ނާއިޝާ: އުއްމީދަކީ އަމިއްލަ ފީޗާ ފިލްމެއް އޮލިމްޕަހުގައި ދައްކާލުން

ނާއިޝާ: ސުމަކުން ފަށައިގެން އެތައް ޖަޒުބާތެއްގެ އުހުގައި

މިއީ ދިވެހި ފިލްމް އިންޑަސްޓްރީގައި ލިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ނަން
22 އޭޕްރީލު 2023
2

މުހިންމު ނުކުތާތައް

ޑެސްކް ޖޮބެއްގައި ހަރެއް ނުލި، އެކަމަކު ކްރިއޭޓިވް ދާއިރާއާ ގުޅުނު ހިސާބުން ހުރިހާ ކަމެއް ބަދަލުވެއްޖެ

ޓޯކް ޝޯތަކުން ފެށުމަށް ފަހު އޭނާ މިހާރު އުފައްދަނީ ބައިސްކޯފުގެ ކުރު ސީރީސްތައް

ނާއިޝާގެ އުއްމީދަކީ އަމިއްލަ ފީޗާ ފިލްމެއް އޮލިމްޕަހުގައި އެޅުވުން

އެންމެ ފުޅާކޮށް ދިވެހި ކޮންޓެންޓް ސްޓްރީމްކުރާ އެއް ޕްލެޓްފޯމް، ބައިސްކޯފުގެ މުވައްޒަފެއްގެ ގޮތުގައި ފާތިމަތު ނާއިޝާ ނާޝިދުގެ ދައުރު ބޮޑެވެ. އޭނާއަކީ ލިއުންތެރިއެކެވެ. ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ.

އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ޓޯކް ޝޯތަކާއި ކުރު ސީރީސްތައް އޭނާ ވަނީ އުފައްދައިފަ އެވެ.  'ޑްރާފްޓްސް،' 'ތުންތުން މަތިން،' 'ރީލް ޓު ރިއަލް،' 'ނޫންތަ؟' އަދި 'ނެކްސްޓް ޓު ޔޫ' އެވެ. މިހާރު ބައިސްކޯފުން ސްޓްރީމް ކުރަމުން އަންނަ 'ބަދަލު' އަކީ ވެސް ނާއިޝާގެ އުފެއްދުންތެރި ޝޯއެކެވެ. 

'ނެކްސްޓް ޓު ޔޫ'ގެ ޕޯސްޓަރު
ނާއިޝާގެ ޕްރޮގްރާމެއްގައި ބައިވެރިވި ކުރީގެ ދިވެހި ފިލްމީ ތަރިން ކަމަށްވާ (ވ-ކ) މަރިޔަމް ނިޝާ، ނިއުމާ މުހައްމަދު އަދި އައިޝަތު ޝިރާނީ

މިއީ ވަޒީފާއަކަށް ވުރެ ބޮޑަށް ނާއިޝާގެ ލޯތްބެވެ. ކުޑައިރުއްސުރެ ފިލްމު ބެލުމާއި ފިލްމާ ގުޅޭ އެހެން ކަންކަމަށް ވެސް ޝައުގުވެރިކަން ދޫކޮށްލި އެވެ. އެކަމަކު ދިރިއުޅުމުގެ މަސައްކަތަކަށް ވާނީ، މުނިފޫހިފިލުވުމުގެ އުފެއްދުންތައް ހެދުން ކަމަކަށް، އޭނާ ހިއެއްނުކުރެ އެވެ. 

ނާއިޝާ ނާޝިދު ސެޓެއްގައި އިށީނދެލައިގެން

ނާއިޝާ މަސައްކަތުގެ ދާއިރާއަށް ވަނީ އެހެން ގިނަ ޒުވާނުންނެކޭ އެއްފަދަ ގޮތަކަށެވެ. އޭ ލެވެލް ނިންމުމަށް ފަހު ޑެސްކް ޖޮބަކަށެވެ. އެޗްޑީސީގެ މާކެޓިން ޑިޕާޓްމަންޓްގެ ވަޒީފާއެކެވެ. އެކަމަކު އޭނާގެ ހިތް އޮތީ އެފަދަ މަސައްކަތްތަކަކަށް ނޫނެވެ. 

"ސަލާން ގިނަވެ، އޮފީހަށް ނުދެވޭ ދުވަސްތައް ގިނަވި. އެންމެ ފަހުން ވަޒީފާއިން ކަނޑާލީ،" އެ ތަޖުރިބާ ކިޔައިދެމުން ނާއިޝާ ބުންޏެވެ.

އޭނާގެ އެއްޗަކީ، ކުޑައިރުއްސުރެ ވެސް ގަލަމަކާއި ފޮތެކެވެ. އޭނާގެ އުފެއްދުންތެރި ހިޔާލުތައް ބަންޑުން ކޮށްލާކޮށްލުމެވެ. އެހެންވެ އެޗްޑީސީ އިން ވަކިވުމަށް ފަހު ދެން ގުޅުނު އިތުރު ތިން އޮފީހުގައި ވެސް އޭނާއަށް ގަޔާވެގެން އުޅެވޭ ގޮތެއް ނުވި އެވެ. 

އައިސްޓީވީ: ނާއިޝާގެ ހުނަރު ފުރަތަމަ ދައްކާލި ޕްލެޓްފޯމް

ނާއިޝާގެ ބަހުން ނަމަ "ލައިފްލެސްް" ވެގެން އުޅެނިކޮށް، މުނިފޫހިފިލުވުމުގެ ދާއިރާއިން އޭނާ އަށް ފުރަތަމަ ފުރުސަތު ލިބުނީ މީޑިއާނެޓުން ހިންގާ އައިސް ޓީވީގައި 2017 ގައި ފެށި 'ވަޒްއަޕް' ނަމަކަށް ކިޔާ ޝޯއެއް ހޯސްޓް ކުރުމަށް ލިބުނު ފުރުސަތާ އެކު އެވެ.

އޭނާ އަކީ މީހުންގެ ކުރިމައްޗަށް ނުކުމެ ވާހަކަ ދައްކަން ފަސްޖެހުމެއް ހުންނަ މީހެއް ކަމުގައި ވިޔަސް ޕޮޕް ކަލްޗާއާ ގުޅޭ ޝޯއެއް ކަމުން އޮޑިޝަނަށް ދިޔައީ އެވެ.

"ރައްޓެއްސެއްގެ އެދުމުގެ މަތިން އެ އޮޑިޝަނަށް ދިޔައީ،" ނާއިޝާ ބުންޏެވެ.

ނާއިޝާ ފުރަތަމަ ފެށީ ޝޯ ހޯސްޓް ކުރަން، ފަހުން އޭނާ ވަނީ އައިސްޓީވީގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައި

ނާއިޝާ އަށް އައިސްޓީވީގެ މީހުންނާއި މާހައުލު ކަމުދިޔަ އެވެ. ފޮޓޯ ނެގުމަށް އަދި ކޮންޓެންޓް އުފެއްދުމަށް ޝައުގުވެރިކަން ހުރި ނާއިޝާއަށް، ސްޓޫޑިއޯގައި ބަހައްޓާފައި ހުރި ކެމެރާތަކާއި އިކުއިޕްމަންޓްތައް ފެނި ލިބުނީ އަމިއްލަ ގެ ކަމުގެ އިހުސާސެވެ. ކޯހޯސްޓް ރިޒްވާނާ ހަލީމްއާ އެކު އޭނާ ހެދި އޮޑިޝަންގައި އެ ދެ މީހުންގެ ގުޅުން ޕްރޮޑިއުސަރުންނަށް ކަމުދިޔަ އެވެ. ނާއިޝާއަށް އެއް ފަހަރުން އެ ވަޒީފާ ލިބުނެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްފެށި އިރު އޭނާގެ ޝައުގުވެރިކަން އެ ދާއިރާއަށް އިންތިހާއަށް ބޮޑެވެ. 

"ހޯސްޓެއްގެ ގޮތުގައި އައިސްޓީވީއާ ގުޅުނު ކަމުގައި ވިޔަސް ފަހުން 'ވަޒްއަޕް'ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރީ،" ނާއިޝާ ބުންޏެވެ.

ނާއިޝާ (ވ) 'ނިވައިރޯޅި'ގެ ރެޑް ކާޕެޓް އިވެންޓުގައި
 ކުރީގެ ރައީސް މުހައްމަދު ނަޝީދު 'ނިވައިރޯޅި'ގެ ޕްރިމިއާ އަށް ވަޑައިގަންނަވާ އިރު އަރިހުގައި ނާއިޝާ

ހިތްކިޔާ މަސައްކަތެއް ކަމުން އެކީގައި މަސައްކަތް ކުރާ މީހުންނާއި ވަށައިގެންވާ މާހައުލުން އޭނާ އައީ ކަންކަން އަވަހަށް ދަސްކުރަމުންނެވެ. އައިސްޓީވީގައި އޭރު އޭނާގެ ބޮސްގެ ގޮތުގައި ހުރި އަމީނާ މުހައްމަދު، ނާއިޝާގެ ހުނަރު ފެނި، ކުރި އިތުބާރާ އެކު އިތުރު ޝޯތައް ހެދުމަށް އޭނާ އަށް ފުރުސަތު ދިނެވެ. ރާއްޖޭގައި ޓޯކް ޝޯތައް އުފައްދާ ގޮތަށް އިންގިލާބީ ބަދަލެއް ގެނައި ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު އަހުމަދު އިގްބާލާ އެކު ގާތުން މަސައްކަތް ކުރުމަށް ލިބި، މެންޓާސްގެ ގޮތުގައި އަމީނާ އަދި އިގްބާލް ވި ކަމުގައި ނާއިޝާ ބުންޏެވެ.

"ލާހޫރޭ މީހެއްގެ ކިބައިން ކޮންމެވެސް ސިފަތަކެއް އަމީނާ އަދި އިގްބާލް އަށް ފެނިގެން، ދިން ފުރުސަތަކާ ހެދި މިހާރު ކުރެވޭ މަސައްކަތެއްް މި ކުރެވެނީ. ނުވެސް އަހަނީސް ދިން ފުރުސަތެއް އެއީ،" ނާއިޝާ އޭނާގެ ފެށުމާ ގުޅޭ ގޮތުން ބުންޏެވެ.

"ޓޯކް ޝޯ 'އަޒޯނާ' އަކީ ގޭމް ޗޭންޖާއެއް، ސެޓުގެ ގޮތުން ވެސް، ޝޯ ހުށަހަޅައިދޭ ގޮތް ވެސް. މިއީ އިގްބާލް މި ދާއިރާއަށް ގެނައި ބަދަލެއް."

އިގްބާލާ އެކު ކޯ ޕްރޮޑިއުސަރެއްގެ ގޮތުގައި 'އަޒޯނާ' އުފެއްދުމުގެ މަސައްކަތް ކުރަން ލިބުމަކީ ނާއިޝާ އަށް ލިބުނު ބޮޑު ފަހުރެކެވެ.

ނާއިޝާ (ވ) އޭނާގެ ދެ މެންޓަރުންގެ ގޮތުގައި ބަލައިގަންނަ އަމީނާ މުހައްމަދު އާއި އަހުމަދު އިގްބާލްއާ އެކު

'އަޒޯނާ'ގެ އިތުރުން އައިސްޓީވީގެ 'މީހުންގެ ވާހަކަ'ގެ އެޑިޓަރެއްގެ ގޮތުގައި ޕްރޮޑަކްޝަން ޓީމުގައި ނާއިޝާ މަސައްކަތް ކުރި އެވެ. އައިސްޓީވީ އިން ގެނެސްދިން ފޮތާ ގުޅޭ ޝޯ 'ބިޓުވީން ދަ ލައިންސް' އަކީ ނާއިޝާ އަމިއްލަ އަށް އުފެއްދި ފުރަތަމަ ޝޯ އެވެ. އެއީ ވެސް ކުރިން ފެނިފައިނުވާ ފަދަ ތަފާތު އުފެއްދުމެކެވެ. 

ނާއިޝާ ބުނިގޮތުގައި ކްރިއޭޓިވް މަސައްކަތެއް ކުރުމަށް އޭނާ ކޮނޑުގައި އެޅި ޒިންމާއާ އެކު އޭނާގެ ވޯކް އެތިކްސް ބަދަލުވި އެވެ. ކުރިން އޮފީހުގައި "ގަޑި ގުނަން ހުއްޓަސް" މިހާރު ކިތަންމެ އިރެއް ވަންދެން ވެސް މަސައްކަތަށް ގެއްލިފައި އިނދެވިދާނެ އެވެ.

މަސައްކަތެެެއް ނިންމާލާފައި އޯޑިއަންސާ ހަމައަށް ދޫކޮށްލާއިރު އެއީ އޭނާ އަށް ކުރެވުނު އެންމެ ފުރިހަމަ މަސައްކަތް ކަމުގައި ހެދުމަކީ ނާއިޝާ ގެންގުޅޭ ވިސްނުމެކެވެ. އެހެންކަމުން ޑައިރެކްޓް ކުރުމުގެ އިތުރުން އެޑިޓް ވެސް ކުރެ އެވެ. އޭނާގެ ބޮލުގައި މަންޒަރު ސިފަވާ ގޮތް އެހެން މީހަކަށް ނޭނގޭނެތީ އެވެ. މަސައްކަތް ވީހާވެސް ފުރިހަމަ ކުރުމަށެވެ.

"ފެށި އިރު އެޑިޓް ކުރާކަށް ވެސް ނޭނގޭ. ޒީރޯ އިން ފެށީ،" ނާއިޝާ ބުންޏެވެ. 

"އަމިއްލަ އަށް ދަސްކުރީ އެޑިޓް ކުރަން. އިގްބާލް އަދި އެކީގައި މަސައްކަތް ކުރާ ޓީމުގެ އެހީތެރިކަން އެކަމުގައި ލިބުނު."

މަސައްކަތް ކުރުމަށް ބައިސްކޯފު އެއްވަނަ

 ނާއިޝާ ނާޝިދު (ކ) ފީލްޑް މަސައްކަތުގައި

އައިސްޓީވީ އިން ވަކިވެ، 2019 ގައި ބައިސްކޯފާ ނާއިޝާ ގުޅުނު އިރު އެތަނުގެ މަސައްކަތުގެ މާހައުލަކީ އޭނާގެ އަތުގައި ހިފި ނަސީބެވެ. ތަނާއި މީހުންނަކީ ކްރިއޭޓިވް މަސައްކަތްތަކުގެ ރަނގަޅު އެއްޗެއް އުފެއްދުމަށް ރަންގަނޑެކެވެ. ހާއްސަކޮށް އާ މީހުންނަށް ބައިސްކޯފުން ފުރުސަތު ފަހިކޮށްދޭކަން ނާއިޝާ ފާހަގަކުރި އެވެ.

"ބައިސްކޯފަކީ، [މެނޭޖިން ޑިރެކްޓަރު މުހައްމަދު] މިރުޝާން އާއި [އޮޕަރޭޝަންސް ޑިރެކްޓަރު އަބްދުﷲ] ހާފިޒް އަކީ ރާއްޖޭގެ އާޓިސްޓުންނަަށް އަދި ކްރިއޭޓިވް މަސައްކަތެއް ކުރަން ބޭނުންވާ ބަޔަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެމީހުން އެ ފޯރުކޮށްދޭ ފުރުސަތުތަކުގެ ސަބަބުން މި ދެވެނީ ކުރިއަށް،" އޭނާ ބުންޏެވެ.

ނާއިޝާ ބުނިގޮތުގައި ބައިސްކޯފަކީ ފަންނުވެރިންގެ އަގުވަޒަން ކުރާ އަދި ކްރިއޭޓިވް މީހުން މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް އޮތް ތަނެއް

ކްރިއޭޓިވް މަސައްކަތަކީ ވަކި ސުންގަޑިއަކަށް ނިންމުމަށް އަމާޒު ހިފުމުގެ ބަދަލުގައި މީހާ އޭގެ ތެރެއަށް ރަނގަޅަށް ވަދެގެން ކުރެވޭ މަސައްކަތްތަކެއްކަން ނާއިޝާ ފާހަގަކުރި އެވެ. އަދި އޭނާ ބުނިގޮތުގައި ބައިސްކޯފުން އެކަން ބަލައިގަނެ އެވެ. އެހެންކަމުން މަސައްކަތް ކުރުމަށް އަދި ދިވެހި ފަންނު ކުރިއެރުވުމަށް ބައިސްކޯފަކީ މިހާތަނަށް އުފެދުނު އެންމެ ރަނގަޅު ޕްލެޓްފޯމް ކަމުގައި އޭނާ ދެކެ އެވެ.

"ދިވެހި ފަންނާނުންނަށް، ބައިސްކޯފު އެޕްރިޝިއޭޓް ކުރަންވާ ވަރަށް އަދިވެސް ނުކުރެވޭހެން ހީވަނީ. މިއީ އެމީހުންނަށް، އެމީހުންގެ މަސައްކަތް ދައްކާލުމަށް ހަދާފައިވާ ޕްލެޓްފޯމެއް،" ނާއިޝާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބައިސްކޯފު ހިންގަނީ މާ ބޮޑު ބަޖެޓެއް އޮވެގެން ނޫން ކަމަށްވިޔަސް އެތަނުން ފޯރުކޮށްދޭ ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުން ކުރަން، އަމިއްލަ އަށް މަސައްކަތް ރާވާ އިންތިޒާމް ކުރުމުގެ ފުރުސަތު ދެ އެވެ.

"މިސާލަކަށް، މަސައްކަތް ކުރާ ބަޔަކު އަމިއްލަ އަށް ދަންނަންޖެހޭ، ލޮކޭޝަންތަކަށް ކުލި ހިނގާކަން، އެ މަސައްކަތެއް ވީހާވެސް އަވަހަކަށް އެންމެ ރަނގަޅަށް ނިންމުން މުހިއްމުކަން،" އޭނާ ބުންޏެވެ.

ފިލްމީ ދާއިރާ: ގޮންޖެހުންތައް ގިނަ

ނާއިޝާ ބުނިގޮތުގައި ފިލްމީ ދާއިރާގައި ކުރިއަރައިގެން ދާނީ ދާއިރާއަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.

"މިއީ މޮޅު ބިޒްނަސް މޮޑެލް އެކޭ، މަނީ މޭކް ކުރަން ނުވަތަ ފޭމް ހޯދުމަށް، އެގޮތަށް ދުށުމަށް ވުރެ، ކުރާހިތުން، ތަފާތު ހުނަރެއް ދައްކާލަން މަސައްކަތްކޮށްފި ނަމަ މީހުންގެ ޝައުގުވެރިކަން ދަމައިގަނެވޭނެ،" ނާއިޝާ ބުންޏެވެ.

ކްރިއޭޓިވް މަސައްކަތެއް ކުރަން ލިބުމަކީ، ނާއިޝާ ބުނިގޮތުގައި، އޭނާގެ މުޅި މަސައްކަތު އަހުލާގު ބަދަލުވި ކަމެއް

ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. ނާއިޝާ ބުނިގޮތުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އެންމެ ބޮޑު ގޮންޖެހުން ކަމުގައިވަނީ ވެސް އެކަމެވެ.

"ބޭރު ގައުމުތަކުގެ އިންޑަސްޓްރީތަކަކީ ބޮޑެތި އިންޑަސްޓްރީތައް. އެތައް ބަޔަކު މަސައްކަތް ކުރޭ. އެސިސްޓަންޓުންގެ ވެސް އެސިސްޓަންޓުން ހުރޭ،" ނާއިޝާ މިސާލުޖެހި އެވެ.

ނާއިޝާ ޝޯއެއްގެ ތެރެއިން ސެލްފީ ނަގަނި

ބޮޑެތި ބަޖެޓާއި ގިނަ މީހުންނާއި ވަސީލަތާއި ހުނަރުން ފުރިފައިވާ ބޭރު ގައުމުތަކުގެ ފިލްމް އިންޑަސްޓްރީއާ ރާއްޖޭގެ އިންޑަސްޓްރީ އަޅާކިޔަން ހެޔޮ ވެސް ނުވާނެ އެވެ. ސަބަަބަކީ ކޮންމެ އުފެއްދުމެއް ވެސް ސްކްރީނަކުން ދައްކާލުމަށް ކުރަންޖެހޭ ބުރަ ބޮޑު މަސައްކަތްތަކެއް ފަހަތުގައި އޮންނަ އިރު ކުރަން ތިބެނީ މަދު ބަޔެކެވެ. މާ ބޮޑު ބަޖެޓެއް ނެތެވެ. ސެޓް ހަދަން ބޮޑެތި ސްޓޫޑިއޯތަކެއް ނެތުމުން މީހުން ދިރިއުޅޭ ގޭގޭގައި ޝޫޓްކުރަން ޖެހުމާއި ލޮޖިސްޓިކްސް، ލޮކޭޝަން ހަމަޖެއްސުން، ކާސްޓުން ޝެޑިއުލް ކުރުން މިހެން ގޮސް ކޮންމެ މަސައްކަތަކީ އަމިއްލަ އަށް ކުރަންޖެހޭ ކަންކަންކަން ނާއިޝާ ފާހަގަކުރި އެވެ.

"ޝޫޓިން އަކަށް ޑައިރެކްޝަން ހަދާ އިރު އަމިއްލަ އަށް ޕިކަޕެއް ހޯދައިގެން، އިކުއިޕްމަންޓް ހިފައިގެން ގޮސް، މީހުން އެއްކޮށްގެން އެ މަސައްކަތެއް ކުރާ އިރު، ހަމައެކަނި ވިސްނަންޖެހެނީ ޝޮޓަކަށް ނުވަތަ ސްޓޯރީޓެލިންއަކަށް ނޫން. ބައިވަރު އެހެން ކަންކަން ކުރަންޖެހޭ،" އޭނާ ބުންޏެވެ.

މީގެ އިތުރުން، ރާއްޖޭގެ ފިލްމީ ދާއިރާއަކީ މާ ބޮޑު އާމްދާނީއެއް ލިބޭ ދާއިރާއެއް ނޫން ކަމުން އެކްޓަރުން އެހެން ވަޒީފާތައް އަދާކުރަމުން އެ މަސައްކަތްކުރަން ޖެހުމަކީ ވެސް ގޮންޖެހުމެއްކަން ނާއިޝާ ފާހަގަކުރި އެވެ.

"މި ހުރިހާ ކަމެއް ކޮށްފައި އައިސް ސްކްރީނުން ބަލާލާ އިރު ކަމަކުނުދެޔޭ ބުނީމަ ޑީމޯޓިވޭޓްވޭ،" އޭނާ ބުންޏެވެ.

'ބަދަލު': ނާއިޝާގެ ފުރިހަމަ މަސައްކަތެއް

ގޮންޖެހުން ބޮޑު ނަމަވެސް، ނާއިޝާ ހުރީ މި ދާއިރާއިން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މިހާރު ބައިސްކޯފުން ސްޓްރީމް ކުރަމުންދާ 'ބަދަލު' އަކީ އޭނާގެ އެންމެ ފަހުގެ އުފެއްދުމެވެ.

ނާއިޝާ ލިޔެ އުފައްދާފައިވާ 'ބަދަލު' މިހާރު ބައިސްކޯފުން ބަލާލެވޭނެ

ހަ އެޕިސޯޑްގެ ކުރު ސިލްސިލާ އިން އޭނާ ކިޔާދެނީ، ހަޔާތުގައި ދާއިމީވަނީ ހަމައެކަނި ބަދަލު ކަމެވެ. ޒުވާން ފަންނުވެރި ކާސްޓެއް ނާާއިޝާ ދައްކާލި މި ސީރީސްގެ ފުރަތަމަ ދެ އެޕިސޯޑު މިހާރު ސްޓްރީމް ކުރެވޭނެ އެވެ.

"ސީރީސް އުފެދުނީ ފިލްމީ ތަރި ވާޝިޔާއާ އެކު ދެކެވުނު ވާހަކައެއްގެ ތެރެއިން. ރައްޓެއްސެއްގެ އެޕާޓްމަންޓެއް ހުސްވާތީ އެތަނުގައި ޝޫޓް ކުރެވޭނެއޭ ބުނީމަ،" ނާއިޝާ ބުންޏެވެ.

'ބަދަލު'ގެ ފުރަތަމަ އެޕިސޯޑު އެއް ދުވަހުން ޝޫޓްކޮށްފައިވާ އިރު އެ އެޕިސޯޑުން ފެންނަނީ އެއް އެޕާޓްމަންޓްގައި ދިރިއުޅޭ ދެ ރަހުމަތްތެރިން އެޕާޓްމަންޓް ބަދަލުވާ އިރު ހިިނގާ ކަންކަމެވެ. އަދި ދެ މީހުންގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަލުވާ ގޮތެވެ.

'ބަދަލު'ގެ ދެވަނަ އެޕިސޯޑުގެ ޕޯސްޓަރެއް

'ބަދަލު' އިން އަދި ނާއިޝާގެ އެހެން އުފެއްދުންތަކުން ވެސް އޭނާގެ ސްޓޯރީޓެލިންގެ މޮޅުކަން ފެންނަނީ ކޮންމެ މީހެއްގެ ދިރިއުޅުމާ ވެސް ގުޅޭ ކަހަލަ ހަގީގީވަންތަކަމެއް ހުންނާތީ އެވެ. ތަރިންގެ ފަރާތުން އޯވާއެކްޓިންއެއް ނުފެނެ އެވެ. އާދައިގެ ކުޑަ ވާހަކައަކުން ވެސް އޯޑިއަންސްގެ ބޮޑެތި ޖަޒުބާތުތަކަކާ ކުޅެލަ އެވެ. 

ޓޯކް ޝޯއަށް ވުރެ އޭނާ އަށް ޝައުގުވެރިކަން ބޮޑީ މި މަސައްކަތެކެވެ. ނާއިޝާ ބުނާގޮތުގައި އޭނާގެ ސީރީސްތައް އަބަދު އުފާވެރިކޮށް ނިންމާލާކަށް އެނާ އަކަށް ކަމަކުނުދެ އެވެ. ދިރިއުޅުން އަބަދު އުފާވެރިއެއް ނޫނެވެ. "ބްރޯކަންހާޓްސް ކެން ބީ ބިއުޓިފުލް،" އެއީ އޭނާގެ ފަލްސަފާ އެވެ. އެހެންކަމުން ދިރިއުޅުމެކޭ އެއްގޮތަށް އޭނާގެ އުފެއްދުންތަކުން ހުރިހާ ކަމެއް ވެސް ފެންނާނެ އެވެ. ހަގީގަތާ އެއްގޮތަށެވެ.

ނާއިޝާ ނާޝިދު (ކ) އޭނާއާ އެކު މަސައްކަތް ކުރާ ޓީމާ އެކު

އަމިއްލަ ދިރިއުޅުމުން، ނުވަތަ ގާތް މީހުން ބުނެފައިވާ ބައެއް ބަސްތަކުން ހިތްވަރު ހޯދައިގެން އުފައްދާ މިފަދަ ސީރީސްތައް ގާތުން ބަލައިފި ނަމަ އޭނާ ދަންނަ މީހުންނަށް ކަންކަން ފާހަގަވާނެ ކަމުގައި ނާއިޝާ ބުންޏެވެ. މިސާލަކަށް ދެއްކީ އޭނާގެ ޝޯ 'ބިޓްސް އެންޑް ޕީސަޒް' އެވެ. މިއީ އޭނާގެ ގާތް މީހަކު އޭނާ އަށް ބުނެލި ބަހެކެވެ. "ޔޫ ޑިޒާވް ހެޕިނަސް އީވެން އިފް އިޓް އިޒް އިން ބިޓްސް އެންޑް ޕީސަޒް" އެވެ. މީގެ އިތުރުން އޭނާގެ ފުރަތަމަ ކުރު ސިލްސިލާ 'ނެކްސްޓް ޓު ޔޫ'ގެ ނަމަކީ ވެސް ހާއްސަ މީހަކަށް މެސެޖު ކުރާ އިރު ދެން ކޮންތާކުހޭ ހުންނާނީ އަހައިފިއްޔާ ދޭ ޖަވާބެެކެވެ.

ބައިސްކޯފުން އިންތިޒާމް ކުރި 'ޗަނާޗާ' ޝޯގައި ނާއިޝާ އޭނާގެ ދަރިފުޅާ އެކު

ނާއިޝާގެ މަސައްކަތުގައި އެންމެ ބޮޑު ނަމޫނާއަކީ 'އެހެނަސް'ގެ ލިޔުންތެރިޔާ އަދި އޭނާގެ މެންޓާ އަހުމަދު އިގްބާލް އެވެ. އަދި އޭނާގެ އުފެއްދުންތަކުގެ އެންމެ ބޮޑު ފޭނަކީ އޭނާގެ މަންމަ ކަމުގައި ނާއިޝާ ބުންޏެވެ. ކޮންމެ އެއްޗެއް އުފެއްދިޔަސް އެ އެއްޗެއް ބަލާ ކޮމްންޓް ކުރުމަކީ މަންމަ ކުރާ ކަމެކެވެ. އެހެންކަމުން އެއީ އޭނާގެ އެންމެ ބޮޑު ހިތްވަރު ކަމުގައި ނާއިޝާ ދެކެ އެވެ. ނާއިޝާ އަކީ މަންމައެއް ކަމުން، ބިޒީކޮށް މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވެނީ ދަރިފުޅު ބެލެހެއްޓުމުގައި މަންމަ ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުންކަން ވެސް އޭނާ ފާހަގަކުރި އެވެ.

ޓޯކް ޝޯ ޖޮންރާއިން ފެށުމަށް ފަހު ނާއިޝާ މިހާރު ކުރު ސީރީސްތަކުގެ މަސައްކަތް ކުރާ އިރު މުސްތަގުބަލުގައި ހުވަފެނަކީ ދިގު ފިލްމެއް އުފެއްދުމެވެ. އަމިއްލަ ފީޗާ ފިލްމެއް އޮލިމްޕަހަށް ގެންދިއުމެވެ.

ނަމަވެސް ނާއިޝާ ބުނި ގޮތުގައި އޭނާ އަދި އެ ހުރީ ދަސްކުރާ ހަރުފަތުގަ އެވެ. 

ކޮމެންޓް (2)

ކޯރެން

24 އޭޕްރީލު 2023
މީތާ ބައިސްކޯފު ފިލްމު ތަކުގެ ސްކްރިޕްޓް މިހާ ފެންވަރުދަށްވާ ސަބަބަކީ.
0 4

ފމނސޓ

23 އޭޕްރީލު 2023
އާލް ދަ ބެސްޓް ނާއީ …ކީޕް ގޮއިންގް ފޯވަޑް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް