މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ސާލިމް (ހުދު ކުލައިގެ ގަމީހުގައި) ކްރައިމް ސީންއަށް ގެންގޮސްގެން ފުލުހުން އޭނާގެ ފަރާތުން މައުލޫމާތު ހޯދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

މަހުމޫދުގެ މަރު

މަހުމޫދު މަރާލިކަން ސާބިތުވެ ސާލިމް މަރަން ކުރި ހުކުމް އިސްތިއުނާފުކޮށްފި

ސާލިމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދިޔަ ފެބްރުއަރީ މަހު
2 އޯގަސްޓު 2022

މިދިޔަ އަހަރު އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަން އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޯބަރު މަހު މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ދަނގެތީގެ ފަޅު ގޯއްޗެއްގެ ވަޅަކަށް ވައްޓާލާފައި އޮއްވަ އެވެ. އޭނާގެ ގާތިލު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ސާލިމް ހައްޔަރު ކުރި އެވެ.

  • ފުލުހުންގެ ބަންދުގައި ހުރެގެން ސާލިމް ކުށަށް އިއުތިރާފުވެ، މަހުމޫދު މަރާލި ގޮތް ކިޔައިދިން

  • އެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ އަމިއްލަ އިއުތިރާފުން ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ ކިބައިން މަރަށް މަރު ހިފަން

ވީ ކިހިނެއް؟ - ހައި ކޯޓުގެ ރަޖިސްޓްރީގައިވާ ގޮތުން، ކްރިމިނަލް ކޯޓުން އޭނާ މަރަން ކުރި ހުކުމް އިސްތިއުނާފު ކުރަން އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.

އދ. ދަނގެތީގައި މަރާލާފައިވާ އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު. (ފޮޓޯ/އާއިލާ)

އެނގުން މުހިންމު - ދަށު ކޯޓަކުން މަރުގެ ހުކުމް ކުރިޔަސް، އެ ހުކުމެއް ތަންފީޒު ކުރެވޭނީ، އެ ހުކުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ގޮތް ނިންމައި ނިހާއީ ހުކުމެއް އޮވެގެން ކަމަށްވާތީ، ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ބަލައި ގޮތެއް ނިންމުމުން ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާނެ އެވެ. އަދި އެކަން ކަށަވަރުކުރަން، ކުށް ސާބިތުވާ ކަމަށް ކުރާ ހުކުމްތައް ޕީޖީ އޮފީހުން ވެސް އިސްތިއުނާފު ކުރާނެ އެވެ.

ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިޔަ ސާލިމް މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާގެ ގޭތެރޭގަ އެވެ. އޭނާ މަރާލުމަށްފަހު ހަށިގަނޑު ކައިރި ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރެއަށް ވައްޓާލީ، މަހުމޫދުގެ ހަށިގަނޑު ފާރެއްގެ މަތިން މަގަށް ގެންގޮސް އުފުލައިގެންނެވެ.

  • މަހުމޫދު މަރާލުމަށް އިއުތިރާފުވި ނަމަވެސް، އޭނާ ވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ޝައިތާނާ ވަސްވާސް ލުމުން ކުރި ކަމެއް ކަމަށް ކޯޓުގައި ބުނެފައި

  • ހުކުމް ކުރުމުގެ އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައިންބަފައިންނާއި ދަރިން އެބަ ތިބި ކަމަަށް ބުނެ، އޭނާއަށް މައާފުކޮށް، ލުއި ގޮތެއް ހަމަޖައްސަން އެދިފައި

  • މައާފު ކުރަން ސާލިމް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުގައި މަހުމޫދުގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ އޭނާގެ ކިބައިން މަރަށް މަރު ހިފަން

  • ވާރިސުންގެ ބަސް ނަގަން ބޭއްވި އަޑުއެހުމުގައި މަހުމޫދުގެ މަންމަ، އަނބިމީހާ އަދި ފަސް ދަރިން ވެސް ބުނެފައި ވަނީ ބޭނުންވަނީ މަރަށް މަރު ކަމަށާއި މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް

މަހުމޫދުގެ މަރާ ގުޅިގެން ކްރައިމް ސީންއާ ކައިރި ސަރަހައްދެއް ފުލުހުން ބަލައި ފާސްކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުަނައިދު)

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ގަސްތުގައި މީހަކު މަރާލައިފިކަން ސާބިތުވެ، ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ ދޭން ޖެހޭނީ އެ އަދަބެވެ. އެކަމަކު، އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނޫން ނަމަ މަރުގެ އަދަބު ނުދެވޭނެ އެވެ. ރާއްޖޭގައި މަރުގެ އަދަބު ދޭން ހުކުމް ކުރިޔަސް، މަރުގެ ހުކުމް ފަހުގެ ތާރީހުގައި ތަންފީޒެއް ނުކުރެ އެވެ.

މަހުމޫދުގެ ހަށިގަނޑު ފާރުމަތިން ގެންގޮސް، ވަޅަށް ވައްޓާލީތީ ސާލިމްގެ މައްޗަށް މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ކުރި އެވެ. އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ ގާނޫނުން ލިބޭ ލުޔާއެކު، ލިބުނީ އެއް މަހާއި 24 ދުވަހުގެ ހުކުމެކެވެ. އެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ސާލިމް ބަންދުގައި ހޭދަކޮށްފައި ވާތީ، އެ ކުށުގެ އަދަބު ހުކުމް ކުރި އިރު އޮތީ ތަންފީޒުވެ ނިމިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް