ސިންގަޕޫރުގެ މަޝްހޫރު އާކިޓެކްޓް ލިއު ތައި ކާ: ސިންގަޕޫރުގެ ރައްޔިތުންނަށް ބޯހިޔާވިހަކަން ފޯރުކޮށްދިނުމުގެ އިސް އެއް މޭސްތިރިއަކީ އޭނާ

ބޯހިޔާވަހިކަން

ރާއްޖެއަށް ވެސް ބޭނުންވަނީ ލިއު ކަހަލަ ޝަހުސިއްޔަތެއް، އެކަމަކު ނުލިބޭނެ

އާކިޓެކްޓް ލިއު ތައި ކާ ކުރީ ދުވަހު އަވަހާރަވުމުން އެ ހަބަރު ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް އެރި ސަބަބަކީ ސިންގަޕޫރުގައި އޭނާ އިސްކޮށް ހުންނަވައި ހިންގެވި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް
21 ޖެނުއަރީ 2026
3

މަރުވުމަށް ފަހު އެމީހެއްގެ މަތިން ގިނަ ބަޔަކު ހަަނދާންކުރާނެ ރަނގަޅު ކަމެއް ދޫކޮށްލެވުމަކީ ނަސީބެކެވެ. ސިންގަޕޫރުގެ އާކިޓެކްޓް، ލިއު ތައި ކާ މިދިއަ ހޯމަދުވަހު 87 އަހަރުގައި އަވަހާރަވި އިރު އޭނާގެ މަތިން ދުނިޔެ ހަނދާންކޮށްފި އެވެ: ސިންގަޕޫރުގެ ނަމޫނާ ބޯހިޔާވަހިކަމުގެ އިސް އާރުކާޓީއަށް ވުމުންނެވެ.

ސިންގަޕޫރުގައި މީގެ 50 އަހަރު ކުރިން ގިނަ މީހުން ދިރިއުޅުނީ ޖިފުޓިތަކުގަ އެވެ. ވަށައިގެން ޓިނު ޖަހައިގެން ހަދާފައި ހުރި ކުދިކުދި ގެތަކުގަ އެވެ. އެކި ހިސާބުތަކުގައި ތޮއްޖެހިގެންނެވެ. އެކަމަކު އެއީ ތަރައްގީގެ ދުވެލި ބާރުކުރަން އަޒުމް ކަނޑައަޅައިގެން އޮތް ސަރުކާރަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ސިންގަޕޫރުގެ ބާނީ ލީ ކުއަން ޔޫ ބޭނުންވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވާށެވެ. އެންމެންނަށެވެ.

ލިއު އޭރު ހުންނެވީ އެމެރިކާގެ ޔޭލް ޔުނިވަސިޓީގައި ސިޓީ ޕްލޭނިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ނަންގަވައިގެން އެމެރިކާގެ ކުންފުންޏެއްގެ ވަޒީފާގަ އެވެ. އެކަމަކު 1969ގައި އެނބުރި ސިންގަޕޫރަށް ވަޑައިގަތުމުން ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިޒައިން އާއި ރިސާޗް ބައިގެ އިސް ވެރިޔާގެ މަގާމު ގަބޫލުކުރެއްވި އެވެ.

އެހާ ހިސާބުން ސިންގަޕޫރުގެ އިޖުތިމާއީ ބޯހިޔާވަހިކަމަށް ޒަމާނީ ބަދަލުތަކެއް ގެންނަވައި، ލީ ކުއެއް ޔޫގެ އަމާޒަށް ދަތުރު ފެށި އެވެ. ހަމައެކަނި އެޕާޓްމަންޓްތަކެއް ހިމެނޭ އިމާރާތްތަކެއް އެޅީކީ ނޫނެވެ. ފުރަތަމަ ވެސް ލިއު ބެއްލެވީ އާއިލާތައް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް އުފައްދަވާށެވެ.

އޭނާގެ ސިކުނޑީގައި އޮތީ އާ ޓައުންތަކެއް ތަރައްގީކުރުމެވެ. ވިއްސިވިހާލިވެ، ތޮއްޖެހި، އުޅެން އުނދަގޫވާނެ ގެދޮރުތަކެއް އަޅައިގެން ދޫކޮށްލުމެއް ނޫންމެ އެވެ. އެއަށް ވުރެ ބޮޑަށް ރޭވިގެން އުފައްދައިދޭ ޗާލު މާހައުލެކެވެ.

21 ޖެނުއަރީ 2026 - ލިއުގެ ބެލުމުގެ ދަށުން ސިންގަޕޫރުގައި ހެދި ބޯހިޔާވަހިކަމުގެ އިމާރާތެއްގެ ބެލްކަނީގައި މީހަކު ބޭރަށް ބަލަހައްޓައިގެން

މިސާލަކަށް އާ އިމާރާތުގެ ބުރިއެއްގައި އެންމެން ގުޅިގެން، އެކުވެގެން އުޅެވޭނީ ގިނަވެގެން ކިތައް އާއިލާއަށްތޯ ބަލަން ދިރާސާ ހެދި އެވެ. އެކަން ކުރެއްވީ ލިއުގެ އަމިއްލަ ވިސްނުމުން ބޭރުން އެހީ ހޯއްދަވައިގެންނެވެ. ސިންގަޕޫރުގެ އިޖުތިމާއީ އިލްމުވެރިންގެ ވިސްނުމެވެ. އެ އިލްމުވެރިން ދިން ލަފަޔަކީ، އެއް ފަންގިފިލައެއްގައި ގިނަވެގެން ހަޔަކާއި އަށް އާއިލާއަށް ހަމަޖެހިގެން، ގުޅުން ބޮޑު އަވަށްޓެރިންތަކެއްގެ ގޮތުގައި އުޅެވޭނެ ކަމެވެ.

އާ އިމާރާތްތައް ކައިރީގައި ސްކޫލާއި ފިހާރަތަކާއި ކާ އެއްޗެހި ވިއްކާ ތަންތަނާއި ކުޅޭ ބިންތައް ވެސް ހިމެނި އެވެ. އެއީ އެ ސަރަހައްދުގައި އުޅޭ ބަޔަކަށް އެ ތަނަކުން ގިނަ ހިދުމަތްތަކެއް ލިބޭނެ ވިސްނުމެކެވެ.

ބައެއް އިމާރާތްތައް ހެދީ ޗާލުކޮށް ބޭރު ވެސް ފެންނަ ގޮތަށެވެ. އެޕާޓްމަންޓުން ބެލްކަންޏަށް ނުކުމެލާ އިރު ދުރު އެ އޮންނަނީ ރީތިކޮށް ލޯމަތީގަ އެވެ.

އެމެރިކާ އާއި ޔޫރަޕްގެ އިޖުތިމާއީ ބޯހިޔާވަހިކަމުގައި ތަންތަން ހަދާފައި ހުންނަނީ އެއް ފްލެޓްގެ ދޮރު އަނެއް ފްލެޓްގެ ދޮރާ ދިމާވާ ގޮތަށް، މެދުގައި ކޮރިޑޯއެއް، އޮންނަ ގޮތަށެވެ. އެއީ ލިއުއަށް ހިތްގައިމު ޑިޒައިނެއް ނޫނެވެ. އެހެންކަމުން އޭނާ ސިންގަޕޫރުގެ އިމާރާތްތައް ބަދަލުކޮށްލެއްވީ އެވެ.

ލިއުގެ ބެލުމުގެ ދަށުން ސިންގަޕޫރުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނެވެ. މިސާލަކަށް 1985 އައި އިރު ގާތްގަނޑަކަށް ސިންގަޕޫރުގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަމެއް އޮތީ ލިބިފަ އެވެ. މިހާރު ވެސް ސިންގަޕޫރުގެ ހަ މިލިއަން މީހުން ހިމެނޭ އާބާދީގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބުނު ތަންތަނުގަ އެވެ.

މިދިއަ އަހަރު ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ލިއު ހަނދާން އާކުރެއްވީ ލީ ކުއެއް ޔޫގެ ބަސްކޮޅެކެވެ. ކުރިއެރުމެއް ނެތް ސިޓީތަކުން ފެންނާނެ ހަތަރު ސިފަ އެވެ.

"އެކެއް؛ ގެދޮރު ނެތް މީހުން. ދޭއް؛ ޓްރެފިކް ޖޭމް. ތިނެއް؛ ފެން ބޮޑުވުން. ހަތަރެއް؛ ނުސާފު ވައި،" ލިއު ވިދާޅުވި އެވެ.

ރާއްޖެއަކީ ސިންގަޕޫރެއް ނޫނެވެ. ދެ ގައުމުގެ ތަރައްގީ އާއި އޮތް ފުރުސަތުތަކާއި އިލްމާއި، ތަންދޮރުދަތުމާ މެދު ވެސް ވިސްނާލަން ޖެހެ އެވެ. އޮސްޓްރޭލިޔާގައި އާކިޓެކްޗާއިން ފުރަތަމަ ޑިގްރީ ނަންގަވާފައި ލިއު އެމެރިކާއަށް މާސްޓާސް ޑިގްރީއަށް ވަޑައިގެންނެވި އިރު ރާއްޖޭގައި އަދި އެ ދާއިރާއިން ޑިގްރީ ނަގައިގެން ހުރި މީހަކު ވެސް ނެތެވެ. ނަމަވެސް ރާއްޖޭގައި ތައުލީމީ ދިވެހިންގެ އަދަދު 1970ގެ އަހަރުތަކުން ފެށިގެން އައީ ގިނަވަމުންނެވެ. އެ އިލްމުވެރިކަން 1980އިން ދެން ކުރިއަށް ދިޔައީ އެހާމެ ބާރަށެވެ.

ސިންގަޕޫރުގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ހެދި އިމާރާތެއްގެ ބެލްކަނީގައި ލިއު ތައި ކާ ހުއްޓިލައިގެން

ސަރުކާރު ހިންގުމުގެ ޒިންމާތަކާ ވެސް ތައުލީމީ ބޭފުޅުން ހަވާލުވެވަޑައިގަތެވެ. ނަމަވެސް އުފެދެމުން ދިޔަ މައްސަލަތަކަށް ޒަމާނީ ހައްލުތަކެއް ނުގެނެވުނެވެ. ޓޫރިޒަމްގެ ކުރިއެރުމާ އެކު އާ އިގުތިސާދެއްގެ ބާރުވެރިކަން ލިބުމުން ވެސް މެ އެވެ. ގެދޮރަށް ޖެހުނީ އެވެ. މީހުންތަކުން މާލެ ތޮއްޖެހުނީ އެވެ. ދުއްވާ އެއްޗެހިން މަގުތައް ފުރުނީ އެވެ.

ދިވެހިންނަށް ލިބެނީ ކަންކަން ނޭނގިގެން އެހެން މީހުންގެ ލަފާ ހޯދަން ބޭނުންވާ ވެރިންނެއް ނޫނެވެ. ލިއު އޭނާގެ ވިސްނުމަށް އަމަލީ ސިފަ ގެންނެވީ އިޖުތިމާއީ އިލްމުވެރިން ވެސް ހިމަނައިގެންނެވެ. އެކަމަކު ރާއްޖޭގައި ހުރިހާ ކަމެއް އެނގެނީ އެކަމަކާ ހަވާލުވެ ހުންނަ އެންމެ އިސް މީހާއަށެވެ. ރައީސް ނަމަ ރައީސަށެވެ. މިނިސްޓްރިީއެއް ނަމަ މިނިސްޓަރަށެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނަމަ އޭނާއަށެވެ. ކުންފުންޏެއްގެ އެމްޑީއެއް ނަމަ އެ މީހަކަށެވެ.

ތަޖުރިބާކާރުންގެ ބުރަ މަސައްކަތުން ކަރުދާހަށް ތިރިކޮށް އަމަލީ މަސައްކަތް ފަށާފައި ހުންނަ ކަންކަން ވެސް އެހެން ވެރިން ބަދަލުކޮށްލަނީ އެވެ. މިސާލަކަށް ހުޅުމާލެ އެވެ. ސިންގަޕޫރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު ދިވެހިންގެ އިލްމީ ބަޔަކު ކުރެއްސެވި، ޕްލޭން ހެއްދެވި މަޝްރޫއުއެކެވެ. ނަމަވެސް ދެން އައި އެކި ސަރުކާރުތަކުން އެ އޮތީ އެ ޕްލޭންތައް ނަގާ ހޫރާލައިފަ އެވެ.

ތިމާއަކީ އެންމެ މޮޅު މީހާ ކަމަށް ގަބޫލުކުރާ ގައުމުތައް ހިނގާނީ ރާއްޖެ ގޮތަށެވެ.  ބޯހިޔާވަހިކަމަށް ވެސް، ޑޮލަރުގެ ދަތިކަމަށް ވެސް، ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް ވެސް، ސިއްހީ ދާއިރާގެ ކޮށިއެރުމަށް ވެސް، ރަނގަޅު ހައްލެއް ނުލިބޭނެ އެވެ. ލިބޭނީ އެވަގުތަކު ސަރުކާރު ހިންގަން ތިބޭ ބަޔަކު، ފަސް އަހަރަށް ޖަހާލާ ހިސާބުތަކުން، ބާކީވާ އެތިކޮޅެކެވެ.

ރާއްޖޭގައި އޮތީ ސަރުކާރުން އަޅާ ގެދޮރު ހައްގުވާ މީހުންގެ ލިސްޓު ވެސް 'ކޮޅާލުމެ'ވެ. އެއް ސަރުކާރަކުން ހަދާ ލިސްޓަށް އަނެއް ސަރުކާރަކުން ބަދަލު ގެނައުމެވެ. ޕީޕީއެމް ސަރުކާރުގެ ލިސްޓް އެއްލައިލީ އެމްޑީޕީ ސަރުކާރުންނެވެ. އެމްޑީޕީގެ ދެވަނަ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފްލެޓަށް 9،000އަށް ވުރެ ގިނަ މީހުންގެ ޝަރަތު ހަމަވި އެވެ. އޭގެ ތެރެއިން 4،000 މީހުންނަށް ފްލެޓް ލިބޭނެ އެވެ. ބާކީވި އަނެއް 5،000 މީހުން އަލުން މި ޖެހުނީ، މިހާރުގެ ސަރުކާރުން އިހަށް ދުވަހު ހުޅުވި ޕޯޓަލްއިން އަލުން ފޯމު ފުރާށެވެ. ކުރީގެ އުސޫލުތައް ވެސް ބަދަލުވީ އެވެ.

އަބަދުވެސް އެންމެ މޮޅީ ތިމާމެންނެވެ. އެންމެ އިންސާފުވެރިވީ ވެސް ތިމާމެންނެވެ. ކަންކަން އެނގެނީ ވެސް ތިމާމެންނަށެވެ. 

ލިއުގެ ވާހަކަ ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް އެރީ ހަގީގަތުގައި ވެސް ހާދަ މޮޅުވެގެންނެވެ. ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ދެވުމަކީ ގައުމަކަށް ލެވޭނެ ކޮން ކަހަލަ އަރާމު ނޭވާއެއް ހެއްޔެވެ؟ އޭނާގެ ބެލުމުގެ ދަށުން ރާއްޖޭގެ އާބާދީއަށް ވުރެ ގިނަ ގެދޮރު އާންމުންނަށް އެހުރީ ފޯރުކޮށްދީފަ އެވެ. ދުނިޔޭގެ ނަމޫނާއެކެވެ. އަޅުގަނޑުމެންނަށް ވެސް ނަމޫނާއެކެވެ. އެކަމަކު ހަނދާންކޮށްލުން ހުއްޓެވެ! ލިއު އޭނާގެ ސިވިލް ސާވިސްގެ ވަޒީފާ އަދާކުރެއްވީ މަޝްރޫއުތަކުން އަމިއްލަ ޖީބު ބޮޑުކުރައްވާކަށެއް ނޫނެވެ. އެ ނުބައި ނިޔަތެއް އޭނާގެ ނެތެވެ.

ނަމަވެސް އަޅުގަނޑުމެން ދިވެހިން ތަފާތުވަނީ އެކަހަލަ ކަންކަމުންނެވެ. އަޅުގަނޑުމެން އުޅޭނީ ސިއްރުން ޖީބަށް ލެވޭނެ އެއްޗެއް ހޯދާށެވެ. ދިވެހިންގެ އެ ސިފަ ދުނިޔޭގެ ނަމޫނާއަކަށް ވެދާނެ އެވެ. އެކަމަކު އެއީ ތިމާ މަރުވެގެން ދާއިރު ހަނދާން އާކުރަން ދެއްކޭނެ ރަނގަޅު އަމަލެއް ނޫން ދޯ އެވެ.

ކޮމެންޓް (3)

ޙަން ޓުއި ޕަން

18 ފެބްރުއަރީ 2026
ޜާއްޖެއަށްވެސް ސިންގަޕޫރު ރައްޔިތުންކަހަލަ ރައްޔިތުން ބޭނުން
1 0

ކޮރަކަލި

15 ފެބްރުއަރީ 2026
ޑރ. މުއިއްޒު ވެރިކަމަށް އައިގޮތް އެނގޭނެ ގިނަ ބަޔަކަށް. ހައުސިން މިނިސްޓަރުކަމުގައި ހުރެގެން ހެދި 16 ޓަވަރު ހުޅުމާލޭ 2 ގައި އެހުރީ ކުރިކޮންމެ ކަމެއް ހުރީ ގޯސްކޮށް ކޮށްފަ. ދެން ރައީސްކަމަށް ވަލުދޮރާށިން ވަދެފަ ހިންގާ ގޯސްތަކުން ބޮޑެތި ގެއްލުންތަކުން ވަމުން މިދަނީ. ރައްޔިތުން އެބަޖެހޭ 2028 އަށް ނޯބުނަން. ޣ
3 0

ާއއހ

21 ޖެނުއަރީ 2026
މި ރާއްޖެއަކު ތިޔަ ކަހަލަ ކަމެއް މިއިން ދުވަހަކު ނުވާނެ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ހަމަ ހަރާމެއް ހަލާލެއް ނުބަލާ ތިމާގެ އަންބޮނޑި ބޮޑުކުރެވޭތޯ އުޅޭ މީހުން. ކޮރަޕްޝަނާއި ވައްކަމުގެ ފޮނިމީރުކަން ތިމާމެނަށް ލިބެންޏާ އެއީ މި މީހުނަށް އެެއްވެސް މައްސަލައެއް ނޫން.
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް