އެމްއެންޑީއެފްއިން ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓް ސިފައިންގެ ކޯސްޓް ކާޑްގެ ބެލުމުގެ ދަށުގައި: އެ މަސް ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިވޭ (ފޮޓޯ/އެމްއެންޑީއެފް)

މަސްވެރިކަން

ހިފެހެއްޓި ލަންކާގެ 3 ބޯޓުން ގިނަ އަދަދެއްގެ މިޔަރު ބާނާފައިވޭ: އެމްއެންޑީއެފް

މި ބޯޓުތައް މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނީ
4 ޑިސެމްބަރު 2022
1

ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓުން ވަރަށް ގިނަ އަދަދަކަށް މިޔަރު ބާނާފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފި އެވެ. މިޔަރުގެ މަސްވެރިކަން ކުރުމަކީ ރާއްޖޭގައި މުޅިން މަނާކަމެކެވެ.

ވީ ކިހިނެއް؟ - އިއްޔެ އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ތިން މަސް ބޯޓެއް ކޯސްޓް ކާޑް ޝިޕް، ގާޒީގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އޭރު އެމްއެންޑީއެފްއިން އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ތަފްސީލް - އެ އޮޕަރޭޝަންގެ ތަފްސީލް ދެމުން އެމްއެންޑީއެފްއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • ތިން ބޯޓުގެ ތެރެއިން ދެ ބޯޓު ކޯސްޓުގާދުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިދިޔަ މަހު 30ގައި؛ އެއީ 'ބަނޫޒަން' ނަމަކަށް ކިޔާ ބޯޓަކާއި 'ރަތު 01' ކިޔާ ބޯޓެއް

  • މި ދެ ބޯޓުގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ލަންކާގެ ހަ ފަޅުވެރިން ތިބި

  • ތިންވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ މި މަހުގެ 1ގައި؛ އެއީ 'ލަކްޕްވިޔާ ދެނެތު' ނަމަކަށް ކިޔާ މަސް ބޯޓެއް

  • މި ބޯޓުތަކުން ގިނަ އަދަދެއްގެ މިޔަރު ބާނާފައި ހުރި؛ އޭގެ އިތުރުން ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި

އެމްއެންޑީއެފްއިން ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓް ސިފައިންގެ ކޯސްޓް ކާޑްގެ ބެލުމުގެ ދަށުގައި (ފޮޓޯ/އެމްއެންޑީއެފް)

ބުނީ ކީކޭ؟ - ކޯސްޓްގާޑު ޝިޕް 'ގާޒީ'ގެ ބެލުމުގެ ދަށުން މި މަސް ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މި ބޯޓުތަކަށް މިރޭ ދަންވަރު 1:00 ހާއިރު ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް އެމްއެންޑީއެފުން ލަފާ ކުރެ އެވެ.

އެނގުން މުހިއްމު - ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ވަދެވެނީ ދުރާލާ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނަގައިގެންނެވެ. މިއަހަރު އެކުލަވާލައި އަމަލުކުރަން ފެށި 'ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު'ގެ ދަށުން އެ ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ. އެގޮތުން:

  • ދުރާލާ ހުއްދަ ހޯދުމަކާ ނުލާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން - 100،000ރ.

  • ރާއްޖޭގެ ގާނޫނުން މަނާކުރާ މަސްވެރިކަމެއް ކުރުން ނުވަތަ ކުރަން އުޅުން - 2 މިލިއަން އާއި 40 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް

  • ލައިސެންސް ނެތި މަސްވެރިކަން ކުރުން - 500،000ރ. އާއި 8 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް

  • ހުއްދަ ނެތި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުން - 600،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް  

  • ކަނޑުގެ ސަރަހައްދުން ހިފުން މަނާ ދިރޭ އެއްޗެއް ހިފުން، މެރުން ނުވަތަ އެފަދަ އެއްޗަކަށް ގެއްލުން ދިނުން - 100،000ރ.

  • އޮއިވާލި ކަނދުފަތި ނުވަތަ މަސް ތިލަކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ދޫކުރުން - 100،000ރ.

ކޮމެންޓް (1)

ހިތަދޫ 2

5 ޑިސެމްބަރު 2022
ބޯޓުތަށް ފައްތާލާ، ތިކަމެއް ނުހުއްޓޭނެ އެނޫން ގޮތަކަށް، މަސްވެރިން ރަށަށް ފޮނުވާފަ ބޯޓު ފައްތާލާ، ޖަލުގަ ތިބިއްޔާ އަދި ކާނދީ ހަރަދު ކުރަން ޖެހޭނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް