އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރުގެ ގާތިލް ސާލިމް: އޭނާ އަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ އެ ރަށުގައި ދުވަސްވީ މީހަކު ބަލަން އުޅެމުން އައި މީހެއް
ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
މުހިންމު ނުކުތާތައް
މަހުމޫދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވީ މަރުގެ ހުކުމެއް
މަރުގެ މައްސަލައިގެ ހުކުމް ތަންފީޒުވަނީ މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިހާއީ ހުކުމެއް އިއްވުމުން
މިހާތަނަށް ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާ
މިދިޔަ އަހަރު އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަން އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ބަލައިގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވަ އެވެ.
-
އޭނާގެ ގާތިލު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ސާލިމް ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެ މަހުމޫދު މަރާލި ގޮތް ކިޔައިދީފައި
-
އެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފަން
-
މިއީ މަރުގެ ހުކުމެއް ކަމުން މި މައްސަލަ ދަށު ކޯޓުން ސާބިތުވީ ނަމަވެސް، ހުކުމް ތަންފީޒުކުރެވޭނީ މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމެއް އޮވެގެން
ވީ ކިހިނެއް؟ - މި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޮގަސްޓު މަހުގެ 1 ގަ އެވެ. ނަމަވެސް، އިސްތިއުނާފު ކުރަން ހުށަހަޅަން ޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެހެންވެ، ޕީޖީ އޮފީހުން ނިންމީ އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރާށެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލަ ބަލައިގަނެ، އޮގަސްޓު 19 ގައި މައްސަލަ ރަޖިސްޓްރީކޮށްފަ އެވެ.
ހާދިސާ ހުލާސާކޮށް
ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިޔަ ސާލިމް މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާގެ ގޭތެރޭގަ އެވެ. އޭނާ މަރާލުމަށް ފަހު ހަށިގަނޑު ކައިރި ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލީ، މަހުމޫދުގެ ހަށިގަނޑު ފާރެއްގެ މަތިން މަގަށް ގެންގޮސް އުފުލައިގެންނެވެ.
-
މަހުމޫދު މަރާލުމަށް އިއުތިރާފުވި ނަމަވެސް، އޭނާ ވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ޝައިތާނާ ވަސްވާސް ލުމުން ކުރި ކަމެއް ކަމަށް ކޯޓުގައި ބުނެފައި
-
ހުކުމް ކުރުމުގެ އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައިންބަފައިންނާއި ދަރިން އެބަ ތިބި ކަމަަށް ބުނެ، އޭނާއަށް މައާފުކޮށް، ލުއި ގޮތެއް ހަމަޖައްސަން އެދިފައި
-
މައާފު ކުރަން ސާލިމް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުގައި މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ އޭނާގެ ކިބައިން މަރަށް މަރު ހިފަން؛ މަހުމޫދުގެ މަންމަ، އަނބިމީހާ އަދި ފަސް ދަރިން ވެސް ބުނެފައި ވަނީ ބޭނުންވަނީ މަރަށް މަރު ކަމަށާއި މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް
-
އިތުރަށް ކިޔާލަން - މަހުމޫދު މަރާލިކަން ސާބިތުވެ ސާލިމް މަރަން ކުރި ހުކުމް ހައިކޯޓަށް