ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅެނިކޮށް މީގެ ކުރިން އަތިލައިގަތް ދެ މަސް ބޯޓު. (ފޮޓޯ/އެމްއެންޑީއެފް)
ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސް ބޯޓުތައް ޖޫރިމަނާ ކުރާ ގޮތަށް ގަވައިދު ހަދައިފި
ކުރިން ހުއްދަ ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދުފަހަރު ޖޫރިމަނާ ކުރެވޭ ގޮތަށް، 'ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު' އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކުރި ގަވައިދުގައި ބުނެފައި ވަނީ އެ ގަވައިދުގެ މަގުސަދަކީ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
އޭގެ އިތުރުން، އެ ގަވައިދުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ:
-
އެފަދަ އުޅަނދުފަހަރު ހިފެހެއްޓުމާއި އެ އުޅަނދުފަހަރުގެ މައްސަލަ ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ގާއިމުކުރުން
-
އެފަދަ އުޅަނދުފަހަރާ މެދު އަޅާނެ އިދާރީ ފިޔަވަޅުތައް ބަޔާންކުރުން
-
އެފަދަ އުޅަނދުފަހަރުން ހިފެހެއްޓޭ، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ގެންގުޅުމާއި ވިއްކުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން
-
ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފުވި ކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ހިފެހެއްޓުމާއި ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އަދި ހުރަސްކޮށްފައި ދާ ބޭރުގެ މަސްވެރި އުޅަނދުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ބަޔާންކުރުމާއި އެފަދަ އުޅަނދުތަކަށް ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން
-
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހިފަހައްޓާ އުޅަނދުތަކާއި އާލާތްތައް ދޫކޮށްލުމަށް ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބޮންޑް ނެގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން
ތަފްސީލް - އެ ގަވައިދުގައި ބުނެފައި ވަނީ ބޭރުގެ މަސްވެރި އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ވާނީ ނުވަތަ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައި ދަތުރުކުރަން ވާނީ ދުރާލައި މިނިސްޓްރީން ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.
ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ ބޭނުމަށް ދަތުރުކުރަން ފެށުމުގެ 96 ގަޑިއިރު ކުރިން އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުން ހުއްދައަށް އެދި ފޯމު މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.
ގަވައިދުގައި ބުނާ ޖޫރިމަނާތައް:
-
ދުރާލާ ހުއްދަ ހޯދުމަކާ ނުލާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން - 100،000ރ.
-
ދޫކުރާ ހުއްދައިގެ ޝަރުތަކާ ހިލާފުވުން - 100،000ރ.
-
ހުއްދައަށް އެދި ދޮގު މައުލޫމާތު ދިނުން - 100،000ރ.
-
ރާއްޖޭގެ ގާނޫނުން މަނާކުރާ މަސްވެރިކަމެއް ކުރުން ނުވަތަ ކުރަން އުޅުން - 2 މިލިއަން އާއި 40 މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް
-
ލައިސެންސް ނެތި މަސްވެރިކަން ކުރުން - 500،000ރ. އާއި 8 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް
-
ހުއްދަ ނެތި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުން - 600،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް
-
ކަނޑުގެ ސަރަހައްދުން ހިފުން މަނާ ދިރޭ އެއްޗެއް ހިފުން، މެރުން ނުވަތަ އެފަދަ އެއްޗަކަށް ގެއްލުން ދިނުން - 100،000ރ.
-
އޮއިވާލި ކަނދުފަތި ނުވަތަ މަސް ތިލަކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ދޫކުރުން - 100،000ރ.
މި ގަވާއިދުގެ ދަށުން އަދަބު ކަނޑައަޅާ ބޭރުގެ މަސްވެރި އުޅަނދުތަކުގެ ތެރެއިން ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ މުއްދަތުގައި އެ ފައިސާ ނުދައްކައިފި ނަމަ، އެފަދަ އުޅަނދުތައް ގާނޫނާއި ގަވައިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި މަސްވެރިކަން ކުރާ އުޅަނދުތަކުގެ ދަފްތަރުގައި ހިމަނައިދިނުމަށް އެދި މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާ ގުޅުންހުރި ސަރަހައްދީ ޖަމިއްޔާތަކަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ކުރިއާލާ މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ނުވަތަ ހުރަސްކުރުމަށް މަސައްކަތް ކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރު ކަނޑުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ދިވެހި ފުލުހުންނާއި ކޯސްޓްގާޑަށް ލިބިގެންވާ ކަމަށް ގަވައިދުގައި ބުނެ އެވެ.
މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވާނަމަ، އެ އުޅަނދަކުން އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދެއްގައި ބެލެވޭނީ، ގަވައިދު ބުނާ ގޮތުން، އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް އައި އުޅަނދެއްގެ ގޮތުގަ އެވެ.
އަދި އުޅަނދު އަތުލައިގަންނަ އިރު އޭގައި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަހުގެ ބައިތަކެއް ހުރި ނަމަ، އެހެން ގޮތަކަށް ސާބިތުކޮށް ނުދެވޭހާ ހިނދެއްގައި އެ ތަކެތި ވެސް ބެލެވޭނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނާފައި ނުވަތަ ހިފާފައިވާ މަސް ކަމުގަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮންނަ އިރު އުޅަނދުތަކުން އަމަލުކުރަން ޖެހޭ ޝަރުތުތައް:
-
އުޅަނދުގައި ހުރި މަސްވެރިކަމަށް ބޭނުންކުރާ އެންމެހާ އާލަތްތައް އެ އުޅަނދުގެ ފަލްކާއެއްގައި ރައްކާކުރުން؛ ފަލްކާގައި ނުބެހެއްޓޭ ތަކެތި ފޮށީގައި ނުވަތަ ދާގީނާއެއްގައި ބަންދުކޮށްފައި ނުވަތަ ބަނދެފައި ބެހެއްޓުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ވަގުތުން ފެށިގެން ސަރަހައްދުން ނުކުތުމާ ހަމައަށް އުޅަނދުގެ ވެސަލް ޓްރެކިން ޑިވައިސް އަދި އޭއައިއެސް ޖައްސާފައި ބެހެއްޓުން
-
މިނިސްޓްރީން ދޫކުރާ ހުއްދައިގައި ބަޔާންކޮށްފައިވާ ޗެނަލަށް ވީއެޗްއެފް ސެޓް އޮންކޮށްފައި ބެހެއްޓުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ފަހު، ބޭރުގެ މަސްވެރި އުޅަނދުގެ ދުވެލި އެއް މިނެއްގައި ހިފެހެއްޓުމާއި ކަނޑުގެ ސަރަހައްދުގެ އެއްވެސް ހިސާބެއްގައި މަޑުނުކުރުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިމާވެއްޓަށް އަދި ކަނޑުގެ ދިރުންތަކަށް ގެއްލުންވާނެ އަމަލެއް ނުކުރުމާއި ރާއްޖޭގެ އެއްވެސް ގާނޫނަކާއި ނުވަތަ ގަވައިދަކާ ހިލާފު ހަރަކާތެއް ނުހިންގުމާއި އެފަދަ ހަރަކާތެއްގައި އެއްވެސް ގޮތަކަށް ބައިވެރިނުވުމާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ނުހިންގުމާއި އެފަދަ އެއްވެސް ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން؛ އެފަދަ ހަރަކާތެއް ހިންގާ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުން
ހާލުގައި ޖެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސްވެރި އުޅަނދަކުން ވަގުތުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ރިޕޯޓުކުރަން ޖެހޭނެ އެވެ.
ކޮމެންޓް (2)
ޑިމޮކްރޯ
ހަސަންދީ