މޮވަނު: ފިލްމު އުފައްދަން ޝައުގުވެރިވީ ދައްތަ އަަށް ލިބުނު ކެމެރާއެއްގެ ސަބަބުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޮވަނު: ދިވެހި ފިލްމީ ދާއިރާގެ އުއްމީދީ އާ މޫނު

މިދިއަ އާދިއްތަ ދުވަހު ޝްވެކްގައި ދެއްކި އޭނާގެ ކުރު ފިލްމު "ފަޅު"އަށް ބެލުންތެރިންގެ ތައުރީފް ލިބުނު
9 ޑިސެމްބަރު 2021
3

މިދިއަ އާދިއްތަދުވަހު ޝްވެކް ސިނަމާގައި ދިވެހި ކުރު ފިލްމު "ފަޅު"ގެ ފުރަތަމަ ދައްކާލުން، ހާއްސަ ވަކި ބަޔަކަށް އޮތެވެ. މިއީ ފިލްމީ އުފެއްދުންތަކަށް މުޅިން އަލަށް ނުކުންނަ ޒުވާނެއް ކަމަށްވާ މޮވަނު ޝަފީގުގެ ފުރަތަމަ ފިލްމެވެ. އޭނާ ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ފުރަތަމަ 'ފަޅު'އުފެއްދީ މަދޮޝިޕް ސްޓޫޑިއޯއާ ގުޅިގެންނެވެ. 

މީގެ ކުރިން މަދޮޝިޕްގެ މަސައްކަތްތަކެއް އަހަރެންގެ ލޮލުގައި ވަނީ އަޅައިގެންފަ އެވެ.  ސިނެމެޓޮގްރާފީއަށް ބަލާއިރު ވާހަކަ އަށް ހަގީގީ ކުލަވަރާއި ދިރުން ގެނެސްދޭން އެއީ ހަމަ އެއް ވަނަ އެވެ.

މޮވަނުގެ ކުރު ފިލްމު "ފަޅު"ގެ ޕޯސްޓަރެއް

ދ.ރިނބުދޫގައި ކުޅެފައިވާ 'ފަޅު' ބިނާވެފައިވަނީ އެރަށުގައި އުޅޭ ފުރާވަރު އުމުރަށް އަރަމުން އައި ދެ ކުދިން ކަމަށްވާ ޔޫސުފް އަދި ރާއީ، ހިޔާލެއް ފިކުރެއް ނެތި ރަށުތެރޭގައި އުޅޭ ލާނެއް ގޮތުގެ މައްޗަށެވެ. އެކަކުއަނެކަކާ އޮންނަ ގާތްކަމެވެ. އެ ފުރައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ރަހުމަތްތެރިކަމުގެ ސަބަބުން އެކަކުގެ ނުފޫޒުން އަނެކަކު ބައެއް ފަހަރަށް ކުރަން ބޭނުން ނޫން ކަންކަން ވެސް ކޮށްލަ އެވެ. އަދި މާލެއަށް ރާއި ބަދަލުވުމަކީ ރަހްމަތްތެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްކަން ވެސް އެމީހުންނަށް އިހްސާސް ކުރެވެ އެވެ. 

އެ އިހްސާސްތައް ފިލުމުގައި ދައްކައިދެނީ މީގެ ކުރިން ދުވަހަކު ވެސް އެކްޓްކޮށްފައި ނުވާ 12 އަހަރުގެ ޔޫސުފްގެ ކެރެކްޓާ ކުޅުނު ކަޔާން އަބްދުﷲ އަރީފް އާއި 13 އަހަރުގެ ރާއީގެ ކެރެކްޓާ ކުޅުނު މީކާ އަލީ ނާޝިދެވެ. 

'ފަޅު'ގެ މަންޒަރެއްގައި 12 އަހަރުގެ ޔޫސުފްގެ ކެރެކްޓާ ކުޅުނު ކަޔާން އަބްދުﷲ އަރީފް

ފިލްމު ބަލަން އިންދާ 25 މިނެޓު ދިޔަ ގޮތް ވެސް ނޭނގެ އެވެ. އިހްސާސްކުރެވުނީ އަޅެ ތަންކޮޅެއް ދިގުކޮށްލި ނަމަ އެވެ. ރާއީ އާއި ޔޫސުފްގެ ވާހަކަ ދެން ކުރިއަށް ދާ ގޮތް ބަލަން ބޭނުންވާ ކަހަލަ އެވެ. ލޮކޭޝަންގެ ގޮތުން ރިނބުދޫގެ ރަށްފުށު ދިރިއުޅުން ފެނިފައި އެއީ މި އަހަރު ނުވަތަ، 2021ގައި، ހެދި ފިލްމެއްކަން ގަބޫލުކުރަން ވެސް އުނދަގޫވި އެވެ.

ފިލްމު ބަލަން ދިޔަ އެންމެން ކަހަލަ ގޮތަށް މޮވަނުއަށް މަރުހަބާކިއެވެ. އޭގައި އަހަރެން ވެސް ބައިވެރިވީމެވެ. އިތުރަށް މޮވަނު އަކީ އަސްލު ކާކުކަމާއި ފިލްމު އުފައްދަން އޭނާ ޝައުގުވެރި ގޮތް އޮޅުންފިލުވަން ބޭނުންވި އެވެ.

ފިލްމީ ދާއިރާގައި ވިދުން ގަދަވާނެ ނަމެއް

 ޒުވާން ފިލްމު އުފެއްދުންތެރިޔާ މޮވަނު، 22، އޭނާގެ ފުރަތަމަ ކުރު ފިލްމު ނިންމާލެވުމާ އެކު ހުރީ ހިތްހަމަޖެހިފަ އެވެ.

'މޮވަނު' މިއީ ދިވެހިންގެ ތެރޭގައި ނުދަންނަ ނަމެކެވެ. އެކަމަކު ޒުވާނާ ހުރީ އެ ތަދު ނަމަކީ ކޮބައިކަން ވެސް ދަސްކޮށްގެންނެވެ. އޭނާ ބުނި ގޮތުގައި މޮވަނުގެމާނައަކީ 'ސުލްތާނުން އަރިހުގައި ލިޔާ މީހާ' އެވެ. 

މިހާރު އަހަރެމެންގެ ތެރޭގައި 'ސުލްތާނުންނެއް' ނޫޅެ އެވެ. އެކަމަކު ލިއުންތެރިކަމުގެ އެކި ދާއިރާއަށް ވަނީ އުފެދިފަ އެވެ. މޮވަނު މިވީ ފިލްމީ ވާހަކަ ލިއުންތެރިއަކަށެވެ.

 އޭނާ ބުނާ ގޮތުގައި ފިލްމު އުފައްދަން ޝައުގުވެރިވީ ދައްތައަށް ލިބުނު ކެމެރާއެއްގެ ސަބަބުންނެވެ. ކެމެރާ ވެރިކޮށްލީ މޮވަނު އެވެ.  ބޮޑުވަމުން އައި އިރު އަބަދުވެސް އުޅެނީ އެއިން ފޮޓޯ ނަގައި ގޭގައި ކުދިކުދި ވީޑިއޯ ހެދުމުގަ އެވެ.

މަޖީދިއްޔާ ސްކޫލުން އޯ ލެވެލް ނިންމާ އިނގިރޭސި ވިލާތަށް ދިޔައީ އޭލެވެލް ފުރިހަމަކުރުމަށެވެ. ސްކޫލް ދައުރުގައި ވެސް ލިއުންތެރިކަމަށް ޝައުގުވެރިވެ ކްރިއޭޓިވް ރައިޓިން ދަސްކޮށް އޭގެ ތަޖުރިބާ ހޯދި އެވެ. ޓީވީއެމް އިން އިންތިޒާމްކޮށްގެން 2014 ގައި ބޭއްވި ގައުމީ ކުރު ފިލްމު މުބާރާތުން އެއްވަނައަށް ދިޔައީ އޭނާ ހެދި "ލައިކް އޯ ޑައި" އެވެ.

މޮވަނު 'ދައުރު'އަށް އިންޓަވިއު ދެނީ: އިނގިރޭސި ވިލާތުން ވަނީ ފިލްމު އުފެއްދުމުގެ ދާއިރާއިން ޑިގްރީ ނަގާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިނގިރޭސި ވިލާތުގައި ފުރަތަމަ ޑިގްރީ ނެގީ ފިލްމު އުފެއްދުމުގެ ދާއިރާއިންނެވެ. އެ ޕްރޮގްރާމްގައި މޮވަނު ވަނީ ގްރެޖުއޭޝަނަށް ތައްޔާރުކުރި އެއްޗެއްގެ ގޮތުގައި "ދަ ލޭންޑިން ޕްލެޓްފޯމް" ނަމުގައި ފިލްމެއް ހަދައިފަ އެވެ. 'ފަޅު' މިއީ މިދިޔަ ޖުލައި މަހު ކޯސް ނިންމައި، ރާއްޖެ އައިސް އޭނާ އާންމުންނަށް ދައްކާލަން ތައްޔާރުކުރި ފުރަތަމަ ފިލްމެވެ. 

