ޖޫން 29، 2023: ސްކޫލް ކުދިންގެ ލަވަ މުބާރާތުން އެއް ވަނަ ހޯދި ދަރިވަރު، އައިޝަތު ޖޫނީ ޖިނާހް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
'ހިތަށް ބަރުވަނީ' ލަވަޔާ އެކު ޖޫނީގެ ހިތް އުފަލުން ފޮޅިފައި
"އިންޓަ ސްކޫލް ލަވަ މުބާރާތުން މުޅި މުބާރާތުން އެއްވަނަ ހޮވިފައިވަނީ" އެނައުންނަސަރު ބުނެލުމާ އެކު އޮލިޕްޕަހުގެ އޯޑިއަންސް ގޮވާލާ އަޑު އިވެނީ "ޖޫނީ...ޖޫނީ" އެވެ.
އޯޑިއަންސް ލަފާކުރި ގޮތަށް، މުޅި މުބާރާތުން އެއްވަނަ ހޯދީ އައިޝަތު ޖޫނީ ޖިނާހު، 17 އެވެ. އޭނާ ހުށެހެޅި ލަވަ 'ހިތަށް ބަރުވަނީ' ފުރިހަމަ އެވެ.
މި ހުށެހެޅުން ކަމުދަނީ ޖޫނީ ލަވައިގެ ތެރެއަށް ރަނގަޅަށް ވަދެ، ޅެމުގައި ބުނާ އެއްޗެއް އަމިއްލަ އިހްސާސްތަކެއް ފަދައިން ބަންޑުންކޮށްލައި، އޯޑިއަންސް ވެސް އެ ޖަޒުބާތުތަކުގެ ތެރެއަށް ވައްދާލީމަ އެވެ.
އިނގިރޭސި ލަވައެއްގެ ރާގަކަށް ހެދި ލަވަޔަކީ ކިޔާލަން ފަސޭހަ ލަވައެއް ވެސް ނޫނެވެ. ވޯކަލް އެކި ރޭންޖްތަކުގައި ހިފަހައްޓާލަން ޖެހޭ އިރު ބެކިން ވޯކަލްސް ބޭނުން ނުކޮށް އޭނާ އެ ލަވަ ކިޔާފައި ވަނީ އެހާމެ ފުރިހަމައަށެވެ.
"ލަވައެއްކޮށް ކިޔާލައި ނިންމާލީ ހިން ދިރުވާލަން ވެސް ހަނދާންނެތި ހުރެ،" ލަވަ ހުށެހެޅި ގޮތާ މެދު، 'ދައުރު'އާ ވާހަކަ ދައްކަމުން ޖޫނީ ބުންޏެވެ.
އޭނާ ބުނީ ލަވައިގެ ތެރެއަށް ވަނުމުމުގެ ގޮތުން ޅެމުގައި ބުނާ އެއްޗެއް ރަނގަޅަށް ދޭހަވަންދެން މަސައްކަތްކުރި ކަމަށެވެ. އެހެންވެ ލަވައިގެ އިހުސާސްތައް ދައްކަން އޭނާއަށް ފަސޭހަވި އެވެ.
މީގެ ކުރިން ވެސް ލަވަ މުބާރާތްތަކުން ޖޫނީ ވަނީ އެކި ވަނަތައް ހޯދައިފަ އެވެ. އެގޮތުން 2014ގައި ނުވަ އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަ އާއި ޖުނީއާ ކެޓަގަރީން ދެވަނަ ހޯދި އެވެ. ވިދިގެން އައި އަހަރު ހަމަ އެ އުމުރު ފުރައިން ދެވަނަ ލިބުނެވެ.
މީގެ އިތުރުން ވެސް އެކި ތަންތަނުގައި ޖޫނީ ލަވަ ހުށަހެޅި އެވެ. އެހެންކަމުން އޭނާއަކީ ހަގު އުމުރެއްގައި މިއުޒިކް އިންޑަސްޓްރީއަށް ލޯ ހުޅުވިފައިވާ އެއް ފަންނާނެވެ.
ޖޫނީގެ ފާހަގަކޮށްލެވޭ ޕާފޯމަންސްތަކުގެ ތެރޭގައި ކްރޮސްރޯޑްސްގައި އޮތް އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ 'ޕީސް އެވޯޑްސް 2023' ހިމެނެ އެވެ. އޭގެ އިތުރުން 2021ގައި އޮތް ސާފް ޗެމްޕިއަންޝިޕް އޯޕަނިންގައި އޭނާގެ "އޯ ވަޒަން" އަށް އެތައް ބައެއްގެ ހިތްދަމައިގަތެވެ.
ޖޫނީ އަންނަނީ މަދަހަ ކިއުމުން ވެސް ރަން ވަނަތައް ހޯދަމުންނެވެ.
މިއުޒިކަށް ޝައުގުވެރިވާން ފެށީއްސުރެ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާގެ ކްލާސްތަކުގައި ބައިވެރިވެ، އެތަނުން ލިބޭ އެކި ފުރުސަތުތަކުގެ ބޭނުން ހިފައި، އެތަނުން އިންތިޒާމްކުރި މުބާރާތްތަކުގައި ވެސް ބައިވެރިވި އެވެ.
ލަންޑަން ޓްރިނިޓީ ކޮލެޖްގެ މިއުޒިކް އެގްޒޭމްތަކުގައި ބައިވެރިވެ، ޓޮޕް ސްކޯރާ އެވޯޑް ހާސިލްކުރި އެވެ.
މިފަހަރުގެ ލަވަ މުބާރާތް ޖޫނީއަށް ހާއްސަ
ނިމުނު އިންޓަ ސްކޫލް ލަވަ މުބާރާތް އޭނާއަށް ވެސް ވަރަށް ހާއްސަ އެވެ. ފުރަތަމަ ކަމަކަށް މިއީ ޖޫނީގެ ސާނަވީ ތައުލީމީ ހަޔާތުގެ ފަހު އަހަރެވެ. އެހެންކަމުން މުޅި މުބާރާތުން އެއް ވަނަ ހޯދުމަކީ އޭނާގެ ވަރަށް ބޮޑު އަޒުމެކެވެ.
"ގިޔާސުއްދީން ސްކޫލްގައި ފަހު އަހަރު ވުމުން އެ ޝަރަފު ސްކޫލަށް ވެސް ހޯދައިދޭން ބޭނުންވީ،" ޖޫނީ ބުންޏެވެެ.
އެހެންކަމުން މިއީ އޭނާއަށާއި ސްކޫލަށް ވެސް ފަހުރުވެރި މޮޅެކެވެ.
ލަވަ ފަރިތަކުރަން ލިބުނީ މަދު ދުވަސްކޮޅެކެވެ. މި އަހަރުގެ މެއި-ޖޫންގައި އޮތް ޖީސީއީ އޯ ލެވެލް އޭނާ ބައިވެރިވުމާ އެކު، ލަވަ މުބާރާތަށް ތައްޔާރުވުމަކީ ބުރަ ބޮޑު މަސައްކަތަކަށް ވި އެވެ.
"އެގްޒާމްސް ދުވަސްކޮޅުވުމުން، ރަނގަޅަށް ލަވަ ފަރިތަކޮށް ހަދަން ލިބުނީ އެންމެ ހަފްތާއެއް،" ޖޫނީ ބުންޏެވެ.
"ބިރުގަތް. [އެކަން] ކުރެވިދާނެ ކަމަކަށް ހީ ވެސް ނުކުރަން،" ޖޫނީ ބުންޏެވެ.
އޭނާގެ ބައްޕަ ގިޓާ ކުޅެ އެވެ. އެހެންވެ ބައްޕަގެ ފަހަތުން ގިޓާ ކުޅެން ދަސްކުރި އެވެ. ލަވަކިޔަން ޝައުގުވެރިކަން އުފެދުނީ ގަލޮޅު މަދަރުސާގެ ޕްރީ ސްކޫލް ދައުރު އެވެ. އެކަމަކު އޭރު ޖޫނީއަކީ ލަދުރަކި ކުއްޖެކެވެ. އެންމެ ކުޑަ އިރު ސޯލޯ ޕާފޯމަންސް ދޭން ބޭނުމެއް ވެސް ނުވި އެވެ. ޕްރީސްކޫލް އާއި ގްރޭޑް 2އާ ހިސާބަށް އޭނާ ބައިވެރިވީ މުޅިން ވެސް ގުރޫޕް ޕާފޮމަންސްތަކުގަ އެވެ.
ޖޫނީއަށް އިންޓަ ސްކޫލް ލަވަ މުބާރާތް ހާއްސަވި ސަބަބަކީ، އޭނާ ގަބޫލުކުރާ ގޮތުގައި، އެއީ އޭނާގެ މިއުޒިކީ ހަޔާތުގެ ފެށުމަށް ވާތީ އެވެ. ގްރޭޑް 3ގައި އުޅުނު އިރު އިންޓަ ސްކޫލް މުބާރާތެއްގައި އަލަށް ސޯލޯކޮށް ބައިވެރިވެ 'ތޮށިގަނޑުން ބޭރުވި' އެވެ.
މީގެ ކުރިން ދުވަހަކު ވެސް މުޅި މުބާރާތުން ޖޫނީއަށް އެއްވަނަ ލިބިފައެއް ނުވެ އެވެ. އެހެންވެ އޭނާގެ އަޒުމަކަށް ވީ އެކަން ބަދަލުކޮށްލުމެވެ.
ނަތީޖާ ފާޅުކުރި އިރު، ޖޫނީގެ ވަށައިގެން ތިބި އެންމެން ކަހަލަ ގޮތަކަށް ބުނަމުން ދިޔައީ އެއް ވަނަ ލިބޭނެ ކަމަށެވެ. އެކަމަކު ތެޅެމުން ދިޔަ އޭނާގެ ހިތަށް، އެ ވާހަކަތަކުން ވެސް ޔަގީންކަމެއް ނުލިބުނެވެ. އޭނާގެ ނަން ގޮވުމާ ހަމައަށް ހިތުގައި އޮތީ ޝައްކެވެ.
"ލަވަ މުބާރާތުގެ ނަތީޖާއަކީ ވަރަށް އަންއެކްސްޕެކްޓް ގޮތަކަށް ވެސް [ހިނގައިދާނެ] އެއްޗެއް. އެހެންވެ އެ ޔަގީންކަން ނެތީ،" ލަވަ ހުށެހެޅި ގޮތާ މެދު ހިތްހަމަޖެހުނަސް ނަތީޖާއާ މެދު ވާނެ ގޮތް ބުނަން ދަތިކަން ހާމަކުރަމުން ޖޫނީ ކިޔައިދިނެވެ.
މުބާރާތުގެ އެއް ވަނަ ލަވަކިޔުންތެރިޔާގެ ތަށި އުފުލައިލުމާ އެކު އޭނާގެ ހިތް އުފަލުން ފޮޅުނެވެ.
"ވަރަށް އުފާވި. ހުރިހާ އެޗީވްމަންޓެއްގެ ތެރެއިން ވެސް މިއީ އެންމެ ބޮޑު އެޗީވްމަންޓް ކަމުގެ އިހްސާސް ކުރެވުނު،" ޖޫނީ ބުންޏެވެ.
އިންޓަ ސްކޫލް ލަވަ މުބާރާތަކީ، އޭނާ ފާހަގަކުރި ގޮތުގައި، ލަވަކިޔަން ބޭނުންވާ ކޮންމެ ދަރިވަރަކަށް ލިބޭނެ މުހިއްމު ޕްލެޓްފޯމެކެވެ.
އެކަމަކު ވާދަވެރިކަން މާ ބޮޑުވެ، އޭގެ ގެއްލުން ކުދިންނަށް ލިބިދާނެ ފަދަ ހާލަތަކަށް ގެންދިއުމަކީ ގޯހެއް ކަމަށް ޖޫނީ ގަބޫލުކުރެ އެވެ.
"އެއީ ކޮމްޕެޓިޝަނެއް. ވާދަވެރިކަން އޮންނާނެ. އެކަމަކު އެއަށް ވުރެ ބޮޑަށް އޭގެ ބޭރުން އެކަން ގެންދިއުން އެއީ ނޭދެވޭ ކަމެއް. އެކަމަކު ލަވަ މުބާރާތުގެ ސަބަބުން ނޭދެވޭ މާ ބޮޑު ނަތީޖާއެއް ނުކުންނާނެ ހެން ހިއެއް ނުވޭ،" ޖޫނީ ބުންޏެވެ.
މަތީ ތައުލީމު ހާސިލްކުރާނެ ވަކި ރޮނގެއް އޭނާ އަދި ހިޔާރެއް ނުކުރެ އެވެ. ނަމަވެސް މުބާރާތުގައި ކީ ލަވަ ބިނާކުރި، ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ޝައުގުވެރިކަން އެބަ ހުއްޓެވެ. އޭނާގެ ލަވަ އެ މައުލޫއުއާ ގުޅުވާލުމަކީ ވެސް އެ ދާއިރާއާ މެދު އޮތް ވިސްނުމެވެ.
"މެންޓަލް ހެލްތާ ގުޅޭ ގޮތުން އެކަށީގެންވާ މިންވަރަށް ވާހަކައެއް ނުދެއްކޭ. އެހެންވެ އެ މެސެޖު ދޭން ބޭނުންވީ،" ޖޫނީ ބުންޏެވެ.
"ދައުރު"ން ޖޫނީއާ ކުރި ބައެއް ސުވާލު
"ދައުރު" ން ޖޫނީއާ ކުރި ބައެއް ސުވާލުތަކާއި ޖަވާބުތައް ތިރީގައި އެވަނީ އެވެ.
ދައުރު: ދިވެހި ބޭންޑްތަކުގެ މިއުޒިކް އަޑުއަހަންތަ؟ އެފަދަ ބޭންޑަކާ އެކު ޕާފޯމް ކުރުމަށް ލިބިއްޖެ ނަމަ ހަދާނީ ކިހިނެއް؟
ޖޫނީ: އެޗޭސިއާގެ މިއުޒިކް އަޑުއަހަން. އެ ފުރުސަތުގެ ބޭނުން ކުރާނަން. ކޮންމެ ފުރުސަތަކީ ވެސް ރަނގަޅު ފުރުސަތެއް.
ދައުރު: އެންމެ ގިނައިން އަޑުއަހަނީ ކޮން ޖޮންރާއެއްގެ މިއުޒިކެއް؟
ޖޫނީ: ޖޫނީއަށް އެންމެ ކަމުދަނީ އާރްއެންޑްބީ. އެންމެ ގިނައިން އަޑުއަހަނީ އެ. އެކަހަލަ ލަވަ ކިޔާ ހިތްވަނީ އިމްޕްރޮވައިޒް ކުރެވޭތީ. އެކަމަކު ހުރިހާ ޖޮންރާއެއްގެ ލަވަ އާއި މަދަހަ ކިޔަން. ދަސްކުރަން މަސައްކަތް ވެސް ކުރަން. އެއީ މުހިއްމު ކަމެއް.
ދައުރު: ޖޫނީ އެއްވެސް ވަރަކަށް އަމިއްލަ ލަވަ ލިޔަންތަ؟
ޖޫނީ: ޖޫނީގެ ހޮބީސްއަކީ ގިޓާ ކުޅުމާއި ލަވަ ކިޔުން. ކްލާހުގައި އިންނަ އިރު ވެސް ހަމް ކުރެވޭ. ރައްޓެހި ކުދިން ހަނދާންކޮށްދޭނެ ހުއްޓާލަން. އިންގްލިޝް އަމިއްލަ ފަސް ލަވައެއް ލިޔެފައި ވެއްޖެ.
ދައުރު: ޕާފޯމަންސެއްގައި ދެން އެންމެ އަވަހަށް ޖޫނީ ފެންނާނީ ކޮން އިރަކުން؟
ޖޫނީ: މި އަހަރު ފެންނާނެ ކޮންމެވެސް އެއް ޕާފޯމަންސަކުން.
ދައުރު: ޕާފޯމަންސެއް ދޭ އިރު އެންމެ ސަމާލުވަނީ ކޮން ކަމަކަށް؟
ޖޫނީ: ޕާފޯމަންސެއް ދޭ އިރު ފުރަތަމަ ކޮންމެވެސް ވަރަކަށް ސްޓޭޖް ފްރައިޓެއް ހުރޭ. އެކަމަކު ދެން ރަނގަޅުވޭ. އެއީ ފަން ކަމަކަށް ވޭ. އެންމެ ބޮޑަށް ބަލަނީ އެކްސްޕްރެސް ކުރެވޭތޯ. މިއުޒިކަކީ އެކްސްޕްރެސް ކުރުމަށް ރަނގަޅު ގޮތެއް.
ދައުރު: ޖޫނީގެ ލަވަ އަޑުއަހާފައި ދިވެހި އެޑެލްއެކޭ ބުނޭ؟ މިކަމާ މެދު ބުނާނީ ކީކޭ؟
ޖޫނީ: އޮނާޑްއޭ. އެޑެލްގެ ލަވަތައް، އޭނާ ލަވަކިޔާ ސްޓައިލް ކަމުދޭ. ވަރަށް ގިނައިން އަޑުއަހަން.
ދައުރު: ޖޫނީގެ ޕްލޭލިސްޓްގައި މި ދުވަސްކޮޅު ހިމެނޭ ލަވައެއް ބުނެދީ ބަލަ؟
ޖޫނީ: އެސްއެންޑްވީގެ ރެއިން
ދައުރު: އަޑު ރީތި ކުރުމަށް ކުރަނީ ކޮން ކަމެއް؟ މިހާ ހިސާބަށް އަންނަން ކިހާ ޓްރެއިނިން އާއި ޕްރެކްޓިސެއް ބޭނުންވި؟
ޖޫނީ: ރޯގާ ޖެހި އަޑު ސަކަރާތްވާ އިރަށް މަންމަ ދޭނެ އިނގުރާއި މާމުއި. އޭރު ބޮނީ ނޭފަތުގައި ހިފަހައްޓާލައިފައި. މިހާރު އެކަމަކު އާދެވެއްޖެ. އަޑު ރީތިކޮށް ބަހައްޓަން ވޯކަލް ޓްރެއިންތަކެއް ހެދިން. ހަފްތާއަކު ދެ ފަހަރު ޓްރެއިނިންތައް ހަދަނީ. އެކަމަކު މި އަހަރު އެގްޒާމްސް ވީމާ ކުޑަކޮށް މެދުކަނޑާލަން ޖެހުނު.
ދައުރު: ހަގު އުމުރެއްގައި ގިނަ ކާމިޔާބީތަަކެއް މިއުޒިކްގެ ދާއިރާއިން ހާސިލްކުރެވުނު އިރު މިއުޒިކް އާއި ލަވަޔަށް ޝައުގުވެރިވާ އެހެން ކުއްޖަކަށް ބުނާނީ ކީކޭ؟
ޖޫނީ: ބުނާނީ ވަރަށް ޕްރެކްޓިސް ކުރުން ވަރަށް މުހިއްމޭ. ޓާގެޓެއް އޮތް ނަމަ އެއަށް މަސައްކަތް ކުރާށޭ. މޮޅު ލަވަކިޔުންތެރިޔަކަށް ވާން ބޭނުން ނަމަ ހުރިހާ ޖޮންރާއެއް ވެސް ޓްރައި ކުރާށޭ.
ދައުރު: ޖޫނީގެ ގޯލަކީ ކޮބާ؟
ޖޫނީ: ގޯލަކީ މިއުޒިކްގެ ރޮނގުން އެންމެ ކުރިއަށް ދިއުން. އެކަމަށް މަަސައްކަތް ކުރާނަން.
ކޮމެންޓް (1)
ނައު