އިބްރާހިމް ސުޖާއު: އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ ރަށުގައި ފޯނުން، މިހާރު ޕްރޮޑަކްޝަން ކުންފުންޏެއްގައި ފިލްމީ މަންޒަރުތައް ނެގުމުގައި
ސުޖާއުގެ ހުނަރުވެރި ނަޒަރުން ދައްކައިދެނީ ރާއްޖޭގެ ޗާލުކަން
އިބްރާހިމް ސުޖާއު ދުނިޔެއަށް ބުނަން އޮތް ބަހެއް، ދޭހަކޮށްދޭން ބޭނުންވާ މާނައެއް ނަމަ ފޯރުކޮށްދެނީ އޭނާގެ ފްރޭމަށް ސެޓުކޮށްލާ ޗާލު 'ވާހަކަތަކުން'ނެވެ. އޭނާ އަކީ އިންސްޓަގްރާމްގެ 'ރާއްޖެތެރެ' އެކައުންޓުން ފެންނަ ހިތްގައިމު، އުފާވެރި މަންޒަރުތައް ހަމަލޮލުން ދެކި، ފޮޓޯ ނަގާ މާހިރެވެ.
އުމުރުން 13 ވަރަކަށް އަހަރުގައި ފޯނަކުން ފޮޓޯ ނަގަން ފެށި ސުޖާއުގެ އަމާޒަކީ ރާއްޖޭގެ ސަގާފަތާއި ތާރީހު އެކަމުގައި ލާމެހިފައި އޮތް އަމާޒަކެވެ.
ހިތްގައިމު ފޮޓޯތަކަކުން ދިވެހިންގެ ދިރިއުޅުން
'ރާއްޖެތެރެ' އެކައުންޓުން ގިނައިން ފެންނަނީ ސުޖާއުގެ އުފަން ރަށް ނ. ޅޮހީގެ ފޮޓޯތަކެވެ. ބަލާ މީހަކަށް އެއްވެސް ތަކުލީފަކާ ނުލާ އެ މަންޒަރުތަކުން ފެންނަ އިހުސާސްތަކާއި ހިތް ގުޅުވާލެވޭ ފަދަ، ލޮލަށް އަރާމު ފޮޓޯތަކެކެވެ. ކުޑަކުދިން ރަށުތެރޭ ބައިސްކަލު ދުއްވާ، ކުޅެ މަޖާކުރާ މަންޒަރުތަކެވެ. ހަވީރު ފިންޏަށް ރަށު ރައްޔިތުން ނުކުމެ އަރާމުކޮށް، އަނގަތަޅާލަން ތިބޭ ތަނެވެ. ދިވެހިންގެ ވައްޓަފާޅި އާއި ގުޅުން ފުރިހަމައަށް ދައްކުވައިދޭ ތަސްވީރުތަކެވެ.
ސުޖާއު ގްރޭޑް 7ގައި ކިޔަވަމުން އޭނާގެ ޝައުގު ކުރިއަރުވަން ފެށީ ފޯނުގެ ކެމެރާއިންނެވެ. އަސްލު ކެމެރާއެއްގެ އުއްމީދުގައި ހުރި ސުޖާއުއަށް އެންމެ ފަހުން ކެމެރާއެއް އަތުޖެހުނު ނަމަވެސް، އެއީ އެ ރަށު ޖަމްއިއްޔާއެއްގެ މިލްކެކެވެ. ސުޖާއުއަށް އެ ކެމެރާ ހިފައިގެން ބޭނުންހާ އިރަކު އުޅެވެން ނެތުމުން، އުކުޅަކަށް ހެދީ ރަށު ތެރެއިން އޭނާ ފޮޓޯ ނަގަން ބޭނުންވާ ތަންތަން ފުރަތަމަ ދިރާސާ ކުރުމެވެ. ނަގާނެ ފޮޓޯގެ ފްރޭމް ކެމެރާާއާ ނުލާ ސެޓުކޮށްލަނީ ކަމަށް ސުޖާއު ބުންޏެވެ.
"ސްޓޯރީއެއް ގެނެވޭތޯ ބަލަނީ. ގިނަ ފޮޓޯތައް ނަގަން ބަލާފައި ހުންނާނީ ކެމެރާ ހިފައިގެން ނުކުމެފައެއް ނޫން. މިސާލަކަށް، ކޮންމެވެސް ގޯޅިގަނޑެއްގައި ކުޅޭނެ ވަކި ގަޑިއެއްގައި. ދެން އެ ތަނަށް ގޮސް ބަލަނީ އެންމެ ރީތި ލައިޓު އެޅިފައި އޮންނަ ގަޑި. ބަލާފައި މަޑުކުރަނީ އެމީހުން އަންނަންދެން. ގިނައިން އެހެން ނަގާފައި ހުންނާނީ،" ސުޖާއު، 24، ކިޔައިދިނެވެ.
"ކުޑަ އިރުއްސުރެން ވެސް ބޭނުންވީ ފޮޓޯ ނަގަން، އެއީ ޕެޝަން އަކީ. ޕޯޓްރެއިޓް، ވެޑިން ފޮޓޯ ކަހަލަ އެއްޗެހި އެހާ ނަގާ ހިތެއް ނުވޭ، އެކަމަކު އެކަން ވެސް ކުރަން ލާރި ހޯދަން. ބޮޑަށް ބަލަނީ ކޮންމެވެސް ސްޓޯރީއެއް ނަގަން."
ހުނަރު ފާހަގަވެ، ވީޑިއޯގްރަފީގެ ފުރުސަތު
އަތޮޅުތެރޭ ރަށްރަށުގެ ނަލަ މަންޒަރުތައް ނަގަމުން އައި ސުޖާއު މާލެ ބަދަލުވެ، ވީޑިއޯ ޕްރޮޑަކްޝަން ކުންފުންޏަކާ ގުޅުނެވެ. ސްލޯޓޭޕް ކުންފުނިން މައިގަނޑުގޮތެއްގައި ހަދަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި އެކްސްޓްރީމް ސްޕޯޓްސްގެ ވީޑިއޯތަކާއި ޑޮކިއުމެންޓަރީތަކެވެ. ސުޖާއު އިވެންޓުތައް ވީޑިއޯކުރުމުގައި އުޅެނިކޮށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތް ދޫކޮށްލާފައި ޖެހުނީ އެނބުރި ރަށަށް ފުރާށެވެ.
"ރަށުގައި ހުއްޓާ އެއްކާފް ސްޓޫޑިއޯ އިން އެޕްރޯޗް ކުރީ އަހަރެންގެ ފޮޓޯތައް ފެނިގެން، އެކޮޅަށް ގެންދަންވެގެން. ކޮވިޑް ތެރެ އެއީ އެއިރު ވެސް. ދެން މާލެ އައިމަ އެމީހުން މަ ފޮނުވާލީ މާސްކޭ ކައިރިއަަށް،" ވީޑިއޯގްރަފީގެ ފުރަތަމަ ތަމްރީން ލިބުނު ގޮތް ސުޖާއު ކިޔައިދިނެވެ.
ޝިވާޒު އަބްދުﷲ ނުވަަތަ މާސްކޭ އަކީ ހުނަރުވެރި، އޭނާ ކުރާ ކަމުގެ ބޮންތީގައި އުޅޭ މީހެއްކަމާ މެދު ޝައްކެއް ނެތެވެ. އެ ދަނޑިވަޅުގައި ޝިވާޒު ޝޫޓުކުރަމުން އައީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސިލްސިލާއެކެވެ. ސުޖާއުއަށް އަމަލީގޮތުން ފިލްމް ވީޑިއޯގްރަފީގެ މަސައްކަތް ބަލާލަން ލިބުނު ފުރަތަމަ ފަހަރު، އޭނާ ހީނުކޮށް ހުއްޓާ ލިބުނީ އެ ސިލްސިލާގެ އެޕިސޯޑުތަކެއް ނެގުމުގެ ފުރުސަތެވެ. އެކަމުގެ ތެރެއަށް އޭނާގެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހުނު ވަގުތު އައިސް ބޯމަތިވީ ކުއްލި ގޮތަކަށެވެ.
"ޔޫއްޕެގެ ސީރީސް ނަގަން ލިބުނީ މާސްކޭ އެ ދުވަހު ނައިމަ. ދެން ޔޫއްޕެ ބުނީ މަގޭ ކައިރީގަ ނަގާށޯ، މަށޯ ނަގަންޖެހޭނީ. ޔޫއްޕެ ބުނީ ވާނޭ އެކަން. އަނެއްކާ އެ ސީރީސް ނުނިންމިގެން ލަސްވެފައި އޮތީ ވެސް. ދެން ނެގީ، އޭތި ސަޅިވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތި. އެކަމަކު މީހުންނަށް ސަޅިވި އޭތި، ޔޫއްޕެ ވެސް ބުނި އިތުރު މަސައްކަތް ވެސް ކުރަން،" ސުޖާއު ކިޔައިދިނެވެ.
ނަމަވެސް އެފަހަރުގެ މަސައްކަތަކީ އެ ސިލްސިލާ ޝޫޓުކުރާ އަސްލު މީހާ ނެތުމުން ސުޖާއު ނެގި އެންމެ ދެތިން އެޕިސޯޑެވެ. ކަމާކަންފަށާ އޭނާގެ ފަންނުވެރިކަމާއި އަމިއްލަވަންތަ ހުނަރު ބޭނުންކޮށްގެން ސުޖާއު ފުރަތަމަ ޝޫޓުކުރީ 'ޤަރީނާ' އެވެ.
'ޤަރީނާ'ގެ ފުރަތަމަ ދުވަސް: ބިރުން ތުރުތުރުއެޅި
އެއްކާފުން މީޑީއާނެޓުގެ ވީޑިއޯ ކްލަބަށް ޕްރޮޑިއުސްކުރާ އާ ސިލްސިލާ 'ޤަރީނާ' ޝޫޓުކުރުމުގެ ފުރުސަތު ލިބުމުން ފުރަތަމަ ވެސް ސުޖާއުގެ ހިތުގައި އުފެދެން ފެށީ އަމިއްލަ މީހާއާ މެދު ޝައްކެވެ. އެކަން ނުވާނެކަމުގެ ވިހަ ހިޔާލުތަކެވެ. އެ ވިހަކަން އޭނާގެ ސިކުނޑި ތެރެއަށް ތޮރުފާލާފައި އޮއްވާ އިތުރަށް ފުނަށް ދާން މަގުފަހިވި ކަމަކީ ޝޫޓުކުރުމަށް މުޅިން މެނުއަލް ކެމެރާއެއް ބޭނުންކުރަން ޖެހުމެވެ. އެއީ 'ބްލެކް މެޖިކް' ކެމެރާއެކެވެ. އެއީ ފިލްމު ނެގުމަށް އެންމެ ކަމުދާ ބްރޭންޑް ކަމަށް ގިނަ މާހިރުން ގަބޫލުކުރެ އެވެ. ނަމަވެސް، އެ ކެމެރާއިން ޝޫޓުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.
"އެންމެ ފުރަތަމަ ޝޫޓުކުރި ސީންގެ ވެސް ޖެހުނު 10 ޓޭކު ނަގަން. ކޮންމެވެސް ކަމެއް ބޮއްސުންލާ ކޮންމެ ބުރެއްގައި ވެސް. އެކަމާ ހެދި ހިޔާލު ވެސް ތަފާތުވި ޕްރޮޑަކްޝަން ޓީމާއި ޑައިރެކްޓަރާ ވެސް، އެހެން ކެމެރާއެއް ބޭނުންކުރަން. އެކަމަކު އެންމެ ފަހުން ނިންމީ ހަމަ ބްލެކް މެޖިކްގައޭ ނަގާނީ،" ސުޖާއު ކިޔައިދިނެވެ.
"އެންމެ ފުރަތަމަ ދުވަހު ނެތް ނުވާ ކަމެއް. ތުރުތުރުއަޅައި ބިރުގެންފައި [ހުރީ]. ނަގަނީ ފިލްމު ކުޅޭ ރަނގަޅު މީހަކާއި މިކަމުގެ ތެރޭގައި އެތައް ދުވަހެއް އުޅުނު ޑައިރެކްޓަރަކާ އެކީގައި. ވަރަށް ޕްރެޝަރުގައި މަ އުޅުނީ ފުރަތަމަ ދުވަހު."
ކަމެއް ފެށުމުގެ ކުރިން، ސުޖާއުއަަށް ވީފަދައިން، ބައެއް ފަހަރު ހިތް ގެބިގެންދާ ޝައްކާއި ނުތަނަވަސްކަމަކީ އެކަން އެންމެ ފުރިހަމައަށް ކުރުމަށް ބޮލުގައި އޮތް ތަސައްވުރުން އުފަންވާ، މަލަމަތިން ނައްސި ކަމެއް ކަމަށް ހީވިޔަސް، ކުރާ ކަމަށް އޮތް ސަމާލުކަމާއި ލޯބީގެ ސަބަބުން ކުރިފަޅާ އިހުސާސްތަކެއް ކަމަށް އަހަރެން ގަބޫލުކުރަމެވެ. ކަން ކުރާ މަރުހަލާގެ ތެރެއިން އެއްވެސް ކަމެއް ބޮއްސުންލައިގެން ދާން ބޭނުންނުވާ ވަރުން އަމިއްލަ ނަފްސުގެ މައްޗަށް ކެތްނުކުރެވޭ ވަރުގެ ޕްރެޝަރެއް ކުރެވެ އެވެ. ކޮންމެހެން ކަން ކުރަން ޖެހިލުންވުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ހުނަރާ މެދު ކުއްލިއަކަށް އުފެދޭ ޝައްކުން ދިރުންދޭ ފިއްތުމެކެވެ. ކަމެއް ކުރަން އެންމެ ފުރަތަމަ ހިފާލާ ފަހަރުގައި އެކަމެއް ކުރެވޭނީ ތިމާގެ ހުނަރު ތަންދޭ ވަރުން އެންމެ ފުރިހަމައަށެވެ. ސުޖާއުގެ ހިތުގައި އުފެދުނު ޝައްކަށް ލުޔެއް ލިބުނީ އޭނާއަށް މިކަން ރޭކާލުމުންނެވެ.
'ޤަރީނާ' ސިލްސިލާގެ ޓީޒާ މިދިޔަ ހަފްތާގައި ރިލީޒްކުރި އިރު ދައްކާލި މޮޅު މަންޒަރުތައް، ސުޖާއު އޭނާގެ ޝައްކު އެންމެ ފަހުން ގަތުލުކުރި ކަމަށް ހެކިވެ އެވެ. އޭނާ ކިޔައިދިންގޮތުގައި، އެކަން ހާސިލުކުރީ ޝޫޓުކުރަން ފެށުމުގެ ކުރިން ކޮންމެ ރެއަކު ސްޓޫޑިއޯގައި ކެމެރާ ހިފައިގެން އެކި އުކުޅުތައް ފަރިތަކޮށްގެންނެވެ. އަމިއްލަ މީހާގެ ހުނަރު ތަރައްގީކުރަން އޮންނަ ފުން އެދުމަކީ ތިމާ ނޫނީ އެހެން އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ސުޖާއުގެ ހީވާގި މަސައްކަތުން އެ އޮތީ އޭނާގެ ކުރިއެރުން ސާފުކޮށް ދައްކާފަ އެވެ.
އެންމެ ބޮޑު އަމާޒު: އިހުގެ ވައްޓަފާޅި އާއި ސަގާފަތް ޑޮކިއުމެންޓްކުރުން
"މިކަން (ފޮޓޯގްރަފީ) އެންމެ ފުރަތަމަ ފެށި އިރުންސުރެން ވެސް މަގޭ އޮތް އެންމެ ބޮޑު އަމާޒަކީ އާސާރީ ވައްޓަފާޅިތައް ދައްކުވައިދޭ ސެޓުތަކާއި އެއްޗެހި ހަދާ، އެއިރު ލާ އުޅުނު ހެދުންތައް ވެސް ފަރުމާކޮށް ހަދައިގެން، ބޯދާ ޒަމާނުގެ މަންޒަރުތައް ފޮޓޯ ނެގުން. ކުރީގެ ލައިފްސްޓައިލް ދައްކަން. އެކަމަކު ފަހުން ހިތަށް އެރީ ވީޑިއޯއެއް، ޑޮކިއުމެންޓަރީއެއް މާ ސަޅިވާނޭ،" ސުޖާއު އޭނާގެ ހިތުގައި އެންމެ ފުންކޮށް ބިންވަޅުނެގިފައި އޮތް އަމާޒު ކިޔައިދިނެވެ.
އާސާރީ ދިރިއުޅުމުގެ އަސްލު ދައްކުވައިދޭން، އިހު ޒަމާނުގެ ފޭރާންތަކާއި ވައްޓަފާޅި އާއި ސަގާފަތް ނަކަލުކޮށް ސެޓުތައް ހެދޭނީ ދިރާސާތަކެއް ކޮށްގެންނެވެ. ނަމަވެސް، އެއީ ސުޖާއުއަށް މާ އުނދަގޫ ކަމަކަށް ނުވާނެ ކަމުގެ އެެއް ހެއްކަކީ، ދިވެހި ސަގާފަތަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ. އޭނާގެ ބޮޑުބެރު ޖެހުން މިސާލަކަށް ފުދެ އެވެ.
ޅޮހީގައި އުފެދުނު އެކަތި ބޮޑުބެރު ގްރޫޕަކީ ސުޖާއު އިސް އެކަކަށް ހުރެގެން އުފެއްދި ގްރޫޕެކެވެ. ވީޑިއޯގްރަފީގެ މަސައްކަތް ފަށައިގަތުމުގެ ކުރިން އޭނާ އުޅުނީ ފޮޓޯގްރަފީ އާއި ބޮޑުބެރު ޖެހުމުގަ އެވެ.
އެކަތި ގްރޫޕުގައި ބެރު ޖަހަން އެތައް ދުވަހެއް ވަންދެން އުޅެފައި، އެތައް އަހަރަކު އެތައް ރަށެއްގެ އީދު ކުޅިވަރުތަކުގެ އުފަލާއި މަޖާ އެހެން ހަރުފަތަކަށް ފޮނުވާލަން ބެރު ޖަހަން އުޅުމަށް ފަހު އޭނާ ހަވާލުވީ އެ ގްރޫޕުގެ މާކެޓިން މަސައްކަތްތަކާ އެވެ.
"ބޮޑުބެރު ޖެހުމުގައި އުޅޭތީ ވަރަށް ބޭނުންވޭ އެންމެ ކުރީގައި އެ ކަންތައް ކުރި ގޮތާއި މިހާރު އަހަރެމެން ކުރާ ގޮތް ދައްކާލަން ޑޮކިއުމެންޓަރީ ސްޓައިލަށް،" ސުޖާއު ބުންޏެވެ.
ތަސައްވުރު ކިތަންމެ ސާފުވިޔަސް، ކުރަން ޖެހޭ ކަންކަމުގެ ތަފްސީލްތައް އެނގުނަސް، ސުޖާއު ބުނިގޮތުގައި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމަކީ އޮތް އެންމެ ބޮޑު ހުރަހެވެ. އާސާރީ ދިރިއުޅުން ނަކަލުކުރަން ބޭނުންވާ މައުލޫމާތު ދިރާސާކޮށް، ބޭނުންވާ ފެންވަރަށް ސެޓުތައް ހެދުމަކީ ވަރަށް ބޮޑު ބަޖެޓެއް ހަމަގަައިމު ވެސް ހޯދަން ޖެހޭނެ ކަމެކެވެ.
ނަމަވެސް ސުޖާއުގެ ހިތުގައި އޮތީ ގޮންޖެހުން ބޮޑަސް އެކަން ހާސިލްކުރުމުގެ އަޒުމެވެ.
ކޮމެންޓް (4)
ޖުންދުމް
ޒޭބާ
ޒުފަރީން
ޅޮހި