އިމާމުން

އަފްލާހް: ބަލަން ހުރީކީ ނޫން، އުއްމީދު ހާސިލްކުރަން ކެރިގެން ނުކުތީ

އުމުރުން އެންމެ 18 އަހަރުގެ އިމާމު ބުނީ ފުރަތަމަ ބަންގި ގޮވި ދުވަހު ދެ ފައި ތެޅެމުން ދިޔައީ ފަހާ ފޮއްޓެއްގެ ތިނޯހެއް ފަދައިން ކަމަށް
14 މާރިޗު 2025
2

ނަސީބަކީ އެކި މީހުންނަށް އެކި ގޮތަށް ދިމާވާ ކަމެކެވެ.

އަފްލާހް އިސްމާއިލް ރަޝީދަށް ކުޑައިރުއްސުރެ އިވެނީ ދުނިޔޭގެ އެންމެ މަޝްހޫރު ގާރީން ކަމަށްވާ އަބްދުލް ރަހުމާން އަލް-ސުދޭޝް އާއި ސައުދު އަލް-ޝުރެއިމްގެ އަޑެވެ. ގުރުއާން ކިޔެވުމުގެ އެ ރީތި ހަމަތަކެވެ. ކަންފަތަށް ފަސޭހަަކަން ލިއްބައިދޭ އަޑުތަކެވެ.

ޤުރުއާން ކިޔެވުމުގެ އެ ރީތިކަމުގެ ތެރެއަށް އަފްލާހްގެ ސަމާލުކަން ދަމައިގަތެވެ. ބޮޑުވަމުން އައި ވަރަކަށް ޤުރުއާން ކިޔެވުމުގެ ވައްޓަފާޅި އޭނާގެ ހާއްސަ ލޯތްބަކަށް ވެސް ވީ އެވެ.

ދ. ކުޑަހުވަދުއަށް އުފަން އަދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު އޭނާގެ މައިންބަފައިންނާ އެކު ވިލިމާލެއަށް ބަދަލުވެ އޯ ލެވެލްއާ ހަމައަށް ކިޔެވުން ފުރިހަމަކުރީ 2023ގަ އެވެ. އޭރު ވިލިމާލޭ މިސްކިތެއްގައި ހިންގި ޤުރުއާން ކްލާހަކަށް ގޮސް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ފުރަތަމަ ފިޔަވަޅު މަތީގައި ވެސް ހިނގަން ފެށި އެވެ.

ވިލިމާލޭ މަސްޖިދުލް ބިއްރިގެ ވަގުތީ އިމާމު އަފްލާހް ނަމާދުގައި (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

އޭރު އަފްލާހްގެ ހިތުގައި ބަންގި ގޮވުމުގެ ޝައުގުވެރިކަން ވެސް އެހާމެ ބޮޑަށް އުފެދެމުން ދިޔަ އެވެ. ހުޅުމާލޭގައި ސޮނީން އަޅައިދިން މަސްޖިދުލް އިހުލާސްގެ ތަޖުރިބާކާރު އިމާމު އަހުމަދު ރިޔާޒްއާ ބައްދަލުވެ، އެ ޝައުގުވެރިކަން ފާޅުކުރި އެވެ.

"އުސްތާޒް [ރިޔާޒް]އާ ދިމާވެގެން ވާހަކަ ދައްކާލީމާ އުސްތާޒު ބުނެގެން ރިކޯޑެއް ފޮނުވާފައި ދުވަސްކޮޅެއް ފަހުން އުސްތާޒު ބުނެލައިފި އެދުވަހުގެ މަގުރިބް ނަމާދަށް ބަންގި ގޮވާލަން،" އުމުރުން 16 އަހަރުގައި ކުރި ފުރަތަމަ ތަޖުރިބާގެ ވާހަކަ އަފްލާހް ކިޔައިދިނެވެ.

"ދެން ބަންގި ގޮވަން އަރާފައި އިހުސާސްވި، ވަރަށް ނާވަސްވެފައި ހުރީ. ފަހާ ފޮއްޓެއްގެ ތިނޯއެއް ކަހަލަ ގޮތަކަށް ފައި ހުރީ ވަރަށް ގަދައަށް ތެޅިތެޅި."

އަފްލާހު ޖަމާއަތް ފެށުމުގެ ކުރިން މަޑުކޮށްލައިގެން: ފުރަތަމަ ބަންގި ގޮވިއިރު އުމުރަކީ 16 އަހަރު

އެހާ ކުޑައިރު އެހާ ބޮޑު ކަމަކަށް ކުރިމަތިލުމުން ދިމާވެދާނެ ގޮތެކެވެ. ނަމަވެސް އަފްލާހްއަށް އޮތް ކާމިޔާބީއަކީ އެކަން އެންމެ ފަހުން ފުރިހަމަކުރުމެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހުގެ ބަންގިއާ މެދު ރިޔާޒުގެ ލަފާ ދިނެވެ. އެގޮތުން 'ޙ'ގެ ފުރިހަމަ އަޑު ފާޅުނުވުމުގެ މައްސަލަ ފާހަގަކުރި އެވެ.

"ފަހުން އެކަން އިންޝާ الله ރަނގަޅުވެއްޖެ،" އަފްލާހް ބުންޏެވެ.

އޭނާގެ ދެވަނަ އަމާޒަކަށް ހެދީ އިމާމުވެ ނަމާދުކުރާށެވެ. އެ ފުރުސަތު ދިނީ ވިލިމާލޭގެ އެހެން މިސްކިތެއްގެ އިމާމަކަށް އޭރު ހުރި އެކަމަކު މިހާރު ސަލްމާން މިސްކިތުގެ އިމާމެއް ކަމަށްވާ އަބްދުލް އަޒީޒު އިބްރާހިމް އެވެ. އެއީ ވެސް މަގުރިބް ނަމާދެއްގަ އެވެ. އެކަމަކު އޭރު އަފްލާހު ހުރީ، އޭނާ ބުނި ގޮތުގައި، އެހާ ބޮޑަށް ހާސްނުވެ އެކަން ކުރެވޭވަރަށް ޔަގީންކަން ލިބިފަ އެވެ.

"އެދުވަހު ވަރަށް ރަނގަޅު ފީޑްބެކްތައް ލިބުނު. އެކަމަކު އުސްތާޒު ވިދާޅުވި ބައެއް މަހުރަޖުތަކާއި ދެމުންތަކުގައި މައްސަލަ އުޅޭ ވާހަކަ،" އަފްލާހް ބުންޏެވެ.

"މިހާރު އަލްހަމްދުލި الله. ބޮޑު ބައި ރަނގަޅު ކުރެވިއްޖެ."

އިމާމުންނަކީ އަބަދުވެސް އަހުލާގު ރަނގަޅު ބަޔަކަށް ވާން ޖެހޭނެ

މިއީ އަދި އެންމެ 18 އަހަރުގެ ޒުވާނެކެވެ. އެހެންކަމުން އޭނާއަށް އޮތީ ކަންކަން ދަސްކުރުމެވެ. ފުރިހަމަކުރުމެވެ. އަފްލާހް މިހާރު ހުރީ ވިލިމާލޭ މަސްޖިދުއް ބިއްރިގެ ވަގުތީ އިމާމަކަށެވެ. އޭނާގެ ފަހަތުން ގިނައިން ނަމާދު އެކުރަނީ އޭނާއަށް ވުރެ ދޮށީ މީހުންނެވެ. އޭނާގެ ބަހުން ނަމަ "އެ ބޭބެމެން'ގެ ފަރާތުން ލިބޭ ހިޔާލުތައް ގިނަ އެވެ.

"އަޅުގަނޑަށް ކުރެވޭ ގޯސް ކަންކަން، [މިސާލަކަށް] ނަމާދުކުރާ އިރު ނުބައިކޮށް ކިޔުނީ، އެބޭބެމެން ނިންމާފައި ބުނާނެ މިހެން ވެއްޖޭ، ރަނގަޅުކޮށްލާށޭ. [އެހެންވެ] ރަނގަޅު ކުރަން ފުރުސަތު ލިބޭ،" އަފްލާހް ބުންޏެވެ.

ވިލިމާލޭގައި ހުންނަ މަސްޖިދުއް ބިއްރިގައި އަފްލާހު އިމާމުވެ ނަމާދުކުރަނީ

އިމާމުން ރީތިކޮށް ޤުރުއާން ކިޔެވުން ވަރަށް މުހިންމު ކަމަށް މި ޒުވާނާ ވެސް ގަބޫލުކުރެ އެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލިބޭ ހިތްހަމަޖެހުން ވެސް އެހާމެ ބޮޑެވެ.

އަފްލާހް ދެކޭ ގޮތުގައި މިސްކިތަށް ނަމާދަށް އަރާ މީހުންގެ އިތުރުން އެ ގަޑީގައި ބޭރުން ދާ މީހުންނަށް ވެސް ރީތިކޮށް ޤުރުއާން ކިޔަވާ އަޑު އިވުނީމާ އޭގެ އަސަރުކުރާނެ އެވެ. ޝައުގުވެރިކަން އުފެދޭނެ އެވެ.

"ރީތިކޮށް ޤުރުއާން ކިޔަވާ ނަމަ [ގިނަ] މީހުން މިސްކިތަށް އަންނަ ހިތްވާނެ. ފަހަތުގައި ނަަމާދުކުރާ ހިތްވާނެ،" އަފްލާހް ބުންޏެވެ.

އިމާމެއްގެ ޒިންމާ އެހާ ޒުވާން އިރު ނަގަމުން އަންނަ އިރު އިމާމުންގެ ކިބާގައި ހުންނަން ޖެހޭ މުހިންމު ސިފަތައް ހުރީ ދެނެގަންފަ އެވެ. އެގޮތުން އަހުލާގަކީ އެންމެ މުހިންމު އެއް ބައި ކަމަށް އޭނާ ދެކެ އެވެ. ބޭރުގައި އުޅޭ އިރު ވެސް އަހުލާގު ރަނގަޅު ބަޔަކަށް އިމާމުން ވާން ޖެހޭނެ ކަމަށް ގަބޫލުކުރެ އެވެ.

އޭގެ އިތުރުން އަފްލާހް ބުނީ "މިސްކިތަށް ކަމާހިތަން" ވެސް ޖެހޭނެ ކަމަށެވެ.

"މިސްކިތަށް ގިނައިން އައިސް، ނަމާދާ ބެހޭ ގޮތުން އުނގެނި ހުރިހާ ކަމެއް ކުރުން،" އޭނާ ބުންޏެވެ.

އަފްލާހު އޭނާގެ އިމާމުކަމާ ބެހޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަނީ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

މިހާރު ވެސް އޭނާ އެ އަންނަނީ އެހެން މީހުންނަށް ނަމޫނާއަކަށް ވަމުންނެވެ. އޭނާގެ ހިތުގައި އޮތީ އިމާމުކަމުގެ ރޮނގުން ކުރިއަށް ދިއުމުގެ ތަމްރީންތަކާއި އުނގެނުންތަކުގެ ލޯތްބެވެ. ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ވެސް އިމާމަކަށް އުޅުމުގެ އުއްމީދެވެ.

"ކުރިމަގުގައި، އިންޝާﷲ، ކިޔަވައިގެން ރާއްޖޭގެ ބޮޑެތި، މިއަށް ވުރެ ބޮޑެތި މިސްކިތްތަކުގައި އިމާމަކަށް ވޭތޯ ބަލާނީ،" އުއްމީދާ ބެހޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އަފްލާހް ބުނެލި އެވެ.

ކަމެއްގައި ކުރިއަށް ދިއުމުގެ ފުރަތަމަ ފެށުމަކީ އުއްމީދެވެ. އެކަން ހާސިލްކުރަން ގަދައަޅާ މަސައްކަތްކުރުމެވެ. އެ ފުރުސަތު ހޯދުމެވެ. މި ހުރިހާ ސިފައެއް އަފްލާހްގެ ކިބާގައި އެބަ ހުއްޓެވެ. އެހެންކަމުން ކުރިމަގުގެ އުއްމީދު ހާސިލްކުރުމަކީ ވެސް މާ އުނދަގޫ ކަމަކަށެއް ނުވާނެ އެވެ. 

ކޮމެންޓް (2)

ޒުބުނާ 1

17 މާރިޗު 2025
ނަމޫނާ ޒުވާނެއް.. މީ ޒުވާނުން އުޅެންވީ ގޮތަކީ.. އަބަދު ފޯނެއް އަތްމައްޗަށް ލައިގެން ޓްވީޓް ކުރިއަސް ތިމާގެ ނަފްސަށް ލިބޭނެ މޮޅެއްނެތް.. ދުނިޔަވީ ވަގުތީ ފައިދާ ލިބިދާނެ.. އެންމެ ފަހުން ހާލުގަޖެހޭދުވަހު ތިމާއަށް އެހީތެރިކަމެއް ލިބޭނީ ކިޔެވިފަ ހުރި އެއްޗަކުން.. އަފޫއަށް ކުރިއެރުން އެދެން..
0 1

ކޮރަކަލި

15 މާރިޗު 2025
ރާއްޖޭގެ އިމާމުންގެ ޓޮޕްލެވެލްގާ އަހަރެން ހިމެނެންވާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް