މިޔަރަކީ ރާއްޖޭގެ ޓޫރިޒަމް އާއި މަސްވެރިކަމުގެ ކުރިމަގަށް ވެސް ނުހަނު މުހިންމު ގުދުރަތީ ދިރުމެއް (ފޮޓޯ/ ކަނޑިއަޑި)

ތިމާވެށި

ރައީސް މުއިއްޒުއަށް، ހުޅުވާލެވިފައިވާ ސިޓީއެއް

ރާއްޖޭގައި އަލުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި އެއާ ގުޅިފައި ހުރި ދިރުންތަކުގެ ކުރިމަގަށް ވެސް ނުރައްކަލެއް

ރައީސުލްޖުމްހޫރިއްޔާ މުހަންމަދު މުއިއްޒުއަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ދިވެހިރާއްޖެއަކީ މާކަނޑުގައި ޖަޒީރާވަންތަ ގޮތުގައި ގުދުރަތީ ގޮތުން އުފެދިފައިވާ ތިރި ގައުމެކެވެ. އަދި ރާއްޖޭގެ ކަނޑުފަޅާއި ފަރުތަކުގެ ވެށީގެ ނާޒުކުކަމާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކަލުގެ ވާހަކަތަކަކީ 1980ގެ ފަހުކޮޅުން ފެށިގެން ދިވެހި ސަރުކާރުތަކުން ކަންބޮޑުވުން ފާޅުކޮށް، ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކަތަކެކެވެ. ކޮންމެ ސަރުކާރަކުން ވެސް އެންމެ ހަރު އަޑުން މި ވާހަކަތައް ދައްކަމުން އަންނަނީ ބައިނަލްއަގުވާމީ މައިދާނުގަ އެވެ. އަޅުގަނޑަކީ ދިވެހިރާއްޖޭގެ ގުދުރަތީ ވެށްޓަށް، ދިވެހި ސަރުކާރުތަކުން ނިންމާ ނިންމުންތަކާއި ނުކޮށް ދޫކޮށްލާ ކަންތައްތަކުގެ ސަބަބުން، ލިބެމުންދާ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކާ މެދު ނުހަނު ކަންބޮޑުވާ ރައްޔިތަކީމެވެ. އެގޮތުން ޖެނުއަރީ 2020ގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް ވެސް އަޅުގަނޑު ސިޓީއެއް ފޮނުވީމެވެ. އެ ސިޓީއަށް އެމަނިކުފާނު ޖަވާބެއް ނުދެއްވަ އެވެ.

އަޅުގަނޑު ދެކޭގޮތުގައި އެވަގުތެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދަމަހައްޓަން ހާއްސަ ޒިންމާއެއް ރާއްޖޭގެ ގާނޫނުތަކުން މަތިކޮށްފައިވެ އެވެ. ނަމަވެސް ހިތާމައާ އެކު ފާހަގަކުރަން ޖެހެނީ ރާއްޖޭގެ ތިމާވެށީގެ ރައުސްމާލު މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ފޯރުކުރުމަށް ދިވެހި ދައުލަތަށް އޮތް ގާނޫނީ ޒިންމާ އަދާކުރުމުގައި ފެންނަމުންދަނީ އިހުމާލު ވުމެވެ. ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ކަންކަން ނިންމުމަށް ތިބި ރައްޔިތުންގެ ހާދިމުން އެކަށީގެންވާ ގޮތުގައި ކަންކަން ދިރާސާކޮށް ބަލާ ހޯދުމަށް އިސްކަން ނުދޭކަމެވެ. އަދި ލިބެން ހުރި އިލްމީ އަދި ފަންނީ މައުލޫމާތަށް ދޭން ޖެހޭ ހާއްސަ ސަމާލުކަން ވެސް ނުދޭ ކަމެވެ.

ރާއްޖޭގެ ގުދުރަތީ ދިރުމުގެ ބޮޑު ބައި އޮތީ މޫދު އަޑީގައި: މިޔަރަކީ ކަނޑުގެ ދިރުންތަކުގެ މުހިންމު ބައެއް (ފޮޓޯ/ކްރޮސްރޯޑްސް މޯލްޑިވްސް)

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި، 26 އޮގަސްޓު 2025ގައި، ޝާއިއުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެ އަނެއްކާވެސް ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމާފައިވާ ކަމާއި، އެކަން ނޮވެމްބަރު 2025ގައި ފެށޭނެ ކަމަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ މިޔަރުގެ މަސްވެރިކަން 2010ގައި މުޅިން މަނާކޮށް، 2011ގައި މިޔަރުގެ އެއްވެސް ގުނަވަނެއްގެ އެކްސްޕޯޓު ވިޔަފާރި ކުރުން ވެސް މަނާކުރީ މުހިންމު ހަގީގަތްތަކެއްގެ މައްޗަށް ބުރަވެ އެވެ. އަދި އެގޮތުގައި އެކަން ދަމަހަށްޓާ ނިޒާމީ ފެންވަރެއްގައި އިތުރަށް ހަރުދަނާކުރުމަކީ ކޮންމެހެން މުހިންމު ކަމަކަށްވާ ސަބަބުތަކެއް ވެސް ވެ އެވެ. އޭގެ ތެރޭގައި ތިރީގައިވާ ނުކުތާތައް ފާހަގަކުރަމެވެ.

ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ތިމާވެށީގެ ހިމާޔަތަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ބޮޑު (ފޮޓޯ/ރައީސް އޮފީސް)
  • 1-

    ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް މިޔަރު ހިމާޔަތްކޮށްފައިވާ ހަމައެކަނި ސަރަހައްދެވެ. އަދި މުޅި ދުނިޔޭގައި އޮތް މިފަދަ 17 ސަރަހައްދުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގައި އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ހުޅުވާލުމަކީ ރާއްޖޭގެ 'މިޔަރު ސެންކްޗުއަރީ' ހައިސިއްޔަތު ނިމުމަކަށް އަންނާނެ ކަމެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަގުވާމީ ގޮތުން ބޮޑު ލޮޅުމެއް އަރާނެ ކަމެއް ކަމަށް ދެކެމެވެ. އަދި މީގެ ސަބަބުން، ރާއްޖެއަކީ ގުދުރަތީ ގޮތުން މުއްސަނދި ހިމާޔަތްކުރެވިފައިވާ ކަނޑު އަޑީގެ ރީތިކަމުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް އުފެދިފައިވާ ތަސައްވުރަށް އިޔާދަކުރަން ދަތި އުނިކަމެއް ލިބިގެންދާނެ ކަމާ މެދު ޝައްކެއް ނެތެވެ. އަދި ހަމަ އެހެންމެ، މިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލުމަކީ ރާއްޖޭގެ ގުދުރަތީ ތޮބީއީ ހާލަތަށް ވެސް، އަދި އެހެން ގޮތަކުން ވެސް މަންފާވާނެ ކަމެއްކަމަށް ބެލޭނެ ހަރުދަނާ އެއްވެސް ހެއްކެއް ނެތެވެ. ރާއްޖޭގެ ފަރުފަޅާއި ކަނޑުގެ ނިޒާމު މިޔަރުގެ ހަރުދަނާ އާބާދީއެއް އޮތުމަށް ކޮންމެހެން ވެސް ބޭނުންވެ އެވެ. އަދި ރާއްޖޭގެ ކަނޑުފަރުތަކުގެ ދުޅަހެޔޮކަމާއި ގުދުރަތީ މުއްސަނދިކަން އާލާކޮށް، އާރާސްތުކޮށް، އޭގެ ޒާތުގައި ދެމެހެއްޓުމަށްޓަކައި މިޔަރުގެ ދައުރު އިންތިހާއަށް ބޮޑުކަމަކީ ސައިންސުވެރިންނާއި މި ދާއިރާގެ ފަންނީ ހަބީރުންގެ ހޯދުންތަކުން އެނގެން އޮތް ހަގީގަތެކެވެ.

  • 2-

    މީގެ 30 އަހަރު ކުރިން 1993ގައި ޝާއިއުކުރި ދިވެހިރާއްޖޭގެ މިޔަރުގެ މަސްވެރިކަމާ ބެހޭ ދިރާސާއަކުން ހާމަވަނީ މަރުވެފައިވާ މިޔަރަކަށް ވުރެ ދިރިހުރި މިޔަރެއްގެ ނަފާ ރާއްޖޭގެ އިގުތިސާދަށް 100 ގުނަ އަދި ބައެއް ހާލަތްތަކުގައި 1،000 ގުނައަށް ފައިދާ ބޮޑުކަމެވެ. އޭގެ ފަހުން 2019ގެ ދިރާސާއެއްގެ ހޯދުންތަކުން ހާމަވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި ފީނުމުގެ ސިނާއަތަކީ 1992އާ އަޅާބަލާއިރު އިގުތިސާދީ ގޮތުން ދެ ގުނަ އިތުރުވެފައިވާ ސިނާއަތެއް ކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ދިރިހުރި މިޔަރުގެ ހަރުދަނާ އާބާދީއާ ސީދާ ގުޅި ލާމެހިފައިވާ މާހައުލުތަކުން ނަފާ ހޯދާ ސިނާއަތަކަށް ވާއިރު، މިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލުމަކީ ޒިންމާދާރު ހަރުދަނާ ސިޔާސަތަކަށް ވާނެކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

  • 3-

    ރާއްޖޭގައި 1980ގެ އަހަރުތަކުން ފެށިގެން ކުރި ކަށިމިޔަރުގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ ކަށިމިޔަރުގެ އާބާދީ ވަނީ އިނދަޖެހިފައިކަން ކަމާ ބެހޭ ތަފާސްހިސާބުން ވަރަށް ސާފެވެ. ލިބެން ހުރި މައުލޫމާތުން ހާމަވަނީ ރާއްޖޭގެ ކައިރި މާޒީގައި ކުރި ކަށިމިޔަރުގެ މަސްވެރިކަމުގެ ސީދާ ނަތީޖާއަކީ 1982 އާއި 2002އާ ދެމެދު، ރާއްޖޭގެ ކަށިމިޔަރުގެ އާބާދީ %97 ދަށަށް ގޮސްފައިވާކަމެވެ. ރާއްޖޭގެ އުތުރުގެ ސަރަހައްދާއި، ހދ. ކުޅުދުއްފުށީގެ މިޔަރުގެ މަސްވެރިކަމާ ބެހޭ 2002ގެ ދިރާސާއަކުން ސާފުވާން އޮތީ މި ސަރަހައްދުގެ ފަރުތަކާއި، އަތޮޅުން ބޭރުގައި އަދި މާކަނޑުގައި އޭރު ކުރަމުންދިޔަ މިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ ބޮޑު ތަނުން މަދުވެ، ހީނަރުވެ، މަސްވެރިކަން ކުރަން ވެސް ދަތިވެ މިޔަރުގެ މަސްވެރިކަން ނުކުރުމަށް ހިޔާރުކޮށްފައިވާ ކަމެވެ. އަދި ލިބެން ހުރި ތަފާސްހިސާބުން މި މަސްވެރިކަން 2010އާ ހަމައަށް އައިއިރު ދަށަށް ގޮސްފައިވާ މިންވަރު މިކަމުގައި އުޅުނު އުޅަނދުފަހަރުގެ އަދަދުތަކުން ވެސް ސާފުވެ އެެވެ.

1980ގެ މެދުތެރޭގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ ފުވައްމުލަކު މަސްވެރިން ބާނާފައިވާ ކަށިމިޔަރުތަކެއް: ރާއްޖޭގެ ކަށިމިޔަރުގެ މަސްވެރިކަމުގެ ސީދާ ނަތީޖާއަކީ 1982 އާއި 2002އާ ދެމެދު، ކަށިމިޔަރުގެ އާބާދީ %97 ދަށަށް ދިއުން. (ފޮޓޯ/ އަލީ ރަފީގް)

ރާއްޖޭގައި ކަށިމިޔަރު އުޅޭ 'ހެބިޓެޓް' ނުވަތަ ދިރިއުޅޭ މާހައުލަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރު ފަށަލައިގެ 300 އާއި 400 މީޓަރާ ދެމެދުގެ ހަނި އަދި ފުން ސަރަހައްދެއްކަން މަސްވެރިކަމުގެ މާހިރުން ބުނެ އެވެ. އަދި ކަށިމިޔަރަކީ ދިގު އުމުރަކަށް ދިރިއުޅޭ، ދަރިމައިވުމުގެ އުމުރު ލަސް، މާބަނޑުވުމުގެ މުއްދަތު ދިގު، ލަހުން ވިހާ، މަދުން ވިހާ ބާވަތެއްގެ މިޔަރެކެވެ. މައުނައީ ކަށިމިޔަރަކީ ދިހަ ފަނަރަ އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އާރާސްތުވެ ހަރުދަނާ އަދަދަކަށް އާބާދީ އާލާވާނެ ބާވަތުގެ މިޔަރެއް ނޫނެވެ. މީގެ އިތުރުން، ކަށިމިޔަރަކީ މުޅި ދުނިޔޭގައި ވެސް ނެތިދިއުމުގެ ބިރު އުފެދިފައިވާ ބާވަތަކަށް ވުމާ އެކު، އެއީ ބައިނަލްއަގުވާމީ ގޮތުން ނެތިދިއުމުގެ ބިރު އޮތް މިޔަރުގެ ބާވަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯދަ ކޮންސަވޭޝަން އޮފް ނޭޗާ (އައި.ޔޫ.ސީ.އެން) ގެ 'ރެޑްލިސްޓު'ގައި ވެސް ހިމަނާފައިވެ އެވެ. މި އެންމެހާ މައުލޫމާތުން އެނގި ހާމަވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖެ އަދު ހުޅުވާލަން ނިންމާ ނިންމުމަކީ ޒިންމާދާރު ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް، ގަރީނާއެއް އަދި ހުއްޖަތެއް ވެސް ނެތްކަމެވެ. ލިބެން ހުރި އިލްމީ އަދި ފަންނީ ހޯދުންތަކުން ސާފުވަނީ މިއީ ކުރަންވާވަރުގެ ކަމެއް ނޫންކަމެވެ. އަދި މިއީ ކުރެވިދާނެ ކަމެއްތޯ ވެސް ސުވާލު އުފެދެ އެވެ.

1980 އާއި 2006އާ ދެމެދު ރާއްޖެއިން ކަށިމިޔަރު ތެޔޮ ބޭރުކުރި މިންވަރު

  • 4 - ދިވެހިރާއްޖެއަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާ (ނުވަތަ 'ސައިޓީސް') ގައި 2013 ވަނަ އަހަރު ބައިވެރިވެ، އެ މުއާހަދާއިން މަތިކުރާ ގާނޫނީ ޒިންމާ ތަންފީޒު ކުރުމަށް 2022ގައި ގައުމީ ފެންވަރުގައި ގާނޫނެއް ފާސްކޮށްފައިވާ ގައުމެކެވެ. ކަށިމިޔަރަކީ 'ސައިޓީސް' ގެ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ލިސްޓުގެ އެޕެންޑިކްސް (ނުވަތަ ޖަދުވަލު) 2 އަށް ލުމުގެ މަގުމަތީގައިވާ މިޔަރުގެ ބާވަތެކެވެ. މިކަމާ ބެހޭ 'ސައިޓީސް'ގެ ބައިނަލްއަގުވާމީ މަޝްވަރާތައް މި އަހަރުގެ ނޮވެމްބަރު މަހު އުޒްބެކިސްތާނުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. ސަބަބަކީ ކަށިމިޔަރަކީ މުޅި ދުނިޔޭގައި ވެސް ނެތިދިއުމުގެ ބިރު އުފެދިފައިވާ މިޔަރުގެ ބާވަތަކަށް ވާތީ އެވެ. 'ސައިޓީސް'ގެ އެޕެންޑިކްސް 2 އަށް ލުމުގެ މާނައަކީ އޭގައި ހިމެނޭ ނެތިދިޔުމުގެ ބިރު ހީވެފައިވާ ޖަނަވާރާއި އޭގެ ގުނަވަންތަކަކީ ބައިނަލްއަގުވާމީ ގޮތުން ވިޔަފާރިކުރުމަށް ހުރަސްއެޅިގެންދާނެ އެއްޗެހި ކަމެވެ. މިފަދަ ނާޒުކު ހާލަތެއްގައި އޮތް މިޔަރުގެ ބާވަތެއްގެ އާބާދީއަކަށް އަމާޒުކޮށް، ބައިނަލްއަގުވާމީ ގޮތުން މިކަމަށް ހުރަސްއެޅިގެންދާނެކަމުގެ ހިރާސް އޮތްކަން އެނގި ތިބެ، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ކުރުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ބައިނަލްއަގުވާމީ ގޮތުން ރާއްޖެއަށް ފިއްތުންތަކެއް ދިމާވުމަށް ހުށަހެޅުން ނޫން ކަމެއް ވާނޭ ފަދަ އަމަލެއްކަމަށް ބެލޭކަށް ނެތެވެ.

  • 5 - ރައީސް އޮފީހުގެ 26 އޮގަސްޓުގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލާނީ މެނޭޖްމަންޓް ޕްލޭނަކާ އެކު ކަމެވެ. ރާއްޖޭގައި މަސްވެރިކަމުގެ ތަފާތު މެނޭޖްމަންޓް ޕްލޭންތައް ހެދިފައިވެ އެވެ. އަދި ކައިރި މާޒީގައި ކުރި މިޔަރުގެ މަސްވެރިކަމަކީ ވެސް މެނޭޖްމެންޓް ޕްލޭންގެ ދަށުން އެކަށީގެންވާ ފެންވަރެއްގައި ތަންފީޒު ނުކުރެވިގެން ގޮސް، ރާއްޖޭގެ މިޔަރުގެ އާބާދީއަށް އިންތިހާއަށް ބޮޑު ގެއްލުން ލިބި، އާބާދީ އިނދަޖެހި، އެ މަސްވެރިކަން ވެސް ހީނަރުވަމުން ދިއުމާ ގުޅިގެން އެންމެ ފަހުން މުޅިން މަނާކުރި މަސްވެރިކަމެއްކަން ކަމާ ބެހޭ ދިރާސީ ލިޔެކިއުންތަކުން ހާމަވެ އެވެ. އަދި މިޔަރުގެ މަސްވެރިކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށާއި ކަނޑުމަހުގެ މަސްވެރިކަމަށް ވެސް އޮތުމަކީ، މިޔަރުގެ މަސްވެރިކަމަށް ރާއްޖެއިން ފުރަގަސްދޭން ޖެހުނު އިތުރު އިގްތިސާދީ ސަބަބުތަކެވެ. ރާއްޖޭގެ ތަންފީޒީ އިދާރާތަކަކީ އެކި ސަބަބުތަކާ ހުރެ އެކަށީގެންވާ ގޮތުގައި އެފަދަ ޕްލޭންތައް ތަންފީޒުކުރަން ނުކުޅެދިފައިވާ ތަންތަންކަން އެންމެ ގާތުން ފެނި ދަންނާނީ ވެސް ސަރުކާރަށެވެ. އެހެންކަމުން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ކުރި އިއުލާނަކީ، ރައްޔިތުންނަށް ހަގީގީ ނަފާއެއް ލިބޭނެ ގޮތަކަށް ކުރެވިދާނެ ކަމެއްކަމަށް ބެލެވޭނެ ހެއްކެއް ވެސް ނެތެވެ.

  • 6 - މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ދިވެހިރާއްޖެ ހުޅުވާލުމަށް އުޅުމާއި، ބައެއް މަސްވެރިންގެ މެދުގައި މިޔަރާ މެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ ހާލަތެއް އުފެދިފައިވަނީ ވެސް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކެއް މީގެ ފަސް އަހަރު ކުރިން ހެދި، ތަންފީޒު ނުކުރެވި، ނުބެލެހެއްޓިފައި ވާތީ ކަމަށް ލިބެން ހުރި ދިރާސީ ހޯދުންތަކުގެ އަލީގައި ބުނެވެން އެބަ އޮތެވެ. މިސާލަކަށް، 'ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން' (2020) ގައި ފާހަގަކޮށްފައިވަނީ، "ދިވެހިރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބަރޯސާވާ މައިގަނޑު ދެ ސިނާއަތް ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަން ސީދާ ގުޅިފައިވަނީ ވެސް ފަރުތަކުގެ ދިރުންތަކުގެ މުއްސަނދިކަމުގެ މައްޗަށެވެ." އަދި މިފަދަ ޕްލޭންތަކުގެ މައިގަނޑު މަގްސަދެއް ކަމަށް ބުނެފައިވަނީ މިކަން ކުރަނީ "މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށް ދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް' ކަމެވެ. (މިސާލަކަށް، 2021ގެ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން، 1.2(ހ)). ނަމަވެސް ހެދޭ ޕްލޭންތަކާ، އޭގެ މަގްސަދާއި ތަންފީޒީ ހާލަތާއި ނެރެވޭ ނަތީޖާ ނުބައްދަލެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން 2010 ގައި މަނާކުރި ނަމަވެސް، އަދު ވެސް އެކަށީގެންވާ ގޮތުގައި މިޔަރު ހިމާޔަތް ނުކުރެވޭކަމަކީ ކަމުގެ ހަގީގަތް އޮތް ގޮތެވެ.

  • ގާނޫނުތަކާއި، ގަވާއިދުތަކާއި، މެނޭޖްމަންޓް ޕްލޭންތަކުގައި ވެސް ދެމެހެއްޓެނިވި ގޮތުގައި ކަންކަން ކުރުމަށް ބާރުއަޅާފައިވީ ނަމަވެސް، ރާއްޖޭގެ ފަރުފަޅުތަކަކީ ސަރުކާރުތަކުގެ ގެއްލުން ބޮޑު ބިންހިއްކުމުގެ ސިޔާސަތުގެ ޝިކާރައަކަށްވެ ފުޅާ ދާއިރާއެއްގައި ފަނާކުރަމުންދާ، އިޔާދަނުކުރެވޭނެ ގައުމީ ރައުސްމާލެކެވެ. އަލުން އިޔާދަނުކުރެވޭނެ މިންވަރަށް ނެތިކޮށް ހީނަރު ކުރަމުންދާ އިގުތިސާދުގެ ގުދުރަތީ މި ރައުސްމާލަކީ ހުސްނުވާނެ ވަސީލަތެއް ކަމަށް ހީވާ ނަމަ، އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ކަންކަން ހިނގަމުންދާ ގޮތާއި އޭގެ ނޭދެވޭ އަސަރުތައް ކުރާ ގޮތް ސާފުކަމުގައިވީ ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތާ ދެމެދު ނުތަނަވަސްކަން އުފެދެނީ ވެސް ސިޔާސަތު ފަރުމާކުރުމާއި، ރެގިއުލޭޓަރީ އަދި މެނޭޖްމަންޓުގެ ކަންކަން އެކަށީގެންވާ ގޮތުގައި ކުރެވިފައިނުވާތީ ކަމަށް ބެލޭނެ ޖާގަ ވަރަށް ބޮޑެވެ. އެހެންކަމުން، ރާއްޖޭގެ އިގުތިސާދަށް އެންމެ މުހިންމު ދެ ސިނާއަތަށް ގެއްލުންވާނެ ގޮތަށް އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ރާއްޖެ ހުޅުވާލުމަކީ އިޖްތިމާއީ ހަަމަޖެހުމާއި، އިގުތިސާދީ ފުދުންތެރިކަމާއި ތިމާވެށީގެ ކުރު އަދި ދިގު ރާސްތާގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށް އެޅޭނެ ހުރަސްތަކެއް ކަމަށް ގަބޫލުކުރަމެވެ. މިފަދަ ގެއްލުން ބޮޑު ކަމެއް ކުރުމުގެ ބަދަލުގައި، ކުރެވޭނެ ހަރުދަނާ ކަންކަން ނެތަތީއެއް ވެސް ނޫނެވެ.

  • 7 - ރާއްޖޭގެ މަސްވެރިކަމަށް އޮތް ނުރައްކާތަކުގެ ތެރޭގައި ދައުލަތުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ މުހިންމު އެއް ކަމަކީ ރާއްޖޭގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކުރަމުންދާ ފަރާތްތައް ހުއްޓުވަން އަމާޒު ހިފުމެއް ނޫންތޯ އެވެ؟ ރާއްޖޭގެ އިގުތިސާދުގެ އަސާސް ކަމުގައިވާ ދިރި އޮތް ވެށްޓާއި ދިރުންތަކުގެ މުއްސަނދިކަން ހީނަރުވިޔަ ނުދިނުމަށް ސިޔާސަތު ފަރުމާކޮށް، އެ ނިޔަތުގައި ހެދިފައިވާ ޕްލޭންތައް ހެޔޮ ގޮތުގައި ތަންފީޒުކުރުމެއް ނޫންތޯ އެވެ؟ އަދި ވެށި މެރުމާއި ފަނާކުރުމުގެ މަޝްރޫއުތަކުން ރާއްޖޭގެ ދިރިއޮތް ވެށްޓަށް ދެމުންދާ ގެއްލުމުގެ މައްޗަށް ގައުމާއި ރައްޔިތުން ބޮޑެތި އަދަދުތަކުން ދަރަނިވެރިކުރުން ނިމުމަކަށް ގެނައުމެއް ނޫންތޯ އެވެ؟ ރާއްޖޭގެ ފަތުރުވެރިކަމަކީ ނުހަނު ކާމިޔާބު ސިނާއަތަކަށް ވާއިރު، އެ ސިނާއަތުން 2024 ގައި ވެސް ލިބުނުކަމަށް ބުނާ 5.6 ބިލިއަން ޑޮލަރުގެ ނަފާ ހައްގު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ސިޔާސަތުތައް ފަރުމާކުރުން މާ ބުއްދިވެރި ނޫންތޯ އެވެ؟

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް: ރާއްޖޭގެ ގުދުރަތީ ނާޒުކުކަމަށް ބެލުމެއް ނެތި ބިން ހިއްކުމުގެ މަޝްރޫއުތައް ހުރިހާ ސަރުކާރަކުން ވެސް ކުރިއަށް ގެންދޭ (ފޮޓޯ/ރައީސް އޮފީސް)

މަތީގައި ފާހަގަކޮށްފައިވާ އެންމެހާ ނުކުތާތަކުގެ އަލީގައި ދެންނެވެން އޮތީ އެއްވެސް ބާވަތެއްގެ މިޔަރުގެ މަސްވެރިކަމަކަށް ރާއްޖެ ހުޅުވާލުމަކީ، ރާއްޖޭގެ ކަނޑުފަރުތަކުގެ ތަބީއީ މުއްސަނދިކަމަށް އިންތިހާއަށް ހީނަރުކަން ގެނުވާ، ރާއްޖޭގެ ފަތުރުވެރިކަމާއި، ޒަމާންވީ ދޮށީގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމެއްކަމެވެ. ޚާއްސަ ގޮތެއްގައި މިފަދަ ނިންމުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުފަރުތަކަށްް އޮތް ނުރައްކާ އިތުރުވެގެންދާނެ ކަމެކެވެ. އަދި މިޔަރުގެ އާބާދީއަށް ގެއްލުންވާނެ ކަމެއް ކުރުމަކީ އެފަދަ ގެއްލުމަކުން ކައިރި މުސްތަގުބަލުގައި ވެސް އަަރައިނުގަނެވޭނެ ފަދަ ހީނަރުކަމެއް ރާއްޖޭގެ ކަނޑުފަރުތަކަށް ކުރާނެކަމެއް ކަމުގައި ދުށުމެވެ.

ރާއްޖޭގައި 1980އިން ފެށިގެން ކުރި މިޔަރުގެ މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީއަށް، ޚާއްސަ ގޮތެއްގައި ކަށިމިޔަރުގެ އާބާދީއަށް، ލިބިފައިވާ ބޮޑު ގެއްލުމުން އަރައިގަނެވިފައިވާ ކަމުގެ ހަރުދަނާ އަދި ކަމަށް އެކަށީގެންވާ އިލްމީ އަދި ދިރާސީ ހެއްކެއް ހޯދިފައެއް ނެތެވެ. ލިބެން ހުރި ފަންނީ މައުލޫމާތުން ދޭހަވަނީ ރާއްޖޭގެ ކަށިމިޔަރުގެ އާބާދީ އަދިވެސް އާލާވެފައި ނުވާނެކަމެވެ. ކަށިމިޔަރަކީ ބައިނަލްއަގުވާމީ ފެންވަރުގައި ނެތިދިއުމުގެ ބިރު އުފެދިފައިވާ އިންތިހާއަށް ނާޒުކު ހާލަތެއްގައި އޮތް މިޔަރުގެ ބާވަތެއް ކަމެވެ.

ކަން މިހެން އޮތުމުން، ރާއްޖޭގެ ކަނޑުފަރުތަކުގެ ވެށީގެ ދުޅަހެއުކަމަށް ކޮންމެހެން މުހިންމު މިޔަރުގެ އާބާދީ ހީނަރުވެގެންދާނެ ސިޔާސަތެއް ދިވެހިރާއްޖޭގެ ސަރުކާރުން ތައާރަފްކުރުމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އެކަމުގައި އޮތް ސިޔާސަތެއް ކަމަށް ބެލޭކަށް ނެތެވެ. ރާއްޖޭގެ ވެށްޓަށާއި ގުދުރަތީ ތަބީއީ މުއްސަނދިކަން ދެމެހެއްޓުމަށް ނުރައްކާވާނެ، އަދި އޭގެ ސަބަބުން އިގުތިސާދަށް ގެއްލުންވާނެ ސިޔާސަތަކަށް ބުރަވުމުގެ ބަދަލުގައި، ރާއްޖޭގެ މިޔަރު ސެންކްޗުއަރީ ދަމަހައްޓާ އިތުރަށް ހަރުދަނާކުރުމަށާއި، މިޔަރުގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމަކަށް ރާއްޖެ ހުށަނޭޅުމަށް، ރައްޔިތެއްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވަމެވެ.

16 އޮކްޓޯބަރު 2025

އަލްމުޚްލިސް،

ހުމައިދާ އަބްދުލްގަފޫރު

މާލެ، ދިވެހިރާއްޖެ

އެޑިޓަރުގެ ނޯޓް:

ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރާ ރިސާޗަރެކެވެ. އޭނާ އަންނަނީ މަދަނީ ޖަމިއްޔާތަކާ އެކު އެކި މަސައްކަތްކުރަމުންނެވެ. ހުމޭއަކީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެއް ވެސް މެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް