ހޮޓެލް އޭޝިއާ އެގްޒިބިޝަނަށް ހުޅުމާލެ ޓްރެކް ދަނޑުގައި އަޅާފައި ހުރި ފޭލިގެތައް: ހުސްކޮށް އޮންނަން ޖެހޭ މި ތަން މިހާރު ވަނީ ނިވާވެފައި (ފޮޓޯ/ދައުރު)

މި ފޭލިގެތަކުން، މި ދަނޑު އެކަންޏެއް ނޫން، ކޮންމެ ތަނެއް ވެސް ފުރާލަފާނެ

ހުޅުމާލެ ޓްރެކް ދަނޑަކީ ދުވާލަކު އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ތަނެއް. އޭގެ އިތުރުން ގައުމީ ޓީމުތަކަށް ތައްޔާރުކުރާ ދުވުންތެރިންގެ ވެސް މުހިންމު ފެސިލިޓީއެއް. އެކަމަކު މި އޮތީ ވިޔަފާރިއަށް ދޫކޮށްލާފައި
17 އޮކްޓޯބަރު 2025
4

ހުޅުމާލޭ ޓްރެކް ދަނޑު، ކުޅިވަރާ ބެހުމެއް ނެތް ބަޔަކު، ގޮސް މިހާރު އޮތީ ހިސޯރުކޮށްފަ އެވެ.

އެއީ ވެސް ދިވެހިންގެ ބައެއް ނޫނެވެ. ރާއްޖޭގައި ހޮޓެލް އޭޝިއާގެ ނަމުގައި ޓޫރިޒަމްއާ ބެހޭ އެގްޒިބިޝަނެއް ބާއްވާ ސްރީ ލަންކާ ބައެކެވެ.

ދަނޑު ހިފީ އެ ތަނުގައި ބޮޑެތި ފޭލިގެތަކެއް ޖަހައިގެންނެވެ. ގައުމީ ޕޫލުގެ ޒުވާން ދުވުންތެރިންނާއި އާންމުން ކަސްރަތަށް ވަދެ އުޅެން އޮތް ރީތި ދަނޑުގެ ހުސްކަން ގެއްލުވާލައިފަ އެވެ. ގައުމީ ކޯޗުންގެ ބެލުމުގެ ދަށުން ދުވާ ދުވުންތެރިން ޓްރެކްގެ އެކި ދުރުމިން ހުރަސްކުރާ ގޮތް ވެސް ނުފެންނާނެ އެވެ. އެހެންކަމުން މި ވަގުތު ޓްރެކް އެ އޮތީ، ދިވެހި ދުވުންތެރިންނާއި އާންމު ރައްޔިތުންނަށް ވުރެ ވިޔަފާރީގެ އުސޫލު އިސްކުރަން ދޭ ސަމާލުކަމާ ހެދި، ފޭލިގެ ދަނޑަކަށް ބަދަލުވެފަ އެވެ.

މިވެގެން އުޅޭ ގޮތާ ބެހޭ ރަސްމީ މައުލޫމާތެއް ނުލިބެ އެވެ. އެކަމަކު އެގްޒިބިޝަން ކަހަލަ އިވެންޓްތަކަށް ސެންޓްރަލް ޕާކް ކުއްޔަށް ދޭން މި ފަހުން އެޗުޑީސީން ގެނައި ބަދަލުތަކަށް ބަލާ ނަމަ މިއީ އަގުހެޔޮކޮށް ހޮޓެލް އޭޝިއާ މައުރަޒު ބޭއްވުމުގެ އުކުޅެކެވެ. އެ އެގްޒިބިޝަން ބާއްވަމުން އަންނަ ފެންވަރަށް ބަލާ ނަމަ، އެޗުޑީސީއަށް ރެޔަކަށް 200،000ރ ދައްކަން ޖެހޭނެ އެވެ. މިފަހަރު ހޮޓެލް އޭޝިއާ ހަފުތާއަކަށް ދެމިގެންދާ އިރު އެއީ 1.4 މިލިއަން ރުފިޔާ އެވެ. ތަން ތައްޔާރުކުރަން ނަގާ ދުވަސްތައް ހިމަނާ ނަމަ އެއަށް ވުރެ ބޮޑު އެއްޗެއް ވެސް އެޗުޑީސީއަށް ދައްކަން ޖެހޭނެ އެވެ.

ކުޑަ ހޭދައެއް ކޮށްލައިގެން ޓްރެކް ދަނޑުގައި އެ އިވެންޓް ބޭއްވޭނެތީ ފޭލިގެތައް ދަމާލީ ކަމަށް، އެނޫން ގޮތަކަށް ގަބޫލުކުރެވޭނެ ރަސްމީ ބަހެއް ލިބެންދެން، ބަލަމާ ހިނގާށެވެ.

އާންމު މީހަކު ހުޅުމާލެ ޓްރެކްގައި ކަސްރަތަށް ހިނގަނީ: ކަރަންޓް ނަރުތައް އަޅާފައި އެ އޮތީ ވެސް ޓްރެކް ކަހަލަ ތަންތަނުގައި އަޅާ ގޮތަކަށް ނޫން (ފޮޓޯ/ދައުރު)

ޓްރެކް ދަނޑަކީ މިގޮތަށް އެކްޒިބިޝަން ބާއްވަން މީގެ ކުރިން ދޫކުރި ތަނެއް ވެސް ނޫނެވެ. އެކަމަކު ސްޕޯޓްސް މިނިސްޓްރީން މިހާރު އެއޮތީ އާންމުންގެ މަސްލަހަތަށް ވުރެ އަމިއްލަ ވިޔަފާރިއެއްގެ މަސްލަހަތު އިސްކޮށްފަ އެވެ. ހުޅުމާލެ ޓްރެކް ދަނޑު އޮންނަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ. އެ ދަނޑު އެގޮތަށް ކުއްޔަށް ދޫކުރި ސަބަބާ ބެހޭ ގޮތުން އެ މިނިސްޓްރީގެ ބައެއް އޮފިޝަލުންނާ ގުޅުމުން ވިދާޅުވަނީ 'އަޅުގަނޑަކަށް ނޭނގޭ' ކަމަށެވެ. އަނެއް ބައި ބޭފުޅުން ވިދާޅުވަނީ މިއަދު މެންދުރު ފަހު 'ނޫސްބަޔާނެއް ކަހަލަ އެއްޗެއް' ނެރޭނެ ކަމަށެވެ.

ސަރުކާރުގެ ބޮޑު އިވެންޓެއް، މިސާލަކަށް ކުޅިވަރުގެ އެވޯޑް ކަހަލަ، ކަމަކަށް ދަނޑު ނެގުން މައްސަލައަކަށް ނުވެދާނެ އެވެ. ނަމަވެސް މިހާރު އެ ދަނޑުގައި ކުރިއަށް ގެންދަން އެ އުޅެނީ ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް އެގްޒިބިޝަނެވެ.  ކޮންމެ ދުވަހަކު އާންމުން ބޭނުންކުރާ އެ ފަދަ ތަނެއް އެހެން ބަންދުކުރުމުން އުފެދޭނެ ނުތަނަވަސްކަމާއި ގައުމީ ޓީމުތަކުގެ ދުވުންތެރިންނަށް އަރާނެ ބުރޫތަކަށް ވުރެ، ކުޅިވަރާ ބެހޭ މިނިސްޓްރީއަށް އެ އެގްޒިބިޝަން މުހިންމުވީތާ އެވެ.

މި ކަހަލަ ދަނޑުތަކާއި ޓްރެކްތަކަށް މިހާރު ވެސް މާ ބޮޑަށް އަޅާލުމެއް ނޯވެ އެވެ. އެހެންކަމުން މިކަހަލަ އިވެންޓްތަކަށް ދަނޑުތައް ދޫކުރާ ނަމަ އެތަންތަން އަވަހަށް ހަލާކުވާނެ އެވެ. މިސާލަކަށް މިވަރުގެ ބޮޑު އިވެންޓެއް ބޭއްވުމުގެ މާނައަކީ ވެހިކަލްތަކާ އެއްޗެހި ޓްރެކް މަތިން ވެސް ދަތުރުކުރުމެވެ. މިހާރު ވެސް މާލެ ސަރަހައްދުގެ ސިންތެޓިކް ދެ ޓްރެކް އެ އޮތީ، އެއަށް ބޭނުންވާ މަރާމާތު ރަނގަޅަށް ނުކުރެވޭތީ، ހަލާކުވެފަ އެވެ. ދެން މިކަހަލަ އިވެންޓްތަކަށް ތަން ދޫކޮށްލުމުން ތަން ހަލާކުވުން ވެސް އަވަސްކޮށްދެ އެވެ.

ދުވުންތެރިޔަކު ސްޕީޑް ޓްރެއިނިންގައި: އޭނާގެ ކޯޗެއް ހުރި ނަމަ ދުވުމުގެ ބޮޑު ބައި އޮންނާނީ ނިވާވެފައި (ފޮޓޯ/ދައުރު)

މި ގައުމުގެ ވެރިން މި ގެންގުޅޭ ސިޔާސަތުތަކާ މެދު ވިސްނާ ބަޔަކު ބޯހަލާކުވެދާނެ އެވެ. ކުރަންވާ ކަމެއް ނުކުރަންވާ ކަމެއް ވެސް އޮޅުމެއްނުފިލަ އެވެ. ނުފޫޒެއް ފޯރުވޭ ބަޔަކު ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރާކަން އެނގޭ އެތައް ކަމެއް އެބަ ހިނގަ އެވެ. އޭގެ ސަބަބުން އާންމުން ހިތްހަމަނުޖެހިދާނެތީ ނުވަތަ ވަކި ކަމަކަށް ބުރޫއަރާފާނެކަމުގެ ވިސްނުން ކުރިއަކަށް ނުނެރެވެ އެވެ. ނުވަތަ ނެރެވެނީ އަތަށް ގޮވީމަ އެވެ.

މާލެ ސަރަހައްދުގައި އެގްޒިބިޝަންތަކާއި ފެއާތައް ވަރަށް ގިނައިން ބާއްވަ އެވެ. ނަމަވެސް އެކަމަށް ހާއްސަ ތަނެއް ނެތެވެ. ސެންޓްރަލް ޕާކަކީ އެފަދަ އިވެންޓްތަކަށް ހާއްސަ ތަނެއް ނޫނެވެ. އެއީ އާންމުން އެއްވެލައި، ހިތްފަސޭހަކޮށްލަން އޮތް ރީތި ޕާކެކެވެ. އެ ޕާކް 'އިވެންޓް ހޯލަކަށް' ބަދަލުވީ އެޗުޑީސީ ވެސް ބަލަބަލާ އޮއްވަ އެވެ.

ސެންޓްރަލް ޕާކްގައި ބާއްވާ އިވެންޓްތަކަށް އެޗުޑީސީިން މިހާރު ބޮޑު އަގެއް ނަގަން ޖެހުނު ސަބަބު ވެސް އެނގެ އެވެ: ކުންފުންޏަށް ދިމާވެފައި އޮތް މާލީ ބުރަ އެވެ. މިސާލަކަށް 800 ވަރަކަށް މުވައްޒަފުން ބޭނުންވާ ކުންފުންޏަކަށް ދެހާހުން ތިންހާހުން މުވައްޒަފުން ވައްދާފައި، ސިޔާސީ ކުޅިގަނޑަކަށް ހަދާލީމާ ކުންފުނި ވެއްޓެން ފަށާނީ ބޯކޮޅު ވަތަށެވެ. އެޗުޑީސީ މިހާރު އޮތީ އެ ހާލަތުގަ އެވެ. އެ ކުންފުނި ހިންގޭ ވަރަށް ވެސް އާމްދަނީ ލިބޭ ކަމަކަށް ނުވެ އެވެ. އެޗުޑީސީއަށް ކުލި ދައްކަން ޖެހޭ އެތައް ހާސް ބަޔަކު ކުލި ނުދެއްކުމުގެ ބުރަ ވެސް ދަނީ އުފުލަމުންނެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި މި ފަހުން ބޭއްވި އިވެންޓެއް: އެޗުޑީސީން ނަގާ ފީ ބޮޑުވުމުގެ މައްސަލަ ވެސް އެބަ އޮތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެޗުޑީސީން ބޭނުން ނަމަ އެގްޒިބިޝަން ބާއްވާނެ ރަނގަޅު ތަނެއް ހުޅުމާލޭގައި ހެދިފައި އޮންނަން ޖެހޭތާ ކިތަމެ ދުވަހެކެވެ. ނަމަވެސް ކުންފުނިން މިހާތަނަށް ބަލަމުން އައީ ފިހާރަ އާއި ކެފޭ/ރެސްޓޯރެންޓްތައް ހަދަން ބިންތައް ދޫކުރާށެވެ. އެފަހަރަކު އޮންނަ މެނޭޖްމަންޓްގެ އިސް މީހުންނަށް ނާޖާއިޒު ފައިދާތަކެއް ވެސް ލިބޭތީ އެވެ. އެގްޒިބިޝަނާއި ފެއާތައް ބާއްވަން އެޗުޑީސީން އަމިއްލައަށް ތަނެއް އިމާރާތްކޮށް، އެތަނުން އާމްދަނީ ހޯދުމުގެ ވިސްނުން އެއްވެސް މެނޭޖްމަންޓަކުން ކުރިއަށް ނެރެފައެއް ނުވެ އެވެ. އެހެންވެ އާމްދަނީ ހޯދަން މިހާރު ސެންޓްރަލް ޕާކް ކުއްޔަށް އެ ދެނީ ވެސް ނިސްބަތުން ވަރަށް ބޮޑު އަގަކަށެވެ. އެ ފީތަކުގައި އިވެންޓްތައް ބޭއްވުން އުނދަގޫ ވެސް ވާނެ އެވެ.

އެކަަމަކު އޭގެ މާނައަކީ ޓްރެކް ދަނޑާއި ހުޅުމާލޭގައި އޮތް ހުސް ބިންތައް މިކަހަލަ ފޭލިގެތަކުން ފުރާލަން ދޫކުރުމެއް ނޫނެވެ. އެތަންތަން ބޭނުންކުރާ އާންމު ރައްޔިތުންގެ ހައްގު ހިމާޔަތްކުރަން ޖެހޭނެ އެވެ. 

ހުޅުމާލެ ޓްރެކް ދަނޑުގައި ފޭލިގެތައް ފެތުރިގެން ގޮސްފައި އޮތް ގޮތަށް ބަލާ ނަމަ އެނގެނީ އެ ވިސްނުން، ސިޔާސީ ވެރިން ވަރަށް އަވަހަށް ދޫކޮށްލާ ކަމެވެ.

ކޮމެންޓް (4)

ތެލި

19 އޮކްޓޯބަރު 2025
މިނިވަން 50 ގެ އިވެންޓްތައް ގަލޮޅު ދަނދުގައި ބޭއްވުމަށް ހެދި ސްޓޭޖާއެކު ދަނޑަށް ވެގެން ދިޔަގޮތުން މިސާލު ނަގާށެވެ. ތިޔަ ޓެންޓްތައް ނަގާއިރު ދަނޑުގެ ވިނަގަނޑު އޮންނާނެގޮތް ހިޔާލަށް އާދޭތޯއެވެ.
4 0

އެކޮއެ

18 އޮކްޓޯބަރު 2025
އެނގޭތަ، 290 ސްޓޯލް ދޫކުރި، ކޮންމެ ސްޓޯލެއްގެ އަގަކީ 60،000 ރުފިޔާ، އެހެންވީމާ ޖުމްލަ ސްޓޯލު ވިއްކައިގެން ސްރީލަންކާ ކުންފުނިން ހޯދި 17 މިލިއަން 4 ލައްކަ ރުފިޔާ. އަދި ކޮބާ ސްޕޮންސަރުން ދިން ފައިސާ، ދެން ޓްރެކު ކުލީގެގޮތުގައި 1 މިލިއަން 4 ލައްކަ ދެއްކުން މާ ބޮޑު މައްސަލައެއްނޫންދޯ
6 0

ޓުއަރިޒަމް

17 އޮކްޓޯބަރު 2025
ދުނިޔޭގެ އެއްވަނަ މަންޒިލް ފަތުރުވެރިންގެ މެދުގަ އެންމެމަގުބޫލް ޤައުމުގަ ބަލަނެތޭ އިވެންޓެއްބާއްވާނެ ޖަގަހައެއް އަހަރުމެން ލަދުގަންނަން އެބަޖެހޭ މިކަމުގަ.
8 0

އައިޖޭ

17 އޮކްޓޯބަރު 2025
މިމއިވެނޓް އަށް ޓްރެކް ދިނީ ހިލޭ ކަމަށްވަނީ.. ދެން މޭޒު ދަށުން މިނިސްޓްރީ އިސް ބޭފުޅުންނަށް ޙައިރާތެއްވާ ކަމަށް ވަނީ
18 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް