ރޯދަ 2025

މި ގައުމަށް ބޭނުންވަނީ މި ކަހަލަ ޒުވާނުން

އުމުރުން 21 އަހަރުގެ މަލީހު މުހައްމަދަކީ އޭ ލެވެލްގެ ގަދަ 10 ގައި ވެސް ހިމެނުނު ދަރިވަރެއް. އޭނާއަށް ފެނުނީ އަމިއްލަ މަސައްކަތެއް ފަށައިގެން ޒުވާން އިރު ނެގެން އޮތް ރިސްކެއް ނެގުން ރަނގަޅުކަމަށް
3 މާރިޗު 2025
17

ޒުވާނާ ހުރީ ދެ އަތަށް އަންގި ލައްވައިގެންނެވެ. އެއް އަތުގައި ވަނީ އެކި ވައްތަރުގެ ފުޅިތަކެއް ހުރި ދަބަހެކެވެ. އަނެއް އަތުގައި ފެން ޖަހަން ބޭނުންކުރާ ސާމާނެވެ. ބުރަ މަސައްކަތެއް ނިންމާފައި އައިކަން ޔަގީނެވެ. މީހާ ދާހިއްލާ ފޯވެފަ އެވެ.

އެގޮތަށް ހުއްޓާ ލިފްޓުން ދެ ތިން ދުވަހު ދިމާވުމާ އެކު އަހާލީމެވެ. ތިޔަ އަންނަނީ ކޮން ކަމެއް ކޮށްފައި ހެއްޔެވެ؟ އޭނާ ބުނެލީ ކާރެއް ސާފުކޮށްފައި ކަމަށެވެ.

އަޅުގަނޑު އުޅޭ އިމާރާތުގެ ގޮތުން އެ އުމުރުގެ ޒުވާނަކު ނިސްބަތްވާނީ ފުދުންތެރި އާއިލާއަކަށް ކަން ޔަގީނެވެ. އެހެންކަމުން އެކަހަލަ ޒުވާނަކު ވެހިކަލް ސާފުކުރުން ކަހަލަ މަސައްކަތެއްގައި އުޅޭތީ ކުޑަކޮށް ހައިރާން ވެސް ވި އެވެ. އެކަމަކު ހިތަށްއެރީ ގޭގައި ނިދަން ނޯވެ، ކަމެއް ނުކޮށް އުމުރުގެ ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި، މިއީ ވެސް ރަނގަޅު ފެށުމެއްތާ އެވެ.

މަލީހު ބުނާ ގޮތުގައި ގަރާޖަކުން ސާފުކޮށްދޭ ގޮތާ އޭނާގެ މަސައްކަތް ތަފާތު ވާނެ (ފޮޓޯ/ދައުރު)

މަލީހު މުހައްމަދުގެ ތައާރަފެއް ހޯދީ އޭގެ ފަހުންނެވެ. އޭނާއަކީ ތިން ބެއިން ހިމެނޭ އާއިލާއެއްގެ ދެވަނަ މެމްބަރެވެ. ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން އޯ ލެވެލް ނިންމައި، އޭ ލެވެލް ހެދީ ސީއެޗުއެސްއީގަ އެވެ. އޭ ލެވެލްގެ ގަދަ 10ގައި ވެސް ހިމެނުނެވެ. ރަނގަޅު ބައްޓަމެއްގައި ހަށިގަނޑު ބަހައްޓަން ގަވާއިދުން ޖިމްއަށް ދެ އެވެ. އެއްވެސް ނަމާދެއް ވައްޓައެއް ނުލަ އެވެ. މިސްކިތަކީ އޭނާގެ ކޮންމެ ދުވަހެއް ވެސް މަންޒިލެވެ.

އުމުރުން 21 އަހަރުގެ މި ޒުވާނާގެ ކިބައިން ފެންނަނީ އަޅުގަނޑުމެން މި ބޭނުންވާ ޒުވާނެއްގެ ސިފަތަކެވެ. ހާއްސަކޮށް މަސައްކަތާ ދުރުވަމުން ދާ ޒުވާން ޖީލެއް އުފެދިފައި އޮތް ރާއްޖޭގައި މިކަހަލަ ހީވާގި ޒުވާނުން ފެންނަ ނަމަ، ހަރު މީހުންގެ ހިތަށް ހިތްހަމަޖެހުން ލިބޭނެ އެވެ.

ފުރަތަމަ ބޭނުންވީ ޕައިލެޓަކަށް ވާން

ސްކޫލް ނިމުނު އިރު ކުރިއަށް ދާނެ ރޮނގެއް ހިތުގައި އޮތެވެ: ޕައިލެޓަކަށް ވުމެވެ. އެ ނިޔަތުގައި ޓީއެމްއޭގެ ކެބިން ކުރޫއެއްގެ ވަޒީފާއަށް ވެސް ވަނެވެ. ނުވަ މަހެއްހާ ދުވަހު އެކަމުގައި އުޅުނެވެ. ނަމަވެސް އެ ތަޖުރިބާއިން އޭނާއަށް ނިންމުނީ ޕައިލެޓްކަމަކީ އޭނާއަށް އެންމެ ރަނގަޅު ދާއިރާއަށް ނުވެދާނެ ކަމެވެ. 

"އެ މާހައުލުގައި އުޅުމުން، އެ ތަޖުރިބާކުރެވުމުން އެނގުނީ އަޅުގަނޑަށް އެހާ ކަމުދާ ކަމެއް ނޫންކަން،" މަލީހު ބުންޏެވެ.

އެއް ކަމަކީ އޭނާ ބޭނުންވާ މިނިވަންކަން ނުލިބުމެވެ. މިސާލަކަށް ވަގުތަށް ނަމާދަށް ދިއުމާއި އާއިލާއާ އެއްކޮށް ގިނަ ވަގުތު އުޅުމުގެ ފުރުސަތެވެ. އެހެންކަމުން ޓީއެމްއޭއިން ކެނޑުނެވެ. އެ މުއްދަތުގައި ލިބުނު އާމްދަނީ ބޭނުންކޮށްގެން ދެން ކުރެވިދާނެ އަމިއްލަ މަސައްކަތަކީ ކޮބައިތޯ ވިސްނި އެވެ. އޭނާއަށް ފެނުނީ ޒަމާނީ ސާމާނު ބޭރުން ގެނެސް ވެހިކަލް ސާފުކުރުން ނުވަތަ އޮޓޯ ޑީޓެއިލިން ރަނގަޅުވެދާނެ ކަމެވެ.

ކާރުގެ ފުރޮޅު ރީތިކުރަން ހާއްސަ ބާވަތެއް ބޭނުންކުރަނީ (ފޮޓޯ/ދައުރު)

އެކަން ފެށުމުގެ ކުރިން ފުރަތަމަ ދަސްކުރީ އެކަމަށް ބޭނުންވާ ކެމިކަލްތަކެވެ. މާލެއަކީ ހިރަފުސް ބޯ ތަނެއް ކަމުން އެފަދަ މާހައުލެއްގައި ވެހިކަލްތަކަށް ދެވިދާނެ ހިމާޔަތެވެ.

"ފުރަތަމަ ފެމިލީގެ ކާރުތަކާ އެއްޗެހި ފޮހެ ޓެސްޓްކުރީ. [ކެމިކަލްތައް] އެޕްލައިކުރަން ދަސްކުރީ. އޭގެ އިފެކްޓްތައް ބެލީ،" އެ މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން މަލީހު ބުންޏެވެ.

މިހާރު އޭނާ ހުރީ އެކަން ވަރަށް ރަނގަޅަށް ދަސްކޮށްގެންނެވެ. ތިމާވެއްޓަށް ގެއްލުމެއް ނުލިބޭ އަދި ވެހިކަލްތަކުގައި ކޫރު އެޅުން ފަދަ ކަންކަމުން ވެސް ދުރުކޮށްދޭ ކެމިކަލް އާއި ފޮހެން ބޭނުންކުރާ ސާމާނާ އެކު އޭނާގެ މަސައްކަތް އެ އަންނަނީ ކުރިއަށް ޖައްސަމުންނެވެ. މިހާރު ބައެއް މީހުން ގަވާއިދުން އޭނާ އަތަށް ކާރާއި ސައިކަލް ސާފުކުރަން ދެ އެވެ. ސޯޝަލް މީޑިއާގައި 'އެލީޓް ޑީޓެއިލާސް'ގެ ނަމުގައި ޕޭޖެއް ހިންގަ އެވެ.

ރިޒުގަކީ އެކަމާ އުޅެފިއްޔާ ލިބޭނެ އެއްޗެއް

މަލީހު ބޭނުން ނަމަ މަތީ ތައުލީމުގެ ލޯނު ލިބެން އެބަ އޮތެވެ. ނަމަވެސް ލޯނެއް ބޮލުއަޅައިގެން ކިޔެވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެހެންކަމުން މި ވަގުތު ވެސް އޭނާ ބޭނުންވަނީ އަމިއްލައަށް އާމްދަނީ ހޯދާށެވެ.

"އަޅުގަނޑުމެންނަށް ދަސްވެފައި އޮންނަނީ ވަޒީފާއަކުންނޭ އާމްދަނީ ލިބޭނީ. އެއީ އަސްލު ތެދެއް ނޫން،" މަލީހު ބުންޏެވެ.

"ގައުމެއް ކުރިއަރާ ދާން ބޭނުންވޭ އެބަ ކޮންމެވެސް ބަޔަކު ވަޒީފާތައް އުފައްދަން ވެސް."

އަމިއްލަ ކަމެއް ކުރުމަކީ ވަޒީފާއެއް އުފެއްދުމެވެ. ދީން ހުއްދަކުރާ ކޮންމެ މަސައްކަތެއް ވެސް ފުދެ އެވެ. ރިޒުގަކީ، މަލީހު ބުނި ގޮތުގައި، 'ވަރަށް ފުޅާ އެއްޗެކެ'ވެ. އެ ހޯދަން މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ލިބޭނެ އެވެ.

ވެހިކަލް ސާފުކުރަން މަލީހު ގެންގުޅެނީ އަމިއްލައަށް ބޭރުން އެތެރެކުރާ ހާއްސަ ކެމިކަލް އާއި ފޮތި (ފޮޓޯ/ދައުރު)

ދީނީ ކަންކަމަށް ލޯބި ހުންނަ ޒުވާނެއް ކަމުން އޭނާ މިސާލު ނެގީ ކީރިތި ރަސޫލާގެ ހަދީސްއަކުންނެވެ. މާތްﷲއަށް އިތުބާރުކޮށް މަސައްކަތްކުރާ މީހަކަށް ދޫނި ފަދަ ދިރުންތަކަށް ރިޒުގު ދެއްވާ ފަދައިން ރިޒުގު ލިބޭނެ ކަމެވެ.

"ދޫންޏަށް ވިސްނާލަމާ. އެއީ އެ ސޮރުގެ ހާލީގައި އަބަދު އޮންނަ އެއްޗެއް ނޫން. އެ ސޮރު މި ނުކުންނަނީ ދުވާލު ވަގުތުގައި ކާއެއްޗެހި ހޯދުމަށް. ނުކުމެފައި މި އަންނަނީ ރޭގަނޑު ރިޒުގު ފެނިގެން، ކާއެއްޗެހި ކައިގެން، ބަނޑު ފުރިގެން،" މަލީހު ބުންޏެވެ.

"އެކަމަށް ވިސްނާލާއިރު އެބަ އެނގޭ މަސައްކަތްކުރަން ޖެހޭކަން."

އެލީޓް ޑީޓެއިލާސްގެ ޕޭޖްތަކުން އޭނާގެ މަސައްކަތަށް އަންނަނީ ތަރުހީބު ލިބެމުންނެވެ. އާ ކަސްޓަމަރުންނާ ބައްދަލުވެ އެވެ. މައުލޫމާތު ހޯދަން ގުޅަ އެވެ. އެހެންކަމުން މަލީހަށް ފެންނަނީ އޭނާގެ މި ފެށުން ކާމިޔާބުވަމުން އަންނަ ތަނެވެ.

ޒުވާނުންނަށް ދޭން އޮތް މެސެޖަކީ، އޭނާ ބުނި ގޮތުގައި، ޒުވާން އިރު ރިސްކް ނަގާށޭވެ. އުމުރުން ދުވަސްވާއިރު އަޅާ ފިޔަވަޅެއްގައި ނާކާމިޔާބު ވެއްޖެ ނަމަ އޭގެ އަސަރުކުރާނެ މީހުން ގިނަވާނެ އެވެ. އެއީ ތެދެކެވެ. އޭރުން ދަރިން ވެސް ތިބޭނެ އެވެ. ބަލަން ޖެހޭ އެހެން މީހުން ވެސް އުޅޭނެ އެވެ.

"މަސައްކަތާ އެއްކޮށް ކާމިޔާބު އަންނާނީ. ކާމިޔާބީ އާއި ނާކާމިޔާބު އެއީ ދައުރުވާ އެއްޗެހި. ނާކާމިޔާބީއަކީ ވަރަށް ގިނަ އެއްޗެހި ދަސްކޮށްދޭ ކަމެއް،" މަލީހު ބުންޏެވެ.

"އެއްވެސް ވަރަކަށް ބިރުގަނެގެން ނުވާނެ. ވޯކް ހާޑް. ދެން އޮތީ اللهއަށް އިތުބާރުކުރުން."

ކުރީ ދުވަހަކު ފެނުނު ފޭސްބުކް ޕޯސްޓެކެވެ. އޭގައި ބުނާ ވާހަކަ އެއްގޮތަކުން މަޖާވެދާނެ އެވެ. އަނެއް ގޮތަކުން އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ވާހަކަ އެވެ. އެ ޕޯސްޓްގައި  ބުނަނީ "މި އާ ޖީލު މަސައްކަތްކުރާކަށް ބޭނުމެއް ނުވެ އެވެ. ވަޒީފާގެ ނަމަކީ ނިދުމެވެ. އެކަމަކު އެ ވަޒީފާ ދިނަސް ހޭލާފައި ކެނޑޭނެ އެވެ،" މިހެންނެވެ. 

ދިވެހިންގެ ތެރޭގައި ވެސް ވަޒީފާގައި ނޫޅެވޭ ޒުވާނުން ދަނީ ގިނަވަމުންނެވެ. އެކަހަލަ ޒަމާނެއްގައި މަލީހު ކަހަލަ ޒުވާނަކު ފެނުމުން އޭނާ ވާނީ ހަގީގަތުގައި ވެސް ނަމޫނާއަކަށެވެ. ގައުމު ބޭނުންވާ ޒުވާނުންނަކީ މިއީ އެވެ.

ކޮމެންޓް (17)

ހުސެން

10 މާރިޗު 2025
މާތް ﷲ ގެ ރަޙްމަތް ފުޅުން މަިލީހުއަށް ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން
5 0

ޖާލު

5 މާރިޗު 2025
އަމިއްލަ މަސަކަތުން ކުރާ ކޮންމެ ކަމަކީވެސް ސަޅި ކަމެއް. މަލީހުއަށް ކުރިއެރުމާެއި ކާމިޔާބީ އެދެން.
12 0

ޕޮޕީ

5 މާރިޗު 2025
މާޝާﷲ މަލީހުގެތިހިއްވަރަތް ހަމައަސަރިބަހާއިސާބަސް ތިކަހަލުގެ ދީނަށް ލޯބިކުރާމަސަށްކައްތެރިޒުވާނުންމިގައުމަށްބޭނުންވަނީ އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ކުރާމަސަށްކަތުގައި ބަރަކާއްލައްވާށި
15 0

ެައެދުރުދައިތަ

4 މާރިޗު 2025
މާޝާﷲ! ﷲ އަށް ޝުކުރުކުރަން. މަލީހުގެ ފިކުރާއި ރީތި އަޚުލާޤާއި މަސައްކަތްތެރިކަން ފެނި ވަރަށް އުފާވެއްޖެ. މަސައްކަތެއް ނުކޮށް ސްކްރީނުތަކުން ސަލާމަތް ނުވެވި އޭގެ އަވައިގައި ޖެހި ބަނދެވިފައި ތިބި ޒުވާން ޖީލެއްގެ ތެރެއިން ފެނުނު މުތެއް.މަލީހަށް ހުރިހާ ރޮނގަކުން ވެސް ކާމިޔާބު މިންވަރު ކުރައްވާށި.
37 0

ޖުހާ

4 މާރިޗު 2025
ހަޤީޤިތުގައިވެސް މަލީހުގެ ވާހަކަ އެއީތެދެށް މިހަޤީޤަތް ޤަބޫލުކުރަންޖެހޭ މިހާރުގެ ކުދިން
32 1

ހެޔޮ އެދޭ ފަރާތެއް

3 މާރިޗު 2025
ބޭރުމީހުން ގިނަ މި ދާއިރާއިން، ކޮލިޓީ މަސައްކަތް ކުރާ ދިވެހިން ނުފެންނަނީ ކީއްވެތޯ އަބަދުވެސް ހިތައްއަރާ. މަލީހަށް ކާމިޔާބަށް އެދެން. ތިފަދަ ޒުވާނުންނަކީ އެންމެންނަށް ވެސް ރީތި މިސާލެއް.
31 0

ހުސެން އައްބާސް

3 މާރިޗު 2025
ޔޫކޭ ހިސާބު ޒުވާނުން ވަރައް ކުރާ މަސައްކަތެއް މި ނޭބާހުޱްގަ. އެކަމު ކޮއްކޯ ބޭބެ ބުނެލަން އޮތީ ރަނގަޅު ސޭފްޓީ ގިއަރ އެއްގަ މަސައްކަތް ކުރާށޭ.ސޭފްޓީ ބައެއް އަންގި ކެމިކަލް ގެންގުޅޭ އިރު މާސްކު.ކުޑަ ލަކް
25 0

ގާރލް7

3 މާރިޗު 2025
ސާބަހޭ ކޮއްކޯ، ތިޔަ ރިވެތި އަހުލާގައި މުރާލިކަންމަތީ ދެމިހުރުމަށް ހިތްވަރުދެން. ތަރިންނަކީ ތިއީ... ދުވާލު ދެ ދަޅައަށް ޓިކްޓޮކާއި ދެންވެސް އޮއްހާ މީސްމިޑިއާ މަންސަތަކުގަ އައުގުރާނަ ގޮވާ ހުތުރުވައްތަރު ޖައްސާ މީހުންނަށް ކިޔަންވީ "ހއޕނޑ"
62 0

ޙފފދ

3 މާރިޗު 2025
ޒުވާނާގެ ތަރުބިއްޔަތަށް ސެލިއުޓް! މާޝާﷲ
70 1

އަލީކޮ

3 މާރިޗު 2025
މާޝާﷲ...ވަރަށް ހިއްވަރު ގަދަ ޒުވާނެއް، ދީނާއި ގައުމެއް ކުރިއަރާ ދިއުމަށް ބޭނުން ވަނީ ތިޔަފަދަ ޒުވާނުން
63 0

ޢާލިމް

3 މާރިޗު 2025
ވަރަށް އުފާ ވެއްޖެ. މާތް ﷲމަލީޙް ގެ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވައި ދީނުގައި ސާބިތުވެ ހުރުުމުގެ ތައުފީޤް ދެއްވާށި!
58 0

އިހުސާން

3 މާރިޗު 2025
ދައުރުގެ މި ސެގްމަންޓް ވަރަށް ކަމުދޭ.
63 1

ޢުފާ

3 މާރިޗު 2025
މި ކަހަލަ ހަބަރު ފެނުނީމަ ވަރަށް ހިތްހަމަޖެހޭ. ޝުކުރިއްޔާ ލިޔުންތެރިޔާ. ދުއާ އަކީ ހުރިހާ ޒުވާން ކުދިންވެސް އަދި ބޮޑެތި މީހުންވެސް މިހެން އުޅުން.
76 0

ނަސްމކ

3 މާރިޗު 2025
ދައުރުގެ އެޑިޓޯރިއަލަށް ހަމަ ސާބަސް. ވަރަށް ރަނގަޅު ލިޔުމެއް. ސިޔާސީ ވާހަކަ އެއް ނެތް.
62 0

ބެއްޔާގެ ދަރި

3 މާރިޗު 2025
ވަރަށް ރަނގަޅު ނަމޫނާ ޒުވާނެއް. އެކަމަކު ކަންބޮޑުވުމެއް ހިއްސާކޮށްލާނަން. މަގުމަތީގައި މި ގޮތަށް ކެމިކަލް އެއްޗެހި ބޭނުންކޮށްގެން މި މަސައްކަތްކުރުމަކީ ހުއްދަ ކަމެއްބާއޭ ހިތަށް އަރަނީ. ބިދޭސީ މިކަން ކުރާތީ ވެސް ވަރަށް ފާޑުކިޔުން އަމާޒުވޭ
18 18

މަޝާ

3 މާރިޗު 2025
@ބެއްޔާގެ ދަރި ހުއްދަ އޮންނަ މީހުން މިކަންކަން ކުރަނީ ރަނގަޅަށް ބާވައޭ ހިތައް އަރާ. ފެންވަރު ބަލާނެ ފަރާތެއް ނެތިއްޔަ ހުއްދައަކީ ހަމަ ނަމެއްގައި އޮންނަ އެއްޗެެއް.
21 1

ޛެނިން

3 މާރިޗު 2025
މާޝާ ﷲ ، މަސައްކަތުގަ ބަރަކާތް ލައްވާށި އަދި ހެޔޮ ސިއްހަތެއް މެދުވެރި ކުރައްވާށި ، އާމީން
64 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް