ފަންނުވެރިން

އަފްރާހް ހަދާ ސްނެޕްޗެޓް ލެންސްތަކަށް ބޮޑު މަގުބޫލުކަމެއް

ރަސްމީ ވަޒީފާގެ ބޭރުން ޑިިިޖިޓަލް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އަފްރާހްގެ ސްނެޕްޗެޓް ލެންސްތަކުން ފޮޓޯތައް ހިތްގައިމު

މުހިންމު ނުކުތާތައް

އޭނާގެ ލެންސްތައް ބޭނުންކޮށްފައިވާ އަދަދު 80 މިލިއަނަށް އަރާ

އަމިއްލައަށް ދަސްކުރި މި މަސައްކަތް ތަފާތު ވަނީ ދިވެހިބަސް ހިމަނާފައިވާތީ

އަފްރާހް ލެންސް ހަދަން ހޭދަކުރަނީ 10 ވަރަކަށް މިނެޓު

އަހަރެންގެ ލޮލުގައި އިބްރާހިމް އަފްރާހުގެ އުފެއްދުމެއް އަޅައިގަތީ ނެޝެނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަން ބަލައިލަން ގޮސް އެތަނުގައި ބަހައްޓާފައި ހުރި ރައީސް މުހައްމަދު އަމީންގެ ކުރެހުމެއް ފޮޓޯ ނަގަން ފޯނު ދިއްކޮށްލައިގެން އަފްރާހް އުފެއްދި ލެންސު ބޭނުންކޮށް ނެގި ފޮޓޯއަކަށް ފަހު އެވެ.

ނެޝެނަލަ އާޓް ގެލެރީގައި ދާއިމީ ކަލެކްޝަންގައި ބަހައްޓާފައި ހުރި ރައީސް މުހައްމަދު އަމީންގެ ކުރެހުމެއް. އަފްރާހް ހެދި ލެންސަކުން ފޮޓޯ ނަގާފައި

ފޮޓޯ ނެގުމުން 'މިއަދަކީ ހޮނިހިރު ދުވަސް މިހާރު ގަޑިން 7:34' އެހެން ފޮޓޯއަށް އަރަ އެވެ. ކުރެހުމުގެ ފޮޓޯއަކަށް އެ ލެންސް ބޭނުންކޮށްލުމުން ތަފާތު ހިތްގައިމުކަމެއް ފެނުނެވެ.

އަފްރާހް ހޯދައި އޭނާއާ ބައްދަލުކުރަން ނިންމީމެވެ. އިންޓަވިއުއަށް މާލޭގެ ހަލަބޮލި މަޖީދީ މަގުގައި ހުރި 'ކޮފީޝްރަބް' ކެފޭއަށް ގޮސް ބައްދަލުކޮށް ތައާރަފްވީމެވެ. 

ފުލްޓައިމްކޮށް އިބްރާހިމް އަފްރާހް، 32، އުޅެމުން އަންނަނީ ދިރާގުގެ ކޭބަލް ނެޓްވޯކް ޑިޕާޓްމަންޓްގެ އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސްގެ އިންޖިނިއަރެއްގެ ވަޒީފާގަ އެވެ.

ރ. އަލިފުއްޓަށް އުފަން އަފްރާހް މީގެ 14 އަހަރު ކުރިން ދިރާގާ ގުޅުނީ ޓެކް ވަޒީފާއަކަށެވެ. ސްކޫލް ދައުރުގައި ވެސް އޭނާ ސައިންސް ކިޔަވައިގެން ޝައުގުވެރިވީ ކޮމްޕިއުޓަރުން ކުރާ އަދި ޓެކްނިކަލް މަސައްކަތަކަށެވެ.

"ދައުރު" އިންޓަވިއު ތެރެއިން އަފްރާހް ލެންސެއް ހެދުމުގެ މަސައްކަތުގައި (ދައުރު ފޮޓޯ/ހުސައިންސުނައިން)

ރަސްމީ ވަޒީފާގެ އިތުރުން އޭނާއަކީ ޑިޖިޓަލް ކްރިއޭޓަރެކެވެ. އޭނާގެ އިންސްޓަގްރާމް ހާވާލީމާ އެކަން އެނގޭނެ އެވެ. އޮފީސް ދަތުރުތަކުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކުރާ އިރު ނަގާފައިވާ ފޮޓޯތައް ވެސް ހާއްސަ އެވެ.

އަފްރާހްގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއެއް

މީގެ އަހަރުތަކެއް ކުރިން ޑްރޯން ފޮޓޯ ނަގާ ހިތުން، އަމިއްލައަށް ޑްރޯނެއް ގަނެގެން އޭނާ އެ މަސައްކަތް ކުރި އެވެ. ތަރުތީބުކަމާ އެކު އޭނާ އެ ފޮޓޯތައް، 22،000އާ ގާތްކުރާ އިންސްޓަގްރާމް ފޮލޮވަރުންނަށް ދޫކޮށްލަ އެވެ. ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށް އައުޓްޑޯ ފޮޓޯޝޫޓްތައް ނަގަ އެވެ. ވެބްސައިޓް އުފެއްދުމުގެ މަސައްކަތް ވެސް އޭނާކޮށް އުޅެ އެވެ.

ސްނެޕްޗެޓް ލެންސް ހެދުމުގެ މަސައްކަތް

އަފްރާ ބުނި ގޮތުގައި އޭނާ ފުރަތަމަ ޓެސްޓަކަށް ހެދީ ދެ ތިން  ލެންސެކެވެ.  އެއަށް  ފަހު އުފެދުނު ޝައުގުވެރިކަމާ އެކު ލެންސްތައް ހަދަން އޭނާ ފެށީ އެވެ.  ސްނެޕްޗެޓަށް މިހާތަނަށް 50 ލެންސް ހަދާފައިވާ އިރު ދިވެހިންނާ ގުޅޭ ގޮތަށް ތާނައިން ހެދި 20 ލެންސެއް ހިމެނެ އެވެ.

އަފްރާހް ހަދާފައިވާ ބައެއް ލެންސްތައް

ދިވެހި ބަހުން ލެންސް ހަދަން ފެށި ގޮތާ މެދު އަފްރާހް ބުނީ ދިވެހިން ވެސް ސޯޝަލް މީޑިއާގައި، ހާއްސަކޮށް ސްނެޕްޗެޓްގައި، އުޅޭއިރު ދިވެހި ބަހުން ހުންނަ ލެންސެއް ފެނިފައި ނުވާތީ ދިވެހި ބަހުން ލެންސް ހަދަން ބޭނުންވީ ކަމަށެވެ.

އޭނާގެ ފޯނުން ނަގާ ލެންސްގެ ސްޓެޓިސްޓިކް އަހަންނަށް ދައްކާލީ އެވެ. ސެންޕްޗެޓްގައި އަފްރާހް ހަދާފައިވާ ލެންސްތައް ބޭނުންކޮށްފައިވާ އަދަދު 80 މިލިއަނަށް އަރަ އެވެ. 

އެންމެ ބޮޑަށް ހިނގާ އެއް ލެންސަކީ، ފޮޓޯއެއް ނެގުމުން އެ ފޮޓޯއަށް ކަލަންޑަރާއި އެ ދުވަހެއްގެ ދިމާލުގައި ރަސްގެއެއް އަރާ ލެންސެކެވެ. 

ދިވެހިންނާ ގުޅޭ އިތުރު ލެންސްތަކަށް ބަލާއިރު އަތޮޅުތަކުގެ ބަހުރުވައިން އަފްރާހް  ހެދި ލެންސަކީ ހުވަދޫ ބަސް ހިމެނޭ "ރަޓުބަހަ" އަދި ފޯއްމުލަކު ބަސް ހިމެނޭ "ރަށި ބަހަ"  ބޭނުންކޮށްފައިވާ ލެންސްތަކެކެވެ.

"މި ލެންސްތައް އެ ރަށްރަށުގެ މީހުން ބޭނުންކުރޭ. ޔޫސޭޖް ރަނގަޅު،" އަފްރާހް ބުންޏެވެ.

"ލެންސްތަކުގެ ބޭނުންކުރާ ފޮންޓްތަކަކީ ވެބްސައިޓުތަކުން ހިލޭ ލިބެން ހުންނަ ފޮންޓްތައް. ބައެއް ފޮންޓްތަކަށް އަމިއްލައަށް ބަދަލު ގެނެސްގެން ވެސް ބޭނުންކޮށްފައި ހުންނާނެ."

ދިވެހިންގެ ތެރެއަށް ކަސްޓަމައިޒްކޮށްފައި ހުންނަ ލެންސްތައް ބޭނުންކުރުން އަލެވެ. ނަމަވެސް މިއީ މިހާރު ކައިވެނި ޕާޓީ ތަކުގައި ނަގާ ފޮޓޯތަކުގައި ޓްރެންޑްވަމުން އަންނަ ކަމެކެވެ.

ވެޑިން ޕާޓީއަކަށް ހާއްސަކުރި ލެންސެއް

ކައިވެނިކުރާ ދެ މީހުންނަށް ހާއްސަކޮށް ލެންސް ހެދުމަކީ އަަހަރެމެންގެ ތެރޭގައި އާ ކަމަކަށް ވިޔަސް މި މަސައްކަތް ކުޑަ އަގަކަށް އަފްރާހް ކޮށްދެ އެވެ. މީގެ އިތުރުން  ތުއްތު ކުއްޖެއް އުފަންވެގެން ދުވަސް ގުނުމަށް، ފޮޓޯ ނަގާއިރު ބޭނުންކުރާ ހާއްސަ ލެންސް ވެސް ހަދައިދެ އެވެ.

ތުުއްތު ކުދިންނަށް ހާއްސަކޮށްގެން އަފްރާހް ހަދާފައިވާ ލެންސެއް

"ކަޕްލްގެ ނަން ޖަހާފައި އެމީހުންގެ ވެޑިން ކަން ހާމަވާ ގޮތަށް ލެންސް ހަދަން،" އަފްރާހް ބުންޏެވެ.

އޭނާއަށް ލެންސް ހެދުމަކީ މާ އުދަނގޫ ކަމެއް ނޫނެވެ. ވާހަކަ ދައްކަން އިނދެފައި އަޅައިގެން ހުރި ބެކްޕެކުން އޭނާ ނެގީ ލެޕްޓޮޕެވެ. ދެން އަހަރެން ބަލަން އިން 'ދައުރު' މި ބަސް ބޭނުންކޮށްލައިގެން ލެންސެއް ހަދާފައި ދައްކާލި އެވެ.

އޭގައި ހިމެނެނީ؛

  • ދައުރުވާ ހަނދާންތަކޭ

  • ދައުރުވާ ދުވަސްތަކޭ

  • ދައުރުވާ މީހުން

  • ދައުރު ވަނީ

އަފްރާގެ މި މަސައްކަތް ފުރިހަމަވެފައި ރީތީ އެކަންޏެއް ނޫނެވެ. ދިވެހި ބަހުން ލެންސް ހަދާތީ އޭނާ އެހާމެ ހާއްސަ ވެސް ވެ އެވެ.

"ޔޫޓިއުބް ޓިއުޓޯރިއަލް ބަލައިގެން ލެންސް ހަދަން ދަސްކުރީ،" ފަސޭހަ ރާގެެއްގައި އަފްރާހް ބުނެލި އެވެ.

އޭނާ ބުނާ ގޮތުގައި އިންޓަނެޓްގައި ނެތް އެއްޗެއް ނެތެވެ. ހޯދާށާއި ދަސްކުރަން ބޭނުން މީހަކަށް ކޮންމެ ކަމެއް ދަސްކުރެވިދާނެ އެވެ. ކޯޑްކުރަން ވެސް އަފްރާހް ދަސްކުރީ ހަމަ އެގޮތަށެވެ.

އަފްރާހް އިންޓަވިއު ދިން އިރު ފޮޓޯއަށް ހުއްޓިލައިގެން (ދައުރު ފޮޓޯ/ހުސައިންސުނައިން)

"މިއީ ހުޅުވާލެވިފައިވާ ދުނިޔެއެއް. އިންޓަނެޓްގައި ނެތް އެއްޗެއް ނެތް. ހޯދަން އެނގެންޏާ ކޮންމެ އެއްޗެއް ވެސް ހޯދޭނެ. ދަސްކުރެވޭނެ،" އޭނާ ބުންޏެވެ.

މަސައްކަތުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީހުން އޭނާ އުފައްދާ ލެންސްތައް ބޭނުންކޮށް ނަގާ ފޮޓޯތައް ސޯޝަލް މީޑިއާއިން ފެނުމެވެ.

"އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް،" އަފްރާހް ބުންޏެވެ.

މިހާތަނަށް ހަދަން އެންމެ އުނދަގޫވި އެއް ލެންސަކީ ރާއްޖޭގެ މެޕް ހިމެނޭ ގޮތަށް އޭނާ އުފެއްދި ލެންސެވެ. ޑިޖިޓަލް އާޓިސްޓެއް ކަމުން އޭނާގެ އިންސްޕިރޭޝަންތައް ބައިވަރެވެ. ފޭސްބުކް އިން ޓްރެންޑްވާ ކަންކަމަކީ އޭނާ މަސައްކަތުގައި ބަލާ އެކައްޗެވެ. ބޭރުގެ ޓްރެންޑްތައް ދިވެހިންނާ ގުޅޭ ގޮތަށް ހަދާލަ އެވެ.

މި އިންޓަވިއު ނެގުމުގެ ތެރެއިން 10 މިނެޓުން އަފްރާހް ހެދި 'ދައުރު' ލެންސް

މުސްތަގުބަލުގައި ޑިޖިޓަލް އާޓިސްޓެއްގެ ގޮތުން އޭނާގެ ތަފާތު، ހުނަރުވެރި އުފެއްދުންތައް ފެންނާނެ އެވެ. ސަބަބަކީ އޭނާ ހުރީ އާ ކަންކަން ދަސްކޮށް އެކަންކަން ޓެސްޓް ކުރަން ތައްޔާރަށް ކަމެވެ. އޭނާގެ ފިލޯސަފީއަކީ ވެސް މިއީ އެވެ.

"ހުރިހާ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ. ނޭނގެކަން ގަބޫލުކުރަންވާނެ. އެއީ ދަށް ކަމެއް ވެސް ނޫން. ކަންކަން ދަސްކުރަން އުޅެފިއްޔާ އެކަން ވާނެ" އެވެ.

"ދައުރު"ގެ ކިޔުންތެރިންނަށް މި ދޫކޮށްލަނީ މި އިންޓަވިއުގައި އަފްރާ އުފެއްދި ސްނެޕްޗެޓް ލެންސެވެ. ސްނެޕެއް ފޮނުވާލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް