އިޒުރޭލު ސިފައިގެން އަރާ ވެސްޓް ބޭންކްގެ މަގެއް ހަލާކުކޮށްލާފައި: ދުނިޔޭގެ ސަމާލުކަން ކުޑަ

ވެސްޓް ބޭންކް

ފަލަސްތީންގެ 12 އަހަރުގެ ކުއްޖެއް: އަހަރެން ބޭނުންވަނީ ޝަހީދުވާން

ދުނިޔޭގެ ސަމާލުކަން ނުލިބި އޮތް ދަނޑިވަޅުގައި އިޒުރޭލުން ވެސްޓް ބޭންކްގައި ހިންގަމުން ގެންދާ އަނިޔާވެރިކަމުގައި އަސްލު އެ އިންދަނީ ރުޅިވެރިކަމާއި ނަފުރަތުގެ އޮށް
7 އޭޕްރީލު 2025

މިއީ ވެސްޓް ބޭންކްއަށް ދަތުރުކޮށް، ނިއު ޔޯކް ޓައިމްސްގެ ލިޔުންތެރިޔާ ނިކޮލަސް ކްރިސްޓޮފް އިއްޔެ ލިއުނު ކޮލަމެއްގެ ހުލާސާ ތަރުޖަމާއެކެވެ.

އިމާރާތްތައް ފުނޑުފުނޑުކޮށްލައިފަ އެވެ. މަގުތައް ހަލާކުކޮށްލައިފަ އެވެ. އެތައް ހާސް ބަޔަކު އެތިބީ ގެދޮރުން ބޭރުކޮށްފަ އެވެ. އަމާޒަށް ބަޑިޖަހާ މީހުންގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރުގައި އެނބުރި ދާން ނުކެރިފަ އެވެ. ވަނަމަކަށް ކިޔަނީ 'ކުޑަ ގާޒާ' އެވެ. އެކަމަކު މިއީ ގާޒާއެއް ނޫނެވެ. ވެސްޓް ބޭންކްގެ ތުލްކަރަމްގައި ހިމެނޭ ރެފިއުޖީ ކޭމްޕެކެވެ.

މިވާ ގޮތެއް ދުނިޔެއަށް މާ ބޮޑަކަށް ނޭނގެ އެވެ. އެކަމާ ދެކޮޅު މުޒާހަރާތަކެއް ވެސް ނެތެވެ. އެ ފޮރުވުމުގެ ތެރޭގައި ތިބެގެން އިޒްރޭލުން އެތަނަށް ހަދަމުން އެ ގެންދަނީ ގާޒާއާ މެދު ވެސް ކަން ކުރަމުން ގެންދާ އިހާނެތި ގޮތަަށެވެ. ޓޭންކްގެ ހަމަލާތަކެވެ. ވައިގެ މަގުން އަޅާ ބޮންތަކެވެ. ވެސްޓް ބޭންކްގެ މި ސަރަހައްދު ވެސް އެ އޮތީ ފުނޑުފުނޑުކޮށްފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ ވެސްޓް ބޭންކް ވެސް 'ގާޒާ ގޮތަށް ހަދައިލުމު'ގެ އަމަލެކެވެ.

އިޒުރޭލްގެ އެ ހަރަކާތުގެ މައިގަނޑު މަންޒަރު ފެންނަނީ ޖެނުއަރީ މަހު ވެސްޓް ބޭންކްގެ ރެފިއުޖީ ކޭމްޕްތަކަށް ދޭން ފެށި ހަމަލާތަކުގަ އެވެ. ގާތްގަނޑަކަށް 40،000 މީހުން ވަނީ ގެދޮރުން ބޭރުކޮށްފަ އެވެ. ތާރީހީ އިލްމުވެރިން ބުނާ ގޮތުގައި މިއީ 1967ގައި އިޒުރޭލުން ވެސްޓް ބޭންކް ހިފި ފަހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި މީހުންގެ އެންމެ ބޮޑު އާބާދީ އެވެ.

ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ފަލަސްތީނުގެ ހަތިޔާރު އެޅި މީހުންގެ މައްޗަށް އިޒުރޭލަށް ކާމިޔާބު ހޯދުނު ކަމަށް ހީވެދާނެ އެވެ. އެކަމަކު އެއީ އެތައް ބައެއްގެ މަރާއި އެތައް ބަޔަކަށް އަނިިޔާވެރިވުމުގެ ތެރެއިން ލިބުނު ވަގުތީ ނަތީޖާއެކެވެ. އެ އަނިޔާވެރިކަމުގައި މަރުވި އެކަކީ ސޮންދޮސް ޝަލަބީ އެވެ. އިޒުރޭލް ސިފައިންގެ ހަމަލާގައި 23 އަހަރުގެ ޒުވާން އަންހެނާ މަރުވި އިރު ފުރަތަމަ ދަރިފުޅަށް ބަލިވެއިންތާ އަށް މަހެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައި އޮތް ގާޒާ: ވެސްޓް ބޭންކްގައި ވެސް ގެންދަނީ އަނިޔާވެރިކަން އިސްކޮށް ތަންތަން ފުނޑުކޮށް، އާންމުން މަރަމުން

ދުރު މުސްތަގުބަލަށް ބަލާ ނަމަ އިޒުރޭލުގެ މި އަނިޔާވެރިކަމުގެ ސަބަބުން އިންދެނީ ހަމަނުޖެހުންތަކުގެ އޮށެވެ. އިޒުރޭލުގެ އަމާޒަށް ބަޑިޖަހާ މީހުންގެ ހަމަލާތަކާ މެދު އުފެދިފައި އޮތް ބިރާ އެކު، އަމިއްލަ ގެދޮރަށް ބަލަހައްޓައިގެން ދުރުގައި ތިބި ގްރޫޕެއްގެ ތެރޭގައި އަހަރެން މަޑުކޮށްލީމެވެ. އެތަނުން ދިމާވި 12 އަހަރުގެ މުހައްމަދު އަބްދުލް ޖަލީލްއާ ވާހަކަދެއްކީމެވެ.

އޭނާ ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށް ހެއްޔެވެ؟ އެ ސުވާލުކުރުމުން އޭނާ ވާހަކަ ދެއްކީ ހިތްވަރާ އެކުގަ އެވެ: ހަމާސްގެ ހަނގުރާމަވެރިއަކަށެވެ.

"އަހަރެން ބޭނުންވަނީ ޝަހީދަކަށް ވާން،" ތަފުސީލު ދެމުން ބުންޏެވެ.

އަހަރެން ބިރުގަތެވެ. ހަނގުރާމަވެރިން ބަލިކުރަން 2025ގައި އިޒުރޭލުން ހިންގި ގެއްލުން ބޮޑު ފުނޑުކުރުމުގެ ތެރެއިން 2035އަށް އެ ބިންގާ އަޅައިދެނީ ހަމަނުޖެހުންތަކަށެވެ. ޖެހިޖެހިގެން މިނިވަން ދެ ގައުމެއް ގާއިމްކުރަން ދުށް ހުވަފެންތަކާ ވީހާވެސް ބޮޑަކަށް އެ ދެވެނީ ދުރަށެވެ.

"ޝަހީދުވާން ބޭނުން ކުދިން ޔަގީނުން ވެސް ދާނީ ގިނަވަމުން،" މި ސަރަހައްދުގައި އިޒުރޭލުން އުފައްދަމުން އެ ގެންދަނީ ރުޅިވެރިކަމާއި ނަފުރަތުކަން ފާހަގަކުރައްވާ، ފަލަސްތީނިއަން އޮތޯރިޓީގެ ވެރިއެއް ކަމަށްވާ ފައިސަލް ސަލާމީ ވިދާޅުވި އެވެ.

"މި ކުދިން އެކުދިންގެ ހަޔާތާ މެދު ލޯބި ނުވަނީ ކީއްވެ؟" އޭނާ ސުވާލުކުރެއްވި އެވެ.

"ސަބަބަކީ އެކުދިން އެތިބީ ގެ އާއި ސުކޫލުން ނެރެ އެއްލާލައިފައި. އާންމު ދިރިއުޅުން ގެއްލިފައި."

"ދެން އެ ކުދިންގެ ގެތައް ފުނޑުކޮށްލާއިރު ބުނަންވީ 'ޝުކުރިއްޔާ'އޭތަ؟"

ހަމާސްއާ އެކު އިޒުރޭލުން ސުލްހައިގެ އެއްބަސްވުމަކަށް ޖެނުއަރީ މަހު ދެވުމާ އެކުހެން އިޒުރޭލް ސިފައިން ވެސްޓް ބޭންކްގެ އުތުރު ސަރަހައްދުގައި ހިމެނޭ ތިން ރެފިއުޖީ ކޭމްޕަކަށް ވަދެގަތެވެ. މި ކޭމްޕްތަކުގައި މިލިއަނަކަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރިން ގެންގުޅެނީ އިޒުރޭލާއި ޖޯޑަންއިން އެތެރެކުރާ ހަތިޔާރެވެ. އިޒުރޭލުން ދެކޭ ގޮތުގައި އެ މީހުންގެ ފަރާތުން ޓެރަރިޒަމްގެ ހަމަލާތަކެއް އަމާޒުވެދާނެ އެވެ.

"އަހަރެމެން ނައްތާލަމުން މިދަނީ ޓެރަރިސްޓުން،" އިޒުރޭލްގެ ހަމަލާތައް ދިފާއުކުރައްވަމުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފެބްރުއަރީ މަހު، ވިދާޅުވި އެވެ.

ސުހާ މުއީން، ނިއު ޔޯކް ޓައިމްސްއަށް އިންޓަވިއު ދެނީ

ގާޒާއާ ހަމަ އެއްފަދަ އެވެ. އެ އަނިޔާވެރިކަން އެތައް ބަޔަކު ގެންދަނީ ތަހައްމަލްކުރަމުންނެވެ. އަހަންނާ ބައްދަލުވި އެކަކީ މެދު އުމުރުގެ އަންހެނެއް ކަމަށްވާ ސުހާ މުއީން އެވެ. އިޒުރޭލު ސިފައިން އޭނާގެ ގެ ފުނޑުކޮށްލި ގޮތް ކިޔައިދިނީ ރޮމުން، ގިސްލަމުންނެވެ. އޭގެ ފަހުން އޭނާ އެހެން ގެއެއް ކުއްޔަށް ހިފި އެވެ. އަހަންނާ ވާހަކަ ދެއްކުމުގެ ދެތިން ދުވަސް ކުރިން، އެ ގެއިން ވެސް ބޭރުވާން އިޒުރޭލު ސިފައިން އޮތީ އަމުރުކޮށްފަ އެވެ. މިހާރު އޭނާ އާއި އޭނާގެ ދެ ދަރިން ނިދަނީ ގަބުރުސްތާނެއްގެ ތެރޭގަ އެވެ.

"އަހަރެމެން ދާނީ ވަކި ކޮން ތަނަކަށް؟" އޭނާ ސުވާލުކުރި އެވެ.

"މިސްކިތްތައް މިހާރު ވެސް އެ އޮތީ ފުރިފައި."

އިޒުރޭލު ސަރުކާރުގެ ވެރިންގެ ވާހަކަތައް ހުރި ގޮތަށް ބަލާ ނަމަ ފަލަސްތީނުގެ އެ ރައްޔިތުން ގެދޮރުން ބޭރުވެގެން އެތައް ދުވަހަކު އުޅެން ޖެހިދާނެ އެވެ. އިޒުރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޒް ބުނެފައިވާ ގޮތުގައި ސިފައިންނަށް އަންގާފައިވާނީ އަހަރެއްހާ ދުވަހު އެ ކޭމްޕްތަކުގައި ތިބުމަށެވެ. އެއީ ފަލަސްތީނު ރައްޔިތުން 'އެތަންތަނަށް އެނބުރި ގޮސް އަލުން ބިރުވެރިކަން އުފެއްދިޔަ ނުދިނުމަ'ށެވެ.

އިޒުރޭލުން ގާޒާއަށް ހަދަމުން ދާ ގޮތް ވެސްޓް ބޭންކްއަށް ވެސް ހަދާލާކަމުގެ އެތައް ތަޖުރިބާއެއް ކުރި އެކަކީ އުމުރުން 50 އަހަރުގެ ސައީދާ މުސްތަފާ އެވެ. ގޭގެ ބޭރު ގާފޮޅުމަތީގައި ތިއްބާ އިޒުރޭލުން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ ފިރިހެން ދަރިއަކު ވަނީ، އިތުރު ފަސް މީހުންނާ އެކު، މަރުވެފަ އެވެ. އިޒުރޭލު ސިފައިންނަށް ފެނުނީ ނުރައްކަލެކެވެ. އެކަމަކު އާއިލާއިން ބުނި ގޮތުގައި އެ އެންމެން އެތަނުގައި ތިބީ ހެދިކާ ކަމުން ވާހަކަ ދައްކާށެވެ. ފެބްރުއަރީ މަހު އިޒުރޭލު ސިފައިން އެ ހިސާބުން ފެން ކަނޑާލި އެވެ. އާ ޗެކްޕޮއިންޓްތައް ގާއިމްކުރި އެވެ. ދެން މަޖުބޫރުވީ ގެދޮރު ދޫކޮށް ދާށެވެ.

"އަހަރެމެން ބޭނުންވަނީ އެހީގެ ފޮށިތަކެއް ނޫން. އަހަރެމެންނަށް ބޭނުންވަނީ ހައްލު،" ސައީދާ ބުންޏެވެ.

އެކަމަކު އެފަދަ ހައްލެއް ކައިރި މުސްތަގުބަލެއްގައި ވެސް އޭނާއަށް ފެންނާކަށް ނެތެވެ.

ވެސްޓް ބޭންކްގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅޭ ހަނގުރާމަވެރިން ހުއްޓުވަން ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ) އިން ވެސް ދޭތެރެ ދޭތެރެއިން ހަރަކާތްތައް ހިންގަ އެވެ. އެއީ ފަހަރެއްގައި، ޕީއޭއަށް ގާޒާގައި ވެރިކަން ކުރެވިދާނެކަމުގެ އިތުބާރު އޮތްކަން އިޒުރޭލާއި އެމެރިކާއަށް ދައްކަން ކަމަށް ވެދާނެ އެވެ. އެކަމަކު އެންމެ ކުޑަވެގެން ފަލަސްތީނު މީހުންގެ އިތުބާރެއް ވެސް ޕީއޭއަކަށް ނެތެވެ. އެއީ ހިޔާނާތުން ފުރިފައި އޮތް ނާގާބިލް ބައެކެވެ.

ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި ގާޒާއަށް ވުރެ ވެސްޓް ބޭންކްގައި ހަމާސްގެ މަގުބޫލުކަން ބޮޑެވެ. އެކަމަކު ހަމާސްގެ ދަށުގައި ދިރިއުޅެމުން އަންނަނީ ގާޒާގެ ރައްޔިތުންނެވެ. ކުރުކޮށް ބުނާ ނަމަ، ވެސްޓް ބޭންކްގައި ހަމާސްގެ ނަން ފޮހެލުމަށް ވުރެ އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން އެ ނަން ބޮޑަށް ދިރެނީ އެވެ.

ސައީދާ މުސްތަފާ އޭނާގެ މައިންބަފައިންގެ ގޭގައި: އިޒުރޭލު ސިފައިންގެ ހަމަލާއެއްގައި ފިރިހެން ދަރިފުޅު ވަނީ މަރުވެފައި

މި އަހަރު އުފެދޭ އެންމެ ބޮޑު ސުވާލަކީ އިޒުރޭލްގެ ތަނަކަށް ވެސްޓް ބޭންކް ހަދާފާނެތޯ އެވެ. އިޒުރޭލުގެ ހައްދުފަހަނައެޅި ކަނާތު ފިޔައިގެ އެތައް ބަޔަކު ގެންދަނީ އެގޮތަށް ގޮވާލަމުންނެވެ. އިޒުރޭލުގެ ބަޔަކަށް ވެސްޓް ބޭންކް ހަދާނެތޯއާ މެދު އަހަރެންގެ ހިތުގައި އޮތް ފަދަ ނުތަަނަވަސްކަމެއް އެތަނުގައި ދިރިއުޅެމުން އަންނަ ފަލަސްތީނު ރައްޔިތުންގެ ނެތެވެ. އެމީހުންގެ ނަޒަރުގައި މިހާރު ވެސް ވެސްޓް ބޭންކަކީ، އެއްގޮތަކުން ނޫނީ އަނެއް ގޮތަކުން، އިޒުރޭލްގެ ބައެކެވެ.

އެކަމަކު އިޒުރޭލުގެ ސަރަހައްދަކަށް ވެސްޓް ބޭންކް ރަސްމީކޮށް ހަދައިފި ނަމަ އިޒުރޭލަށް އޮތް ގެއްލުން ބޮޑުވާނެ އެވެ.

"އެކަން ވާނީ ސީދާ ނާކާމިޔާބު، އެހާމެ ހިތި ގޮތަކަށް،" ކުރީގެ ބޮޑުވަޒީރު އިހޫދު ބަރާކް، އަހަރެން ގާތު ވިދާޅުވި އެވެ.

އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ޑިމޮކްރެޓިކް ޔަހޫދީ ދައުލަތެއް ގާއިމްކުރަން ކުރިންސުރެ ދެކެމުން އަންނަ ހުވަފެން ބިލާހަކަށް ވުމެވެ. ފަލަސްތީނުގެ ސަރަހައްދުތައް އިޒުރޭލްގެ ބަޔަކަށް ހަދައިފި ނަމަ، ފަލަސްތީނު ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު، ނަސްލު ނައްތާލުން ފަދަ ގޮތަކަށް ބޭރުކޮށްލައިގެން ނޫނީ، އިޒުރޭލުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވާނީ ފަލަސްތީން މީހުންނެވެ. އެހާ ހިސާބުން އިޒުރޭލަށް ޖެހޭނީ ޑިމޮކްރެޓިކް އުސޫލުތަކާއި އިންސާނީ ހައްގުތައް ވެސް ނިގުޅައިގަންނާށެވެ.

އިޒްރޭލްގެ ބަޔަކަށް ވެސްޓް ބޭންކް ހަދަން އިޒުރޭލުގެ ސަރުކާރުގެ ތެރެއިން ގޮވާލާ އެއް މިނިސްޓަރަކީ އޮރިޓް ސްޓްރޮކް އެވެ. އޭނާ ބުނެފައިވަނީ އިޒްރޭލުގެ އާބާދީގެ ތެރޭގައި ފަލަސްތީން މީހުން ހިމެނުނަސް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގެއް ވެސް އަދި ބިންވެރިޔަކަށް ވުމުގެ ހައްގެއް ވެސް ނުދޭނެ ކަމަށެވެ.

"އެއަކަށް ނުކިޔާނެ ޑިމޮކްރަސީއެކޭ،" ބަރާކް ވިދާޅުވި އެވެ. އެހެންކަމުން އިޒުރޭލުގެ ބަޔަކަށް ވެސްޓް ބޭންކް ހެދުމުގެ މާނައަކީ، އޭނާގެ ނަޒަރުގައި، ޔަހޫދީ ދައުލަތެއްގެ ސިފަ ގެއްލުން ނުވަތަ ޑިމޮކްރަސީއެއް ނެތް ގައުމަކަށް ވުމެވެ.

އެމެރިކާގެ ކުރީގެ ރައީސުންގެ ފަރާތުން ފެނުނީ ނަތަންޔާހޫ އާއި ހައްދުފަހަނައެޅި ކަނާތު ފިޔައިގެ ޔަހޫދީންގެ އަމަލްތައް ކޮންމެވެސް ވަރަކަށް ހުއްޓުވާތަނެވެ. އެކަމަކު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންދަނީ އެ އެންމެން ބޭނުންވާ ގޮތަކަށް އަމަލްކުރުމުގެ ފުރުސަތު ދެމުންނެވެ. ވެސްޓް ބޭންކްގައި ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނައެޅި ބައެއް ޔަހޫދީންނާ ދެކޮޅަށް ބައިޑަންގެ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ޓްރަމްޕް ސަރުކާރުން ވަނީ އުވާލައިފަ އެވެ.

ގާޒާއަށް ވުރެ ވެސްޓް ބޭންކަށް ލިބޭ ސަމާލުކަން ކުޑަވުމުގެ ތެރެއިން އިޒުރޭލުން އެ ގެންދަނީ ފަލަސްތީނު ރައްޔިތުން ނިކަމެތިކުރަމުންނެވެ. އެ އަމަލަށް ހުއްޓުމެއް ވެސް ނެތެވެ. ފަހަރެއްގައި ގާޒާއަށް ވުރެ ވެސް ހާލަތު ގޯހޭ ބުނެވިދާނެ އެވެ. އެހެންކަމުން ފަލަސްތީނު ރައްޔިތުން ތަހައްމަލްކުރަމުން އެ ގެންދަނީ ބޮޑުވެގެންވާ އަނިޔާއެކެވެ.

އެޑިޓަރުގެ ނޯޓް:

ނިކޮލަސް ކްރިސްޓޮފްއަކީ ހާވާޑް އާއި އޮކްސްފޯޑް ޔުނިވަސިޓީން މަތީ ތައުލީމު ހާސިލްކޮށް، އޭގެ ފަހުން މިސްރުގައި އަރަބި ދުނިޔެއާ ބެހޭ ދާއިިރާއިން އިލްމު ހޯދާފައިވާ ލިއުންތެރިއެކެވެ. އޭނާ ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް، ހަނގުރާމަ އާއި ނަސްލު ނައްތާލުމުގެ އަމަލްތަކުގެ އިތުރުން ދުނިޔޭގެ ބޮޑެތި އެތައް މައްސަލަތަކެއް ކަވަރުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް