ކެތްކުރެވުނު 10 ޕަސެންޓް ކުދިންގެ ތެރެއިން އުފެދުނު އިލްމުވެރިއެއް
މުހިންމު ނުކުތާތައް
1972ގައި ރާއްޖެއިން ފުރި ކުދިންނަށް ކަނޑު ބޯޓުން ޖާގަ ހޯއްދަވައިދެއްވީ އޭރުގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގައި ހުންނެވި ކުރީގެ ރައީސް މައުމޫން
ހުސެއިން ވަނީ އިންޑިއާގެ ގުޖުރާތާއި ޕާކިސްތާންގެ އިތުރުން މައްކާގައި ކިޔަވާވިދާޅުވެފައި
އޭނާގެ ލިއުންތެރިކަމުގެ ތެރެއިން ސަހީހު މުސްލިމް ހިމެނޭނީ މިހާތަނަށް ދިވެހި ބަހަށް ތަރުޖަމާކުރި އެންމެ ބޮޑެތި ފޮތްތަކުގެ ތެރޭގައި
ފަތިސް ނަމާދަށް ހޭލީއްސުރެ އަސުރު ނަމާދާ ހަމައަށް އޮންނަނީ ކިޔެވުމެވެ. އޭގެ ފަހުން އަނެއްކާ މަގުރިބް ނަމާދަށް ފަހު، އެދުވަހުގެ ފިލާވަޅުތައް ދަސްކުރުމެވެ. ދިރިއުޅުމުގެ ހާލަތު ފަސޭހައެއް ނޫނެވެ. ފިލާވަޅުތައް ނޭނގޭ ނަމަ، ފަރުވާކުޑަކުރާ ނަމަ، ދަސްނުކުރާ ނަމަ، އެ ކުއްޖަކަށް އަދަބު ލިބެ އެވެ. އެ މާހައުލުގައި ކާމިޔާބީއާ ހަމައަށް ވާސިލްވެވެނީ ހިތްވަރު ގަދަ، ކެތްތެރި އަދި ކިޔަވަން ޝައުގުވެރި ދަރިވަރުންނަށެވެ. އެކަމަކު އެ ނިސްބަތް އެހާ މައްޗެއް ނޫނެވެ. އޭނާގެ ބަހުން ނަމަ "ގާތްގަނޑަކަށް %10" އެވެ.
ދީނީ އިލްމުވެރިޔާ އަދި އަރަބި ބަހުގެ ދާއިރާއިން ހާއްސަވެވަޑައިގެންެ ހުންނެވި ހުސެއިން ރަޝީދު އަހުމަދުގެ ހަނދާންތައް މީގެ 50 އަހަރު ކުރިއަށް ގެންދަވާ އިރު ފެނިވަޑައިގަންނަވަނީ އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ކުޑަކުޑަ އަވަށެކެވެ. އެ އަވަށުގައި ހުރި އިސްލާމީ މަދަރުސާއެކެވެ. އޭރު ދިވެހި ގާތްގަނޑަކަށް 80 ވަރަކަށް ކުދިން ކިޔަވަން ގޮސް ތިއްބެވެ.
"އަޅުގަނޑުމެން ތިބިއިރުގައި ޕާކިސްތާނުން ވެސް، އިންޑިއާއިން ވެސް [ކާމިޔާބުވީ] ގާތްގަނޑަކަށް 10 ޕަސެންޓް ކުދިންނަށް. އެހެން ކުދިން [އެނބުރި] ދަނީ. ފިލި ކުދިން ވެސް އެބަ އުޅޭ. އަދިވެސް އެބަ އުޅޭ ފިލައިގެން އުޅޭ ކުދިންތައް. އެއްވެސް ކަހަލަ ހަބަރެއް ދަބަރެއް ނުވާ ކުދިން ވެސް އުޅޭ. ބައެއް ކުދިން މަރު ވެސް ވި،" ހުސެއިން ކިޔައިދެއްވި އެވެ.
"މަރަކީ އެނގޭ އެއްޗެއް ނޫން. ބައެއް ފަހަރަށް ދޭތެރެއިން ކޮލެރާ ޖެހުމާއި ބަލިޖެހި ސަލާމަތްނުވި ބައެއް ކުދިން. [އޭރުގެ] އާދަކާދައިގެ މަތިން މުދައްރިސުން ތަޅާނެ. ފާސްނުވަންޏާ، ކިޔަވާހިތްނުވަންޏާ ތަޅާނެ. ތެޅުމަށް ކެތްނުކުރެވިގެން ފިލައިގެން ދޭ. ދެން ޕާކިސްތާނުން ވަރަށް ގިނަ ކުދިން ރަށަށް އައި."
ހުސެއިންއަކީ 1972ގައި ރާއްޖެއިން އިންޑިއާއަށް ދިޔަ 17 ކުދިންގެ ތެރެއިން ކާމިޔާބަށް ވާސިލްވި އެއް ބޭފުޅެވެ. ދީނީ އިލްމުވެރިޔާ އިދްރީސް ހުސެއިންގެ ބެއްލެވުމުގެ ދަށުން އެ ފަހަރު އައްޑޫން މާލެ އައި ކުދިންނަށް ފުރުނީ، ހުސެއިން ވިދާޅުވި ގޮތުގައި، އޭރު ޓްރާންސްޕޯޓް ޑިޕާޓްމަންޓްގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހަމަޖައްސަވައިދެއްވި އިންތިޒާމެއްގެ ތެރެއިންނެވެ.
ގުޖުރާތުގެ މަދަރުސާގައި ކިޔަވަން ފެއްޓެވި ގޮތަށް 13 މަސް ދުވަހުން އޭނާ ވަނީ ޤުރުއާން ހިތުދަސްކުރައްވައިފަ އެވެ. އިންޑިއާގައި ހަ އަހަރު އުޅުއްވި އެވެ. އެކަމަކު އިންޑިއާއިން ލިބޭ ސެޓްފިކެޓްތައް ސައުދީ އަަރަބިއްޔާ ކަހަލަ ގައުމުތަކުން ގަބޫލުނުކުރާތީ، އޭނާ ދެން ވަޑައިގަތީ ޕާކިސްތާނަށެވެ. އެ ގައުމުގައި ހަތަރު އަހަރު ހޭދަކުރެއްވި އެވެ. އޭގެ ފަހުން މައްކާގައި ތިން އަހަރެވެ.
ހުސެއިން ހާއްސަވެވަޑައިިގަތީ އަރަބި ބަހަށެވެ. އަރަބި ބަސް ކިޔަވައިދިނުމުގެ ދާއިރާ އެވެ. އޭނާއަކީ އެ ފެންވަރަށް އަރަބި ބަސް ކިޔަވާވިދާޅުވި ދިވެހި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ.
ބަންގި ގޮވާފައި ނަމާދުނުކޮށް މިސްކިތުން ފައިބައިގެން ދަނީ
ދީނީ އިލްމު އުނގެނެން ދިވެހިން އެންމެ ގިނައިން ބޭރަށް ދާން ފެށީ 1970ގެ އަހަރުތަކުގަ އެވެ. އެ ދަރިވަރުން އިލްމުވެރިންނަށް ވެގެން އަމިއްލަ ގައުމަށް އަންނަން ފެށީ 1980ގެ އަހަރުތަކުގަ އެވެ.
އޭރު ރާއްޖޭގައި ދީނީ ކަންކަމުގެ ހޭލުންތެރިކަން ވަރަށް ކުޑަ އެވެ. ނަމާދަށް ދޭ ސަމާލުކަން ވެސް އެހާމެ ކުޑަމެ އެވެ. ހުސެއިން އެކަން ތަޖުރިބާކުރެއްވީ ރޯދަމަހު މާލެ އަތޮޅުގެ ރަށަކުންނެވެ.
ޗުއްޓީއަކަށް އައިސް ހުންނެވި ދުވަސްވަރެކެވެ. ރޯދަމަހެވެ. ދީނީ އިލްމަށް ލޯބިކުރައްވާ ކަޅުބެ އަބްދުއްލަތީފްގެ ބެއްލެވުމުގެ ދަށުން އޭރު މާލެއަށް ބޭރުގެ އިލްމުވެރިންތަކެއް އައިސް ތިއްބެވެ. އެ މީހުން ގޮވައިގެން މާލެ އަތޮޅު ރަށްރަށަށް ގޮސް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އޮތީ ހޯދައިފަ އެވެ. އެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވަން ދެއްވި ދައުވަތު ގަބޫލުކުރައްވާ ހުސެއިން މުޅި ރޯދަމަސް ހޭދަކުރެއްވީ އިލްމުވެރިންނާ އެކުގަ އެވެ.
އޭނާގެ ބަހުން ނަމަ އެ "އަޖައިބުކުރުވަނިވި ހާދިސާ' ދިމާވީ ރޯދަމަހުގެ 27 ވަނަ ވިލޭރެ އެވެ.
"މިސްކިތުގައި އެއްވެސް ބައެއް ނެތް. ދެން އަޅުގަނޑުމެން ތިއްބާ ބަންގި ގޮވާ މީހާ އައިސް ބަންގި ގޮވައިފި. އިރުކޮޅަކުން އެ މީހާ ވެސް ގެއްލިއްޖެ،" ހުސެއިން ވިދާޅުވި އެވެ.
ފަހުން އެ މީހާ ހޯދި އެވެ.
"އަހައިފިން ކަލޭ ކީއްވެހޭ ނަމާދަށް ނާންނަނީ. ބުނިމާ ބުނީ ތިމަންނައަކީ މުދިމެއް ނޫނޭ. މި ރަށު މުދިންމީހާ [އަހަންނާ] ހަވާލުކޮށްފައި އޮންނަނީ 30 ރުފިޔާ ދީފައި ބަންގި ގޮވާށޭ. ދެން ތިމަންނަ ބަންގި ގޮވާފައި ދަނިއްޔޭ. [މިސްކިތަށް] މުދިން މީހާއެއް ނާދޭ. މީހަކު ނާދޭ. ކަތީބެއް ނާދޭ."
ހުސެއިން ވިދާޅުވި ގޮތުގައި އެއީ އޭރު ރާއްޖޭގައި ދީނީ ކަންކަން އޮތް ހާލަތެވެ. އެކަމުން އެނގެނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އިސްލާމް ވިޔަކަސް، ދީނީ ހޭލުންތެރިކަމާއި ދީނީ ކަންކަމަށް ގިނަ މީހުން ދިން ސަމާލުކަން ވަރަށް ދަށްކަމެވެ.
ނަމަވެސް އެ އަނދިރިކަމުން ދިވެހިން ނެރެ، ދީނީ އާ އަލިކަމެއް 1980ގެ އަހަރުތަކުގައި ފެތުރެން ވެސް ފެށި އެވެ. އޭގެ ސަބަބަކީ ދީނީ ގިނަ އިލްމުވެރިންތަކެއް ކިޔަވައިގެން ރާއްޖެ އައިސް، ރަސްމީކޮށާއި ނުރަސްމީކޮށް ވިޔަސް، ދީނީ މައުލޫމާތު ފަތުރަން ނުކުތުމެވެ. އޭރުގެ ރައީސް މައުމޫންގެ ސަރުކާރުން ވެސް އޮތީ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފަށައިފަ އެވެ. މިސާލަކަށް ރޯދަމަހުގެ ރޭތައް އިހުޔާކުރުމެވެ. އޭގެ ތެރޭގައި ރޯދަމަހު ހަވީރު މިސްކިތްތަކުގައި ނަސޭހަތް ދިނުމާއި ގުރުއާން ކިޔެވުން ހިމެެނެ އެވެ. 'ދީނީ މަގު'ގެ ނަމުގައި ކޮންމެ ހުކުރުދުވަހަކު ރައީސް އޮފީހުން ނޫހެއް ވެސް ނެރުނެވެ.
ދީނީ އިލްމުވެރިންގެ އެ މަސައްކަތްތަކާ އެކު ދިވެހިންގެ ދިރިއުޅުމުގެ ގިނަ އާދަތަކެއް ވެސް ބަދަލުވި އެވެ. އޭގެ ދެ މިސާލު ހުސެއިން ދެއްކެވި އެވެ. އެއީ ސަލާން ގޮވުމާއި ސަލާން ބަލައިގަތުމާއި ގެދޮރަށް ވަދެއުޅުމުގައި ގެންގުޅެން ޖެހޭ ރީތި އަހުލާގެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ސަލާން ގޮވާލުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ހަމައެހެން ސަލާން ގޮވާލައިފި ނަމަ އެ ބަލައިގަންނަނީ ވެސް ދީނުގައި އޮންނަ ހަމަޔަކުންނެއް ނޫނެވެ.
"ސަލާމަކީ ތިމަންމެންނަކީ މުސްލިމެއްކަން އަންގއިދޭ އިއުލާންކޮށްދޭ އިއުލާންތާ. މިސްކިތުގެ އަދަބުތައް ވެސް ކުޑަ. ނަމާދު [ކުރަން ތިއްބާ] ހުރަސް ކަނޑާފައި ހިނގައިދާނެ. ގެއަށް ވަންނަނީ ހުއްދަ ވެސް ނެތި. އެދާ ގޮތަށް ގޮސް ބަދިގެއާ ހަމައަށް ދާނެ،" ހުސެއިން ވިދާޅުވި އެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ވެސް ބަދަލުވެ، ދިވެހިންގެ އާންމު އާދަތަކާ ދީނީ އަހުލާގުގެ ބައިތައް ގުޅިލާމެހުނެވެ.
ދެން ފެންނަން ފެށީ ދީނީ ހިލާފުތައް، އެއީ ބޮޑު ނުބައެއް
ދީނީ އާ ހޭލުންތެރިކަމާ އެކު ދީނީ ހިލާފުތަކުގެ ބައި ވެސް ރާއްޖޭގައި ދިޔައީ ބޮޑުވަމުން، ގޯސްވަމުންނެވެ. ހުސެއިން ފަދަ ދީނީ އިލްމުގެ މައުލޫމާތު މުއްސަނދި އަދި އިސްލާމް ދީނުގެ މައިގަނޑު މަޒުހަބުތައް ނިސްބަތްވާ އިމާމުންގެ ހުރިހާ ކަމެއް އެނގިވަޑައިގެން ތިއްބަވާ ބޭފުޅުންނަށް އެ ހިލާފުތައް މައްސަލައަކަށް ނުވެ އެވެ. ހުސެއިން ވިދާޅުވި ގޮތުގައި ހިލާފުތައް ހުރި ކަންކަމާ ގުޅިގެން އެއްބަޔަކު އަނެއް ބަޔަކަށް ނަފުރަތުކޮށް، ދީނުން ބޭރުކޮށްގެން ނުވާނެ އެވެ.
އިސްލާމީ އަހުލާގުގެ ބައި ދިވެހިންގެ ތެރޭގައި ރަނގަޅުވަމުން އައި އިރު، ހުސެއިންގެ ނަޒަރުގައި، ދީނީ ބައެއް މީހުންގެ ހިލާފުތަކާ ހެދި، "އަގީދާ އާއި ފިގުހުގެ ބައި ހަލާކުވާން ފެށި" އެވެ.
މި ހާލަތުގައި ވެސް ހުސެއިންގެ އިލްމީ ސިކުނޑިއަށް ވިސްނޭ އެއްޗެއް ހާމަކުރައްވަން ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ. އެއީ އުމުރުން އެންމެ 14 އަހަރުގައި ރާއްޖެއިން ބޭރަށް ވަޑައިގެން ދީނީ އިލްމު އުނގެނިވަޑައިގަތުމަށް ކުރެއްވި މަސައްކަތުގެ އެއް މޭވާ އެވެ. ކަން އޮތް ގޮތް ބުނެދެއްވުމާއި ހިލާފު އުފެދޭ ކަންކަމުގައި އަނެކާއާ މެދު ޒާތީ ނުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި އިމާމުންގެ ފަރާތްޕުޅުން ފެނުނީ ވެސް އެ މިސާލެވެ.
އުމުރުން 67 އަހަރުގެ އިލްމުވެރިޔާ ގަބޫލުކުރައްވާ ގޮތުގައި ޔުނިވަސިޓީއަކުން ފުރަތަމަ ޑިގްރީ ނަގައިގެން ފަތުވާ ދޭން ފެށުމަކީ ހުރިހާ ކަމެއް އެނގުމެއް ނޫނެވެ.
"ގިނަ ފަހަރަށް މިވާ ގޮތަކީ ކިޔަވައިގެން އަންނަ ކުއްޖަކީ ޑިގްރީ ހަދައިގެން އަންނަ ކުއްޖެއް. މާ ގިނަ ތައުލީމީ ބެކަޕެއް ނުހުރޭ. ހަމައެކަނި ކިޔެވި އެތިކޮޅު މި ހުންނަނީ. ކިޔެވި އެތިކޮޅު ވެސް މި ހުންނަނީ ފާސްވާން ކިޔަވާ އެއްޗެއް. މިސާލަކަށް ސިލަބަހުގައި ބައިކުޅަ ބައެއްތާ އަންނަނީ. ސިލަބަހަކީ ވެސް ކުޑަކުޑަ އެއްޗެއް. [އެކަމަކު] ދެން އެ ކުއްޖާ މި ފައްޓަނީ ފަތުވާދޭން،" ހުސެއިން ވިދާޅުވި އެވެ.
"ބޮޑަށް ދިމާވަނީ އަގީދާގެ މައްސަލަތަކާ. ރާއްޖޭގައި ޒަމާނުއްސުރެ އޮންނަނީ، [ނުވަތަ] އިސްލާމް ވީއްސުރެ އޮތީ އަޝަރީ މަޒުހަބު. ދެން ހަމްބަލީ މަޒުހަބު އަތުވެއްޖެ. ދެން މިކަހަލަ އޮޅުންބޮޅުންގަނޑެއްގައި. ހަލާކުވާން ފެށީ އަގީދާ އާއި ފިގުހީ ބައި."
ހުސެއިންގެ ވިސްނުން ހުރީ މިހެންނެވެ: ހިލާފު އުފެދޭ ކަންކަމުގައި ތިމާ ގަބޫލުކުރާ ގޮތަށް އަމަލްކުރަންވީ އެވެ. އެކަމަކު އެގޮތަށް އަނެކާ އަމަލްކުރަން މަޖުބޫރުކުރުމެއް ނެތެވެ. އޭގެ ތަފުސީލަށް ވެސް އޭނާ ވަޑައިގަތެވެ.
"އިހުތިލާފެއް އޮވެއްޖެއްޔާ އޭގެ މާނައަކީ ޔަގީންކަމެއް ނެތީ ވަކި މައްސަލައެއްގައި. ޔަގީންކަން ނެތުމުން ތިމާ ގަބޫލުކުރާ ގޮތް، ދަަލީލުތަކާ އެކު، ތިމާ އަމަލުކުރީމާ ނިމުނީ. ގަދަކަމުން [އަނެކާ] ރުއްސުވާކަށް ނުޖެހޭނެ. އެމީހާއަށް މަޖުބޫރުކުރާކަށް ނުޖެހޭނެ،" ހުސެއިން ވިދާޅުވި އެވެ.
"އެގޮތަށް ސަލަފުއްސާލިހުން ތިއްބެވީ. މިސާލަކަށް އިމާމު އަބޫ ހަނީފާ އިމާމް މާލިކަށް ވުރެ ދޮށި. އެހެންނަމަވެސް އަބޫހަނީފާ ކޮންމެވެސް ވަރަކަށް އިމާމް މާލިކުގެ އަރިހުން ދަރުސް ނެންގެވިކަމަށް ސާބިތު. އިމާމު މާލިކުގެ މަޝްހޫރު ދަރިވަރެއް އިމާމު ޝާފީއަކީ. އިމާމު ޝާފީގެ މަޝްހޫރު ދަރިވަރެއް އިމާމު އަހުމަދަކީ. އިމާމް އަހުމަދުގެ މަޝްހޫރު ދަރިވަރެއް އިމާމް ބުހާރީއަކީ. އިމާމް ބުހާރީގެ މަޝްހޫރު ދަރިވަރެއް އިމާމް މުސްލިމާއި ތިރިމިޒީއަކީ. މި ބޭކަލުންގެ ތެރޭގައި ނެތް އަރައިރުމެއް. އެކަމަކު އެބޭކަލުންނަކީ އިހުތިލާފުކުރެއްވި ބޭކަލުން. އިމާމު ޝާފީ އާއި މާލިކާ އިހުތިލާފު އޮވޭ. އިމާމް ޝާފީ އާއި އިމާމް އަހުމަދު އިހުތިލާފްވޭ. މި ބޭކަލުން އެއްބަޔަކު އަނެއް ބަޔަކު ކާފަރުކޮށް ނުހައްދަވާ. އެއްބައެއްގެ ރައުޔަަށް އިހުތިރާމްކުރައްވާ. އޭތި އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން މި އުޅެނީ."
ލިއުންތެރިކަމުގެ އަގުހުރި މަސައްކަތުން ޖަވާހިރަކަށް
އުފަން ރަށް ސ. ހިތަދޫގައި ކިޔަވާވިދާޅުވި އިރު ވެސް ލިއުންތެރިކަމަށް ހުސެއިންގެ ޝައުގުވެރިކަން އޮތެވެ. އިންޑިއާ އާއި ޕާކިސްތާނުގައި ދަރިވަރުންގެ މަޖައްލާތައް ނެރުއްވި އެވެ. އަރަބި ބަހަށް ހާއްސަވެވަޑައިގެންނެވުމަކީ އަމިއްލަ ދިވެހިބަހުގެ ހަމަތަކާއި އެ ބަހުގެ އިލްމު ތެރެއަށް، ކުރިއަށް ވުރެ ބޮޑަށް ވަދެވަޑައިގަތުމެވެ. ދިވެހި ބަހުގެ އަޑުތަކާއި ބަހުގެ ހަމަތަކާ ބެހޭ ގޮތުން އޭނާ ލިއުއްވި ފޮތްތައް އެކަމަށް ހެކިދެ އެވެ.
ސަހީހް މުސްލިމް
ކީރިތި ރަސޫލާގެ 6،000އަށް ވުރެ ހަދީސްގެ މައްޗަށް އެކުލެވޭ މި ބޮޑު ފޮތް ބައިގެ 12 ވަނަ ފޮތް މިހާތަނަށް ވަނީ ޗާޕްކޮށްފައި. އެއިން ކޮންމެ ފޮތެއްގައި 500 ސަފުހާ ހިމެނޭ. މިއީ ދީނީ ގޮތުން ވަރަށް ބޮޑު ހިދުމަތެއް
ލިއުންތެރިކަމުގެ މި ހުނަރު ދީނީ މައުލޫއުތަކުގެ ފޮތްތަކަށް ވެސް ހާއްސަކުރެއްވި އެވެ. އެ ހުރިހާ އުފެއްދުމެއްގެ ތެރެއިން ވެސް 'ސަހީހު މުސްލިމް'ގެ ހަދީސް ފޮތްތައް ހާއްސަ އެވެ. އެއީ ދިވެހިންނަށް އޭނާ ދެއްވި އަގުހުރި ހަދިޔާއެކެވެ. އެ ހަދިޔާއާ އެކު ހުސެއިންނަކީ ދީނީ މައުލޫމާތު ފެތުރެއްވުމުގެ އިސް ބޭފުޅެއް ކަމަށް ބަލަން ޖެހެ އެވެ.
މި ދައްކަނީ ކުޑަކުޑަ ފޮތްތަކެއްގެ ވާހަކައެއް ނޫނެވެ. މާތްވެގެންވާ ރަސޫލާގެ ހައެއްކަ ހާސް ހަދީސްގެ ތަރުޖަމާ އެވެ. އޭގެ ޝަރަހަ އެވެ. މިހާތަނަށް އޭގެ 12 ވަނަ ބައި ޗާޕްކޮށްގެން ނެރެފި އެވެ. އެއިން ކޮންމެ ފޮތެއްގައި 500 ވަރަކަށް ސަފުހާ ހިމެނެ އެވެ. ކުރިއަށް އަދި ހަތަރު ފޮތް އެބަ އޮތެވެ.
"އަޅުގަނޑު މި ލިއުނީ ތަރުޖަމާ އާއި ޝަރަހައާ އެކު. ފުރަތަމަ ތަރުޖަމާ ލިއެފައި ދެން އަންނާނީ ޝަރަހަ،" ހުސެއިން ވިދާޅުވި އެވެ.
"ހަގީގަތުގައި ހަދީސްގެ މާނަ އެނގުމަކީ އެނގުމެއް ނޫން. ބައެއް ފަހަރަށް އެމީހަކަށް އޮޅި ވެސް ދާނެ. ހާއްސަކޮށް ލަފުޒުން މާނަ އަންނަ ނަމަ. ޝަރަހާގައިތާ ބުނާ އެއްޗެއް ފަހުމްކޮށްދެވޭނީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު ހިދުމަތެކޭ މި ކުރެވެނީ."
އެ ވާހަކައާ މެދު ދެބަސްވުމެއް ނެތެވެ. އެފަދަ ބޮޑު މަސައްކަތެއް މިހާތަނަށް ރާއްޖޭގެ އެހެން އިލްމުވެރިއެއްގެ ފަރާތަކުން އަދި ނުފެނެ އެވެ. އެހެންކަމުން ހުސެއިންގެ މަގާމު މި ދާއިރާގައި ވަރަށް މައްޗެވެ.
އަޅުގަނޑު ސުވާލެއް ދެންނެވީމެވެ. އެހާ ގިނަ ދުވަހު ބޭރުގައި ހޭދަކުރައްވައިގެން އިލްމު ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކާ މެދު ކިހާ ވަރަކަށް ހިތްހަމަޖެހިވަޑައިގަންނަވަންތޯ އެވެ.
"އަޅުގަނޑު اللهއަށް ޝުކުރު ދަންނަވަން. ހަމްދުކުރަން. ބައްޕައަށާއި މިކަމަށް އެހީތެރިވި އެންމެންނަަށް ޝުކުރު ދަންނަވަން،" އެ ސުވާލުގެ ޖަވާބު ފެއްޓެވީ މިހެންނެވެ. ދެން ވިދާޅުވި އެވެ.
"އަޅުގަނޑަށް މި ލިބުނީ ވަރަށް ބޮޑު އެއްޗެއް. ދީނުުގެ ހިދާޔަތު އޭގެ ރަނގަޅު ގޮތުގައި ލިބުނު ކަމަށް އަޅުގަނޑު ގަބޫލުކުރަން."
ކޮމެންޓް (10)
ވާނުވާ
ޚާލިދު
ާދުރުމި
ޝާކިރު
ތެފައާސާ.
ނޫރާނީ
ސްކޫލް
ޕާކިސްތާން
ލަދުކުޑަ
މަ ބުނީ