ޝިވާޒް ނުވަތަ މަޝްހޫރު ނަމުން ނަމަ މާސްކޭ ފިލްމު 'ހާދަރު'ގެ ޝޫޓިންއެއްގައި
މާސްކޭގެ ހުނަރަކީ އަޒުމެއްގެ ރީތި ވާހަކައެއް
މުހިންމު ނުކުތާތައް
ފިލްމީ ދާއިރާގައި މީހުން ބަލައިގަންނަ ފެންވަރުގެ ކެމެރާމަނަކަށް އޭނާ ވީ ބުރަ މަސައްކަތުން
މިހާރު މާސްކޭއަކީ އެންމެ ޑިމާންޑް ބޮޑު އަދި އަމިއްލަ ސްޓޫޑިއޯއެއްގެ ވެރިއެއް
ދިވެހި ލަވައިގެ ރަން ޒަމާނުގައި އަމަލީ ގޮތުން އޭގެ ތެރޭގައި އުޅެ، ރައްޓެހިން ހޯދި
"ދިވެހި ފިލްމީ ދާއިރާގައި މަސައްކަތެއްކުރާ ނަމަ އެންމެން ވެސް ނަގާކިޔާ އަދި ވަރަށް އިހުތިރާމުކުރާ ލިސްޓެއް އޮންނާނެ. އެއީ ދަބަޅޭ، ކަނޑި، ކޮކޯހަސަން، ހުސެން މުނައްވަރު އަދި ގޮޅާ އައްޔަ. މިއީ ފިލްމީ މަސައްކަތެއް ކުރާ ނަމަ އަބަދުވެސް އެންމެން ވެސް ނަގާކިޔާ ލިސްޓު. މިއީ ހުސް ކެމެރާމަނުން. އެކަމަށް އެންމެ މޮޅު، އެންމެ މަޝްހޫރު މީހުން،" ސްޓޫޑިއޯގައި ލައިޓު ހަދައި، ކެމެރާ ސެޓުކޮށް ޕިންމައިކް ހަރުކޮށްގެން އައިސް ޝިވާޒު އަބްދުﷲ ފަށައިގަތެވެ.
ފިލްމީ ދާއިރާގައި އޭނާ އަބަދުވެސް ބެލި އެންމެ ބޮޑު ހުވަފެން ކުލަކޮށް ކިޔައިދެމުންނެވެ. އަދި އެ ހުވަފެނަށް ނޭވާލަމުންނެވެ.
"އަޅުގަނޑު އަބަދުވެސް ބޭނުންވީ އެގޮތަށް، އެ ނަންތައް ފާހަގަކޮށް ކިޔާއިރު އެ ލިސްޓުގައި އަޅުގަނޑުގެ ނަން ވެސް ހިމެނެން. އެހެންވީމަ މަސައްކަތުން ލިބުނު އަގަށް ވުރެން އަބަދުވެސް އަޅުގަނޑަށް މުހިންމުވީ އެ ލިބުނު ފުރުސަތު އަދި ލިބުނު ތަޖުރިބާ އާއި ފިލާވަޅު."
މިއީ މިހާރު އޭގެ 15 ވަރަކަށް އަހަރު ފަހެވެ. ފިލްމީ ދާއިރާގައި ނުލިބުނު ފުރުސަތު ނުވަތަ ބަޔަކު މީހުން ނުދޭން އުޅުނު ފުރުސަތު އެންމެ ފަހުން އަމިއްލަ ބުރަ މަސައްކަތާއި ހިތްވަރުން ހޯދައިގެން، ފަސްއެނބުރި ބެލުމެއް ނެތް ދަތުރަކަށް ރިޔާކޮށައި ޝިވާޒު މިއަދު މި ހިސާބަށް އައިސް މި ވާހަކައެއް ކިޔައިދޭއިރު، ތަޖުރިބާ އާއި ހުނަރާއި ޝަރަފުގައި އޭނާ އެ ވަނީ ފިލްމީ ދާއިރާގެ ބޮންތިއަށް އަރައިފަ އެވެ. ހަގީގަތުގައި މިއަދު އޭނާ އެހެރީ އެ ދުވަހު ކަނޑައެޅި އަމާޒަށް ވުރެ ވެސް މާ މަތީގަ އެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށް އޭރުވީ ނަގާކިޔާ ކެމެރާމަނުންގެ ލިސްޓުގައި ހިމެނެން،" މާސްކޭގެ ނަމުން މުޅި ފިލްމީ ދާއިރާއަށް މަޝްހޫރުވެފައިވާ ހުނަރުވެރިޔާ އަނެއްކާވެސް ތަކުރާރުކޮށް ބުނެލި އެވެ.
އެކަމަކު މިއަދު އޭނާއަކީ ހަމައެކަނި އެ ލިސްޓަށް ނިސްބަތްވާ ކުޅަދާނަ ކެމެރާމަނެއް ނޫނެވެ. އޭނާއަކީ ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ޑިމާންޑްބޮޑު އެއް ކެމެރާމަން ވެސް މެއެވެ. އޭގެ އިތުރުން މުޅި ފިލްމީ ދާއިރާ ތަމްސީލުކުރާ ރަސްމީ ޖަމިއްޔާ، މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ރައީސަކީ ވެސް އޭނާ އެވެ.
އެހެންކަމުން ޝިވާޒުގެ 'މާސްކު' ނަގައި ކިޔައިދޭ ނަމަ މިއީ ހަގީގަތުގައި ވެސް ދިވެހި ފިލްމީ ދާއިރާއިން ކިޔާލަން ލިބޭނެ އެންމެ އިންސްޕަޔަރިން އެއް ވާހަކަ އެވެ. ޔަގީނަށް ވެސް އޭނާ އަދި 'ޝޫޓުނުކުރާ' ވަރުގެ ފިލްމެކެވެ.
ޝިވާޒަކީ އޭނާގެ މަސައްކަތަށް ފިލްމީ ދާއިރާގައި އެއްވެސް އިރަކު ހަމަ އަގު ލިބުނު ހުނަރުވެރިއެއް ނޫނެވެ. ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ބަލައިގަތް 'މީހެއް' ވެސް ނޫނެވެ. އެމީހުންގެ ތެރެއިން ފުރުސަތު ދޭން ބޭނުންވި ޒުވާނެއް ވެސް ނޫނެވެ.
"އަޅުގަނޑު މިހާރު ވެސް އެންމެ ހަނދާންވާ އެއް ތަޖުރިބާއަކީ މިއީ، ފިލްމީ ދާއިރާގެ ވަރަށް މަޝްހޫރު ޕްރޮޑިއުސަރަކު އަޅުގަނޑު ލައްވައި ވީޑިއޯ ލަވައެއް ޝޫޓްކުރުވީމަ ތިން ދުވަހުގެ އެ މަސައްކަތަށް ކީ 500ރ. އަގެއް. ދެން އަގު ދޭން އައިސް އެ ޕްރޮޑިއުސަރު މި ބުނަނީ ކަލެއަށް 500ރ. ވެސް ބޮޑޭ،" ޝިވާޒު ކިޔައިދިނެވެ.
"ތިން ދުވަހުގެ ޝޫޓިންއަކަށް ވިޔަސް އެއީ މާ ބޮޑު އަދަދެކޭ. އެހެންކިޔާފައި ޕްރޮޑިއުސަރު އަޅުގަނޑަށް ދިނީ 200ރ. ދިނީމަ އެ ދުވަހު ވެސް އަޅުގަނޑު އެއްވެސް ޝަކުވާއެއް ނުކުރަން. އެ ހިފައިގެން ދިޔައީ."
އެހެންވީމަ މިހައި ހިސާބުން 'މާސްކޭ'ގެ މި ފިލްމުގެ އެންމެ ކުރިއަށް ޖެހިލަމާ ހިނގާށެވެ. އެކަމަކު އެއީ ފިލްމީ ޒަމާނެއް ނޫނެވެ. އެއީ ދިވެހި ލަވައިގެ ރަން ޒަމާނެވެ. ވަކިން ހާއްސަކޮށް ލަވަރޯލުގެ ރަން ޒަމާނެވެ.
ލަވައިގެ ދުނިޔެއެއްގައި
ޝިވާޒު ނިސްބަތް ވަނީ ވެސް މިއުޒިކާއި ލަވައިގެ އާއިލާއަކަށެވެ. މާލެ އަށް މަޝްހޫރު 'ބެރުގެ' އެވެ. އެ ފުރާޅު ދަށަށް ނިސްބަތްވާ އަޑުތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމަކަށް ވާނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ޝަފީގާ ނުވަތަ މިހާރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ މަންމަ އެވެ. އެއީ ޝިވާޒުގެ ބޮޑުދައިތައެކެވެ.
'ބެރުގެ' އިން ހުނަރުވެރި ލަވަކިޔުންތެރިންތަކެއް އުފެއްދިއިރު ޝިވާޒު އުޅެ ބޮޑުވީ 'ދިވެހި ލަވައިގެ' އެ ކުލަ ދުނިޔޭގަ އެވެ.
"އެހެން އުޅެނިކޮށް އަލަށް ވެސް ވީޑިއޯ ކެމެރާއެއް ފެނުނު ދުވަހަކީ އަދި ޝޫޓިންއެއް ފެނުނީ [މަރިޔަމް] އުނޫޝާގެ ލަވައަކަށް ވީޑިއޯއެއް އުފެއްދުމުގެ މަސައްކަތެއް ކުރި ދުވަހެއްގައި،" ޝިވާޒު ކިޔައިދިނެވެ.
"އެ ދުވަހު އެ ޝޫޓިން ބަލަން ގޮސް ދުރުގައި މަޑުކޮށްލައިގެން ހުރި ހަނދާން އެއީ މިހާރު ވެސް ހާއްސަ ހަނދާނެއް. އެމީހުން ލައިޓް ހަދައި ޝޫޓިންގައި އުޅުނު ގޮތް ބަލަން ދުރުގައި ހުރެވުނީ ވަރަށް ޝައުގުވެރިވެފައި."
ނަމަވެސް ވީޑިއޯ ޝޫޓިންއެއްގެ އެއްވެސް ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތެއް އޭނާއަކަށް އެންމެ ފުރަތަމަ ނުލިބެ އެވެ. އަނެއްކޮޅުން ވީޑިއޯ ކެމެރާއަކީ ކޮން އެއްޗެއްކަން ރަނގަޅަކަށް ނުވެސް އެނގެ އެވެ. އެކަމަކު ލަވަ ރޯލުގެ ދުނިޔޭގައި އޭރު ވެސް ޝިވާޒަށް ނޭނގޭ ކަމެއް ނެތެވެ. ނޭނގޭ ލަވައެއް ވެސް ނެތެވެ.
"ގެ ކައިރީގައި އޭރު ހުންނާނެ މިއުޒިކްކެއާ ކިޔާ ލަވަރޯލު ވިއްކާ ފިހާރައެއް. ސްކޫލުން އަންނަ ގޮތަށް ދަބަސްގަނޑު އެއްލައިލާފައި އަޅުގަނޑު ގޮސް ދެން އުޅޭނީ އެތަނުގައި މަންމަ އައިސް ކަންފަތުގައި ހިފައި ދަމައިގެން ގެއަށް ގެންދަންދެން. ދެން އެގޮތަށް ގޮސް އެންމެ ގިނަ ވަގުތު އޭރު ހޭދަކުރީ ޗާނދަނީ މަގުގައި ހުރި ރޯލު ވިއްކާ ފިހާރަ ޗާލީގައި،" ޝިވާޒު ކިޔައިދިނެވެ.
"އެހެން އުޅެނިކޮށް އެންމެ ފަހުން ޗާލީން ޖޮބެއް ވެސް ދީފި އެމީހުން. އޭރު މީހަކު ލަވަރޯލެއް ގަންނަން އައިސް، ލަވައިގެ ނަން ނޭނގުނަސް އެ ލަވައެއް ހަމްކޮށްލާއިރަށް އެނގޭނެ އެއީ ކޮން އަލްބަމެއްގެ ކިތައް ވަނަ ލަވަކަން ވެސް. އެހާ ވެސް ފަރިތަވާނެ ހިންދީ އަދި ދިވެހި ލަވަތަކަށް އޭރު."
އޭނާ ބުނި ގޮތުގައި "އޭރު ވެސް އަޅުގަނޑަކަށް މުސާރަ އެހާ މުހިންމެއް ނޫނެ"ވެ. ބޭނުންވީ ލަވަޖަހާލާ، ލަވަ އަޑުއަހާލާ އެކަމުގެ ތެރޭގައި އުޅޭށެވެ.
ޗާލީ ފިހާރާގައި ދެ ތިން އަހަރު އުޅުމަށް ފަހު ޝިވާޒު އޭނާގެ ލަވައިގެ ދުނިޔޭގައި އެންމެ އަޑުގަދަކޮށްލީ މާލޭގައި ހިންގި މަޝްހޫރު އޯޑިއޯމާޓުގެ ވަޒީފާއަށް ބަދަލުވި ހިސާބުންނެވެ. އެތަނުގައި ހޭދަކުރި ހައެއްކަ އަހަރަކީ އޭނާ މަޑުމަޑުން ފިލްމީ ދާއިރާއަށް ވެސް ގޮސް ވެއްދި ތަޖުރިބާ އެވެ.
"އޭރު ދެން އޯޑިއޯ މާޓުގައި އުޅުނުއިރު، ފެންނާނީ މަޝްހޫރު ކެމެރާމަން، ކޮކޯ ހަސަން ކެމެރާ ހިފައިގެން އުޅޭތަން. އެއީ އޯޑިއޯ މާޓަކީ އޭރުގެ މަޝްހޫރު ޕްރޮޑިއުސަރު އަހުމަދު ޝަކީބު (ޑޮކް) ހިންގި ތަނެއް. އޭރު އޭނާ ހިންގާނެ ވީޑިއޯ މަސައްކަތްކުރާ ސްޓޫޑިއޯއެއް ވެސް،" ޝިވާޒު ކިޔައިދިނެވެ.
"ދެން ކެމެރާތައް މިގޮތަށް ފެނި، މީހުން ވީޑިއޯކުރާތަން ފެނި އަބަދުވެސް ހުންނާނީ ކެމެރާކޮށްލާނެ ފުރުސަތެއް ބޭނުންވެފައި އޭރު. އެހެން އުޅެނިކޮށް އެންމެ ފުރަތަމަ އަޅުގަނޑު ގޮވައިގެން ވެޑިން ޕާޓީއެއްގެ ޝޫޓިންއަކަށް ދިޔައީ ކޮކޯހަސަން."
އެ ދުވަހު، ކޮކޯ ހަސަން، ލައިޓްތައް ގެންގޮސް ބަހައްޓަންވީ ތަންތަން ކިޔައިދިނުމުން އެތަންތަނުގައި ލައިޓްތައް ބަހައްޓައި ކަރަންޓް ދޭން ފެށި އެވެ. ދެން ޖެހުނީ ކުޅިބަލަން ހުންނާށެވެ.
އެހެން އުޅެނިކޮށް މީހަކު އައިސް ޝިވާޒަށް ޚަބަރު ދެނީ ޓީވީއެމް އިން އޭރު ރާވަމުން ދިޔަ ވޯކްޝޮޕެއްގެ ވާހަކަ އެވެ. އެއީ ކެމެރާ އާއި ފިލްމު ޑައިރެކްޝަން ކިޔަވައިދޭ ކުރު ކޯހެކެވެ.
"އޭރު ފިލްމީ ދާއިރާ އަދި ޓީވީއެމްގައި ވެސް އުޅުނު، ދަންނަ އެންމެން ކައިރީގައި ވެސް ކިޔަން، އަހަރެން ގެންދަބަލާށޭ ޝޫޓިންއަކަށް. ދަސްކޮށްދީބަލާށޭ ކެމެރާއާ ކުޅެން. އެކަމަކު ވަރަށް ފުރުސަތެއް ނުލިބޭނެ. ދެން ބައިވެރިވީ ޓީވީއެމްގެ މި ވޯކްޝޮޕްގައި،" ޝިވާޒް ބުންޏެވެ.
ވީޑީއޯ ކެމެރާ އާއި ކެމެރާކުރުމާ ބެހޭ ގޮތުން އޭނާ އަށް ރަސްމީ ފެންވަރެއްގައި ލިބުނު ފުރަތަމަ ތަޖުރިބާއަކީ އެއީ އެވެ. އެއަށް ފަހު ލަވަރޯލު ފިހާރައިގެ ވަޒީފާ ދޫކޮށްލާފައި އޭނާ ނުކުތީ ފުލްޓައިމްކޮށް ފިލްމީ ދާއިރާގެ މަސައްކަތަށެވެ.
ދެން އުޅުނީ އެއްޗެހި އުފުލަން
ފުރަތަމަ އުޅެން ޖެހުނީ އެއްޗެހި އުފުލާށެވެ. އެކަމަކު އެއީ އޭނާގެ ފިލްމީ ހަޔާތުގެ ދަތުރުގެ ފެށުމެވެ.
"ކުރުކޮށް ބުނާ ނަމަ، އަޅުގަނޑު އުޅުނީ ބޯއިއަކަށް. އެއްޗެހި އުފުލަން އުޅުނީ. ފިލްމެއް ނެގިޔަސް ލަވައެއް ނެގިޔަސް އެ ޝޫޓިންއަކަށް ބޭނުންވާ އެއްޗެހި އުފުލުން އޮންނާނީ މަސައްކަތަކަށް،" ޝިވާޒް ބުންޏެވެ.
"ކަރަންޓް ކޭބަލް އަޅާލަދީ، ލައިޓްތައް ބަހައްޓަން ޖެހޭ ތަންތަނުގައި ލައިޓްތައް ޖެހުން ކަހަލަ ކަންކަން އެންމެ ފުރަތަމަ ކުރީ. ދެން ޓެކްނީޝަނުންނާއި ކެމެރާމަނުން ލައިޓްހަދާތަން ބަލައިގެން ނޯޓު ނަގަމުން ގޮސް ކަންކަން އިތުރަށް ދަސްކުރަން ފެށީ."
ޝިވާޒު ބުނީ ކެމެރާމަނަށް ވުމަށް ބެލި ހުވަފެނުގައި އޭރު އޭނާއަށް ފެނުނު އެންމެ އިންސްޕަޔަރިން ހުނަރަކީ މަޝްހޫރު ކެމެރާމަން އިބްރާހިމް މޫސާ (ދަބަޅޭ) ކަމަށެވެ. އަދި ކެމެރާކުރަން ރަނގަޅަށް ދަސްނުވެ، އެ ފުރުސަތު ވެސް ނުލިބި އުޅެނިކޮށް ދަބަޅޭގެ މަސައްކަތް ގާތުން ބަލައިލުމުން ވަރަށް ބައިވަރު ކަންކަން ދަސްކުރަން ތަޖުރިބާއަކަށް ވި އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު މަސައްކަތްކުރި އެއް ޕްރޮޑަކްޝަނަކީ ފާތުމަތު ނަހުލާގެ ޔޫސުފް ފިލްމު. އެ ފިލްމުގެ ކެމެރާމަނަކީ ދަބަޅޭ. އޭނާއަކީ އޭރު ވެސް އަދި މިހާރު ވެސް އެންމެ ތަޖުރިބާކާރު އެކަކު. އެހެންވީމަ ޓާގެޓަކަށް ވީ އޭނާ ކައިރިން ދަސްކުރުން،" ޝިވާޒް ބުންޏެވެ.
ނަމަވެސް ފިލްމީ ދާއިރާގައި ކެމެރާމަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުވަފެން ވީ އެހާ ފަސޭހައިން ހާސިލުކުރެވޭވަރުގެ ކަމަކަށެއް ނޫނެވެ. ފުރުސަތު ހޯދަން އެހާ އުނދަގޫވިއިރު ޝިވާޒް ބުނީ ކިޔައިދޭން ތިބި މީހުން ވެސް އޭރު އެހާ މަދު ކަމަށެވެ. އަނެއްކޮޅުން ކަމެއް ކުރަން ނޭނގިއްޖެ ނަމަ ނުވަތަ ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އަމާޒުވި ފާޑުކިޔުމާއި ފުރައްސާރަ ވެސް ވީ ގޮންޖެހުމަކަށެވެ.
"ވަރަށް ހަނދާން ހުރޭ އަޅުގަނޑަށް ކެމެރާކުރަން ފުރުސަތު ލިބިގެން އުޅުނު ދުވަސްކޮޅު ލަންކާއަށް ގޮސް ނެގި ވީޑިއޯ ލަވަތަކެއްގެ މަސައްކަތެއް. އެ ޝޫޓިން ނިންމައިގެން އައިސް ލަވަތައް ނެރުނުއިރު ރަނގަޅަށް ފޯކަސްނުކުރެވި ހުރީ. އެއީ ވަރަށް ފާޑުކިޔުން އަމާޒުވި ކަމެއް އޭރު،" ޝިވާޒު ކިޔައިދިނެވެ.
"އެ މައްސަލަ ދިމާވެގެން އަޅުގަނޑާ ދިމާލަށް އޭރު ދިމާކުރަން ވެސް ކިޔައި އުޅުނު ފޯކަސް މާސްކޭއޭ ވެސް. ދެން ނުކުތީ ކެމެރާގަނޑު ހިފައިގެން މަޖީދީމަގަށް. މަގަށް ނުކުމެ، މަގުމަތިން ދުއްވާފައި ދާ ކާރުތަކާއި އޭގެ ފުރޮޅުތަކަށް ފޯކަސްކޮށް އެކަން އެއްކޮށް ދަސްވެ ފުރިހަމަވަންދެން ފަރިތަކުރީ."
އެއަށް ފަހު ޝިވާޒަށް ލިބުނީ އޭނާގެ ފިލްމީ މަސައްކަތުގައި އޭރު އޭނާއަށް ހުޅުވުނު އެންމެ ބޮޑު ފުރުސަތެވެ. އޭރުގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކުރި އަށް ވީޑިއޯ ލަވަ ޝޫޓްކުރުމުގެ ގޮންޖެހުމެވެ. ޓީވީއެމަށް އުފެއްދި އެ ހުރިހާ ލަވައެއް ވެސް ވީ ހިޓެވެ. ވަކިން ހާއްސަކޮށް އެންމެ ގިނަ ބަޔަކު ތައުރީފު އޮއްސި ލަވަތަކުގައި ޝިވާޒުކޮށްފައިވާ މަސައްކަތަށެވެ.
"އެއީ އަސްލު ރަނގަޅަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ. އެއީ ކެމެރާމަން ކަނޑި އަޅުގަނޑަށް ހޯދައިދިން ފުރުސަތެއް. ފައްތާހަކީ ވެސް އަޅުގަނޑުގެ މި ދަތުރުގައި ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެ ދިން މީހެއް. އަބަދުވެސް އަޅުގަނޑު ކުރިއަށް ދާން އެންމެ ބޮޑަށް ހިތްވަރުދީ ސަޕޯޓު ދިން އެކަކަކީ ވެސް ފައްތާހު،" ފިލްމީ ދާއިރާގައި ކެމެރާގެ ފުރަގަހުގައި ކޮށްފައިވާ މަސައްކަތުން ޝަރަފްވެރި ގައުމީ ފިލްމު އެވޯޑްސް ވެސް ހާސިލުކޮށްފައިވާ ޝިވާޒު ކިޔައިދިނެވެ.
އެކަމަކު މިއަދު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ފިލްމީ ދާއިރާގައި އޭނާ ހާސިލުކޮށްފައިވާ ކުރިއެރުމާއި ހަމަޖެހުމެވެ. އޭނާ އަކީ މިހާރު ފިލްމީ ދާއިރާގައި އެންމެން ވެސް ބޭނުންވާ ކެމެރާމަނެކެވެ. އަނެއްކޮޅުން ފިލްމީ މަސައްކަތްތަކާއި ކޮމާޝަލް ވީޑިއޯގްރެފީއަށް އޭނާ އުފައްދާފައިވާ 'މާސްކޭ ސްޓޫޑިއޯ' އަކީ އެފަދަ އެންމެ މަޝްހޫރު އެއް ސްޓޫޑިއޯ އެވެ.
"މިހާރު އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ސްޓޫޑިއޯގެ ނަމުގައި ފިލްމެއް ގެނެސްދިނުން. އެކަން ކުރަން އުޅޭތާ ވެސް ފުދޭވަރަކަށް ދުވަސް ވެއްޖެ. އެ މަސައްކަތް އަނެއްކާވެސް އަލުން ފަށައިގެން މި އުޅެނީ،" ޝިވާޒް ބުނެލި އެވެ.
ކޮމެންޓް (5)
ހަސަނު
ވާގިޔާ
ނީން
ލަނޑުދަނޑި
މޭން އެކޭ