ހޮސްޕިޓަލެއްގައި އާސަންދަ ލިބޭކަން އަންގައިދީފައި: މިއީ ދިވެހިންނަށް ވަރަށް ބޮޑު ހިދުމަތެއް

އާސަންދަ

ހޮސްޕިޓަލް ބިލް ދައްކަނީ ސަރުކާރުންނޭ؟ އެއީ ކިހިނެއް؟

ބެންގަލޫރުގައި ހުންނަ މަނީޕާލް ހޮސްޕިޓަލްގައި އޮތް އިންޑިއާގެ ބަލިމީހެއްގެ ދަރިއެއް ކައިރީގައި، ދިވެހި ސަރުކާރުގެ އެހީގައި ދިވެހިންނަށް ބޭރުން ވެސް ބޭސްކުރެވޭ ވާހަކަ ބުނުމުން ލިބުނީ ހައިރާންކަން

އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނީޕާލް ހޮސްޕިޓަލްގެ ކޮޓަރިއެކެވެ. އަޅުގަނޑުގެ ކޮއްކޮ ބާއްވާފައި އޮތް އެނދާ ޖެހިގެން އޮތީ އިންޑިއާގެ ބިހާރު ސްޓޭޓްގެ މީހެކެވެ. އެކްސިޑެންޓެއްގައި ލިބުނު ގެއްލުމަކާ ގުޅިގެން މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ އެވެ.

ކަން ދިމާކުރި ގޮތުން ދެ މީހުން ވެސް ދޫކޮށްލީ އެެއް ދުވަހަކު އެވެ. އަޅުގަނޑު މަަޑުކޮށްގެން ހުރީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން މިދިއަ އެމްޑީޕީ ސަރުކާރުން ތައާރަފުކުރި 'މެނަރާ'ގެ ދަށުން ކޮއްކޮގެ ބިލް، އާސަންދައިގެ ތެރެއިން ނިމިގެން އަންނަންދެނެވެ.

ކޮންމެ ކަމަކަށް ވެސް އިންތިޒާރެއް ކުރަން ޖެހޭނެތާ އެވެ. ބޭރު ގައުމެއްގެ ހޮސްޕިޓަލަކުން ފޮނުވާ ބިލް ބަލައި، އެއާ މެދު ގޮތެއް ނިންމަންދެން، މަޑުކޮށްލައިގެން ހުރުމަކުން ޝަކުވާއެއް  ނުއުފެދެ އެވެ.

ބިހާރުގެ ބަލިމީހާ ޑިސްޗާޖްކުރުމަށް ފަހު، އޭނާގެ ފިރިހެން ދަރިފުޅު އަޅުގަނޑުމެންނާ ސަލާންކޮށްލަން ގޮވާލި އެވެ. މަޑުކޮށްލައިގެން މި ތިބީ ހޮސްޕިޓަލް ބިލާ މެދު ސަރުކާރުން ގޮތެއް ނިންމަންދެން ކަމަށް ބުނީމެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ.

"ސަރުކާރުންނޭ! އެއީ ކިހިނެއްވާ ކަމެއް؟" އޭނާ ސުވާލުކުރި އެވެ.

"އެއީ ރާއްޖޭގައި ސަރުކާރުން ހިންގާ ހެލްތު އިންޝުއަރެންސް ސްކީމެއް، އޭގެ ނަމަކީ އާސަންދަ. ދެން ގައުމުން ބޭރުގައި އުޅޭ މީހުންނަށް އެހީތެރިވާން، އޭގެ ތެރޭގައި، އެހެން ސްކީމެއް ވެސް އޮވޭ،" އަޅުގަނޑު ކުޑަ ތަފުސީލެއް ދިނީމެވެ.

"ތިޔައީ ހާދަ ރަނގަޅު ކަމެކޭ. ހާދަ ބޮޑު ފަސޭހައެކޭ،" އޭނާ ބުންޏެވެ.

ދިވެހިން އެގޮތަށް ގަބޫލުކުރޭ ހެއްޔެވެ؟ ނުވަތަ އެގޮތަށް ގަބޫލުކުރަނީ ކިތައް ދިވެހިން ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 22 ޑިސެމްބަރު 2011ގައި، ރަސްމީކޮށް އާސަންދަ އިފްތިތާހުކޮށްދެއްވަނީ: އެ ހިދުމަތް ދޭން ފެށީ 1 ޖެނުއަރީ 2013ގައި

ކޮއްކޮގެ ހޮސްޕިޓަލް ބިލްގެ %64 ކަވަރުކޮށްދިނީ 'މެނަރާ'ގެ ދަށުންނެވެ. އެއީ ވެސް ހަމަ އާސަންދަ އެވެ. ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ހޯދާ ނަމަ، އާސަންދައިން އެ ދައްކާ އަދަދެއް ހޮސްޕިޓަލުން ބިލްކުރަނީ އެވެ. ބަލިމީހާ ހިއްސާވާ މިންވަރު އަމިއްލައަށް އެވަގުތު ދައްކަނީ އެވެ.

'މެނަރާ'ގެ ދަށުން ހޮސްޕިޓަލްގައި އެޑްމިޓްނުކޮށް ހޯދާ ފަރުވާތަކަށް އަމިއްލަ ޖީބުން ހޭދަކުރުމަށް ފަހު އާސަންދައަށް ބިލް ފޮނުވުމުން ސަރުކާރުން ހަވާލުވާ ބައިގެ ފައިސާ ވަކިން ޖަމާކޮށްދެ އެވެ.

މިއީ ހުޅަނގުގެ ބައެއް ގައުމުތައް ރައްޔިތުންނަށް ފިޔަވައި ދުނިޔޭގައި ވަރަށް ނުލިބޭ ޒާތުގެ ބޮޑު ހިދުމަތަކާއި ފަސޭހައެކެވެ. 

އެކަމަކު އަބަދުމެ ދިވެހިން މި ތިބެނީ ޝަކުވާކޮށްކޮށެވެ. އާސަންދައިގެ ދަށުން ހިދުމަތް ހޯދިޔަސް ނުވަތަ މެނަރާގެ ތެރެއިން ހިދުމަތަށް އެދިގެން އުޅުނަސް، ގިނަ ދިވެހިންނަށް އެކަމެއް ވާން ޖެހެނީ 'ބުނުމާ ކުރުމާ' އެކުއެކީގަ އެވެ. ނަމަވެސް އެއީ އަބަދު، ކޮންމެ ފަހަރަކު، ކަންކަން ވާނެ ގޮތެއް ވެސް ނޫންތާ އެވެ. ގަބޫލުކުރާށެވެ. 

ރާއްޖެއިން ނުލިބޭ ފަރުވާތަކުގެ ހުރިހާ ހޭދައަކާ ސަރުކާރުން ހަވާލުވުމަކީ ދުނިޔެއަށް ބަލާއިރު ވެސް ދިވެހިން ޝުކުރުކުރަން ޖެހޭވަރުގެ އެހީއެކެވެ. އިގުތިސާދީ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކޮންމެ ސަރުކާރަކުން ވެސް ބެލީ/ބަލަމުން އައީ އާސަންދަ ފަދަ ހިދުމަތްތަކަށް ބުރުލެއް އެރިޔަ ނުދޭށެވެ. ބައެއް ފަހަރަށް ބޭރުގެ ހޮސްޕިޓަލްތަކަށް ގަވާއިދުން ފައިސާ ނުދެއްކޭ ހާލަތު ވެސް އާދެ އެވެ.

މަނީޕާލްގައި ބޭރު ބަލިމީހުންނަށް ހާއްސަ ޑިޕާާޓްމަންޓްގެ މުވައްޒަފަކު ވެސް ބުނީ އާސަންދައަކީ ނަމޫނާ ހިދުމަތެއް ކަމަށެވެ. އެއީ ދިވެހިން ހޯދާ ފަރުވާތަކުން އެ ހޮސްޕިޓަލަށް ލިބޭ އެއްޗަކަށް ނިސްބަތްކޮށް ބުނި ވާހަކައެއް ނޫނެވެ. ސަރުކާރަކުން އެ ގައުމެއްގެ ރައްޔިތުންނަށް ދޭ ހިދުމަތަކަށް ކުރި ތައުރީފެކެވެ. އިންޑިއާގައި އެފަދަ ހިދުމަތެއް އަދި ނެތެވެ.

އާސަންދަ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ފަހުން އައި ސަރުކާރުތަކުން އެ ހިދުމަތް، އޭރަކަށް ފެތޭ ގޮތަށް، ފުޅާކުރެ އެވެ. 'ހުސްނުވާ އާސަންދަ' ފަދަ ނަންތައް ބޭނުންކޮށްގެން، ސިޔާސީ މަންފާ ވެސް އޭގެ ތެރޭގައި ބާއްވައިގެންނެވެ.

އެކަމަކު ކޮންމެ ސަރުކާރަކުން ދިނަސް ހިދުމަތުގެ ނިސްބަތުން އާސަންދައަކީ އެތައް ގައުމަކަށް ރާއްޖެއިން ދައްކާ ނަމޫނާއެކެވެ. އޭގެ ފަހަތުގައި އޮތް ވައްކަަމާއި ނާޖާއިޒު ފައިދާ ނެގުން ހުއްޓުވައިފި ނަމަ، އުނދަގުލެއް ނެތި ކުރިއަށް ގެންދެވޭނެ ނިޒާމެއް ވެސް މެ އެވެ. 

އެންމެ ފުރަތަމަ އާސަންދަ ފެށީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށެވެ. ފުރަތަމަ އަހަރު އާސަންދައިން ނެރެދިނީ، އޭރު އެލައިޑްގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ފައިދާ އެވެ. އޭގެ މާނައަކީ އެލައިޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަ ނިޒާމު އެބިއުޒްކުރުން، ނުވަތަ ނާޖާއިޒު ފައިދާ ނެގުން ކުޑަވާނެ ކަމެވެ.

އައިޖީއެމްއެޗުގެ އައިނު ފިހާރަ، ރައީސް މުހައްމަދު މުއިއްޒު ހުޅުއްވާދެއްވުމަށް ފަހު، ބައެއް ހިދުމަތްތައް ބައްލަވާލައްވަނީ: ކޮންމެ ސަރުކާރަކުން ވެސް އާސަންދައަށް ސަމާލުކަންދޭ (ފޮޓޯ/ރައީސް އޮފީސް)

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެލައިޑްގެ އަތުން އާސަންދަ ނަގައި، ސީދާ ސަރުކާރުން ހިންގާ ގޮތަށް ބަދަލުކުރި އެވެ. ބޭރުގެ ހޮސްޕިޓަލްތަކުން ހޯދާ ފަރުވާތަކުގެ ބިލްތައް، އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި، 'ގަޑުބަޑުކުރަން' ފެށުނީ އެހާ ހިސާބުންނެވެ. އެއީ މެދުވެރިންނަށް ބައި އެޅޭ ގޮތަށް ބިލްތައް ބޮޑުކުރުމެވެ. ނުވަތަ ވަކި ހޮސްޕިޓަލްތަކަކަށް ފޮނުވައިގެން އާސަންދައިން ދައްކާ ފައިސާއިން ބައެއް، އެފަދަ  'މެދުވެރިންނަށް' ލިބުމެވެ.

ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާއި އާސަންދައާ ދެމެދަށް 'ނާޖާއިޒު އަތްތައް' ވަނުމުގެ އިތުރުން އާސަންދައަށް ބޭސް ވިއްކުމުގައި ވެސް ބޮޑެތި އަގުތައް ނެގުން އާންމުވި އެވެ. 

މިހުރިހާ ސަކަރާތަކާ އެކު އާސަަންދައިގެ މުޅި ނިޒާމަށް އޮތް ގޮންޖެހުން ދިޔައީ ބޮޑުވަމުންނެވެ.

މިއީ ރާއްޖޭގައި ބޭހަށް ޖެހިގެން އުޅޭ ދުވަސްވަރެކެވެ. ޑޮކްޓަރުން ލިއެދޭ ބޭސް ނުލިބުމުގެ ޝަކުވާ ގިނަ އެވެ. ވިޔަފާރިވެރިންގެ ނަޒަރުގައި ބޭސް ލިބުން ދަތިވީ އާސަންދައިން ބޭސް ފިހާރަތަކަށް ދޭން ހުރި ބިލްތައް ނުދައްކައިގެންނެވެ. ބިލަށް ފައިސާ ލިބުން ދަތިވެ، ގިނަ ދުވަސް ވާތީ، ފިހާރަތަކަށް ބޭސް ނުހޯދެނީ އެވެ.

މިދިއަ އަހަރު އާސަންދައަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އާސަންދައިން ކަވަރުނުކުރާ އެކަމަކު ސިއްހީ ފަރުވާއާ ގުޅޭ ބައެއް ކަންކަން އެންސްޕާއިން ކަވަރުކޮށްދެ އެވެ. މިއީ އަދި ވަކި އެހީއެކެވެ. މިދިއަ އަހަރު އެންސްޕާގެ ބަޖެޓް އުޅުނީ ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް: ސަރުކާރުގެ ކޮންމެ ހޮސްޕިޓަލަކުން ވެސް ދިވެހިން ނުކުންނާނީ ހިލޭ ހިދުމަތް ހޯދައިގެން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ސިއްހީ ފަރުވާގައި ދިވެހިންނަށް ލިބޭ އެހީތަކާ މެދު ބޭރު ގައުމުތަކުގެ މީހުން ހައިރާން ވިޔަސް ގިނަ ދިވެހިންނަށް އޭގެ އަގުވަޒަންކުރާކަށް ނޭނގެ އެވެ. ގިނަ މީހުން އަބަދުވެސް އުޅެނީ ޝަކުވާގަ އެވެ. އަނެއް ބަޔަކު ދިރިއުޅުމުގެ ހުރިހާ ކަމެއް ސަރުކާރަށް ބިނާކޮށްގެންނެވެ. 

އެކަމަކު ހަނދާންކުރަންވީ އެއްވެސް ހިދުމަތެއް އެބިއުސްކުރަން ފަށައިފި ނަމަ އޭގެ ނަތީޖާ ގޯސްވާނީ އެންމެންނަށް ކަމެވެ. އިގުތިސާދީ ވެއްޓުމަކާ ދިމާވާ ހާލަތުގައި މިހާރު މި ލިބޭ ގޮތަށް އާސަންދަ ވެސް ނުލިބި، ދިމާވާނީ ދަތި އުނދަގޫތައް ކަމެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައާ ހެދި ޓޫރިޒަމްގެ ދަށް ދުވަސްވަރެކެވެ. އެ ދަށްކަމާ އެކު ސަރުކާރުގެ އާމްދަނީ ވެސް ދާނީ ދަށަށެވެ. އާސަންދަ އާއި އެންސްޕާއަށް ވެސް ހުރަސްތަކެވެ.

ސަރުކާރުގެ ސްކީމަކުން ހޮސްޕިޓަލް ބިލް ދައްކަންދެން މަޑުކޮށްލަނީއޭ ބުނީމާ އިންޑިއާގެ ޒުވާނާއަށް ހުއްޓުންއެރީ އެފަދަ ނިޒާމެއް އެ ގައުމުގައި ނެތުމުންނެވެ. ބައްޕަ ޑިސްޗާޖްކުރީ އޭނާގެ އާއިލާއިން މިލިއަނެއްހާ ރުޕީސް ދައްކައިފަ އެވެ.

އަޅުގަނޑުމެން ނުކުތީ ބިލަށް އެރި 5،336 ޑޮލަރު (80،040 ރުފިޔާ،)ގެ ތެރެއިން 3،465 ޑޮލަރު (53،430 ރުފިޔާ) ސަރުކާރުން ދައްކައި، އަނެއް ބައި އަތުން ހޭދަކޮށްގެންނެވެ. އެކަމަށްޓަކައި ހަގީގަތުގައި ދިވެހި ސަރުކާރަށް އަޅުގަނޑު އަދާކުރާނީ ޝުކުރެވެ. މުޅި ނިޒާމުގައި މައްސަލަތައް ހުއްޓަސް، ބޭރުން ފަރުވާ ހޯދުމުގައި، ގިނަ ދިވެހިންނަށް ލިބޭ ފަސޭހަ ބޮޑެވެ.

ހިނިތުންވެގެން ތިބެ ހޮސްޕިޓަލުން ނުކުތީމާ ހުންނާނީ ރަނގަޅަށެވެ.

ކޮމެންޓް (4)

އަހަންމަދު

12 މޭ 2026
އަޅުގަނޑުގެ ދަރިފުޅު ރާއްޖޭން ބޭރުގައި ހުރެގެން ތިޔަ ބުނާ ސްކީމަކުން ބޭސްކުރިން. ހުށަހެޅި ބިލްތަކަށް ފައިސާ ނުލިބިގެން އާދޭސް ކުރާތާ އެތައް ދުވަހެއް. ސިޓީއާ މެއިލް ތަކާ ފޮނުވާ އެްއވެސް ޚަބަރެއް ނުވޭ. މޫސަމެންނަށް ފަސޭހައިން ކަންކަން ހަމަޖެހެނީ ތޯއްޗެއް.
0 1

ޖުހާ

7 މޭ 2026
އޮޅުމެއް އެބައޮތް. އާސަންދަ އެ ނަމުގައި ފެށީ ރައީސް ނަޝީދުގެ ސަރުކާރުގައި. އެކަމަކު އެއީ މައުމޫނުގެ ވެރިކަމުގައި ފެށިކަމެއް. އެކަމުގައި އުޅުނު މީހުން އަދި ދުނިޔޭގައި އެބަތިބި. އެ އިންޝުއަރަންސް ޕްރޮގްރާމް އިސްކޮށް ހިންގި މީހާ މިހާރު ދުނިޔޭގައި އެހެރީ. އަހާލާ. އެ ޕްރޮގްރާމް އާސަންދައަށް ބަދަލުވީ ގޮތް އޭނާ ކިޔައިދޭނެ.
5 2

މހއމ

9 މޭ 2026
@ޖުހާ ތި ކިޔަނީ މަދަނަ އަދި މަދަނަ ޕްލަސް ތަ؟ އެއީ ހަމައެކަނި ސަރުކާރު މުވައްޒަފުނަށް އޭރު ލިބުނު އެއްޗެއް. ފަހުން ޢުމުރުން ދުވަސްވީ މީހުންވެސް ހިމެނީ.
1 0

ބެއްޔާ

7 މޭ 2026
ރުހުމުގެލޮލަށް އައިބެއްނުފެންނާނޭ ބުނާބީދައިން މީނާގެ ލިޔުންތައް ހުންނަނީ އެމްޑީޕީގެ ފިކުރަށް. ރައްޔިތުންނަށް ސަރުކާރުން ބޭސްފަރުވާ ގެ ޚަރަދު ފެށީ މައުމޫނުގެ ސަރުކާރުން މަދަނަ ގެ ނަމުގައި. އަންނި ސަރުކާރުގައި އެ ބަދަލުކުރީ އާސަންދައަށް. މިކަމަކީ އަންނި ފެށި ކަމެއްނޫން.
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް