އިމާމުން: މިއީ ކިހާ ބޮޑު ޒިންމާއެއްކަން އިހުސާސް ވެސް ކުރެވޭނީ މިކަމާ ހަވާލުވުމުން
"ތިމަންނަމެން މި މިސްކިތަށް މިއައީ މާފަންނުގައި ތިބެފައޭ, ނޫނީ މިވެނި ހިސާބެއްގައި ތިބެފައޭ އަޚާގެ ކިޔެވުން އަޑުއަހާލަން."
މިއީ އަހުމަދު ރިޔާޒުގެ ޤުރުއާން ކިޔެވުމަށް އެއްބަޔަކު ކުރާ ތައުރީފެވެ. އޭރު އޭނާ ހުރީ ފުރުގާން މިސްކިތުގެ އިމާމަކަށެވެ. މިހާރު އިމާމެއްގެ މަސްއޫލިއްޔަތު އޭނާ ނަގަމުން އަންނަނީ ވިލިމާލޭގައި ހުންނަ މަސްޖިދުލް އިހުލާސްގަ އެވެ.
އެއްވެސް ޝައްކެއް ނެތެވެ. ރިޔާޒުގެ ޤުރުއާން ކިޔެވުން ރީއްޗެވެ. އަޑުގެ އޮމާންކަމާއި ސާފުކަމެވެ. މި ސިފަތަކާ އެކު އޭނާ ހިމެނޭނީ ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ އިމާމުންގެ ތެރޭގަ އެވެ.
ވަރަށް ކުޑައިރުގެ ފެށުމެއް، ބައްޕަގެ އުއްމީދެއް
ރިޔާޒުގެ މިހާރުގެ އުމުރަކީ 49 އެވެ. އޭނާގެ ޤުރުއާން ކިޔެވުން ތަފާތުކަން ޓީޗަރުންނަށް އެނގެން ފެށީ އުމުރުން އަށެއް ނުވަތަ ނުވަ އަހަރުގަ އެވެ. އޭރު އޭނާ އުޅުނީ އުފަން ރަށް މ. މުލީ ސްކޫލްގެ ގްރޭޑް ތިނެއް ނޫނީ ހަތަރެއްގަ އެވެ.
"ކުޑައިރުއްސުރެ، ސްކޫލް ދައުރުން ފެށިގެން ޖަލްސާތަކުގައި [ޤުރުއާން ކިޔަވަން ފުރުސަތު ލިބުނީ]. އޭގެ ފަހުން ސްކޫލް ނިމި މަސައްކަތުގެ ދައިރާއަށް ނުކުތުމުން ވެސް އެ ފުރުސަތު ލިބުނު،" ޤުރުއާން ކިޔެވުމުގެ ދާއިރާއަށް އޭނާގެ ލޯބި އެނބުރެން ފެށި މައިގަނޑު އެއް ސަބަބު ކިޔައިދެމުން ރިޔާޒު ބުންޏެވެ.
އޭނާއަކީ މުލީ ކަތީބު އަލްމަރުހޫމް އަބްދުލްއަޒީޒު މޫސާގެ އަށް ކުދިންގެ ތެރެއިން އެކެކެވެ. އޭނާގެ ބައްޕަ އިމާމުމެ ނަމާދުކުރެއްވުމުގެ އިތުރުން އެއީ ރަށުގައި އިމާމުވެ ހުކުރު ވެސް ކުރެއްވި ބޭފުޅެކެވެ.
ރިޔާޒު ބުނި ގޮތުގައި އިމާމަކަށް ވުމަށާއި ޚަތީބަކަށް ވާން އޭނާގެ މައްޗަށް ބައްޕަ ބާރު ވެސް އެޅުއްވި އެވެ. އެހެންކަމުން އެއީ ބައްޕަގެ އުއްމީދެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ޤުރުއާނަށް އޮތް ލޯބި ހަޔާތުގެ އެހެން ކަންކަމަށް ވުރެ ބޮޑުވި އެވެ. އެކަމަކު އެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ތަމްރީންތައް ހަދަން ގައުމުން ބޭރަށް ފޮނުވުމުގެ މާލީ ގާބިލްކަމެއް އާއިލާއަކު ނެތެވެ. އެކަން އޭނާއަށް އެނގެ އެވެ. އެހެންކަމުން މަސައްކަތްކުރީ އަމިއްލައަށް ބޭރަށް ގޮސް ޤުރުއާން ކިޔެވުމުގެ ހަމަތަކާއި އުސޫލުތައް އުނގެނުމަށެވެ. އޭނާގެ މަންޒިލަކީ އެތައް ދިވެހިންނެއް ދީނީ އެފަދަ ފުރުސަތުތައް ހޯދި ޕާކިސްތާނެވެ.
ހަތަރު ވަރަކަށް އަހަރު ޕާކިސްތާނުގައި ހޭދަކުރި އެވެ. ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްގީކުރި އެވެ. އިމާމަކަށް ވުމުގެ އަސާސީ އެއް ސިފަ ކަމަށްވާ ރީތި ރާގުތަކަށް ޤުރުއާން ކިޔެވުމުގެ ގާބިލް މީހަކަށް ވި އެވެ.
އިމާމެއްގެ ގޮތުން އޭނާ ފުރަތަމަ މަސައްކަތްކުރީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ. އެ ރިސޯޓްގައި ފަސް އަހަރު ހޭދަކުރި އެވެ. އޭގެ ފަހުން މާލެއަށް ބަދަލުވެ ފުރުގާން މިސްކިތުގެ އިމާމެއްގެ ޒިންމާ ނެގި އެވެ.
"ފުރުގާން މިސްކިތުގައި، އިބްރާހިމް މިސްކިތުގައި، ސަލާހުއްދީން މިސްކިތުގައި ވެސް އުޅުނިން. އިސްލާމީ މަރުކަޒުން ވެސް ލިބުނު ފުރުސަތު ކުޑަ ދުވަސްކޮޅަކަށް،" ރިޔާޒު ބުންޏެވެ.
ވިލިމާލެއަށް ބަދަލުވެ މަސްޖިދުއް އިހުލާސްގެ އިމާމަކަށް އުޅެމުން އެ އަންނަނީ 2018އިން ފެށިގެންނެވެ.
ޤުރުއާންގެ ސަބަބުން އެއްވެސް ހާސްކަމެއް ނެތް
ރިޔާޒުގެ ތަޖުރިބާއަކީ ޤުރުއާންގެ ސަބަބުން އޭނާއަށް ލިބެމުން އަންނަ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ހާސްވުން ކުޑަވުމެވެ.
"ޤުރުއާންގެ އަހުލުވެރިޔަކަށް ނޫނީ ޤުރުއާން ކިޔެވުމުގެ ދާއިރާގައި އުޅެވުނީމާ ހަގީގަތުގައި ވަރަށް ބޮޑު ހިތްހަމަޖެހުންތަކެއް އޮވޭ. ހިތް ނުތަނަވަސްކަން އިހުސާސެއް ނުވޭ އެހާ ބޮޑަކަށް،" ރިޔާޒު ބުންޏެވެ.
މިސާލަކަށް އޭނާ އެއް ކަމެއް ދެއްކި އެވެ. ގައުމުން ބޭރަށް ފުރަތަމަ ދަތުރުކުރާ އިރު ގިނަ މީހުން ބިރުން އުޅެ އެވެ. ޖެހިލުންވެ އެވެ. ރިޔާޒު ރާއްޖެއިން ބޭރަށް ފުރަތަމަ ވެސް ފުރީ ޤުރުއާންގެ ރޮނގުން ހާއްސަވާން ޕާކިސްތާނަށެވެ. އެކަމަކު އޭނާގެ ހިތުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއް ނުވަތަ ހާސްކަމެއް ނެތެވެ. އެއީ، އޭނާ ގަބޫލުކުރި ގޮތުގައި، ޤުރުއާންގެ އަހުލުވެރިޔަކަށް ވުމުގެ އަޒުމާ އެކު ހިތަށް ލިބުނު ހަމަޖެހުމެވެ. އެހެން ބިރުތައް ފިލައިގެން ދިޔައީ އެވެ.
ޕާކިސްތާނުގައި ހޭދަކުރި ދުވަސްތަކުގައި ގާރީއަކަށް ވުމުގެ އިތުރުން އަރަބި ބަސް ވެސް ކިޔެވި އެވެ.
އިމާމެއްގެ ޒިންމާ އެނގޭނީ އިމާމަކަށް ވުމުން
އެއީ ދެން އެންމެންނަށް ވެސް އެނގޭނެ ކަންކަމެވެ. މިސްކިތުގެ އިމާމުން ކޮންމެ އިރަކު މިސްކިތަށް ގޮސް ބަންގި ގޮވާނެ އެވެ. އިމާމުވެ ނަމާދުކުރާނެ އެވެ. އެކަމަކު އެގޮތަށް އާދައިގެ ވިސްނުމަކުން ގިނަ މީހުން ވިސްނިޔަސް އިމާމެއްގެ ޒިންމާ އެއަށް ވުރެ މާ، މާ ބޮޑެވެ.
"ހަގީގަތުގައި އިމާމްވެ ނަމާދުކުރުުގެ ޒިންމާ ގިނަ ފަހަރަށް މީސްތަކުންނަށް އިހުސާސެއް ވެސް ނުވާނެ އެކަން ހަވާލުނުވަނީސް. އެކަމާ ހަވާލުވީމާ އޭގެ ޒިންމާ ރަނގަޅަށް އެނގޭނީ،" އިމާމެއްގެ ގޮތުން ހޭދަކުރި 25 އަހަރުގެ ތަޖުރިބާގެ ތެރެއަށް ރިޔާޒުގެ ވާހަކަ އަނބުރާލި އެވެ.
އޭނާ ބުނި ގޮތުގައި އަބަދުވެސް ސިކުނޑީގައި އޮންނަނީ ބަންގި ގޮވާ ގަޑި އެވެ. ނަމާދަށް ދާން ޖެހޭ ޖެހުމެވެ. ދުނިޔެވީ ކޮންމެ ކަމެއްގައި ބިޒީވެގެން އުޅުނަސް ވަގުތުގެ ކުރިން މިސްކިތަށް މިސްރާބު ޖެހެ އެވެ. އޭގެ ތެރެއަށް ވަދެވިފައި ހުންނަލެއް ފުންކަމުގެ މިސާލަކީ، ރިޔާޒު ބުނިގޮތުގައި، "ބަންގީގެ އަޑު އިވުނަސް ސިއްސައިގެން ދިއުމެ"ވެ. މާނައަކީ ނަމާދު ވަގުތު ނޫން ނަމަވެސް ކޮންމެވެސް ތަނަކުން، މީހެއްގެ ފޯނުން، ޓީވީން ނުވަތަ ރޭޑިއޯއިން ވިޔަސް، ބަންގީގެ އަޑު އިވިއްޖެ ނަމަ 'އަނެއްކާ ތިމަންނާއަށް ވަގުތު އޮޅުނީހޭ' ހީވުމެވެ. އެހެންކަމުން ބަންގީގެ އަޑާ އެކު ލިބެނީ ސިހުމެކެވެ.
"އަޅުގަނޑުމެންގެ ސިކުނޑީގައި [އޮންނަން] ޖެހޭ އެއްޗެއް ނަމާދުގެ ވަގުތަކީ. ހަގީގަތުގައި ވަރަށް ބޮޑު ޒިންމާއެއް އިމާމްވެ ނަމާދުކުރުމަކީ،" ރިޔާޒު ބުންޏެވެ.
ރީތިކޮށް ޤުރުއާން ކިޔަވާ ނަމަ ޖަމާއަތް ބޮޑުވާނެ
ރީތިކޮށް ޤުރުއާން ކިޔަވާ އިމާމުން ތިބޭ މިސްކިތްތަކަށް ދާން އާންމުންގެ ގިނަ ބަޔަކު ބޭނުންވެ އެވެ. ވަކި އިމާމުންގެ ކިޔެވުން ތިމާއަށް ރީތި ވެއްޖެ ނަމަ އެ އިމާމުންގެ ފަހަތުން ވެސް އުޅެވެ އެވެ.
ރިޔާޒު ބުނީ ރީތިކޮށް ޤުއުރާން ކިޔެވުމަކީ ޖަމާއަތް ބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ރީތިކޮށް ޤުރުއާން ކިޔަވަން އިމާމުން ދަސްކުރުން ވަރަށް މުހިންމުކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ޖަމާއަތް ބޮޑުވެގެންދާނެ އެއް ސަބަބު އެއީ މިސްކިތުގައި ހުންނަ އިމާމަކު ރީއްޗަށް ޤުރުއާން ކިޔެވުން،" ރިޔާޒު ބުންޏެވެ.
އިމާމުކަމަކީ ޒުވާނުންނަށް ވަރަށް މުހިންމު ދާއިރާއެއްކަން ވެސް އޭނާއަށް ޔަގީންކުރެވެ އެވެ. އޭނާގެ ތަޖުރިބާއިން ޒުވާނުންނަށް ދޭން ހުރި ނަސޭހަތްތައް ވެސް މަދެއް ނޫނެވެ. އެގޮތުން ބުނީ "މިއީ ދެ ދުނިޔޭގެ ބާއްޖަވެރިކަމާ ގުޅިފައި އޮތް މަސައްކަތެއް" ކަމަށެވެ.
"މި ކަމުގައި ގިނަ ޒުވާނުން ކުރިއަށް ދާން އިލްތިމާސްކުރަން، ނަސޭހަތްތެރިވަން،" ރިޔާޒު ބުންޏެވެ.
"ހަމައެހެން އަޅުގަނޑަށް ވެވުނު އެހީތެރިކަމެއް ވެދޭނަން."
ކޮމެންޓް (2)
އެހެން އިމާމެއް
އީސާ މުހައްމަދު