އެއާޕޯޓްގެ ކަސްޓަމްސް އޮފިސަރުން މަސައްކަތުގައި: މަސްތުވާތަކެތި އެތެރެކުރާ ގޮތްތައް ދަނީ ބަދަލުވަމުން (ފައިލް ފޮޓޯ ކަސްޓަމްސް)

ފޮއްޓަށް ލޯޝަން ފުޅިއެއް ލެވޭކަށް ވެސް މިހާރަކު ނެތް

ރާއްޖެއިން ބޭރުން އަންނަ އިރު ފޮށީގައި ލޯޝަން ފުޅި ހުރި ނަމަ އެއަށް ޝައްކުކުރުމުގެ ފުރުސަތު މިހާރު މި އޮތީ ބޮޑުވެފައި. ފޮއްޓަށް ލާ އެއްޗެހީގެ މަތިން ރަނގަޅަށް ހަނދާން ބަހައްޓާތި!
19 އޭޕްރީލު 2026
6

އެއާޕޯޓްގައި ފޮށި ޗެކްކޮށްލަން، ކަސްޓަމްސް އޮފިސަރަކު، ބުނުމަކީ ހާސްވާން ޖެހޭނެ ކަމެއް ނޫނެވެ. އެތެރެކުރުން މަނާ އެއްޗެއް އޭގައި ނެތް ނަމަ އެވެ.

އެކަމަކު ތިމާ ނުކުރާ ނުވަތަ ދުވަހަކު ވެސް ނުކުރާނެ ކުށެއްގެ ތުހުމަތު އެޅޭ ނަމަ ހާސް ވެސް ވާނެ އެވެ. ރުޅި ވެސް އަންނާނެ އެވެ.

މިދިއަ އަންގާރަދުވަހު އިންޑިއާއިން އައިސް ވީއައިއޭގެ ޓާމިނަލުން ނުކުންނަން ދަނިކޮށް ކަސްޓަމްސް އޮފިސަރުން އަޅުގަނޑުގެ ކިބައިން އެދުނީ ފޮށި ޗެކްކުރަން ބޭނުން ކަމަށެވެ. އަޅުގަނޑު އަވަހަށް ފޮށި ގެންގޮސް އަށިމަތީ ބާއްވައި، ހުޅުވާލީމެވެ.

ޒުވާން އޮފިސަރު ބުނީ، ސްކޭން މެޝިނުން ފުޅިތަކެއް ފެންނަ ކަމަށެވެ. ފޮއްޓެއްގައި ވިއްޔާ ކޮންމެވެސް ކަހަލަ ފުޅިއެއް ހުންނާނެތާ އެވެ. އޭނާ ބޭނުންވީ އެ ފުޅިތައް ޗެކްކުރާށެވެ.  އެންމެ މަތީގައި އޮތީ ރައްޓެއްސަކު ބުނެގެން ބެންގަލޫރުން ގަތް ހަމުގެ ކްރީމް ކުޑަކުޑަ ދެ ފުޅި އެވެ. އެ ނަގާފައި ދެއްކީމެވެ.

"ދެން ނުހުންނާނެތަ ފުޅިއެއް؟" އޭނާ ސުވާލުކުރި އެވެ.

އެވަގުތު އެހެން އޮފިސަރަކު އަ އެވެ. އޭނާ ބުނީ ސްކޭން މެޝިނުން 'ތިޔަށް ވުރެ ބޮޑު ފުޅިތަކެއް ފެންނަ' ކަމަށެވެ. އަޅުގަނޑު ފޮށި ހަވާލީމެވެ. ތެދެކެވެ. އަޅުގަނޑުގެ އަށް އަހަރުގެ ފިރިހެން ދަރިފުޅަށް ގެނައި 'އަވީނޯ' ލޯޝަން ހަތަރު ފުޅި، އެ ގަތް އިރު ލާފައި އޮތް ކަރުދާސް ކޮތަޅާ އެކު، އަންނައުނުތަކުގެ ތެރޭގައި އޮތެވެ. އޭގެ މަތިން އަޅުގަނޑު ހަނދާނެއް ނެތެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި: ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑު (ފޮޓޯ/ކަސްޓަމްސް)

އެއާޕޯޓްގައި ކަސްޓަމްސް އޮފިސަރުންނަށް ޝައްކެއް ވެގެން ޗެކްކުރާ ނަމަ އެ ޝައްކު ބޮޑުވާނެ ފުރަތަމަ ގޯސް ހެދުނީ އެވެ. އަޅުގަނޑުގެ ފޮށީގައި ހުރި އެއްޗެއް އަޅުގަނޑަށް އެނގެން ޖެހޭނެތާ އެވެ.

އޭގެ ތެރެއިން ލޯޝަން ފުޅިއެއް ނަގާފައި، ޒުވާން އޮފިސަރު ސުވާލުކުރީ 'މި އޮތީ ކަނޑާފައި' ކަމަށެވެ. އަޅުގަނޑުގެ ޖަވާބަކީ ތިޔައީ ފިހާރައިން ގަތް ގޮތަށް އޮތް އެއްޗެއް ކަމެވެ. އެހާ ހިސާބުން މި އުޅެނީ އާދައިގެ ޝައްކެއް ނޫންކަން ވިސްނުނެވެ. އެހެންވެ އަޅުގަނޑުގެ ހިތްހަމަނުޖެހުން ބޮޑުވި އެވެ.

ޑްރަގްއަށް ޝައްކުކުރަނީތޯ ސުވާލުކުރީމެވެ. އެ ސުވާލަށް ސީދާ ޖަވާބެއް އެމީހުން ފުރަތަމަ ނުދިނެވެ. އެކަމަކު ލޯޝަން އާއި އެހެން ވެސް އާންމުކޮށް ބޭނުންކުރާ އެއްޗެހި ހިމެނޭ ފުޅި ފަދަ ތަކެތި ފޮށިތެރޭގައި ހުންނާނެކަމާއި އެއިން އެއްޗަކަށް ޝައްކުވެގެން ފޮށި ހުޅުވައިގެން އެގޮތަށް ބެލުމަކީ ދެރަ ކަމެއް ކަމަށް، ހިތްހަމަނުޖެހުމާ އެކު އަޅުގަނޑު ބުނީމެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތު ބޮލުގައި އެޅޭ ނަމަ ހިތްހަމަނުޖެހުން އުފެދޭނަތާ އެވެ. ހާއްސަކޮށް ފެށުނީއްސުރެ މަސްތުވާތަކެއްޗާ ދެކޮޅަށް ލިއާ މީހަކަށް ވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކަލުން ގައުމު ހަލާކު ވެއްޖެކަމުގެ އިންޒާރު، ތަފާތު ލިއުންތަކުގައި ދޭ ލިއުންތެރިޔަކަށް ވެސް ވާތީވެ އެވެ.

އެކަމަކު ކަސްޓަމްސް އޮފިސަރުންގެ އެއްވެސް މައްސަލައެއް، ހަގީގަތުގައި، ނެތެވެ. ވަކި މީހަކަށް ވީތީ ޝައްކުނުކޮށް ތިބެގެން ވެސް ނުވާނެ އެވެ. ވަކި މީހެއްގެ ފޮށީގައި ހުރި އެއްޗަކާ މެދު ޝައްކުވާ ނަމަ އެ ބެލުމަކީ ވެސް، އެ މުވައްޒަފުންގެ ޒިންމާއެކެވެ. އެހެންކަމުން އަޅުގަނޑު ހިތްހަމަޖެހުނަސް، ނުޖެހުނަސް އެ ޒިންމާ ނަގަން ޖެހޭނެ އެވެ.

އަޅުގަނޑު ކުރި ސުވާލަށް ފަހުން ޖަވާބު ލިބުނު މެ އެވެ. އަޅުގަނޑު ފޮށި އިތުރަށް ޗެކްކުރަން ޖެހޭކަން، ފޮށީގެ ހަތަރު ފަރާތުގައި، ތަތްކޮށްފައި ހުރި ރަތް ކުލައިގެ ސްޓިކާތަކުން އެނގެ އެވެ. އެއ ީވީއައިއޭގެ ލަގޭޖް ބެލްޓަށް ފޮށިތައް ލުމުގެ ކުރިން ސްކޭންކުރާ އިރު ތަތްކުރާ ސްޓިކާއެކެވެ. އެ ސްޓިކާ ހިމެނޭ ނަމަ، ޓާމިނަލްއިން ނުކުންނަ އިރު ތިބޭ ކަސްޓަމްސް އޮފިސަރުން އެ ފޮށި ހުޅުވައިގެން ބަލާނެ އެވެ.

މިއީ ވެސް ރާއްޖެ އައި މީހެއްގެ އަތުން އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި (ފޮޓޯ/ކަސްޓަމްސް)

މިހާރު މި ވަދެވުނީ މައްސަލަގަނޑެއްގެ ތެރެއަށެވެ. އެ މައްސަލަ ފެށެނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް މި ފަހުން އަތުލައިގަތް މީހުންނާ ހިސާބުންނެވެ: ލޯޝަން ފުޅިތަކުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަނިކޮށް ހަތަރު ފަހަރެއްގެ މަތިން އެކި މީހުން ހައްޔަރުކޮށްފި އެވެ. އެއީ ވެސް އިންޑިއާގެ އެކި މަންޒިލްތަކުން އައި މީހުންނެވެ. 

ދަތުރުކުރާ ކޮންމެ މީހެއްގެ ފޮށީގައި ވެސް ލޯޝަން ހުންނާނެ އެވެ. އެކަމަކު މަސްތުވާތަކެތި އެތެރެކުރުމުގެ ވައްޓަފާޅި ބަދަލުވަމުން ގޮސް، ލޯޝަން ފުޅިއަކާ ހެދި ވެސް އާންމު ދަތުރުވެރިން ހާސްކަމުގެ ތެރެއަށް މި އޮތް ދަނީ ވެއްޓެމުންނެވެ. މިއީ ކިހާ ބޮޑު ނުރައްކަލެއް ހެއްޔެވެ؟ މިއީ ކިހާ ބޮޑު ތަކުލީފެއް ހެއްޔެވެ؟

ފޮށި ހާވާތީވެ، ނުވަތަ ތިމާއަށް ނުބައި ޝައްކުތަކެއް ކުރާތީވެ، ހިތްހަމަނުޖެހިގެން ކަސްޓަމްސް އޮފިސަރުންނާ ދިމާއަށް އެއްވެސް އެއްޗެއް ބުނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި މިއޮތީ އެ އޮފިސަރުންގެ މަސައްކަތަށް ހިތްވަރުދޭން ޖެހިފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެއާޕޯޓްގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަނީ (ފޮޓޯ/ކަސްޓަމްސް)

މި ތަޖުރިބާއާ އެކު ދަތުރުވެރިންގެ ހޭލުންތެރިކަމަށް ބައެއް ކަންކަން ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ ތިމާގެ ފޮށީގައި ހުރި އެއްޗެހީގެ ސީދާ މައުލޫމާތު ހަނދާން ބެހެއްޓުމެވެ. އަޅުގަނޑުގެ ފޮއްޓަށް ލޯޝަން ފުޅިތަކެއް ލީކަމުގެ ހަނދާނެއް، އެވަގުތަކު، ނެތެވެ. 'ތިޔަށް ވުރެ ބޮޑު ފުޅިތަކެއް ސްކޭނުން ފެނެއޭ' ކަސްޓަމްސް އޮފިސަރު ބުނީމާ ދެން ފޮށީ ހާވާފައި، ހެދުންތަކުގެ ތެރެއިން އެ ނެގީމާ، ކަސްޓަމްސް އޮފިސަރުންގެ ހިތުގައި އޮތް ޝައްކު ހައްތަހާ ބޮޑުވާނީ އެވެ.

މިހާރު އެންމެ ރަނގަޅު ގޮތަކީ ފޮއްޓަށް ލާ އެކަހަލަ ހުރިހާ އެއްޗެއްގެ ލިސްޓެއް ހަދާފައި ބޭއްވުމެވެ. ނުވަތަ ލޯޝަން ކަހަލަ އެއްޗެހި ނުލާ ދަތުރުކުރުމެވެ. އެތަނަކަށް ގޮސް ބޭނުންވާ އެއްޗެއް ގަންނާނީ އެވެ. އެނބުރި އަންނާނީ އެ އެއްޗެހި ދޫކޮށްލައިފަ އެވެ.

އެކަމަކު އެއީ ހައްލެއް ހެއްޔެވެ؟ ނޫނެކެވެ. މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރާ އުކުޅުތައް އެ ދަނީ އަވަސް އަވަހަށް ބަދަލުވަމުންނެވެ. އެހެންކަމުން ކަސްޓަމްސް އޮފިސަރުން ޝައްކުކުރާނީ މިވެނި އެއްޗެއް އޮވެގެންނޭ ކަނޑައެޅޭކަށް ނެތެވެ. ކޮންމެ އެއްޗަކަށް ވެސް ޝައްކުގެ ނަޒަރު ހުއްޓިދާނެ އެވެ. އެހާ ހިސާބުން ތިބާ ހުންނާނީ އެ ނަޒަރުގައި ތާށިވެފަ އެވެ. ކިތައްމެ ހިތްހަމަނުޖެހުނަސްމެ އެވެ. ކިތައްމެ ވަރަކަށް ރުޅިއައި ނަމަވެސް މެ އެވެ.

ކޮމެންޓް (6)

ފަރަސް

22 އޭޕްރީލު 2026
އަނެއްކާ އެއްވެސް މީހަކު ދޭ އެއްޗެއްގައި ނުހިފާތި. ނޫނީ ކޯއްޗެއްކަން ޔަގީން ނުވާ އެއްޗެއް ގެނެސް ނުދޭތި. މީ ވެސް ނުރައްކާ ކަމެއް. މަސްތުވާ ތަކެތީގެ ވިޔަފާރީގައި މިހާރު އުޅޭ ކުޑަކުދިންނާ އަންހެނުންނާ މުސްކުޅިންވެސް.
3 0

1235

19 އޭޕްރީލު 2026
ސްޓިކަރ ތަތްކުރަނި ރާއްޖޭގެ ކަސްޓަމްސް އިން
2 3

އަލީ

19 އޭޕްރީލު 2026
ކަސްޓަމްސް އަށް ފުލައިޓް ޗެކު ކުރުމުގެ ބާރު އޮތަސް އެއާ ލައިންގެ އޭޖެންޓް ދެކޮޅު ހަދާ ފިޔާ ކަސްޓަމްސްގެ ވެރިން ހުންނަނީ ސައިޒްވެފައެވެ. ފޮޓޯއިން ތިފެންނަ އޮފިސަރުން ޓްރެއިނިން ހަދަން އެމިރޭޓްސް ފުލައިޓް އަށް އަރަން އުޅުމުން ރާއްޖެއިން ބޭރުން އައި އިންޓްރަކްޓަރުން ކުރިމަތީގަ އެމިރޭޓްސްް ގެ އޭޖެންޓް ފުލައިޓް އަށް ނޭރޭނެ ކަމަށް ބުނުމުން ކަސްޓަމްސް ވެރިންއަށް އެއްވެސް ކަމެއް ނުކުރެވުން، އަދި ބަހެއް ބުނެލާނެ ވެރިއަކު ނުވި. އެންމެ ފަހުން ޓްރެއިނިން ހެދީ ތުރުކީ ފުލައިޓް އަށް އަރައިގެން.
2 0

ތިއްތަ

19 އޭޕްރީލު 2026
ކުދި ކުދި މެޓާ އަދި ފުހޭ ރަބަރު ތަކެއް ހުރެގެން އަޅުގަނޑުގެ ފޮށިވެސް ޗެކުކުރި. ޕާޓީ ޑްރަގް ކަމަށް ޝައްކު ކޮށްގެން.
1 1

އިބުރާ

21 އޭޕްރީލު 2026
@ތިއްތަ ސްޓިކް ގްލޫ ފުޅިއަކީ ވެސް ސްކޭން މެޝިނުން ގޯސް އެއްޗެއްގެ ގޮތުގައި ދައްކާ އެއްޗެއް
2 0

ދެން

22 އޭޕްރީލު 2026
@ތިއްތަ ދެން ޗެކު ނުކުރަންވީތަ... ބަލަ ކަލޭގެވެސް ދަރިންނާ ލޯބިވާ މީހުންގެ ރައެްކަލަކަށް މިކަންކަން މި ކުރަނީ... ޑުރަގު ގޭންގުތައް ފުޓުބޯޅަ މެޗެއް ކުޅުނަސް އެކަމަކު ދާނެ ބަލަން...
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް