ފާތިމަތު ނަތާޝާ ލަތީފް: ކެބިން ކުރޫއެއްގެ ވަޒީފާ އިން އެވިއޭޝަން ދާއިރާއަށް ނުކުތުމަށް ފަހު ތަފާތު ދައްކަމުން އަންނަ ޕައިލެޓެއް.

އަންހެނުން

ނަތާާޝާ އުދުހެމުން ކުލަޖައްސަމުން މިދާ ދުނިޔެ ހިތްގައިމު

ފާތިމަތު ނަތާޝާ ލަތީފް ކެބިން ކުރޫއެއްގެ ގޮތުގައި އޭވިއޭޝަން ދާއިރާއަށް ނުކުމެ އަމާޒު ހިފީ ޕައިލެޓަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދަން. ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް ގޮސް، އޭނާ މިހާރު ހަފްތާއަކު އެއް ފަހަރު އެއާބަސް ދުއްވާ
8 މާރިޗު 2024

ފާތިމަތު ނަތާޝާ ލަތީފް އޭލެވެލް ނިންމާލުމަށް ފަހު މަސައްކަތުގެ މައިދާނަށް ނުކުތީ ކެބިން ކުރޫއެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި އަންހެނުންގެ ހިއްސާ އޮތެއް ކަމަކު އަންހެން ޕައިލެޓުން އޭރު ވަރަށް މަދެވެ. ނަމަވެސް އައިލޭންޑް އެވިއޭޝަންގެ ކެބިން ކުރޫއެއްގެ ވަޒީފާއާ 2004 ވަނަ އަހަރު ގުޅުނު އިރު، މަތިންދާބޯޓެއް ދުއްވުމަކީ ނަތާޝާގެ ހުވަފެނެކެވެ. 

"އޭރު އެއްވެސް ވަރަކަށް ދިވެހި އަންހެން ޕައިލެޓުންނެއް ނުދެކެން. މިކަމަކީ ފިޒިކަލް ކަމެއް ކަމަށް ހީކުރީ. 'މޭންލީ' ވާން ޖެހޭނެ ކަމަށް. ދެން ފެނުނީ ކެޕްޓަން އައިމިނަތު އިބްތިޝާމް މި ދާއިރާގައި މަސައްކަތް ކުރާ ތަން. އެއީ އިންސްޕަަޔާވި ގޮތަކީ،" ނަތާޝާ ކިޔައިދިނެވެ.

ފާތިމަތު ނަތާޝާ ލަތީފް ޕައިލެޓް ޓްރެއިނިން ހެދީ އެމެރިކާ އިން 

ނަތާޝާ އަކީ ކަންކަމުގައި އިސްނަގާ އަދި ކެރޭ މިޒާޖެއްގެ މީހެކެވެ. ސްކޫލް ދައުރުގައި އަންހެނުން ވޮލީބޯޅަ ރެފްރީކަން ކުރުން މަދު ޒަމާނެއްގައި އެކަން ކުރި އެވެ. އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީގައި އޭނާ ޕައިލެޓް ޓްރެއިނިން ހެދުމަށް ނައްޓާލީ އެމެރިކާ އަށެވެ. ތަމްރީންވުމަށް ފަހު ރާއްޖެ އެނބުރި އައިސް އެންމެ ފުރަތަމަ އޭނާ މަސައްކަތް ކުރީ ޓީއެމްއޭގައި ސީޕްލޭން ޕައިލެޓެއްގެ ގޮތުގަ އެވެ. ސީޕްލޭން ދުއްވުމުގައި އޭނާ ދެ އަަހަރާއި ބައި ވަންދެން ހަރަކާތްތެރިވި އެވެ.

ފާތިމަތު ނަތާޝާ ލަތީފް: މިހާރު އޭނާއަކީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއް

ސީޕްލޭންގައި އުދުހޭ އިރު ކުރެވެނީ ތަފާތު އިހްސާސެއް ކަމުގައި ނަތާޝާ ބުންޏެވެ. ރާއްޖޭގެ ހިތްގައިމު ރީިތި މަންޒަރުތައް ހިތް ފުރެންދެން ބަލާލުމަށް ފުރުސަތު ލިބެ އެވެ. ނަމަވެސް ވަޒީފާގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުން އެއީ ގޮންޖެހުން ބޮޑު ކަމެކެވެ. އަދި އަބަދުވެސް ކުރިއެރުން ހޯދުމާއި ސީޕްލޭނަށް ވުރެ ބޮޑު ބޯޓެއް ދުއްވުން އެއީ އޭނާ އަމާޒު ހިފި ކަމެކެވެ.

އެހެންކަމުން ނޯވޭ އިން އިތުރު ތަމްރީން ފުރިހަމަކޮށް، އައިލޭންޑް އެވިއޭޝަންއާ އޭނާ ގުޅުނެވެ. އަދި އެ ކުންފުނީގެ ޑޭޝް 8ގެ ޕައިލެޓެއްގެ ގޮތުގައި ފަސް އަހަރު ނަތާޝާ ހޭދަ ކުރި އެވެ.

ނަތާޝާ ސީޕްލޭން އުދުހުމުގައި ދެ އަހަރާއި ބައި ހޭދަ ކުރި

ރާއްޖޭގައި އަންހެން ޕައިލެޓުން އަދިވެސް މަދެވެ. ނަމަވެސް ނަތާޝާ ބުނި ގޮތުގައި މިއީ އަންހެނުންނަށް ނުކުރެވޭނެ މަސައްކަތެއް ނޫނެވެ.

"އަންހެނަކަސް، ފިރިހެނަކަސް އެއްް ޓެސްޓްތަކެއް މި ހަދަން ޖެހެނީ. މިނެކިރާނީ އެއްވަރަކަށް،" އޭނާ ބުންޏެވެ.

"މީގައި ބޮޑަށް ބޭނުންވަނީ މީހާގެ ޑެޑިކޭޝަން. މެންޓަލީ އަދި ފިޒިކަލީ މީހާ މިކަމަށް ފިޓުކަން ޕްރޫވް ކޮށްދޭން ޖެހެނީ."

ނަތާޝާ (ކ) ބުނިގޮތުގައި ވަޒީފާގައި އެންމެ މުހިއްމު ކަމަކީ ޑެޑިކޭޝަން

އޭގެ މިސާލެއް ނަތާޝާ ދެއްކި އެވެ. އޭނާ ޓްރެއިނިންގައި އުޅުނު އިރު ލައިސެންސް ހޯދުމަށް ވަކި ރާސްތާއަކަށް ބޯޓެއްގައި އެކަނި ދާން ޖެހުނު ފަހަރެއްގެ ތަޖުރިބާ އެވެ.

"ފްލައިޓް ކްރޮސް ކަންޓްރީ ދުއްވާފައި ދަނިކޮށް އިނގުނީ އޭގެ އިންސްޓްރުމަންޓްތަކެއް ހަލާކުވެފައި ހުރިކަން. އެއީ ބިރުގަތް ދުވަހެއް. ދެން ކަނާތްފަރާތަށް ބެލި އިރު އެއާޕޯޓެއް އޮތީމަ އެތަނުގައި ލޭންޑްކުރީ. ލޭންޑްކޮށްފައި ދިމާވި މައްސަލަ ކިޔައިދިނީމާ ބުނީ ފިކްސް ކޮށްގެން ބޯޓު ހިފައިގެން އަންނާށޭ،" ނަތާާޝާ ބުންޏެވެ.

ބޮޑު ބޯޓެއް ދުއްވުމަކީ ޕައިލެޓެއްގެ ކެރިއަރުގައި ނުހަނު އުއްމީދުކުރާ ކުރިއެރުމެއް ނަމަވެސް، އޭނާ އައިލެންޑް އޭވިއޭޝަންގައި ހޭދަ ކުރި ފަސް އަހަރު ތެރޭ، ޑޭޝް 8 އިން އެއާބަސްއަށް ބަދަލުވުމުގެ ފުރުސަތެއް ނުލިބުނެވެ. 

އެ ވަޒީފާގެ މުއްދަތު ހަމަވެގެން ނަތާޝާ 2019 އިން ފެށިގެން އަދާ ކުރަނީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ވަޒީފާ އެވެ. އެތަނުގައި އޭނާ އެއާބަސް ބޯޓު ދުއްވުމަށް ތަމްރީންވި އެވެ. އަދި މި ވަޒީފާގައި ހަފްތާއަކު އެއް ދުވަހު އެއާބަސް ދުއްވުމުގެ ފުރުސަތު އޭނާއަށް ލިބެ އެވެ.

ނަތާޝާ 2019 އިން ފެށިގެން މަސައްކަތް ކުރަނީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި

ނަތާޝާ ބުނިގޮތުގައި ސީޕްލޭނާއި ޑޭޝް 8 ދުއްވުން އަދި ސިވިލް އޭވިއޭޝަންގެ ވަޒީފާގައި ހުރެގެން އޭއާބަސް ފަސްޓް އޮފިސަރެއްގެ ގޮތުގައި އޭނާ ވަނީ މިހާތަނަށް ގާތްގަނޑަކަށް 5،000 ފްލައިން އަވާސް ހަމަކޮށްފަ އެވެ.

ސިވިލް އެވިއޭޝަން އޮތޯރިޓީގައި އޭނާގެ މަސައްކަތާ މެދު ނަތާޝާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސަބަބަކީ މިއީ އޭނާގެ ޕެޝަން ކަމުގައިވާ ބޯޓު ދުއްވުމުގެ އިތުރުން ގިނަ ކަންތައްތަކެއް ދަސްކުރުުމަށާއި އެ ކަންކަން ތަންފީޒު ކުރުމަށް ލިބޭ ފުރުސަތަކަށް ވުމެވެ.

"އިންޑަސްޓްރީ ޕްރެކްޓިސްތަކަކީ ކޮބާކަން ބަލާ، ރިސާޗްކޮށް، މިތަނުގައި އެ ކަންކަން ތަންފީޒު ކުރުމަށް ދިރާސާ ކުރުން މިއީ ޝައުގުވެރި ކަމެއް. ވަޒީފާގެ ގޮތުން މިހާރު ވެސް ފްލައި ކުރަން ލިބޭ،" ނަތާޝާ ބުންޏެވެ.

އަންހެނުންނަށް ހުރަސްތައް އަދިވެސް ގިނަ

އެހެން ހުރިހާ ދާއިރާއެކޭ އެއްގޮތަށް އޭވިއޭޝަން ދާއިރާގައި ވެސް ވާދަވެރިކަން އޮވެ އެވެ. 

ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ވަޒިފާ އަދާ ކުރުމަށް މިހާރު ކުރިއަށް ވުރެ ބޮޑަށް ހަމަހަމަ ފުރުސަތު ލިބެ އެވެ. މި ދާއިރާގައި އަންހެނުންގެ ދައުރު ކުރިއަށް ވުރެ ފުޅާވެއްޖެ އެވެ. އަންހެނުން ވަޒިފާއަށް ވެއްދުމުގައި ތަފާތު ކުރުންތައް މަދެވެ. އަދި އަންހެނަކަށްވީތީ، ވަޒީފާގެ އިންޓަވިއުގައި "ކޮން އިރަކުހޭ މީހަކާ އިންނަނީ"؟ މިފަދަ ސުވާލުތައް އަމާޒުވާ މިންވަރު ވެސް ކުރިއަށް ވުރެ މަދުކަން ނަތާޝާ ފާހަގަ ކުރި އެވެ.

އެކަމަކު ސިޔާސީ ދާއިރާ ފަދައިން، މަތީ ހަރުފަތްތަކަށް ދިޔުމާއި ފްލައިޓެއްގެ ކޮމާންޑްގެ މަގާމަށް އައުމަށް އަންހެން ޕައިލެޓުންނަށް އަދިވެސް އޮތީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

ފާތިމަތު ނަތާޝާ ލަތީފް (ވ) އަކީ މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއް

"ގްލާސް ސީލިން" ގައި ރެނދުލިޔަސް އެ ސީލިން އަދިވެސް ފޫވެއްޓޭ ވަރެއް ނުވެ އެވެ.  އޭވިއޭޝަން ދާއިރާގައި ކުރިއަށް ދިއުމަށް ގަސްތުކުރާ އަދި މަތީ މަގާމުތައް އަދާ ކުރަން ބޭނުންވާ އަންހެނުންނަށް އެކަން އިހްސާސް ކުރެވޭނެ އެވެ.

އެވްރެޖު ކޮށް 300 ގަޑި އިރު އުދުހުމުން ކޯ-ޕައިލެޓްކަމުން ކެޕްޓަންކަމަށް އާދެވޭ އިރު، މި ޝަރުތު ފުރިހަަމަވާ އަންހެން ޕައިލެޓުން އެތައް ފަހަރަކު ކުރިމަތިލައިގެން ވެސް ކުރިއަށް ނުދެވި އެބަތިއްބެވެ. ރާއްޖޭގައި ކޮމާންޑް ޕޮޒިޝަންގައި މަސައްކަތް ކުރާ ތިބީ ދިވެހި ތިން އަންހެނުން ޕައިލެޓުންނެވެ.

ނަތާޝާ ބުނިގޮތުގައި އޭނާ ކައިވެނިކުރުމާ އެކު ދަރިއެއް ހޯދުމަށް އާއިލާގެ ތެރެއިން ބާރުއެޅުމުގެ އިތުރުން، ކުއްޖަކު ލިބުމާ އެކު ދެން އޭނާގެ އެވިއޭޝަން ކެރިއަރު "ތި ނިމުނީ" ކަމަށް މީހުން ބުނަމުންދިޔަ އެވެ. ނަމަވެސް، އޭނާ ސާބިތު ކޮށްދެނީ އާއިލާއެއް ބިނާކުރަމުން ވެސް، ގަދައަޅާ މަސައްކަތް ކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ހާސިލް ކުރެވިދާނެ ކަމެވެ.

ހުރިހާ ވެސް ފަހުރަކީ ދަރިފުޅު

ފާތިމަތު ނަތާޝާ ލަތީފް އޭނާގެ ދަރިފުޅާ އެކު

ނަތާޝާއަށް އޭނާގެ ކެރިއަރުގެ ކުރިއެރުންތަކަށް ވުރެ ވެސް ބޮޑު ފަހުރަކީ އޭނާގެ ދަރިފުޅެވެ. ދަރިއެއް ހޯދުމަށް ފަހު އެނބުރި މަސައްކަތަށް ނުކުތުމަކީ ރާއްޖޭގައި އަންހެނުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި ވަކިން ހާއްސަކޮށް އޭވިއޭޝަންގައި އުޅޭ އަންހެނުންނަށް އެ ގޮންޖެހުން ބޮޑެވެ.

ނަތާޝާ ގަބޫލުކުރާ ގޮތުގައި ވޯކް-ލައިފް ބެލެންސް އެއީ މުހިއްމު ކަމެކެވެ. މިފަހުން އޭނާ ވަނީ މީގެ ކުރިން އޭނާ ނުކުރާ އާ މަސައްކަތެއް ހޮބީއެއްގެ ގޮތުގައި ފަށާފަ އެވެ. އޭނާ ވަޒީފާއާ މެދު ސީރިއަސް ނުވަނީއެއް ނޫނެވެ. އެކަމަކު މީހާ ހަމައަކަށް އެޅެން، ވަޒީފާއަށާއި އާއިލާއަށް ވަގުތު ދިނުމުގެ އިތުރުން، އަމިއްލަ ނަފްސަށް ވެސް ވަގުތު ހޯދަން ޖެހެ އެވެ. ނަތާޝާ އެގޮތުން ކުރާ ކަމަކީ ދަރިފުޅާ އެކު ކުރެހުމެވެ.

ނަތާޝާ އޭނާގެ ފިރިމީހާ އަދި ދަރިފުޅާ އެކު

އެކްރިލިކް ކުލައިން ކެންވާސްގައި އޭނާ ފުރަތަމަ ކުލަޖައްސަނީ ދަރިފުޅު ލައްވަ އެވެ. އުމުރުން 5 އަހަރުގެ އާލީ އަހުމަދު އަނިލް ހުސް ކެންވަސްއެއްގައި ކުލަޖެއްސުމުން ނަތާޝާ އޭތި އިތުރަށް ފުރިހަމަ ކުރަނީ އެވެ.

"މިއީ ވަރަށް ބޮޑަށް މީހާ ހަމަޖެހޭ ކަމެއް،" ނަތާޝާ އޭނާ ހިތް އުފާވާ އެ މަސައްކަތާ ގުޅޭ ގޮތުން ބުންޏެވެ.

ފާތިމަތު ނަތާޝާ ލަތީފް 

ނަތާޝާ ބުނިގޮތުގައި އޭނާ އެންމެ އުފާވި އެއް ދުވަހަކީ، އޭނާ ދުއްވި ބޯޓެއްގެ ކޮކްޕިޓަށް ބައްޕަ ޒިޔާރަތްކޮށް ވާހަކަ ދެއްކި ދުވަހެވެ. މިހާ ހިސާބަށް އައުމުގައި ފިރިމީހާ އަހުމަދު އަނީލް ދޭ ހިތްވަރާއި އެއްބާރުލުން އޭނާ ފާހަގަ ކުރެ އެވެ. ނަތާޝާ ބުނި ގޮތުގައި އޭނާގެ އިންސްޕިރޭޝަން އަކީ މަންމަ އެވެ. އަދި ހިތްވަރު ލިބެނީ ކޮއްކޮގެ ކިބައިންނެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން މެސެޖެއް ދޭ ނަމަ ނަތާޝާގެ ވާހަކައަކީ މި އެވެ: "ކުރިއަށް ދެވެނީ އެ މީހެއްގެ ޕެޝަން ހޯދީމަ. އެއްވެސް ވަޒީފާ އަކީ އޭގައި ބުރަތަކެއް ނެތް ކަމެއް ނޫން. ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއް.

އެއާ އެއްވަރަށް މީހާ ނަފްސާނީ ގޮތުން ދުޅަހެޔޮވުން އެއީ މުހިއްމު ކަމެއް. ބްރޭކެއް ބޭނުން ނަމަ އެ ބްރޭކް ވެސް ނަގަންވީ. އަމިއްލަ ނަފްސަށް ވަގުތު ދޭންވީ." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް