މި ރަށުން

މި ރަށުން: ހަރީރާއާ އެކު ޅެމުގެ ގުލްޝަނަކަށް

ދުވާފަރުގެ ހަރީރާ އަބްދުއްރަހުމާން ކިޔައިދޭ ޅެމާއި މަދަހަތަކުގައި ވަނީ ދިރިއުޅުމާ ގުޅިފައި ހުރި އިބުރަތުގެ އެތައް ވާހަކައެއް

ރ. ދުވާފަރުން – ކުލަ ކުލައިގައި ހެދިފައިވާ ބޯގަންވިލާ ގަސްތަކެވެ. ފަރިވެ ފޮޅިފައި ވަނީ ސައިމަލާއި ފިނިފެންމަލެވެ. އެ ބަގީޗާގައި އެލުވާފައި ހުރި އުނދޯންޏެއްގައި ހެއްލައިލަ ހެއްލައިލާ އެ އިނީ މި ރަށު، މެދުކެޔޮގަސްދޮށުގެ، ހަރީރާ އަބްދުއްރަހުމާން އެވެ. ފޮތް ހުޅުވާލައިގެން އިނދެ އުނދޯލި ހެއްލަމުން އޭނާ ކިޔައިދެމުން އެދަނީ ހަޔާތުން ނަގައިދޭ އެތައް އިބުރަތެއްގެ ވާހަކަ އެވެ.

"ލިބޭ ކޮންމެ އުފަލެއް ދަނީ ވެސް މިހެން، ލިބޭ ލިބުމަކާ އެކުއެކީ ގެއްލިގެން.

ތިބޭކަށް ނުވާނޭ މިތާ ހެއްލިގެން، މާ ލިބޭ ގުލްޝަނޭ ދުރުދުރުން ފެންނަނީ.

އަގުތަންކޮޅެއް އަރާކަށް ނެތޭ، މަގުން އެއްކިބާ ވެސް ވެވޭކަށް ނެތޭ.

މަގުން ކަން ހިނގާ ދޭހަވާ މީ ގޮތޭ، ދާމަގުންނޭ ދުނިޔެ މިހިރަ ހިނގަމުން ދަނީ.

ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ، މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ."

ހަރީރާ ކިޔަމުން ދިޔަ ބައިތުތައް ހިތް ފޫއަޅުވާލާފައި ވަދެ އެންމެ ފުނަށް އަސަރުކުރި އެވެ. އޭނާ އަހަރެން އެ ގެންދިޔައީ އެތައް ޒަމާނެއް ފަހަތަށެވެ.

ހަރީރާ ބުނަނީ މިހާރުގެ ކުދިންގެ ޝައުގުވެރިކަން އެފަދަ ކަންކަމަށް ނެތް ކަމަށް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޒަމާންތަކެއް ވަންދެން ފޮރުވައިގެން ގެންގުޅޭ ޅެން ފޮތްތައް ނެރެ، ރާގަށް ޅެމެއް ކިޔާލުމަކީ އޭނާގެ އެކަނިވެރިކަން ފިލުވާލަން ކޮންމެ ދުވަހަކު ކޮށްލާ ކަމެކެވެ. އެއީ ހަރީރާގެ ހިތަށް ލިބޭ ތަސައްލީއެކެވެ. ފިނިކަމެކެވެ. އޭނާގެ އެކަނިވެރިކަން ފިލުވާލަައިދެ އެވެ. 

"ދަރިން ވެސް ބޮޑުވެގެން އެކި ދިމަދިމާލުގައި އުޅެނީ. އެކަނިވެރިކަން ފޫހިކަން މި އޮންނަނީ. އެހެންވީމާ އެއްޗިހި ވަރަށް ގިނައިން ކިޔަން. ވާހަކަ، ޅެން މިކަހަލަ އެއްޗިހި. ފޮތް ކިޔުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް،" ހަރީރާ ބުންޏެވެ.

ޅެމާއި މަދަހަ ކިޔުމުގެ އާދަ އޭނާގެ ކިބާގައި ހިފީ ސްކޫލް ދުވަސްވަރު އެވެ. މުބާރާތްތަކުން ވަނަ ވެސް ހޯދި އެވެ. މި އުމުރުގައި ވެސް އޭނާގެ އެ ހުނަރު ދޫކޮށްލާކަށް ބޭނުމެއް ނުވެ އެވެ. މިހާރު އޭނާ އެކަން އެ ކުރަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. މީހަކާ ވާދައަކަށް ނޫނެވެ. 

"ކުރިމަތިލައިފިއްޔާ ވަނައެއް ނުހޯދާ ނާންނާނެ، ތަމްސީލްގައި ވެސް ވަނަ ގެނެސްފައި މި ހުރީ،" ޒުވާން އިރުގެ ހަނދާންތަކާ އެކު ހަރީރާ ބުންޏެވެ.

ހަރީރާ ޅެން ފޮތެއް ބަލައިގެން ޅެމެއް ކިޔާލަނީ: މިއީ އޭނާގެ ހަޔާތުގެ އެކަނިވެރިކަން ފިލުވައިދޭ ކަމެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޅެމާއި މަދަހަ ކިޔުން ފަދަ ކަންކަމުން، އޭނާއަށް، އެކުވެރިކަން އާލާކޮށްދެ އެވެ. އެކަމަކު، ހަރީރާގެ މިހާރުގެ ހިތާމައަކީ ޒުވާނުން އެފަދަ ކަންކަމާ ދުރުވުމެވެ. އެހެންވެ، އެކުވެރިކަން މުޖުތަމައުގައި ގެއްލެނީ ކަމަށް އޭނާ ގަބޫލުކުރެ އެވެ. 

"ކުދިންގެ ނެތް އެކަހަލަ ކަމެއް. ތަރައްގީގެ ގޮތްގަނޑުގައި ކުދިން ޖެހިގެން މިކަހަލަ ކަމެއް މިހާރު ނުކުރޭ،" ހަރީރާ ބުންޏެވެ.

ޅެމާއި ފަރިއްސާއި މަދަހަ ކިޔުމަކީ ހަރީރާގެ ހުނަރެއް ނަމަވެސް، އޭނާގެ ހަޔާތުގައި ބުރަ މަސައްކަތް ވެސް ކުރި އެވެ. މަސް ކައްކައި ހިއްކައިގެން އާމްދަނީ ހޯދި އެވެ. އެކަމަކު މިހާރު ގައިބާރު ދެރަވެ އެވަރުގެ މަސައްކަތެއް ކުރާނޭ ހިތްވަރު މިހާރު ނެތީ އެވެ.

ނަމަވެސް ހަރީރާ ހުރީ އޭނާގެ ޅެން ކިޔުމުގެ ހުނަރު ދޫކޮށްލާ ގޮތަކަށެއް ނޫނެވެ. ބައެއް ފަހަރު ސްކޫލްތަކުގެ ކުދިންނަށް ވެސް އެ ހުނަރު ދަސްކޮށްދޭން އޭނާ މަސައްކަތްކުރެ އެވެ.

ހަރީރާއާ އެކު 'ދައުރު'ގެ ޓީމުން ހޭދަކުރި ގަޑިއެއްހާއިރުގެ ތެރޭގައި އޭނާ ވަނީ އިބުރަތްތަކުން ފުރިގެންވާ އެތައް ޅެމަކާއި މަދަހައެއް ކިޔައިދީފަ އެވެ. އޭނާގެ އަޑާއި ރާގުން އެ ޅެންތައް ކިޔާލުމުން ހިތުގެ އެންމެ ފުންމިނަށް ވަދެގެންދެ އެވެ.

ވީޑިއޯއިން ހަރީރާގެ މި ހުނަރު ބަލައިލާށެވެ. މިއީ އަޑުއަހާލަން ފަސޭހަ އަގުހުރި ނަސޭހަތްތަކެކެވެ.

ކޮމެންޓް (1)

ޙައްޕު

13 މާރިޗު 2025
ޅެންފަރިހި ވަޒީރާއި އެބޭޅާއަށް ބައްދަލުވޭނެ ގޮތެއްހަދާދީބަލަ. އިސްރަށްވެހިންގެ ނާދީން މިފަދަ ހުނަރުވެރިންނަށް އޮންލައިންކޮށްވެސް ފުރުޞަތު އޮންނާނެކަމަށް ބެލެވެނީ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް