ފުޓްބޯޅައިން ދުރުކުރުވީ އަނިޔާ، މެމްބަރަކަށް ވެވުނީ އާންމުންގެ ލޯބިން
މުހިންމު ނުކުތާތައް
ޒޯން މުބާރާތުގައި ރަށު ޓީމަށް ކުޅުއްވަނިކޮށް ކޮނޑާއި ފައިގެ ދެ ތަނަކުން ބިނދުނު
މަޖުބޫރުކޮށްގެން ސިފައިންގެއަށް ވައްދަން އުޅުމުން ދުވަސްގަނޑެއް ވައްދެން ފިއްލަވައިގެން އުޅުއްވި
ވައިކަރަދޫ ގޮނޑި ފުރަތަމަ ފަހަރު ކާމިޔާބުކުރެއްވީ ޕާޓީގެ ލީޑަޝިޕުން ވެސް އޭނާއާ ދެކޮޅަށް އުޅެނިކޮށް
އޭނާގެ ދުވުން ބާރެވެ. ސްކޫލްތަކުގެ އެތުލެޓިކްސް މުބާރާތުގެ 100 އާއި 200 އަދި ދިގު ފުންމުމުގައި އެމްއީއެސް ތަމްސީލުކުރި އެވެ. އޭނާގެ އޭރުގެ އުމުރުފުރާ ކަމަށްވާ 16 އަހަރުން ދަށުން ވަނަތައް ހޯދި އެވެ.
އޭނާގެ ބާރު ދުވުން ފެނިފައި އެމްއީއެސްގެ ފުޓްބޯޅަ ކޯޗަކު ބޭނުންވީ 16 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ވެސް ކުޅުވާށެވެ. ހުނަރު ހުއްޓެވެ. ގިނަ ދިފާއީ ކުޅުންތެރިންނަށް އޭނާ އަތެއް ނުވެ އެވެ.
އެހާ ހިސާބުން ހުސެއިން ޒިޔާދު، މަޝްހޫރު ނަމުން ނަމަ ފިއްޓޭ، ފެނުނީ މޮޅު ފޯވަޑެއްގެ ގޮތުގަ އެވެ.
ސްކޫލްތަކުގެ މުބާރާތާ ހަމައިން އޭނާގެ ކުރިއެރުން ނިންމައެއް ނުލަ އެވެ. އެދިޔަ ގޮތަށް ގޮސް ޒިޔާދު އެރީ އެންމެ ފުރަތަމަ އެކުލަވާލި 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. އޭގެ ފަހުން 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑަކީ ވެސް، ރާއްޖޭގެ މޮޅު ގިނަ ކުޅުންތެރިންނަށް ވުރެ އިސްކޮޅުން ތަންކޮޅު ކުރު، މި ކުޅުންތެރިޔާ އެވެ.
މި ދައްކަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގެ ވާހަކަ އެވެ. އޭރު ޒިޔާދުގެ ކުޅުން ފެނިފައި އޭނާއަކީ ކްލަބް ލެވެލްގައި ވެސް މޮޅު ފޯވަޑަކަށް ވެދާނެ ކުޅުންތެެރިއެއް ކަމަށް، ގިނަ ބަޔަކަށް ހީވި އެވެ. ނަމަވެސް ސްކޫލް ނިމުމާ އެކު ކުޅިވަރު ސަޕޯޓަރުންގެ ލޯ މަތިން، ހާއްސަކޮށް ގަލޮޅު ދަނޑުން، ގެއްލިއްޖެ އެވެ.
"ވަރަށް ބޮޑަށް ފުޓްބޯޅައިގެ ތެރޭގައި އުޅެވުނު. ކުޅޭ ހިތުން ހުއްޓާ ސިފައިންގެއަށް ވެއްދީމާ ވަރަށް ބޮޑު ބަދަލެއް ދިރިއުޅުމަށް ވެސް އައި،" ޒިޔާދުގެ ހަނދާންތައް މީގެ 25 އަހަރު ކުރިއަށް ދޫކޮށްލައްވަމުން ވިދާޅުވި އެވެ.
މަޖުބޫރުކޮށްގެން ސިފައިންގެއަށް ވައްދާއިރު ބަލާ އެންމެ މުހިންމު އެއް މިންގަނޑަކީ އިސްކޮޅެވެ. އެކަމަކު ޒިޔާދަކީ، އޭރުގެ ބަހުން ނަމަ، 'ގަދަކަމުން ސިފައިންގެއަށް ވައްދާ' ކަހަލަ އިސްކޮޅެއް ހުރި ޒުވާނެއް ނޫނެވެ. އޭނާއަށް އެ މަޖުބޫރީ ހާލަތު ކުރިމަތިވުމުގެ ސަބަބަކީ ފުޓްބޯޅައަށް މޮޅުވުމެވެ.
އޭރު އޭނާއާ އެކު ކުޅުނު ބައެއް ކުޅުންތެރިން ވެސް ސިފައިންގެއަށް ވެއްދުމުން އެ މީހުން ބޭނުންވީ، ޒިޔާދު ވިދާޅުވި ގޮތުގައި، އޭނާ ވެސް ހިމަނައިގެން ސިފައިންގެ ތެރޭގައި ކުޅިވަރުގެ ވާދަވެރިކަން ބޮޑުކުރާށެވެ.
ނަމަވެސް ސިފައިންގެއަށް ވެއްދުމަކީ އާންމު ކުޅިވަރުގެ ހަޔާތް ދޫކޮށްލުމެވެ. ކުޅިވަރުގެ ލޯބި ހުރި ބޭފުޅަކަށް ވާތީ ޒިޔާދު ހިޔާރުކުރެއްވީ ސިފައިންގެއަށް 'ފިލުމަށެ'ވެ. އެގޮތުން ފިލައިގެން އުޅުއްވަމުން ހދ. މަކުނުދޫގެ ފާނަކޮށްޓެއްގައި މަސައްކަތްކުރެއްވި އެވެ. އެއްލައިދޫ ރިސޯޓްގެ މަސައްކަތު މީހަކަށް އުޅުއްވި އެވެ.
"މުޅި މީހާގެ ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ދެން އެހެން ކަހަލަ ގޮތެއް ވީ،" ޒިޔާދު ކިޔައިދެއްވި އެވެ.
"ބައްޕަ [ގެންދިޔައީ] ސިފައިންގެއަށް. ގެންގޮސް ބުނީ މި ވެނި ތާރީހެއްގައި [ޒިޔާދު] ހާޒިރު ނުވެއްޖެ ނަމަ ބައްޕަ ހައްޔަރުކުރާނަމޭ. އެ ޒަމާނުގައި ކަންތައް އޮންނަ ގޮތް އެއީ. [އެހާ ހިސާބުން] ސިފައިންގެއަށް [ވަނީ]."
ސިފައިންގެ ތަމްރީންތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ. އެކަމަކު އެހާ ހިސާބުން އޭނާގެ އާއިލާއިން އުޒުރެއް ހޯދި އެވެ. އޭރު މަޖުބޫރުކޮށްގެން ސިފައިންގެއަށް ވައްދާ މީހުންނަށް ސަލާމަތްވެވޭނެ ދެ ސަބަބެއް އޮވެ އެވެ: ބޭރަށް ކިޔަވަން ދިއުމާއި ޓީޗަރުކަމުގެ ކޯސް ހެދުމެވެ.
ޒިޔާދުގެ އާއިލާއިން ހުށައެޅީ ޕާކިސްތާނަށް ކިޔަވަން ފޮނުވުމުގެ ލިއުންތަކެވެ. އެހާ ހިސާބުން އޭނާ ސިފައިންގެ ވަޒީފާއިން ވަކިވާން ފުރުސަތު ލިބިވަޑައިގަތެވެ.
އެކަމަކު ދެން ވެސް، ސްކޫލް ދައުރުގައި އެ ފެނުނު 'ފިއްޓޭ'ގެ ނަން ފުޓްބޯޅައިގައި ވިދާގަންނަ ގޮތެއް ނުވި އެވެ. އެކަމަށް އެޅުނު ހުރަހަކީ ބަދުނަސީބެވެ. އެ ހާލަތު ކުރިމަތިވީ، އެންމެ ފުރަތަމަ މާލޭގައި ރައްޓެހިންނާ އެކު މޫދަށް ގޮސް އުޅުމުގެ ތެރޭގައި ކުއްޖަކު އޭނާގެ ބުރަކަށި މައްޗަށް ފުންމާލުމުން މައިބަދައަށް ލިބުނު އަނިޔާ އެވެ.
"އެ ހިސާބުން ސްޕައިން ޓްވިސްޓްވެގެން ތިރީއެއްކޮށް ވާގިނެތި ހޮސްޕިޓަލްގައި ވެސް ވަރަށް ދުވަހު އުޅެން ޖެހުނު. އެކަމުން އަރައިގަންނަން ވަރަށް ދުވަސް ވި،" ޒިޔާދު ވިދާޅުވި އެވެ.
އެ އަނިޔާއިން ސަލާމަތްވެގެން ދެން ނުކުންނެވީ ވައިކަރަދޫ ޓީމު ގޮވައިގެން ޒޯން ފުޓްބޯޅަ މުބާރާތަށެވެ. ކުޅުމުގެ ތެރެއިން އެންމެ ބޮޑު ބަދުނަސީބާ ދިމާވީ އެހާ ހިސާބުންނެވެ. ފިނޭއާ ދެކޮޅަށް ވައިކަރަދޫ ކުޅުނު މެޗުގައި އޭނާގެ ލަނޑުން ކުރި ހޯދައިފައި ވަނިކޮށް އިދިކޮޅު ކުޅުންތެރިޔަކު ޖެހި ޓެކްލްއަކުން ބިނދުނީ އެންމެ ތަނަކުން ނޫނެވެ. ކަނާތު ކޮނޑާއި ކަނާތު ފައިގެ ދެ ތަނުންނެވެ.
"ދެން ކުޅުމާ ދުރަށް [ދިޔައީ]. އެއީ އެންމެ ދެރަވި އެއް ކަންތައް. ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ނުލިބި ވަކިވާން ޖެހުން،" ޒިޔާދު ވިދާޅުވި އެވެ.
އެކަމަކު ވައިކަރަދޫ ދާއިރާގެ ގޮނޑި ދެ ވަނަ ދައުރަކަށް އޭނާއަށް ކަށަވަރުކުރެއްވުނު މައިގަނޑު ފެށުން އައީ އެހާ ހިސާބުންނެވެ: ރަށުގައި ކުޅުންތެރިން އުފެއްދުމާއި ރަށުގެ އަމިއްލަ ޖަމިއްޔާ ހިންގެވުމެވެ. ރަށުގެ އިޖުތިމާއީ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވުމެވެ.
ދެ ދައުރު ވެސް ލިބުނީ ރައްޔިތުންގެ ލޯބިން
ސިޔާސީ ދާއިރާގައި އުޅުއްވުމަކީ އެއްވެސް އިރެއްގައި ޝައުގެއް ނޫން ކަމަށް ވިދާޅުވި އެވެ. އެކަމަކު 2018ގެ ރިޔާސި އިންތިހާބުގައި އޭރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި ހުޅުމާލޭގައި އެންމެ ވަރުގަދައަށް ފެނުނު އެކަކީ އޭނާ އެވެ.
ދެން އައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އޭރު ވައިކަރަދޫ ތަމްސީލްކުރެއްވި މެމްބަރު އެމްޑީޕީގެ ޕްރައިމަރީގައި ބަލިކުރައްވާ ޓިކެޓް ހޯއްދެވި އެވެ. އެކަމަކު 2019ގެ އިންތިހާބު ފެށެން އުޅެނިކޮށް އެމްޑީޕީގެ ލީޑަޝިޕުން އޭނާއަށް ކެމްޕޭންނުކޮށް ހޮވަން ބޭނުންވީ އަދާލަތު ޕާޓީގެ ކެންޑިޑޭޓް އެވެ.
ނަމަވެސް ވައިކަރަދޫގެ ޒުވާނުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެމީހުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ވެސް ޒިޔާދަށް ގޮނޑި ހޯދައިދޭން އުފެދުނީ ވަރުގަދަ ޖޯޝެކެވެ. ފައިސާ ނެތުމުން ކެމްޕޭން ކުރިއަށް ނުގެންދެވޭނެ ކަމަށް ބައްލަވައިި، އިންތިހާބުން ވަކިވެވަޑައިގަންނަވަން ވެސް ވިސްނެވި އެވެ. ނަމަވެސް ވައިކަރަދު އާއި ކުރުނބީގެ އެމްޑީޕީގެ ސަޕޯޓަރުންގެ ހިތްވަރުން އޭނާ ހިފެހެއްޓި އެވެ.
"އަޅުގަނޑަށް ފުރަތަމަ ފަހަރު އެ ގޮނޑި ލިބުނީ ވައިކަރަދޫ ޒުވާނުން އަޅުގަނޑަށް އެ ގޮނޑި ދިނީމާ. އަޅުގަނޑު ހޭދައެއް ވެސް ކޮށްގެންނެއް ނޫން. ރެ އާއި ދުވާލު އެ ކުދިން ކުރި މަސައްކަތް،" ޒިޔާދު ވިދާޅުވި އެވެ.
"ވަކި ހިސާބަކުން އެމީހުންނަށް ވެސް އައީ ކިކެއް. [އެމްޑީޕީގެ ލީޑަޝިޕްގެ ސަޕޯޓް ނުލިބި] ނުވާނެ ގޮތަށް ކަންކަން ދައްކަން ފެށީމާ އެ މީހުން [ނުކުތީ އެކަން] ކުރަން. އެމީހުން ބޭނުމެއް ނުވި ފަހަތަށް ޖެހޭކަަށް."
ދެވަނަ ދައުރަށް މި އަހަރުގެ އިންތިހާބަށް ނުކުންނެވި އިރު ހާލަތު އަދި މާ ގޯހެވެ. އެމްޑީޕީ ރޫޅި، ވެރިކަން ގެއްލި، މެމްބަރުންގެ މެދުގައި މާޔޫސްކަމެވެ. އާ ސަރުކާރުން ހިފީ ހއ. އާއި ހދ.ގެ ހުރިހާ ގޮނޑިއެއް ހޯދާށެވެ. ޒިޔާދަކީ އެވަރުގެ ކެމްޕޭނަކަށް ފައިސާ ހޭދަކުރެއްވޭހާ ތަނަވަސް ބޭފުޅެއް ނޫނެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ވައިކަރަދޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައި ހުރުމަކީ އޭނާއަށް އޮތް އެޑްވާންޓޭޖެކެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގައި މެމްބަރުންނަށް 'ދެ ގޮތަކަށް' އުޅުއްވިދާނެ އެވެ.
"އެއްގޮތަކީ މަށަށް މޮޅު ގޮތް. އަނެއް ގޮތަކީ ރަށަށް މޮޅު ގޮތް،" ޒިޔާދު ތަފުސީލު ދެއްވި އެވެ.
"އަޅުގަނޑު އޭގައި ބެލީ ރަށަށް މޮޅު ގޮތް."
ދާއިރާގެ ރައްޔިތުންނާ އޭނާ ބޭއްވެވީ ގާތް ގުޅުމެކެވެ. ފުރަތަމަ ފަސް އަހަރު ގާތްގަނޑަކަށް 65 ފަހަރު ދާއިރާއަށް ވަޑައިގެންނެވި ކަން، އޭނާގެ ހިސާބުތަކުން ދައްކަ އެވެ.
"ރައްޔިތުންނާ ބައްދަލުކޮށް ވަރަށް ގާތުގައި އުޅެވުނީ،" އުމުރުން 46 އަހަރުގެ މެމްބަރު ވިދާޅުވި އެވެ.
ހއ. އާއި ހދ.އަށް ނިސްބަތްވާ ބޮޑު ތިލަދުންމަތި ތަމްސީލްކުރަން މަޖިލިހުގައި 11 ގޮނޑި ހިމެނެ އެވެ. އޭގެ ތެރެއިން އެމްޑީޕީއަށް މިފަހަރު ކާމިޔާބުކުރެވުނު ދެ ދާއިރާގެ ތެރޭގައި ޒިޔާދު އެ ހުންނެވީ ފައިތިލަ ސާބިތުކުރައްވައިގެންނެވެ.
މިއަދު އޭނާއަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެވެ. މިއީ 1990ގެ އަހަރުތަކުގައި ފެނުނު އުއްމީދީ ފޯވަޑުގެ ހަޔާތުގެ މުހިންމު ކުރިއެރުމެކެވެ. އިދިކޮޅު މަދު މެމްބަރުންނާ އެކު މަޖިލިހުގައި އޭނާ ގެންދަވަނީ އަޑު އިއްވަވަމުންނެވެ. ކާމިޔާބީއަކީ މާޔޫސްނުވެ ކުރާ މަސައްކަތެވެ. އެ ވަގުތަކު އޮންނަ ހާލަތެއްގައި ދެމިހުރުންކަން ވެސް، ޒިޔާދުގެ ހަޔާތުން ފެންނާނެ އެވެ.
ކޮމެންޓް (1)
ޖެނިން