މޮވަނު ބުނާ ގޮތުން މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން މަންމަމެންނަށް ވިސްނައިދޭން މަސައްކަތްތަކެއް ކުރަން ޖެހެނެވެ.

"މަންމަމެން ބޭނުންވީ އަހަރެން ކޮމްޕިއުޓަ ސައިންސް ކިޔަވަން. އެކަމަކު ފިލްމަށް ހުރި ޝައުގާ އެކު ޑެސްކް ޖޮބެއްގައި އުޅެވޭނެ ހެނެއް ހިއެއް ނުވޭ. ދެން ޕާޓް ޓައިމްކޮށް މި މަސައްކަތް ކުރަންވާނީ އެކްސްޕެންސިވް ހޮބީއަކަށް. އެހެންނޫނީ ފިލްމް ނެހެދޭތީ [ހިތާމަކުރާ] ކަމެއްގެ ގޮތުގައި ވެފައި އޮންނާނީ،" މޮވަނު ބުންޏެވެ.

"މަންމަމެންނަށް މިހާރު އަހަރެންގެ މަސައްކަތް ފެނުމުން އުފާވޭ. ހަމައެކަނި ކަރުދާހުގައި ލިޔެފައެއް ނޫން. މިހާރު އަސްލު ފިލްމު މި ފެންނަނީ ބަލައިލަން." 

'ފަޅު' ގުޅިފައި އޮތީ އޭނާގެ ކުޑައިރުގެ ހަނދާންތަކަކާ އެވެ. ރިނބުދުއަކީ އޭނާގެ މާމަގެ ރަށެވެ. ސުކޫލް ޗުއްޓީތަކުގައި އެރަށުގައި ދުވަސްތައް ހޭދަކުރި އެވެ. ފަތަން ދަސްކުރީ އެ ރަށުގަ އެވެ. ބައިސްކަލް ދުއްވަން ދަސްކުރީ އެ ރަށުގަ އެވެ.

"އަހަރެން ބޭނުންވީ ޗައިލްޑްހޫޑް އެކްސްޕީރިއަންސެއް ކިޔައިދޭން. ފަޅު ބޭސްކޮށްފައި އޮތީ އެކަހަލަ އެކްސްޕީރިއަންސަކަށް. އާއްމުކޮށް ފިލުމުން ނުފެންނަ ކުޑައިރު 'ބަސްނާހާ' ކުދިން އުޅޭ ގޮތް ދައްކާލާން،" އޭނާ ބުނެލި އެވެ. ދެން ހިނިގަނޑަކާ އެކު ބުނީ "އަނެއްކާ މޮވަނު އެހެން އުޅުނީއެއް ނޫން" ކަމަށެވެ.

މޮވަނު ބުނާ ގޮތުގައި ފިލްމުގެ ކުރޫއަކީ މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ މީހުންނެވެ. މީގެ ކުރިން މަދޮޝިޕްއާ އެކު އޭނާ މަސައްކަތްކުރީ އިންގިރޭސި ވިލާތުން ޗުއްޓީއަށް މާލެ އައިސް ހުރި އިރެއްގަ އެވެ. 'ފަރީ' ލިއެ، ޑައިރެކްޓް ކުރި އަހުމަދު ސައީދު (އަންދު) އަކީ 'ފަޅު'ގެ ޕްރޮޑިއުސަރެވެ. އަދި ޑައިރެކްޓަ އޮފް ފޮޓޯގްރަފީ ޝާމިން ނިޒާމްއާ އެކު މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށް އޭނާ ބުންޏެވެ. އެކްޓަރުންނަށް ބަލާ ނަމަ ދެ ކުދިން ވެސް ރަނގަޅުކަން ފާހަގަކުރި އެވެ.

ޑައިރެކްޓަ އޮފް ފޮޓޯގްރަފީ ޝާމިން، ވަޅުތެރޭ މަންޒަރެއް ނަގަން މަސައްކަތް ކުރަނީ

"ބުނެލެވޭނެ މިއީ ގަދަ ކުރޫއެކޭ. ޝާމިންއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ގިނަ ކަންކަން ދަސްވި ކަމެއް. ކޮންމެ ދުވަހަކު ވެސް އާ ކަމެއް ދަސްވޭ. އެކްޓަރުންގެ ޕާފޯމަންސާ މެދު ހިތްހަމަޖެހޭ. އެކަމަކު އަދި އެކުދިން ވެސް އަލަށް ކުރި ކަމަކަށް ވުމުން ގިނަ ވަގުތުކޮޅެއް ހޭދަކޮށްލައި ކުޑަކޮށް ޓްރެއިން ކޮށްލެވުނު ނަމަ މާ ބޮޑަށް ފުރިހަމަވީސް،" މޮވަނު ބުންޏެވެ.

ފަޅުގައި ރާއީގެ ބައި ކުޅޭ 13 އަހަރުގެ މީކާ އަލީ ނާޝިދު

ފިލްމު ކްރޫގައި އަންހެނުންގެ ބައިވެރިވުން ބޮޑެވެ. ސައުންޑް ޓީމް، ޕްރޮޑަކްޝަން ޑިޒައިން، އާޓް ޑިރެކްޝަން، ކޮސްޓިއުމް ޑިޒައިންގައި މަސައްކަތް ކުރީ ހުސް އަންހެނުންނެވެ. ކޮސްޓިއުމް ޑިޒައިނަރަކީ އޭނާގެ ދައްތަ ހިޔަލަ ޝަފީގް އެވެ.

އަންނަ ފެބުރުއަރީގައި އޮންނަ ބާލިން ފިލްމު ފެސްޓިވަލްއަށް މި ފިލްމު ހުށައެޅުމުގެ މަސައްކަތް މޮވަނު އާއި އޭނާގެ ޓީމުން އަންނަނީ ކުރަމުންނެވެ. މޮވަނު ބުނާ ގޮތުގައި އާއްމުންނާ ހިސާބަށް ފިލްމު ދާނީ ސްޓްރީމިން ޕްލެޓްފޯމެއްގެ ތެރެއިންނެވެ. 

"ދެން ބޭނުންވަނީ މާލެއާ ގުޅޭ ފިލްމެެއް ހަދަން. އަހަރެންގެ ވަރަށް ބައިވަރު އެސްޕިރޭޝަންސް އެބަހުރި ތަފާތު އެކި ކަހަލަ ފިލްމު ހަދަން. މިވަގުތަށް މި މަސައްކަތް ކުރަނީ މަދޮޝިޕްއާ ގުޅިގެން ކުންފުނިތަކުގެ މާކެޓިންގައި،" އޭނާ ބުންޏެވެ.

ރިނބުދޫގައި 'ފަޅު'ގެ ޝޫޓިން ކުރިއަށް ގެންދަނީ
ފިލްމުގެ އޯޑިއޯ ޕްރޮޑަކްޝަންގައި މަސައްކަތްކުރީ އަންހެނުންގެ ޓީމެއް

މޮވަނު ބޮޑަށް ޝައުގުުވެރިވަނީ އިޖްތިމާއީ އެކި ކަންކަމާ ގުޅޭ ފިލްމު އުފެއްދުމަށެވެ. އަމިއްލައަށް ނުލިޔުނަސް ކަމުދާ ވާހަކައެއް ނަމަ ޑައިރެކްޓްކުރަން އޭނާ ހުރީ ތައްޔާރަށެވެ.

ބާލިން ފިލްމު ފެސްޓިވަލުގައި 'ފަޅު' ތަފާތު ފިލްމަކަށް ވެއްޖެ ނަމަ ކިތައްމެހާވެސް ރަނގަޅެވެ. މި ޒުވާނާ ވާނީ ދިވެހި ފިލްމީ ދާއިރާގެ އާ މޫނަށެވެ. އުއްމީދީ މޫނަކަށެވެ.

ކޮމެންޓް (3)

ދލޮސް

10 ޑިސެމްބަރު 2021
ދެން އެހާ އެއް ނޫން..... ސޮރީ.....
4 1

ޖނބރލ

9 ޑިސެމްބަރު 2021
ދިވެހީންގެ އިިހުގެ ދިރިއުުޅުމާއި ގުޅޭކަންކަމަކީ މިހާރުގެ މުޖުތަމައުގެ ސަމާލުކަން ލބނ ކމއ. ޢކމކ މކނކނ އބޖހ ދރސ ކށ ދސކރނ
1 0

ކޮމެންޓް

9 ޑިސެމްބަރު 2021
މޮވަނު ފަދަ ޕްރިވިލެޖްޑް ކުއްޖަކު މާލެ އެނބުރި އައިސް މަސައްކަތް ކުރާތީ އުފާވޭ. ބައްޕަ ސައްޕޭގެ އިނޮވޭޓިވް ޚިޔާލު ހުރިކަން ހަމަ ޔަޤީން. އޯލް ދަ ބެސްޓް މޮވަނު.
1 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް