އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމާދު އަބޫބަކުރު މަރާލި ސާލިމް: އޭނާ އަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ އެ ރަށުގައި ދުވަސްވީ މީހަކު ބަލަން އުޅެމުން އައި މީހެއް.
މަހުމޫދު މަރާލިކަން ސާބިތުވެ ސާލިމް މަރަން ހުކުމްކޮށްފި
އދ. ދަނގެތީގެ ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަން އަމިއްލަ އިއުތިރާފުން ސާބިތުވެފައިވާ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) މަރަން މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޯބަރު މަހު މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައި މަރާލުމަށް ފަހު ވަޅަކަށް ވައްޓާލާފައި އޮއްވަ އެވެ. އެއަށް ފަހު ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ސާލިމް ހައްޔަރު ކުރި އެވެ. އަދި ފުލުހުންގެ ބަންދުގައި ހުރެގެން ސާލިމް ކުށަށް އިއުތިރާފުވި އެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް ކުރާ ދައުވާތަކަކީ:
-
ގަސްތުގައި މީހަކު މެރުން
-
މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން
މަހުމޫދު މަރާލުމަށް ސާލިމް ވަނީ ކޯޓުގައި ވެސް އިއުތިރާފުވެފަ އެވެ. މަހުމޫދުގެ ވާރިސުންގެ ބަސް ކޯޓުން ނެގީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގަ އެވެ. އެ އަޑުއެހުމުގައި މަހުމޫދުގެ މަންމަ، އަނބިމީހާ އަދި ފަސް ދަރިން ވެސް ބުނެފައި ވަނީ ބޭނުންވަނީ މަރަށް މަރު ކަމަށެެވެ. އަދި މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ.
-
އިތުރަށް ކިޔާލަން - މަހުމޫދުގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން
މިއަދުގެ އަޑުއެހުމަކީ ހުކުމް ކުރަން ބާއްވާ އަޑުއެހުންކަން ސާފުކޮށްދެއްވައި ޝަކީލް ދެއްކެވި ވާހަކަތައް، ކޯޓުން ކަނޑައަޅާފައި ހުރި ތަރުޖަމާނު ސާލިމްއަށް ކިޔައިދިނުމުން އޭނާ އެއްޗެއް ބުނަން ބޭނުންވި އެވެ. އެކަމަކު، ޝަކީލް އެ ފުރުސަތު ނުދެއްވައި ހުކުމް ކުރުމައިގެން ކުރިއަށްްގެންދިޔަ އެވެ.
އޭނާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވަމުން އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ސާލިމްގެ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ، އަދި މަހުމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ސާލިމް މަރަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އެގޮތުގެ މަތިން ހުކުމް ކުރާ ކަމަށެވެ.
އެނގުން މުހިންމު - އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ގަސްތުގައި މީހަކު މަރާލައިފިކަން ސާބިތުވެ، ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވެއްޖެ ނަމަ ދޭން ޖެހޭނީ އެ އަދަބެވެ. އެކަމަކު، އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނޫން ނަމަ މަރުގެ އަދަބު ނުދެވޭނެ އެވެ.
ސާލިމްގެ މައްޗަށް މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރީ މަހުމޫދުގެ ހަށިގަނޑު ފާރުމަތިން ގެންގޮސް، ވަޅަށް ވައްޓާލީތީ އެވެ. އެ ދައުވާގެ ހުކުމް ވެސް މިއަދު އިއްވި އެވެ. އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ ގާނޫނުން ލިބޭ ލުޔާއެކު، ލިބުނީ އެއް މަހާއި 24 ދުވަހުގެ ހުކުމެކެވެ. އެ ހުކުމުގެ މުއްދަތަށް ވުރެ ދިގު މުއްދަތެއް މިހާރު ވެސް ސާލިމް ބަންދުގައި ހޭދަކޮށްފައި ވާތީ، އެ ކުށަށް އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބެއް މިހާރު ނެތެވެ.
ހުކުމް ކުރުމަށްފަހު ޝަކީލް ސާލިމްއަށް ނަސޭހަތްތެރި ވެސް ވި އެވެ. އެގޮތުން، މީހަކު މަރާލުމަކީ އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފައަކަށްވާއިރު، ސާލިމްއަށް ދުނިޔެ މަތީގައި އަދަބު ލިބުނަސް، އޭނާ އެ ކުށަށް ތައުބާވާން ޖެހޭ ކަމަށް ނަސޭހަތްތެރިވި އެވެ. އަދި ތައުބާގެ ދޮރު އަބަދު ވެސް ވަނީ ހުޅުވިފައިކަން ހަނދާންކޮށްދިނެވެ.
ސާލިމް އަކީ ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުރި މީހެެކެވެ. އޭނާ މަހުމޫދު މަރާލީ އެ އުމުރުން ދުވަސްވީ މީހާ ވެސް އުޅޭ ގޭގެ ތެރޭގަ އެވެ.
ފުލުހުން މަހުމޫދުގެ މަރު ތަހުގީގު ކުރަމުން ދަނިކޮށް، ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިގެން އެކަން އެ ރަށު މީހަކު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. ފުލުހުން ކޯޓު އަމުރެއްގެ ދަށުން ސާލިމް ދިރިއުޅުނު ދަނގެތީ ނެދުންގެ ބަލައި ފާސްކުރި އިރު، އެ ގެއިން މަހުމޫދުގެ ބައެއް ތަކެތި ވެސް ފެނިފައިވެ އެވެ. ފަހުން ސާލިމް އިއުތިރާފުވެ، އޭނާ އެކަން ކުރި ގޮތް އަމިއްލައަށް ފުލުހުންގެ ތަހުގީގަށް ކިޔައި ދިނެވެ.
މަހުމޫދުގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ:
-
ސާލިމް މަހުމޫދު މަރާލީ ފައިސާއަށް ބޭނުންވެގެން ކަމަށް ބެލެވޭ ސަބަބުތައް އެބަ ހުރި ކަމަށް
-
ސާލިމްގެ އާއިލާއަށް ފައިސާ ބޭނުންވާ ކަން ފާހަގަކުރެވިފައިވޭ
ވާރިސުންގެ ބަސް ނަގަން ބޭއްވި އަޑުއެހުމުގައި ސާލިމް ކޯޓުގައި ޖަޒުބާތީވެ، ވަރަށް ރުޔެވެ. އޭނާގެ މައިންބަފައިންނާއި ދަރިން އެބަ ތިބި ކަމަަށް ބުނެ، އޭނާއަށް މައާފުކޮށް، ލުއި ގޮތެއް ހަމަޖައްސަން އެދުނެވެ. ސާލިމް ބުނާ ގޮތުގައި އެ ކުށް ކުރެވުނީ އޭނާއަށް ޝައިތާނާ ވަސްވާސް ދީގެންނެވެ.
ފަސްމަންޒަރު - ދަށު ކޯޓަކުން މަރުގެ ހުކުމް ކުރިޔަސް، އެ ހުކުމަށް މަތީ މަރުހަލާގެ ކޯޓުތަކުން ވެސް ގޮތެއް ނިންމަން ޖެހެ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓަށް އަދި އެ ކޯޓުން ގޮތެއް ނިންމުމުން ސުޕްރީމް ކޯޓަށް ވެސް ފޮނުވާނެ އެވެ. ރާއްޖޭގައި މަރުގެ އަދަބު ދޭން ހުކުމް ކުރިޔަސް، މަރުގެ ހުކުމް ފަހުގެ ތާރީހުގައި ތަންފީޒެއް ނުކުރެ އެވެ.