ބައިވެރިވުން އޮތް މިންވަރުގެ ވަޒަންކުރުމެވެ. ޝަހީމްގެ ބަހުން ނަމަ މައުމޫނަކީ ދިވެހި އިސްލާމީ ވާހަކައިގެ 'ލިއުންތެރިޔާ' އެވެ.

"އަޅުގަނޑު ދަންނަވާނީ އިސްލާމީ ގޮތުން ރާއްޖޭގެ އެކި ދިމާލުން ފެންނަން ހުރި ރީތި ވާހަކަތަކުގެ މުއައްލިފަކީ އެމަނިކުފާނޭ. އެއީ އިސްލާމިކް ޔުނިވަސިޓީ ކަމުގައި ވިޔަސް، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ކަމަށް ވިޔަސް، މި އިސްލާމީ މަރުކަޒު ކަމަށް ވިޔަސް، މި ތަނުގައި ހިނގަމުން ދާ އިހުޔާ ޕްރޮގްރާމް ކަަމަށް ވިޔަސް، މިއިން ކޮންމެ ވާހަކައެއްގެ ލިއުންތެރިޔަކީ ހަމަ ރައީސް މައުމޫނޭ،" އެ ހުރިހާ ކަމަކަށް ޝުކުރު ދަންނަވައި، މައުމޫނަށް ހެޔޮ ދުއާކުރައްވަމުން، ޝަހީމް ވިދާޅުވި އެވެ. 

ހަގީގަތުގައި ދީނީ ގޮތުން މައުމޫން ކުރެއްވި މަސައްކަތްޕުޅުތަކަށް ބަލާ ނަމަ ދިވެހިންގެ ތައުރީފާއި ޝުކުރު އެމަނިކުފާނަށް ހައްގެވެ. ރާއްޖެ މިހާތަނަށް ދުށް އެންމެ ބޮޑެތި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަދި މިސްރުގެ އަޒުހަރު ޔުނިވަސިޓީން ނުކުތް އެންމެ މޮޅު ދަރިވަރުންގެ ތެރެއިން ވެސް ޖާގަ ހޯއްދެވި މައުމޫނުގެ ހަޔާތްޕުޅުގައި، މިދިއަ 45 އަހަރު ވެސް ބަދަލު ނައި އެއް ކަމަކީ، ދީނީ ރޮނގުން ދެއްވާ ހިދުމަތްތަކެވެ.

ރައީސްކަމުގެ ފުރަތަމަ ހުކުރު

ކުރީގެ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ 1978ގައި ހަވާލުވެވަޑައިގެންނެވި ދުވަހު ހުކުރު މިސްކިތަށް ހުކުރު ނަމާދު އިމާމުވެ ކުރައްވަން ވަޑައިގަންނަވަނީ

އުމުރުފުޅުން 41 އަހަރުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު، 11 ނޮވެމްބަރު 1978ގައި ވެސް އެމަނިކުފާނު ފެނުނީ ޚަތީބެއްގެ ހެދުންކޮޅުގައި، މާލޭގެ ހުކުރު މިސްކިތަށް ވަޑައިގެން އިމާމްވެ ހުކުރުކުރެއްވި ތަނެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަަނަށް ވެސް ފެނުނު މަންޒަރެއް ނޫނެވެ: ރައީސުލްޖުމްހޫރިއްޔާ އިމާމުވެ ހުކުރުކުރެއްވުމެވެ.

އެއީ އޭގެ ފަހުން ސަރުކާރުން ފެށި ދީނީ ހޭލުންތެރިކަމާއި ދީނަށް ހިދުމަތްކުރުމުގެ ތަފާތު ރޮނގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ކަމެކެވެ. 

ރަށެއްގެ މިސްކިތެއްގެ ގިބުލަ ޗެކުކުރައްވަނީ

ރައީސްކަމުގެ ފުރަތަމަ ދުވަސްވަރު ރަށަކަށް ވަޑައިގެން މިސްކިތެއްގެ ގިބުލަ ޗެކްކުރައްވަނީ. ދީނީ ގޮތުން ގިނަ ކަންކަމުގައި މައުމޫން އުޅުއްވި

އޭރު މައުމޫން މާލޭގެ ކޮންމެވެސް މިސްކިތެއްގައި ހުކުރުކުރައްވަ އެވެ. އެމަނިކުފާނު ވަޑައިގަންނަވާ މިސްކިތްތަކަށް، މާލޭގެ އެކި ހިސާބުތަކުން، މީހުން ޖަމާވެ އެވެ.

އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި ފަހުން، މައުމޫން އުފެއްދެވި އިސްލާމީ ސްކޫލް، މައުހަދުގެ ދަރިވަރު ހަސަން ޝާކިރު މުހައްމަދަށް ވެސް އެއީ ވަރަށް މުހިންމު ހަނދާނެކެވެ.

"އޭގެ ކުރިން ފެންނަ ކަމެއް ނޫން ސީދާ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ތަންތަނުގައި ދީނީ ތަގުރީރުކުރައްވާ ހެއްދެވުމަކީ. [އެހެންވެ ހުކުރުކުރެއްވުމާއި ދީނީ ވާހަކަފުޅު ދެއްކެވުން] ވަރަށް ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މީހުންނަށް،" ޝާކިރު ވިދާޅުވި އެވެ.

އިހުޔާ ޕްރޮގްރާމް ވަރަށް ބޮޑު ފެށުމެއް

މައުމޫންގެ ދީނީ މައުލޫމާތައި ދިރާސާތަކުގެ މުހިންމު އެއް ސަފުހާއަކީ 14 ޖުލައި 1980ގައި ފެއްޓެވި ރޯދަމަހުގެ ރޭތައް އިހުޔާކުރުމުގެ ޕްރޮގްރާމެވެ. އެކަން އެމަނިކުފާނު ފެއްޓެވީ ރިޔާސީ ގަނޑުވަރު މުލިއާގޭގެ އިރުމަތީ ގޯތިތެރޭގަ އެވެ. މީހުން އިށީނދެ ތިބެން ހާއްސަ ޓެންޓެއް ޖަހަ އެވެ. އިސް ބޭފުޅުން ތިއްބަވަނީ މުލިއާގޭގެ އިރުމަތީ ފެންޑާގަ އެވެ.

ޝާކިރަކީ އޭރު ކުޑަކުއްޖެކެވެ. އެކަމަކު ދަރުސްތައް އަޑުއަހަން ވަންނަން މަގުމަތީގައި ދެ ސަފަށް މީހުން ތިބޭ އިރު އޭގެ ތެރެއަށް އޭނާ ވެސް ވަދެވަޑައިގަނެ އެވެ.

"ޓެންޓް ހުންނާނީ ވަރަށް ރީއްޗަށް ކަށިވެލި ލައި އޮމާންކޮށްލާފައި. ފިޔަވަޅެއް ވެސް ނޭނގޭނެ، [އެހާވެސް] ރީތިކޮށް،" ޝާކިރު ވިދާޅުވި އެވެ.

"ފުރަތަމަ އަހަރު އެއްކޮށް ރައީސް މައުމޫން ވާހަކަދެއްކެވީ. އޭގެ ފަހުން އޮނަރަބްލް [އިބްރާހިމް] ޝިހާބު، [މުހައްމަދު] ޖަމީލް، މޫސާ ފަތުހީ، އިބްރާހިމް ހިލްމީ އަދި އުސްތާޒު އަހުމަދު އާދަމް ބޭފުޅުން ވާހަކަދެއްކެވި."

މައުމޫންގެ ވެރިކަމުގައި މުލިއާގެ

ރޯދަމަހުގެ އިހުޔާ ޕްރޮގްރާމް 1980ގައި މައުމޫން ފެއްޓެވީ ރަސްމީ ގަނޑުވަރުގެ އިރުމަތީ ފަރާތު ގޯތި ތެރޭގައި

އިސްލާމީ މަރުކަޒު ހުޅުވީ އޭގެ ހަތަރު އަހަރު ފަހުންނެވެ. އެހާ ހިސާބުން އިހުޔާ ޕްރޮގްރާމް ބަދަލުކުރީ އެތަނުގެ މައި ހޯލަށެވެ.

އިސްލާމީ މަރުކަޒުގެ ކަންކަން ބެލެހެއްޓެވުމުގެ ކަންކަމާ އޭރު ހަވާލުވެ ހުންނަވަނީ ފަހުން މައުމޫންގެ ކެބިނެޓްގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީނެވެ.

އޭނާ ވިދާޅުވި ގޮތުގައި އިހުޔާ ޕްރޮގްރާމަކީ އޭރަށް ބަލާއިރު ވަރަށް ބޮޑު އެއްވުމެކެވެ. ހޯލުގައި ޖަހާ 400 ގޮނޑި ފުރާލަ އެވެ.

"ގިނަ ރޭރޭ ހޯލުގެ ބޭރުގައި ވެސް ގޮނޑި ޖަހާ ހިސާބަށް ގޮސް އޮންނަނީ. އެހާ ގިނަ ބަޔަކު އަންނަ އިރު އަނެއްކާ ރައީސް ބޭނުންފުޅުވޭ ކޮންމެ ރެއަކު ވެސް ފިނި ބުއިމެއް ވެސް ދެއްވަން. ފިނި ބުއިން ވެސް ތައްޔާރުކުރަނީ އިސްލާމީ މަރުކަޒު ތެރޭގައި މުވައްޒަފުން."

މިސްކިތްތަކަށް ވަޑައިގަތުމުގެ އާދަ

ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މައުމޫން ވަރަށް ގިނައިން އެކި މިސްކިތްތަކަށް ވަޑައިގަންނަވާ. އޭގެ ތެރޭގައި ތާރީހީ މިސްކިތްތައް ވެސް ހިމެނޭ

ކަމާލުއްދީނާއި ޝާކިރަކީ ވެސް މައުމޫންގެ ދަރުސްތަކަށް ލޯބިކުރައްވާ ދެ ބޭފުޅުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގެ ސާފުކަމާއި ބޭނުންކުރައްވާ މައުލޫމާތުތަކާ މެދު ދެ ބޭފުޅުން  ތައުރީފްކުރައްވަ އެވެ.

"އަޅުގަނޑަށް ފާހަގަކުރެވެނީ ރައީސް މައުމޫން ވާހަކަދައްކަވާއިރު ގެންގުޅުއްވާ ސްޕީޑް. ވަރަށް މަޑުމައިތިރިކޮށް، ވަރަށް އޮމާންކޮށް، ވަރަށް ރީތިކޮށް ވާހަކަފުޅު ދައްކަވަނީ. އަނެއްހެން ދަންނަވަންޏާ އަކުރު ޖައްސަވަމުން އޭގައި ފިލި ޖައްސަވަމުން ގެންދަވާނީ. އެހެންވެ ވަރަށް ޝައުގުވެރިކަމާ އެކު އަޑުއަހާލެވޭނެެ،" ޝާކިރު ވިދާޅުވި އެވެ.

ކަމާލުއްދީން ގަބޫލުކުރައްވަނީ ދީނީ ގޮތުން ކޮންމެ ވާހަކަފުޅެއް ދެއްކެވިޔަސް މައުމޫން 'ވަރަށް ދިރާސާ ހައްދަވާ" ކަމަށެވެ. ވަރަށް ގަޔާވެގެން، އެހާމެ ބޮޑު ޝައުގުވެރިކަމެއް، އެކަމަށް ދެއްވާކަމެވެ.

"އަބަދުވެސް އަޅުގަނޑު ހިތަށްއަރާ ކަންތަކަށް ބަހައްޓަވާ ޝައުގުވެރިކަން. އަނެއްކާ ފަރުވާކުޑަކުރުމެއް ނެތި ހަމަ މުރާލިކަމާ އެކީގައި. އެއީ ވަރަށް ހާއްސަ ސިފަފުޅެއް ރައީސް މައުމޫންގެ،" ކަމާލުއްދީން ވިދާޅުވި އެވެ.

"ދީނީ ވާހަކަފުޅު ދައްކަވާއިރު ވެސް އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ރިސާޗުކުރައްވައިގެން، އިލްމީ ބޭސިސްއެއް، އިލްމީ އަސާސެއް އޮވޭ. ހަމަ އެހެން [ހުންނަވާފައި] ވާހަކަފުޅެއް ދައްކަވަނީ ނޫން. އަދި އެންމެ ކަމަކަށް ނޫން. ވަރަށް ގިނަ ގޮތްގޮތަށް ބައްލަވައިގެން ނުކުންނަ ނަތީޖާއެއްގެ ވާހަކަފުޅު ދައްކަވަނީ."

މައުމޫނަށް މަރުހަބާ ކިޔަނީ

ރާއްޖޭގެ ވެރިކަމާ މައުމޫން ހަވާލުވެވަޑައިގެންނެވި އިރު ދީނީ ހޭލުންތެރިކަން ވެސް ވަރަށް ކުޑަ. ރައްޔިތުންނާ ހަމަައަށް ދީނީ މައުލޫމާތު ފޯރުކޮށްދެއްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި

ރާއްޖޭގައި އިސްލާމް ދީނުގެ ހޭލުންތެރިކަން އެހާ ކުޑަ ޒަމާނެއްގައި އިހުޔާ ޕްރޮގްރާމް އާއި އެއާ އެކު ރޯދަމަހު މިސްކިތްތަކުގައި ދަރުސް ދިނުން އެކުއެކުގައި ގެންދިއުމުގެ ނަތީޖާއަކީ،  ޝާކިރު ވިދާޅުވި ގޮތުގައި، ދީނީ ވަރަށް ގިނަ މައުލޫމާތުތަކެއް އާންމުންގެ ތެރެއަށް ފެތުރުމެވެ.

ޝާކިރަކީ އިސްލާމީ ތައުލީމަށް މައުމޫން އުފެއްދެވި މައުހަދުގެ ދަރިވަރެކެވެ. ރޯދަމަހަށް ބޭރުން ރާއްޖެ އަންނަ ގާރީންނާއި ވާއިޒުންނަށް އެހީތެރިވާން ކައިރި ރަށްރަށަށް ދިޔަ ދަރިވަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

ގާރީންނާއި ދަރުސް ދެއްވާ ބޭފުޅުން ރަށަކަށް 

އޭރު ރޯދަމަހު ބޭރުން ވަޑައިގެންނެވި ގާރީންނާއި ދީނީ އިލްމުވެރިންގެ ބަޔަކު މާލެ އަތޮޅު ރަށަކަށް ޒިޔާރަތްކުރައްވަނީ. މި ދަތުރުގެ އެހީތެރިޔަކަށް ހަސަން ޝާކިރު ވެސް ވަޑައިގެންނެވި

"އޭރު މާ ބޮޑު ހޭލުންތެރިކަމެއް ނެތް ދުވަސްވަރެއްގައި ވަރަށް ތަފާތު ދީނީ މައުލޫމާތުތަކެއް [ލިބުނީ]. ކުރިއާ އަޅާބަލާއިރު ނޭނގޭ ކިތައްމެ ކަމެއް، ނަމާދުގެ ކަންކަން، ދީނީ އެކިއެކި ހުކުމްތައް ވަރަށް ތަފާތުކޮށް ކިޔައިދެމުން ގެންދަވާ،" ޝާކިރު ވިދާޅުވި އެވެ.

މައުމޫންގެ ލޯތްބަށް އަދިވެސް ބަދަލެއް ނާދޭ

މައުމޫންގެ 30 އަހަރުގެ ވެރިކަމަށް ފަހު ވެސް އެމަނިކުފާނުގެ ހިތްޕުޅުން ފިލައިގެން ނުދިޔަ ލޯތްބަކީ ދީނީ ދަރުސްތަކެވެ. ލިއުއްވުންތަކެވެ. އެމަނިކުފާނުގެ އިހުޔާ ޕްރޮގްރާމަށް މި އަހަރު 45 އަހަރު ފުރޭނެ އެވެ. އެމަނިކުފާނު އަދިވެސް އެ ހުންނެވީ އެ ސްޓޭޖް މަތީގަ އެވެ. މައުމޫން ފައުންޑޭޝަނުން އެކަން އިންތިޒާމްކުރެ އެވެ. މިފަހަރު އިސްލާމީ މަރުކަޒުގެ ހޯލްގައި ކޮންމެ އަންގާރަދުވަހެއްގެ ރޭ އެ ގެންދަވަނީ، އުމުރުފުޅުން 87 އަހަރުގައި ވެސް، ދަރުސްތައް ދެއްވަމުންނެވެ. މައުމޫން ފައުންޑޭޝަންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރު އެކަމަކު ފޮނި މައުލޫމާތުތައް ވެސް ހިއްސާކުރައްވަމުންނެވެ.

މައުމޫންގެ ދީނީ ހިދުމަތްތަކާ ބެހޭ ގޮތުން ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން 'ދައުރު'އާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"ރައީސް މައުމޫނަކީ ހަމަ އިލްމީ ހަޒާނާއެއް،" ދީނީ ކަންކަމުގައި އެމަނިކުފާނު ފަތުރާލަދެއްވި ހޭލުންތެރިކަމަށް އިޝާރަތްކުރައްވަމުން ކަމާލުއްދީން ވިދާޅުވި އެވެ.

"ހިތުގައި ތައުރީފް އުފެދެނީ. ހަމަ ތައުރީފް ހައްގު ބޭފުޅެއް ރައީސް މައުމޫނަކީ."

މައުމޫންގެ އުމުރުގެ އެހެން ބޭފުޅުން އާންމުންގެ ލޯމަތިން ގާތްގަނޑަކަށް ގެއްލިއްޖެ އެވެ. އެކަމަކު އެމަނިކުފާނު ފެންނަނީ އަދިވެސް ހަމަ އެ ޖޯޝްގައި ހުންނެވި ތަނެވެ. 

"ރައީސް މައުމޫނުގެ ކަށީގައި ހިފާފައި ހުރި ކަމެއް ދީނީ މައުލޫމާތު ދެއްވުން. ހޭލުންތެރިކަން ބޮޑުކުރުން،" ޝާކިރު ވިދާޅުވި އެވެ.

"ހިޔާލު ތަފާތު ހުރެދާނެ. އެކަމަކު ވަަރަށް ސާފުކޮށް، ހަދީސްތަކާއި ޤުރުއާންގައި ހުރި ދަލީލްތައް ދައްކަވަމުން، ހުކުމްތައް ވިދާޅުވެދެއްވުމުގައި ރައީސް މައުމޫނަކީ ނަމަ ނަމުނާ ބޭފުޅެއް."

ހަސަން ޝާކިރު 'ދައުރު'އަށް އިންޓަވިއުދެއްވަނީ: ކުޑައިރުއްސުރެ މައުމޫންގެ ދަރުސްތަކަށް  ލޯބިކުރެއްވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިހާރު ވެސް މައުމޫންގެ ވާހަކަފުޅުތަކަށް ވިސްނާލާއިރު ހަނދާނަން އަންނާނީ އަބަދުވެސް އެ ގެންގުޅުއްވާ ސާފު ބަސްމަގެވެ. އެ އަޑު އިވޭއިރު އިހުސާސްކުރެވޭނީ ދިވެހިންނާ އެމަނިކުފާނު ގުޅިފައި އޮތް ފުންކަމެވެ.

ރޯދަމަހު އަޅުގަނޑު ލިއަމުން އަންނަ 'އިލްމީ ދަތުރު'ގެ ބައެއް ގޮތުން މައުމޫންގެ ދީނީ ހޭލުންތެރިކަމުގެ މަސައްކަތްޕުޅަށް މިއަދުގެ ރިޕޯޓް ހާއްސަކުރީ، އެމަނިކުފާނު ހޯއްދެވި އިލްމުގެ ތެރެއިން ގައުމަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތައް ބޮޑުކަމުންނެވެ.

ޝުކުރުވެރިވުން ހުއްޓެވެ. އިލްމީ ގޮތުން މައުމޫން ފަދަ ބޭފުޅަކު ލިބުނުކަމަށްޓަކައި އުފާކުރުން ހުއްޓެވެ. ހިދުމަތުގެ ގޮތުން ބަލާ ނަމަ މި ގައުމުން އޭގެ ދެވަނައެއް ފެންނާކަށް ނެތެވެ.

މިދިއަ އަންގާރަދުވަހުގެ ރޭގެ ޖަލްސާގައި ޝަހީމް އެ ޝުކުރާއި އެ އަގުވަޒަންކުރުމުގެ ޝުއޫރުތައް ފާޅުކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫން (ކ) އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިދިއަ އަންގާރަދުވަހުގެ ރޭގެ ޖަލްސާއަށް ވަޑައިގަންނަވަނީ (ފޮޓޯ/މައުމޫން ފައުންޑޭޝަން)

"ރައީސް މައުމޫން ފަދަ އިލްމީ ފުން ކަނޑެއްގެ ކުރިމަތީގައި އަޅުގަނޑު ހުއްޓި ހުރެ ދައްކާނީ ކޮން ވާހަކައެއް ބާވައޭ،" ވާހަކަ ކުރިއަށް ގެންދަވަމުން ޝަހީމު ވިދާޅުވި އެވެ.

"އެމަނިކުފާނު އަޅުގަނޑުމެންނާ ހަވާލުކުރި އަމާނާތައިގެން ގާއިމްވެ އަޅުގަނޑުމެން މިއަދު ވެސް މި ތިބީ. ހަގީގަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިހުޔާ ޕްރޮގްރާމަކީ ވެސް [އެމަނިކުފާނުގެ] މަތިވެރި މަސައްކަތްޕުޅު. މިއަދާ ހަމައަށް އެ އޮތީ އިރާދަކުރެއްވިޔާ ދެމިގެން އައިސްފައި."

"ރައީސް މައުމޫނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. الله އިރާދަކުރެއްވިއްޔާ މަނިކުފާނުގެ މި ހެޔޮ ހަނދާންތައް މި ރާއްޖެ ދެމިއޮންނަހާ އިރު ރާއްޖޭގައި ދެމިއޮންނާނެ. އިންޝާﷲ. އަދި މިކަންކަމުގެ ހެޔޮ ޖަޒާ މާތްﷲ މަނިކުފާނަށް އަބަދުވެސް މިންވަރު ކުރައްވާށި."

ކޮމެންޓް (6)

ރަހުމާ

28 މާރިޗު 2025
ރައީސް މައުމޫނަށް ހިފެހެއްޓުމެއްނެތްޝުކުރު
9 0

ދަންޑަހިލު

27 މާރިޗު 2025
ޙަޤީޤަތް ޤަބޫލްކުރައްވާ. ތިކުރައްވާ ކޮންމެންޓުތަކުން ޚިދުމަތުގެ އަގުވަޒަންކުރެވޭނެ ކަމަކަށް ޤަބޫލެއްނުކުރަން. ސުކޫލް ކުއްޖެއްގެ ގޮތުގަ އަޅުގަނޑު ވެސް ރަމަޟާންމަހު މުލީއާގޭގައި އޭރު އިޙުޔާ ޕްރޮގްރާމް އަޑުއަހަން ދިޔައިން. އޭގެ ހެޔޮ އަސަރު މިހާރު ވެސް ދިރިއުޅުމާ ގުޅިލާމެހިފަ އޮތީ.
10 1

ބަންޑާރަ އަހުމަދު

27 މާރިޗު 2025
ވަމާ އަދުރާ ކަމަލް މަސާޖޭ، ނާރު ތަކަށް އަރާމު ލިއްބައިދޭ މަސާޖޭ ކިޔައި ތިޔަ ޝަހީމް އަދާލަތު ޕާޓީގެ ޖަލްސާގައި ރައީސް މައުމޫނުގެ ސިޔާސަތަށް ޖޯކު ޖަހައި ހެދި ވީޑިޔޯ އެހެރީ ސޯޝަލް މީޑިޔާގައި އަދިވެސް ފެންނަން. މިއަދު ނުކުމެ ރައީސް މައުމޫނަށް ތައުރީފު ތިޔަ ކުރަނީ މުނާފިގޫން ސޫރަތް ކިޔަވައިގެންތޯ.
9 4

މުހައްމަދަނިކު

27 މާރިޗު 2025
"ރައީސް މައުމޫން ފަދަ އިލްމީ ފުން ކަނޑެއްގެ ކުރިމަތީގައި އަޅުގަނޑު ހުއްޓި ހުރެ ދައްކާނީ ކޮން ވާހަކައެއް ބާވައޭ،" ވާހަކަ ކުރިއަށް ގެންދަވަމުން ޝަހީމު ވިދާޅުވި އެވެ.. ލަދެއްވެސް ނުގަނޭދޯ ޝަހީމުމެން. އިސްލާހީ ހަރަކާތުގެ ޕޯޑިއަމްތަކުގެ މައުމޫނޭ ކިޔައިގެން ކަލޭމެން ދެއްކި ވާހަކަތަކެއް ހަނދާނެއްނެތް ދޯ.
11 2

ހުޅުލޭ ހުސޭނު

27 މާރިޗު 2025
ދިނީގޮތުން ބުނަނަން ބޭނުންވާ އެއްޗެއް ކާރުން ނާރުނަގާފަ ހަޅޭނުލެވިޔަސް ބުނެވޭނެ. މިއަދުވެސް އަހަރުމެން ދީނީގޮތުން ކަމެއް އޮޅުންފިލުވަން ބޭނުމިއްޔާ ހުސައިން ސަލާހުއްދީން، ޖަމީލްދީދީ، މައުމޫނު، މުހައްމަދު ރަޝީދު އިބްރާހިމް. ޑރ. އަފްރާޝިމްގެ ލިޔުމަކަށް ނޫނީ ދަރުސަކަށް ރިފާ ކުރަނީ. ދެފުއްކެހެރި ޝެއިޙުން މިއަދު މިގައުމުގަ ގިނައީ. އެއިން އެކެއް ތިޔަ ***އަކީވެސް.
14 4

ޖޭމުގޭ އަހައްމާދީ

27 މާރިޗު 2025
ދެހާސް ހައެއް ހަތެއް ހިސާބު އަދާލަތު ޕާޓީގެ ޕޯޑިއަމުގަ ނޫނީ "ޝެއިޙުންގެ" ޕޯޑިއަމްތަކުގަ ތުނބުޅި މޭމައްޗާ ހިސާބަށް ދިގު ކުރައްވައިގެން ފަޓުލޫނުގެ ފައިކުރި ތަނބިކައްޓާ ހިސާބަށް ބަހައްޓައިގެން ޝަހީމުމެން މައުމޫނާ އޭނަގެ ދީނީ ސިޔާސަތަށް ޖެހި ހަޖޫ، ދެއްކި ވާހަކަ އަހަރުމެން މިއަދުވެސް ހަނދާން އެބަހުރި. މީގެ ސާޅިސް އަހަރު ކުރިންވެސް މައުމޫނުގެ ތުނބުޅިއާ އޭނެގަ ފަޓުލޫނުގެ ދިގުމިން ހުރި ހިސާބުގަ މިއަދުވެސް އެހެރީ. އެކަމަކު މަގާމު މައްޗަށް ދިޔަވަރަކަށް ތުނބުޅި ކުރުވެ ފަޓުލޫނުގެ ފައިކުރި ދިގުވެއްޖެ ޝަހީމުމެންގެ އެހެން ނޫންތޯ.
14 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް