ޕީޕީއެމްގެ 'އިންޑިއާ އައުޓް' މުޒާހަރާގައި މިހާރުގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން (ކ) އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސިޔާސީ

ސައީދުގެ ދެފުށްކެހެރި ވާހަކައަކީ އިބުރަތެއް ކަމަށް ބަލަމާ!

ޕީޕީއެމްގެ 'އިންޑިއާ އައުޓް'ގައި އޭރުގެ މާވަށު ދާއިރާގެ މެމްބަރު އަދި މިހާރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހަނިމާދޫގައި ހަދަނީ އިންޑިއާގެ އަސްކަރީ ރަންވޭއެއް ކަމަށް. މިއަދު ހަނިމާދޫ އެއާޕޯޓަށް އޭނާގެ އޮތީ ތައުރީފް
11 ނޮވެމްބަރު 2025
2

ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކެވެ.

ސިޔާސީ ހަރަކާތްތެރިންނާއި އާންމު ރައްޔިތުންނަށް މި ދުވަހު އާ އިބުރަތްތަކެއް ހޯދިދާނެ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ދެފުށްކެހެރި ވާހަކަތަކަކީ އަމިއްލަ ނަފުސަށާއި ގައުމަށް ތެދުވެރި ހިތެއް އޮތް ނަމަ އެންމެންނަށް ވެސް ލިބެން އޮތް ފިލާވަޅެއް ކަމަށް ބަލަމާ ހިނގާށެވެ.

އިދިކޮޅުގައި ހުންނެވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ޕީޕީއެމުން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް'ގެ ފޯރިގަނޑުގައި ސައީދު ދެއްކެވި ވާހަކަތައް ހަނދާންކޮށްލަމާ ހެއްޔެވެ؟

"ހަނިމާދުއަށް ބޭނުންނުވާވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ މި ދައުލަތުގެ މާލިއްޔާއިން އިންޑިއާއިން އަޅުގަނޑުމެންގެ ބޮލުގައި އެޅީމާ ދުއްޕާނަކަށް ނުވޭތޯ."

މިއީ ޕީޕީއެމުން އޭރު ބޭއްވި ބޮޑު ޖަލްސާއެއްގައި ސައީދު ދެއްކެވި ވާހަކައިން ތަންކޮޅެކެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ މައިގަނޑު ވިސްނުން ވެސް އޮތީ އިންޑިއާއާ ދެކޮޅަށެވެ. ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ ވެސް، ކުރީގެ ރައީސުންނާ ތަފާތުކޮށް، ޗައިނާއަށެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްުޔާތަށް ޓާމިނަލް ދިއްލާފައި: ސައީދު ގަބޫލުކުރައްވަނީ މިއީ އުތުރުގެ އިގުތިސާދަށް ބޮޑު ތަރައްގީއެއް ކަމަށް (ފޮޓޯ/ ރައީސް އޮފީސް)

އެމްޑީޕީ ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް ބޭއްވި ސިޔާސަތު ބަދަލުކޮށް ރާއްޖޭގެ އެންމެ ގާތް ބޭރު ގައުމަކީ ޗައިނާކަމަށް ހަދަން މި ސަރުކާރުގެ ކުރީކޮޅު ކުރި މަސައްކަތުގެ އިސް މޭސްތިރިއަކީ ސައީދަށް ވުން ވަރަށް ކައިރި އެވެ. ނަމަވެސް ބައިނަލްއަގުވާމީ ގުޅުންތަކާއި ބޭނުންވާ އެހީތެރިކަން އަވަހަށް ލިބުމުގައި ހުންނަ އުނދަގޫ/ފަސޭހަ ގޮތްތަކާ ހެދި މުޅި ސިޔާސަތު އެކޮޅުކޮޅުން ޖެހެ އެވެ. ދައްކާ ވާހަކަ ބަދަލުވަނީ ތިމާ ދެފުށްކެހެރިއަކަށް ހަދައިފަ އެވެ.

މިނިސްޓަރު ސައީދަށް އެއީ ހަމަ ވަރަށް އާދައިގެ ކަމަކަށް ވެދާނެ އެވެ. އިންޑިއާއިން ރާއްޖޭގެ ބޮލުގައި ދަރަންޏެއް އަޅުވާފައި 'ދުއްޕާނަކަށް' ހެދިހެދުން، ހަނިމާދޫ އެއާޕޯޓް ހުޅުވުމާ އެކު މިދިއަ އާދިއްތަދުވަހު، ސައީދަށް ފެނިވަޑައިގަތީ އެއީ އުތުރުގެ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތަށެވެ. 

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ދެއްކެވި ވާހަކައަކީ މި އެވެ:

ހަނިމާދޫގައި "އާ ރަންވޭއަކާއި ވަރަށް ބޮޑު ޓާމިނަލްއެއް ހުޅުވިގެން މިދިއައީ... [މި] އެއާޕޯޓް ވެެގެންދާނެ އުތުރުގެ ތަރައްގީގެ ވަރަށް ބޮޑު ނާރެހަކަށް. ދެން ރައީސްގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ސަރަހައްދުގެ އިންވެސްޓްކުރުމަށް ވަރަށް ބޮޑު ބާރެއް އެޅުއްވި. އެކަން އަމަލީ ގޮތުން ވެސް އެމަނިކުފާނު އެ ގެންދަވަނީ މަސައްކަތްކުރައްވަމުން. ތަފާތު އެކި ލުއިތައް ފޯރުކޮށްދީގެން. އެހެންވީމާ އިރާދަކުރެއްވިއްޔާ އުތުރު، ހާއްސަކޮށް ހަނިމާދޫ ސަރަހައްދު ވެގެންދާނީ މުސްތަގުބަލުގައި ކުރިއެރުންތައް ލިބިގެންދާނެ ސަރަހައްދަކަަށް."

އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ސިޔާސީ ބޭފުޅުން ވެސް އިބުރަތް ހާސިލްކުރަން ޖެހޭނެ (ފޮޓޯ/ރައީސް އޮފީސް)

އިދިކޮޅުގައި ހުންނެވި އިރު ސައީދު ވިދާޅުވެފައި އެ އޮތީ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއުގައި ހިމެނޭ އާ ރަންވޭއަކީ ހަނިމާދުއަށް އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑު ތަނެއް ކަމަށެވެ. އޭނާގެ ބަހުން ނަމަ އެއީ އިންޑިއާގެ އަސްކަރީ ރަންވޭއެކެވެ. އެމްޑީޕީ ސަރުކާރުން ފެށި އެ މަޝްރޫއަށް އިންޑިއާގެ ލޯނަކު ހޭދަކުރަން ކަނޑައެޅި 136 މިލިއަން ޑޮލަރަކީ ބޭނުން ނެތް ދަރަންޏެކެވެ.

މި ވެރިކަން ފެށިއިރު، ސައީދުގެ ވިސްނުމާ އެއްގޮތަށް، އިންޑިއާއާ ދުރުވި ދުރުވުން މާ ގިނަ ދުވަހަކަށް ހިފަހައްޓައެއް ނުލެވުނެވެ. އެއަށް ވުރެ ރާއްޖޭގެ އިގުތިސާދީ ހާލަތު މާ ދަށެވެ. އިންޑިއާގެ އެހީތެރިކަން ނުލިބި ސަލާމަތްނުވެވޭ ހިސާބަށް ދިޔައީ އެވެ. އެހެންކަމުން 'އިންޑިއާ އައުޓް'އަކީ ހަމައެކަނި ޔާމީން ގެންގުޅުއްވި ސިޔާސީ އުކުޅަކަށް ހަދައި، އިންޑިއާގެ އެންމެ ގާތް އަވަށްޓެރިޔާއަށް އަނެއްކާވެސް ރާއްޖެ ވީ އެވެ.

ދެ އަނގައިން ސައީދު ދެއްކެވި ވާހަކައިން ލިބޭ އިބުރަތަކީި، ހަގީގަތުގައި އަހަރެމެންނަކީ ގައުމުތަކާ ޖައްސާލައިގެން އުޅެވޭ ވަރަށް ވުރެ މާ ނިކަމެތި ބައެއް ކަމެވެ. ސިޔާސީ ވައުދުތައް ފުއްދަން ދަރަންޏަކަށް ފަހު ދަރަންޏެއް ނެގެން އޮތީ ވެސް، އިންޑިއާ އާއި ޗައިނާ ކަހަލަ ގައުމުތަކާ އެކު ގާތް ގުޅުން ބާއްވައިގެން ކަމެވެ. އެ ގައުމުތަކާ ޖެހިގަނެ، ޖިއޮޕޮލިޓިކްސް ތެރެއަށް، މި ގައުމުގެ ފެންވަރަށް ވުރެ މާ މަތިން، ވަދެގެން އުޅޭ ނަމަ އޮތް ނުރައްކާ ބޮޑު ކަމެވެ. ތިމާއަށް ވުރެ މާ މަތީ ވާހަކަތައް ދައްކައިގެން އެންމެ ފަހުން 'އަތަށް ގޮވާ ކަމެ'ވެ.

އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަނީ މިއީ މީގެ 15 އަހަރު ކުރީގެ ދުނިޔެ ނޫން ކަމަށެވެ. މިދިއަ 15 އަހަރުގެ ތެރޭގައި ޗައިނާ އެ އޮތީ ދުނިޔޭގެ އެންމެ ބޮޑު ދެވަނަ އިގުތިސާދަށް ވެފަ އެވެ. މިދިއަ 15 އަހަރުގެ ތެރޭގައި އިންޑިއާ އެ ވަނީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އިގުތިސާދަށް ވެފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް މި ދެ ގައުމުގެ އެ މުއްސަނދިކަމާ އެކު ދުނިޔޭގެ ބާރަކަށް ވެސް ވާދަކުރަނީ އެވެ. އެހެންކަމުން، ދިވެހިންނޭވެ! އަޅުގަނޑުމެން މިހާރު އުޅެމުން މި އަންނަނީ، 'އިންޑިއާ އައުޓް، އާއި 'ޗައިނާ އައުޓް' ޖަހައިގެން ސިޔާސީ މުޒާހަރާތަކާއި ސިޔާސީ ބަހުސް، އަދި ކީއް، އާންމު ބަހުސް ވެސް ނުކުރެވޭ ކަހަލަ ދުނިޔެއެއްގައި ކަމެވެ.

'އިންޑިއާ އައުޓް' ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން 2022ގައި ރ. ދުވާފަރަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ: ސައީދު އާއި ސަރުކާރުގެ އެހެން ބޭފުޅުންގެ ވާހަކަ މިހާރު ވަނީ މުޅިން ބަދަލުވެފައި

ސިޔާސީ މަގުސަދު ހާސިލްކުރަން ދެފުށްކެހެރި ނުވުމަކީ ގައުމަށް އޮތް ފައިދާއެއް ކަމަށް، ސިޔާސީ ވެރިންނާއި އާންމު ދިވެހިން ވެސް ގަބޫލުކުރަމާ ހިނގާށެވެ. ދުނިޔޭގައި ދިވެހިރާއްޖޭގެ މަގާމަކީ އަސްލު ކޮބައިކަން ދެނެގަންނާށެވެ. މިއީ އަމިއްލަ އުފެއްދުންތެރިކަމެއް ނެތް، ހަމައެކަނި ޓޫރިޒަމްއަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށް ބަލައިގެން، ނެގެން އޮތް ފައިދާއެއް ނެގުމުގެ ވިސްނުން ގެންގުޅުން މާ ބުއްދިވެރި އެވެ. މިސާލަކަށް ޔޫކްރެއިންއަށް ރަޝިޔާއިން އަރައިގަތުމުން ދިވެހިން ފާޅުގައި ރަޝިޔާއަށް ފާޑުކިޔައިގެން ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ރަޝިޔާއަކީ މިއަދުވެސް ރާއްޖޭގެ ޓޫރިޒަމްގެ އެއް ވަނަ ގައުމެވެ. މި ސަރުކާރުގައި ތިބި ދުނިޔެ ނުދަންނަ އެކްޓިވިސްޓުން އިންޑިއާއާ ދެކޮޅަށް ޖެއްސި ސޯޝަލް މީޑިއާގެ ޒުވާބާ އެކު ގެއްލުނު އިންޑިއާގެ ޓޫރިސްޓް މާކެޓް އަދިވެސް ހަމަޔަކަށް ނޭޅެ އެވެ. ކިތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުމެއްތޯ އެވެ؟

ސައީދުގެ ވާހަކައިން މިއަދު، ޖުމްހޫރީ ދުވަހު، ސިޔާސީ ހަރަކާތްތެރިންނާއި އާންމު ދިވެހިންނަށް ލިބެން އޮތީ އިބުރަތެކެވެ. އެ އިބުރަތް ހާސިލްކުރާށެވެ. ބޭކާރު އަނގައަކީ ގެއްލުމެއް ކަމަށް ގަބޫލުކުރާށެވެ. ހަޔާތުގައި ދަސްވާ ފިލާވަޅުތަކާ އެއްގޮތަށް އުޅެގެން ތިމާއަށް، ޔަގީނުން ވެސް، ދެރައެއް ނުވާނެ އެވެ. 

ކޮމެންޓް (2)

ތެފައާސާ.

11 ނޮވެމްބަރު 2025
ސައީދު އޭރު ދެއްކެވި ވާހަކައިގެ އެއްބައި ގެނެސްދިނީމާ ކަމަކު ނުދާނެ ނޫންތޯ؟ "ދުއްޕާން" އެ ޖަލްސާގައި ސަޢިދު ގައުމީ ޖޯޝުގައި ހިންމަތުގެ ކަމަރުބަނދެގެން އަޑުހަރުކޮށް ވިދާޅުވެފައިއެބައޮވޭ، ހަނިމާދޫގައި ދިވެހި ސިފައިންގެ 45 މީހުން ތިބިއިރު އޭގެ 3 ގުނަ އިންޑިއާ ސިފައިން ތިބިކަމަށް. އެއީ 135 އިންޑިއާ ސިފައިން، ހަމަ އެކަނި ހަނިމާދޫގައި. މި ހުރިހާ އިންޑިއާ ސިފައިންނަށް މިހާރު ވީގޮތެއް، ތިބިތަނެއްގެ ވާހަކަވެސް އެބަޖެހޭ ނޫންތޯ ދައްކަން!!!
3 1

ރަބަތު

13 ނޮވެމްބަރު 2025
@ތެފައާސާ. ޔަގީނުންވެސް އަކަށް ނާރާނެ ތިބި ސިފައިންގެ އަދަދެއް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް