އިމާމުން

ނަސްރުﷲ ސާބިތުކޮށް ދެއްވަނީ އިމާމްކަމުގެ އެހެެން ފެންވަރެއް

މިސްކިތުގެ އަހުލުވެރިންގެ ހިތްދަމައިގަންނަނީ ހަމައެކަނި އޭނާގެ ރީތި ކިޔެވުމަކަށް ނޫން. އޭނާގެ ދީނީ ނަސޭހަތްތަކަށް ވެސް އެތައް ބަޔަކު ލޯބިކުރޭ
21 މާރިޗު 2025
6

ހިދުމަތްތެރި، ދީންވެރި އަދި އިލްމަށް ލޯބިކުރެއްވި ބައްޕައަށް ރަހުމަތް ލައްވާށި އެވެ. މިއަދު އެ ބައްޕަގެ އުއްމީދުތައް ދަރިން އެ ވަނީ ފުރިހަމަކޮށްދީފަ އެވެ. ނަސްރުﷲ އަލީއަކީ އޭގެ އެއް މިސާލެވެ. ރީތިކޮށް ޤުރުއާން ކިޔެވުމުގެ ހުނަރު އޭނާއަށް ލިބިވަޑައިގަތުމުގެ ފަހަތުގައި ވެސް އަދި ދީނީ އިލްމުގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔަވާވިދާޅުވުމުގެ ފަހަތުގައި ވެސް ހުންނެވީ، މިހާރު އަވަހާރަވެފައިވާ ބައްޕަ އެވެ: ކެންދޫ އަލީ ހުސެއިން (އައްޔަބެ) އެވެ.

"އަޅުގަނޑުގެ ބައްޕައަކީ ގުރުއާން އުނގައްނައިދިން އެދުރެއް. ކެންދޫގައި ބައްޕަ ރަސްމީކޮށް ތަލަބަތުލް ނޫރުގެ ނަމުގައި މީގެ ގާތްގަނޑަކަށް 50 އެތައް އަހަރެއް ކުރިން ރަޖިސްޓްރީކުރެވިގެން ކުރިއަށް ގެންދިޔަ ކްލާހެއް،" ޤުރުއާން ކިޔެވުމުގެ ތެރެއަށް އޭނާއަށް ވެންނެވުނު ގޮތުގެ ވާހަކަ ފައްޓަވަމުން ފުރަތަމަ ވެސް ނަސްރުﷲ ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ކުޑައިރުއްސުރެ ބައްޕަ އެ ކިޔަވައިދެއްވާ މަންޒަރަކީ ފެންނަ މަންޒަރުތަކެއް. [އޭގެ ސަބަބުން] ޤުރުއާންގެ ތެރެއަށް ވަދެވުނީ."

ބައްޕަގެ ކިޔަވައިދެއްވުމުގެ އިތުރުން އޭނާގެ ޝައުގުވެރިކަމާ ގުޅިފައި އޮތީ ގޭގައި ހުރި ޤުރުއާން ރެކޯޑިން އެވެ. މަޝްހޫރު ގާރީން ކަމަށްވާ އަބްދުލް ރަހުމާން އަލް-ސުދޭޝް އާއި ސައުދު އަލް-ޝުރޭމްގެ އަޑުގެ ޖާދުލެވެ.

"ގިނައިން އަޑުއެހިފައި ހުންނާނީ ސުދޭސް، ޝްރޭމްގެ ކިޔެވުންތައް. ވަރަށް ގިނައިން ތުއްތު އިރު ގުރުއާން އަޑުއެހުމާއި ބައްޕަގެ ކިޔަވައިދިނުމުގެ ކަންތަކުގެ ތެރޭގައި ޤުރުއާންގެ ތެރެއަށް އަހުލުވެރިވެގެން ދިޔައީ އަސްލު."

އިމާމުކަމުގެ ބިންގާ ރަށުގައި

އަމިއްލަ ރަށް ކެންދޫގައި ނަސްރުﷲ ކިޔަވާވިދާޅުވި އިރު މިސްކިތުގައި އިމާމުވެ ނަމާދުކުރައްވަން ފައްޓަވައިފި އެވެ. އަރަބި ތައުލީމު ހާސިލްކުރައްވަން 1996ގައި މައުހަދާ ގުޅުނު އިރު ވެސް އޭނާއަކީ އެތައް ބައެއްގެ 'މުދިންބެ' އެވެ. އެހެންވެ މައުހަދުގެ އެކުވެރި ދަރިވަރުންނާއި އޭގެ ފަހުން މިސްރުގައި ކިޔަވާވިދާޅުވި އިރު ވެސް ބައެއް ރައްޓެހިން އޭނާއަށް މުހާތަބުކުރީ 'މުދިންބެ'ގެ ނަމުންނެވެ.

ނަސްރުﷲއަކީ ޒުވާން ދައުރު ވެސް ރަށުގައި އުޅުއްވި ބޭފުޅެކެވެ. ހުކުރުކުރުމުގެ ރަސްމީ ހުއްދައާ އެކު އެކަން ވެސް ވަރަށް ޒުވާން އިރު އޮތީ ފައްޓަވައިފަ އެވެ. އަޒުހަރު ޔުނިވަސިޓީގައި އިސްލާމީ ޝަރީއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވުމަށް ފަހު ވެސް މިސްރާބު ޖެއްސެވީ ރަށަށެވެ. ގުޅިވަޑައިގަތީ ރަށު ސްކޫލާ އެވެ. ބައްޕަގެ ޤުރުއާން ކްލާސް ހިންގަވަމުން، ސްކޫލްގައި ޤުރުއާން ޓީޗަރަކަށް އުޅުއްވި އެވެ.

ނަސްރުﷲއަކީ ވަރަށް ޒުވާން އިރު ވެސް އިމާމުމެ ނަމާދުކުރެއްވި ބޭފުޅެއް (ދައުރު ފޮޓޯ/ އަހްމަދު ލައުހު މުހައްމަދު)

ނަސްރުﷲގެ ރީތި ކިޔެވުން މާލޭގެ މިސްކިތްތަކާ ހަމައަށް ފޯރީ 2014ގައި ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރެއްވި ހިސާބުންނެވެ. ފުރަތަމަ ވަގުތީ އިމާމެއްގެ ގޮތުގަ އެވެ. ހުކުރުކުރައްވާ ހަތީބެއްގެ ގޮތުގަ އެވެ. ރަސްމީ ވަޒީފާއަކަށް އިމާމުކަން ހެއްދެވީ މިދިއަ އެމްޑީޕި ސަރުކާރުގައި އިސްލާމީ މަރުކަޒުގެ އިމާމުކަން ލިބިވަޑައިގަތުމާ އެކު އެވެ.

"ބޭފުޅަކު ގުޅުއްވާފައި ވިދާޅުވީ މިސްކިތަކާ ހަވާލުވެވިދާނެހޭ؟ ކޮން މިސްކިތެއްހޭ އެހީމާ ވިދާޅުވީ އިސްލާމީ މަރުކަޒޭ. [އެއީ] ވަރަށް ބޮޑު އުފަލެއް،" ނަސްރުﷲ ވިދާޅުވި އެވެ.

އެ ސަރުކާރު ނިމެންދެން އޭނާ ހުންނެވީ އިސްލާމީ މަރުކަޒާއި ފަހުން ސަލްމާން މިސްކިތް ހުޅުވުމުން އެ ބޮޑު މިސްކިތުގެ އެއް އިމާމަކަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމަކަށް ވާތީ ސަރުކާރު ނިމުމުން އެ ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އެހާ ހިސާބުން އޭނާއަށް އޮތީ އެއް ކަމެއް ނިންމެވިފަ އެވެ: ރަސްމީ ވަޒީފާއެއްގެ ގޮތުގައި އިމާމްކަން ކުރެއްވުމެވެ.

އިމާމެއްގެ ގޮތުގައި "ހަތަރު އަހަރާއި އަށް މަސް [ވީ ފަހުން] ދައުރު ހަމަވެ އެ ހިސާބުން އެ ވަޒީފާ ދިޔައީ. [އޭރު] އިމާމެއްގެ ގޮތުގައި ލިބުނު އުފާ އިހުސާސްވެ ވިސްނީ އަލުން ޓީޗަރަކަށްތޯ ވާނީ ނޫނީ އިމާމަކަށްތޯ ދާނީ އަނެއްކާވެސް،" ނަސްރުﷲ ކިޔައިދެއްވި އެވެ.

މި ސަރުކާރުން ނަސްރުﷲއަށް އެ ފުރުސަތު ލިބިވަޑައިގަތީ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ވަގުތީ މިސްކިތް 'ޝާކިރީން'ގެ އިމާމަކަށް ހަމަޖެއްސި ހިސާބުންނެވެ.

ނަސްރުﷲއަކީ ދީނީ އިލްމުވެރިއެއް ކަމުން މިސްކިތުގެ ބޭނުން އޭނާ ހިއްޕަވަމުން ގެންދަވަނީ ހަމައެކަނި އިމާމުވެ ނަމާދުކުރައްވައިގެންނެއް ނޫނެވެ. އޭގެ އިތުރުން ދީނީ ނަސޭހަތަކީ ވެސް އެ ޒިންމާއާ ގުޅިފައި އޮތް ބައެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ޝާކިރީންގެ އިމާމަކަށް ހޭދަކުރެއްވި އަށް މަސް ދުވަހުގެ ތެރޭގައި 73 ދަރުސް އެ މިސްކިތުގައި ދެއްވި އެވެ. އެތައް ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދެވި އެވެ.

"ދީނީ ގޮތުން މީހުންގެ ހޭލުންތެރިކުރަން މިސްކިތުގެ ތެރެއިން ކުރިއަށް ގެންދެވުނުކަން ފާހަގަކުރެވޭ،" ނަސްރުﷲ ވިދާޅުވި އެވެ.

ހަމައެހެން "މިސްކިތްތަކުގައި ދަރުސްތައް ބޭއްވޭލެއް މަދުކަން އިހުސާސްކުރެވޭ."

މިހާރު އޭނާއަކީ ހުޅުމާލޭގައި ހުޅުވި ފުރަތަމަ މިސްކިތުގެ އެއް އިމާމެވެ. ގަތަރުގެ އެހީގައި ހެދި ބޮޑު ގުއްބު މިސްކިތް ނުވަތަ ޝެއިހް ގާސިމް ބިން އަލް ސާނީގެ އިމާމަކަށް މިދިއަ ނޮވެމްބަރު މަހު އޭނާ ހަމަޖެއްސީ، އިސްލާމީ މިނިސްޓްރީން ގެންގުޅޭ ދީނީ އިލްމުވެރިޔަކާ އެކު ކޮންމެ މިސްކިތެއްގައި ދެ އިމާމުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރެއިންނެވެ.

އޭނާ ގެންދަވަނީ އެ މިސްކިތުގައި ހަފުތާއަކު ދެ ދުވަހު އަދި ޝާކިރީން މިސްކިތުގައި ހަފުތާއަކު އެއް ދުވަހު ދީނީ ދަރުސް ދެއްވަމުންނެވެ.

އިމާމުކަމާއި ރީތިކޮށް ޤުރުއާން ކިޔެވުމާ އޮތީ ގުޅި ލާމެހިފައި

ބައެއް ފަހަރަށް ނަމާދުން ނިމިގެން މިސްކިތުން ފައިބައިވަޑައިގަންނަވާއިރު މީހުން އޭނާގެ ބުރަކަށީގައި ފިރުމާލަ އެވެ. ބުނަނީ އެއް ވާހަކައެކެވެ: ޤުރުއާން ކިޔަވާލެއް ރީތިކަމެވެ. އެކަމާ އެ މީހުން ހިތްހަމަޖެހޭ ކަމެވެ. ނަމާދުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވޭ ކަމެވެ.

އާންމުންގެ އެ ލޯބީގެ ސިއްރަކީ، އުމުރުން 44 އަހަރުގެ ނަސްރުﷲ ވިދާޅުވި ގޮތުގައި، އިމާމްކަމާއި ރީތިކޮށް ޤުރުއާން ކިޔެވުމާ ގުޅިލާމެހިފައި އޮތް އޮތުމެވެ.

"ރީތިކޮށް ޤުރުއާން ކިޔަވާ މީހެއްގެ ފަހަތުގައި ނަމާދުކުރަން މީހުން ވަރަށް ހިތްހަމަޖެހޭނެ. އެއީ ވަރަށް ބޮޑު އުފާވެރިކަމެއް،" ނަސްރުﷲ ވިދާޅުވި އެވެ.

"ބުރަކަށީގައި ފިރުމާލައިފައި [މީހުން ބުނެލާ] ހާދަ ހިތްހަމަޖެހިގެންނޭ މި ދަނީ. ވަރަށް ބޮޑު އުފަލެއް އަފަދަ ބަސްތަކަކީ."

ދީނީ އިލްމުވެރިން އިމާމުންނަށް ވުން ވަރަށް މުހިންމުކަމަށް ވިދާޅުވި (ދައުރު ފޮޓޯ/ އަހްމަދު ލައުހު މުހައްމަދު)

އޭނާގެ ކިޔެވުމަށް ލޯބިކުރާ ބައެއް މީހުން އެ މިސްކިތާ ދުރުގައި އުޅުނަސް، އޭނާގެ ފަހަތުން ނަމާދުކުރަން އަންނަކަން ވެސް ފާހަގަކުރެވެ އެވެ. އެ ހުންނަނީ، ނަސްރުﷲ ވިދާޅުވި ގޮތުގައި، ޤުރުއާން ރީތިކޮށް ކިޔަވާ އިމާމުންނަށް ހުރި އުފަލާއި ހިތްހަމަޖެހުމެވެ.

ދީނީ އިލްމުވެރިން އިމާމުންނަށް ވުމުގެ މުހިންމުކަން ވެސް އޭނާއަށް އެނގިވަޑައިގަނެ އެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ވީހާވެސް ގިނަ އިލްމުވެރިން އިމާމުންގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ.

"މިސްކިތުގެ ދައުރަކީ ނަމާދުކުރުން އެކަންޏެއް ނޫން. ދީނީ ގޮތުން މީހުން ހޭލުންތެރިކުރުން [ވެސް] ހިމެނޭ. އެ ޒަމާނުގައި މިސްކިތަކީ މަދަރުސާ،" ނަސްރުﷲ ވިދާޅުވި އެވެ.

"ދީނީ ގޮތުން އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން އިމާމުންނަށް ވެވަޑައިގަންނަވަން މަގުފަހިވެގެން ދިއުމަކީ ރަނގަޅު ކަމެއް. އަޅުގަނޑު އެ އިލްމުވެރިންނަށް އިލްތިމާސްކުރަން، ދައުވަތު ދެން."

މިސްކިތުގައި ދެއްވާ ދަރުސްތަކާ އެކު ނަސްރުﷲ ފެންނަނީ ވަރަށް ތަފާތު އިމާމެއްގެ ގޮތުގަ އެވެ. ދީނީ އިލްމުގެ މަތީ ތައުލީމު އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގައި އިސްލާމިކް ސްޓަޑީޒްގެ ރޮނގުން މާސްޓާސްއަށް ކިޔެވުން ނިންމަވައި، މިހާރު ނުނިމި ވަނީ ތީސީސްގެ ބަ އެވެ.

އިމާމްކަން މިހާރަށް ވުރެ ވެސް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތީ އެވެ. އެ ފުރިހަމަކަން ގުޅެނީ ޤުރުއާން ހިތުދަސްކުރުމާ އެވެ. މައުހަދުގައި އުޅުއްވި އިރާއި މިސްރުގައި ކިޔަވާ ވިދާޅުވި އިރު ޤުރުއާންގެ ވަރަށް ބޮޑު ބައި ހިތުދަހެވެ. އޭނާގެ ބަހުން ނަމަ 'ތިންބައި ކުޅަ ދެބައި' އެނގިވަޑައިގަނެ އެވެ.

"މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ޤުރުއާން ހިތު ދަސްކޮށްގެން، ހާފިޒެއްގެ ގޮތުގައި އިމާމެއްގެ ހައިސިއްޔަތުން ފުރުސަތު ލިބުން،" ނަސްރުﷲ ވިދާޅުވި އެވެ.

"އެފަދަ ދުވަހަކަށް އުއްމީދުކުރެވޭ. ދުއާއަކީ ވެސް މާތްﷲ އެކަން ހާސިލްކޮށްދެއްވުން."

ކޮމެންޓް (6)

އާމިނާ

24 މާރިޗު 2025
އުސްތާޛު ގެ ތިޔަ އުންމީދު ފުރިހަމަކޮށްދެއްވާނެ އިންޝާﷲ. ވަރަށް މަޑުމައިތިރި އެކުވެރި ރިވެތި ޚުލްޤެއް ލިބިގެންވާ ޝަޚްސިއްޔަތެއް އުސްތާޛަކީ. އުސްތާޛްގެ ލޮބުވެތި ބައްޕާފުޅަށް ހެޔޮރަޙްމަތް ލައްވާށި.އާމީން.
3 0

ދަރުސް

22 މާރިޗު 2025
އިމާމުންނަކީ ހަމައެކަނި އިމާމުވެ ނަމާދުކުރާ ބަޔަކަށް ވުމުގެ ބަދަލުގަ ދީނީ ދަރުސްތައް ދޭ ބަޔަކަށް ވާންޖެހޭ. ނަސްރުﷲ އެކަން ވަރަށް ފުރިހަމައަށް ކުރެއްވި ހމ ވަގުތީ ކުޑަ މިސްކިތުގަ. ހުރިހާ އިމާމުން ހުރިހާ މިސްކިތެއްގަވެސް މިކަން ކުރެވޭނެ ނިޒާމެއް ގާއިމް ކުރަންވީއެވެ.
4 0

އަސްލު

22 މާރިޗު 2025
ކުރިން ސަލްމާން މިސްކިތުގައި ޝޭހްގެ ފަހަތުން ނަމާދު ކުރާއިރު އަބަދުވެސް ހިތައް އަރާ ما شاء الله ހާދަ ރީތި އަޑެކޭ. ވަރަށް ގިނަ ދުވަސް ވެއްޖެ ޝޭހް މިހާރު އިމާމުކަން ކުރާ މިސްކިތް ހޯދާތާ. ލިތުނ
3 0

ޏަމް

22 މާރިޗު 2025
ހަގީގަތަކީ އިމާމުކަން ކުރަމުންވެސް ސިޔާސީވުން މިއީ ހުރިހާވެސް މަށްސަލައަކީ މިކަމާދުރުވެއްޖެ ނަމަ ހުރިހާވެރިކަމެއްގަވެސް ޝައިހު ނަސްރުﷲ ކުރިއަރާދާނެ.
2 6

ބޯދާ

28 މާރިޗު 2025
@ޏަމް ސިޔަސީ ވެގެން ކޮންކަމެކޯ ކުރީ އިމާމު ކަމުގައި
0 0

حسين

21 މާރިޗު 2025
آمين يارب العالمين
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް