ޤަރީނާއަކީ އެއްކާފްގެ ފަރާތުން ޕްރޮޑިއުސްކުރި ތުރިލާ ސިލްސިލާއެއް

މީޑިއާނެޓް

އެއްކާފްގެ އާ ތުރިލާ ސިލްސިލާ 'ޤަރީނާގެ' ޓީޒާއެއް ދައްކާލައިފި

މީޑިއާނެޓް ވީޑިއޯ ކްލަބަށް އަންނަ ގަރީނާގެ ވާހަކަ ބިނާވެފައި އޮތީ އިންވެސްޓިގޭޓިވް ޖާނަލިސްޓަކާއި ފުލުސް އޮފިސަރަކު ހިންގާ ތަހުގީގެއްގެ މައްޗަށް
17 ސެޕްޓެމްބަރު 2023

ފުރަތަމަ ނަޒަރުން ވެސް 'ޤަރީނާ'ގެ ޓީޒާ އިން ފާހަގަވި ކަމަކީ ޝޮޓުތަކުގެ ސަޅިކަމެވެ. އަވަސްއަވަހަށް ބަދަލުވަމުން ދިޔަ ކޮންމެ މަންޒަރެއްގެ ކުލަތަކާއި ސާފުކަމާއި ރީތިކަން އަސްލާ އެއްގޮތް ކުރާ މިންވަރު ވަރަށް ގާތެވެ. މީޑިއާނެޓް ވީޑިއޯ ކްލަބަށް އެއްކާފް ޕްރޮޑިއުސް ކުރި ތުރިލާ 'ޤަރީނާ'ގެ ފުރަތަމަ ނަޒަރުން އެނގުނީ ކްރައިމް ތުރިލާ ސީރީސް ބަލަން ޝައުގުވެރިވާ މީހުން އެ ސިލްސިލާ ނެރޭ ދުވަހަށް އެދިއެދި ތިބޭނެ ކަމެވެ.

'ހުޅުދާން' ފިލްމުން 2014ގައި ރާއްޖޭގެ ފިލްމީ ދާއިރާއަށް ތައާރަަފްވި މަރިޔަމް މަޖުދާ އާއި ދިވެހި ފިލްމު ބަލާ އެކަކަށް ވެސް ބީރައްޓެހި މޫނަކަށް ނުވާނެ މުހައްމަދު ފައިސަލް ލީޑު ރޯލުގައި ފެންނަ 'ޤަރީނާ' ބިނާވެފައި އޮތީ ފަސް އަހަރުގެ ކުޑަ ކުއްޖެއްގެ މަރުގެ މައްސަލައިގެ ތަހުގީގަށެވެ. އެ ވާހަކައިގެ، އަދި ސީރީސް އުފެއްދުމުގައި ޝާމިލްވި މީހުންނާ ބެހޭ ކުޑަ މައުލޫމާތު ކޮޅެއް އެއްކާފްގެ ސީއީއޯ އަހުމަދު ރުޝްދީ 'ދައުރު'އަށް ހިއްސާކުރި އެވެ. 

'ޤަރީނާ'ގެ ވާހަކަ އާއި ޕްރޮޑަކްޝަން

މަޖުދާ ކުޅޭ ކެރެކްޓާ ޝިމްލާއަކީ އިންވެސްޓިގޭޓިވް ޖާނަލިސްޓެކެވެ. ފައިސަލް ކުޅެނީ ޕޮލިސް އިންވެސްޓިގޭޓިވް އޮފިސަރު ރިލްވާންގެ ރޯލެވެ. 

'ޤަރީނާ'ގެ ވާހަކަ ފަށާއިރު ފަސް އަހަރުގެ ކުޑަ ކުއްޖާ ވަލުތެރޭގައި މަރާލާފައި އޮއްވާ ފެނުމުން ޝިމްލާގެ ޖާނަލިސްޓް ހުނަރާއި މައުލޫމާތުތައް ރިލްވާން ހޯދަ އެވެ. މި ސިލްސިލާ ތުރިލާއެއްގެ ގޮތުގައި ގިންތި ކުރެވެން އެ ކުއްޖާގެ މަރާއި އޭނާ މަރާލި ގޮތުގެ ތަފްސީލްތައް އެކަނި ފުދުނު ނަމަވެސް، ވާހަކަ ތަރައްގީ ވާއިރު ބެލުންތެރިންނަށް ފެންނާނީ ޝިމްލާގެ މާޒީގެ އަނދިރި ދުވަސްތަކެއްގެ ތެރެއަށް އޭނާ ގެބިގެން ގޮސް، މަރުގެ މައްސަލައިގެ އިތުރުން އޭނާގެ ޒާތީ ބިރުވެރިކަމާ ކުރިމަތިލާ ހާލަތެވެ.

ފަށާއިރު ތަހުގީގަށް އެ މައްސަލައިގައި ޝައްކު އުފެދޭ މީހަކު ނުފެނުނަސް، ޝިމްލާއަށް ހޯދޭ ހެކިތައް އެ ކުއްޖާގެ އާއިލާ މީހުންގެ އަތެއް އޭނާގެ މަރުގެ ފަހަތުގައި އޮވެދާނެކަމަށް އިޝާރާތް ކުރެ އެވެ. ނަމަވެސް އެފަދަ ހިތާމަވެރި، ބިރުވެރި ހާލަތެއްގެ މެދުތެރެއިން ޝިމްލާ ތަހައްމަލު ކުރަން މަޖުބޫރު ވަނީ އޭނާގެ އަމިއްލަ މާޒީގެ އަނދިރިކަމާ އެވެ.

އެކި ރަށްރަށުގެ މަންޒަރުތައް މި ސިލްސިލާ އިން ފެންނާނެ އެވެ. މައިގަނޑު ގޮތެއްގައި ސިލްސިލާ ޝޫޓްކޮށްފައި ވަނީ ބ. ގޮއިދޫގަ އެވެ. އެގޮތުން ސިލްސިލާގެ %90 މަންޒަރު ނަގާފައި ވަނީ އެކި ރަށްރަށުގަ އެވެ.

މި ސިލްސިލާގެ ޕްރޮޑަކްޝަން ސްކޭލް ވަރަށް ފުޅާކަމަށް ރުޝްދީ ބުންޏެވެ. ސަބަބަކީ ސިލްސިލާގައި ދައްކާ ކުދި ރޯލްތަކަށް ވަރަށް ގިނަ މީހުން ބޭނުންކުރުމުގެ އިތުރުން، ބިދޭސީ އެކްޓަރުން ވެސް ފެންނާތީ އެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ފިލްމުގެ މައި އެއް ރޯލު ކުޅޭ ފައިސަލެވެ. ޤަރީނާގެ ވާހަކަ ލިޔުނީ އެއްކާފްގެ އަހުމަދު ޒަރީރު (ޒައްރަ) އެވެ. ސައުންޑް މިކްސިންގް އެންޑް މާސްޓަރިންގެ ބައި އަހުމަދު އިޝާން ފުރިހަމަކުރި އިރު، މި ސިލްސިލާގެ މިއުޒިކް ހެދީ މުނާޒް ޒުބެއިރެވެ. އެންމެ ފަހުން ފާހަގަކޮށްލާނީ ސިލްސިލާގެ ޓީޒާ ބަލާލުމުން ވަގުތުން އެއަށް އަހަރެންގެ ޝައުގު އުފެދުނު ސަބަބެވެ. އެއީ އިބްރާހިމް ސުޖާއުގެ (ޖަންކީ) ސިނެމަޓޮގްރަފީގެ ވާހަކަ އެވެ. ހަގީގަތުގައި ވެސް ޝޮޓުތައް ވަރަށް ޗާލެވެ.

ޓްރެއިލާ އަންނަން މާ ލަސްތަކެއް ނުވާނެ

ނަމަވެސް ޝޮޓުތައް ޗާލުވުމުގެ އަގު އެންމެ ފުރިހަމައަށް ވަޒަން ކުރެވޭނީ ވާހަކަ ތަރައްގީވާ ފެންވަރުންނެވެ. ދޮޅު މިނެޓުވަރުގެ ޓީޒާ ނެރެފައިވާ އިރު، ވަރަށް އަވަހަށް އެ ސިލްސިލާގެ ޓްރެއިލާ ނެރޭނެކަމަށް ރުޝްދީ ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް