ހއ. ދިއްދޫ ފަޅު ހިއްކަން ގެނައި ބޯޓުން ރަށުގެ އުތުރުކޮޅުން ހޮޅިތައް ގުޅާފައި: ދިއްދޫގެ ބޮޑު ފަޅު ހިއްކަނީ އެއާޕޯޓް އަޅަންވެގެން (ފޮޓޯ/މޫސާ ޝަފީގު)

ބިން ހިއްކުން

ދިއްދޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް، އަޅުގަނޑަށް ހިތާމައެއް

ދިއްދޫގެ ހުޅަނގު ފަރާތު ފަޅަކީ ރަށަށް ލިބިފައި އޮތް ގުދުރަތީ އެންމެ ރީތި އެއް ސިފަ. ނަމަވެސް އެ ރީތިކަން ހިމާޔަތްކުރުމުގެ ބަދަލުގައި މުޅި ފައްޅު ހިއްކަނީ އެއާޕޯޓް އެޅުން ރައްޔިތުންނަށް މުހިންމުވެގެން
5 ޖެނުއަރީ 2026
12

އިރު އޮއްސެމުން ދިޔަ ވަގުތެވެ. ގަދަ ވައިގެ އަޑު ހުރީ ހިއްޕާލައިފަ އެވެ. ކުޑަ ހިފައިގެން ކާފަ ނުކުތީ އަޅުގަނޑު ގޮވައިގެންނެވެ. ހުޅަނގުން ޖެހެމުން އަންނަ ގަދަ ވަޔާ އެކު ބޯވާރޭގެ ތިކިތައް ކުޑައިގެ ދަށުން މޫނާއި ހަށިގަނޑު ތެމެނީ އެވެ. އަޅުގަނޑުގެ އުމުރުން ވާނީ ހަތެއް ނޫނީ އަށް އަހަރެވެ.

ކުރިމަތީގައި އޮތް ބޮޑު ފަޅުން ގޮނޑުދޮށަށް ޖަހަމުން ދިޔަ ރާޅުތަކުގެ އަޑު ވެސް މަޑެއް ނޫނެވެ. ކާފަގެ މަގުސަދަކީ އެ ވިލާގަނޑުގައި ކެކެމުން ދިޔަ މޫދުގައި އަޅާފައި އޮތް މަސް ދޯނީގެ ހާލަތު ދެނެގަތުމެވެ. ނަގިލި ކަހާލުން ފަދަ ކަމެއް، ވާ ކަނޑައިގެން ދިއުން ފަދަ ކަމެއް، ވެފައި ހުރިތޯ ދެނެގަތުމެވެ.

އިރުކޮޅަކު ބަލަން ހުރެފައި އެކަހަލަ ނުރައްކަލެއް ދޯންޏަށް ނެތްކަން އެނގުމުން ގެއަށް ދާން ހިނގައިގަތެވެ. 

އަނެއް ދުވަހު އިރު އެރިއިރު އެ ކޮޅިގަނޑުން ސަލާމަތްވެ، އެ ބޮޑު ފަޅު އޮތީ ހިމޭންވެފަ އެވެ. ނޫ ކުލައިގެ ރީތި މޫދެވެ. ގުދުރަތީ ގޮތުން އަމާން ބަނދަރެކެވެ. ދިއްދޫގައި މީހުން އާބާދުވާން ފެށުމުގެ އަސްލެވެ. އިރުމަތީ ފަރާތުގައި ޒަމާނީ ބަނދަރު ހެދެންދެން ދިއްދޫގެ އޮޑިވެރިން ބޭނުންކުރީ އެ މޫދެވެ. އަހަރަކު އަންނަ މަދު ދުވަސްތަކެއްގައި، އަޅުގަނޑުގެ ހަނދާނުން އަދިވެސް ފިލައިގެން ނުދިޔަ އެ ދުވަސް ފަދަ، މޫސުން ގޯސްވެ ގަދަވިޔަސް، އެ ފަޅަކީ މުޅި ރަށަށް ލިބިފައި އޮތް ގުދުރަތީ އެންމެ ބޮޑު އެއް މުއްސަނދިކަމެވެ. ނަލަ ރީތިކަމެވެ.

މި ފަހުން ރައްޓެއްސަކު ނަގައިދިން ދިއްދޫ ހުޅަނގު ފަރާތު ފަޅުގެ ފޮޓޯއެއް: މިއީ ވަރަށް ރީތި މޫދެއް (ފޮޓޯ: ދައުުރު)

ނަަމަވެސް މިއަދު ހއ. ދިއްދޫ ރައްޔިތުން ރަށުގެ ހުޅަނގު ފަރާތަށް ނުކުމެ އުފާކުރަމުން އެ ގެންދަނީ އެ ރީތި ފަޅު އެއްކޮށް ހިއްކާތީ އެކަމަށެވެ. އެއާޕޯޓާއި ދިއްދޫގެ 'ތަރައްގީ'އަށް ބޭނުންވާ ބިންތަކަށް ރަށުގެ ރީތިކަން ގުރުބާންކޮށްލަނީ އެވެ. އެ ފަޅު އެއްކޮށް ހިއްކައިގެން ނޫނީ އެ ތަރައްގީ ނުގެނެވޭނެކަން، ރައްޔިތުންނަށް ވިސްނައިދީގެން ސިޔާސީ ކާމިޔާބީއެއްގެ ޔަގީންކަން ހޯދައިދެނީ އެވެ.

އަޅުގަނޑަކީ ދިއްދުއަށް އުފަން މީހެކެވެ. އެކަމަކު އުމުރުން 10 އަހަރުގައި މާލެ އައި ގޮތަށް މި އުޅެނީ މާލޭގައި ވަޒަންވެރިވެގެންނެވެ. ރަށަށް ނުދާތާ ވެސް އެތައް އަހަރެކެވެ. އެހެންކަމުން ދިއްދުއަށް އަންނަ 'ތަރައްގީ'އާ މެދު މޫސައަށް ދެއްކޭނެ ވާހަކައެއް ނޯންނާނެއޭ، ދިއްދޫގައި ދިރިއުޅޭ މީހުންނަށް ބުނެވިދާނެ އެވެ. ދިއްދޫ ފަޅުގެ ރީތިކަން ވެސް، އެ ފަޅުގެ ފަސޭހަކަން ވެސް ނުވަތަ ވައި ގަދަ، މޫސުން ގޯސް ދުވަސްވަރު އެ ފަޅުގެ ރާޅުތައް ވެސް ތަޖުރިބާކުރަނީ ތިމަންނަމެންނޭ ބުނެ، ރަށުގެ ބިން ހިއްކުމާ 'ކަލޭ ނުބެހި ދުރުގައި ހުންނާށޭ' ވެސް ބުނެފާނެ އެވެ.

ދިއްދޫގެ ހުޅަނގު ފަރާތު ގޮނޑުދޮށުގެ ވެލިގަނޑު: މި ރީތިކަން ވެސް މިއަދު މާޒީގެ ބަޔަކަށް ވާނެ (ފޮޓޯ: ދައުުރު)

އެކަމަކު އަޅުގަނޑަކީ ލިއުންތެރިޔަކަށް ވެފައި، ރާއްޖޭގެ ކޮންމެ ކަމަކާ މެދު ވެސް ލިއުމުގެ ޝައުގުވެރިކަން ހުރެ އެވެ. އެއީ އަޅުގަނޑަށް އޮތް ހައްގެކެވެ. އަޅުގަނޑުގެ މަސައްކަތުގެ ޒިންމާއެކެވެ. އެހެންކަމުން ދިއްދޫގެ ގުދުރަތީ އެ ބޮޑު ނިއުމަތް ތަރައްގީގެ ނަމުގައި  ގުރުބާންކުރާ ތަން ބަލަން، އަޅުގަނޑުގެ އިހުސާސްތައް ނުލިޔެ، މި އުޅެނީ ނުހުރެވިގެންނެވެ.

ދިއްދުއަށް އެއާޕޯޓެއް ބޭނުންވެގެން ރައްޔިތުން އެންމެ ބޮޑަށް އުޅެގަތީ ހޯރަފުށީގައި އެއާޕޯޓް އެޅުމުންނެވެ. އެކަމަކު ހޯރަފުއްޓާއި ދިއްދޫ އޮތް ހިސާބުގެ ގޮތުން ހޯރަފުއްޓަށް ބޭނުންވާ އެއާޕޯޓް ދިއްދުއަށް ކޮންމެހެން ބޭނުމެއް ނުވެ އެވެ. ދާދި ފަހުން ބޮޑު ތަރައްގީއެއް ގެނައި ހަނިމާދޫ އެއާޕޯޓާއި ދިއްދުއާ ދެމެދު ކުރާ ލޯންޗު ދަތުރަށް ނަގަނީ، މޫސުން ރަނގަޅު ދުވަހެއް ނަމަ، ގާތްގަނޑަކަށް ވިއްސަކަށް މިނިޓެވެ. މޫސުން ގޯސް ނަމަ، އާއެނކެވެ!، ރާއްޖެއަކީ ކަނޑު ދަތުރުކުރާ ގައުމަކަށް ވާތީ، އުނދަގޫތައް ކުރިމަތިވެ އެވެ.

ދިއްދޫ ހުޅަނގު ފަރާތު ގޮނޑޮދޮށް: މިކަހަލަ ރީތި ކަމަކަށް ވުރެ ރައްޔިތުންނަށް މުހިންމީ ފަޅު ހިއްކާލުން (ފޮޓޯ: ދައުުރު)

ހަނިމާދޫ އެއާޕޯޓް އެންމެ ގިނައިން ބޭނުންކުރާ އެއް ބަޔަކީ ދިއްދޫ މީހުންނެވެ. ދެން ދިއްދުއާ ކައިރީގައި އޮންނަ ކެލަ އާއި އުތީމު ފަދަ ރަށްރަށުގެ ރައްޔިތުންނެވެ. އެހެންކަމުން ދިއްދޫގައި އެއާޕޯޓެއް އަޅައިފި ނަމަ ކައިރި އަވަށްޓެރި ރަށްރަށުގެ މީހުން ހިމަނައިގެން، ރާއްޖޭގެ ގިނަ އެއާޕޯޓްތަކަށް ވުރެ ރަނގަޅަށް ދަތުރުތައް ކުރެވޭނެ ތަނަކަށް، ދިއްދޫ އެއާޕޯޓް ވެދާނެ ކަމަށް، ބައެއް މީހުން ދެކެ އެވެ.

އެކަމަކު ގިނަ މީހުންނަށް ނުވިސްނެނީ، ނުވަތަ ވިސްނަން ބޭނުންނުވަނީ، ދިއްދޫގައި އެއާޕޯޓް އަޅަން ވާން ޖެހޭ ގުރުބާނީ އެވެ. އެ ނަޒަރުން ވިސްނުމުގެ ފުރުސަތު ރައްޔިތުންނަށް ނުދެނީ ސިޔާސީ ވެރިންނެވެ.

ރާއްޖެއަކީ ނެދަލެންޑްސްއެއް ނޫނެވެ. ބިން ހިއްކަން ގެންގުޅޭ ބޮޑެތި ބޯޓުފަހަރު އޮޕަރޭޓްކުރާ ނެދަލެންޑްސްގެ ކުންފުނިތަކުން އެހެން ގައުމުތަކުގެ ގުދުރަތީ ރީތިކަން ފުނޑުފުނޑުކޮށްލާއިރު އެ ކުންފުނިތައް ނިސްބަތްވާ ގައުމުގެ ރައްޔިތުން ނުކުމެ ތިބީ ލިބިފައި އޮތް އެއްޗެއް ހިމާޔަތްކުރާށެވެ. މިސާލެއް ދައްކާނަމެވެ.

އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްގެ އަގުބޮޑު ޔޮޓް، 500 މިލިއަން ޑޮލަރުގެ 'ކޮރު' ބަނދެ، ބާލައިގެން އޭގެ އަޖުމަ ބަލަން ރޭވީ ނެދަލެންޑްސްގެ ތާރީހީ ބިނާއެއް ކަމަށް ބަލަމުން އަންނަ ބްރިޖް، ކޮނިންޝަވަން ބްރިޖް، ރޫޅާލައިގެންނެވެ. ސަބަބަކީ އެ ޔޮޓްގެ ދިގު ކުނބުތަކާ އެކު އެ ބުރިޖްގެ ދަށުން ހުރަސްނުކުރެވޭނެތީ އެވެ. ބްރިޖް ހަދާފައި ހުރީ ވެސް ރޫޅާލައި އަލުން ރާވާލެވޭ ގޮތަށެވެ. އެއީ މިހާރު ބޭނުންކުރާ ބްރިޖެއް ވެސް ނޫންމެ އެވެ. ނަމަވެސް މަހުޖަނެއްގެ ޔޮޓް ކަނޑަށް ނެރެން ބްރިޖް ރޫޅާލަން ރައްޔިތުން ދެކޮޅެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިންޒާރު ދިނެވެ: މިތަނުން ނިކަން ޔޮޓް ނެރެބަލާށެވެ. ކުކުޅު ބިހުން ވެސް ޔޮޓަށް ހަމަލާދޭނަމެވެ.

ދިއްދޫގެ ހުޅަނގު ފަރާތު މޫދު: ބިން ހިއްކުމުން ރަށުގެ ގުދުރަތީ މި ރީތިކަން ދެން ނުފެންނާނެ (ފޮޓޯ: ދައުުރު)

ރައްޔިތުންގެ އެ ކަންބޮޑުވުމާ އެކު އެންމެ ފަހުން ނިންމީ ބްރިޖް ރޫޅާނުލުމަށެވެ. އެ ޔޮޓް ކަނޑަށް ނެރުނީ، ކުނބުތައް ނުޖަހާ، އެހެން ދިމާލަކުންނެވެ.

އެ ރައްޔިތުން ދެކޮޅަށް ނުކުތީ ލިބިފައި އޮތް ގުދުރަތީ ރީތިކަމެއް ނައްތާލަން އުޅޭތީއެއް ނޫނެވެ. ބޭނުން ވެސް ނުކުރާ އެކަމަކު ތާރީހީ ރަމްޒެއްގެ ގޮތުގައި ބަލާ ބްރިޖެއް ދެތިން ދުވަހަށް ރޫޅާލަން އުޅުމުންނެވެ.

އަޅުގަނޑުމެން ގިނަ ދިވެހިން ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެ ލޯތްބެއް ނުވެ އެވެ. ސިޔާސީ ވެރިން އަދި އަމުދުން ލޯތްބެއް ނުހުރެ އެވެ. އެމީހުން ބަލަނީ ރައްޔިތުންގެ ވޯޓު ލިބޭނެ ގޮތެކެވެ. ފަހުގެ ނަތީޖާއަކީ އެ ވޯޓު ނުލިބުން ކަމަށް ވިޔަސް މެ އެވެ. އެހެންކަމުން ދިއްދޫ ކަހަލަ އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުންނަށް ވިސްނައިދެނީ، ކީއްކުރާ މޫދެއް ހެއްޔެވެ؟ ހިއްކާލާފައި އެއާޕޯޓެއް އެޅިއްޔާ މާ ރަނގަޅުވާނެ އެވެ. ތަރައްގީއަކީ އެ އެވެ. 

ރައްޔިތުން ނުވިސްނާނެ އެވެ. ރައްޔިތުންގެ އެ ހޭލުންތެރިކަމެއް ވެސް ނެތް މެ އެވެ. ރައްޔިތުންނަށް ގަބޫލުކުރެވެނީ، މިވެނި ރަށެއްގައި ހަދައިފިތަ! ތިމަންމެންގެ ރަށުގައި ވެސް ހަދަން ޖެހޭނެ އެވެ. އެވެނި ރަށެއް ހަލާކުކޮށްލުމުން، ތިމަންނަގެ ރަށް ހަލާކުކުރިޔަކަ ނުދޭނަމޭ، ބުނާނެ ދިވެހިންނެއް ނެތެވެ. ހިތާމަހުއްޓެވެ.

ދިއްދޫގައި އަޅުގަނޑަށް ލިބިފައި އޮތް ބިމެއް އޮވެ އެވެ. ބައެއް ރައްޓެހިން މިހާރު ވެސް ބުނެ އެވެ. އެއާޕޯޓާ އެކު ދިއްދޫ ބިމުގެ އަގު މައްޗަށް އަރާނެ އެވެ. ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރެވޭނެ އެވެ.

ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރަން ވިސްނާއިރު ޓޫރިސްޓުންނަށް ދިއްދޫން ދައްކަން އޮތީ ގުދުރަތީ ކޮން ރީތި ކަމެއް ހެއްޔެވެ؟ އެ މީހުން މޫދަށް އެރޭނީ ކޮން ތަނަކަށް ހެއްޔެވެ؟ އެ މީހުން ހިނގާލާފައި ދާނީ ގުދުރަތީ ކޮން ތުނޑިއެއްގައި ހެއްޔެވެ؟

އަނގައެއް އޮތިއްޔާ ވާހަކަ ދެއްކޭނެ އެވެ. ކިތައްމެ ބޮޑު ފޮންޏެއް ވެސް ކަނޑާލެވިދާނެ އެވެ. އެފަދަ ފޮނި ވާހަކަތައް ދައްކާ މީހުންނަށް ބުނެލަމެވެ: ދިއްދޫގެ އެ ރީތި ބޮޑު ފަޅުން އެންމެ ތަންކޮޅެއް ވެސް ނުބާއްވައި، މުޅި މޫދަށް ފަސް އަޅާ ފޮރުވާލުމަކީ، ދިއްދުއަށް އުފަން މީހެއްގެ ގޮތުން، އަޅުގަނޑުގެ ލޮލުން ކަރުނަ އަންނަ ވަރުގެ އަނިޔާއެކެވެ. އެ ފަޅާ ގުޅިފައި ހުރި ކުޑައިރުގެ ހަނދާންތައް އާވާތީއެއް ނޫނެވެ. މުށިމަސްގަނޑުން ފަޅުތެރެ ފުރިފައި އޮންނަ އިރުގެ މަންޒަރުތައް ފެންނާތީއެއް ނޫނެވެ. ކުދި ދޯނިފަހަރުގައިި ފަޅުތެރޭގައި ދުއްވި ދުއްވުމުގެ ތަސްވީރުތައް ކުރެހޭތީއެއް ނޫނެވެ. އެކަމަކު ހަމަ އެ ފަޅުގެ ރީތިކަމާ ހެދި އެވެ. ދިއްދޫގެ ގުދުރަތީ މުއްސަނދިކަމުގެ ބަޔަކަށް އެ ލޮނުގަނޑު ވާތީ އެވެ.

ހިތާމަކުރަމެވެ. ދިއްދޫ ރައްޔިތުންނަށް މިއަދު އޭގެ އަގު ވަޒަނެއް ނުކުރެވެ އެވެ.

އެ މީހުންގެ ލޮލުގައި ސިޔާސީ ވެރިން އަނދުން އަޅުވައިފި އެވެ.

ކޮމެންޓް (12)

ފާތުން

27 ޖެނުއަރީ 2026
ވަރަށް ރަނގަޅު ވާހަކައެއް. ޤުދުރަތީ ރީތިކަން، ދިވެހި ބަސް، ދިވެހި ތާރީޚް، ދިވެހި ސަގާފަތް، ދިވެހީންގެ އާދަކާދަ މިއަދު ދިވެހިންނަކަށް ޚާއްޞަކޮށް ސިޔާސީ އިސްވެރިންނަކަށް މުހިންމެއް ނޫން. ބޭނުމެއްވެސް ނުވޭ. އަޅުގަނޑުމެންގެ ލޯތަކުގައި ދޮން ކުދިން އެޅުވި އަނދުނުގައި ފިސާރި ރަނގަޅަށް ކުލަ ޖައްސައިފި. އެމީހުން ދެމި ގުއި ރޯނުގައި އަޅުގަނޑުމެން ނިކަން ރަނގަޅަށް ޖެހިއްޖެ. ހިތާމައިގެ ކޮޅެއް ނެތް. ރާއްޖޭގެ ޤުދުރަތީ ރީތިކަން އެއްވެސް އަސަރެއްނެތި ނައްތައި ހަލާކު ކޮށްފި. އަޅުގަނޑުވެސް ވަރަށް ދެރަވެ ހިތާމަކުރަން. އަޅުގަނޑުމެންގެ ރަށުގެ ރީތި ގޮނޑުދޮށައި ހިތްގައިމު މޫދު ހަލާކުކޮށް ނެތި ކޮށްފި. އެމީހުންނަށް ނަފްރަތް ކުރަން. އަދި ހެޔޮވިސްނުން ދެއްވާށި.
0 0

އަލިކޮއެ

7 ޖެނުއަރީ 2026
Thi rashugai meege kurin athirimathee huri harugerhah ves kahaa laifi falheh othakas othee mihaaru hila jahaafa godu dhoshakah nufeybey dhen ehen baavvaigen vee kameh haraan thirah othee bin thanavas އަލިދުއްފަރު ފަޅު ކެލާ ފިއްލަދޫ ދައްޕަރު ވަށަފަރު ބޮޑެތި ބިޔަ ފަޅުތައް ވަށައި އެބަހުރި 2 އަހަރުން 1 އަހަރު 5 އަހަރަކުން އެއްފަހަރު ގޮސްލާފަ ފެނައްލެވޭނެ
0 0

މުހައްމަދު އަލީ

6 ޖެނުއަރީ 2026
ދައުރު ނޫހަކީ ސަރުކާރާ ޖައްސާލައިގެން އުޅޭ ނޫހެއް. ސަރުކާރުން ކުރާކޮންމެ ކަމެއް އެއީ ބޭކާރު ކަމެއްކަމަށް ދައްކަން ތިކުރާމަސައްކަތަކީ ހަގީގަތުގައި ބޭކާރުމަސައްކަތެއް. ދިއްދޫ ރައްޔިތުން ބޭނުމީ ފަޅުއެއްކޮށްހިއްކާލަން. މާލޭގަ މުޅިއުމުރު އުޅޭބަޔަކު ދިއްދޫއޭ ކިޔާގެން ކިންހާ ހާސަރެއް ދަމާކަން.
4 5

އަޝްފާޤް

5 ޖެނުއަރީ 2026
މޫސަބެ ހަމަ ރަގަޅަށް ތިބުނީ. ހުރިހާވެސް މައްސަލައަކީ ކައިރީގަ އޮތް ހޯރަފުށީގައި އެއާޕޯޓު އެޅުން. ހޯރަފުށީގައި އެއާޕޯޓޫ އެޅިޔަސް ބޮޑު ފަޅަކާ ބީޗް އަދިވެސް އެބައޮތް. ދިއްދޫގެ އެބައި އެއްކޮށް ގެއްލުނީ.
6 1

ކިޔުންތެރިއެއް

5 ޖެނުއަރީ 2026
މޫސަގެ ވާހަކައަށް އަޅުގަނޑުވެސް ވަރަށް ބޮޑަށް ތާއީދު ކުރަން. ދިއްދޫއަކީ މާ ގިނަ ގުދުރަތީ ވަސީލަތްތައް ލިބިފައިވާ ރަށެއް ނޫން. ނަމަވެސް ތަރައްގީގެ ނަމުގައި މެޑަލް ޖެހުމަށް ލިބިފައިވާ ގުދުރަތީ ރީތިކަން ގުރުބާން ކުރުން ގިނަ މީހުންގެ ވިސްނުމުގައި ހުރީ. ކައިރީގައި ބައިނަލް އަގްވާމީ ވައިގެ ބަނދަރެއް އޮތް އިރުވެސް މީހުންގެ ވިސްނުން ހުރި ގޮތުން ހަމަ އަޖައިބުވޭ!
7 2

ނައްސި ވިސްނުން ދޫކޮށްލާ

7 ޖެނުއަރީ 2026
@ކިޔުންތެރިއެއް ދިއްދޫ އޮތް މާޙައުލާ މެދު ވިސްނާލާ ރަށަށް ލިބޭނެ ކުރިއެރުން ވިސްނާލި ނަމަ ތި ލިޔުމެއް ވުޖޫދެއް ނުވީސް
1 4

އިބުނު

5 ޖެނުއަރީ 2026
ރަށުގަ ހުސްބިން ބާއްވައިގެން މާލޭގައުޅުން އޯކޭ..ރަށުމެދުގަ ކިތައް ހުސްގޯތި އޮތްކަން އިނގޭބާ އެންމެ ފަހުން ރަށަށްއައި ދުވަސް ކޮބާ؟ އެއާޕޯޓް ހަމަ މުހިއްމު އެހެން ރަށެއްގަ އެއާޕޯޓް އޮތުމަކީ ދިއްދޫގައި ނާޅަންވި ސަބަބެއްނޫ ތި ލިޔުން ތިގަލަމުން ފުރިހަމަ
2 8

ޒާހިރު

5 ޖެނުއަރީ 2026
އެއަރޕޯޓަކަށްވުރެ ބޯހިޔާވަހިކަން މާ ބޭނުންވޭ.. 75 ފްލެޓަށް 1500 ވުރެ ގިނައިން ފޯމު ލާފައިވޭ
6 0

އެއާޕޯރޓު

5 ޖެނުއަރީ 2026
ވަރައް ރަގަޅު ވާހަކަ އެއް އެއާ ޕޯރޓު އަޅަން ބޭނުމިއްޔާ އެކަން މިވަގުތައް ކުރަން އެއްމެ ރަގަޅީ ކަޅިދުއްފަރު އެއާޕޯރޓަކަ އަދި ސިޓީ ހޮޓަލެއް ވެސް ހެދިގެން ގުދުތަތީ ތަރިކަ އެއް ގެއްލުވާ ލުމަކީ އެބަޔަކު ކުރާނެ އެއްމެ ކޮސް ކަންތައް މޫސަ ގެ ތި ވިސްނުމައް އަޅުގަޑު ތާއިދު ކުރަން
6 0

އައްޕަ

5 ޖެނުއަރީ 2026
މަށަކީ ދިއްދޫ މީހެއް. މިހަބަރު ފުރަތަމަ ފެނުމާއި އެކު ބޭނުންވީ ނުވެސް ކިޔާ މޫސައަށް ބަވަން. ނަމަވެސް ކިޔާފަ ކޮމެންޓް ކޮއްލާނީއޭ ހިތަށްއަރާފަ، ކިޔާނިމުނު އިރު މަށަށް މީނީ ރޮވިފަ. ސޮރީ މޫސާ.ލިޔެފަ ތި އޮތީ ހާދަހާވާ ތެދު ހިތްދަތި ވާހަކަ ތަކެކެވެ.
7 2

އަހައްމާ

5 ޖެނުއަރީ 2026
@އައްޕަ މޫސަ ރީއްޗޭ ކިޔާފަ ލިޔުމުގަ ބޭނުންކޮށްފައިވާ ފޮޓޯތަކަކީވެސް ހިއްކި ސަރަހައްދެއްގެ ފޮޓޯ. ގުދުރަތީ ބީޗެއް ނޫން
2 2

ޔޫޫތޭޭ

5 ޖެނުއަރީ 2026
@އަހައްމާ ހަޖަމްވުގެ މައްސަލަތައް ހައްލުކުރުމަށް މިކަލަ މޮޅު ހަބަރުތައް ނުލިޔެ ހަޖަމް ކުރަން ބޭނުންވާ ބޭސް ބޭނުންކުރުމުން ފުދޭނެއެވެ.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް