ސަފިއްޔާ އަލީ. އުމުރުން 90 އަހަރާ ގާތްކުރިޔަސް އޭނާއަކީ ހަރަކާތްތެރިކޮށް އުޅޭ މީހެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ރާޅުފަށް

އުމުރުން 86 އަހަރު: ހަރަކާތްތެރި އުޅުމެއް، ރީތި ހެދުމެއްގައި

އުމުރުން 90 އަހަރާ ގާތްކުރި ނަމަވެސް ސަފިއްޔާއަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހެއް. ވަށަފަރުގެ އެތައް ކުދިންނަކަށް އަދިވެސް އޭނާ އަންނަނީ ވޮށުފިލާ އަޅައިދެމުން

ހއ. ވަށަފަރު - ސަފިއްޔާ އަލީއާ ދިމާވީ އޭނާ ހޯދަން 'ޒަމާނީހިޔާ' ގެއަށް ދެތިން ފަހަރު ދިޔަ ފަހުންނެވެ. ހެނދުނު ދިޔައިރު ގެއަކު ނޫޅެ އެވެ. މެންދުރު ފަހު ދިޔައިރު އަދި ނަމާދުން ނުފައިބަ އެވެ. ތިން ވަނަ ފަހަރަށް ދިއުމުން އޭނާއާ ބައްދަލުވީ، ގޭގެ ބޭރުގައި ހުރި ޖޯއްޔެއްގައި އިށީނދެލައިގެން ކޮފީ ބޯން އިންދަ އެވެ. އެކަނިމާއެކަނި، ވަރަށް ހަމަޖެހިލައިގެން އިނދެ ކޮފީ ބޮމުން ދިޔައިރު، ކުރިމަތީގައި ބަހައްޓާފައި ހުރި އަދުރާދަގޮނޑި މަތި ހުރި ތައްޓެއްގައި ބިސްކޯދެއް އޮތެވެ.

"ބަލަ ދައިތަ ހޯދަން ހާދަވަރަކުންނޭ ތިއުޅެނީ. ކިހިނެއްތަވީ؟" ހިސާބަކަށް ރުންކުރު ގޮތަކަށް އޭނާ އަހާލި އެވެ. އެކަމަކު ހަމަ އެ ސިކުންތުގައި ހިނިތުންވެލުމާ އެކު މޫނުމައްޗަށް އަރާފައި ހުރި ރޫތައް ފިލައިގެން ދިޔަ އެވެ.

އެއީ ވަށަފަރުގެ ތުއްތުކަނބުލޯ ނުވަތަ ތުއްތައިތަ އެވެ. ވަށަފަރު އެތައް ބަޔަކަށް ގުރުއާން ކިޔަވައިދީފައި ވާތީ އެ މީހުންގެ ކިޔަވާ ތުއްތައިތަ އެވެ. އުމުރުން 80ގެ އަހަރުތައް ފަހަނައަޅަމުން ގޮސް، 90 އަހަރާ ގާތްކުރިއަސް، މިހާރު ވެސް ގުރުއާން ކިޔަވައިދީ، ގޭގެ މަސައްކަތްކޮށް، ރަށުތެރޭގައި ހޭލަމޭލަވެ އުޅޭ ހިތްހެޔޮ ދައިތަ، ސަފިއްޔާއެކެވެ.

'ދައުރު'ގެ ރާޅުފަށް ސެގްމެންޓުގައި ވަށަފަރަށް އައުމުގެ ކުރިން ވެސް ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ސަފިއްޔާ ދުށީމެވެ. ސަކަރާތަކަށް އޭނާ ނަށާތަން ފެންނަ އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ، 'މާމަ ލޯބިކަމުން' އެންމެންގެ ހިތްތައް އަތުލި އެވެ. އޭނާ އަޅައިގެން ހުރި ހެދުން ކަމުދިޔަ އެވެ. އެ އުމުރުގައި އެހާ ހަރަކާތްތެރި މީހަކު ފެނުމުން، އޭނާގެ ވާހަކަ އެނގެން ގިނަ ބަޔަކު ބޭނުންވި އެވެ.

ވަށަފަރަށް ކުރި މި ދަތުރުގައި ސަފިއްޔާ ހޯދުން އެހާ މުހިއްމުވީ އެހެންވެ އެވެ.

"ދައިތަ ބުނާނީ އަބަދުވެސް ސާފުތާހިރުކޮށް އިންނާށޭ، ރީތިކޮށް ހެދުން އަޅާށޭ،" އަހަރެމެން އައި ބޭނުން ކިޔައިދިނުމަށް ފަހު، ޖެހިގެން ހުރި ޖޯލީގައި އިށީނުމާ އެކު ސަފިއްޔާ ބުންޏެވެ.

ސަފިއްޔާގެ އަތުގައި އެކި ކުލައިގެ ލިބާސް ގިނަ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ހެދުން އެޅުމުގައި ކުރިންސުރެ ގެންގުޅެމުން އައި އާދައަށް ބަދަލެއް ނެތް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"މީހާ އަދި މުސްކުޅި ވިޔަސް ހުންނަން ޖެހޭނީ ރީތިކޮށެއްނު."

ސަފިއްޔާ އަދިވެސް ހެދުން އަޅަނީ، އެންމެ ކުރީގައި ދިވެހިން ހެދުން އެޅި ގޮތަށެވެ. ލިބާހާއި އެއާ ގުޅޭ ބޯވަޅެވެ. ވަކިން ފަހާފައިވާ އަތުކުރި އެވެ. ބޮލުގައި ތުނި ބުރުގަލެއް އޮޅާލާފައި އޮތްއިރު، ހުދުވެފައިވާ އޭނާގެ އިސްތަށިތައް ނިތްކުރިމަތިން ފެންނަން ހުއްޓެވެ. އިސްތަށިގަނޑުގައި ބުރުގާ ހަރުކޮށްލާފައި ހުރި ކަޅުކުލައިގެ ދަތިންނެވެ. ބުރުގަލުގައި ވެސް، އެސްޖެހި ރީތި ދައްޗެއް ހަރުކޮށްލާފައި ހުރި އިރު ވަރަށް ހިތްގައިމެވެ.

ސަފިއްޔާ ބުނިގޮތުގައި މިއީ އެންމެ ކުރިއްސުރެ ވެސް އޭނާ ހެދުން އަޅާ ގޮތެވެ. ޒަމާނާ އެކުވެ އެތައް ފެޝަންތަކެއް ދުނިޔެއަށް ދެއްކި ނަމަވެސް އޭނާގެ މި ވައްޓަފާޅިއަކަށް ބަދަލެއް ނަ އެވެ.

ހެދުން އަޅައި ރީތިވުމަކީ ސަފިއްޔާ އެންމެ ގަޔާވެގެން ކުރާ އެއް ކަމެވެ. ގަދަ ކުލަތަކުގެ މިފަދަ އެތައް ލިބާހެއް އޭނާގެ އަތުގައި ހުރެ އެވެ. ކޮންމެ ހެދުމަކަށް ވެސް ވަކިން ބޯވަޅަކާއި އަތުކުރިއަކާ ބުރުގަލެއް އޮވެ އެވެ.

ކޮޓަރީގައި ބަހައްޓާފައި ހުރި ބައެއް ހެދުންތައް ނަގައިގެން ބަލަނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އެހިސާބުން ދެން ސަފިއްޔާ ބޭނުންވީ، އޭނާގެ ކޮޓަރިއަށް އަހަރުމެން ގެންގޮސް، ހެދުންތައް ދައްކާލާށެވެ. އެތަނުން އަހަރެމެންނަށް، ހެދުން އަޅާ ބަރާކޮށްފައި ހުރި ދެ ފޮށި ހުޅުވައި ދައްކާލީ، ފަހުރުވެރިކަމާ އެކު އެވެ. އެ ފުރާ ހުރީ އެކި ކުލަކުލައިގެ ލިބާހާއި ކަޅު ކުލައިގެ ކަނޑިއްކެވެ. ފަރުވާތެރިކަމާ އެކު ރައްކާކޮށްފައި ހުރި، ބޯވަޅާއި ބުރުގަލާއި އެހެން ތަކެތި ނަގައި، އޭގެ ވާހަކަތައް ކިޔައިދޭން ފެށި ގޮތުން، ރީތިކޮށް ހެދުން އެޅުމަށް ސަފިއްޔާގެ ހިތުގައި އޮތް ލޯބި ވަޒަން ކުރެވުނެވެ.

ސަފިއްޔާގެ މި ޝައުގުގެ ވާހަކަ ދެން ކިޔައިދިނީ، އޭނާގެ ދެ ވަނައަށް ދޮށީ އަންހެންދަރިފުޅު ޖަމީލާ މުހައްމަދެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ޖަމީލާގެ ދެމަފިރިންނާ އެކު އެ ގޭގަ އެވެ.

އުމުރުން 64 އަހަރުގެ ޖަމީލާ ބުނިގޮތުގައި އޭނާ ހަނދާން ހުންނަން ފެށީއްސުރެ މަންމަ ހުންނަނީ އެހެންނެވެ. ބަލިވިޔަސް، ދަރިއަކު ވިހެޔަސް، ނިދަން އޮށޯންނަން ވިޔަސް، މަންމަގެ ހެދުން އެޅުމުގެ ސްޓައިލެއް ބަދަލެއް ނުކުރާނެ އެވެ.

ސަފިއްޔާ ހިނގާފައި ދަނީ: ހީވާގި ދިރިއުޅުމެއް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

"ނިދާނީ ވެސް ހަމަ ލިބާހުގައި، ހަމަ ގޮތަށް ބުރުގާ އަޅައިގެން. އެކަމަކު ބޯވަޅާއި އަތުކުރި ނަގާނެ،" ޖަމީލާ ބުންޏެވެ.

"ބޯވަޅު އަޅާނީ މެންދުރު ފެންވަރައިގެން. ދެން އެ ހުންނަ ގޮތަށް ނިދަންވަންދެން ހުންނާނީ ފުލްކިޓުގައި."

ޖަމީލާ ބުނިގޮތުގައި މަންމަގެ ހެދުންތައް ފަހަނީ ތިމާގެ މީހުންނެވެ. މާލޭގައި އުޅޭ ދަނބިދަރިއެއް، ކޮންމެ އީދެއްގައި ވެސް ލިބާސް ސެޓެއް ފޮނުވަ އެވެ. އެއީ މުޅި އަހަރު ދުވަހު އޭނާއަށް ލިބޭ އެންމެ ބޮޑު ހަދިޔާ އެވެ.

ރީތިކޮށް ހެދުން އެޅުމަކީ ސަފިއްޔާ އެންމެ ލޯބިން ކުރާ އެއް ކަންތައް (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

އުމުރުން ދުވަސްވިޔަސް މަސައްކަތް ދުލެއް ނުކުރި

މަންމަގެ ވާހަކަ ޖަމީލާ އިތުރަށް ކިޔައިދިނެވެ؛ އޭނާ ބުނިގޮތުގައި އުމުރުން 90 އަހަރާ ގާތްކުރިޔަސް، ސަފިއްޔާއަކީ އެނދުގައި ނޫނީ ތަނެއްގައި ރީތިކޮށް ހަމަޖެހިލައިގެން އިންނަ ކަހަލަ މީހެއް ނޫނެވެ.

ގޭތެރޭގައި މަސައްކަތް ކުރެ އެވެ. ހެނދުނު، އިލޮށިފަތިން ގޭދޮށް ކުނި ކަހަ އެވެ. ތިރިކޮށް ހުންނަ ހުނިގޮނޑީގައި އިނދެ ހުނި ގާނަ އެވެ. ފަތިހު ހޭލައިގެން ޑަސްބިން އުކާލަން ދެ އެވެ. ތަށިތެލިތައް ދޮވެ އެވެ. އަދިވެސް ގަވައިދުން ކުދިންނަށް ގުރުއާން ކިޔަވައިދެ އެވެ.

ފިލާގައި ކުއްޖަކަށް ލިޔެދީފައިވާ ފިލާވަޅެއް ސަފިއްޔާ ދައްކާލަނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)
ކުއްޖަކަށް ނަގައިދޭ ފިލާވަޅެއް 'ދައުރު'އަށް ދައްކާލަނީ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

މަގުމަތީގައި ހިނގާފައި އުޅެނީ ވެސް ބާރުބާރަށެވެ. ހިނގާފައި ދިޔައިރު އޭނާއާ ފައިހަމަކުރަން، އަހަރެމެންނަށް ވެސް ބައެއް ފަހަރު އުނދަގޫވި އެވެ. ހުންނަނީ ހިކިކޮށް، ރީތިކޮށެވެ. އޭނާ ބުނާގޮތުގައި އެއީ ޒުވާން އުމުރަށް އެޅީއްސުރެ އޭނާގެ ހަށިގަނޑު ހުންނަ ގޮތެވެ.

ޖަމީލާ ބުނިގޮތުގައި އަނގަޔަށް މީރު ކޮންމެ އެއްޗަކީ ވެސް މަންމައަށް ކަމުދާ އެއްޗެކެވެ. އެއީ ކޮންމެހެން ސިއްހަތަށް ފައިދާ ހުރި އެއްޗަކަށް ނުވިޔަސް މެއެވެ.

"އެކަމަކު ކައިގެން ވެސް ޖެހޭނެ ހިނގަން. އަބަދުވެސް ބޭރުތެރެއަށް ނުކުމެލާ އުޅެން ޖެހޭނެ،" ޖަމީލާގެ ވާހަކައަށް، ސަފިއްޔާ ބުނެލި އެވެ.

ދެމައިންގެ ވާހަކަ އެ ހިސާބަށް ދިޔަތަނުން، ގުރުއާން ކިޔަވަން އެކި އުމުރުގެ ކުދިން އެ ގެއަށް ވަންނަން ފެށި އެވެ. ފާރުގައި ބަހައްޓާފައި ހުރި އެކިވަރުގެ ފިލާތައް ނަގައި، ސަފިއްޔާ ކުދިން ކައިރީ އިށީނީ، އެންމެ ކުރިއްސުރެ އޭނާ ކުރަމުން އަންނަ މި މަސައްކަތް ކުރާށެވެ.

ސަފިއްޔާ ކިޔަވައިދޭން ބޭނުންކުރާ ވޮށުފިލާ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ވޮށުފިލާ އަޅައިދީ، ގުރުއާން އުނގަންނައިދިނުމަކީ ސަފިއްޔާގެ އަސްލު މަސައްކަތެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ކުރަމުން އައި މިކަން، އުމުރުން ދުވަސްވީ އިރު ވެސް އޭނާ ދުލެއް ނުކުރެ އެވެ. ވަށަފަރު މީހުން ބުނާ ގޮތުން، ކިޔަވާތުއްތައިތަ ކައިރިއަށް ގުރުއާން ކިޔަވަން ނުދާ މީހަކު އެ ރަށުގައި މަދުވާނެ އެވެ. މިހާރު ވެސް، އުމުރުން އަށް އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ދިހަވަރަކަށް ކުދިން ވޮށުފިލާ އަޅަން ދެ އެވެ. އެ ހުރިހާ ކުދިންނަށް ވެސް އޭނާ ކިޔަވައިދެނީ، އެންމެ އިހުގެ ގޮތަށް މަށިފިލާގައި ލިޔެގެންނެވެ. ކޮންމެ ފަހަރަކު ވެސް އާ ފިލާވަޅެއް ނަގައިދޭންވުމުން، ފިލާ ދޮވެ މަށިހާކައި ހަދަނީ ސަފިއްޔާ އާއި ޖަމީލާގެ ދެމައިންނެވެ.

"އެކަމަކު މިހާރު ބައެއް ކުދިން މަންމަ ކައިރިއަށް ވަރަށް ނާންނަން އުޅޭ. އެ ވާގޮތަކީ އުމުރުން ދުވަސްވީމާ މާ އަވަހަށް ޕްރެޝަރު މައްޗަށް ދަނީ،" ޖަމީލާ ބުންޏެވެ.

"ފިލާވަޅު ނުބައިކޮށް ކިޔުނީމަ ކުދިންނާ ދިމާއަށް ހަޅޭއްލަވާތީ، އެ ކުދިން ރައްކާވަނީ."

ސަފިއްޔާ ބުނާ ގޮތުން އުމުރުން ދުވަސްވިޔަސް، މަސައްކަތް ކުރުން ހުއްޓާލައިގެން ނުވާނެ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ތަންކޮޅެއް ވާހަކަ ގިނަވެފައި، އަވަހަށް ރުޅި އައުން ފިޔަވައި، މަންމަގެ ފަރާތުން އެހެން މައްސަލައެއް އޭނާއަކަށް ފާހަގައެއް ނުކުރެވެ އެވެ. ޖަމީލާ ބުނާ ގޮތުން، އޭނާއަށް ވުރެ ވެސް މަންމަ ސިއްހަތު ރަނގަޅެވެ. ބޮޑެތި ބަލިތަކާއި ކޫސަނި ބޮލުގެ ރިހުމާއި ބަނޑުގެ ރިހުން ފަދަ ބަލިތަކެއް ނެތެވެ. ރޭގަނޑު ބޮކި އަލީގައި ކުދިންނަށް ކިޔަވައިދޭން އައިނު އަޅާކަށް ނުޖެހެ އެވެ. ބަލިވެގެން، ދުވަހަކު މާލެ ގޮސްފައެއް ނުވެ އެވެ. 

އުމުރުން ދުވަސް ވިޔަސް އޭނާގެ ހަނދާން ގަދަ އެވެ. ކުރީގެ އެތައް ވާހަކައެއް ސަފިއްޔާ އަހަރެމެންނަށް ކިޔައިދިނެވެ. ރައީސް މުހައްމަދު އަމީން ދީދީ ހެއްދެވި ނަށާ ގުރޫޕެއްގައި ސަފިއްޔާ އާއި އޭނާ ދައްތަ ނެށި ވާހަކަ އެވެ. ތަދުމަޑުކަމާއި ވިހޭ ގިނަ ކުދިން މަރުވި ވާހަކަ އެވެ. އެކަމަކު އެންމެ ހައިރާންވީ، އޭނާއަށް މާމަ ކިޔާ ގިނަ ކުދިންތަކަކާއި މުނި މާމަ ކިޔާ 26 ކުދިން ތިބިއިރު، އެ ހުރިހާ ކުދިންގެ ނަންތައް ވެސް އޭނާއަށް އެނގޭތީ އެވެ.

ސަފިއްޔާ 'ދައުރު'އާ ވާހަކަ ދައްކާލަނީ. އޭނާއަކީ ހިތްހެޔޮ، އެ ރަށު މީހުންގެ ލޯބި ލިބިފައިވާ މީހެއް (ދައުރު ފޮޓޯ)

މާމަ ކިޔާ ކުދިންނާއި މުނިމާމަ ކިޔާ ކުދިންގެ އަދަދު، ފަހުރުވެރިކަމާ އެކު، އިނގިލި ބިންދަމުން އޭނާ ކިޔައިދިނީ، އެ ކުދިންގެ އުމުރާ ހުރިހާ ވަނަވަރާ ވެސް އެކުގަ އެވެ.

"މަގޭ ކުދިން ވިއްޔަ. މަށަށް އެނގެން ޖެހޭނެއެއްނު. މަށަށް ނޭނގި ދެން ކާކަށް އެނގޭނީ؟" އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އަނެއްކާވެސް ހިސާބަކަށް ރުންކުރުވެ، ސަފިއްޔާ ޖަވާބު ދިނެވެ.

"އެކަމަކު ބުނަން. ތިމާގެ ދަރިން ތިމާއަށް އެނގެން ޖެހޭނެ. މި ވާހަކައަށް ރަނގަޅަށް ވިސްނާތި."

ކޮމެންޓް (1)

އެޑްމުންޑޯ

29 ޖުލައި 2024
ސަފިއްޔާ ދައްތަ ފުރިހަމަ ސިއްޙަތެއްގައި އަބަދަށް ލެހެއްޓެވުން އެދެން ، ދައްތަގެ އުމުރު ބަލާބެލުމަށް ރަގަޅުހެން ހީނުވޭ ، އަހަރަމެން ރަށުގައި އެމއުމުރުގެ މީހުން މާޒުވާންކޮށް ދައްކަނީ ، ހީވަނީ ސަފިއްޔާ ދައްތައަށް 90 ށްވުރެ މަތިވެދާނެހެން
25 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް