އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ސާލިމް

މަހުމޫދުގެ މަރު

މަހުމޫދު މަރާލި ކަމަށް އިއުތިރާފުވީ އޮޅުވާލުމުން ކަމަށް ސާލިމް ހައި ކޯޓުގައި ބުނެފި

ސާލިމް ބުނީ، އޭނާ ކުށަށް އިއުތިރާފުވީ، އިއުތިރާފުވުމުން ޑީޕޯޓު ކޮށްދޭނެ ކަމަށް ތަރުޖަމާކޮށްދިން މީހާ ބުނުމުން ކަމަށް
10 ޖެނުއަރީ 2023

އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އިއުތިރާފުވީ، ޑީޕޯޓުކޮށް އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ބުނުމުން ކަމަށް ޝާ އަލޮމް މިއާ (ސާލިމް) ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން، އޮކްޓޫބަރު 2021ގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވަ އެވެ. އެ އަމަލު ހިންގުމުގެ ތުހުމަތުގައި ސާލިމް ހައްޔަރުކުރުމުން:

  • ފުލުހުންގެ ބަންދުގައި ހުރެގެން ސާލިމް ކުށަށް އިއުތިރާފުވެ، މަހުމޫދު މަރާލި ގޮތް ކިޔައިދިން

  • ކްރިމިނަލް ކޯޓުގައި ވެސް ތަހުގީގު އިއުތިރާފު ދަމަހައްޓާފައިވޭ

  • ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ ސާލިމް މަރަން

  • ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ މަރަށް މަރު ހިފާ މައްސަލަތަކުގައި، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ބޭނުންވާތީ

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން ކުރި ހުކުމް ކަށަވަރުކުރަން ހުށަހެޅި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ސާލިމް މިއަދު ވަނީ އޭނާގެ ތަރުޖަމާނު އޮޅުވާލީ ކަމަށް ބުނެ، ބަންގްލަދޭޝް ތަރުޖަމާނަކާ އެކީ އަޑުއެހުންތައް ކުރިޔަށް ގެންދަން ފަނޑިޔާރުންގެ ކިބައިން އެދިފަ އެވެ. 

އދ. ދަނގެތީގައި ސާލިމް އުޅެމުން އައި ނެދުންގެ: އޭނާއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުރި މީހެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލް - މާފުށީ ޖަލުގައި ހުރެގެން އަޑުއެހުމުގައި ބައިވެރިވި ސާލިމް، ފަނޑިޔާރުންގެ ކުރިމަތީގައި އުދާސްތައް ބަންޑުންކޮށްލަމުން ބުނީ، އޭނާ ކުށަށް އިއުތިރާފުވީ، އިއުތިރާފުވުމުން ޑީޕޯޓު ކޮށްދޭނެ ކަމަށް ތަރުޖަމާކޮށްދިން މީހާ ބުނުމުން ކަމަށް އޭނާ ބުންޏެވެ.

ބުނީ ކީކޭ؟ - "ކުރިން ބުނީ އެ ވައްތަރު އެ ވައްތަރު ވާހަކަ ބުނައްޗޭ. ބުނީމަ އެއްބަސްވަނީ ބަންގްލަދޭޝް [ބުނި އެއްޗެއް ސާފެއް ނުވޭ]. އަހަރެން އެކަމެއް ނުކުރަން،" ބިދޭސީން އާއްމުކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ގޮތަށް ސާލިމް ބުންޏެވެ.

އެނގުން މުހިންމު - ސާލިމް ވަނީ ތަހުގީގު މަރުހަލާގެ އިތުރުން، ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފުވެފަ އެވެ. ދައުލަތުން ދަށު ކޯޓުގައި އެެދެމުން ދިޔައީ ހެކި ހުށަހަޅައިގެން މައްސަލަ ސާބިތުކުރާށެވެ. ނަމަވެސް، ސާލިމްގެ އިއުތިރާފު ދެމެހެއްޓުމަށް ފަހު މި މައްސަލަައިގައި ހުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވީ ސާލިމްގެ އިއުތިރާފުގެ މައްޗަށް މައްސަލަ ސާބިތުވާކަމަށެވެ.

ތަރުޖަމާނު ދެއްކި ވާހަކަތަކަކާ ގުޅިގެން އިއުތިރާފުވީ ކަމަށް ސާލިމް ބުނި ނަމަވެސް އެއީ ކޮން ތަރުޖަމާނެއް ކަމެއް ސާފެއް ނުވި އެވެ.

ޕީޖީގެ ވަކީލުން ވިދާޅުވީ ތަހުގީގު މަރުހަލާގައި ހުރީ އެހެން ތަރުޖަމާނެއް ކަމަށާއި ދަށު ކޯޓުގައި ތަރުޖަމާކޮށްދިނީ، ހައި ކޯޓުގައި ތަރުޖަމާކޮށްދޭން ހުރި ދިވެހި މީހާ ކަމަށެވެ. އޭގެ ކުރިން ވާހަކަ ދައްކަމުން ތަރުޖަމާނު ވަނީ، އެފަދަ އެެއްވެސް ވާހަކައެއް ސާލިމް ގާތު ބުނެފައި ނުވާނެ ކަމަށް ފަނޑިޔާރުންނަށް ދަންނަވާފަ އެވެ.

ތަރުޖަމާނު ބަދަލުކުރުމާ މެދު ދައުލަތުން ދެކޭ ގޮތް އޮޅުންފިލުވަން ސުވާލުކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ޝަރުތުތައް ފުރިހަމަވާ ނަމަ އެކަމާ ދެކޮޅު ނޫން ކަމަށެވެ. އަދި އެކަމުގައި ފަނޑިޔާރުންގެ ބެންޗުން ގޮތެއް ނިންމަން އެދުނެވެ.

ހައި ކޯޓުުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމީ ބަންގްލަދޭޝްގެ ތަރުޖަމާނަކު ހަމަޖެއްސުމާ މެދު ފަހުން ގޮތެއް ނިންމާށެވެ.

ދަނގެތީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ 14 އޮކްޓޯބަރު 2021 ގައި ފެނުނު މަހުމޫދުގެ މަރާ ގުޅިގެން، އެ ރަށުގެ ގެއެއް ފުލުހުން ބަލައި ފާސްކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހާދިސާ ހުލާސާކޮށް

ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިޔަ ސާލިމް، މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާގެ ގޭތެރޭގަ އެވެ. އޭނާ މަރާލުމަށް ފަހު ހަށިގަނޑު، ކައިރި ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލީ، މަހުމޫދުގެ ހަށިގަނޑު ފާރެއްގެ މަތިން މަގަށް ގެންގޮސް އުފުލައިގެންނެވެ.

  • މަހުމޫދު މަރާލި ކަމަށް އިއުތިރާފުވި ނަމަވެސް، އޭނާ ވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ޝައިތާނާ ވަސްވާސް ދިނުމުން ކުރި ކަމެއް ކަމަށް ކޯޓުގައި ބުނެފައި

  • ހުކުމް ކުރުމުގެ އަޑުއެހުމުގައި ސާލިމް ވަނީ އޭނާގެ މައިންބަފައިންނާއި ދަރިން އެބަ ތިބި ކަމަަށް ބުނެ، އޭނާއަށް މައާފުކޮށް، ލުއި ގޮތެއް ހަމަޖައްސަން އެދިފައި

  • މައާފު ކުރަން ސާލިމް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުގައި މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ އޭނާގެ ކިބައިން މަރަށް މަރު ހިފަން؛ މަހުމޫދުގެ މަންމަ، އަނބިމީހާ އަދި ފަސް ދަރިން ވެސް ބުނެފައި ވަނީ ބޭނުންވަނީ މަރަށް މަރު ކަމަށާއި މަރުގެ ދިޔަ ބޭނުންނުވާ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް