ދިވެހި ފިލްމީ ތަރި އަހުމަދު ޝާރިފް
ޝާރިފް: ނުބައި ބައި ރޯލުތަކުގެ ތަރި
މުހިންމު ނުކުތާތައް
2019ގަ ނުކުތް 'އެހެނަސް' އަކީ ޝާރިފްގެ އެކްޓިން ފުރަތަމަ ފެނުނު ޝޯ
އޭގެ ފަހުން މިވީ ކުރު މުއްދަތުގައި ގިނަ އުފެއްދުންތަކެއްގައި ބައިވެރިވި
ކެރެކްޓާ ރަނގަޅަށް ދައްކާލަން ގިނަ މަސައްކަތްތަކެއް އޭނާ އަންނަނީ ކުރަމުން
ފިލްމާއި ޓީވީ ސިލްސިލާތަކުގައި މީހުންގެ ސަމާލުކަން ހަމައެކަނި ހޯދަނީ ހީރޯއިންނެއް ނޫނެވެ. ހުރިހާ ސަމާލުކަމެއް އެމީހުންނާ ދިމާއަށް ހުއްޓޭކަށް ވެސް ނުޖެހެ އެވެ. ބައެއް ތަރިން އޯޑިއަންސްގެ ސަމާލުކަން ހޯދަނީ އެމީހުން ކުޅޭ ނެގެޓިވް ނުވަތަ އަހަރެމެން އާއްމުކޮށް މި ކިޔާ 'ނުބައި ބައި ރޯލުތަކު'ގެ ސަބަބުންނެވެ.
ހިންދީ ފިލްމަށް ބަލާ ނަމަ އަމްރިޝް ޕޫރީއަކީ މީގެ އެއް މިސާލެވެ. ހޮލީވުޑަށް ބަލާ ނަމަ 'ޖޯކާ' އަކީ ވެސް އެކެކެވެ. ސީރީސްއަށް ބަލާ ނަމަ ބިންޖްވޮޗް އަދި ކުރީގެ ސީރީސް ޕްރިޒަން ބްރޭކްގެ 'ޓީބޭގް' ކެރެކްޓާ އެވެ.
އަހުމަދު ޝާރިފް، 31 އަކީ މިހާރު ދިވެހި ސިލްސިލާތަކުން ފާހަގަކޮށްލެވޭނެ އެއް މޫނެވެ. އެކަމަކު އޭނާ ފެންނަނީ މައިގަނޑު ގޮތެއްގައި ނެގެޓިވް ރޯލްތަކުންނެވެ.
މޮޅަށް ނެގެޓިވް ކެރެކްޓާ ކުޅޭ އެކްޓަރުންނަށް، އެ ފިލްމެއް ބަލައި ނިމުމުން ނުވަތަ ސިލްސިލާގެ ތެރޭގައި ބެލުންތެރިންގެ ރުޅިވެރިކަން، ހިތްހަމަނުޖެހުން އުފެދެ އެވެ. އެ މީހުންގެ ހިޔާލީ އެ ޝަހުސިއްޔަތުގެ ނުބައި އަސަރުތައް ބެލުންތެރިންގެ ސިކުނޑިއަށް ވަދެ އެވެ.
ޝާރިފްއަކީ މި ފަހުން ދިވެހި ފިލްމީ ދާއިރާއިން ފެނުނު އެކްޓަރުންގެ ތެރެއިން ނެގެޓިވް ބައި އެންމެ ފުރިހަމައަށް ދައްކާލަދޭ އެކްޓަރެވެ..
ޝާރިފްގެ އެކްޓިން އަޅައިގަތީ، ޑިރެކްޓަރު އިލްޔާސް ވަހީދުގެ އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން އުފެއްދި ސިލްސިލާ 'މަޒްލޫމް' އިންނެވެ. ފުރަތަމަ ބައިގައި ރޭޕް ކޭސްއެއް ހިނގައިގެން އުޅޭ އިރު، އޭނާގެ ރޯލުން ބެލުންތެރިންނަށް ސިހުން ގެނެސްދޭނެ އެވެ.
މިއީ ޝާރިފްގެ ފުރަތަމަ މަސައްކަތެއް ވެސް ނޫނެވެ.
ބ. ފެހެންދުއަށް އުފަން ޝާރިފް، ދިރިއުޅެމުން އައީ އެ އަތޮޅު ގޮއިދޫގަ އެވެ. ގްރޭޑް ހަތެއް ނިންމާ، މާލެ އައި އިރު އެކްޓިން އަކީ އޭނާ އޭރު މާ ބޮޑު ޝައުގުވެރިކަމެއް ހުރި ކަމެއް ނޫނެވެ.
ފިލްމީ ދާއިރާއަށް ވަނުމުގެ ޕްލޭނެއް ވެސް ނެތެވެ. އެކަމަކު އޭރުވެސް އޭނާ ދިވެހި ފިލްމު ބަލާ ހެދި އެވެ. ލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ފިލްމުތައް އޭނާއަށް ކަމުދިޔަ އެވެ.
ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި، 'ބޮސް' ފިލްމުގެ އޯޑިއޯ މަސައްކަތުގައި އުޅެނިކޮށް ޝާރިފްއަށް ރަވީ ފާރޫގު ދިން ފުރުސަތަކާ އެކު ކެމެރާގެ ކުރިމަައްޗަށް ނުކުތީ އެވެ.
ދިވެހި ސީރީސްތަކަށް ބޮޑު ބަދަލެއް ގެނައި ޝޯ 'އެހެނަސް'ގެ ޕޯސްޓަރު ފެނި، ބިރުވެރި ފިލްމެއް ކަމަށް ހީކޮށް ޝާރިފް އޮޑިޝަން ކުރި އެވެ.
އެހެނަސް އަކީ ބޮޑު މަސައްކަތެކެވެ. ދެ ސީޒަނަކަށް ބަހާލައިގެން އޯޑިއަންސާ ހަމައަށް ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާ ފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ގެނެސްދިން މި ޝޯ އަކީ ޝާރިފް އޮޑިޝަން ކުރި ހަމައެކަނި ޝޯ އެެވެ.
އޭނާ އަށް ލިބުނީ ނެގެޓިވް ރޯލެކެވެ. އެއީ ޝޯގެ މެއިން ކެރެކްޓާ ކަމަށް ވާ ނިޔާޒްގެ ބޭބެ ޝިނާޒްގެ ބައެވެ.
ޝާރިފް ބުނީ މިއީ މިހާތަނަށް އޭނާއަށް އެންމެ ކަމުދާ ރޯލު ވެސް މެ އެވެ. ކުޅުނު ފުރަތަމަ ފިލްމު ކަމަށް ވިޔަސް ވަރަށް ގިނަ ކަންތައްތަކެއް އޭނާއަށް ދަސްވި އެވެ.
"އެކަހަލަ ކެރެކްޓާ ދެކެ ލޯބިވާ އެއްވެސް މީހަކު ނުހުންނާނެ. އެހެންވެ ގަބޫލުކުރެވޭ ރަނގަޅަށް ޑެލިވާ ކުރުވުނުކަން،" އޭނާ ބުންޏެވެ.
އެހެނަސްގައި އޭނާއަށް އޭނާގެ އެ ރޯލް ފުރިހަމައަށް އަދާކުރެވުނީ، ޝާރިފް ބުނާ ގޮތުން، ރަވީ، ރިޝްމީ އަދި އަހުމަދު އިގްބާލްގެ ކިޔައިދިނުން ވަރަށް ބޮޑު އެހީއަކަށް ވި އެވެ.
ގިނަ އާ އެކްޓަރުންތަކެއް ގޮވައިގެން ކުރިއަށް ދިޔަ ސިލްސިލާއަކަށް ވުމުން ޝޫޓިން ފެށުމުގެ ކުރިން ޓްރެއިނިން ދީ، ރިހާސަލް ބާއްވާ ވަރަށް ރަނގަޅަށް ބުނެދިން ކަމަށް އޭނާ ބުންޏެވެ.
މިވަގުތު ޝާރިފް އުޅެނީ ފުލްޓައި ވަޒީފާއެއްގައި އައިސްޓީވީގެ ޓެކްނިކަލް ބައިގަ އެވެ. ނަމަވެސް ފިލްމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން އަންނަނީ ހިފަމުންނެވެ.
އުޅޭ ބުނީ ކެމެރާ ކުރިމައްޗަށް އަރާއިރު އަދިވެސްް ފިނިވާ ގޮތެއް ހުންނަ ކަމަށެވެ.
"އެހެނަސް އަށް ފަހު، މިވީ ކުރު މުއްދަތުގައި ވަރަށް ގިނަ ރޯލްތައް ކުޅެވިއްޖެ. އެކަމަކު އަދިވެސް ކެމެރާ ކުރިމައްޗަށް އަރާ އިރު ފިނިކަމެއް ހުރޭ. އިރުކޮޅަކުން އެކަންދޭ،" ޝާރިފް ބުންޏެވެ.
ނެގެޓިވް ރޯލަކީ އަބަދު ރުޅިގަދަވެ، ހަޅޭއްލަވަން ޖެހޭ ބައެއް ނޫނެވެ.
"ބައެއް ރޯލްތަކުގައި ހުންނާނެ ވަރަށް ގާތްކޮށް އުޅެފައި ފަހުން ކެރެކްޓާގެ ނުބައިކަން ފާޅުވާ. ނުބައިކަން ދައްކަން ޖެހޭ މިންގަނޑުތަކެއް ހުރޭ،" ޝާރިފް ބުންޏެވެ.
މިއީ ވަކި ފަސޭހަ ރޯލެއް ނޫނެވެ. ގިނަ އެއްޗެހިތަކެއް ދަސްކުރަން ޖެހެ އެވެ.
ޝާރިފްއަށް 'އެހެނަސް' ހާއްސަވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ފުރަތަމަ ފަހަރަށް ލައިވް އޯޑިއޯ ބޭނުންކޮށްގެން ހެދި ސީރީސްއަށް ވުމެވެ. އޭނާގެ އަސްލު ވަޒީފާގައި ކުރަން ޖެހޭ މަސައްކަތަށް، އެ ތަޖުރިބާއިން ގިނަ އެއްޗެހިތަކެއް ދަސްވި އެވެ.
ޝާރިފް ބުނި ގޮތުގައި އޭނާ ނުހިމެނޭ ފިލްމީ ޕްރޮޖެކްޓްތަކަށް ވެސް ލައިވް އޯޑިއޯ ހަދަން ފުރުސަތު ލިބެ އެވެ.
ޝާރިފްއަކީ އަމިއްލަ ދިރިއުޅުމުގައި ވެސް ކުޑަކޮށް ރުޅިގަދަ މީހެކެވެ. އެހެންކަމުން، ޭނާ ބުނި ގޮތުގައި، ނެގެޓިވް ރޯލެއްގައި ރުޅިވެރިކަން ދައްކަން ޖެހޭ ހާލަތުގައި އޭނާއަށް އެހާ އުނދަގުލެއް ނޫނެވެ.
"އުނދަގުލީ ބޮޑަށް ލޯބީގެ ރޯލްތައް، ސޮފްޓް އެއްޗެހި. މިސާލަކަށް ރޯން ޖެހޭ ސީންތައް،" ޝާރިފް ބުންޏެވެ.
'ގާލްފްރެންޑް' އާއި 'ނެތީމޭ' ގައި ޝާރިފްގެ ސޮފްޓް ފަރާތް ދައްކާލަން ފުރުސަތު ލިބުނެވެ.
އެކްޓިންއަކީ މިހާރު އޭނާ ކުރާ ހިތުން ކުރަމުން މަސައްކަތެކެވެ. ސްކްރިޕްޓް ލިބުމުން، ވަރަށް ރަނގަޅަށް އެ ކިޔާ ކެރެކްޓާ ގެނެސްދޭނެ ގޮތާ މެދު ވިސްނާ، ޑައެލޮގްތައް ދަސްކުރަން ވަގުތު ހޭދަކުރެ އެވެ.
"ރުޅިގަދަ ބަޔަށް އަސްލު އެހާ ބޮޑު މަސައްކަތެއް ކުރަން ނުޖެހުނަސް، ދެން ހުންނަ ބައިތައް ފުރިހަމައަށް ގެނެސްދޭން ބޮޑަށް މަސައްކަތް ކުރަން ޖެހޭ،" ޝާރިފް ބުންޏެވެ.
ފިލްމާއި ސީރީސްތަކާ އެއްވަރަށް އިސްތިހާރުތަކުގައި ވެސް އޭނާ އުޅެ އެވެ. ވޯލްޑް ކަޕް ދުވަސްވަރު ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ހޭލުންތެރިކަމަށް އުފެއްދި އިސްތިހާރުތަކެއް ތަކުރާރުކޮށް ޓީވީން ފެނުނެވެ. އޭނާއަކީ އެ އިސްތިހާރުތަކުގެ އެއް މޫނެވެ.
"މަގުމަތިން ފެނިގެން، އޯޓީޕީ ނުދޭނަމޭ، ނުވަތަ އީމެއިލެއް ނުދޭނަމޭ ކިޔާ މީހުން ގޮވާ ހެދެމުން އެ އިސްތިހާރުތަކަށް އާންމުންގެ ސަމާލުކަން ލިބުނު މިންވަރު އެނގުނު،" ޝާރިފް ބުންޏެވެ.
ދިވެހި ފަންނާނުންގެ ތެރޭގައި އޭނާ ނަމޫނާއަކަށް ނަގާނެ އެކްޓަރުން އެބަ ތިއްބެވެ. އެ މީހުންގެ ނަންތައް ވެސް ފާހަގަކުރި އެވެ. ރަވީ އެވެ. ކޮޕީ އިއްސެ އެވެ. އަދި މުއާ އެވެ.
"ތަފާތު ރޯލުތަކުން ފެނުމަކީ އަހަރެންގެ އުއްމީދެއް،" ކުރިމަގާ ބެހޭ ގޮތުން ޝާރިފް ބުންޏެވެ.
"މި ދާއިރާ ދޫކޮށް ދިއުމުގެ ހިޔާލެއް ނެތް."
ކޮމެންޓް (1)
ރާވެރިޔާ